08 March 2011

ޛިކްރުކުރުމުގެ މާތްކަން

އައްޝައިޚް މުޙައްމަދު އިބްރާހިމް، ނައިފަރު
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. فَاذْكُرُونِي أَذْكُرْكُمْ وَاشْكُرُوا لِي وَلَا تَكْفُرُونِ (البقرة: ١٥٢) "ފަހެ ތިޔަބައިމީހުން ތިމަންﷲ ހަނދުމަކުރާށެވެ. އޭރުން ތިމަންﷲ ތިޔަބައިމީހުން ހަނދުމަކުރައްވާހުށީމެވެ. އަދި ތިޔަބައިމީހުން ތިމަންﷲއަށް ޝުކުރުވެރިވާށެވެ. އަދި ތިމަންﷲއަށް ތިޔަބައިމީހުން ކާފިރުނުވާށެވެ."

يَا أَيُّهَا الَّذِينَ آَمَنُوا اذْكُرُوا اللَّهَ ذِكْرًا كَثِيرًا (الأحزاب: ٤١) "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ގިނަވެގެންވާ ހަނދުމަކުރުމަކުން ﷲ ތަޢާލާ ހަނދުމަކުރާށެވެ."

وَالذَّاكِرِينَ اللَّهَ كَثِيرًا وَالذَّاكِرَاتِ أَعَدَّ اللَّهُ لَهُمْ مَغْفِرَةً وَأَجْرًا عَظِيمًا (الأحزاب: ٣٥) "ގިނަގިނައިން ﷲ ތަޢާލާ ހަނދުމަކުރާ ފިރިހެނުންނާއި އަދި ގިނަގިނައިން ﷲ ތަޢާލާ ހަނދުމަކުރާ އަންހެނުން ދަންނައެވެ. އެބައިމީހުންނަށްޓަކައި ﷲ ތަޢާލާ ފާފަފުއްސެވުމާއި މަތިވެރިވެގެންވާ އަޖުރު ތައްޔާރުކުރެއްވިއެވެ."

وَاذْكُرْ رَبَّكَ فِي نَفْسِكَ تَضَرُّعًا وَخِيفَةً وَدُونَ الْجَهْرِ مِنَ الْقَوْلِ بِالْغُدُوِّ وَالْآَصَالِ وَلَا تَكُنْ مِنَ الْغَافِلِينَ (الأعراف: ٢٠٥) "އަދި ތިބާގެ ނަފްސުގައި މަޑުމޮޅިކަމާ ބިރުވެތިކަމާއެކު އަދި އަޑު އުފުލުމެއް ނެތި ހެނދުނާ ހަވީރު ތިބާގެ ވެރި ރަސްކަލާނގެ ހަނދުމަކުރާށެވެ. އަދި ޣާފިލުވި މީހުންގެ ތެރެއިން ތިބާ ނުވާށެވެ."

އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅުކުރެއްވިއެވެ. "އެމީހަކު ހައްދަވާބޮޑުކުރެއްވި ރަސްކަލާނގެ ހަނދުމަކުރާމީހާއާއި، އަދި އެމީހަކު ހައްދަވާބޮޑުކުރެއްވި ރަސްކަލާނގެ ހަނދުމަނުކުރާމީހާގެ މިސާލަކީ ދިރިހުރި މީހަކާއި މަރުވެފައިވާ މީހެއްގެ މިސާލެވެ." (1)

އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅުކުރެއްވިއެވެ. "ތިޔަބައިމީހުންގެ ޢަމަލުތަކުގެ ތެރެއިން އެންމެ ހެޔޮ ޢަމަލަކީ ކޮބައިކަމާ، އަދި ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެ ޙަޟްރަތުގައި އެންމެ ޠާހިރުކަންބޮޑު ޢަމަލަކީ ކޮބައިކަމާ، އަދި ތިޔަބައިމީހުންގެެ ދަރަޖަތަކުގައި އެންމެ އުފުލިގެންވާ ޢަމަލަކީ ކޮބައިކަން ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ވިދާޅުވެދެއްވަން ހެއްޔެވެ؟ އެކަމަކީ ތިޔަބައިމީހުންނަށް ރަނާއި ރިހި ހޭދަކުރުމަށް ވުރެވެސް ހެޔޮވެގެންވާ ކަމެކެވެ. އަދި ތިޔަބައިމީހުންގެ ޢަދުއްވުންނާއި ތިޔަބައިމީހުން ބައްދަލުކޮށް އެބައިމީހުންގެ ކަރުތައް ކަނޑާ އަދި އެބައިމީހުން ތިޔަބައިމީހުންގެ ކަރުތައް ކެނޑުމަށްވުރެވެސް ތިޔަބައިމީހުންނަށް ހެޔޮވެގެންވާ ކަމެކެވެ. ޞަޙާބީން ދެންނެވިއެވެ. އާދޭހެވެ! ވިދާޅުވެދެއްވާށެވެ! ޙަދީޘްފުޅުކުރެއްވިއެވެ. އެއީ ﷲ އަށް ޒިކުރުކުރުމެވެ. (2)

