24 March 2011

ސަވާރީއެއްގެ މަތީގައި ޑަބަލްސީޓުހެދުން ހުއްދަވެގެންވުން: ކިތާބުއްތައުޙީދި

އައްޝައިޚް މުޙައްމަދު އިބްރާހިމް ނައިފަރު
اﷲ تعالى ވަޙީކުރައްވާފައިވެއެވެ.
وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ (الذاريات: 56) މާނައީ: "ޖިންނީންނާއި، އިންސާނުން، ތިމަން اﷲ އަށް އަޅުކަން ކުރުމަށް މެނުވީ ނުހައްދަވަމެވެ."
އަދިވެސް އެކަލާނގެ ވަޙީކުރައްވާފައިވެއެވެ.
وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَسُولًا أَنِ اُعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَ (النحل: 36) މާނައީ: "އަދި ހަމަކަށަވަރުން ކޮންމެ އުއްމަތަކަށްވެސް ތިމަން ﷲ ރަސޫލަކު ފޮނުއްވީމެވެ. (އެއީ މީސްތަކުންނަށް ތައުޙީދުގެ މި ދަޢުވަތު ދިނުމަށްޓަކައެވެ.) ތިޔަބައިމީހުން ﷲ އަށް އަޅުކަން ކުރާށެވެ. އަދި ޠާޣޫތުން (އެބަހީ ﷲ ތަޢާލާ ފިޔަވައި އަޅުކަން ވެވޭ ކޮންމެ އެއްޗަކުން) ދުރުހެލިވެ އެއްކިބާވާށެވެ."
އަދިވެސް އެކަލާނގެ ވަޙީކުރައްވާފައިވެއެވެ.
قَضَى رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا إِمَّا يَبْلُغَنَّ عِنْدَكَ الْكِبَرَ أَحَدُهُمَا أَوْ كِلَاهُمَا فَلَا تَقُلْ لَهُمَا أُفٍّ وَلَا تَنْهَرْهُمَا وَقُلْ لَهُمَا قَوْلًا كَرِيمًا *وَاخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ وَقُلْ رَبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا (الإسراء: 23 - 24 )
މާނައީ: "އަދި ތިބާގެ ވެރިރަސްކަލާނގެ ފައިސަލާ ކުރައްވާފައިވަނީ ތިޔަބައިމީހުން އެކަލާނގެއަށް މެނުވީ އަޅުކަން ނުކުރުމަށާއި، މައިން ބަފައިންނަށް ހެޔޮކޮށް ހިތުމަށެވެ. އެދެމީހުން ކުރެ އެކަކު ނުވަތަ އެދެމީހުން ތިބާގެ ގާތުގައި މުސްކުޅި އުމުރާ ހަމައަށް ފޯރައިފިނަމަ ފަހެ އެދެމީހުންނަށް އުއްފުވެސް ނުބުނާށެވެ. އަދި އެދެމީހުންނަށް ހަރުކަށިބަސްވެސް ނުބުނާށެވެ. އަދި އެދެމީހުންނަށް މާތްބަހުން ބުނާށެވެ. އަދި އެދެމީހުންނަށް އޯގާތެރިކަމާއެކު ނިކަމެތިކަމުގެ ފިޔަ ތިރިކޮށްލާށެވެ. އަދި އެދެމީހުންނަށް މިފަދައިން ދުޢާކޮށްދޭށެވެ. އޭހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އެދެމީހުން މިއަޅާ ކުޑައިރުއްސުރެ ތަރުބިއްޔަތުކޮށް ބަލާބޮޑުކުރިފަދައިން އެދެމީހުންނަށް ރަޙުމަތްލައްވާނދޭވެ."
އަދިވެސް އެކަލާނގެ ވަޙީކުރައްވާފައިވެއެވެ.
وَاعْبُدُوا اللَّهَ وَلَا تُشْرِكُوا بِهِ شَيْئًا (النساء: 36) މާނައީ: "އަދި ތިޔަބައިމީހުން ﷲ އަށް އަޅުކަން ކުރާށެވެ. އަދި އެކަލާނގެއާ އެއްވެސް އެއްޗެއް ޝަރީކުނުކުރާށެވެ."
އަދިވެސް އެކަލާނގެ ވަޙީކުރައްވާފައިވެއެވެ.
قُلْ تَعَالَوْا أَتْلُ مَا حَرَّمَ رَبُّكُمْ عَلَيْكُمْ أَلَّا تُشْرِكُوا بِهِ شَيْئًا وَبِالْوَالِدَيْنِ إِحْسَانًا وَلَا تَقْتُلُوا أَوْلَادَكُمْ مِنْ إِمْلَاقٍ نَحْنُ نَرْزُقُكُمْ وَإِيَّاهُمْ وَلَا تَقْرَبُوا الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ وَلَا تَقْتُلُوا النَّفْسَ الَّتِي حَرَّمَ اللَّهُ إِلَّا بِالْحَقِّ ذَلِكُمْ وَصَّاكُمْ بِهِ لَعَلَّكُمْ تَعْقِلُونَ * وَلَا تَقْرَبُوا مَالَ الْيَتِيمِ إِلَّا بِالَّتِي هِيَ أَحْسَنُ حَتَّى يَبْلُغَ أَشُدَّهُ وَأَوْفُوا الْكَيْلَ وَالْمِيزَانَ بِالْقِسْطِ لَا نُكَلِّفُ نَفْسًا إِلَّا وُسْعَهَا وَإِذَا قُلْتُمْ فَاعْدِلُوا وَلَوْ كَانَ ذَا قُرْبَى وَبِعَهْدِ اللَّهِ أَوْفُوا ذَلِكُمْ وَصَّاكُمْ بِهِ لَعَلَّكُمْ تَذَكَّرُونَ * وَأَنَّ هَذَا صِرَاطِي مُسْتَقِيمًا فَاتَّبِعُوهُ وَلَا تَتَّبِعُوا السُّبُلَ فَتَفَرَّقَ بِكُمْ عَنْ سَبِيلِهِ ذَلِكُمْ وَصَّاكُمْ بِهِ لَعَلَّكُمْ تَتَّقُونَ (الأنعام: 151- 153)
މާނައީ: "(އޭ މުޙައްމަދުގެފާނެވެ.) ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން އަންނާށެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ޙަރާމްކުރެއްވި ކަންތައްތައް ތިމަންކަލޭގެފާނު ކިޔައިދެއްވާ ހުށީމެވެ. އެއީ ތިޔަބައިމީހުން އެކަލާނގެއާ އެއްވެސް އެއްޗަކާ ޝަރީކު ނުކުރާށެވެ. އަދި (މައިންބަފައިންނަށް ބަދު ސުލޫކު ނުކުރާށެވެ. އަދި ކިއެއްތަ!) މައިންބަފައިންނަށް އިޙުސާންތެރިކޮށް ހިތާށެވެ. އަދި ތިޔަބައިމީހުން ފަޤީރުވެދާނެކަމަށް ބިރުން ތިޔަބައިމީހުންގެ ދަރިން ޤަތުލުނުކުރާށެވެ. ތިޔަބައިމީހުންނަށާއި، އެކުދިންނަށް ރިޒުގު ދެއްވަނީ ތިމަން ރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުން ފާޙިޝް ކަންތައްތަކާ ކައިރިނުވާށެވެ. އެއީ ފާޅުވެގެންވާ ކަމެއްވިޔަސް އަދި ވަންހަނާ ވެގެންވާ ކަމެއްވިޔަސްމެއެވެ. އަދި ޙައްޤަކާއި ނުލައި ﷲ ތަޢާލާ ޙުރުމަތްތެރިކުރައްވައިފައިވާ ނަފްސެއް ތިޔަބައިމީހުން ޤަތުލުނުކުރާށެވެ. މިގޮތަށް އެކަލާނގެ ތިޔަބައިމީހުންނަށް ވަޞިއްޔަތްކުރައްވައެވެ. އެއީ ތިޔަބައިމީހުން ވިސްނާތޯއެވެ. އަދި ހެޔޮގޮތުގައި މެނުވީ ޔަތީމުންގެ މުދަލާކައިރި ނުވާށެވެ. (އެބަހީ ތިޔަބައިމީހުންގެ އަތުގައިވާ ޔަތީމުންގެ މުދާ ހެޔޮގޮތުގައި މެނުވީ ޚަރަދު ނުކުރާށެވެ.) އެއީ އެކުދިން ބާލިޣުވެ ޒުވާން އުމުރާ ހަމައަށް ފޯރައިފުމަށް ދާންދެނެވެ. އަދި ތިޔަބައިމީހުން އިންސާފުވެރި ކަމާއިއެކު މިނެކިރުމުގައި ވަފާތެރިވާށެވެ. (އެބަހީ ފުރިހަމަ ކުރާށެވެ.) އެއްވެސް ނަފުސަކަށް އެނަފުސަކަށް ކުޅަދާނަވެގެންނުވާ މިންވަރަކަށް ތިމަން ރަސްކަލާނގެ ތަކުލީފެއް ނުޖައްސަވަމެވެ. އަދި ތިޔަބައިމީހުން ބަސްބުނާ ހިނދު އިންސާފުވެރިވާށެވެ. އެއީ ގާތްތިމާގެ މީހަކާ ދޭތެރޭ ބަސްބުނަން ޖެހުނުކަމުގައި ވީނަމަވެސްމެއެވެ. އަދި ﷲ ގެ ޢަހުދު ފުރިހަމަ ކުރާށެވެ. (އެބަހީ ﷲ އަމުރުކުރެއްވި ކަންތައް ކުރާށެވެ. ނަހީކުރެއްވި ކަންތަކުން ދުރުވާށެވެ. އަދި ﷲ ގެ ފޮތަށާއި ރަސޫލާގެ ސުންނަތަށް ޢަމަލުކުރާށެވެ. ﷲ ގެ ޢަހުދަކީމިއެވެ.) މިގޮތަށް އެކަލާނގެ ތިޔަބައިމީހުންނަށް ވަޞިއްޔަތް ކުރައްވައެވެ. އެއީ ތިޔަބައިމީހުން ނަސޭހަތް ހާސިލުކުރޭތޯއެވެ. އަދި މިއީ ތިމަން ﷲ ގެ ސީދާވެގެންވާ ތެދުމަގެވެ. މި މަގަށް ތިޔަބައިމީހުން ތަބާވާށެވެ. އަދި އެހެނިހެން މަގުތަކަށް ތިޔަބައިމީހުން ތަބާނުވާށެވެ. (ތަބާ ވެއްޖެނަމަ) އެމަގުތައް ތިޔަބައިމީހުން އެކަލާނގެ، ތެދުމަގުން އެއްކިބާ ކުރާނެއެވެ. މިގޮތަށް އެކަލާނގެ ތިޔަބައިމީހުންނަށް ވަޞިއްޔަތްކުރައްވައެވެ. އެއީ ތިޔަބައިމީހުން ތަޤުވާވެރިވޭތޯއެވެ."
މާތްﷲ ރުއްސުންލެއްވި ޢަބްދުﷲ ބުނު މަސްޢޫދު ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
" مَنْ أَرَادَ أَنْ يَنْظُرَ إِلَى وَصِيَّةِ مُحَمَّدٍ الَّتِي عَلَيْهَا خَاتَمُهُ, فَلْيَقْرَأْ قَولَهُ تَعَالى قُلْ تَعَالَوْا أَتْلُ مَا حَرَّمَ رَبُّكُمْ عَلَيْكُمْ. إلى قوله: وَأَنَّ هَذَا صِرَاطِي مُسْتَقِيمًا فَاتَّبِعُوهُ الأية " މާނައީ: محمّد صلّى الله عليه وسلّم އެކަލޭގެފާނުގެ ސިއްކަފުޅު ޖައްސަވައިފައިވާ ވަޞިއްޔަތްޕުޅަށް ބަލަން ބޭނުންވާމީހާ ފަހެ ﷲ ތަޢާލާގެ ވަޙީބަސްފުޅު قُلْ تَعَالَوْا أَتْلُ مَا حَرَّمَ رَبُّكُمْ عَلَيْكُمْ އިން ފެށިގެން وَأَنَّ هَذَا صِرَاطِي مُسْتَقِيمًا فَاتَّبِعُوهُ ގެ ނިޔަލަށް ކިޔާ ހުށިކަމެވެ. (އާޔަތުގެ މާނަ އިސްވެ ހިނގައްޖެއެވެ.) رواه الترمذي وحسّنه.
އަދި މާތްﷲ ރުއްސުންލެއްވި މުޢާޛު ބުނު ޖަބަލު ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އަހުރެން رسول الله صلّى الله عليه وسلّم ގެ ފަހަތްޕުޅުގައި އެކަލޭގެފާނުގެ ޙިމާރުކޮޅުގެ މަތީގައި ސަވާރުވެގެން ވަނިކޮށް އަހުރެންނަށް ޙަދީޘްފުޅުކުރެއްވިއެވެ.
" يَا مُعَاذُ ! أَتَدْرِيْ مَا حَقُّ اللهِ عَلى العِبَادِ، وَمَا حَقُّ العِبَادِ عَلى اللهِ؟". قُلْتُ: اللهُ وَرَسُولُهُ أَعْلَمُ، قَالَ: "حَقُّ اللهِ عَلى العِبَادِ أَنْ يَعْبُدُوهُ وَلا يُشْرِكُوا بِهِ شَيْئاً، وَحَقُّ العِبَادِ عَلى اللهِ أَلاَّ يُعَذِّبَ مَنْ لاَ يُشْرِكُ بِهِ شَيْئاً". قُلْتُ : يَارَسُولَ اللهِ ! أَفَلا أُبَشِّرُ النَاسَ؟ قَالَ: "لاَ تُبَشِّرْهُمْ فَيَتَّكِلُوا" (البخاري ومسلم)
މާނައީ: "އޭ މުޢާޛެވެ! އަޅުތަކުންގެ މައްޗަށްވާ ﷲ ގެ ޙައްޤާއި، ﷲ ގެ މައްޗަށްވާ އަޅުތަކުންގެ ޙައްޤު އެނގިލައްވާތޯއެވެ؟ އަހުރެން ދެންނެވީމެވެ. އެކަން އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. އަދި އެކަލާނގެ ރަސޫލާއަށެވެ. ޙަދީޘްފުޅުކުރެއްވިއެވެ. އަޅުތަކުންގެ މައްޗަށްވާ ﷲ ގެ ޙައްޤަކީ އެކަލާނގެއަށް އަޅުކަން ކުރުމާއި، އެކަލާނގެ އާ އެއްވެސް އެއްޗެއް ޝަރީކުނުކުރުމެވެ. އަދި ﷲ ގެ މައްޗަށްވާ އަޅުތަކުންގެ ޙައްޤަކީ އެކަލާނގެއާ އެއްވެސް އެއްޗެއް ޝަރީކުނުކުރާ މީހާއަށް ޢަޛާބު ނުދެއްވުމެވެ." އަހުރެން ދެންނެވީމެވެ. އޭﷲ ގެ ރަސޫލާއެވެ! އެހެންވިއްޔާ އަހުރެން މީސްތަކުންނަށް އެކަމުގެ އުފާވެރި ޚަބަރު ނުދެއްވާނެ ހެއްޔެވެ؟ (އެބަހީ ދެއްވަންތޯއެވެ.) ޙަދީޘްފުޅުކުރެއްވިއެވެ. އެބައިމީހުންނަށް އެކަމުގެ އުފާވެރިކަމުގެ ޚަބަރުނުދެއްވާށެވެ. (ދެއްވައިފިނަމަ) އޭރުން އެބައިމީހުން އެކަމުގެ މައްޗަށް ބަރޯސާކޮށްފައި ޢަމަލުކުރުން ދޫކޮށްލައިފާނެތެވެ.

އިސްވެދިޔަ ނައްޞުތަކުގައާއި އަޘަރުތަކުގައި އެކުލެވޭ މަސްއަލަތައް:
1. ޖިންނީންނާއި އިންސާނުން ހެއްދެވުމުގައިވާ ޙިކުމަތް.
2. ހަމަކަށަވަރުން އަޅުކަން ކުރުމޭ ބުނެވުނު ބަހުގެ މުރާދަކީ اﷲ އެއްކައުވަންތަކުރުމެވެ. ސަބަބަކީ رسول الله صلّى الله عليه وسلّم އާއި މުޝްރިކުންނާއި ދެމެދު އަރައިރުން ހިނގީ މިކަމުގައެވެ. (އެބަހީ لاَ إِلَهَ إِلاَّ اللهُ ސާބިތުކުރުމުގައެވެ. އެންމެހައި އަޅުކަމެއް ﷲ ފިޔަވައި އެހެން ހުރިހާ ފަރާތްތަކުން ނަފީކޮށް ހަމައެކަނި ﷲ އަށް ސާބިތުކުރުމުގައެވެ.)
3. ހަމަކަށަވަރުން ﷲ އެއްކައުވަންތަ ނުކޮށްފިމީހާ ދަންނައެވެ. އޭނާ ﷲ އަށް އަޅުކަން ކުރުމުން އެއްކިބާ ވެގެންފިއެވެ. އެހެންކަމުން މިކަމުގައި ﷲ ތަޢާލާ މި ވަޙީ ބަސްފުޅުގެ މާނަވެއެވެ. وَلَا أَنْتُمْ عَابِدُونَ مَا أَعْبُدُ (الكافرون: 5) މާނައީ: "އަދި، ތިމަންކަލޭގެފާނު އަޅުކަންކުރައްވާ ފަރާތަށް އަޅުކަން ކުރާ ބައެއްކަމުގައި ތިޔަބައިމީހުން ނުވެއެވެ."
4. ރަސޫލުބޭކަލުން ފޮނުއްވުމުގައިވާ ޙިކުމަތް.
5. ހަމަކަށަވަރުން ހުރިހާ އުއްމަތަކަށްވެސް (ﷲ ތަޢާލާގެ) ރިސާލަތު ޢާއްމުވެގެންވުން. (އެބަހީ ހުރިހާ އުއްމަތަކަށް ވެސް އެއުއްމަތެއްގެ ހިދާޔަތަށްޓަކައި ވަނީ ރަސޫލުން ފޮނުއްވިފައެވެ.)
6. ހަމަކަށަވަރުން ހުރިހާ ނަބިއްޔުންގެ ދީނަކީ އެއްދީނެކެވެ. (އެބަހީ ހުރިހާ ނަބިއްޔުންގެ ދަޢުވަތީ ނުކުތާއަކީ އެބޭކަލުންގެ އުއްމަތްތަކަށް ﷲ ގެ އެއްކައުވަންތަކަމަށް ގޮވައިލުމެވެ.)
7. ބޮޑު މައްސަލައަކީ، ހަމަކަށަވަރުން ޠާޣޫތަށް ކާފަރުވެގެން މެނުވީ ﷲ އަށް އަޅުކަންކުރުން ޙާޞިލެއްނުވާނެއެވެ.އަދި ހަމަ މިމޭރުމުން ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅުވެއެވެ. فَمَنْ يَكْفُرْ بِالطَّاغُوتِ وَيُؤْمِنْ بِاللَّهِ فَقَدِ اسْتَمْسَكَ بِالْعُرْوَةِ الْوُثْقَى لَا انْفِصَامَ لَهَا وَاللَّهُ سَمِيعٌ عَلِيمٌ (البقرة: 256) މާނައީ:"ފަހެ ޠާޣޫތަށް ކާފަރުވެ ﷲ އަށް އީމާން ވެއްޖެމީހާ ދަންނައެވެ. ހަމަކަށަވަރުން އޭނާ ވަކިވުމެއްނުވާ އުޅަކެއްގައި ވަރުގަދައަށް ހިފަހައްޓައިފިއެވެ."
8. ހަމަކަށަވަރުން اﷲ ފިޔަވައި އަޅުކަންވެވޭ ކޮންމެ އެއްޗަކަށް ޠާޣޫތޭ ކިޔެއެވެ.
9. ސަލަފުއްޞާލިޙުންގެ އަރިހުގައި ބަޔާންވެގެން ދިޔަ މުޙްކަމް ތިން އާޔަތުގެ އަހައްމިއްޔަތުކަމުގެ ބޮޑުކަން. އަދި އެތިން އާޔަތުގައި ﷲ ތަޢާލާގެ ޙަޟްރަތުން އަޅުތަކުންނަށް ދިހަ ޙުކުމްދެވިފައިވެއެވެ. އޭގެތެރެއިން އެންމެ ފުރަތަމަ ޙުކުމަކީ ﷲ އާ ޝަރީކުކުރުމުން މަނާކުރުމެވެ.
10. އިސްރާ ސޫރަތުގައިވާ މުޙްކަމް އާޔަތްތަކުގައި އަށާރަ މައްސަލަ ބަޔާންވެގެންވެއެވެ.ﷲ ތަޢާލާ އެމައްސަލަތައް ފަށްޓަވާފައިވަނީ އެކަލާނގެ މި ވަޙީ ބަސްފުޅުންނެވެ. لَا تَجْعَلْ مَعَ اللَّهِ إِلَهًا آَخَرَ فَتَقْعُدَ مَذْمُومًا مَخْذُولًا (الإسراء: 22) މާނައީ: "ތިބާ اﷲ އާއި އެކުގައި އެހެން އިލާހަކު ނުހަދާށެވެ. (ހަދައިފިނަމަ) އޭރުން ތިބާ އިށީދެއިންނާނީ ނުބައި ބަސްލިބި، ނިކަމެތިވެގެންވާ މީހެއްގެ ގޮތުގައެވެ." އަދި އެކަލާނގެ އެމައްސަލަތައް ނިންމަވާ ލައްވާފައިވަނީ މި ވަޙީ ބަސްފުޅުންނެވެ. وَلَا تَجْعَلْ مَعَ اللَّهِ إِلَهًا آَخَرَ فَتُلْقَى فِي جَهَنَّمَ مَلُومًا مَدْحُورًا (الإسراء: 39) މާނައީ: "ތިބާ اﷲ އާއި އެކުގައި އެހެން އިލާހަކު ނުހަދާށެވެ. (ހަދައިފިނަމަ) އޭރުން ތިބާ މަލާމަތް ލިބި ރަޙުމަތުން ދުރުކުރެވިފައިވާ މީހެއްގެ ގޮތުގައި ނަރަކައަށް އެއްލައި ލެވޭނެއެވެ." ﷲ ތަޢާލާ މިމައްސަލަތަކުގެ އަހައްމިއްޔަތު ކަމުގެ މައްޗަށް އަޅަމެން ހުޝިޔާރު ކުރައްވާފައިވަނީ އެކަލާނގެ މި ވަޙީ ބަސްފުޅުންނެވެ. ذَلِكَ مِمَّا أَوْحَى إِلَيْكَ رَبُّكَ مِنَ الْحِكْمَةِ (الإسراء: 39) މާނައީ: "މިކަންތައް ވަނީ ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަލޭގެފާނުގެ މައްޗަށް ވަޙީ ކުރައްވައިފައިވާ ޙިކްމަތުގެ ތެރެއިންނެވެ."
11. الحقوق العشرة (ދިހަ ޙައްޤު) ގެ އާޔަތޭ ނަމަކަށް ކިޔުނު ނިސާ ސޫރަތުގެ އާޔަތް. ﷲ ތަޢާލާ މިއާޔަތް ފައްޓަވާފައިވަނީ މިފަދައިންނެވެ. وَاعْبُدُوا اللَّهَ وَلَا تُشْرِكُوا بِهِ شَيْئًا (النساء: 36) (މާނައިސްވެ ހިނގައްޖެއެވެ.)
12. رسول الله صلّى الله عليه وسلّم އަވަހާރަވުމަށް ކައިރިވެވަޑައިގެންފައިވަނިކޮށް އެކަލޭގެފާނުގެ ވަޞިއްޔަތްޕުޅުގެ މައްޗަށް ތަންބީހު ކުރެއްވުން.
13. އަހުރެމެންގެ މައްޗަށްވާ ﷲ ތަޢާލާގެ ޙައްޤު ދެނެގަތުން.
14.ﷲ ތަޢާލާގެ ޙައްޤު އަޅުތަކުން އަދާކޮށްފިނަމަ އެކަލާނގެ މައްޗަށްވާ އަޅުތަކުންގެ ޙައްޤު ދެނެގަތުން.
15. ހަމަކަށަވަރުން މިމައްސަލަ އަޞްޙާބު ބޭކަލުންކުރެ ގިނަބޭކަލުންނަށް އެނގިވަޑައިގެންފައިނުވެއެވެ. (ސަބަބަކީ رسول الله صلّى الله عليه وسلّم މުޢާޛުގެފާނަށް އެކަން މީސްތަކުންނަށް ބަޔާން ނުކުރެއްވުމަށް އަމުރުކުރައްވައިފައިވާތީއެވެ. މުޢާޛުގެފާނު އެކަން އެހެނިހެން ޞަޙާބީންނަށް ބަޔާންކޮށްދެއްވީ އަވަޙާރަވުމަށް ކައިރިވީ ވަގުތުގައެވެ. އެއީ ޢިލްމުފޮރުވި މީހުންގެ ތެރެއިންވެ، ފާފަވެރިވެދާނެތީ ބިރުފުޅުގެންނެވެ.)
16. މަޞްލަޙަަތަށްޓަކައި ޢިލްމުފޮރުވުން ހުއްދަވެގެންވުން.
17. މުސްލިމަކަށް އޭނާ އުފާކުރަނިވި ޚަބަރެއްދިނުން މުސްތަޙައްބުވެގެންވުން.
18.ﷲ ތަޢާލާގެ ތަނަވަސް ރަޙުމަތުގެ މައްޗަށް ބަރޯސާކޮށް ޢަމަލުކުރުން ދޫކޮށްލުމުން ބިރުވެތިވުން.
19. ނޭނގޭ ކަމަކުން ސުވާލު ވެވިއްޖެއްޔާ ސުވާލު ވެވުނުމީހާ "اللهُ وَرَسُولُهُ أَعْلَمُ" (އެބަހީ އެކަން އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. އަދި އެކަލާނގެ ރަސޫލާއެވެ.) މިފަދައިން ބުނުން.
20. ބައެއްމީހުން (ބައެއް) ޢިލްމަށް ޚާއްޞަކޮށް އަނެއްބަޔަކު (އެޢިލްމުން) މަޙުރޫމުކުރުން ހުއްދަވެގެންވުން.
21. (رسول الله صلّى الله عليه وسلّم ގެ ޒާތުފުޅު އެހާމާތްވުމާއެކު) ހިމާރުގެ މައްޗަށް ސަވާރުވެވަޑައިގަތުމުގަޔާއި އަދި ފަހަތްޕުޅަށް އެހެން މީހަކު ސަވާރުކުރެއްވުމުގައި އެކަލޭގެފާނުގެ ތަވާޟުޢުވެރިކަން.
22. ސަވާރީއެއްގެ މަތީގައި ޑަބަލްސީޓުހެދުން ހުއްދަވެގެންވުން
23. މާތްﷲ ރުއްސުންލެއްވި معاذ بن جبل ގެ މާތްކަން.
24. ތައުޙީދުގެ މައްސަލައިގެ އަހައްމިއްޔަތުކަމުގެ ބޮޑުކަން.
.........................................................
=އައްޝައިޚް މުޙައްމަދު އިބްރާހިމް ތަރުޖަމާކުރައްވާފައިވާ ކިތާބުއްތައުޙީދި ފޮތުން ނަގާފައި=

