30 November 2010

ޙަދީޘްގެ ޢިލްމު

އަލްއަޚް ޔާސީން ނަސީމު އަބޫބަކުރު، ލ.މާވަށް
ޙަދީޘް ޢިލްމު ނުވަތަ ޢުލޫމުލް ޙަދީޘަކީ "ޙަދީޘް ގަބޫލުކުރުމަށް ނުވަތަ ރައްދުކުރުމަށްޓަކައި، ސަނަދާއި މަތުނުގެ ޙާލަތްތައް ދެނެގަންނާނެ ޤަވާޢިދުތަކާއި އުޞޫލުތައް އަންގައިދޭ ޢިލްމެވެ."
(ސަނަދު ނުވަތަ އިސްނާދަކީ މަތުނާއި ހަމައަށް ފޯރުކޮށްދޭ ނުވަތަ ވާޞިލުކޮށްދޭ ރާވީންގެ ސިލްސިލާއެވެ. އެއީ ޞަޙާބީބޭކަލެއްގެ ފަރާތްޕުޅުން ފެށިގެން އެޙަދީޘެއް އެންމެފަހުން ރިވާކުރައްވާ ބޭފުޅަކާއި ހަމައަށެވެ. މަތުނަކީ ސަނަދު ނިމޭހިސާބުން ފެށިގެން ދެން އޮންނަބައެވެ. ނުވަތަ އެއީ ޙަދީޘެވެ)
ޢުލޫމުލް ޙަދީޘް އުފެދިގެން އައި ގޮތާއި މިޢިލްމުގެ ތާރީޚު
ޚަބަރެއް ލިބިއްޖެ ނަމަ އެކަމެއް ޤަބޫލުކުރުމުގައި ޢަމަލުކުރަންވީ ގޮތް މާތްﷲ ކީރިތި ޤުރުއާނުގައި އަންގަވާދެއްވާފައި ވެއެވެ.
يَا أَيُّهَا الَّذِينَ آَمَنُوا إِنْ جَاءَكُمْ فَاسِقٌ بِنَبَأٍ فَتَبَيَّنُوا أَنْ تُصِيبُوا قَوْمًا بِجَهَالَةٍ فَتُصْبِحُوا عَلَى مَا فَعَلْتُمْ نَادِمِينَ (الحجرات ٦)
މާނައީ "އޭ إيمانވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެގާތަށް فاسقއަކު خبرއަކާއިގެން އަތުވެއްޖެނަމަ، އޭގެ ދޮގުތެދުބަލައި، حقيقة ހޯދާށެވެ! (އެއީ) ނޭނގިތިބެ، ތިޔަބައިމީހުންނަށް ބަޔަކަށް ގެއްލުންދެވިދާނެތީއެވެ. ފަހެ، އެހެންވެއްޖެނަމަ، ތިޔަބައިމީހުން ކުރިކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކުކަމުގައި ތިޔަބައިމީހުން ވެދާނެތެވެ."

އަދި އެކަމުގެ އަސާސީ އުޞޫލުތަކާއި، ހަމަތައް މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ސުންނަތުގައި ބަޔާން ކުރައްވާފައިވެއެވެ.

މާތްﷲއާއި އެކަލާނގެރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަމުރުފުޅުތަކަށް ކިޔަމަންވުމުގެ ގޮތުން ޞަޙާބީ ބޭކަލުން އެބޭކަލުންނަށް ލިބިވަޑައިގަންނަވާ ޚަބަރުތަކުގެ ދޮގު ތެދު ބައްލަވާ ޙަޤީޤަތް ހޯއްދެވިއެވެ. ޚަބަރު ގެންނަމީހެއްގެ ތެދުވެރިކަމާބެހޭ ގޮތުން ޝައްކެއް އުފެދިއްޖެނަމަ އެބޭކަލުން ވަކިންބޮޑަށް އެކަމުގެ ޙަޤީޤަތް ބައްލަވާ ހެއްދެވިއެވެ. މިގޮތުން ސަނަދުގެ މުހިންމުކަމާއި އެކަމުގެ އަގުބޮޑުކަން، ވަޒަންވެ ހާމަވެގެން ދިޔައެވެ. އަދި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްތައް އައިސްފައިވަނީ ޞައްޙަގޮތުގައި އިތުބާރާއި އެކުގައިކަން އެނގިގެންދެއެވެ.

