04 September 2010

އިސްލާމީ ޝަރީޢަތުގައި ރޯދަ

އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
الحمد لله الذي كتب علينا الصيام و جعله من أركان الإسلام ، و الصلاة و السلام على من بلغ رسالة ربه ، سيدنا محمد و على آله و صحبه و سلم ، و يعد :
އާދެ! އެހެނިހެން އުންމަތްތަކުގެ މީހުންގެ މައްޗައްވެސް ރޯދަ ފަރުޟުކުރެއްވުނު ފަދައިން މާތް ﷲ، މުޙައްމަދުގެފާނުގެ އުންމަތުގެ މީހުންގެ މައްޗަށްވެސް ރޯދަ ފަރުޟުކުރެއްވިއެވެ. އެއީ އެކަލާނގެ ކިބަފުޅަށް ބިރުވެތިވެ ތަޤުވާވެރިވުމަށެވެ. ދެންފަހެ ރަމަޟާންމަހުގެ ދުވަސްތައް އަޅުގަނޑުމެންނާއެކު ތަކުރާރުވަމުންދާއިރު، ރޯދައާއިބޭހޭގޮތުން ބައެއްފަހަރު ބޭނުންވެދާނެ މަޢުލޫމާތު ތަކެއްވެސް ވާނެކަންޔަޤީނެވެ. މިހެންކަމުން އަޅުގަނޑު މި މަޒްމޫނު ޚާއްޞަކޮށްލާނީ ރޯދައާއި އޭގެ ބައެއް ޙުކުމުތަކާއި، އަދި ފިޠުރު ޒަކާތުގެ މައްޗަށްވެސް ކޮންމެވެސް ވަރަކަށް އަލި އަޅުވާފައިވާ ލިއެވޭ މަޒްމޫނެއްގެ ގޮތުގައެވެ. ﷲ ތައުފީޤް ދެއްވާށި އާމީން.

ރޯދައިގެ ތަޢުރީފް
(الصيام) މިއީ ޢަރަބި ލަފްޒެކެވެ. ޢަރަބި ބަހުގައި އެބަހުގެ މާނައަކީ ހަނުހުރުމެވެ. މިލަފްޒު ހަނުހުރުމުގެ މާނައިގައި ކީރިޤުރުއާނުގެ މަރްޔަމް ސޫރަތުގެ 26 ވަނަ އާޔަތުގައި ﷲ ތަޢާލާ މަރްޔަމްގެފާނަށް ވަޙީކުރެއްވި ބަސްފުޅެއްގެ މާނާގައި ވެއެވެ. "ދެން ކަމަނާއަށް މީހަކު ފެނިއްޖެނަމަ ބުނާށެވެ. ހަމަކަށަވަރުން އަހުރެން މިއިނީ ރަޙްމާންވަންތަ ރަސްކަލާނގެ ކިބައަށް ރޯދަހިފުމަށް ނަދުރު ގަނެގެންނެވެ! ވީމާ އަދު އަހުރެން، އެއްވެސް މީހަކާ ވާހަކަދައްކައި އުޅޭކަށްނެތީމެވެ." މިތަނުގައި މިލަފްޒުގެ މުރާދަކީ ވާހަކަނުދައްކައި ހަނުހުރުމެވެ.

ދެންފަހެ ރޯދައިގެ ޝަރުޢީ މާނައަކީ : ފަޖުރުލީއްސުރެން ރޯދަހިފުމުގެ ނިޔަތުގައި، އިރުއޮއްސިއްޖައުމަށް ދާންދެން އެރޯދަ ގެއްލައިފަނިވި ކަންކަމުން މަނާވެގެންހުރުމެވެ.

ރޯދަފަރުޟުކުރެއްވިކަމުގެ ދަލީލު :
ރަމަޟާންމަހުގެ ރޯދައަކީ ފަރުޟު ރޯދައެއްކަމަށް ކީރިތި ޤުރުއާނާއި، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތާއި އުންމަތުގެ އިޖުމާޢުގައި އައިސްފައިވެއެވެ. މާތްﷲ ވަޙީކުރެއްވި ބަސްފުޅެއްގެ މާނާގައިވެއެވެ. "އޭ އީމާންވީ މީހުންނެވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗައް ރޯދަ ފަރުޟުކުރެއްވުނުފަދައިން، ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ ފަރުޟުކުރެވިއްޖެއެވެ. އެއީ ތިޔަބައިމީހުން ތަޤްވާވެރިވުމަށްޓަކައެވެ.

