26 November 2010

ދިވެހިރާއްޖޭގައި ޝިރުކު

އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހިމް
ޝިރުކު އުފެދުނުގޮތް
ނޫޙު ޢަލައިހިއްސަލާމުގެ ޤައުމުގައި ވަރަށް ޞާލިޙު ބަޔަކު އުޅުނެވެ. އެމީހުން އެގޮތުގައި އުޅެ ފަނާވެ ދިޔުމަށްފަހު އެމީހުންގެ ޤައުމުގެ މީހުންގެ ކައިރިއަށް ޝައިޠާނާ އައިސް ވަސްވާސް ލައިދިނެވެ. އެ ވަސްވާހަކީ އެފަދަ މާތް ލަފާދާރު ބަޔަކު ދުނިޔެއިން ނެތި ދިޔައިރު އެމީހުންގެ ގޮތަށް ނޫޅެވޭ ތަނުގައި އެމީހުންގެ ނަން ދިރުވައި ހަނދާނެއްގެ ގޮތުން ސޫރަހަދާފައި ބެހެއްޓުން ކީއްތޯއެވެ؟ މިއީ ޝައިޠާނާގެ ނަޞޭޙަތެވެ. އެހިނދު މިއީ އެންމެ ރަނގަޅު ގޮތް ކަމުގައި މިބައިމީހުންނަށް ފެނި އެ އަޅުވެރީންގެ ސޫރަތައް ހަދާ ތަމްޘީލުކޮށްފައި ބަހައްޓައިފިއެވެ. މިދެންނެވި ޞާލިޙުންގެ ނަންތަކާ އެއްގޮތަށް މިބުދުތަކަށްވެސް ނަންދީ ހަދައިފޫއެވެ. އެނަންތަކީ ވައްދުއާއި ސުވާޢުއާއި ޔަޣޫޘުއާއި ޔަޢޫޤު އާއި އަދި ނަސްރު މިފަސް މީހުންގެ ނަމެވެ. އަދި ހަމައެއާއެކު އެއުރެންގެ ޤަބުރުމަތީ ބިނާތައްކޮށް، އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައިވެސް އިހުގައި ހަދާއުޅޭ ބީދައިން، ޒިޔާރަތްތައް ހަދައި މިތަންތަނަކީ މުޤައްދަސް ތަންތަންކަމުގައި އޭގެފަހުގައި ބަލާންފަށާއްޖެއެވެ.

އަދި މިއީ މިތަކެތީގެ ބަރަކާތާއި މިމީހުންގެ މާތްކަމާއި ކަރާމާތްތެރިކަން ހިސާބަށްވުރެ މައްޗަށް ހުރެގެންނޫނީ ކާބަފައިން މިކަންކަން މިގޮތަށް ނުކުރާނޭކަމުގައި ބަލާ އެމީހުންނަށް އަޅުކަންކުރެވޭން ފެށިއްޖެއެވެ. އާދެ ޝިރުކު އުފެދިގެންދިޔަގޮތަކީ މިއީއެވެ. މިކަމަށް އިޝާރާތްކުރައްވާ ނޫޙު ސޫރަތުގެ 23 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ.
وَقَالُوا لاَ تَذَرُنَّ آَلِهَتَكُمْ وَلاَ تَذَرُنَّ وَدًّا وَلاَ سُوَاعًا وَلاَ يَغُوثَ وَيَعُوقَ وَنَسْرًا (سورة النوح 23)
މާނައީ: "އަދި އެމީހުން ބުނެއުޅެތެވެ. ތިޔަބައިމީހުން(އަޅުކަންކުރާ) އިލާހުންތައް ހަމަ ހިލާ ދޫކޮށްނުލާށެވެ. އަދި ވައްދާޢި ސުވާޢާއި ޔަޣޫޘާއި ޔަޢޫޤާއި ނަސްރާ(މިތަކެތި) ދޫކޮށްނުލާށެވެ"
އާދެ! ހިތާމަޔާއެކު ދަންނަވަންޖެހެނީ އަޅުގަނޑުމެންގެ މިދިވެހި ރާއްޖޭގައިވެސް ކާބަފައިންގެ ޒަމާނުން ފެށިގެންވެސް ޒިޔާރަތްތަކުގެ ކަންތައްތަކާއި އެތަންތަނާމެދު މީސްތަކުންގެ ޢަޤީދާ ހަމަހުރީ މިމަގުން މިގޮތަށް ހިނގަހިނގައެވެ. މާތް މީހަކު މަރުވާއިރަށް އެތަނެއް ފާހަގަކޮށް އެޤަބުރުމަތީ ޒިޔާރަތްހަދައި އެއީ ދުރުން ކަންކަމަށް އެދިގެން ދަތުރުކުރެވޭ ތަންތަންކަމުގައި ހަދައި އުޅުނީއެވެ.