އަދި ޤުދުސީ ޙަދީޘްފުޅެއްގައި އައިސްފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅުކުރެއްވިއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. "ތިމަންﷲ ވޮޑިގެންވަނީ ތިމަންﷲގެ އަޅާ ތިމަންﷲއާ ދޭތެރޭ ހީކުރާގޮތެއްގެ މަތީންނެވެ. އޭނާ ތިމަންﷲ ހަނދުމަކުރާ ހިނދު ތިމަންﷲ ވޮޑިގެންވަނީ އޭނާއާ އެކުގައެވެ. ފަހެ އޭނާގެ އަމިއްލަ ނަފްސަށް އޭނާ ތިމަންﷲ ހަނދުމަކޮށްފިނަމަ ތިމަންﷲވެސް އޭނާ ހަނދުމަކުރައްވާހުށީމެވެ. އަދި އޭނާ ޖަމާޢަތެއްގެ ތެރޭގައި ތިމަންﷲ ހަނދުމަކޮށްފިނަމަ އެ ޖަމާޢަތަށްވުރެ ހެޔޮ ޖަމާޢަތެއްގައި އޭނާ ހަނދުމަކުރައްވާހުށީމެވެ. އަދި އޭނާ ތިމަންﷲއާ ކައިވަތަކަށް ކުއްތަން ވެއްޖެނަމަ ތިމަންﷲ އޭނާއާ މުށަކަށް ކައިރިވެވޮޑިގަންނަވާހުށީމެވެ. އަދި އޭނާ ތިމަންﷲއާ މުށަކަށް ކުއްތަންވެއްޖެނަމަ ތިމަންﷲ އޭނާއާ ބޮމައަކަށް ކައިރިވެވޮޑިގަންނަވާހުށީމެވެ. އަދި އޭނާ ތިމަންރަސްކަލާނގެ ޙަޞްރަތަށް ހިނގާފައި އައިސްފިނަމަ ތިމަންރަސްކަލާނގެ އޭނާގެ ކައިރިއަށް އެއަށްވުރެ ހަލުއިކޮށް ވޮޑިގަންނަވާހުށީމެވެ." (3)

އަދި މާތް ﷲ ރުއްސުންލެއްވި عبد الله بن بسر ގެ އަރިހުން ރިވާވެގެންވެއެވެ. ހަމަކަށަވަރުން މީހަކު ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ! ހަމަކަށަވަރުން ދީނުގެ ޝަރީޢަތްތައް އަހަރެމެންގެ މައްޗަށް ގިނަވެގެންވެއެވެ. ފަހެ އަހަރެން އެކަމެއްގައި ވަރުގަދަޔަށް ހިފަހައްޓާނޭކަމެއް އަހަރެންނަށް ބުނެދެއްވާށެވެ. ޙަދީޘްފުޅުކުރެއްވިއެވެ. "ތިބާގެ ދޫ އަބަދުވެސް ﷲ އަށް ޒިކުރުކުރުމުގައި ތެތްކޮށް ބަހައްޓާށެވެ." (4)

އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅުކުރެއްވިއެވެ. "ﷲ ފޮތުން އެންމެ އަކުރެއް ކިޔައިފި މީހާއަށް އޭގެސަބަބުން ހެޔޮކަމެއް ވެއެވެ. އަދި ކޮންމެ ހެޔޮކަމަކީ ދިހަ ހެޔޮކަމެވެ. (الم) އަކީ އެންމެ އަކުރެކޭ ތިމަންކަލޭގެފާނު ވިދާޅެއްނުވަމެވެ. އެކަމަކު އަލިފަކީ އަކުރެކެވެ. ލާމަކީ އަކުރެކެވެ. އަދި މީމަކީ އަކުރެކެވެ." (5)