ކީރިތި ރަސޫލާގެ ސުންނަތް : (بني الإسلام على خمس ، شهادة ألا إله إلا الله و أن محمدا رسول الله ، و إقام الصلاة ، و إيتاء الزكاة ، و صيام رمضان ، وحج البيت) މިބަސްފުޅުގެ މާނައަކީ : "އިސްލާމްދީން ބިނާވެފައިވަނީ ފަސްކަމެއްގެ މައްޗަށެވެ. އެއީ ﷲގެ އެއްކައުވަންތަކަމަށް ހެކިވުމާއެކު މުޙައްމަދުގެފާނީ ﷲ ގެރަސޫލާކަމަށްހެކިވުމާއި، ނަމާދުޤާއިމުކުރުމާއި، ޒަކާތްދިނުމާއި. ރަމްޟާން މަހު ރޯދަހިފުމާއި، ގެފުޅަށް ޙައްޖުވުމެވެ."

އުންމަތުގެ އިޖުމާޢު : މުޙައްމަދު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނަބަވީ ޙަޔާތުން ފެށިގެން އަދާހަމައަށް، ރޯދަމަހުގެ ރޯދައަކީ ފަރުޟު ރޯދައެއްކަމާއި، އެއީ އިސްލާމްދީނުގެ އެއްރުކުންކަމުގައްޔާއި، އެއަށް އިންކާރުކުރާމީހާއަކީ ކާފިރުވެ މުރުތައްދުވެ އިސްލާމުންގެ މިއްލަތުން ބޭރުވެފައިވާ މީހެއްކަމަށް މިއުންމަތް އިޖުމާޢުވެފައިވެއެވެ. ރޯދަ ފަރުޟުކުރެއްވުނީ ހިޖުރައިން ދެވަނައަހަރު ޝަޢްބާންމަހުގެ ދެވަނައަށްވީ ހޯމަދުވަހު އެވެ.

ރަމަޟާންމަހާއި އެމަހުގެ ރޯދައިގެ މާތްކަން
ރަމަޟާންމަސް ގާތްވުމުން އެމަހުގެ މާތްކަން އުއްމަތަށް ބަޔާންކުރައްވަމުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވިދާޅުވި ބަސްފުޅެއްގައިވެއެވެ. (قد جاءكم شهر مبارك ، افترض الله عليكم صيامه ، تفتح فيه أبواب الجنة ، و تغلق فيه أبواب الجحيم ، و تغل فيه الشياطين ، فيه ليلة خير من ألف شهر ، من حرم خيرها ، فقد حرم) މިބަސްފުޅުގެ މާނައަކީ "ހަމަކަށަވަރުން ބަރަކާތްތެރިވެގެންވާ މައްސަރެއް ތިޔަބައިމީހުންގެ ގާތަށް އަތުވެއްޖެއެވެ. ﷲ ތިޔަބައިމީހުންގެ މައްޗަށް އެމަހުގައި ރޯދަ ހިފުން ފަރުޟުކުރައްވައިފިއެވެ. އަދި އެމަހުގައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވެއެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދުކުރެވެއެވެ. އަދި ޝައިޠާނުން ކަސްތަޅުއެޅުވެއެވެ. އެމަހުގައި، އެއްހާސް މައްސަރަށްވުރެން ހެޔޮކަންބޮޑު ރެއެއްވެއެވެ. އެރޭގެ ހެޔޮކަމުން މަޙްރޫމުވެއްޖެމީހާ، ފަހެ ހަމަކަށަވަރުން މަޙްރޫމް ވެއްޖެއެވެ." މިޙަދީޡް ރިވާކުރެއްވީ އަލްއިމާމް އަޙްމަދާއި، އަލްއިމާމު ނަސާއީއާއި، އަލްއިމާމު ބައިހަޤީއެވެ. އަދި ރަމަޟާންމަހުގެ ރޯދައާ ބެހޭގޮތުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޡްކުރައްވާފައިވެއެވެ. "من صام رمضان إيمانا واحتسابا غفر له ما تقدم من ذنبه" މާނައީ : "ﷲ ގެ އެއްކައުވަންތަކަމަށް އިމާންވުމާއެކު އެކަލާނގެ ހަޟްރަތުން ސަވާބާއި ދަރުމަ އެދޭ ޙާލު ރަމަޟާންމަހު ރޯދަހިފައިފިމީހާ ދަންނާށެވެ. އެމީހާގެ އިސްވެ ގޮސްފައިވާ ފާފަތައް ފުހެވިއްޖެއެވެ." މިޙަދީޡް ރިވާކުރެއްވީ އަލްއިމާމުލް ބުޚާރީއާއި، އަލްއިމާމު މުސްލިމެވެ.