"ދިވެހިރާއްޖޭގައި މީހުން އުޅޭ (ގާތްގަނޑަކަށް) 200 ރަށުގެ ތެރެއިން މަދު ރަށެއްގައި ނޫނީ ކޮންމެ ރަށެއްގައިވެސް ކޮންމެވެސް ވަލީވެރިއެއްގެ ޒިޔާރަތެއް ހުރެއެވެ. އަދި ބައެއް ފަޅުރަށްރަށުގައިވެސް ޒިޔާރަތް އެބަހުއްޓެވެ. އެންމެ މަޝްހޫރު ޒިޔާރަތެއް ހުންނަ ފަޅުރަށަކީ، ހއ އިހަވަންދިއްޕޮޅުގައި އޮންނަ މަތީރަށްފުޅެވެ.

ނޭނގިތިބެގެން އަޅުގަނޑުމެންގެ ބައެއް އަޚުންނާއި އުޚްތުން، އެޒިޔާރަތްތަކަށް އެކިފާޑުފާޑުގެ ނަދުރު ބުނަމުންދެއެވެ. އޭގެތެރެއިން ބައެއް ނަދުރުތަކަކީ، ކޮންމެވެސްކަމެއް ވުމަށްއެދި، ނުވަތަ ކޮންމެވެސް މުޞީބާތަކުން ދުރުކުރެއްވުން އެދި ބުނާ ނަދުރުތަކެވެ. އެކަމެއް ފަހިކޮށްދެއްވުމަށް އެދެނީ، އެޒިޔާރަތެއްގެ ވެރި ވަލީވެރިޔާގެ ވަލީވެރިކަމުންނެވެ. އެބުނާ ނަދުރުގައި އެޒިޔާރަތެއްގައި، އެމީހަކު ނުވަތަ އެކުއްޖަކު ކަނދިން ނުވަތަ ކެޔޮގަނޑުން ކިރުމާއި، ނުވަތަ ދިދަ ޖެހުމާއި ނުވަތަ ރިއްސާއި ރަނުގެ ފަށާއި، ފައިސާ ހަދިޔާކުރުން ހިމެނެއެވެ. އަދި ތިން ގާކޮޅު ބޭއްވުމާއި، ކުނިކަހައި، ދޮންވެލިލުމާއި، އެވަލީވެރިއެއްގެ ޒިޔާރަތް ރޭނުމާއި ހިޔާކުރުން ހިމެނެއެވެ. އަދި ބައެއް ރަށްރަށުގައި ހުންނަ ޒިޔާރަތްތަކަކީ ބައެއްމީހުންގެ އިޢުތިޤާދުގައިވާ ގޮތުގައި މާބަނޑުމީހުންނަށް ދަރީން ލިބޭގޮތް މެދުވެރިކޮށްދީހަދާ ތަންތަނެވެ. އަދި މަސްވެރިކަމާއި އެންވެރިކަމަށް (ދޯނި ބީއްސާލާ ފަސްގަނޑާއި ރޯދިބަރަކާތް ތިލަކުރުމަށްޓަކައި ޤަޞްދުކޮށްގެން ދެވޭ ތަންތަނެވެ.) އަދި ބައެއް ޒިޔާރަތްތަކަކީ ހިބަރެއް ގަނެފިނަމަ، ނަނު ކަނޑައިނުލާއި ބޭނިއްޖެނަމަ އެޒިޔާރަތްތަކުގައި ހިބަރުގެ ތުންޖަހަން ނަދުރުބުނަމުންދާ ތަންތަނެވެ. އަދި ތަންކޮޅެއްކުރީ ޒަމާނުގައި ދިވެހި ރިޔާނެގި އޮޑިފަހަރުގައި އޮޅުދޫ ކަރައަށް ދަތުރުކޮށް އުޅުނުއިރު އޮޑިފަހަރަށް ވައިފަހިކޮށް ދިނުމަށްއެދި ފޮޅައި ދުންބުރުވައި، ވޮށް ދިއްލައި، ދަންނަވާ ޒިޔާރަތްތައްވެސް ހުއްޓެވެ. (މީގެތެރެއިން ޒިޔާރަތް ހުންނަ ރަށުގެ ހުރިހާ އެއްޗަކުވެސް އެޒިޔާރަތުގެ ސަބަބުން ކަރާމާތާއި ބަރަކާތް ހުންނަ ބައެއް ރަށްރަށް އެބަހުރިޔޯލައެވެ. އާދެ! މަތީރަށްފުޅުގެ ރުއްތަކުގައިވާ ކާއްޓަކީވެސް އާދަޔާ ޚިލާފު ޒާތެއްގެ ކާއްޓެކޯލައެވެ. މިކާށި ކެއުމަށްޓަކައި އައިސް ދަތްއަޅާ މީދާވެސް އެސޮރުގެ ދެދަތްޕިލާ ތަތްލައި ދެންއެވަރުކަމެއް ދުވަހަކު ނުކުރާނަމޭ ހިތަށްއަރާ ވަރަށް ޢުޤޫބާތްލިބޭކަމުގައި ޤަބޫލުކުރާމީހުންވެސް އަދިވެސް އެބައުޅެތެވެ.) އެއްވެސް އޮޅުމެއްނެތި ކީރިތި ޤުރުއާނުންނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅުތަކުން އެނގެނީ ވަލީވެރިންނާއި އެނޫންމީހުންގެ ޒިޔާރަތްތަކުންނާއި މަޤާމުފުޅުތަކުން ވާތްގަށް އެދުމާއި ކަމެއްވުމަށް އެދުމަކީ އިސްލާމްދީނުގައި ނަހީކުރައްވާފައިވާ ޙަރާމްކަމެއްކަމެވެ. ކަނޑައެޅިގެންހުރި ޝަރީކުކުރުން ކަމެވެ. މަރުވެފައިވާ މީހެއްގެ ކިބައިން އެއީ ނަބީބޭކަލަކަށް ވިޔަސް، ކަމަކަށް އެދުމަކީ ޙަރާމްކަމެކެވެ. ނަހީކުރައްވާފައިވާ ކަމެކެވެ. (ބޮޑު ޝިރުކެކެވެ). އެނގިއެނގި ތިބެ އެފަދަކަމެއް ކުރުމަކީ މާތްވެގެންވާ އިސްލާމްދީނުން މީހާ ބޭރުވާކަމެކެވެ."