އަލްއިމާމު މުސްލިމު އެކަލޭގެފާނުގެ ޞަޙީޙުގެ މުޤައްދިމާގައި އިބުނު ސީރީނުގެ އަރިހުން ރިވާކުރައްވާފައި ވެއެވެ. އެބައިމީހުން، އެބަހީ އަޞްޙާބު ބޭކަލުން، އެޖީލުގެ ކުރީކޮޅުގައި، ޚަބަރު ގެންނަފަރާތްތަކާމެދު، އެބަހީ ޙަދީޘްގެ ސަނަދާ ބެހޭގޮތުން، ސުވާލެއް ނުކުރައްވައެވެ. ނަމަވެސް ފިތުނަވެރިކަން އުފެދުމުން ޙަދީޘް ރިވާކުރާ މީހުންނާ ބެހޭގޮތުން ސުވާލުކުރަން ފެށުނެވެ. އެބޭކަލުންގެ ގާތަށް ޚަބަރެއް އަތުވެއްޖެނަމަ އެބޭކަލުން ވިދާޅުވެތެވެ. ތިޔަ ޚަބަރު ގެނައީ ކޮންބައެއްގެ ފަރާތުންތޯ ތިމަން ބޭކަލުންނަށް ބުނެދޭ ހުށިކަމެވެ. ދެން އޭގެތެރެއިން ސުންނަތުގެ އަހުލުވެރިން ( ބިދުޢަތަކުން އެއްކިބާވެ ޤުރުއާނާއި ސުންނަތަށް ތަބަޢަވެ އުޅޭމީހުން) ރިވާކުރައްވާފައިވާ ޙަދީޘްތައް ޤަބޫލުކޮށް ބިދުޢައިގެ އަހުލުވެރިންގެ ޙަދީޘްތައް ރައްދުކޮށް ދޫކޮށްލައްވައެވެ.

ޙަދީޘް އޭގެ ސަނަދު ނެތިއްޖެނަމަ ގަބޫލެއް ނުކުރެވެއެވެ. އެހެނީ ޙަދީޘް ގަބޫލު ކުރެވޭނީ ކީރިތި ރަސުލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ރިވާ ކުރެވެމުން އައިސްފައިވާ ސިލްސިލާއާއި އެކުގައެވެ. މިކަމުގެ ސަބަބުން الجرح والتعديل (ރާވީންނަށް ފާޑުކިއުން) ގެ ޢިލްމާއި ރާވީންގެ ޙަޤީޤަތް ތަކާއި ބެހޭގޮތުންނާއި އަދި މިނޫންވެސް ޙަދީޘާއި ގުޅުންހުރި ޢިލްމުތައް ފެށިގެން އައެވެ. އަދި ޙަދީޘްޢިލްމު، ފުޅާވެ ތަނަވަސްވެގެން ދިޔައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެ ޢިލްމުތައް ފޮތްތަކުގައި ލިޔެވެން ފެށުނެވެ. އެހެން ނަމަވެސް އެއިރު ޙަދީޘު ޢިލްމު ލިޔެވިފައި ހުރީ އެހެނިހެން ޢިލްމުތަކުގެތެރޭގައި ހިމެނިގެންނެވެ. ވަކި މުސްތަޤިއްލު ޢިލްމެއްގެ ގޮތުގައެއްނޫނެވެ. މިސާލަކަށް އުޞޫލުޢިލްމާއި ފިޤުހުޢިލްމުގެ ތެރޭގައެވެ. އަލްއިމާމު އައްޝާފިޢީ، އެކަލޭގެފާނުގެ الرسالة އާއި الأمّ މިދެފޮތުގައިވެސް ޙަދީޘު ޢިލްމާއި ބެހޭގޮތުން ލިއުއްވާފައި ވެއެވެ.

އިސްވެ ދިޔަގޮތަށް ކަންތައްތައް ހިނގަމުންގޮސް ޢުލޫމުލްޙަދީޘް މުސްތަޤިއްލު ޢިލްމެއްގެ ގޮތުގައި ވަކިވެގެން ދިޔައީ ހިޖުރައިން ހަތަރުވަނަ ޤަރުނުގެ ތެރޭގައެވެ. މިގޮތުން ޢުލޫމުލް ޙަދީޘް އެންމެ ފުރަތަމަ ވަކި ޢިލްމެއްގެ ގޮތުގައި ނުވަތަ ވަކި ފަންނެއްގެ ގޮތުގައި ލިއުއްވި އެއްބޭކަލަކީ އަލްޤާޟީ އަބޫ މުޙައްމަދު އަލްޙަސަނުބުނު ޢަބުދުއްރަޙުމާނު ބުނު ޚައްލާދު އައްރާމުހުރްމުޒީ (360ހ) އެވެ. އެކަލޭގެފާނު ލިއުއްވި ފޮތަކީ المحدّث الفاصل بين الراوي و الواعي (އަލްމުޙައްދިޘުލްފާޞިލު ބައިނައްރާވީ ވަލްވާޢީ) އެވެ.

ޙަދީޘު ޢިލްމުގައި ލިއުއްވާފައިވާ ބައެއްފޮތްތައް:
الكفاية في علم الرواية – الخطيب البغدادي (463ހ)
علوم الحديث – ابن الصلاح ( 643ހ)

Blog Widget by LinkWithin

No comments:

Post a Comment