ރޯދަ ވާޖިބު ވުމުގެ ޝަރުޠުތައް
ރޯދަ ވާޖިބު ވުމުގެ ޝަރުޠުތައް އެއީ:
1- އިސްލާމަކު ކަމުގައި ވުން
2- ބާލިޣުވެފައިވުން
3- ބުއްދިހުރުން
4- ރޯދަހިފުމަށް ކުޅަދާނަވުން
5- ޤާއިމްވެހުރި މީހަކު ކަމުގައިވުން (ދަތުރުވެރިއަކު ކަމުގައި ނުވުން) މިއެވެ.

މިހެންކަމުން، ކާފިރުމީހާއާއި، ކުޑަކުއްޖާއާއި، މޮޔަމީހާއާއި، ގަނޑުވެފައިވާ މީހާއާއި، މަސްތުވެފައިވާ މީހާއާއި، މުސްކުޅިކަންބޮޑުކަމަށްޓަކައްޔާއި، ފަސޭހަނުވާފަދަ ބައްޔެއްހުރިކަމަށްޓަކައި ރޯދަ ހިފުމަށް ނުކުޅެދިފައިވާ މީހާއާއި، ދަތުރުވެރިޔާއާއި މިބުނެވުނު އެންމެންގެ މައްޗަށް ރޯދަ ވާޖިބު ނުވާހުއްޓެވެ.

ރޯދަ ޞައްޙަ ވުމުގެ ޝަރުޠުތައް
1- އިސްލާމަކު ކަމުގައިވުން
2- ބުއްދިނުފިލައިހުރުން
3- ޙައިޟު ނިފާސްފަދަ ކަންކަމުން ޠާހިރުވެ އިނުން.
4- ވަގުތުވަނުން (ފަރުޟު ރޯދަނަމަ ރަމަޟާންމަހަށް ހަނދުބެލުން.) މިއެވެ.

ދެންފަހެ ކާފިރުވެފައިވާމީހާ އާއި، މޮޔަވެފައިވާ މީހާއާއި، ޙައިޟް، ނިފާސްވެރިޔާއާއި، ވަގުތުގެކުރިން ރޯދަހިފާ މީހާގެރޯދަ ޞައްޙައެއް ނުވާނެއެވެ.

ރޯދައިގެ ރުކުންތައް
ދެންފަހެ ރޯދައިގެ ރުކުންތައް ތިނެކެވެ.
1- ފަރުޟު ރޯދައަށް ރޭގަނޑު ނިޔަތްގަތުން.
2- ހިފާރޯދަ ޢައްޔަންކުޅައުން(ޢައްޔަންކުޅައުމަކީ ހިފާރޯދައެއްނަމަ އެރޯދައަކީ ފަރުޟުރޯދައެއްކަން ނުވަތަ ސުންނަތް ރޯދައެއްނަމަ އެކަންވެސް ނިޔަތުން ޢައްޔަންކުޅައުމެވެ. ނިޔަތުގެ މަޙައްލަކީ ހިތެވެ. ދުލެއްނޫނެވެ. ދުލުން ކިއުމަކީ ޝަރުޠެއްނޫންކަމަށް ޝާފިޢީ މަޒުހަބުގެ އެންމެ ބޮޑު މުޖުތަހިދު ޢިލުވެރިއެއްކަމުގައިވާ އަލްއިމާމު ނަވަވީ އެކަލޭގެފާނު ލިއުއްވި ރަވްޟާގައި ބަޔާންކުރައްވާފައިވެއެވެ).
3- ރޯދަގެއްލޭކަންކަމުން ދުރުވެގަތުން. މިއެވެ.