އަދި މިމުނާސަބަތުގައި ފާހަގަކޮށްލަންޖެހޭ އަނެއްކަމަކީ މީގެތެރެއިން ބައެއް ޒިޔާރަތްތަކަކީ އެތަނުގައި ވަޅުލެވިފައިވަނީ އިސްލާމެއްކަމެއް ކާފިރެއްކަމެއްވެސް އެނގޭ ތަންތަނެއް ނޫނެވެ. ކަނޑުން އެއްގަމަށް ލައްގާފައިވާ ހަށިގަނޑެކެވެ. ނެގިމީހެއްގެ ނަމެއް ނެގި ތާރީޚެއް ފެންނާކަށް އަމުދުން ނުވެސްނެތެވެ. ބައެއް ޒިޔާރަތްތަކުގައި ކުނިވެގެން ލައްގާފައިވާ އޫރާއި ކުއްތާވެސް ވާކަމުގައި ބުނާމީހުން ބުނެއުޅެއެވެ. އަދި ކަނޑުގެ ތެރެއިން ނަގާފައިވާ ހިރިހިރިވެސް މީގެތެރޭގައިވާކަމުގައި ފާހަގަކޮށްލަންޖެހެނީ، ހަމަބުއްދި ދެއްވުމަށް މާތްﷲއަށް ދުޢާކުރާ ޙާލުގައި ދިވެހީންގެ މިޢަޤީދާތަކާއި ޚުރާފާތްތަކަކީ އިސްލާމްދީނާއި އުޑާބިމާހާ ދުރުމިން ހުރި ތަކެތިކަމުގައި ލިއެލަމުންނެވެ. އިސްވެދިޔަ ޤައުމުތަކުގައިވެސް މީހުން ޝަރީކުކޮށް މިބާވަތުގެ ވާހިޔާތަކަށް އަޅުކަންކުރަމުން ގެންދިޔައިރު އެމީހުންނަށް އިޢުތިޒާރެއްކޮށް އެކަމުން މަނާވެގަތުމަށް ގޮވާލެވިއްޖެނަމަ ބަހަނާއަކަށް ބުނަމުންގެންދަނީ މިއީ އަހަރެމެންގެ ކާބަފައިންވެސް ކުރަނިކޮށް ދުށްގޮތް ކަމުގައެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ.
وَإِذَا قِيلَ لَهُمْ تَعَالَوْا إِلَى مَا أَنْزَلَ اللَّهُ وَإِلَى الرَّسُولِ قَالُوا حَسْبُنَا مَا وَجَدْنَا عَلَيْهِ آَبَاءَنَا أَوَلَوْ كَانَ آَبَاؤُهُمْ لاَ يَعْلَمُونَ شَيْئًا وَلاَ يَهْتَدُونَ (سورة المائدة 104)
މާނައީ: "މާތްﷲ ބާވާލެއްވި ތަކެއްޗާއި ރަސޫލާއަށް (ތަބަޢުވުމަށް) އަންނާށޭ އެމީހުންނަށް ބުނެވިއްޖެނަމަ އެމީހުން ބުނާނީ "އަހަރެމެންގެ ކާބަފައިން އެގޮތެއްގެމަތީގައި ތިއްބާ އަހަރެމެންދުށްގޮތް އަހަރެމެންނަށް ފުދެއެވެ." މިހެންނެވެ. އެމީހުންގެ ކާބަފައިންނަށް އެއްވެސް އެއްޗެއް ނޭނގޭތާނގައި ތެދުމަގު ލިބިފައިނުވާ ބަޔަކުކަމުގައި ވީނަމަވެސް އެއުރެންނަށް ވަރިހަމަ ހެއްޔެވެ؟"