Read more...

14 March 2011

ދޮގެއްނެހެދިޔަސް ހެޔޮކަމަށް ގޮވާލެވިދާނެއެވެ

އަލްއަޚް މުޙައްމަދު ސިނާން
މިދުވަސްވަރަކީ ތަރައްޤީއާއި ތަހުޒީބުގައި އިންސާނުން ކުރިއަރާފައިވާ ދުވަސްވަރެކެވެ. މީގެކުރިން ދުވަހަކުވެސް ދުނިޔެ ނުދެކޭފަދަ ކުރިއެރުންތަކެއް ފެންނަމުންދާ ދުވަސްވަރެކެވެ. އެމީހަކު ބޭނުން ކޮންމެ ޚަބަރެއް ހަލުވިކަމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފަތުރާލުމަށްޓަކައި މާކަގިނަވަގުތުތަކެއް ނުނަގައެވެ. ފޯނުތަކެވެ. އިންޓަނެޓެވެ. މިގޮތަށްގޮސް ތަފާތު ވަޞީލަތްތަކެވެ. ބައެއްފަހަރަށް ހެވެއްނުބައެއް، ތެދެއްދޮގެއް ވަކިނުވާވަރުވެއެވެ. ބައެއް ފަހަރަށް ވާހަކަތަކުގެ ތެދުދޮގު ބަލައިލުމެއްނެތި ތިމާގެ އެކުވެރިޔާއަށް މިޚަބަރު ދެވެއެވެ. ބައެއްމީހުން މިފަދަ ޚަބަރުތައް ފޮނުވާލަނީ ހެޔޮކަމެއް ކޮށްލުމުގެ ބޭނުމުގައި ކަމަށްވެސް ވެދާނެއެވެ. ނަމަވެސް ވިސްނާލުން ހުއްޓެވެ.
މަސައްކަތުގެ ހަލަބޮލިވަގުތެވެ. ކުއްލިއަކަށް އަޑެއް އިވިފައި ޖީބުން އެއްޗެއް ތެޅިގެންފިއެވެ. އާދެ ފޯނު ރިންގުވެލީއެވެ. އަޑު ކަންފަތުގަޖެހުމާއެކު އެއީ މެސެޖެއްކަން އެނގުނެވެ. އަވަހަށް ފޯނުނަގައި މެސެޖު ކިޔާލީމެވެ. ދޭތެރެއަކުން އަބަދުވެސް އަންނަ ޒާތުގެ މެސެޖެކެވެ. ވަރަށް ހެޔޮކަލިމަތަކެއް މެސެޖުގައި ލިޔެފައިވެއެވެ. އެފޮނުވި އަޅުގަނޑުގެ އެކުވެރިޔާއަށް ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ. ހެޔޮކަމަކަށް އަޅުގަނޑަށް ހަނދާންކޮށްލަ ދިނީތީއެވެ. ނަމަވެސް މެސެޖުގެ ފަހުބަޔަށް އައިއިރު މިއޮންނަނީ އެކަލިމަތައް ވަކި ޢަދަދަކަށް ކިޔާލީމަ ލިބޭ ދަރުމަތަކެއްގެ ވާހަކަ ބަޔާން ކޮށްފައެވެ. ބައެއް ފަހަރަށް އަންނަ މެސެޖުތަކުގައި އުފާވެރި ޚަބަރެއް ލިބޭނެކަމުގެ ޚަބަރެއް ދީފައިހުރެއެވެ. އަނެއްބައި ފަހަރަށް އެމެސެޖު ވަކި ޢަދަދެއްގެ ބަޔަކަށް ފޮނުވުމުން ދަރުމައާއި އުފާވެރި ޚަބަރު ލިބޭނެވާހަކަ ބަޔާންކޮށްފައިވެއެވެ. އަނެއްބައިފަހަރަށް އެމެސެޖުގައިވާގޮތަށް ކަންތައް ނުކޮށްފިނަމަ ލިބޭނެ ހިތާމައިގެ ވާހަކަ ބަޔާންކޮށްފައިވެއެވެ. ހަމައެފަދައިން އީމެއިލަށް އައިސްފައިވާ މެއިލްތަކަށް ބަލާލާއިރު، ފޯނަށް އެއަންނަ މެސެޖުތަކަށްވުރެ ވާހަކަތައް ފޮންޏެވެ. ވާނީވެސް އެހެންތާއެވެ. ފޯނަށް ފޮނުވާ މެސެޖުތަކުގައި ލިޔެވޭނީ ވަކިވަރަކަށް ވިއްޔާއެވެ.
މިފަދަ މެސެޖުތަކުގައިވާ ގިނަ ވާހަކަތަކަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ފޮތުގައި އަދި އެއިލާހު މީސްތަކުންނަށް ހިދާޔަތް ބަޔާންކޮށް ދެއްވުމަށްޓަކައި ފޮނުއްވި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތުން، އަދި ސަލަފުއްޞާލިޙުންގެ ބޭކަލުންގެ ފަރާތުންވެސް އެއްވެސް ދަލީލެއް ނެތް ވާހަކަތަކެކެވެ. ހިތަށް އަރައެވެ. މިހެޔޮކަލިމަ ކިޔާލުމުން ލިބޭ މަތިވެރި ދަރުމަޔާއި ޘަވާބުގެ ވާހަކަ ބަޔާންކޮށްފައިވާ ގިނަގުނަ ޙަދީޘްތަކެއް ޞައްޙަ ރިވާޔަތްތަކުން އައިސްފައިވާއިރު މިފަދަ ބޮޑެތި ދޮގުފަތުރަނީ ކީއްކުރަން ބާވައެވެ؟
މީސްތަކުން ހެޔޮމަގަށް އަޅުވައި އެބައިމީހުންނަށް ހެޔޮކަންތައްތައް ކުރުވުމަށް ހިތްވަރުދިނުމަށްޓަކައި ބައެއް މީހުން ދަޅަދައްކައެވެ. ވަކިހެޔޮކަމެއް ނުވަތަ ވަކި ކަލިމައެއް ކިޔާލުމުން ވަކި ދަރުމައާއި ޘަވާބުލިބޭނެ ވާހަކަތަކުގެ ދޮގު ޚަބަރުތައް މީސްތަކުންގެ ތެރޭގައި ފަތުރައެވެ. ނުރައްކާތެރިކަމަކީ ބައެއް މީހުން މިފަދަ ބުހުތާނު ދޮގުވާހަކަތައް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ މައްޗަށް ނުވަތަ އެހެންވެސް ޞާލިޙު ބޭކަލެއްގެ މައްޗަށް ރައްދުކޮށްފައި ހުންނަކަމެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ މައްޗަށް ދޮގު ހަދައިފިމީހަކު ވާހުށީ ނަރަކައިގައިކަމުގެ ވަރުގަދަ ވަޢީދުގެ ބަސްފުޅު، އެތައްއެތައް ޞަޙާބީބޭކަލުންގެ ކިބައިން ވަނީ އަހަރެމެންނާ ހަމައަށް އައިސްފައެވެ. މިފަދަ ދޮގުވާހަކަތައް މީސްތަކުންގެ ތެރޭގައި ފަތުރައިއުޅެނީ މިއަދަކު ނޫނެވެ. ޞަޙާބީންގެ ޒަމާނުއްސުރެ އެފަދަ ވާހަކަތައް ދަނީ ފަތުރަމުންނެވެ. މިގޮތުން ޚަޠީބުލް ބަޣްދާދީ ރަޙިމަހުﷲ ގެ 'އަލްކިފާޔާ' ކިޔުނުފޮތުގައި، އަދި އިބްނުލް ޖަވްޒީ ރަޙިމަހުﷲ ގެ 'އަލްމަވްޟޫ' އޭ ކިޔުނުފޮތުގައި ގެންނަވާފައިވާ ވާހަކައެއް ދަންނަވާލާނަމެވެ.
"(ކުރީގެ ޙަދީޘް ޢިލްމުވެރިއެއްކަމުގައިވާ) އަލްމުއައްމަލު ބިން އިސްމާޢީލް ގެ ކިބައިން ރިވާވެފައިވެއެވެ. އެޢިލްވެރިޔާ ވިދާޅުވިއެވެ. އުބައްޔު ބިން ކަޢުބު (ރަޟިޔަﷲ ޢަންހު) ކިބައިން، ކީރިތި ޤުރުއާނުގެ މަތިވެރިކަމާގުޅޭގޮތުން ރިވާވެފައިވާކަމަށްބުނާ ޙަދީޘެއް ތިމަންނައަށް ޝެއިޚަކު ކިޔައި ދިނެވެ. ފަހެ ތިމަންނަ އެޝެއިޚަށް ދަންނަވައިފީމެވެ. 'ތިބާއަށް މިޙަދީޘް ކިޔައިދިނީ ކާކު ހެއްޔެވެ؟' އެޝެއިޚު ވިދާޅުވިއެވެ. 'ތިމަންނައަށް މިޙަދީޘް ކިޔައިދިނީ މަދާއިން (ޢިރާޤުގެ ރަށެއް) ގެ މީހެކެވެ. އޭނަ އަދިވެސް ދުނިޔޭގައި އެބަހުއްޓެވެ.' ދެން ތިމަން މިމީހާގެ ކައިރިއަށް ދަތުރުކޮށްފައި ހިނގައްޖައީމެވެ. ފެހެ ތިމަންނަ މިމީހާއަށް ދަންނަވައިފީމެވެ. 'ތިބާއަށް މިޙަދީޘް ކިޔައިދިނީ ކާކު ހެއްޔެވެ؟' މިމީހާ ބުންޏެވެ. 'ތިމަންނައަށް މިޙަދީޘް ކިޔައިދިނީ ވާސިތާ (ޢިރާޤުގެ ރަށެއް) ގެ ޝެއިޚެކެވެ. އޭނަ އަދިވެސް ދުނިޔޭގައި އެބަހުއްޓެވެ.' ދެން ތިމަން މިމީހާގެ ކައިރިއަށް ދަތުރުކޮށްފައި ހިނގައްޖައީމެވެ. މިމީހާ ބުންޏެވެ. 'ތިމަންނައަށް މިޙަދީޘް ކިޔައިދިނީ ބަޞަރާ (ޢިރާޤުގެ ރަށެއް) ގެ ޝެއިޚެކެވެ.' ދެން ތިމަން މިމީހާގެ ކައިރިއަށް ދަތުރުކޮށްފައި ހިނގައްޖައީމެވެ. މިމީހާ ބުންޏެވެ. 'ތިމަންނައަށް މިޙަދީޘް ކިޔައިދިނީ ޢަބްދާން (އިރާނުގެ ރަށެއް) ގެ ޝެއިޚެކެވެ.' ދެން ތިމަން މިމީހާގެ ކައިރިއަށް ދަތުރުކޮށްފައި ހިނގައްޖައީމެވެ. މިމީހާ ތިމަންގެ އަތުގައި ހިފައިގެން ގެންގޮސް ގެއަކަށް ވައްދައިފިއެވެ. އެގޭގައި ބަޔަކު އެއްވެ ތިއްބެވެ. އެމީހުންގެ ތެރޭގައި ޝެއިޚަކު އިނެވެ. ތިމަން ގޮވައިގެން ދިޔަ މީހާ ބުންޏެވެ. 'ތިމަންނައަށް އެޙަދީޘް ކިޔައިދިނީ މިއިން ޝެއިޚެވެ.' ތިމަން (އެޝެއިޚަށް) ބުނީމެވެ. 'ތިބާއަށް މިޙަދީޘް ކިޔައިދިނީ ކާކު ހެއްޔެވެ؟' އެމީހާ ބުންޏެވެ. 'ތިމަންނައަށް އެއްވެސް މީހަކު މިޙަދީޘް ކިޔައެއް ނުދެއެވެ. ނަމަވެސް ތިމަންމެނަށް މިފެންނަނީ ޤުރުއާނާ މީހުން ދުރަށް ދާތަނެވެ. އެހެންވެ އެބައިމީހުން ކީރިތި ޤުރުއާނާ ކައިރިކުރުމަށްޓަކައި ތިމަން ޙަދީޘް ހަދައިލީއެވެ." لا حول ولا قوة إلاّ بالله.
މިވާހަކައިން އެނގޭގޮތުގައި އެންމެ ކުރިން ފަށައިގެންވެސް، މީސްތަކުންނަށް ހެޔޮކަންތައްތަކަށް ގޮވާލުމަށްޓަކައި މިފަދަ ޝައިޠާނީ ދޮގުވާހަކަތައް މީސްތަކުންގެ ތެރޭގައި ފަތުރާ ބަޔަކު އުޅެއެވެ. ދީނުގެ ޢިލްމު ލިބިފައިނުވާ އާއްމު މުސްލިމުންނަށް ވަރަށް ފަސޭހަކަމާއެކު މިފަދަ ވާހަކަތައް ޤަބޫލުކުރެވެއެވެ. އަޅުގަނޑުމެންގެ ރާއްޖޭގައިވެސް ތަފާތު ވައްތަރުގެ ދުޢާތައް ގަނޑުކޮޅުތަކުގައި ލިޔެގެން ބައެއްމީހުން ގެންގުޅެއެވެ. މިފަދަ ދުޢާތަކުގެ ތެރޭގައި އެއްވެސް އަޞްލެއްނެތް ދުޢާތައް ހިމެނެއެވެ. ވުމާއެކު، މިފަދަ ދުޢާއެއް ކިޔައި، އެހެން މީހަކަށް ދިނުމުގެ ކުރިން ދީނީ ޢިލްމު ޙާޞިލުކޮށްފައިވާ އިތުބާރުކުރެވޭ މީހެއްގެ ކިބައިން އެދުޢާގެ ތެދުދޮގު ބަލާލުން ހުއްޓެވެ.
ހަމައެފަދައިން ދޭތެރެ ދޭތެރެއިން މެއިލްގެގޮތުގައި އަންނަ މެސެޖެއްގެ ވާހަކައާއި، މިމެސެޖެށް ޝެއިޚް ޢަބްދުލް ޢަޒީޒް ބިން ބާޒް ރަޙިމަހުﷲ ދެއްވާފައިވާ ރައްދެއް ދަންނަވާލާނަމެވެ. މިމެސެޖަކީ އަބަދުވެސް ހަލުވިކަމާއެކު އިންޓަނެޓުގައި ފެތުރެމުންދާ މެސެޖެކެވެ. މިމެސެޖުގައި ވެއެވެ. "މިވަޞިއްޔަތަކީ ސަޢޫދީ އަރަބިއްޔާއިން އައިސްފައިވާ، އެންމެހާ މުސްލިމުންނާ މުޚާޠަބުކޮށްފައިވާ ވަޞިއްޔަތެކެވެ. މިވަޞިއްޔަތަކީ ރަސޫލާގެ މިސްކިތުގެ ތަޅުދަނޑިއާ ޙަވާލުވެފައިވާ، ޝެއިޚް އަޙްމަދުގެ ބަސްތަކެކެވެ. ހުކުރު ދުވަހެއްގެރޭ، ޝެއިޚް އަޙްމަދު ޤުރުއާން ކިޔެވުމަށްފަހު ނިދިތަނުން ހުވަފެނުގައި މިފެނުނީ ރަސޫލާއެވެ. ރަސޫލާ ޙަދީޘްކުރެއްވިއެވެ. 'އޭ ޝެއިޚް އަޙްމަދެވެ. މިހުކުރު ދުވަހު ގާތްގަނޑަކަށް 6000 މީހުން މަރުވެ، އެއިގެ ތެރެއިން އެކަކަށްވެސް ސުވަރުގެއަކަށް ނުވަދެވެއެވެ. އަންހެންވެރިން އެކަނބަލުންގެ ފިރިންގެ އަމުރުތަކަކަށް ކިޔަމަނެއް ނުވެއެވެ. މުސްލިމުންގެ ތެރެއިން މުދާހުރިމީހުން ފަޤީރުންނަކަށް އެހީއެއްނުވެއެވެ. މީސްތަކުންނަށް އަންގަވާ ދެއްވާފައިވާގޮތަކަށް އެބައިމީހުން ޙައްޖެއް ނުވެއެވެ. ނަމާދުގައި ކިޔަންޖެހޭ ތަކެއްޗެއް ނުކިޔައެވެ. ޝެއިޚް އަޙްމަދެވެ. މީސްތަކުންގެ ކައިރީ މިވަޞިއްޔަތް އައީ ތިބާގެ ފުށުންނޭ ބުނާށެވެ. އަދި މިދުނިޔޭގެ އެންމެހާ މުސްލިމުންނަށް މިވަޞިއްޔަތް ފޯރުކޮށްދިނުމަށްޓަކައި، އެބައިމީހުން މީގެ ކޮޕީތަކެއް ހަދައިގެން، އެހެން މުސްލިމުންނަށް ދޭހުށިކަމެވެ. މީގެކޮޕީތައް ހަދައިގެން އެހެން މުސްލިމުންނަށް ބަހާ އުޅޭމީހާއަށް އެކަމުގެ އަޖުރު ފެންނާނެއެވެ. އަދި ތިމަންކަލޭގެފާނުގެ ޝަފާޢަތް އެމީހަކަށް ލިބި، އެތައް އެތައް ދަރުމަޔަކާއި ޘަވާބެއް ލިބޭނެއެވެ. އަދި މިވަޞިއްޔަތަށް އަހައްމިއްޔަތުކަމެއްނުދީ، މިވަޞިއްޔަތް އެއްލައިލައިފިނަމަ އެމީހަކު އެކުރީ ބޮޑުވެގެންވާ ފާފައެކެވެ. އަދި މި ނުބަހައިފިމީހަކަށް ޤިޔާމަތްދުވަހު ﷲގެ ރަޙްމަތް ނުލިބޭހުއްޓެވެ." ޝެއިޚް އަޙްމަދު ބުންޏެވެ. "މިވަޞިއްޔަތުގެ 20 ކޮޕީ ބަހާށެވެ. އެއިރުން ރަސޫލާގެ ޝަފާޢަތް ލިބޭނެއެވެ. އަދި ހީވެސްނުކުރާފަދަ ކަންތައްތައް މެދުވެރިވާ ހުއްޓެވެ." މަދި މިސެޖުގައި މިވަޞިއްޔަތް ނުބެހި ބައެއް މީހުންނަށް ދިމާވި ޙާދިޘާތައްވެސް ބަޔާންކޮށްފައިވެއެވެ. އަދި މިވަޞިއްޔަތް ބެހިމީހުންނަށް ދިމާވި ހެޔޮގޮތްތައްވެސް ބަޔާންކޮށްފައިވެއެވެ. އަދި މިވަޞިއްޔަތް ތަފާތު އެތައް ޢިބާރާތްތަކުން ފެތުރިފައިވެއެވެ.
ހައިރާންވެ އަންތަރީސްވާވަރުގެ މެސެޖެކެވެ. ހިތާމަޔަކީ ކޮންމެ މީހަކުވެސް ބަލާލުމެއްނެތި ތިމާގެ އެކުވެރިންނަށް މިމެސެޖު ފޮނުވާލާކަމެވެ. މިވަޞިއްޔަތާ ބެހޭގޮތުން ޝެއިޚް ޢަބްދުލް ޢަޒީޒް ބިން ބާޒް ރަޙިމަހުﷲ ދެއްވަވާފައިވާ ރައްދު ދަންނަވާލާނަމެވެ.
"ޙަމްދު ހުރީ ﷲ އަށެވެ. ޝެއިޚް ޢަބްދުލް ޢަޒީޒް ބިން ބާޒް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. 'ތިމަންމެން މިދޮގު ވަޞިއްޔަތުގެ ޚަބަރު އެތައްފަހަރަކު މީގެ އެތައް އަހަރުތަކެއް ކުރިން އަޑުއަހަމެވެ. މީސްތަކުންގެ ތެރޭގައި އެކި ފަހަރުފަހަރު މަތިން މިވަޞިއްޔަތްވަނީ ފެތުރިފައެވެ. ޚާއްޞަކޮށް ޢާއްމުންގެ ތެރޭގައެވެ. މީގެ ބައެއްފަހަރަށް އިބާރާތްތައް ތަފާތުވެފައިވެއެވެ. މިވާހަކަ ކިޔައިދިން މީހަކު ބުނެފައިވަނީ އެމީހާއަށް ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ފެނުނުވާހަކައެވެ. އަދި މިމީހާއަށް ރަސޫލާ މިޚަބަރުތައް ދެއްވެވި ވާހަކައެވެ. އަދި މިވާހަކަ ފަތުރަން ޙަދީޘްކުރެއްވި ވާހަކައެވެ...... މިވާހަކަ ހެދިމީހަކު ވަނީ ބަޔާންވެ ފާޅުވެގެންވާ އެތައް ދޮގު ބާޠިލު ވާހަކަތަކެއް ބަޔާންކޮށްފައެވެ. މީގެ ކުރީ އަހަރުތަކުގައިވަނީ ތިމަންނައަށް މީގެ ޚަބަރު ލިބިފައެވެ. މިއަކީ ފާޅުވެގެންވާ ދޮގެއްކަމަށާއި، ބާޠިލު ވާހަކައެއްކަން ތިމަންވާނީ މީސްތަކުންނަށް ބަޔާންކޮށްދީފައެވެ. ނަމަވެސް އެންމެ ފަހުން މިވާހަކަ ފެތުރުނު އިރު، އެއަށް ރައްދު ދިނުމަށް ތިމަން ތަރައްދުދު ވިއެވެ. އެއީ މިވާހަކައިގެ ދޮގުކަމާއި ބާޠިލުކަން ފާޅުކަމުންނެވެ. ތިމަންނައަށް ހީވާގޮތުން ބުއްދި ސަލާމަތުން ހުރި އެކަކުވެސް މިވާހަކަތައް ޤަބޫލެއް ނުކުރާނެއެވެ.
ނަމަވެސް މިވަޞިއްޔަތުގެ ސަބަބުން ވަރަށް ގިނަ ބަޔަކު މަގުފުރެދި، އެބައިމީހުންގެ ތެރޭގައި މިވަޞިއްޔަތް ބަހައި، އަދި ބައެއް މީހުން މިވަޞިއްޔަތް ޤަބޫލުކޮށްފިކަމުގެ ޚަބަރުތައް ތިމަންގެ ވަރަށްގިނަ އަޚުންގެ ފަރާތުން ތިމަންނައަށްވަނީ ލިބިފައެވެ. ވުމާއިއެކު، މިވަޞިއްޔަތާ ދެކޮޅަށް އެއްޗެއް ދަންނަވާލުމަކީ ތިމަންފަދަ މީހަކު ކުރަންޖެހޭފަދަކަމެއްކަމުގައި ދެކެމެވެ. އެއީ އެއްވެސް މީހަކު މިވަޞިއްޔަތުގެ ސަބަބުން މަގުފުރެދި ނުދިޔުމަށްޓަކައި، އެވަޞިއްޔަތަކީ ބާޠިލު، އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ މައްޗަށް ހަދާފައިވާ ބުހުތާނު ދޮގެއްކަން ބަޔާންކުރުމަށްޓަކައެވެ. ދީނުގެ ޢިލްމުލިބިފައިވާ، އީމާންކަމުގެ، ނުވަތަ ފިޠުރަތު ސަލާމަތުންހުރި ހޭޖެހޭ ކޮންމެ މީހަކަށް މިވަޞިއްޔަތަކީ ވަރަށް ގިނަ ގޮތްގޮތުން ހަދާފައިވާ ބާޠިލު އެއްޗެއްކަން އެނގޭނެއެވެ.
ޝެއިޚް އަޙުމަދުގެ ބައެއް އާއިލާ މީހުންގެ ކައިރީ ތިމަން މިވަޞިއްޔަތާ ބެހޭގޮތުން ސުވާލުކުރީމެވެ. އެބައިމީހުން ބުނެފައިވަނީ އެއީ ޝެއިޚް އަޙުމަދުގެ މައްޗަށް ހަދާފައިވާ ދޮގެއްކަމަށެވެ. އެއީ އެޝެއިޚް ބުނި ވާހަކައެއްވެސް ނޫނެވެ. މިވާހަކައިގައިވާ ޝެއިޚް އަޙުމަދުވަނީ މީގެ ދުވަސްގަނޑެއް ކުރިން ނިޔާވެފައެވެ. ޝެއިޚް އަޙުމަދު ވިޔަސް އަދި އެހެން އެއަށްވުރެ ބޮޑު ޢިލްމުވެރިއެއްވިޔަސް، ހުވަފެނުގައި ނުވަތަ ހޭލާހުއްޓައި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ފެނި، މިފަދަ ވަޞިއްޔަތެއް ކޮށްފިކަމުގައިވާނަމަ، އަހަރެމެންނަށް އެނގޭނެކަމަކީ ހަމަޔަޤީނުންވެސް އެމީހަކު އެހަދަނީ ދޮގުކަމެވެ. ނުވަތަ އެމީހަކަށް މިފަދަ ވަޞިއްޔަތެއް ކުރީ ޝައިޠާނާކަމެވެ. ރަސޫލާއެއް ނޫންކަމެވެ. އެއީ ބައިވަރު ސަބަބުތަކަކަށްޓަކައެވެ. އޭގެ ތެރޭގައި އަންނަނިވި ސަބަބުތައްވެއެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ، އެކަލޭގެފާނުގެ ޙަޔާތުގައިވެސް އަދި އަވަހާރަވުމަށްފަހުވެސް ޙައްޤުބަހެއް ފިޔަވައި ޙަދީޘެއް ނުކުރައްވާނެއެވެ. ތިރީގައި ބަޔާންވެގެންވާ ފަދައިން، މިވަޞިއްޔަތަކީ އެކަލޭގެފާނު ގެނެސްދެއްވި ޝަރީޢަތާ ޚިލާފު ވަޞިއްޔަތެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ހުވަފެނުގައި ފެނިދާނެއެވެ. އެކަލޭގެފާނުގެ ޞޫރާގައި ހުވަފެނުގައި ފެނިއްޖެނަމަ ފަހެ އެމީހަކަށް އެކަލޭގެފާނު ފެނިއްޖެއެވެ. އެހެނީ ޞައްޙަ ޙަދީޘްތަކުގައި ވާފަދައިން ޝައިޠާނާއަށް އެކަލޭގެފާނުގެ ސިފާގައި ފާޅުނުވެވޭ ހުއްޓެވެ. ނަމަވެސް މިހުރިހާ ކަމެއް ބިނާވެފައިވަނީ ފެނުނު މީހާގެ އީމާންތެރިކަމަށާއި، ތެދުވެރިކަމަށާއި، ޢަދުލުވެރިކަމަށާއި، ހަނދާންހުރުމާއި، ދީންވެރިކަމަށާއި، އަމާނާތްތެރިކަމަށެވެ. އަދި ހަމަޔަޤީނުންވެސް އެމީހަކަށް އެފެނުނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އެކަލޭގެފާނުގެ ޞޫރައިގައިތޯ ނުވަތަ ނޫންތޯ ބަލަންޖެހެއެވެ. އެކަލޭގެފާނު ދުނިޔޭގައި ހުންނަވައި ޙަދީޘްކުރެއްވިކަމަށްބުނާ ޙަދީޘެއް އިތުބާރުކުރެވޭ ރާވީންގެ ކިބައިން ރިވާވެފައި ނުވާނަމަ އެއީ އިޢްތިމާދުކުރެވޭނެ ޙަދީޘެއް ނޫނެވެ. އަދި އެއީ ޙުއްޖަތެއްވެސް ނޫނެވެ. ނުވަތަ އިތުބާރުކުރެވޭ ރާވީންތަކެއް، އެއަށްވުރެ ބޮޑަށް އިތުބާރުކުރެވޭ ރާވީންގެ ކިބައިން އައިސްފައިވާ ޙަދީޘަކާ ޚިލާފުވާކަމުގައިވެފައި، އެދެޙަދީޘްގެ ތެރެއިން ހަދީޘެއް ނަސްޚުވެފައިވާތީވެ، ޖަމްޢުނުކުރެވިއްޖެނަމަ، މަންސޫޚަވި ޙަދީޘަކަށް ޢަމަލެއް ނުކުރެވޭނެއެވެ. އަދި ނާސިޚު ޙަދީޘަށް އެއިގެ ޝަރުޠުތަކާއެކު ޢަމަލުކުރެވޭނެއެވެ. ނަމަވެސް މިޤަވާޢިދާ ޚިލާފުވެ، ދެޙަދީޘް ޖަމާނުކުރެވިއްޖެނަމަ، ވާޖިބުވެގެންވަނީ ދަސްކުރުމުގެ ބާރުދަށް، އަދި ޢަދުލުވެރިކަން ދަށް ރާވީންގެ ކިބައިން އައިސްފައިވާ ޙަދީޘް ދޫކޮށްލުމެވެ. އެފަދަ ޙަދީޘެއްގެ ޙުކުމަކީ ޝާޛު ޙަދީޘެއްގެ ޙުކުމެވެ. އެޙަދީޘަކަށް ޢަމަލެއް ނުކުރެވޭނެއެވެ. ކަންމިހެންހުރިއިރު ޢަދުލުވެރިކަމެއް، އަދި އަމާނާތްތެރިކަމެއް ނޭނގޭ މީހަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ފަރާތްޕުޅުން ވަޞިއްޔަތެއް ގެނެސްފިނަމަ ޤަބޫލުކުރެވޭނީ ކިހިނަކުން ހެއްޔެވެ؟ މިފަދަ ވަޞިއްޔަތެއްގައި ޝަރީޢަތާ ޚިލާފުވާހަކައެއް ނެތްނަމަވެސް، މިފަދަ ޙާލަތެއްގައި ޖެހޭނީ އެވަޞިއްޔަތެއް ދޫކޮށްލައި، އެއަށް ސަމާލުކަންނުދިނުމެވެ. ވީއިރު، ވަޞިއްޔަތެއްގައިވާ ވާހަކަތަކެއް ބާޠިލުކޮށްލާނެ އެތައް ޙުއްޖަތްތަކެއްހުރެފައި، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ މައްޗަށް ދޮގު ހަދައިފައިވާ، އަދި ﷲ ހުއްދަނުކުރައްވާ ވާހަކަތަކެއް ހުރި ވަޞިއްޔަތެއް ވާނީ ކިހިނަކުންތޯއެވެ؟ އެހެނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
مَنْ قَالَ عَليَّ مَا لَمْ أَقُلْ فَلْيَتَبَوَّأ مَقْعَدَهُ مِنَ النَّارِ
މާނައީ: "ތިމަންކަލޭގެފާނު ވިދާޅުނުވާ ބަސްފުޅެއް ތިމަންކަލޭގެފާނުގެ މައްޗަށް ބުނެއްޖެމީހާ، ފަހެ ނަރަކައިން އޭނާގެ ޖަގަހަ ހޯދާހުށިކަމެވެ." (މިހާހިސާބަށް ޝެއިޚުގެ ޖަވާބު ކުރުގޮތަކަށް ނިމުނީއެވެ.)
މިއީ މިވަޞިއްޔަތާބެހޭގޮތުން އެންމެ ޢިލްމުވެރިޔަކު ދެއްވަވާ ފައިވާ ރައްދެކެވެ. މިނޫން އެހެން ޢިލްމުވެރިންވެސް މިވަޞިއްޔަތައް ރައްދު ދެއްވާފައިވެއެވެ. ދިގުވެދާނެކަމަށް މިހައިވަރުން ފުއްދައިލީމެވެ.
ކޮންމެއަކަސް، މިއީ މިފަދަ އެންމެ މިސާލެކެވެ. މިފަދަ އެތައް މެސެޖުތަކަކާއި، ދުޢާތަކެއް ވަނީ މީސްތަކުންގެ މެދުގައި ފެތުރިފައެވެ. އިސްލާމްދީން ބާވާލެއްވި ޢާލަމްތަކުގެ ވެރިއިލާހު ވަނީ އެދީން ފުރިހަމަކުރައްވާފައެވެ. އެއިލާހުގެ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ވަނީ ހެޔޮކަމެއް އޮތްނަމަ އެކަން އެކަލޭގެފާނުގެ އުއްމަތަށް ބަޔާންކޮށްދެއްވާފައެވެ. އުއްމަތަށް އެކަލޭގެފާނު ދައްކަވައި ދެއްވާފައިވަނީ ސާފުސީދާ ކަސިޔާރުކަމެއް ނެތް މަގެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الإِسْلاَمَ دِينًا އަލް މާއިދާ: 3
މާނައީ: "މިއަދު، ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަންއިލާހު ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންއިލާހުގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ތިމަންއިލާހު ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމްދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި، ތިމަންއިލާހު ރުހިވޮޑިގެންފީމެވެ."
އަދި ޢިރުބާޟް ބިން ސާރިޔާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
قَدْ تَرَكْتُكُمْ عَلَى الْبَيْضَاء، لَيْلُهَا كَنَهَارِهَا لاَ يَزِيْغُ عَنْهَا بَعْدِي إِلاَّ هَالِك (رواه ابن ماجه – السلسلة الأحاديث الصحيحة)
މާނައީ: "ހަމަކަށަވަރުން ތިމަންކަލޭގެފާނު ތިޔަބައިމީހުން ދޫކުރައްވާފައިވަނީ ސާފުސީދާ ތެދުމަގެއްގައެވެ. އެމަގުގެ ރޭގަނޑު ދުވާލުފަދައެވެ. ތިމަންކަލޭގެފާނަށްފަހު ހަލާކުވެއްޖެމީހަކުމެނުވީ އެމަގުން އެއްކިބާނުވާނެއެވެ."
ހަމައެފަދައިން، ގިނަގުނަވެގެންވާ ޛިކުރުތަކަކާއި، ދުޢާތަކަކާއި، ވަޞިއްޔަތްތަކެއް އެކަލޭގެފާނުގެ ކިބައިން ޞައްޙަ ރިވާޔަތްތަކުން ވަނީ އަޅުގަނޑުމެނާ ހަމައަށް ފޯރާފައެވެ. އެޛިކުރުތަކާއި، ދުޢާތަކުގެ މަތިވެރިކަމާގުޅޭގޮތުން އައިސްފައިވާ ޙަދީޘްތަކަކީ އިތުރު މިސާލަކަށް ބޭނުންނުވާނެ، ހެޔޮކަމަށް ދަހިވެތިވެފައިވާ މީހަކަށް ފުދިގެންވާނެ ޙަދީޘްތަކެކެވެ. ވުމާއިއެކު، އިތުބާރުނުކުރެވޭ، ޙަޤީޤަތެއްނެތް ތަކެތި އެހެން މީހަކަށް ދިނުމުގެ ކުރިން، ނުވަތަ އެފަދަ އެއްޗެއް ކިޔުމުގެ ކުރިން، ޢިލްމު ލިބިފައިވާ އިތުބާރުކުރެވޭ މީހެއްގެ ފަރާތުން އެފަދަ ތަކެތީގެ ޙަޤީޤަތް ހޯދުމަކީ ވަރަށްވެސް މުހިއްމުކަމެކެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑަށާއި، ތިބާއަށް ހިދާޔަތް ދައްކަވާށި!
والله تعالى أعلم وأحكم، وصلى الله وسلم وبارك على عبده ورسوله محمد وعلى آله وأصحابه ومن تبعهم بإحسان إلى يوم الدين، والحمد لله ربّ العالمين.