ރޯދަ ފާސިދުކުރާ ކަންތައްތަކާއި، އެއާ ގުޅިފައިވާ އެހެނިހެން ޙުކުމްތައް
ދެންފަހެ ރޯދަ ގެއްލޭ ކަންކަމުގެ ތެރޭގައި ހަށިގަނޑަށް އެއްޗެއް ވާސިލުވާންހުރި ދޮރުތަކުގެ ތެރެއިން ދޮރަކުން އެއްޗެއް މީހާގެ އެތެރެހައްޓަށް ވާސިލުވެއްޖެނަމަ ރޯދަގެއްލިދާހުއްޓެވެ. އަދި ހަމަ އެހެންމެ ދެދޮރުންކުރެ ދޮރަކުން ބޭހެއްކުޅަގޮތަކުން އެތެރެހައްޓަށް އެއްޗެއް ވާސިލުވުމާއި، ނުވަތަ އެކުން ފުރައި އަނގަޔަށް ނުވަތަ ނޭފަތަށް ފެންލުމުން އެތެރެހައްޓަށް ވާޞިލުވެއްޖެނަމަ ރޯދަގެއްލިދާހުއްޓެވެ.
ފަހެ ފުރައިހަމަކޮށް އަނގަޔަށް ނުވަތަ ނޭފަތަށް ފެންލުމަކާނުލައި މިދެކަމަކުންކުރެ ކަމަކުން ފެންފޮދެއް ވާޞިލުވިޔަސް ރޯދަ ނުގެއްލޭނެއެވެ. އަދި ހަމަ އެހެންމެ އެއްޗަކުން ވަސްބެލުމުންނާއި، ވަހެއްގެ އަސަރު ބޮލުގެތެރެއަށް ވަނަސް ރޯދަނުގެއްލޭނެއެވެ. އަދި ހަމައެހެންމެ އެއްޗަކުން ރަހަބަލަން އުޅުމުގެތެރޭގައި އެއިގެ ރަހަ ކަރުތެރެއަށް ވާސިލުވިޔަސް، އަދި ލޮނުން ކޯދޮންނައިރު އޭގެ ރަހަ ކަރުތެރެއަށް ދިޔަޔަސް، ނުވަތަ ހުޅުވިގެންވާ ދޮރެއްނޫން ތަނަކުން ވާޞިލުވި އެއްޗަކުން ރޯދަ ނުމެގެއްލޭނެއެވެ. މިސާލަކަށް ލޮލުގަ އަޅާ އަދުނުގެ އަސަރު ކަރުތެރެއަށް ފޭބިޔަސް ނުވަތަ އިސްތަށީގައިލާ ތެލުގެ އަސަރު އިސްތަށިބުޑުން ހަށިގަނޑަށް ވާސިލުވިޔަސް ރޯދަ ނުގެއްލޭނެއެވެ.
ދަންނާށެވެ! އެދުންވެރިކަމާއެކު ބީހުމުން މަނި ފައިބައިފިނަމަ ރޯދަގެއްލިދާހުއްޓެވެ. ނަމަވެސް ފިކުރުކުރުމުން، ނުވަތަ ލަދުވެތިތަނެއް ބަލައިގެން، ނުވަތަ ނިދީގައި މަނިބޭރުވިޔަސް އެމީހެއްގެ ރޯދަނުގެއްލޭނެއެވެ. އަދި ހަމަ އެހެންމެ އެމީހާގެ ރުހުމަކާނުލައި ގަދަކަމުން އަނގަޔަށް އެއްޗެއް އަޅައި ކައްވައިފިނަމަވެސް، ރޯދަނުގެއްލޭހުއްޓެވެ. އަދި ހަމަ އެހެންމެ ހަނދާންނެތިވެގެން ކެއުމާއި، އަދި ހަނދާންނެތިވެގެން އަނބިމީހާއެކު އެއްދާންކުރިއަސްވެސް ރޯދަ ނުގެއްލޭނެއެވެ.
ދެންފަހެ ފަޖުރު ނުލާހެން ހީވަންޏާ ކެއުން ހެޔޮވާނެއެވެ. އަދި އިމާމު ނަވަވީ ވިދާޅުވެފައިވާ ގަދަބަހުގެ މައްޗަށް ،ފަޖުރުލުމާމެދު ޝައްކުވިޔަސް ކެއުން ހެޔޮވާހުއްޓެވެ. އެހެނީ އަސްލަކީ ރޭގަނޑު ވުމެވެ. ދެންފަހެ ފަޖުރުލުމާއިމެދު، ނުވަތަ އިރު އޮއްސުމާމެދު އިޖުތިހާދުކޮށް ކެއިނަމަ މިބަހީ ތިމާގެ ފިކުރުން ފަޖުރުނުލައޭހިތައި، ނުވަތަ އިރު އޮއްސިއްޖޭ ހިތައި ކައިފުމަށްފަހު އެމީހާގެ އިޖުތިހާދު ކުށްކަން އެމީހާ އަށް ފަހުން ބަޔާންވެއްޖެނަމަ އެމީހާގެ ރޯދަ ބާޠިލު ވެދާހުއްޓެވެ.
ފަހެ އެމިހާ ކާއެއްޗެހި އަނގައިގައި ވަނިކޮށް ފަޖުރުލައިފިނަމަ ،އެޙާލުގައި އެ އެއްލައިލަފިނަމަ އެމީހާގެ ރޯދަ ޞައްޙަވާނެއެވެ. އެކެއުމުން އެތިކޮޅެއްވިޔަސް ދިރުވައިލައިފިނަމަ އެމީހާގެ ރޯދަ ޞައްޙަނުވާހުއްޓެވެ. އަދި އެމީހާ އަށް އެގުމަކާއިނުލައި އެއިން އެތިކޮޅެއް ކަރުތެރެއަށް ދިޔަސް ރޯދަ ނުގެއްލޭނެ ކަމަށް ޝާފިޢީ މަޒުހަބުގެ މުޖުތަހިދު ދަންނަބޭކަލެއްކަމުގައިވާ ނަވަވީ އިމާމު ރައުޟާގައި ބަޔާންކުރައްވާފައިވެއެވެ.