އަދި މާތް ﷲ ރުއްސުންލެއްވި عقبة بن عامر ގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެއްދުވަހަކު ގެއިން ނުކުމެވަޑައިގެންފިއެވެ. އޭރު އަހުރެމެން ވަނީ ޞުއްފާ ގައެވެ. ފަހެ އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ. "ތިޔަބައިމީހުންގެ ތެރެއިން، ކޮންމެ ދުވަހަކު ބުޠްޙާނަށް ނުވަތަ ޢަޤީޤަށް ގޮސް އެތަނުން އެއްވެސް ފާފައަކާ ނުލައި އަދި އެއްވެސް ގުޅުމެއް ނުކަނޑައި ބޮޑު ގޮންގަނޑުލީ ދެ ޖަމަލު ހިފައިގެން އައުމަށް ލޯބިކުރަނީ ކާކުހެއްޔެވެ؟" ފަހެ އަހަރެމެން ދަންނަވައިފީމެވެ. އޭ ﷲ ގެ ރަސޫލާއެވެ! އަހަރެމެން އެކަމަށް ލޯބިކުރަމެވެ. ޙަދީޘްފުޅުކުރެއްވިއެވެ. "ފަހެ ތިޔަބައިމީހުންގެ ތެރެއިން މީހަކު މިސްކިތަށް ނުދާނަންހެއްޔެވެ؟ އަދި މިސްކިތަށް ގޮސް ﷲ ގެ ފޮތުން ދެ އާޔަތް ކިޔަވައިދިނުމާއި ނުވަތަ ދެއާޔަތް ކިޔުން އޭނާއަށް އެ ދެޖަމަލަށްވުރެ ހެޔޮކަން ބޮޑުވެގެންވެއެވެ. އަދި ތިންއާޔަތް އޭނާއަށް ތިން ޖަމަލަށްވުރެ ހެޔޮކަން ބޮޑެވެ. އަދި ހަތަރުއާޔަތް ހަތަރުޖަމަލަށްވުރެ ހެޔޮކަން ބޮޑެވެ. އަދި އާޔަތުގެ ޢަދަދު ގިނަވުން އެޢަދަދުގެ ޖަމަލަށްވުރެ ހެޔޮކަން ބޮޑުވެގެންވެއެވެ." (6)

އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅުކުރެއްވިއެވެ. "މަޖިލީހެއްގައި އިށީނދެ، އެތާނގައި ﷲ ގެ ޒިކުރު ނުކޮށްފި މީހާދަންނައެވެ. އޭނާގެ މައްޗަށް ﷲގެ ޙަޟްރަތުން ގެއްލުމާއި ހަލާކުވެއެވެ." (7)

އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅުކުރެއްވިއެވެ. "އެއްވެސް ބަޔަކު މަޖިލީހެއްގައި، ﷲ އަށް ޒިކުރުނުކޮށް އަދި އެބައިމީހުންގެ ނަބިއްޔާގެ މައްޗަށް ޞަލަވާތް ނުކިޔަވައިފިނަމަ އެބައިމީހުންގެ މައްޗަށް ގެއްލުމާއި ހަލާކު ނުވާގޮތަކަށް އެ މަޖިލީހުގައި އެބައިމީހުން ނުއިށީނދެއެވެ. ފަހެ ﷲ އިރާދަކުރައްވައިފިނަމަ އެބައިމީހުންނަށް ޢަޛާބުދެއްވައެވެ. އަދި އެކަލާނގެ އިރާދަކުރައްވައިފިނަމަ އެބައިމީހުންނަށް ފާފަފުއްސަވައިދެއްވައެވެ." (8)

އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅުކުރެއްވިއެވެ. "އެއްވެސް ބަޔަކު މަޖިލީހެއްގައި ﷲ އަށް ޒިކުރު ނުކޮށްފިނަމަ އެމަޖިލީހުން އެބައިމީހުން ތެދުވާހިނދު، މަރުވެފައިވާ ހިމާރެއްގެ މަސްގަނޑުފަދަ އެއްޗަކުން ތެދުވާ ބަޔަކުކަމުގައި މެނުވީ ނުވެއެވެ. އަދި އެބައިމީހުންނަށް ހިތާމަވެރިކަން ހުއްޓެވެ." (9)
...........................................................................
1- رواه البخاري. އަދި مسلم ގައި ރިވާވެގެންވަނީ މިފަދައިންނެވެ. "އެގެއެއްގައި ﷲ ހަނދުމަކުރެވޭ ގެއަކާއި އެގެއެއްގައި ﷲ ހަނދުމަނުކުރެވޭ ގޭގެ މިސާލަކީ ދިރިހުރިމީހަކާއި މަރުވެފައިވާމީހެއްގެ މިސާލެވެ.
2- رواه الترمذي وابن ماجة وصحّحه الألباني.
3- رواه البخاري ومسلم واللفظ للبخاري. (މި ޙަދީޘްފުޅުގައި ﷲ، އަޅާއާ ކައިރިވެވޮޑިގަތުމުގެ މުރާދަކީ އެކަލާނގެ، އަޅާއަށް ޘަވާބު ގިނައިން ދެއްވުމެވެ. އެބަހީ އޭނާ ގިނައިން ﷲ ހަނދުމަކޮށްފިނަމަ އަދި ހެއުޢަމަލާގެން އެކަލާނގެ ޙަޟްރަތަށް ކުއްތަންވެއްޖެނެމަ އެކަލާނގެ، އޭނާއަށް ގިނައިން ޘަވާބުދެއްވާނެއެވެ.)
4- رواه الترمذي وابن ماجة وصحّحه الألباني.
5- رواه الترمذي وصحّحه الألباني
6- رواه مسلم.
7- رواه أبوداود. وصحّحه الألباني.
8- رواه الترمذي وصحّحه الألباني.
9- رواه أبوداود وأحمد وصحّحه الألباني.

.........................................
ޙިސްނުލް މުސްލިމް މިފޮތުން ނަގާފައި

Blog Widget by LinkWithin

No comments:

Post a Comment