Read more...

10 March 2011

ޤުރުއާނަކީ ޙައްޤު ބަސްފުޅު ކަމަށް ޤަބޫލު ކުރާއިރު އެއަށް ޙުކުމް ކުރަން، ޤާނޫނު އަސާސީ ހަދަން ނުކެރިގެން މިއުޅެނީ ކީއްވެ ހެއްޔެވެ؟

އަލްއަޚް އަބޫ އަމަތުﷲ
ވިސްނާ ވިސްނާވެސް ހަމަ ނުވިސްނުނެވެ. ﷲ ތަޢާލާއަށް އުރެދި ހެއްދެވިހައި ފާފަތަކަށް އަރައިގަންނަ އިރު ހިތް ނުތަނަވަސްވެ ބިރުގަންނާތީއެއް ނޫޅެއެވެ. އެހެންނަމަވެސް އެއިލާހު ބާއްވާލެއްވެވި ޙުކުމްފުޅުތައް އެއީ ޤާނޫނު ކަމުގައި ހަދާ އެތަންފީޒު ކުރަން ހަމަ ގޮވާލެވޭ އިރަށް މިފެންނަނީ ބަޔަކު އެކަމާއި ބިރުން ހިތް ނުތަނަވަސްވެގެން އުޅޭ ތަނެވެ. ފަހެ މިއީ ހަމަ މުސްލިމުންހެއްޔެވެ؟

އެހެންޏާ ފަހެ، ﷲގެ ޙުކުމްފުޅުތައް ޤާނޫނު އަސާސީ ކަމުގައި ހެދުމީ ފުރިހަމަ މުސްލިމަކަށްވެ ﷲއާއި އެއިލާހުގެ ރަސޫލާއަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކުރުން ނޫން ހެއްޔެވެ. މުސްލިމަކަށް ވެވޭނީ ޤުރުއާނާއި ސުންނަތައް ފުރިހަމައަށް ކިޔަމަންތެރިވެ ބޯލަނބައިގެންނެވެ. ﷲ ތަޢާލާ ސޫރަތުއް ނިސާގައި ވަޙީ ކުރައްވާފައި ވެއެވެ.
"فَلا وَرَبِّكَ لا يُؤْمِنُونَ حَتَّى يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لا يَجِدُوا فِي أَنْفُسِهِمْ حَرَجاً مِمَّا قَضَيْتَ وَيُسَلِّمُوا تَسْلِيماً" (النساء:65)
"ކަލޭގެފާނުގެ ވެރި ރައްބު ގަންދެއްވަމެވެ. އެބައިމީހުންގެ މެދުގައި އުފެދޭ ދެބަސްވުންތަކުގައި ޙުކުމްކުރާ ފަރާތެއް ކަމުގައި ކަލޭގެފާނު ހަދައި، އަދި ކަލޭގެފާނު ކުރެއްވި ޙުކުމަށް އެބައިމީހުންގެ ހިތުގައި އެއްވެސް ނުރުހުންތެރި (ކިލަނބު) ކަމެއް ނެތި ފުރިހަމައަށް ޤަބޫލުކުރުމުން މެނުވީ އޭގެތެރެއިން ހަމައެކަކުވެސް އީމާންވި ކަމުގައި ނުވެއެވެ."

ފަހެ ޤުރުއާނައި ރަސޫލާގެ ސުންނަތުގައި ވާގޮތަށް ޙުކުމް ކުރަން ބިރު ގަންނަނީ، އޭގައި އެވަނީ ރޯމަރު ދޮގު ކަމަށް ޤަބޫލު ކުރާތީ ހެއްޔެވެ؟ ނުވަތަ އެއީ މިޒަމާނާ ނުގުޅޭ ބޯދާ ޙުކުމްތަކަށް ވާތީ ހެއްޔެވެ؟ ނޫންނަމަ އެއީ އިންސާނުންނަށް ގެއްލުން ހުރި ޙުކުމްތަކަކަށް ވާތީ ހެއްޔެވެ؟ ކޮންމެއަކަސް މިހެން ބުނާ މީހުން، މިއިންކާރު ކުރަނީ ﷲ ތަޢާލާގެ ކުޅަދުންވަންތަ ކަމަށެވެ. އެހެނީ ﷲއީ ހުރިހައި ކަމެއް އެންމެ މޮޅަށް ދެނެވޮޑިގަންނަވާ، އެންމެ މޮޅަށް ޙުކުމް ކުރައްވަވާ އިލާހެވެ. ފަހެ ﷲ ފިޔަވައި މީސްތަކުންގެ ޙައްޤުތައް އެއަށްުވުރެ ފުރިހަމައަށް އަދާ ކޮށްދޭ ފަރާތަކީ ކޮބައިތޯއެވެ؟ ﷲ ތަޢާލާ ސޫރަތުލް މާއިދާގައި ވަޙީ ކުރައްވާފައި ވެއެވެ.
"وَمَنْ أَحْسَنُ مِنَ اللَّهِ حُكْماً" (المائدة: 50)
"އަދި ދަންނާށެވެ. ޙުކުމް ކުރުމުގައި ﷲ އަށްވުރެ މޮޅީ ފަހެ ކާކު (ނުވަތަ ކޮންފަރާތެއް) ހެއްޔެވެ؟"

ދެން ބުނަމުން މިދަނީ އެއްވެސް ޒަމާނެއްގައި ރާއްޖޭގައި އިސްލާމީ ޝަރީޢަތަށް ޙުކުމް ނުކުރާ ވާހަކައެވެ؟ ދަންނާށެވެ. މިއީ އަކީ ކޮންމެހެން ދައްކަންވީ ވާހަކައެއް ނޫނެވެ. ޤުރުއާނަކީ ޙައްޤުކަމަށް ޤަބޫލު ކުރާނަމަ މިހާރުން މިހާރަށްވެސް ޤާނޫނަކީ އެއީ ކަމަށް ހަދައި އެތަންފީޒު ކުރަން ޖެހިލުންވަނީ ކީއްވެހެއްޔެވެ؟ ތިޔަ ދައްކާ ވާހަކައިން ދޭހަވަނީ: ބޯން ބޭނުމީ ފެނޭ، އެކަމަކު ބޯނީ ހަމަ ރަލޭ ބުނާ ހެންނެވެ. އާނ އެހެންޏާ ފަހެ މިގޮވަނީ، އަހަރުމެން ބޭނުމީ ކޮންމެވެސް ޑިމޮކްރަސީ އެކޭ ކިޔާފައި އެވެ. ދެން އެހެންވީއިރު ހުޅަނގުގެ މީހުން އެވެރިންގެ ދީނަކީ ނަސޯރާ ނުވަތަ ޔަހޫދީއޭ ކިޔާތީ އަހަރުމެންގެ ދީނުގެ ނަންވެސް ނަސޯރާ ނުވަތަ ޔަހޫދީ ދީނަށް ބަދަލު ކުރަންވީ ނޫން ހެއްޔެވެ. އެކަމަކު ހަމަ ދުލުން ކިޔާނީ އަހަރުމެންނަކީ މުސްލިމުންނޭ އެވެ. އޭރުން އެއޮތީ ފުރިހަމަ ޑިމޮކްރަސީ ގެނެވިފައެވެ. ﷲ ތަޢާލާ ސޫރަތުލް މާއިދާގައި ވަޙީ ކުރައްވާފައި ވެއެވެ.
"وَمَنْ لَمْ يَحْكُمْ بِمَا أَنْزَلَ اللَّهُ فَأُولَئِكَ هُمُ الْكَافِرُونَ"(المائدة: 44)
"އަދި ހަމަކަށަވަރުން ﷲ ތަޢާލާ ބާއްވާލެއްވި އެއްޗަކަށް ޙުކުމް ނުކުރާ މީހުން ދަންނާށެވެ. ފަހެ އެމީހުންނަކީ އެއީ ހަމަ ކާފަރުންނެވެ."