ފަހެ އަނބިމީހާއާ އެކު ޖިމާޢުވާން އޮއްވާ ފަޖުރުލައިފިނަމަ އަދި އެޙާލުގައި ލުހެލައިފިނަމަ މަނިފޭބިޔަސް ރޯދަ ޞައްޙަވާހުއްޓެވެ. ފަޖުރުލައިފިކަން ނުދެނެހުރެ ލަސްވެއޮތަސް އެނގުނު ހިނދު ނިގުޅައިލައިފިޔަސް ރޯދަ ބާޠިލުވެދާހުއްޓެވެ.

ރޯދައިގެ ކައްފާރާ
ރަމަޟާން މަހު ދުވާލު ޝުބުހައެއްނެތި ޖިމާޢުކޮށް ރޯދަ ފާސިދުކުރިމީހާގެ މައްޗައް އެރޯދަ ޤަޟާކުރުމާއެކު ކައްފާރާ ދިނުން ވާޖިބުވާ ހުއްޓެވެ. ފަހެ ޖިމާޢުވުން ނޫންކަމަކުން ރޯދަގެއްލުވާލައިފި މީހާގެ މައްޗަށް ކައްފާރާދިނުން ވާޖިބު ނުވާހުއްޓެވެ. މިގޮތުން އަމިއްލައަށް އެދުންފުއްދުމުގެ ސަބަބުން މަނިބޭރުވިޔަސް، ނުވަތަ ތަނެއްބަލައިގެން، ނުވަތަ ފިކުރުކުރުމުގެ ސަބަބުން ބޭރުވިޔަސް ކައްފާރާއެއް ދޭކަން ނުޖެހޭނެއެވެ. އެމީހާގެ މައްޗަށް ވާޖިބުވެގެންވަނީ އެރޯދަ ޤަޟާކުރުމެވެ. އެހެނީ ކައްފާރާ އަކީ ހަމަ އެކަނި ރޯދަމަހުގެ ޙުރުމަތް ކަނޑައި ޤަސްތުގައި ޖިމާޢުވާ މީހާގެ މައްޗަށް އޮތް ކަމެއްކަމުގައި ނައްޞުގައި ވާތީއެވެ. އެނޫން ކަމަކުން ކައްފާރާ ދޭންޖެހޭނެ ކަމެއް އައިސްފައިވާކަމަށް އެނގިފައެއްނުވެއެވެ.
ފަހެ ނަދުރު ރޯދައާއި، ރަމަޟާންމަހުގެ ޤަޟާރޯދަފަދަ، ރަމަޟާންމަސް ނޫން މަހެއްގައި ހިފާ ފަރުޟުރޯދައެއް ނުވަތަ ސުންނަތް ރޯދައެއް ޖިމާޢުވުމަކުން، ފާސިދުކުޅަޔަސް ކައްފާރާއެއް ވާޖިބެއްނުމެނޫނެވެ. އަދި ދަތުރުވެރިޔާ ރޯދައަށް ހުރެފައި ޤަސްތުގައި ޖިމާޢުވިޔަސް އެންމެ ޞައްޙަކަން ބޮޑު ބަހުގައި ކައްފާރާދިނުން ވާޖިބު ނުވާހުއްޓެވެ. ރޯދައަށް ހުރެފައި ހަނދާންނެތިވެގެން ކެއުމަށްފަހުގައި އެކަމުން ރޯދަގެއްލިދާނެކަމަށް ހީވެ، ޖިމާޢުވުމުންނާއި، ނުވަތަ ރޯދައަށް ނިޔަތް ގަތުމަށްފަހު ފަޖުރުނުލާކަމަށް ހީކޮށް ޖިމާޢުވީ ފަހުން ފަޖުރުލައްޖެކަން އެނގިއްޖެނަމަވިޔަސް ކައްފާރާ ދިނުން ވާޖިބު ނުވާހުއްޓެވެ. ދަންނާށެވެ. ރަމަޟާން މަހުގައި ރޯދައަށް ހުރެ ކުރާ ޝުބުހައެއްކަމުގައިވާ ޖިމާޢުއަކީ ރޭގަނޑުން ބައެއްހުރިކަމާއި، ފަޖުރުލައްޖެކަމާއިމެދު ޝައްކުވާޙާލުގައި ކުރާ ޖިމާޢުފަދަ ޖިމާޢުއެވެ.
ފަހެ ރޯދަމަހުގައި ޢަމްދުން ރޯދަ ވީއްލައިފިނަމަ ދެން ބާކީ އޮތްބައިގައި އިމްސާކަށް ހުރުމާއެކު އެރޯދަ ޤަޟާކުރުން ވާޖިބުވާހުއްޓެވެ. އަދި ހަމަ އެހެންމެ ރަމަޟާންމަހުގެ ރޯދައަށް ރޭގަނޑު ނިޔަތްގަތުން އަޅައިފިމީހާގެ މައްޗަށާއި، އިރުއޮއްސިޖޭ ހިތައި ރޯދަވީއްލި މީހާގެ މައްޗަށާއި، ޝަޢްބާންމަހުގެ ތިރީސްވަނަ ދުވަހަކީ ރޯދަމަހުގެ އެއްވަނަ ދުވަސްކަން އެމީހާއަށް ބަޔާންވެއްޖެމީހާގެ މައްޗަށާއި، އަނގަޔަށް ނުވަތަ ނޭފަތައް ފެންލުމުގައި މުބާލަޣާ ކުރުމުގެ ސަބަބުން އެތެރެހައްޓަށް ފެން އިސްވެގެން ފައިބައްޖެމީހާގެ މައްޗަށާއި، މިއެންމެންގެ މައްޗައް އެފާއިތުވީ ރޯދަ ޤަޟާކުރުމާއެކު، ދުވަހުން ބާކީ އޮތްބައިގައި އިމްސާކަށް ހުރުން ހުއްޓެވެ. މިހެނީ މިއިން ކޮންމެ ކަމެއްވެދިޔައީ އެމީހާގެ އިހުމާލުންނެވެ. و الله أعلم