އަދި މިމީހުންގެ އާދަކާދަތަކާއި ޘަޤާފަތުގެ ޙަޤީޤަތަކީ ކޮބައިކަން ﷲ ބަޔާންކުރައްވާ ވަޙީކުރެއްވިއެވެ.
إِنَّهُمْ أَلْفَوْا آَبَاءَهُمْ ضَالِّينَ (69) فَهُمْ عَلَى آَثَارِهِمْ يُهْرَعُونَ (70) (سورة الصافات69-70)
މާނައީ: "ހަމަކަށަވަރުން އެބައިމީހުން އެބައިމީހުންގެ ކާބަފައިން ދުށްއިރު އެއުރެން (އެކާބަފައިން) ވަނީ މަގުފުރެދިގެންތިބި ޙާލުގައެވެ. ފަހެ އެމީހުންވެސް (އެކާބަފައިން)ގެ ފިޔަވަޅުމަތީގައި ފިޔަވަޅުއަޅަމުން ހަލުވިކޮށް ދުވަމުން ދަނީއެވެ."
މާތްﷲ ވަޙީކުރައްވާފައިވެއެވެ.
أَتَوَاصَوْا بِهِ بَلْ هُمْ قَوْمٌ طَاغُونَ (سورة الذاريات53)
މާނައީ: "އަޅެ އެމީހުންވަނީ އެކަންކަމަށް (މަރުވުމުގެ ކުރިން) އެކަކު އަނެކަކަށް ވަޞިއްޔަތްކޮށްފައި ހެއްޔެވެ؟ އެމީހުންނަކީ ޙައްދުފަހަނައަޅާފައިވާ ނުކިޔަމަންތެރި ބަޔަކީއެވެ."

ދަރުމަ އޭޕްރީލް 2004 "އިސްވިދިޔަ އުންމަތްތަކަށް އޯގާވަންތަ ﷲގެ ކޯފާއާއި ޢުޤޫބާތް ޙައްޤުވީ ކީއްވެ؟"

Blog Widget by LinkWithin

No comments:

Post a Comment