ދިވެހި ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ. ދަންނާށެވެ. ޑިމޮކްރަސީގެ ނަމުގައި އަޅުގަނޑުމެން މިތިބީ ދަލެއްގައި ޖައްސާފައެވެ. ދެން މިހާރު އެއުޅެނީ އަޅުގަނޑުމެންނަށް ނޭނގި އަޅުގަނޑުމެންގެ އަތްތައް ފުރަގަހަށް ލައި ކަސްދޮޅު އަޅުވާށެވެ. ޤާނޫނު ހެދުމުގެ ނަމުގައެވެ. އިންސާނީ ޙައްޤުތަކޭ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއޭ ނުވަތަ އެފަދަ ކޮންމެވެސް އެއްޗެއް ކިޔައިގެންނެވެ. ވަގުތު އޮއްވާ ސަމާލުވެ ރައްކާތެރިވާށެވެ. އަދި ދެން ޓެރަރިޒަމްގެ ނަމުގައި އަޅުގަނޑުމެންގެ އަނގަތަކުގައި ޓޭޕް އަޅުވާކަށްވެސް މާކަ ގިނަ ދުވަހެއް ނެތްކަން ނޭނގެއެވެ.

ދެން ފަހެ ދަންނާށެވެ. ﷲ ތަޢާލާ ފިޔަވައި އިލާހަކު ނުވާ ކަމަށާއި އެއިލާހު ބާއްވާލެއްވެވި ފޮތާއި ފޮނުއްވެވި ރަސޫލާއަކީ ޙައްޤުކަމުގައި ޤަބޫލު ކުރާ ބަޔަކު، އެދެ މަސްދަރަކީ ޤާނޫނު ކަމުގައި ހަދާ އެއަށް ޙުކުމް ކުރުމަށް ފަސްޖެހެންވީ ކީއްވެ ހެއްޔެވެ؟ ތިބާގެ މަންމަ ނުވަތަ ބައްޕަ ނުވަތަ އަނބިދަރީން އެއްވެސް ކުށެއްނެތި މަރައިފި މީހެއްގެ ކިބައިން ބަދަލެއްގެ ގޮތުގައި ޤިޞާޞް ހިފުމަށް (މަރުގެ ޙުކުމް ކުރުމަށް) ތިބާ ނޭދޭނެ ހެއްޔެވެ؟ ތިބާގެ އަނބިދަރީންގެ ގަޔަށް ގަދަކަމުން އަރައިގަނެ އަދި ނުވަތަ ތިބާ ބުރަ މަސައްކަތުން ހޯދާފައިވާ މުދަލާއި ފައިސާތައް ވަގަށް ފޭރި ގަންނަ މީހާއަށް ދީނުގައި ކަނޑައަޅާފައިވާ ޙައްޤު އަދަބުދޭން ތިބާ ބޭނުން ނުވާނޭ ހެއްުޔެވެ؟ ކޮންމެއަކަސް މިއީ ތިބާގެ ޙައްޤުގައި ﷲ ތަޢާލާ ލައްވަވާފައިވާ ޙައްޤުތަކެކެވެ.

ޑިމޮކްރަސީގެ ނަމުގައި އިންސާނީ ޙައްޤުތަކޭ މިނިވަންކަމޭ ކިޔައިގެން މިއުޅެނީ، ޙަޤީޤަތުގައި ތިބާއަށް ލިބިފައިވާ ޙައްޤުތަކާއި މިނިވަންކަން ނިގުޅައިގަންނާށެވެ. ދުނިޔޭގެ ކޮންމެ ޤައުމަކަށް ބަލައިލިޔަސް މިކަމުގެ ހެކިތައް މިއޮތީ ފެންނާށެވެ. ވައްކަމާއި ފޭރުމާއި، އޮޅުވާލުމާއި މަކަރު ހެދުމާއި ކޮރަޕްޝަނާއި މިޑާރޓީ ޕޮލިޓިކްސްއިން ދުރުހެލިވެ، ހިތްހަމަ ޖެހޭ ދިރިއުޅުމެއް އުޅެން ބޭނުންމީހާ ވަނީ ނުރައްކަލާއި ނަފްސާނީ ބިރުވެރި ކަމެއްގެ ތެރޭގައެވެ. މުޖުރިމުންނަށް ހޯދައިދީފައިވާ ޙައްޤުތަކެއްގެ ސަބަބުން މުދަލާއި އަނބިދަރިން ގޮވައިގެން އުޅެން މިޖެހެނީ މިފަދަ މުޖުރިމުންގެ ފަރާތުން ކުރިމަތިވެދާނޭ ކަމަކަށް ބިރުން ސިހިސިހި އެވެ. މިކަހަލަ ކޮންމެ ކަމެއްގެ ފަހަތުގައިވެސް އޮންނަނީ ސިޔާސީ ކޮންމެވެސް މަޤްޞަދެކެވެ.

ދަންނާށެވެ. އިސްލާމްދީނާއި ދިވެހި ރައްޔިތުންނަށް ޙަރާމްކޯރު ނުވުމަށް ﷲ ގަންދީ ހުވާކޮސްގެން ތިބެ، ދީނަށާއި މުޅި ޤައުމަށް ބަޔަކު އެތިބަ ދަނީ ޚިޔާނާތްތެރި ވަމުންނެވެ. އިސްލާމީ ޝަރީޢަތް ފޮހެލައި ޑިމޮކްރަސީ ގެނައުމަށްޓަކައެވެ. ކުރީގައިވެސް ބަޔާން ކުރިފަދައިން، ޤުރުއާނަކީ ޙައްޤު ބަސްފުޅު ކަމަށް ޤަބޫލު ކުރާ ބަޔަކު، އެޤުރުއާން ބޮލާލައި ޖަހައި އެއަށް ފުރަގަސް ދޭން ޖެހޭނޭ ސަބަބެއް އެބައޮތްހެއްޔެވެ؟

ނޫނެކެވެ. އެކަމަކު ކާފަރު ކަމަށް ހުރި ލޯތްބަކާއި ހުރި މުނާފިޤުކަމެއްގެ ބޮޑު ކަމުންނެވެ. މާލާއި ޖާހުގެ ބޭނުމުގައެވެ. ތިމާމެންގެ ރައްބަށް ރަސޫލަށް ދީނަށް ވިސްނާ ފިކުރުކޮށް އަޅާލުމެއްވެސް ނެތިއެވެ. މީގެތެރޭގައި މުޅީންހެން މިތިބީ ބޮޑެތި ވިޔަފާރިވެރިންނެވެ. ޤާނޫނާއި ޤަވާޢިދުތައް އެއްކިބާ ކޮށްލާފައި ތިމާގެ ވިޔަފާރި ފުޅާކޮށް މެކުހަށް ޖެހުމަށް ފެން ބޮވައިގެންފައިވާ މީހުންނެވެ. ވެރިކަމަށް ދަހިވެތި ވެގެން ފެން ބޮވައިގެންފައިވާ މީހުންނެވެ. ފަރަންޖީ އަޚުންގެ ފަރާތުން ލިބޭ ޑޮލަރު ބޮނޑިން ޖީބު ފުރާލުމަށް ދަހިވެތިވެގެން އުޅޭ މީހުންނެވެ.

ފަހެ އިސްލާމީ ޝަރީޢަތް ޤާއިމްވެއްޖެނަމަ މިފަދަ ބައެއްގެ އުއްމީދުތައް ކުނޑިކުނޑިވެ ވިއްސި ވިހާލިވެގެން ދިޔައީއެވެ. ރިބާއާއި ނުލާ ވިޔަފާރި ކުރަން ނޭދޭ އިރު، އިސްލާމީ ޝަރީޢަތް އަތުވެއްޖެނަމަ ރިބާ މަނާވީއެވެ. ލާރިއާއި ހިތްހަމަ ޖެހުން މިހޯދަނީ ރަލުންނާއި މަސްތުވާ ތަކެތިން ކަމުގައިވާއިރު، އިސްލާމީ ޝަރީޢަތް އަތުވެއްޖެ ކަމުގައިވާނަމަ، ރަލާއި މަސްތުވާތަކެތި މަނާކޮށް ޙައްދު ޖަހައި ބޯކަނޑަން ފަށާފާނެއެވެ. ސަރުކާރުގައި ވިޔަސް ނުވަތަ އަމިއްލަ ޕްރައިވެޓް ތަނެއްގައި ވިޔަސް ހަވާލު ކުރެވިފައިވާ އަމާނާތަށް ޚިޔާނާތްތެރިވެ ލާރިގަނޑު ކާލަނީއެވެ. އިސްލާމީ ޝަރީޢަތް އަތުވެއްޖެނަމަ މިފަދަ ކަންތައް ކުރާ މީހުންގެ އަތްތައް ކަނޑައި ކޮރަޕްޝަނާއި ވައްކަން މަނާވީއެވެ. މީހުންނާއި އިނދެގެން ތިބެވެސްމެ، ހިތްހަމަޖައްސާ މަޖާކޮށްލަން މިދަނީ އިންޑިޔާ ލަންކާ ނުވަތަ ބެންކޮކްގެ ނައިޓް ކްލަބް ތަކަށެވެ. ނުވަތަ ޒުވާން ޗާލު ކުދިން ގޮވައިގެން ރިސޯޓް ތަކަށެވެ. ނުވަތަ ކޮންމެވެސް މަސާޖް ޚާނާއަކަށެވެ. އިސްލާމީ ޝަރީޢަތް އަތުވެއްޖެނަމަ ޙައްދު ޖަހައި ރަޖަމް ކުރާނެއެވެ. އެހެންކަމުގައި ވެއްޖެނަމަ ކައިވެނީގެ ބޭރުން ހޯދަމުން މިދާ ދުނިޔެވީ އުފާތަކާއި ބޯފޮނިތައް މަނާވީއެވެ. ފަހެ މިފަދަ ކަންތައްތައް މަނާވާން ނޭދޭ ބަޔަކު، އިސްލާމީ ޝަރީޢަތް ޤާއިމްކުރަން ރުހޭނީ ކިހިނަކުންތޯއެވެ؟
.........................................................
ދީނީނިއުސް.ކޮމް އިނަ ނަގާފައި

Read more...

08 March 2011

ޛިކްރުކުރުމުގެ މާތްކަން

އައްޝައިޚް މުޙައްމަދު އިބްރާހިމް، ނައިފަރު
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. فَاذْكُرُونِي أَذْكُرْكُمْ وَاشْكُرُوا لِي وَلَا تَكْفُرُونِ (البقرة: ١٥٢) "ފަހެ ތިޔަބައިމީހުން ތިމަންﷲ ހަނދުމަކުރާށެވެ. އޭރުން ތިމަންﷲ ތިޔަބައިމީހުން ހަނދުމަކުރައްވާހުށީމެވެ. އަދި ތިޔަބައިމީހުން ތިމަންﷲއަށް ޝުކުރުވެރިވާށެވެ. އަދި ތިމަންﷲއަށް ތިޔަބައިމީހުން ކާފިރުނުވާށެވެ."

يَا أَيُّهَا الَّذِينَ آَمَنُوا اذْكُرُوا اللَّهَ ذِكْرًا كَثِيرًا (الأحزاب: ٤١) "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ގިނަވެގެންވާ ހަނދުމަކުރުމަކުން ﷲ ތަޢާލާ ހަނދުމަކުރާށެވެ."

وَالذَّاكِرِينَ اللَّهَ كَثِيرًا وَالذَّاكِرَاتِ أَعَدَّ اللَّهُ لَهُمْ مَغْفِرَةً وَأَجْرًا عَظِيمًا (الأحزاب: ٣٥) "ގިނަގިނައިން ﷲ ތަޢާލާ ހަނދުމަކުރާ ފިރިހެނުންނާއި އަދި ގިނަގިނައިން ﷲ ތަޢާލާ ހަނދުމަކުރާ އަންހެނުން ދަންނައެވެ. އެބައިމީހުންނަށްޓަކައި ﷲ ތަޢާލާ ފާފަފުއްސެވުމާއި މަތިވެރިވެގެންވާ އަޖުރު ތައްޔާރުކުރެއްވިއެވެ."

وَاذْكُرْ رَبَّكَ فِي نَفْسِكَ تَضَرُّعًا وَخِيفَةً وَدُونَ الْجَهْرِ مِنَ الْقَوْلِ بِالْغُدُوِّ وَالْآَصَالِ وَلَا تَكُنْ مِنَ الْغَافِلِينَ (الأعراف: ٢٠٥) "އަދި ތިބާގެ ނަފްސުގައި މަޑުމޮޅިކަމާ ބިރުވެތިކަމާއެކު އަދި އަޑު އުފުލުމެއް ނެތި ހެނދުނާ ހަވީރު ތިބާގެ ވެރި ރަސްކަލާނގެ ހަނދުމަކުރާށެވެ. އަދި ޣާފިލުވި މީހުންގެ ތެރެއިން ތިބާ ނުވާށެވެ."

އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅުކުރެއްވިއެވެ. "އެމީހަކު ހައްދަވާބޮޑުކުރެއްވި ރަސްކަލާނގެ ހަނދުމަކުރާމީހާއާއި، އަދި އެމީހަކު ހައްދަވާބޮޑުކުރެއްވި ރަސްކަލާނގެ ހަނދުމަނުކުރާމީހާގެ މިސާލަކީ ދިރިހުރި މީހަކާއި މަރުވެފައިވާ މީހެއްގެ މިސާލެވެ." (1)

އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅުކުރެއްވިއެވެ. "ތިޔަބައިމީހުންގެ ޢަމަލުތަކުގެ ތެރެއިން އެންމެ ހެޔޮ ޢަމަލަކީ ކޮބައިކަމާ، އަދި ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެ ޙަޟްރަތުގައި އެންމެ ޠާހިރުކަންބޮޑު ޢަމަލަކީ ކޮބައިކަމާ، އަދި ތިޔަބައިމީހުންގެެ ދަރަޖަތަކުގައި އެންމެ އުފުލިގެންވާ ޢަމަލަކީ ކޮބައިކަން ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ވިދާޅުވެދެއްވަން ހެއްޔެވެ؟ އެކަމަކީ ތިޔަބައިމީހުންނަށް ރަނާއި ރިހި ހޭދަކުރުމަށް ވުރެވެސް ހެޔޮވެގެންވާ ކަމެކެވެ. އަދި ތިޔަބައިމީހުންގެ ޢަދުއްވުންނާއި ތިޔަބައިމީހުން ބައްދަލުކޮށް އެބައިމީހުންގެ ކަރުތައް ކަނޑާ އަދި އެބައިމީހުން ތިޔަބައިމީހުންގެ ކަރުތައް ކެނޑުމަށްވުރެވެސް ތިޔަބައިމީހުންނަށް ހެޔޮވެގެންވާ ކަމެކެވެ. ޞަޙާބީން ދެންނެވިއެވެ. އާދޭހެވެ! ވިދާޅުވެދެއްވާށެވެ! ޙަދީޘްފުޅުކުރެއްވިއެވެ. އެއީ ﷲ އަށް ޒިކުރުކުރުމެވެ. (2)

އަދި ޤުދުސީ ޙަދީޘްފުޅެއްގައި އައިސްފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅުކުރެއްވިއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. "ތިމަންﷲ ވޮޑިގެންވަނީ ތިމަންﷲގެ އަޅާ ތިމަންﷲއާ ދޭތެރޭ ހީކުރާގޮތެއްގެ މަތީންނެވެ. އޭނާ ތިމަންﷲ ހަނދުމަކުރާ ހިނދު ތިމަންﷲ ވޮޑިގެންވަނީ އޭނާއާ އެކުގައެވެ. ފަހެ އޭނާގެ އަމިއްލަ ނަފްސަށް އޭނާ ތިމަންﷲ ހަނދުމަކޮށްފިނަމަ ތިމަންﷲވެސް އޭނާ ހަނދުމަކުރައްވާހުށީމެވެ. އަދި އޭނާ ޖަމާޢަތެއްގެ ތެރޭގައި ތިމަންﷲ ހަނދުމަކޮށްފިނަމަ އެ ޖަމާޢަތަށްވުރެ ހެޔޮ ޖަމާޢަތެއްގައި އޭނާ ހަނދުމަކުރައްވާހުށީމެވެ. އަދި އޭނާ ތިމަންﷲއާ ކައިވަތަކަށް ކުއްތަން ވެއްޖެނަމަ ތިމަންﷲ އޭނާއާ މުށަކަށް ކައިރިވެވޮޑިގަންނަވާހުށީމެވެ. އަދި އޭނާ ތިމަންﷲއާ މުށަކަށް ކުއްތަންވެއްޖެނަމަ ތިމަންﷲ އޭނާއާ ބޮމައަކަށް ކައިރިވެވޮޑިގަންނަވާހުށީމެވެ. އަދި އޭނާ ތިމަންރަސްކަލާނގެ ޙަޞްރަތަށް ހިނގާފައި އައިސްފިނަމަ ތިމަންރަސްކަލާނގެ އޭނާގެ ކައިރިއަށް އެއަށްވުރެ ހަލުއިކޮށް ވޮޑިގަންނަވާހުށީމެވެ." (3)

އަދި މާތް ﷲ ރުއްސުންލެއްވި عبد الله بن بسر ގެ އަރިހުން ރިވާވެގެންވެއެވެ. ހަމަކަށަވަރުން މީހަކު ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ! ހަމަކަށަވަރުން ދީނުގެ ޝަރީޢަތްތައް އަހަރެމެންގެ މައްޗަށް ގިނަވެގެންވެއެވެ. ފަހެ އަހަރެން އެކަމެއްގައި ވަރުގަދަޔަށް ހިފަހައްޓާނޭކަމެއް އަހަރެންނަށް ބުނެދެއްވާށެވެ. ޙަދީޘްފުޅުކުރެއްވިއެވެ. "ތިބާގެ ދޫ އަބަދުވެސް ﷲ އަށް ޒިކުރުކުރުމުގައި ތެތްކޮށް ބަހައްޓާށެވެ." (4)

އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅުކުރެއްވިއެވެ. "ﷲ ފޮތުން އެންމެ އަކުރެއް ކިޔައިފި މީހާއަށް އޭގެސަބަބުން ހެޔޮކަމެއް ވެއެވެ. އަދި ކޮންމެ ހެޔޮކަމަކީ ދިހަ ހެޔޮކަމެވެ. (الم) އަކީ އެންމެ އަކުރެކޭ ތިމަންކަލޭގެފާނު ވިދާޅެއްނުވަމެވެ. އެކަމަކު އަލިފަކީ އަކުރެކެވެ. ލާމަކީ އަކުރެކެވެ. އަދި މީމަކީ އަކުރެކެވެ." (5)

އަދި މާތް ﷲ ރުއްސުންލެއްވި عقبة بن عامر ގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެއްދުވަހަކު ގެއިން ނުކުމެވަޑައިގެންފިއެވެ. އޭރު އަހުރެމެން ވަނީ ޞުއްފާ ގައެވެ. ފަހެ އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ. "ތިޔަބައިމީހުންގެ ތެރެއިން، ކޮންމެ ދުވަހަކު ބުޠްޙާނަށް ނުވަތަ ޢަޤީޤަށް ގޮސް އެތަނުން އެއްވެސް ފާފައަކާ ނުލައި އަދި އެއްވެސް ގުޅުމެއް ނުކަނޑައި ބޮޑު ގޮންގަނޑުލީ ދެ ޖަމަލު ހިފައިގެން އައުމަށް ލޯބިކުރަނީ ކާކުހެއްޔެވެ؟" ފަހެ އަހަރެމެން ދަންނަވައިފީމެވެ. އޭ ﷲ ގެ ރަސޫލާއެވެ! އަހަރެމެން އެކަމަށް ލޯބިކުރަމެވެ. ޙަދީޘްފުޅުކުރެއްވިއެވެ. "ފަހެ ތިޔަބައިމީހުންގެ ތެރެއިން މީހަކު މިސްކިތަށް ނުދާނަންހެއްޔެވެ؟ އަދި މިސްކިތަށް ގޮސް ﷲ ގެ ފޮތުން ދެ އާޔަތް ކިޔަވައިދިނުމާއި ނުވަތަ ދެއާޔަތް ކިޔުން އޭނާއަށް އެ ދެޖަމަލަށްވުރެ ހެޔޮކަން ބޮޑުވެގެންވެއެވެ. އަދި ތިންއާޔަތް އޭނާއަށް ތިން ޖަމަލަށްވުރެ ހެޔޮކަން ބޮޑެވެ. އަދި ހަތަރުއާޔަތް ހަތަރުޖަމަލަށްވުރެ ހެޔޮކަން ބޮޑެވެ. އަދި އާޔަތުގެ ޢަދަދު ގިނަވުން އެޢަދަދުގެ ޖަމަލަށްވުރެ ހެޔޮކަން ބޮޑުވެގެންވެއެވެ." (6)

އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅުކުރެއްވިއެވެ. "މަޖިލީހެއްގައި އިށީނދެ، އެތާނގައި ﷲ ގެ ޒިކުރު ނުކޮށްފި މީހާދަންނައެވެ. އޭނާގެ މައްޗަށް ﷲގެ ޙަޟްރަތުން ގެއްލުމާއި ހަލާކުވެއެވެ." (7)

އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅުކުރެއްވިއެވެ. "އެއްވެސް ބަޔަކު މަޖިލީހެއްގައި، ﷲ އަށް ޒިކުރުނުކޮށް އަދި އެބައިމީހުންގެ ނަބިއްޔާގެ މައްޗަށް ޞަލަވާތް ނުކިޔަވައިފިނަމަ އެބައިމީހުންގެ މައްޗަށް ގެއްލުމާއި ހަލާކު ނުވާގޮތަކަށް އެ މަޖިލީހުގައި އެބައިމީހުން ނުއިށީނދެއެވެ. ފަހެ ﷲ އިރާދަކުރައްވައިފިނަމަ އެބައިމީހުންނަށް ޢަޛާބުދެއްވައެވެ. އަދި އެކަލާނގެ އިރާދަކުރައްވައިފިނަމަ އެބައިމީހުންނަށް ފާފަފުއްސަވައިދެއްވައެވެ." (8)

އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅުކުރެއްވިއެވެ. "އެއްވެސް ބަޔަކު މަޖިލީހެއްގައި ﷲ އަށް ޒިކުރު ނުކޮށްފިނަމަ އެމަޖިލީހުން އެބައިމީހުން ތެދުވާހިނދު، މަރުވެފައިވާ ހިމާރެއްގެ މަސްގަނޑުފަދަ އެއްޗަކުން ތެދުވާ ބަޔަކުކަމުގައި މެނުވީ ނުވެއެވެ. އަދި އެބައިމީހުންނަށް ހިތާމަވެރިކަން ހުއްޓެވެ." (9)
...........................................................................
1- رواه البخاري. އަދި مسلم ގައި ރިވާވެގެންވަނީ މިފަދައިންނެވެ. "އެގެއެއްގައި ﷲ ހަނދުމަކުރެވޭ ގެއަކާއި އެގެއެއްގައި ﷲ ހަނދުމަނުކުރެވޭ ގޭގެ މިސާލަކީ ދިރިހުރިމީހަކާއި މަރުވެފައިވާމީހެއްގެ މިސާލެވެ.
2- رواه الترمذي وابن ماجة وصحّحه الألباني.
3- رواه البخاري ومسلم واللفظ للبخاري. (މި ޙަދީޘްފުޅުގައި ﷲ، އަޅާއާ ކައިރިވެވޮޑިގަތުމުގެ މުރާދަކީ އެކަލާނގެ، އަޅާއަށް ޘަވާބު ގިނައިން ދެއްވުމެވެ. އެބަހީ އޭނާ ގިނައިން ﷲ ހަނދުމަކޮށްފިނަމަ އަދި ހެއުޢަމަލާގެން އެކަލާނގެ ޙަޟްރަތަށް ކުއްތަންވެއްޖެނެމަ އެކަލާނގެ، އޭނާއަށް ގިނައިން ޘަވާބުދެއްވާނެއެވެ.)
4- رواه الترمذي وابن ماجة وصحّحه الألباني.
5- رواه الترمذي وصحّحه الألباني
6- رواه مسلم.
7- رواه أبوداود. وصحّحه الألباني.
8- رواه الترمذي وصحّحه الألباني.
9- رواه أبوداود وأحمد وصحّحه الألباني.