ރަމަޟާންމަހުގައި ވީއްލާރޯދަ
ރަމަޟާންމަހުގައި ވީއްލާރޯދަ ހައެކެވެ. އެއީ :
1- ރޯދަވިލުން ވާޖިބުވެ އެވީއްލި ރޯދަ ޤަޟާކުރުން ވާޖިބުވާ ރޯދައެވެ. އެއީ ޙައިޟުވެރިޔާއާއި، ނިފާސްވެރިޔާގެ ރޯދައެވެ.
2- ޤަޟާކުރުން ވާޖިބުވުމާއެކު ވީއްލަން ހެޔޮވާ ރޯދައެވެ. އެއީ ދަތުރުވެރިޔާގެ ރޯދައާއި، ބަލިމީހުންގެ ރޯދައެވެ.
3- ފިދުޔަ ދިނުމާއެކު ޤަޟާކުރުން ވާޖިބުވާ ރޯދައެވެ. އެއީ ތިމާނޫން މީހަކުގެ މައްޗަށް ގެއްލުމެއް ލިބިދާނެކަމަށްޓަކައި ދޫކޮށްލެވޭރޯދައެވެ. މީގެ މިސާލަކީ މައިމީހާ އޭނާގެ ބަނޑުގައިވާ ދަރިފުޅަށް ގެއްލުމެއް ލިބިދާނެހެން ހީވެގެން އެމައިމީހާ ދޫކޮށްލާރޯދައެވެ.
4- ޤަޟާކުރުން ވާޖިބުނުވެ ފިދުޔަދިނުން ވާޖިބުވާ ރޯދަ، މިކަންހުރީ ރޯދަހިފުމަށް ނުކުޅެދިއްޖެ މުސްކުޅިކަން ބޮޑުވެފައިވާ މީހާއެވެ. މިމީހާ ރޯދަ ވީއްލުން ހެޔޮވެ، މުއްދު ދިނުން ވާޖިބުވާ ހުއްޓެވެ.
5- ފިދުޔަދިނުން ވާޖިބުނުވެ ޤަޟާކުރުން ވާޖިބުވާ ރޯދައެވެ. މިރޯދަތައް ގިނައެވެ. މިސާލަކަށް، ހަނދާންނެތި ނިޔަތް ނުގަންނަ މީހާއާއި، ޖިމާޢުވުން ނޫންފަދަ ކަމަކުން ޤަސްދުގައި އަމްދުން ރޯދަ ވީއްލާ މީހާފަދަ މީސްމީހުންގެ ރޯދައެވެ. ފަހެ ޖިމާޢުވެއްޖެނަމަ އެމީހާގެ މައްޗަށް އެރޯދަ ޤަޟާކުރުމާ އެކު ކައްފާރާދިނުން ވާޖިބުވެގެންވެއެވެ.
6- ޤަޟާއެއްވިޔަސް، ފިދުޔައެއްވިޔަސް ދިނުން ވާޖިބުނުވުން. އެއީ މޮޔަމީހާގެ ރޯދައެވެ، އެއީ އެމީހާއަކީ އަސްލުގައިވެސް ތަކުލީފް ލިބިގެންނުވާ މީހަކަށްވާތީއެވެ.