.........................................
ޙިސްނުލް މުސްލިމް މިފޮތުން ނަގާފައި

Read more...

03 March 2011

އިމްތިޙާން

ކްލިކްފޮރއިސްލާމް އިން ނަގާފައި
އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ބަނީ އިސްރާއީލު ބާގައިގެ ތިން މީހަކު އުޅުނެވެ އެކަކީ، ބޮލުގައި އިސްތަށިނެތް މީހެކެވެ. އަނެކަކީ ޖުޒާމު ބަލި ޖެހިފައިވާ މީހެކެވެ. ތިންވަނަ މީހާއަކީ ލޯއަނދިރި މީހެކެވެ. އަރަހުށި މާތް ރަސްކަލާނގެ އެތިން މީހުން އިމްތިޙާން ކުރައްވަން މިންވަރު ކުރެއްވި ހިނދު އެމީހުންގެ ގާތަށް މަލާއިކަތަކު ފޮނުއްވިއެވެ.
މިމަލާއިކަތާ އެންމެ ފުރަތަމަ ވަޑައިގަތީ ޖުޒާމު ބަލިޖެހިފައިވާ މީހާ ގާތަށެވެ. އޭނާއާ ސުވާލު ކުރެއްވިއެވެ.
"ދުނިޔެއިން އެންމެ ބޭނުމީ ކޮންކަމެއް؟"
ޖުޒާމު ބަލީގެ މީހާ ވަރަށް ބޮޑަށް ބެނުންވެގެންހުރެ ބުންޏެވެ.
"ރީތި ކުލައެއް، ރަނގަޅު ހަމެއް - މިބަލިން އަހަރެން ސަލާމަތްވުން. މިބަލީގެ ސަބަބުން މީހުންގެ ކުރިމަތީގައި އަހަރެން ވެފައިވާ ނިކަމެތިކަމުން މިންޖުވުން."
މަލާއިކަތާ އެކަލޭގެ ގައިގާ އަތްޕުޅު ފިރުންމައި ލެއްވިއެވެ. އެއާއެކު މާތް ރަސްކަލާނގެ ފަޟްލުވަންތަކަމުން އޭނާ ހަމަ މުޅީން ރަނގަޅުވެއްޖެއެވެ. މިހާރު އޭނާއަކީ، ރީތި މީހެކެވެ. އޭނާގެ ހަންވެސް އެހައިމެ ރީތިވެފައި އޮމާނެވެ. އެމަލާއިކަތާ އަނެއްކާވެސް އެއްސެވިއެވެ.
"އެންމެ ބޭނުން މުދަލަކީ ކޮބާ؟"
އޭނާ ޖަވާބު ދިނެވެ. "ޖަމަލު"
މަލާއިކަތާ އޭނާއަށް ދިހަ ޖަމަލު ދެއްވަމުން ވިދާޅުވިއެވެ. "މާތް ރަސްކަލާނގެ ކަލެއަށް މިޖަމަލުތަކުގައި ބަރަކާތް ލައްވާނެ."
ޖުޒާމުބަލީގެ މީހާގާތުން މަލާއިކަތާ ދެންވަޑައިގަތީ އިސްތަށިވެރި ތަލަވެފައިހުރި މީހާ ގާތަށެވެ. މަލާއިކަތާ އޭނާޔަށްވެސް ހަމައެފަދައިން ސުވާލު ކުރެއްވިއެވެ.
"ދުނިޔެއިން އެންމެ ބޭނުމީ ކޮންކަމެއް؟"
އޭނާ ޖަވާބު ދިނެވެ. "ރަނގަޅު އިސްތަށިގަނޑެއް. އޭރުން ތަލަވުމުގެ ހުތުރު ބަލިން އަހަރެން ސަލާމަތް ވެދާނެ. އެއީ، މީހުން ކެނޑިނޭޅި އަހަންނަށް މަލާމަތްކޮށް ހަދާކަމެއް."
މަލާއިކަތާ އޭނާގެ ގައިގާ އެއްފަހަރު ފިރުމައިލެއްވިއެވެ. ތަލަވުމުގެ ބަލި ހަމައެއްފަހަރުން އެފިލައިގެން ދިޔައީއެވެ. އޭނާއަށް މާތް ﷲ ރަނގަޅު ރީތި، އިސްތަށިގަނޑެއް ދެއްވައިފިއެވެ. މަލާއިކަތާ އޭނާޔާވެސް ދެވަނަ ސުވާލު ކުރެއްވިއެވެ.
"ދުނިޔެއިން އެންމެ ބޭނުމީ ކޮން މުދަލެއް؟"
އޭނާ ތެޅިގެންގައި ޖަވާބު ދިނެވެ. "ގެރިއެއް"
މަލާއިކަތާ، އޭނާޔަށް ގެރިއެއް ދެއްވިއެވެ. އަދި ދުޢާކުރެއްވިއެވެ. އަރަހުށި މާތް ރަސްކަލާނގެ މިގެރީގައި ކަލެއަށް ބަރަކާތް ލައްވާނެތެވެ.
މިތަނުން ދެން މަލާއިކަތާ ވަޑައިގަތީ ލޯއަނދިރި މީހާ ގާތަށެވެ. އޭނާޔާވެސް ހަމަ އެސުވާލު ކުރެއްވިއެވެ.
"ދުނިޔެއިން އެންމެ ބޭނުމީ ކޮންކަމެއް؟"
އަނދިރި މީހާ ޖަވާބު ދިނެވެ. "އަރަހުށި މާތް ރަސްކަލާނގެ އަހަންނަށް އަހަރެންގެ ލޮލުގެ އަލިކަން ދެއްވާނެނަމަ ކިހާރަނގަޅު! އޭރުން އަހަންނަށް މީހުން ފެންނާނެ."
މަލާއިކަތާ އޭނާގެ ގައިގާ އަތްޕުޅުލެއްވިއެވެ. ހަމަ އަތްޕުޅު ލެއްވުމާއެކު، މާތް ރަސްކަލާނގެ އޭނާގެ ލޮލުގެ އަލިކަން އަނބުރާ ދެއްވައިފިއެވެ. ދެން މަލައިކަތާ، އޭނާޔާވެސް ދެވަނަ ސުވާލު ކުރެއްވިއެވެ.
"ދުނިޔެއިން އެންމެ ބޭނުމީ ކޮންކަހަލަ މުދަލެއް؟"
އޭނާ ޖަވާބު ދިނެވެ. "ބަކަރިއެކެވެ."
މަލާއިކަތާ އޭނާއަށް ބަކަރިޔަކާ ގިތެލަކާ ދެއްވިއެވެ.
ވަގުތު ވޭތުވަމުން ދެއެވެ. ދުވަސްތައް ފާއިތުވަމުން ދެއެވެ. ތިންމީހުންގެ ޖަނަވާރުތައް ވިހައި އެތަކެތި ގިނަވަމުން ދެއެވެ. މާތް ﷲ އެމީހުންގެ މުދަލުގައި ބަރަކާތް ލެއްވިއެވެ.
އެތިން މީހުންގެ އަތުގައި މިހާރު ވަރަށް ގިނަ ޖަމަލާއި ގެރިއާއި ބަކަރިތައް ވެއެވެ.
އެތައް ދުވަހަކަށްފަހު، އެއްކަލަ މަލާއިކަތާ ޖުޒާމު ބަލީގެ މީހާ ގާތަށް ވަޑައިގަތެވެ. ވަޑައިގަތީ ޖުޒާމު ބަލި ޖެހިފައިވާ މީހެއްގެ ސިފައިގައެވެ. ވާހަކަ ފެއްޓެވީ މިގޮތަށެވެ.
"އަޅުގަނޑަކީ ނިކަމެއްޗަކީން، ދަތުރުމަތީގައި، އަޅުގަނޑުގެ ހުރިހައި އެއްޗެއް ހުސްވެއްޖެ. ދެންއޮތީ ހަމައެކަނި އެކަލާނގެ އެހީތެރިކަން، ނުވަތަ ކަލާގެ ދީލަތި އެހީތެރިކަން، ކަލާޔަށް ތިޔަ ރީތި ސޫރަޔާއި ރީތި ހަމާ އަދި ގިނަގުނަ ޖަމަލުތައް މުދަލުގެ ސިފައިގައި ދެއްވި ރަސްކަލާނގެއަށްޓަކައި މިދަތުރުގައި އަޅުގަނޑަށް ކޮންމެވެސް އެއްޗެއް ދެއްވާ."
އެމީހާ އަނެއްފަރާތަށް މޫނު އަނބުރާލާފައި ޖަވާބު ދިނެވެ.
"އަހަރެންނަށް ވަރަށް ގިނަ ކަންތައް ކުރަން ޖެހިފައި އެބަހުރި."
ދެން މަލާއިކަތާ ޙަޤީޤަތް ހާމަކޮށްދެއްވަމުން ވިދާޅުވިއެވެ.
"އަހަރެން ކަލޭ ދަންނަން. ކަލޭތީ އިހަށް ޖުޒާމު ބަލި ޖެހިފައިހުރި މީހެއް. މީހުން ކަލޭދެކެ ވަރަށް ފޫހިވޭ. ކަލެއަކީ ބޮޑު ފަޤީރެއް. އެހެން އެކަން ހުއްޓާ އަރަހުށި މާތް ރަސްކަލާނގެ ކަލެއަށް ފުރިހަމަ ސިއްޙަތެއް ދެއްވައި، މުދާވެރިކަން ދެއްވީ. މީދޮގެއްތަ؟"
އެމީހާ ބޮޑާވެލާފައި ބުންޏެވެ.
"މީ އަހަރެންގެ ޚާންދާނުގެ މުދަލެއް. މިމުދަލުގެ ވާރިޘަކީ ޚުދް އަހަރެން."
މަލާއިކަތާ ވިދާޅުވިއެވެ.
"ތިޔަ ހަދަނީ ދޮގުކަމުގައި ވަނީވިއްޔާ މާތް ﷲ ކަލޭ ކުރންވެސް ހުރި ސިފަޔަށް ބަދަލުކޮށްދެއްވާނެތެވެ."
ދެން، އެމަލާއިކަތާ ވަޑައިގަތީ ބޮލުން އިސްތަށި ވެރިފައި ހުރި މީހާގެ ގާތަށެވެ. ބޮލުން އިސްތަށި ވެރިފައިހުރި މީހެއްގެ ސިފައިގައެވެ. އޭނާވެސް ކުރީމީހާ ފަދައިން މަލާއިކަތާއަށް ހަމަ އެޖަވާބު ދީފިއެވެ. މިހެން ބުނުމާއެކު މަލާއިކަތާ އޭނާޔާމެދުވެސް އެފަދައިން ވިދާޅުވިއެވެ.
"ތިޔަހަދަނީ، ދޮގުކަމުގައި ވަނީ ވިއްޔާ މާތް ﷲ ކަލޭ ކުރިންވެސް ހުރި ސިފަޔަށް ބަދަލުކޮށް ދެއްވާނެތެވެ."
ދެން މަލާއިކަތާ، އަނދިރި މީހެއްގެ ސިފައިގައި އެއްކަލަ އަނދިރި މީހާ ގާތަށް ވަޑައިގަތެވެ. ވަޑައިގެން ވިދާޅުވިއެވެ.
"އަހަންނަކީ، އަތްމަތި ދަތިވެފައިވާ ދަތުރުވެރިޔަކީން. މިދަތުރުގައި އަހަރެންގެ ހުރިހައި އެއްޗެއް އަތްމަތީން ގޮސް ހުސްވެއްޖެ. ދެން އޮތީ އެކަލާނގެ އެހީތެރިކަން. ނުވަތަ ކަލާގެ ދީލަތި އެހީތެރިކަން، އަހަރެން އެކަލާނގެއަށްޓަކައި މިދަތުރަށް އެހީއަކަށް ތިޔަތަނުން ބަކަރިއެއް ދެއްވާތޯ ނަންގަތިން. ކަލާއަށް ލޮލުގެ ފެނުން ދެއްވީ އެކަލާނގެ."
އެމީހާ ބުންޏެވެ. "ޝައްކެއްވެސްނެތް. ދެވަނަ ފަހަރަށް އަހަންނަށް ލޮލުގެ ނޫރު ދެއްވީ މާތް ﷲ. އަހަންނަކީ އިހަށް ފަޤީރެއް. އަހަރެން މުއްސަންޖަކަށް ހެއްދެވީ އެކަލާނގެ. ކަލެއަށް ހުރިހައި އެއްޗެއް މިހިރީ ހަމަ ހުރިގޮތަށް. ބޭނުން އެއްޗެއް ބޭނުން ވަރަކަށް ގެންދޭ. ބޭނުންނޫން އެއްޗެއް ބަހައްޓާ. މާތް ރަސްކަލާނގެ ގަންދީފައި ބުނަން. މާތް ރަސްކަލާނގެ ނަންފުޅުގައި ދޭން ތިޔަ އެދުނު އެއްވެސް އެއްޗެއް ދިނުމަކާ ދެކޮޅެއް ނުހަދަން."
ދެން މަލާއިކަތާ އޭނާއަށް އުފާވެރިކަމުގެ ޚަބަރު ދެއްވިއެވެ.
"ކަލޭ ތިޔަ ހުރިހާ މުދާ އަތުގައި ބަހައްޓާ. ތިޔައިގެ ތިން މީހުން މާތް ﷲ އިމްތިޙާން ކުރެއްވީ. މާތް ﷲ ރުހިވޮޑިގަތީ ހަމައެކަނި ކަލެޔާ. އަނެއް ދެރައްޓެހިންނަށް ކޯފާވެ ވޮޑިގެންފި."

Read more...

26 February 2011

އިތުބާރު ޝިފާއަށް – ކެތްތެރިވުން މީރު ނިމުމަކަށް

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދުލްޣަފޫރު
ބަލިވުމުން ބަލިން ފަސޭހަވާނެ ކަމުގެ އިތުބާރު ހިތުގައި އޮތުމަކީ ބަލިން ފަސޭހަވުމަށް އެޅޭ ބާރެކެވެ. އެހެނީ ބަލިން ފަސޭހަވާނޭކަމުގެ އެއްވެސް ޔަޤީންކަމެއް އުއްމީދެއްނެތި، މާޔޫސްވެފައިވާ ޙާލުގައި ފަރުވާކުރަނީ ނަމަ އެފަރުވާގެ އެއްބައި މަދެވެ.
ބަލިމީހުންގެ ހިތުގައި އިތުބާރު އުފެއްދުމަށް ޑޮކްޓަރުން މަސައްކަތްކުރެއެވެ. އިތުބާރު އުފެއްދުމަކީ ބަލި ފަސޭހަވުމުގެ އެއްސަބަބެވެ.
ބަލިވުމުން އަމިއްލަ ނަފްސު ކުށްވެރިކުރެވޭ މީހުންނަކީ އެމީހުންގެ އީމާންކަމާމެދު އަލުން ވިސްނަން ޖެހިފައިވާ ބަޔެކެވެ. ބަލިވުމަކީ ކުރިމަތިވާ އިމްތިޙާނެކެވެ. ކެތްތެރިކަމުގެ އަޖުރު ލިބިގަތުމަށް އިންސާނާ ހެއްދެވި ފަރާތުން އޭނާއަށް ދެއްވާ އަގުހުރި ފުރުޞަތެކެވެ.
ބައެއް މީހުން އެބައިމީހުންގެ ޙަޔާތުގެ ބޮޑުބައި ބަލި ޙާލުގައި ހޭދަކުރަން ޖެހެއެވެ. އަސާގަނޑެއްގެ އެހީގައި ހިނގަންޖެހެއެވެ. ނުވަތަ ފުރޮޅުލީ ގޮނޑިއެއްގައި އިށިއިނދެގެން އިންނަން ޖެހިދެއެވެ. އަނެއްބައިމީހުންނަށް ކޮންމެ ކޮންމެ ކާއެއްޗެއް ނުކެވެއެވެ.
ބަލިވުމުން ތިމަންނާއަށް މިޙާލު ޖެއްސެވީ އަހަރެން ކޮން ކުށެއް ކޮށްގެންހޭ ނުވަތަ އަހަރެން އިބަ އިލާހަށް ކޮން އުރެދުމެއް އުރެދިގެންހޭ، އަހަރެންގެ ކުށަކީ ކޮބައިހޭ، ފަދަ ވިސްނުންތައް ސިކުނޑީގައި އެނބުރޭނަމަ ނުވަތަ އެފަދަ ޢިބާރާތްތައް ހިތަށް އަރާނަމަ ނުވަތަ އެފަދަ ޢިބާރާތްތައް ދުލުން ބޭރުކުރާނަމަ މިންވަރަށް އީމާން ނުވެވެނީއެވެ.
މިދުނިޔޭގެ ޙަޔާތުގައި ގޯސްކޮށް އުޅުނު ކިތައް މީހުން، އެމީހުންނަށް ނުކުޅެދޭ ޙާލަތެއް މެދުވެރިވުމުން ﷲ އާ ގާތްވެ އިއިލާހަށް އަޅުކަންކޮށް އެ އިލާހު ހަނދުމަކުރުންމަތީގައި ދެމިތިބެ، އެ މުޞީބާތައް ކެތްތެރިވެ، ހެޔޮލަފާ ޞާލިޙު މީހެއްގެ ގޮތުގައި ނިމިގެން ގޮސްފައިވޭތޯއެވެ؟ އެހެންކަމަށްވާނަމަ، ބަލިވުމަކީ މުޞީބާތެއް ނޫނެވެ. އަދި ކިޔެއްތަ! އެއީ ސުވަރުގެ ލިބުމަށް މަގުފަހިވުމުގެ ސަބަބެކެވެ. އޭނާއަށް ރަނގަޅަކަށްޓަކައި އަދި ހެވަކަށްޓަކައި ﷲ މެދުވެރިކުރައްވާ އިމްތިޙާނެކެވެ. ފާސްވޭތޯއެވެ. މި އިމްތިޙާނުން ފާސްވުމަކީ ކެތްތެރިވުމެވެ.

Read more...

24 February 2011

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ކައިވެނިފުޅުތަކާމެދު ދެކެވޭ ދޮގުވާހަކަ ތަކުގެ ޙަޤީޤަތަކީ ކޮބާ...؟

އަލްއަޚް ބިލާލް ޢަބްދުއްސައްތާރު
އިސްލާމް ދީން ފެށުނީއްސުރެ އަބަދުވެސް ދީނުގެ ޢަދުއްވުން އުޅެމުންދެއެވެ. އެކިދުވަސްވަރު އެކި ހިސާބު ތަކުގައެވެ.
އިސްލާމްދީނުގެ ޤަދަރު ކުޑަކޮށް ދީނާ މެދު މުސްލިމުންގެ ހިތުގައި ނުރުހުންތެރިކަން އުފެއްދުމަށް 18 ވަނަ ޤަރުނުގެ ކުރީކޮޅުގައި ކްރިސްޓިއަން ދީނުގެ ލިޔުންތެރިން އާ ގޮތް ގޮތަށް މަސައްކަތް ކުރަން ފެއްޓިއެވެ. މިގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަޞައްލަމަ ގެ އަގުވައްޓާލާ، މުސްލިމުންގެ ހިތުގައި ﷲ ގެ ދީނަށް ދެވިފައިވާ ލޯތްބާއި ޢިޙްތިރާމް، ނަފްރަތަށް ބަދަލު ކޮށްލުމަށްޓަކައި ތަފާތު ދޮގުވާހަކަތަށް އެކިމީޑިޔާތަކުގައި ޝާއިޢު ކުރަންފެށިއެވެ.
މިމީހުންގެ މި ޕްރޮޕެގެންޑާ ފެތުރުމުގައި އަޞްލެއްކަމަށް ބަލާފައިވަނީ 15 ވަނަ ޤަރުނުގައި ކްރިސްޓިއަން ދީނުގެ ލިޔުންތެރިއެއް ލިޔެފައިވާ ފޮތެކެވެ. މި ފޮތުގެ ނަމަކަށް ލިޔުންތެރިޔާ ދީފައިވާ ނަމަކީ "ރެފިއުޓޭޝަން ޓް ދަ ރިލިޖެން އޮފް މުޙައްމަދު" - މާނައަކީ "މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމް) ގެނެސްދެއްވި ދީނަކީ ޞައްޙަ ދީނެއް ނޫންކަން ސާބިތުކޮށްދިނުން" މިއެވެ. އިސްލާމްދިނާ ދެކޮޅަށް ލިޔާ ލިޔުންތެރިން މަޢުލޫމާތު ނަގާ މައިގަނޑު ފޮތަކަށް މިފޮތް ވެގެން ދިޔައެވެ. މިފަދަ ލިޔުންތެރީންނަށް އިސްލާމީ ތާރީޚާއި އިސްލާމް ދީނާބެހޭ ހަޤީޤީ މަޢުލޫމާތު ލިބިފައެއްނުހުރެއެވެ.