ރޯދަވެރިއާ އަށް މަކްރޫހަވެގެންވާ ކަންތައްތައް
1- މީހުންނަށް ނުބައި ބަސްގޮވުން.
2- ރޯދަވީލުން ފަސްކުޅައުން، އެބަހީ އިރު އޮއްސިއްޖެކަން އެގުމުންވެސް، ޤަސްދުގައި ފަސްކުޅައުމެވެ.
3- ދަތުން އެއްޗެހި ހެފުން، ދަންނާށެވެ! ހަފައިފައިދިނީމާ ކައިއުޅޭދަރިއެއް ގެންގުޅޭ އަމާ އަށް ރޯދައަށް ނެތް އެކަން ކޮށްދޭނޭ މީހަކުނުވާނަމަ އެ އަމާއަށް އެކަން ކުރުން މަކްރޫހަވެގެނެއްނުވެއެވެ.
4- އެއްޗެތީގެ ރަހަބެލުން.
5- ކަވާޖެހުނުން.
6- ނާރުގެއްސުން. ދަންނާށެވެ! އިމާމު ނަވަވީ މިމައްސަލަ ރައުޟާގައި ބަޔާންކުރައްވާފައިވަނީ، އެއީ އައުލާކަން ބޮޑުވެގެންވާގޮތާއި ޚިލާފްކަމެއްގެ ގޮތުގައެވެ.
7- ޝަހުވަތްތެރިކަން ނުހިލޭ މީހާ އަނބިމީހާ ގައިގައި ބޮސްދިނުން، ފަހެ ޝަހުވަތު ހިލިދާނެނަމަ އެކަންކުރުން ހުއްދަވެގެން ނުވެއެވެ.
8- ޝަހުވަތާއެކު ހަލާލުތަނެއްބެލުން. ފަހެ ބެލުން ޙަރާމް ތަނެއް ބެލުމަކީ ޢަމްދުން ހަރާމް ކަމެކެވެ.

އެތެރެހައްޓަށް ވާސިލުވިޔަސް ރޯދަ ނުގެއްލޭ ތަކެތި
މީގެ ތެރެއިން ބައެއްކަންތައް ބުނެވިހިނގައްޖެއެވެ. ނަމަވެސް ހަނދާންކުޅައުމަށާއި، އިތުރުކުރުމަށް ބޭނުންވާތީ މިވާހަކަ ގެނައީއެވެ. ދަންނާށެވެ. އެމީހާގެ ރުހުމަކާއި ނުލައި، ނުވަތަ އެއީ ޙަރާމްކަމެއްކަން ނޭނގިހުރެ، ނުވަތަ ހަނދާންނެތުމުން ވިޔަސް އެތެރެހައްޓަށް އެއްޗެއް ވާސިލުވިޔަސް ރޯދަ ނުގެއްލޭހުއްޓެވެ. އަދި ހަމަ އެހެންމެ ފިލުވައިލަން ނުކުޅެދިއްޖެ ކާއެތިކޮޅެއްގެ މަތިން ކުޅުހިނގައިގެން ވާސިލުވާ އެއްޗެހިން ވެސް ރޯދަ ނުގެއްލޭނެއެވެ. އަދި ހަމަ އެއާއެކު އެތެރެހައްޓަށް ހިރަފުސް ވާސިލުވިޔަސް ރޯދަ ނުގެއްލޭނެއެވެ. އަދި ހަމަ އެހެންމެ އަނގަ ހުޅުވައިގެން ހުއްޓާ، މެހި، މަދިރި ފަދަ އެއްޗެއް ކަރުތެރެއަށް ވާސިލުވިޔަސް ރޯދަ ނުގެއްލޭނެއެވެ. و الله أعلم