އެބައިމީހުން އޭރުވެސް މިހާރުވެސް މުސްލިމުން ވާވައްދަން އެންމެ ބޮޑަށް މަސައްކަތް ކުރަނީ އެކަލޭގެފާނު ކުރައްވާފައިވާ ކައިވެނި ފުޅުތަކާމެދު ޙަޤީޤަތާޚިލާފް ވާހަކަތައް ފަތުރައިގެންނެވެ. އެބައިމީހުން ދަޢުވާކުރާގޮތުގައި އެހެނިހެން މުސްލިމުންނަށް ހަތަރު ކައިވެންޏަށް ލިމިޓް ކުރެވިފައި، އެކަލޭގެފާނު އެއްފަހަރާ ގިނަ ކައިވެނިތަކެއް ކުރައްވާފައި އެވަނީ އެކަލޭގެފާނުގެ ޖިންސީ އެދުންވެރި ކަމުގެ ބޭނުމުގައެވެ. ނަމަވެސް މީ އެއްވެސް ޙަޤީޤަތެއްނެތް ވާހަކަތަކެއްކަން އެކަލޭގެފާނުގެ ކައިވެނި ފުޅުތަކަށް އިންސާފްގެ ނަޒަރަކުން ބަލައިފި ކޮންމެ މީހަކަށް ހާމަ ވެގެންދާނެއެވެ. އެބައިމީހުން މިފަދަ ވާހަކަތައް ދައްކާތީ މުސްލިމުން ހައިއިރާންވާކަށް ނުޖެހެއެވެ. މިއީ ދިނުގެ ޢަދުއްވުންނެވެ. ފަހަކަށް އައިސް އެބައިމީހުންގެ އަތްތަކުން ލިޔެފައިވާ ބައިބަލް ގައިވެސް އެބައިމީހުންގެ ނަބިއްޔުންނަކީ ޒިނޭކުރާ ބައެއް ކަމުގައި ބަޔާން ކޮށްފައި އެބަހުއްޓެވެ.

ކޮންމެއަކަސް، މިބައިމީހުންގެ ކްރިސްޓިއަން ކާބަފައިންގެ ފަރާތުން ލިބިފައިވާ ޞައްޙަނޫން މަޢްލުމާތުތަކެއްގެ މައްޗަށް ބިނާކޮށް، ﷲ ގެ ރަސޫލާ އާމެދު ދޮގުވާހަކަތައް ފަތުރަމުންގެންދިއުމުގެ އެންމެ ބޮޑު ބޭނުމެއްކަމުގައި ވެފައިވަނީ އިސްލާމް ދީން ފެތުރެމުންދާ ހަލުވިމިނުގެ ސަބަބުން އެކަން އެބައިމީހުންނަށް ތަޙައްމަލު ނުކުރެވިގެނެވެ. އިސްލާމްދީން ފެތުރެމުންދާ ބާރު ސްޕީޑް ކުޑަ މިންވަރެއް ނަމަވެސް މަޑު ޖައްސާލުމުގެ އުންމީދުގައެވެ. ނަމަވެސް އެކަން އެބައިމީހުންނަށް ކާމިޔާބު ވަމަކުން ނުދެއެވެ. ސަބަބަކީ އަހަރެމެންގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާމެދު ލިޔެވެމުންދާ ދޮގުވާހަކަތަކާ ދެކޮޅަށް، ވަކި އަތަކަށް ނުޖެހޭ ކްރިސްޓިއަން ދީނުގެ ލިޔުންތެރިން ގެ ބައެއް ލިޔުންތައް މިއަދު ފެންނަމުންދާތީއެވެ.

އެބައިމިހުން އެކަލޭގެފާނާމެދު އެ ދައްކާ ދޮގުވާހަކަތަކަކީ މުސްލިމުންނަށް ޤަބޫލު ކުރެވޭނޭ ވާހަކަ ތަކެއްނޫނެވެ. ސަބަބަކީ މިއީ މުސްލިމުންގެ އަޤީދާއާ ގުޅިފައިވާ ކަމަކަށް ވާތީ އެވެ.

މައްސަލައިގެ ހަޤީޤަތަކީ ކޮބާ؟

ވަކި އަތަކަށް ނުޖެހޭ، މުސްލިމު އަދި ކްރިސްޓިއަން، ތާރީޚް ޢިލްމުވެރިން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި އެކަލޭގެފާނު ކުރައްވާފައިވާ ކައިވެނި ފުޅުތަކަކީ އެއްވެސް ޙާލެއްގައި އެކަލޭގެފާނުގެ ޖިންސީ އެދުންވެރި ކަމެއްގެ ސަބަބުން ކުރައްވާފައިވާ ކައިވެނިފުޅުތަކެއް ނޫނެވެ. އެބޭފުޅުން ވިދާޅުވާ ގޮތުގައި އެފަދަ ޖިންސީ އެދުންވެރި ކަމެއްގެ ސަބަބުން އެކަލޭގެފާނު ކައިވެނިފުޅު ކުރެއްވިނަމަ، އުމުރުފުޅުން އެންމެ 25 އަހަރުފުޅުގައި، ޒުވާންކަމުގެ އެންމެ ތާޒާ ދުވަސްވަރު، ކުރިން މީހަކާ ކައިވެނި ބައްލަވައި ގެންފައިވާ، ހުވަފަތް އަންހެންކަނބަލެއް ކަމުގައިވާ އުމުރުފުޅުން 40 އަހަރުގެ ޚަދީޖަތުގެފާނާ ކައިވެނި ބައްލަވައި ނުގަތީސްކަމުގައެވެ. ހަމަ އެކަނި އެކަމަނާއާ ކައިވެނި ބައްލަވައި ގެން ގިނަ އަހަރުތަކެއް އެކަލޭގެފާނު އުފާވެރި ދިރިއުޅުމެއް އުޅުއްވިއެވެ. ޢަރަބިންގެ ޒުވާން ރީތި އަންހެން ކުދީން އެކަލޭގެފާނާ ކައިވެނި ބައްލަވައިގަންނަން ތައްޔާރަށް ހުންނެވި ހިނދުގައިވެސް މެއެވެ. ނަމަވެސް އެމުއްދަތުގެ ތެރޭގައި އެކަލޭގެފާނު އެހެން އެއްވެސް ބޭކަނބަލަކާ ކައިވެނި ބައްލަވައި ނުގަންނަވައެވެ. އެކަލޭގެފާނަކީ، މިބައިމީހުން އެދަޢުވާކުރާފަދަ، ޖިންސީ އެދުންވެރިކަމާއި ދުނިޔަވީ ދިރިއުޅުމަށް ލޯބި ކުރެއްވި ބޭކަލެއްނަމަ ، ޚަދީޖާ ރަޟިޔަﷲ ޢަންހާއާ ކައިވެނި ބައްލަވައިގެން އުޅުއްވި ދުވަސްވަރު ،އެހެން ޒުވާން އަނބިކަނބަލެއް ޚިޔާރު ނުކުރެއްވީ ކީއްވެގެންތޯއެވެ؟ އަދި ޚާއްސަކޮށް އެކަލޭގެފާނުގެ އަޚްލާޤުގެ ސަބަބުން ގިނަ ކައިވެނިތަކެއް އެކަލޭގެފާނަށް ހުށަހެޅެމުން ދިޔަ ދުވަސްވަރަކަށް އެދުވަސްވަރު ވެގެން ދިޔަ ހިނދުގައިވެސް މެއެވެ.

އެކަލޭގެފާނުގެ ޙަޔާތަށް ނަޒަރު ހިންގާލާއިރު، އެކަލޭގެފާނުގެ ޙަޔާތުގެ ކުރީކޮޅު، އުމުރުން ދުވަސްވީ ހުވަފަތް އަންހެން ބޭކަނބަލަކާ ކައިވެނި ބައްލަވައިގެން ހިތްހަމަޖެހޭ ދިރިއުޅުމެއް ވޭތުކުރައްވާފައިވެއެވެ. އެދުވަސްވަރު އެކަލޭގެފާނު އިތުރުކައިވެންޏެއް ކުރައްވަން ޤަސްދު ކުރައްވާފައިވެސް ނުވެއެވެ. ނަމަވެސް އެކަލޭގެފާނުގެ އުމުރުގެ، ފަހު 10 ވަރަކަށް އަހަރު ، އުމުރުފުޅުން 50 އަށް ވުރެ މައްޗަށް ދިޔުމަށްފަހު ،މުސްކުޅި އުމުރު ފުޅުގައި އިތުރު ކައިވެނިފުޅުތަކެއް ކުރެއްވިއެވެ. ސަބަބަކީ މަދިނާގައި އިސްލާމީ އާ ދައުލަތެއްގެ ބިންގާ އެޅުމަށްފަހު، އެކަލޭގެފާނަށް ތަފާތު ގިނަ އިތުރު ޒިންމާތަކާއި މައްސަލަތަކެއް އެކި ދިމަދިމާލުން ކުރިމަތިވަމުން ދިޔައެވެ. އެކަލޭގެފާނު އެންމެ ބޭކަނބަލެއް ފިޔަވާ ކައިވެނިބައްލަވައިގަތީ މުޅީންވެސް ހުވަފަތް އަންހެން ކަނބަލުންނާއެވެ. މިއީ ހަޤީޤަތެވެ.

ހުވަފަތް ވެފައިވާ އަންހެންކަނބަލުން ތަކަކާއި އެކަނބަލުންގެ ޔަތީމްވެފައިވާ ދަރީންތަކެއްގެ ޒިންމާ ނަގަންޖެހުމަކީ އެކަލޭގެފާނަށް ބޮޑު އަދި ބުރަ މަސައްކަތަކަށް ނުވާނެތޯއެވެ؟ ތަފާތު އުމުރުގެ، ތަފާތު މިޒާޖުގެ އަދި ތަފާތު ޤަބީލާތަކުގެ ބޭކަނބަލުން ތަކެއްގެ ޒިންމާ އެކަލޭގެފާނު ނަންގަވާފައިވުމުން އެނގިގެންދަނީ އެކަލޭގެފާނު ކައިވެނިފުޅުތައް ކުރައްވާފައި ވަނީ، ދީނުގެ ޢަދުއްވުން އެދަޢުވާ ކުރާފަދަ މަޤްޞަދެއްގައި ނޫންކަމެވެ.

މިކަމާ ބެހޭގޮތުން ޔޫރަޕްގެ މަޝްހޫރު ތާރިޚީ ޢިލްމުވެރިއެއް ކަމުގައިވާ ތޯމަސް ކާރލައިލް، އޭނަގެ "ހީރޯސް އެންޑް ހީރޯސް ވޯރޝިޕް" ކިޔާ ފޮތުގައި ލިޔެފައިވާ ގޮތުގައި، މުޙައްމަދުގެފާނަކީ، އެކަލޭގެފާނުގެ ޢަދުއްވުން އެ ތުހުމަތު ކުރާ ފަދަ، ޖިންސީ އެދުންވެރިކަމާ ޝަޙްވަތްތެރިކަމުގެ، ދިރިއުޅުމެއް އުޅުއްވި ބޭކަލެއްނޫނެވެ. އަދި އެކަލޭގެފާނާމެދު އެ އިވެމުންދާ ވާހަކަ ތަކަކީ އެއްވެސް ޙަޤީޤަތެއް ބަލާލުމެއް ނެތި ބޭއިންސާފުން ފަތުރަމުންދާ ވާހަކަތަކެއްކަމުގައި އޭނާ ބަޔާން ކޮށްފައިވެއެވެ.

އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި ޖުމްލަ 13 ކައިވެނި ބައްލަވައިގެންފައިވެއެވެ. އެންމެ ފުރަތަމަ ކައިވެނި ބައްލަވައިގަތީ ޚަދީޖާ ރަޟިޔަﷲ ޢަންހާ އާއެވެ. އެކަމަނާ އަކީ އެކަލޭގެފާނަށްވުރު (އުމުރުފުޅުން40 އަހަރު ) 15 އަހަރު ދޮށީ ، ހުވަފަތް އަންހެން ކަނބަލެކެވެ. އެކަމަނާގެ ޙަޔާތްޕުޅުގައި އެކަލޭގެފާނު އެހެން އެހެން ކައިވެންޏެއް ކުރައްވާފައި އެއްނުވެއެވެ. އެހެން ކައިވެނިތައް އެކަލޭގެފާނު ކުރައްވާފައި ވަނީ އެކަމަނާއާއެކުއެތަކެއް އަހަރު ދިރިއުޅުއްވުމަށް ފަހު އެކަމަނާ އަވަހާރަވެވަޑައިގަތުމުންނެވެ.

އެކަލޭގެފާނުގެ އެހެން އަނބި އަނބި ކަނބަލުންނަކީ އުއްމު ސަލަމާ ، ސައުދާ ، ޙަފްސާ ބިންތު ޢުމަރުލްފާރޫޤް ، ޢައިޝަތު ބިންތު އަބޫބަކުރުއް ސިއްދީޤް، ޒައިނަބު ބިންތު ޚުޒައިމާ ، ޒައިނަބު ބިންތު ޖަޙްޝް ، ޒައިނަބު ބިންތު އުމައިސް ، މައިމޫނާ ، އުންމު ޙަބީބާ ، ޚައުލާ ބިންތު ޙާކިމް، ޞަފިއްޔާ ، ޖުވައިރިއްޔާ މިއެވެ.

އެކަލޭގެފާނު މި ކައިވެނިތައް ކުރައްވާފައި ވަނީ ކޮން ޙާލަތް ތަކެއްގައިތޯއާ ކޮން މަޤްޞަދު ތަކެއްގައިކަން ބަލާލަން ޖެހެއެވެ. އޭގެ ތެރޭގައި :
1) ހުވަފަތް އަންހެން ކަނބަލުންނާއި އެކަނބަލުންގެ ޔަތީމް ދަރިންނަށް އެހީތެރިވެ އަޅާލުން ހިމެނެ އެވެ.
2) ދީން ފެތުރުމުގައި އެކަލޭގެފާނު ޙިކުމަތް ބޭނުން ކުރެއްވިއެވެ. އެގޮތުން ޤުރައިޝުންގެ ތަފާތު ޤަބީލާތަކާ ގުޅުން ބަދަހި ކުރުން ވެސް އޭގެ ތެރޭގައި ހިމެނިގެން ދިޔައެވެ. އަދި މިނޫނަސް ތަފާތު ދީނީ ސަބަބުތަކަށްޓަކައި އެކަލޭގެފާނު ކައިވެނިފުޅު ބައްލަވައިގެންފައިވަނީ ﷲ ތަޢާލާގެ އަމުރުފުޅަށެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް، އައިޝާ ރަޟިޔަﷲ ޢަންހާ އާއި، ކައިވެނި ބައްލަވައިގެންނެވީ އެކަމަނާގެ އުމުރުފުޅުން 9 އަހަރުގައެވެ. އޭގެ ނަތީޖާ އެއްގެ ގޮތުން އެކަމަނާއަށް ފުރިހަމަ ތަރުބިއްޔަތެއް ލިބިވަޑައިގެން، ދީނުގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގެތެވެ.

ނަމަވެސް ދީނުގެ ޢަދުއްވުން ދައުވާ ކުރަމުންދާ ގޮތުގައި މިޢަމަލަކީ ކުޑަކުދިންގެ ހައްޤުތަކަށް އަރައި ގަތުމެވެ. އަދި މިއީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުންކަމުގައި މިބައިމީހުން އަޑު އުފުލަމުން ދެއެވެ. މިފަދަ މީހުން ދިވެހިރާއްޖޭގައިވެސް އުޅެއެވެ. މިބައިމީހުނަށް ހީވެފައި އޮންނަނީ، މިމީހުން ނޫނީ ދެން ތިބޭނީ އެއްޗެއް ނުވިސްނޭ ގަމާރުން ކަމުގައެވެ. ނަމަވެސް އެއީ ވަރަށްބޮޑު ކުށްހީއެކެވެ.

އިސްލާމްދީނުގައި ކައިވެންޏަކީ ވަރަށް ބޮޑު އަހައްމިއްޔަތެއް ދީފައިވާ ކަމެކެވެ. އަދި އެކަމަށް ވަރަށް ބޮޑަށް ބާރުއަޅާފައިވާ ކަމެކެވެ. ކައިވެނީގެ ބޭރުން ގުޅުން ހިންގުމަށް އިސްލާމީ ޝަރީޢަތުގައި ކިޔަނީ ޒިނޭ ކުރުމެވެ. މިއީ ދީނުގައި ޙަރާމް ކަމެކެވެ. ބޮޑު ފާފައެކެވެ. ޝަޙްވަތަށް ލޯބި ކުރުމަކީ އިންސާނާގެ ތަބީޢަތުގައި ﷲ ތަޢާލާ ލައްވާފައިވާ ކަމެކެވެ. މިއީ އެއްވެސް މީހަކު އިންކާރު ކުރާނެ ކަމެއް ނޫނެވެ. ﷲ ތަޢާލާ ހަރާމް ކުރައްވާފައި ވާ ޒިނޭއަކީ ބޮޑު ފާފައެކެވެ. އެހެން ކަމުން މިފަދަ ބޮޑު ފާފައަކަށް އަރައިނުގަނެ މީސްތަކުންގެ ޝަހްވާނީ އެދުން ހާސިލް ކުރެވޭނޭ މަގެއް ﷲ ތަޢާލާ ވަނީ ޝަރުޢު ކުރައްވާފައެވެ. އެއީ ކައިވެނީގެ ގުޅުމުން އަންހެނަކާ ފިރިހެނަކު ގުޅުމެވެ. އެހެންކަމުން ޒިނޭފަދަ ފާޙިޝް ޢަމަލު ތަކުން މީސްތަކުން ސަލާމަތްކުރުމަށްޓަކައި އެކަމަށް ކުޅަދާނަވެގެންވާ ޒުވާނުން ވީހާވެސް އަވަހަށް ކައިވެނި ކުރުމަށް ދީނުގައި ބާރުއަޅުއްވާފައި ވެއެވެ.

ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ,ޢާއިޝާ ރަޟިޔަﷲ ޢަންހާއާ ކައިވެނި ބައްލަވައިގަތީ އަނިޔާވެރިކަމާ އެކު އެއްނޫނެވެ. އެކަމަނާގެ ރުހުމުގައެވެ. އެކަމަނާގެ ބައްޕަގެ ރުހުމުގައެވެ. އޭރު އެކަމަނާގެ އުމުރުފުޅުން 9 އަހަރެވެ. އެކަމަނާ ވަނީ ބާލިޣު ވެފައެވެ. އަދި އެމުޖްތަމަޢުގައި އެއީ މައްސަލައަކަށް ނުވިއެވެ. އެހެން ކަމުން، ކަމާ ނުބެހޭ މީސްތަކުން މިކަމާ ކަންބޮޑުވެ ހާސްވެގެން އުޅޭކަށް ނުޖެހެއެވެ.

ދުނިޔޭގެ ތަފާތު ޤައުމުތަކުގައި ކައިވެނި ކުރެވޭ އުމުރު ތަފާތެވެ. ބައެއް ޤައުމުތަކުގައި 16 އަދި 13 ނުވަތަ 9 އަހަރުވެސް އެބަ ހުއްޓެވެ. ދިވެހިރާއްޖެ އިން "ނަމުނާ އަކަށް" ބަލާ އެމެރިކާގެ ބައެއް ސްޓޭޓް ތަކުގައި މައިންބަފައިންގެ ހުއްދައާއެކު 14 އަހަރުގައިވެސް ކައިވެނިކުރެވެއެވެ. ދިވެހި ރާއްޖޭގައި މި އޮންނަނީ 18 އަހަރެވެ. ދިވެހި ރާއްޖޭގެ ތާރީޚަށްބަލާއިރު ވަރަށް ފަހަކާ ޖެހެންދެންވެސް 14 ، 15 އަހަރުގައި ކައިވެނި ކުރަމުން އައިސްފައި ވެއެވެ. އަދި މިއަށް ވުރެވެސް ޅައުމުރުގައި ދުނިޔޭގެ އެކިހިސާބުތަކުގައި ކައިވެނި ކުރަމުން އައިސްފައިވާކަން ތާރީޚުން އެނގެން އެބަ އޮތެވެ. ނަމަވެސް ދިވެހި އަންހެނަކަށް ޅައުމުރުގައި ކައިވެނިކޮށްގެން ޖިންސިގޯނާއެއްވިކަމެއް ތާރިޚީ ވާހަކަ އަކުންވެސް އަޅުގަނޑު އަޑެއްނާހަމެވެ.
މިގޮތަށް ވަކި އަހަރު ތަކެއް ކަނޑައެޅިފައިވުމުން އޭގެ ނަތީޖާ ވަރަށް ނުބައެވެ. ސަބަބަކީ މިއީ އިންސާނާ ގެ ތަބީޢަތާ ދިމާ އިދިކޮޅަށް ހެދިފައިވާ ޤަވައިދު ތަކަށް ވާތީ އެވެ. މީގެ އަސަރު ދިވެހިރާއްޖެ އިންވެސް ފެންނަމުން ދެއެވެ. ޤްރޭޑް 7، 8 ގެ ކުދިން ކައިވެނީގެ ބޭރުން ބަލިވެ އިންނަނީ އެވެ. އަދި އެއަށްފަހު އޭގެ ދުނިޔަވީ ލަދުން ސަލާމަތް ވާންވެގެން، އެތައް މަޢްޞޫމް ޅަފުރާނަތައް އެއްވެސް ރަޙުމެއްނެތި މަރާލެވެމުން ދަނިއެވެ. ދިރިހުއްޓާ ވަޅު ލެވެނީ އެވެ. ނަމަވެސް މިކަމާ ކަންބޮޑުވެގެން ، ހައްޤުތަކަށް މަސައްކަތްކުރާމިހުން އުޅޭތީ ނުފެނެއެވެ. މިމީހުން ކަނބޮޑުވަނީ ޝަރުޢީ ކައިވެންޏަކުން ގުޅުމުންނެވެ.

އިސްލާމީ ޝަރީޢަތުގައި ކައިވެނި ކުރުމަކަށް ވަކި ފިކްސްޑް އުމުރެއް ކަނޑައެޅިފައެއް ނެތެވެ. އިންސާނާ ބާލިޣު ވުމުން އޭނާ މާލި ގޮތުން އަދި ޖިސްމާނި ގޮތުން އެކަމަށް ކުޅަދާނަ ވާނަމަ ވިހާވެސް އަވަހަކަށް ކައިވެނި ކުރަންވީއެވެ. މީ އެމްނެސްޓީ އިންޓަނޭޝަނަލް އަކުން ނުވަތަ ޔޫ އެން އަކުން ނިންމަން ޖެހޭ ކަމެއް ނޫނެވެ. އަންހެން ކުއްޖަކު ޙައިޟު ވުމުން ދަލީލު ލިބެނީ އޭނާ އަށް ދަރިން ވިހެއުމުގެ ހާލަތު ފުރިހަމަ ކުރެވޭނެ ކަމެވެ. އެކި މީހުންނަށް ޙައިޟުގެ ދުވަސްވަރު ފެށެނީ އެކި އުމުރުގައެވެ. 8 އަހަރުން ފެށިގެން 18 އަހަރާ ދެމެދުގަވެސް ހައިޟުގެ ދުވަސްވަރު ފެށިފައި އެބަ ހުއްޓެވެ. އިސްލާމީ ޝަރީޢަތުގައި މިކަން އޮންނަ އުސުލަކީ އިންސާނާގެ ތަބީޢަތާއި އެކަށީގެންވާ އުސޫލެކެވެ.

އެހެން ކަމުން މާތް ނަބިއްޔާ މުހައްމަދު ޞައްލަﷲ އާމެދު ސާބިތު ނުހިފޭ ދޮގުވާހަކަ ތަށް ފަތުރާ މީސްތަކުން ﷲ ތަޢާލާ އަށް ބިރުވެތިވުމަށް ގޮވާލަމެވެ.


Read more...

ޑައުންލޯޑްސް


ތިރީގައި މިހިމަނާލާ ލިޔުންތަކާއި އޯޑިއޯތަކަކީ ކޮންމެ މުސްލިމް އަޚަކާއި އުޚްތަކަށްވެސް ވަރަށް ބޭނުންތެރި ލިޔުންތަކަކާއި އޯޑިއޯތަކެކެވެ.

މި ލިސްޓު ﷲ ގެ އިރާދަފުޅާއެކު ގިނަކުރަމުން ދާނަމެވެ.

މުހިއްމު ލިޔުންތައް
1- ނަމާދުގައި ކިޔާ ތަކެތި (މާނައާއެކު)
2- ނަމާދުގައި ކިޔާ ތަކެތި (މާނައާ ނުލައި)
3- ނަމާދުގައި ކިޔާ ތަކެތި ކުޑަކުދިންނަށްޓަކައި (މާނައާއެކު)
4- ނަމާދުގެ ފަހުގައި ކިޔާ ޛިކްރުތައް (މާނައާ ނުލައި)
5- ދުޢާއުލް އިސްތިފްތާޙް (ނަމާދުފަށާއިރު ކިޔާ ދުޢާ)
6- ހެޔޮލަފާ ޞާލިހް ދަރީން ދެއްވުމަށްއެދި ކުރާ ދުޢާ
7- ހެޔޮލަފާ ޞާލިޙް ދަރީިން ދެއްވުމަށް އެދި ކުރާ ދުޢާ 2
8-
މިސްކިތަށް ދަމުން ކިޔާ ދުޢާ

9- ބަލިތަކުން ރައްކާތެރިކޮށްދެއްވުމަށާއި ޝިފާދެއްވުމަށް އެދި ކުރާ ދުޢާ
10- ވިތުރީގެ ޤުނޫތުގައި ކިޔާ ދުޢާ
11- ކީރިތި ޤުރުއާން ހިތުދަސްކުރުމުގެ ޤަވާޢިދުތައް
12- މިސްކިތައް ވަންނަމުން އަދި ނުކުންނަމުން ކިޔާ ދުޢާ
13- ދުވަހުގެ ނަމާދު ތާވަލު
14- ޚުތުބަތުލް ޙާޖާ (މާނައާއެކު) 
15- ރޯދަވީއްލާއިރު ކިޔާ ދުޢާ
16- މާތް ﷲ ގެ 99 އިސްމުފުޅު
17- އެސްފީނާއަށް ކުރާ ރުޤްޔާ
18- ސިޙްރު ޖެހިފައި ހުރިތޯ ބެލުމަށް ކިޔަވާ އާޔަތްތައް


އޯޑިއޯ ދުޢާތަކާއި ޛިކްރުތައް
1- ހެނދުނުގެ ޛިކްރުތައް (9 އެމްބީ)
2- ހަވީރުގެ ޛިކްރުތައް (9 އެމްބީ)
3- ނިދުމުގެ ކުރިން ކިޔާ ޛިކްރުތައް (5 އެމްބީ)

ހެޔޮކަންތައްތަކުގެ މޫސުން
1- ޙައްޖުމަހުގެ ފުރަތަމަ ދިހަދުވަހުގެ މާތްކަމާބެހޭ ގޮތުން ވާރިދުވެފައިވާ ބައެއް ޙަދީޘްތައް



Read more...

23 February 2011

ތައުޙީދުގެ މުހިއްމުކަން

އައްޝައިޚް އަބޫބަކްރު އިބްރާހިމް، ހިންނަވަރު
اَلْحَمْدُ ِللهِ الْعَلِىِّ اْلأَحَدِ الَّذِىْ لَمْ يَلِدْ وَلَمْ يُوْلَدْ وَلَمْ يَكُن لَّهُ كُفْوًا اَحَدْ وَالصَّلاَةُ َوَالسَّلاَمُ عَلَى مُحَمَّدِ الَّذِىْ اَرْشَدَ اِلَى النَّهْجِ اْلأَقْوَمِ وَعَلَى اَلِه وَأَصْحَاِبهِ الَّذِيْنَ تَمَسَّكُوْا بِالطَّرِيْقِ اْلاَرْشَدِ .... اَمَّابَعْدَ:

އަޅުގަޑުމެންނީ އެއްކައުވަންތަ މާތް ﷲ އަށް އީމާން ވެގެން ތިބި މުއުމިނުން ކަމުގައި އިޤްރާރު ކުރަމުން ދާއިރު، އެމަތިވެރި ﷲ އީ އެއްކައުވަންތަ އިލާހު ކަމުގައި ޤަބޫލުކޮށް އެގޮތުގެމަތީން ތިމާމެންގެ ޢަމަލުތައް ބެހެއްޓޭނީ އެކަލާނގެ އެއްކައުވަންތަ ކުރެވޭ ގޮތް އެގިގެންނެވެ. އާދެ! ތައުޙީދޭ އޭ މިކިޔާ ކަލިމަ ފުރިހަމައަށް އެނގިގެންނެވެ. އަދި ތައުޙީދާ އިދިކޮޅުވާ ޝިރްކު ވެސް އެނގިގެންނެވެ.

ޝައްކެއްނެތެވެ. ތައުޙީދަކީ އަކީ އެންމެހައި ރަސޫލުންގެ ރިސާލަތު އޭގެމައްޗަށް ހުއްޓިގެންވާ މުހިއްމު މައުޟޫއެވެ. ކޮންމެ މުއުމިނަކު އެންމެ ފުރަތަމަ ދެނެގަތުން ވާޖިބު ވެގެންވާ އެންމެ ފުރަތަމަ ފިލާވަޅެވެ. ތިމާ ހެއްދެވި މަތިވެރި ﷲ މަޢުރިފާކޮށް އެއިލާހު ހަޟުރަތައް އިޚްލާޞްތެރި ކަމާއިއެކު އަޅުކަން ކުރާނޭ ގޮތް ދަސްކޮށްދޭ ފިލާވަޅެވެ.

"لاَ اِلَهَ اِلاَّ اللهُ" މިކަލިމަ އިން އެދެވޭ މުރާދެއް އުގަންނައިދޭ މުޤައްދަސް ދަރުހެވެ. އަޅުކަން ޤަބޫލުވެވޭގޮތާއި، ނުވެވޭ ގޮތް ބަޔާންކޮށްދޭ މަންހަޖްއެވެ.

ޝައްކެއްނެތެވެ. ތައުޙީދަށްއަށް ސީދާނުވާ ގޮތަށް ތިމާ ވަރުބަލިވަންދެން އަޅުކަންކުރި ނަމަވެސް، އެ ކުރެވޭ އަޅުކަމަކީ، އެއަޅުކަމަށް އެއްވެސް ޘަވާބެއް އުޖޫރައެއް ލިބޭނެޭ އަޅުކަމެއް ނޫނެވެ. އަދި ކީއްތޯއެވެ! ޘަވާބު ލިބުމުގެ ބަދަލުގައި ވޭންދެނެވި ޢަޛާބު ލިއްބައިދޭ ކަމެކެވެ. ޤިޔާމަތް ދުވަހުގެ މުޞީބާތާއި ނުރައްކަލުން ސަލާމަތްވާނެ ހަމައެކަނި ބަޔަކީ ތައުޙީދުގެ އަހުލު ވެރިންނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ރަސޫލުކަމުގެ ފުރަތަމަ ތޭރަ ވަރަކަށް އަހަރު ހޭދަ ކުރެއްވީ ޢާންމު ގޮތެއްގައި ހަމައެކަނި މިމައުޟޫޢު، އާދެ! ތައުޙީދު މީސްތަކުންނަށް ދަސްފުޅުކޮށްދެއްވައި، ޝިރްކު ކުރުމުގެ ނުބައި ސުންޕާކަމުން މީސްތަކުން ސަލާމަތްވާނޭ ގޮތް ދަސްކޮށް ދެއްވޭތޯއެވެ.
.................................
ޝައިޚް އަބޫބަކްރު އިބްރާހިމް ލިޔުއްވާފައިވާ "ރިސާލަތުއްތައުޙީދި" ފޮތުން ނަގާފައި

Read more...

20 February 2011

ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ އުފަންވެވަޑައިގަތީ ކޮންދުވަހަކު؟

އަލްއަޚް މުޙައްމަދު ޝަމްޢުން
الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. نبينا وحبيبنا وقدوتنا محمد وعلى آله وأصحابه ومن تبعهم بإحسان إلى يوم الدين. أما بعد
އަޅުގަނޑުމެންގެ ނަބިއްޔާ މުޙައްމަދު ޢަލައިހިއްޞަލާތު ވައްސަލާމް އުފަންވެވަޑައިގަތީ ހުކުރު ހަތްދުވަހުގެ ތެރެއިން ހޯމަ ދުވަހެއްގައެވެ. މިކަން ޞައްޙަ ޙަދީޘްތަކުން ސާބިތުވެއެވެ. އިމާމު އަބުލް ޙުސައިން މުސްލިމް ބިން ޙައްޖާޖް ބިން މުސްލިމް އަލް ޤުޝައިރިއްޔުއްނައިސާބޫރީ ރަޙިމަހުﷲ އެކަލޭގެފާނުގެ މުސްނަދުއްޞަޙީހް ނުވަތަ ޞަޙީހްމުސްލިމުގައި ރިވާ ކުރައްވަވާފައިވާ، އަބޫ ޤަތާދާ އަލްއަންޞާރީ ރަޟިޔަﷲ ޢަންހުގެ ޙަދީޘްފުޅެއްގައި އައިސްފައިވެއެވެ. ހޯމަ ދުވަހާއި ބެހޭގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އާއި ސުވާލުކުރެވުނެވެ.
އެހިނދު އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވެވިއެވެ. ذَاكَ يَوْمٌ وُلِدْتُ فِيهِ وَيَوْمٌ بُعِثْتُ أَوْ أُنْزِلَ عَلَىَّ فِيهِ " އެއީ ތިމަންކަލޭގެފާނު އުފަންވެވަޑައިގެންނެވި ދުވަހެވެ. އަދި ތިމަންކަލޭގެފާނު ރަސޫލުކަމާއިގެން ފޮނުއްވެވުނު ދުވަހެވެ. ނުވަތަ ތިމަންކަލޭގެފާނަށް ވަޙީ ބާވައިލެއްވެވުނު ދުވަހެވެ." މި ޙަދީޘް އިމާމް އަބޫޙާތިމް މުޙައްމަދު ބިން ޙިއްބާން ރަޙިމަހުﷲ އެކަލޭގެފާނުގެ މުސްނަދުއްސަޙީހްގައި، އަދި އިމާމް އަބޫ ޢަބްދިﷲ އަޙްމަދު ބިން ޙަންބަލް ރަޙިމަހުﷲ އެކަލޭގެފަނުގެ މުސްނަދުގައިވެސް ރިވާކުރައްވަވާފައިވެއެވެ. އަދި އެ ދެފޮތުގައި ވާރިދުވެފައިވާ ސަނަދު ދިރާސާ ކުރެއްވެވުމަށްފަހު މަޝްހޫރު މުޙައްޤިޤު އަލް އައްލާމާ ޝުޢައިބު އަރުނައޫޠު އެ ސަނަދުތައްވެސް ޞައްޙަކަމަށް ވިދާޅުވެފައިވެއެވެ.

އެހެންކަމުން މިޙަދީޘުން އިސްތިދުލާލު ކުރައްވަވައި، އިމާމް ޢަބްދުﷲ ބިން މުޙައްމަދު ބިން އަބްދުލްވައްހާބު ރަޙިމަހުﷲ އެކަލޭގެފާނުގެ މަޝްހޫރު ސިޔަރަތު ފޮތް މުޚްތަޞަރު ސިޔަރަތުއްރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމްގައި، އިމާމް އަބޫ މުޙައްމަދު ޢަބްދުލްމަލިކު ބިން ހިޝާމް ބިން އައްޔޫބު އަލް ހިމްޔަރީ ރަޙިމަހުﷲ އެކަލޭގެފާނުގެ މަޝްހޫރު ސިޔަރަތު ފޮތް އައްސީރާ އައްނަބަވިއްޔާ ނުވަތަ ސީރަތު އިބްނު ހިޝާމްގައި، އިމާމް ޢިމާދުއްދީން އަބުލްފިދާއު އިސްމާއީލް ބިން ކަޘީރު އަލްޤުރަޝީ ރަޙިމަހުﷲ އެކަލޭގެފާނުގެ މަޝްހޫރު ފޮތް އަލްބިދާޔާ ވައްނިހާޔާއާއި އައްސީރާ އައްނަބަވިއްޔާގައި، އަލްއައްލާމާ މުޙައްމަދު ނާޞިރުއްދީން އަލް އަލްބާނީ ރަޙިމަހުﷲ އެކަލޭގެފާނުގެ ސިޔަރަތު ފޮތް ޞަޙީހު ސީރާ އައްނަބަވިއްޔާގައި، އަލްއައްލާމާ ޞަފިޔުއްރަޙްމާން މުބާރަކްފޫރީ ރަޙިމަހުﷲ އެކަލޭގެފާނުގެ މަޝްހޫރު ސިޔަރަތު ފޮތް އައްރަހީޤުލް މަޚްތޫމުގައި، ޑޮކްޓަރ އަކްރަމް ޟިޔާއުލްޢުމަރީ ޙަފިޟަހުﷲގެ އައްސީރާ އައްނަބަވިއްޔާ އައްޞަޙީހާގައި، އަދި ޕޮރޮފެސަރު ޑޮކްޓަރ މަހްދީ ރިޒްޤުﷲ ޢަހްމަދު ޙަފިޟަހުﷲގެ އައްސީރާ އައްނަބަވިއްޔާ ފީ ޟައުއިލް މަޞާދިރިލް އަޞްލިއްޔާގައި، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އުފަންވެވަޑައިގަތީ ހުކުރުހަތްދުވަހުގެ ތެރެއިން ހޯމަ ދުވަހެއްގައި ކަމަށް ލިޔުއްވަވާފައިވެއެވެ. އަދި އިމާމް އިބްނު ކަޘީރު ރަޙިމަހުﷲ އަލްބިދާޔާ ވައްނިހާޔާގައި ވިދާޅުވެފައިވެއެވެ. هَذَا مَا لَا خِلَافَ فِيْهِ أَنَّهُ صَلَّى اللهُ عَلَيْهِ وَسَلّمََ وُلِدَ يَوْمَ الإِثْنَيْنِ. " އެކަލޭގެފާނު އުފަންވެވަޑައިގަތީ ހޯމަދުވަހެއްގައި ކަމާމެދު އެއްވެސް ޚިލާފެއް (ޢިލްމުގެ އަހުލުވެރިންގެ މެދުގައި) ނުވެއެވެ.

ދެން އެއަށްފަހު އެކަލޭގެފާނު އުފަންވެވަޑައިގެންނެވި އަހަރަށް ބަލާލާއިރު މިކަމުގައި ޞައްޙަ ޞަރީޙަ އެއްވެސް ނައްޞެއް އައިސްފައި ނެތެވެ. އެހެންކަމުން ޢިލްމުވެރިން ވަނީ މިކަމާމެދު އިޚްތިލާފުވެފައެވެ. ބައެއް ޢިލްމުވެރިން އެކަލޭގެފާނު އުފަންވެވަޑައިގަތީ ޢާމުލްފީލްގެ 10އަހަރުން ފަހުންނޭ ވިދާޅުވަމުންދާއިރު އަނެއްބައި ޢިލްމުވެރިން 23 އަހަރު ފަހުންކަމުގައި ވިދާޅުވަމުންދެއެވެ. އަދި 30އަހަރު ފަހުންކަމުގައި ބައެއް ޢިލްމުވެރިން ވިދާޅުވަމުންދާއިރު އަނެއްބައި ޢިލްމުވެރިން 5އަހަރު ކުރީން ކަމުގައިވެސް ވިދާޅުވަމުންދެއެވެ. ނަމަވެސް މިއީ މަދު ޢިލްމުވެރިންތަކެއްގެ ރައުޔު ތަކެކެވެ. ޖުމްހޫރު(ގިނަ) ޢިލްމުވެރިން ބުރަވެވަޑައިގަންނަވަނީ، އެކަލޭގެފާނު އުފަންވެވަޑައިގަތީ ޢާމުލްފީލްގެ ނަމުން ނަންދެވިފައިވާ އަހަރުގައި ކަމަށެވެ. އޭގެތެރޭގައި މަތީގައި ބަޔާން ކުރެވިފައިވާ ހުރިހާ ފޮތެއްގެ މުއައްލިފުން ހިމެނިވަޑައިގަންނަވައެވެ. އިމާމް އިބްނު ކަޘީރު ރަޙިމަހުﷲ އެކަލޭގެފާނުގެ މަޝްހޫރު ފޮތް އަލްބިދާޔާ ވައްނިހާޔާގައި ނަގުލު ކުރައްވަވާފައިވާ އިބްރާހީމް ބިން އަލްމުންޒިރު ރަޙިމަހުﷲގެ ޤައުލެއްގައިވެއެވެ. وَ هُوَ الَّذِيْ لَا يَشُكُّ فِيْهِ أَحَدٌ مِنْ عُلَمَاِئنَا أَنَهُ عَلَيْهِ الصَّلَاةُ وَالسَّلَامُ وُلِدَ عَامَ الْفِيْلِ وَ بُعِثَ عَلَى رَأْسِ أَرْبَعِيْنَ سَنَةٍ مِنَ الْفِيْلِ. "ރަސުލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އުފަންވެވަޑައިގަތީ ޢާމުލްފީލްގައިކަމާއި، އެކަލޭގެފާނު ނަބީކަމާއިގެން ފޮނުއްވެވުނީ ޢާމުލްފީލްގެ ފަހުން 40ވަނަ އަހަރުގެ ކުރީކޮޅުގައިކަމާމެދު އަހަރެމެންގެ ޢިލްމުވެރިންގެ ތެރެއިން އެއްވެސް ބޭފުޅަކު ޝައްކުނުކުރެތެވެ." އަދި އެކަލޭގެފާނު އުފަންވެވަޑައިގަތީ ޢާމުލްފީލްގައިކަން އަންގައިދޭ ގަރީނާތައް ވަރަށް ވަރުގަދަކަމަށް އައްސީރަތުއްނަބަވިއްޔާ އައްޞަޙީހާގައި ޑޮކްޓަރ އަކްރަމް ޟިޔާއުލްޢަމްރީވެސް ވިދާޅުވެފައިވެއެވެ. ޢާމުލްފީލްއަކީ އަބުރަހަތުލްއަޝްރަމު ކަޢުބާ ތެޅުމަށްޓަކާ ދިޔައަހަރެވެ.

އަދި އެކަލޭގެފާނު އުފަންވެވަޑައިގެންނެވި މަހާއި ދުވަހަށް ބަލާލާއިރުވެސް، އެއީ ކޮންދުވަހެއްކަން ކަނޑައެޅިގެން ބުނަން އެނގޭފަދަ ޞައްޙަ ޞަރީޙަ އެއްވެސް ނައްޞެއް އައިސްފައި ނުވެއެވެ. އެހެންކަމުން ޢިލްމުވެރިންވަނީ މިކަމުގައިވެސް ވަރަށް ބޮޑަށް އިޚްތިލާފުވެފައެވެ.

ޢިލްމުވެރިންގެ ރައުޔުތައް :
1) 2 ރަބީޢުލްއައްވަލް
އިމާމް އަބޫމަޢްޝަރު އައްސިންދީ ރަޙިމަހުﷲ ގެ ރައުޔަކީ މިއެވެ.

2) 8 ރަބީޢުލްއައްވަލް
އިމާމް ޢަބްދުﷲ ބިން މުޙައްމަދު ބިން އަބްދުލްވައްހާބު ރަޙިމަހުﷲ އާއި، އިމާމް އިބްނު ޙަޒަމް ރަޙީމަހުﷲ އާއި، އަލްޙާފިޟް އަލްއިމާމް މުހައްމަދު ބިން މޫސާ އަލްޚަވާރިޒްމީ ރަޙިމަހުﷲ އާއި، އަލްޙާފިޟް އަލްއިމާމް އަބުލްޚައްޠާބު އިބްނު ދަޙިއްޔާ ރަޙިމަހުﷲ ފަދަ ބޭކަލުންގެ ރައުޔަކީ މިއެވެ. ރަނގަޅުރައުޔަކީ މިއީ ކަމުގައި އަލްޙާފިޟް މުޙައްމަދު ބިން މޫސާ އަލްޚާވާރިޒްމީ ރަޙިމަހުﷲ އާއި އަލްޙާފިޟް އިބްނު ދަޙިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. އަދި މިއީ ތާރީޚުގެ ޢިލްމުވެރިން ޞައްޙަ ކުރައްވަވާ ގޮތްކަމުގައި އަލްޙާފިޟް އިބްނު އަބްދުލްބައްރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.
3) 9 ރަބީޢުލްއައްވަލް
މިއީ އައްރަޙީޤުލްމަޚްތޫމުގެ މުއައްލިފު އަލްއައްލާމާ ޞަފިޔުއްރަޙްމާން މުބާރަކްފޫރީ ރަޙިމަހުﷲ ފަދަ ޢާލިމުންގެރައުޔެވެ.

4) 10 ރަބީޢުލްއައްވަލް
މިއީ އިމާމް އަލްވާޤިދީ ރަޙިމަހުﷲ ފަދަ އިމާމުންގެރައުޔެވެ.

5) 12 ރަބީޢުލްއައްވަލް
މިއީ އިމާމް މުޙައްމަދު ބިން އިސްޙާޤު ރަޙިމަހުﷲފަދަ އިމާމުންގެރައުޔެވެ.

ޚުލާޞާ
ޚުލާޞާއަކީ، ރަސޫލާ ޞައްލަﷲ ޢާލައިހިވަސައްލަމަ އުފަންވެވަޑައިގެންނެވީ ރަބީޢުލްއައްވަލް މަހެއްގެ ހޯމަ ދުވަހަކުކަމަށް ޢިލްމުވެރިންވަނީ އިއްތިފާޤުވެފައެވެ. އަދި ޖުމްހޫރު(ގިނަ) ޢިލްމުވެރިން ވިދާޅުވަނީ އެއީ ޢާމުލްފީލްގެ ރަބީޢުލްއައްވަލް މަހުގެ ހޯމަދުވަހެއްކަމަށެވެ. ނަމަވެސް ރަބީޢުލްއައްވަލުމަހުގެ ކޮން ހޯމަ ދުވަހެއްކަމެއް ކަނޑައެޅިގެން ބުނާކަށް ނޭނގެއެވެ. 12 ވަނަދުވަހަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަމީހުންގެ މެދުގައި މަޝްހޫރުވެފައި އޮންނަދުވަހެވެ.

Read more...

16 February 2011

އަޅުންގެ އަޅުވެތިކަމުން ﷲ ގެ އަޅުވެތިކަމަށް އަޅުތަކުން ނެރުން

ތަރުޖަމާ: އަލްއަޚް ޒަމްޒަމް ފާރިޝް
ހިޖުރައިން 15 ވަނަ އަހަރު ހިނގާދިޔަ ޤާދިސިއްޔާ ހަނގުރާމައިގައި އިރާޤު އިސްތިއުމާރުކޮށްގެން ތިބި ފާރިސީންގެ 80000 ހަނގުރާމަވެރިންނާ މުސްލިމުންގެ ލަޝްކަރު ކުރިމަތިލި ހިނދު ، ކާފިރުންގެ ލަޝްކަރުގެ ވެރިއެއްގެ ގޮތުގައި ހުރި ރުސްތުމް، ސުވާލުކޮށް އޮޅުން ފިލުވަން ބޭނުންވެފައިވާ ކަންކަން ސާފުކޮށްދެވޭވަރުގެ ވިސްނުންތޫނު ޤާބިލު ފަހުލަވާނަކު މުސްލިމުންގެ ލަޝްކަރުގެ ތެރެއިން ފޮނުވައިދެއްވުމަށް އެވަގުތު މުސްލިމުންގެ ލަޝްކަރުގެ ވެރިޔާ، ﷲ ރުއްސުންލެއްވި މާތް ޞަޙާބީ، ސަޢްދު ބްނި އަބީ ޥައްޤާޞްގެ އަރިހުން އެދުނެވެ. އެހިނދު އެކަލޭގެފާނުގެ އަރިހުގައި ހުންނެވި ރިބްޢިއްޔު ބްނި ޢާމިރު ކިޔާ ބޭފުޅަކު އެކަމާއިގެން ރުސްތުމްގެ ގާތަށް ފޮނުއްވުމަށް ނިންމެވިއެވެ.
ފަހެ ﷲ ސުބްޙާނަހޫ ޥަތަޢާލާ ރުއްސުންލެއްވި މާތް ޞަޙާބީ، ސަޢްދު ބްނި އަބީ ޥައްޤާޞްގެ އަމުރުފުޅާއިގެން ތެދުވެ ރިބްޢިއްޔު ބްނި ޢާމިރު ރުސްތުމްގެ ގާތަށް ދިޔައެވެ. އެހިނދު އެކަލޭގެފާނަށް ފެނިވަޑައިގެން ދިޔައީ ، ފަށުވި ފޮތިން ފަހައި، ރަނުން ޖަރީކުރެވިފައިވާ ބާލީސްތަކާއި، އިތާ މުތްތަކުންނާއި، އަގުބޮޑެތިހާ ޖަވާރިހުތަކުން ޒީނަތްތެރިކޮށްފައިވާ އެމަޖިލީހުގައި ރުސްތުމް އޭނާގެ ތާޖު އަޅައިގެން ރަނުން ހަދާފައިވާ އެނދެއް މަތީގައި އިށިއިނދެލައިގެން އިންތަނެވެ.
ރުސްތުމްގެ މަޖިލީހަށް ރިބްޢިއްޔު ބްނި ޢާމިރު ވަދެވަޑައިގެންނެވިއެވެ. އޭރު އެކަލޭގެފާނު އިންނެވީ ވަރަށް އާދައިގެ ނިކަމެތި ހެދުންކޮޅެއް ތުރުކުރައްވައިގެން، އެކަލޭގެފާނުގެ ކަނޑިއާއި އައްޑަނަ ހިއްޕަވައިގެން، ކުރުކުރު އަހެއްގެ މައްޗަށް ސަވާރުވެވަޑައިގެންނެވެ. ފަހެ ރިބްޢިއްޔު ބްނި ޢާމިރު ، އެކަލޭގެފާނުގެ އަސް، ރުސްތުމްގެ ދަރުބާރުގައި އަޅާފައިވާ ދޫލައިގެ މައްޗަށް އަރައިފުމަށް ދާންދެން ފައިބައިވަޑައިނުގެން އެސޮރުގެ މަތީ ސަވާރުވެވަޑައިގެން އިންނެވިއެވެ. އަދި އެހިސާބަށް ދެވުމާއެކު އަހުން ފައިބައިވަޑައިގެން އެތާނގައިހުރި ބާލިސްތަކުން ބާލީހެއްގައި އެކަލޭގެފާނުގެ އަހުގެ ލަގަން އެއްސެވިއެވެ. އެއަށް ފަހު އެކަލޭގެފާނުގެ ދަހަނާކޮޅާއި ހެލްމެޓާއި ކަނޑިއާއެކު އެހުރިގޮތަށް ރުސްތުމްއާ ދިމާލަށް ހިނގައިގަތެވެ. ނަމަވެސް އެވަގުތު އެކަލޭގެފާނު ހުއްޓުވައި އެކަލޭގެފާނަށް ބުނެވުނެވެ: "ތިބާގެ ކަނޑި ބަހައްޓާށެވެ!".
ރިބްޢިއްޔު ބްނި ޢާމިރު ޖަވާބުގައި ވިދާޅުވިއެވެ: "އަހަރެން ކަލޭމެންގެ ގާތަށް މިއައީ އަހަރެން އަމިއްލަކަށް ނޫން. އަހަރެން މިއައީ ކަލޭމެން އެދިގެން. މިގޮތަށް އަހަރެން ހުރެގެން ވަންނަން ކަލޭމެން ނުރުހޭނަމަ އަހަރެން އެނބުރި މިދަނީ".
އެހިނދު ރުސްތުމް ބުންޏެވެ: "އޭނައަށް އިޒުނަދީ".
މިހެން ބުނެ، ރުސްތުމް އޭނާގެ ލޮންސިއަށް ބާރުލައި އެނދުމަތީގައި އޮތް ބާލީހުގައި ލެނގިލައި ރިބްޢިއްޔު ބްނި ޢާމިރުއާ ދިމާލަށް އެނބުރިލިއެވެ. އަދި ބުންޏެވެ: "ތިޔަބައިމީހުން ތިޔަ އައީ ކޮންކަމަކައިގެން؟"
ރިބްޢިއްޔު ބްނި ޢާމިރު ވިދާޅުވިއެވެ: "އަޅުތަކުންގެ އަޅުވެތިކަމުން މީސްތަކުން ނެރެ ، ﷲ ގެ އަޅުވެތިކަމުގެ ދަށަށް މީސްތަކުން ގެންދިޔުމަށް ، އަދި ދުނިޔޭގެ ތާށިކަމުން (ހިތްދަތިކަމާއި ނުތަނަވަސްކަމުން) ދުނިޔޭގެ ހިތްހަމަ ޖެހުމާއި ތަނަވަސްކަމަށް މީސްތަކުން ނެރެ ، އަދި ދީންތަކުގެ އަނިޔާވެރިކަމުން އިސްލާމްދީނުގެ ޢަދުލުވެރިކަމަށް މީސްތަކުން ނެރުމަށްޓަކައި ﷲ ސުބުޙާނަހޫ ވަތަޢާލާ އަހަރެމެން ފޮނުއްވެވި. އެކަލާނގެ ދީނަށް ދަޢްޥަތު ދިނުމަށްޓަކައި އެބައިމީހުންގެ ގާތަށް އަހަރެމެން ފޮނުއްވެވި. ފަހެ، އެ ދަޢްޥަތު ޤަބޫލުކޮށްފި މީހާގެ ކިބައިން އަހަރެމެން އެކަން ޤަބޫލުކޮށް އެނބުރި ދާނަން. އަދި އެ އެދަޢްޥަތަށް އިންކާރުކޮށްފި މީހާއާ ﷲ ގެ ވަޢުދުފުޅާ ބައްދަލުވާންދެން އަހަރެމެން ހަނގުރާމަ ކުރާނަން".
އެހިނދު ރުސްތުމް ބުންޏެއެވެ: "ﷲ ގެ ޥަޢްދަކީ ކޮބާ؟"
ޖަވާބުގައި ރިބްޢިއްޔު ބްނި ޢާމިރު ވިދާޅުވިއެވެ: "އެއީ އެދަޢްޥަތަށް އިންކާރުކުރާ މީހާއާ ހަނގުރާމަކޮށް މަރުވާ މީހާއަށް ސުވަރުގެ. އަދި މަރުނުވެ ބާކީ ތިބި މީހުންނަށް ހަނގުރާމާގައި ކާމިޔާބު ލިބުން"
ރުސްތުމް ބުންޏެވެ: "ތިބާގެ ބަސް އަހަންނަށް އިވިއްޖެ. އެކަމަކު މިކަމާ މެދު އަހަރެމެން ވިސްނައި ފިކުރުކޮށް އަދި ތިޔަބައިމީހުންވެސް މިކަމާމެދު ވިސްނައި ފިކުރުކުރުމަށްޓަކައި ވަގުތު ދެވިދާނެތަ؟".
ރިބްޢިއްޔު ބްނި ޢާމިރު ވިދާޅުވިއެވެ: "އާނ! އެކަމަށް ކަލޭމެން ބޭނުންވަނީ ކިތައް ދުވަސް؟ އެއްދުވަސްތަ؟ ނޫނީ ދެ ދުވަސް ތަ؟"
ރުސްތުމް: "ނޫން! އަދިކިއެއް، އަހަރެމެންގެ ވިސްނުމުގެ މީހުންނާއި، އަހަރެމެންގެ ޤައުމުގެ ބޮޑުންނާ މިކަމާ ވާހަކަ ދައްކައި މަޝްވަރާކޮށް ނިމެންދެން".
ރިބްޢިއްޔު ބްނި ޢާމިރު ވިދާޅުވިއެވެ: "އެކަމަކު ﷲ ގެ ރަސޫލާ، ޢަދާޥާތްތެރިންނާ ބައްދަލުވުމަށްފަހު ތިން ދުވަހަށްވުރެ ލަހެއް ނުކުރައްވާ. އެހެންކަމުން، މިކަމާއި މެދު ކަލޭވެސް އަދި އެމީހުންވެސް ވިސްނާ. އަދި މިތިން މުހުލަތުގެ ތެރޭގައި ގޮތެއް ޚިޔާރުކުރޭ".
ރުސްތުމް: "ތިޔައީ ތިޔަބައިމީހުންގެ ވެރި މީހާތަ؟".
ރިބްޢިއްޔު ބްނި ޢާމިރު ވިދާޅުވިއެވެ: "ނޫން. އެކަމަކު މުސްލިމުންނަކީ އެއް ހަށިގަނޑެއް ފަދަ ބައެއް ، އެބައިމީހުން އެއްބައެއް އަނެއްބައެއްގެ މައްޗަށް ރައްކާތެރިވޭ".
ރުސްތުމް އޭނާގެ ގައުމުގެ ބޮޑުން އެއްކުރިއެވެ. އަދި އެމީހުންނަށް ބުންޏެވެ: "މި ފިރިހެނާ މިދެއްކި ފަދަ މަތިވެރި އަދި ހެޔޮ ވާހަކައެއް ދުވަހަކުވެސް ތިބައިމީހުން އަޑުއެހިންތަ؟."
ގައުމުގެ ބޮޑުން ޖަވާބުގައި ބުންޏެވެ: "މި ކުއްތާގެ ވާހަކައަށް ހެއްލިވަޑައިގެން މަނިކުފާނުގެ ދީން ދޫކޮށްލެއްވުމުން ކަލާނގެ މަނިކުފާނު ރައްކާތެރި ކޮށްދެއްވާށި! އޭނާގެ ފޭރާން މަނިކުފާނަށް ނުފެނޭތަ؟".
ރުސްތުމް ބުންޏެވެ: "ކަލޭމެންނަށް ހަލާކު ހުރި! އޭނާގެ ފޭރާމަށް ނުބަލާ. އޭނާގެ ވިސްނުމާއި، ބަސްމަގާއި ދޫފަސޭހަކަން ދެކިބަލަ. ހަމަކަށަވަރުން މުސްލިމުންނަކީ، ފޭރާމާއި ކާ ތަކެއްޗާ ހެދި އުޅޭ ބައެއް ނޫން. އެމީހުންގެ ގާތުގައި މުހިއްމީ މީހާގެ ޙަސަބާއި ނަސަބު".
ކޮންމެއަކަސް މިކަންތައްތަކަށްފަހު މުސްލިމުންގެ ތެރެއިން އެހެން ބޭފުޅަކު ފޮނުއްވައިދެއްވުމަށް މުސްލިމުންގެ ކޮމާންޑަރު ސަޢްބުން އަބީ ޥައްޤާޞްގެ އަހިރުން ރުސްތުމް އެދުނެވެ. އެގޮތުން، މިފަހަރު އެކަމަށްޓަކައި ﷲ ރުއްސުންލެއްވި މާތް ޞަޙާބީ އަލް-މުޣީރަ ބްނު ޝުޢްބާ ފޮނުއްވުނެވެ.
ރުސްތުމްގެ ގާތަށް އަލް-މުޣީރަ ބްނު ޝުޢްބާ ވަދެވަޑައިގެންނެވުމުން ރުސްތުމް ބުންޏެވެ: "ހަމަކަށަވަރުން ތިޔަބައިމީހުންނަކީ އަހަރެމެންގެ އަވައްޓެރިން. އެހެންކަމުން އަހަރެމެން ތިޔަބައިމީހުންނަށް އިޙްސާންތެރިވީމު. އަދި ތިޔަބައިމީހުންނަށް ދިމާވާ ދަތި އުނދަގޫތަށް ތިޔަބައިމީހުންގެ ކިބައިން ފިއްލަވައިދެއްވީމު. ތިޔަބައިމީހުންގެ އަމިއްލަ ޤައުމަށް އެނބުރި ދޭ. އޭރުން ތިޔަބައިމީހުން ވިޔަފާރިކުރުމަށްޓަކައި އަހަރެމެންގެ ޤައުމަށް އެރުން މަނައެއް ނުކުރާނަން".
އަލް-މުޣީރަ ބްނު ޝުޢްބާ ޖަވާބުގައި ވިދާޅުވިއެވެ: "ހަމަކަށަވަރުން އަހަރެމެންނަކީ ދުނިޔެއަށް އެދިގެން އުޅޭ ބަޔަކު ކަމުގައި ނުވަމު. އަހަރެމެންނަށް މުހިއްމީ، އަދި އަހަރެމެން އެދޭ އެއްޗެއް ކަމުގައިވަނީ ހަމައެކަނި އާޚިރަތް. ހަމަކަށަވަރުން ﷲ އަހަރެމެންގެ ގާތަށް ޙައްޤު ދީނައިގެން ރަސޫލަކު ފޮނުއްވެވި. އެދީނަށް ވަނުމަށް އިންކާރުކުރާ މީހާ ނިކަމެތިނުވެ ނުދޭ. އަދި އެދީނުގައި ހިފަހައްޓައިފި މީހާ ޢިއްޒަތްތެރިނުވެ ނުދޭ".
ރުސްތުމް ބުންޏެވެ: "އެއީ ކޮން ދީނެއް؟"
އަލް-މުޣީރަ ބްނު ޝުޢްބާ ވިދާޅުވިއެވެ: "ފަހެ އެދީނަކީ، "ﷲ މެނުވީ ޙައްޤުގޮތުގައި އަޅުކަންވެވޭ އެހެން އިލާހަކު ނުވާ ކަމަށާއި މުޙައްމަދުގެފާނީ އެކަލާނގެ ރަސޫލާކަމަށް ހެކިވެ، އަދި އެކަލޭގެފާނު ﷲ ގެ ޙަޟްރަތުން ގެންނެވި އެންމެހާ ކަމަކަށް އިޤްރާރުވުން" ، މިކަންކަން ނުލައި އެހެން އެއްވެސް ކަމެއް ޤަބޫލުވެވިގެން ނުވާދީން. ފަހެ އެއީ އެދީނުގެ ތަނބު".
ރުސްތުމް ބުންޏެވެ: "ވަރަށް ފުރިހަމަ! ދެން ކޮން ކަމެއް؟"
އަލް-މުޣީރަ ބްނު ޝުޢްބާ ވިދާޅުވިއެވެ: "ދެން އަޅުންގެ އަޅުވެތިކަމުން ﷲ ގެ އަޅުވެތިކަމަށް އަޅުތަކުން ނެރުން".
ރުސްތުމް ބުންޏެވެ: "ވަރަށް ފުރިހަމަ! ދެން ކޮން ކަމެއް؟"
އަލް-މުޣީރަ ބްނު ޝުޢްބާ ވިދާޅުވިއެވެ: "އެންމެހާ މީސްތަކުންނަކީ އާދަމުގެފާނުގެ ދަރިން. ފަހެ އެބައިމީހުންނަކީ އެއްބަނޑުއެއްބަފާ އަޚުން".
ރުސްތުމް ބުންޏެވެ: "ވަރަށް ފުރިހަމަ! އަހަރެމެން ތިޔަ ދީނަށް ވަދެއްޖެނަމަ އަހަރެމެންގެ ޤައުމުން ތިޔަބައިމީހުން އެނބުރި ދާނަންތަ؟"
އަލް-މުޣީރަ ބްނު ޝުޢްބާ ވިދާޅުވިއެވެ: "އާނ! ﷲ ގަންދީ ބުނަން. ވިޔަފާރި ދަތުރެއްގައި ނުވަތަ ހާޖަތެއް ޖެހިގެން ނޫނީ ތިޔަބައިމީހުންގެ ޤައުމާ ކައިރިވެސް ނުވާނަން".
ރުސްތުމް ބުންޏެވެ: "ވަރަށް ފުރިހަމަ!"
އެއަށްފަހު، އަލް-މުޣީރަ ބްނު ޝުޢްބާ ރުސްތުމްގެ ގާތުން ނިކުމެވަޑައިގެންނެވުމުން ރުސްތުމް އޭނާގެ ޤައުމުގެ ބޮޑުން ގާތު އިސްލާދީނަށް ވަނުމާމެދު މަޝްވަރާ ކުރިއެވެ. ނަމަވެސް އެބައިމީހުން އެކަމަށް ފުރަގަސްދީ އިސްލާމްދީނަށް ވަނުމަށް އިންކާރު ކުރިއެވެ.
ކަންމިހެންވުމުން، މުސްލިމުންގެ މުޖާހިދުންގެ ލަޝްކަރާއި ފާރިސީންގެ ލަޝްކަރާ ދެމެދުގައި ވަރުގަދަވެގެންވާ ބޮޑު ހަނގުރާމަ ކުރެވުނެވެ. މިހަނގުރާމަ ތިން ދުވަހަށް ދެމިގެން ދިޔައެވެ. އަދި މުސްލިމުންގެ ތެރެއިން ވަރަށް ގިނަ މުޖާހިދުންނަށް ފާރިސީންގެ އެތްތަކުގެ ސަބަބުން ބޮޑެތި އަނިޔާތައް ލިބުނެވެ. ނަމަވެސް މުސްލިމުން ﷲ ގެ މަގުގައި ކެތްތެރިވެ ނަމާދުން ހިތްވަރު ހޯއްދިއެވެ. އަދި ﷲ ގެ ދީނަށް ނަޞްރު ލިބެންދެން ހަނގުރާމަ ކުރެއްވިއެވެ. އެންމެ ފަހުން ހަތަރުވަނައަށްވީ ދުވަހު ކާފިރުންގެ މައްޗަށް ﷲ ތަޢާލާ ބާރުގަދަ ވައެއް ފޮނުއްވެވިއެވެ. އޭގެ ސަބަބުން ފަރިސީންގެ ލަޝްކަރަށް ލޮޅުން އަރައިގެން ދިޔައެވެ. އަދި އެބައިމީހުންގެ ފޭލިގެތަކާއި އެހެނިހެން ސާމާނާއި ތަކެއްޗަށް ބޮޑެތި ގެއްލުންތައް ލިބިގެންދިޔައެވެ. އެންމެ ފަހުން ހަނގުރާމަ ނިމުނު އިރު، މުސްލިމުންގެ ތެރެއިން ދެހާސް ފަސް ސަތޭކައެއްހާ މުޖާހިދުން ޝަހީދުވިއެވެ. ނަމަވެސް އޭގެ ބަދަލުގައި މުސްލިމުންގެ އަތުން ދިހަ ހާހެއްހާ ކާފިރުން ޤަތުލުވިއެވެ. އަދި އެންމެފަހުން މުސްލިމުންނަށް ގަދަކީރިވަންތަ ﷲ ތަޢާލާ ނަޞްރު ދެއްވެވިއެވެ. الله أكبر!

Read more...