ރޯދަވެރިއާ ކުރުން ސުންނަތްވެގެންވާ ބައެއްކަންތައްތައް .
ރޯދަވެރިޔާކުރުން ސުންނަތްކަން ގަދަވެގެންވާ ތިންކަމެއްވެއެވެ. އެއީ :
1- ހާރުކެއުން.
2- ހާރުކެއުން ފަސްކުރުން.
3- ރޯދަވީލުން އަވަސްކުރުން. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޡްކުރައްވާފައި ވެއެވެ. ( تسحروا فإن في السحور بركة ، ولا يزال الناس بخير ما عجلوا الفطر ، و أخروا السحور ) މިބަސްފުޅުގެ މާނައަކީ : "ތިޔަބައިމީހުން ހާރުކާށެވެ. ފަހެ ހާރުކެއުމުގައި ބަރަކާތްހުއްޓެވެ. އަދި (ރޯދަވީއްލާ ވަގުތު އައުމުން) އަވަހަށް ރޯދަވީއްލުމާއި، (ވީހާވެސް ވަގުތާއި ގާތްކޮށް) ހާރުކެއުން ލަސް ކުރާހާ ހިނދަކު މީސްތަކުން ހެޔޮކަމުން ފިލައިނުދާނެއެވެ."
އަދި ހަމަ އެހެންމެ ކަދުރުން ރޯދަވީއްލުމަކީ ސުންނަތްވެގެންވާގޮތެވެ. ދެންފަހެ ކަދުރު ނުލިބިއްޖެމީހާ ފެނުން ރޯދަވީލުމަށްވެސް ސުންނަތުގައި އިރުޝާދު ދެއްވާފައިވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅެއްގައިވެއެވެ. (إذاكان أحدكم صائما فليفطر على التمر ، فإن لم يجد فعلى الماء فإنه طهور) މިބަސްފުޅުގެ މާނައަކީ : "ތިޔަބައިމީހުންކުރެ މީހަކު ރޯދައަށްހުރެއްޖެނަމަ އެމިހާ ކަދުރުން ރޯދަ ވީއްލާހުށިކަމެވެ. ދެންފަހެ ކަދުރުން ރޯދަވީއްލާން ނުލިބިއްޖެނަމަ ފަހެ ފެނުން ރޯދަވީއްލާހުށިކަމެވެ. ފަހެ އެއީ ޠާހިރު ކުރާ އެއްޗެކެވެ." (މީގެ މުރާދަކީ އެހެންތަކެތީގައި ނެތްފަދަ، ޠަހޫރުކަމުގެ ސިފަތައް އޭގައި ފުރިހަމަވެގެންވާ އެއްޗެކެވެ.)
އަދި ހަމަ އެހެންމެ ރޯދަވީއްލުމާއެކު މިފަދައިން ދުޢާ ކިއުންވެސް ސުންނަތްވެގެންވެއެވެ. (اللهم إني لك صمت ، وبك آمنت ، و عليك توكلت ، وعلى رزقك أفطرت) މިދުޢާގެ މާނައަކީ : "އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ ! މިއަޅާ އިބަރަސްކަލާނގެ ކިބަފުޅަށް ރޯދަހިފީމުއެވެ. އަދި އިބަރަސްކަލާނގެއަށް މިއަޅާ އީމާންވަމުއެވެ. އަދި އިބަރަސްކަލާނގެއަށް ވަކީލުކުރީމުއެވެ. އަދި އިބަރަސްކަލާނގެ ދެއްވި ރިޒުގުން ރޯދާ ވީއްލަމެވެ." އަދި މިނޫނަސްވެސް ތިމާއަށާއި، ތިމާގެ މައިންބަފައިންނަށާއި އަނބިދަރީންނާއި އެންމެހައި އިސްލާމުންނަށް، އެވަގުތުގައި ހެޔޮދުޢާކުރުމަކީ ހެޔޮކަމުގެ ތެރެއިންވާ ކަމެކެވެ. އަދި އެވަގުތަކި ދުޢާ އިޖާބަކުރެއްވޭ ވަގުތެއްވެސް މެއެވެ.

ރޯދަވެރިޔާ ދޫކޮށްލުން މުސްތަޙައްބު ބައެއްކަންތައްތައް
ރޯދައަށްހުންނަމީހާ ދޫކޮށްލުން މުސްތަޙައްބު ކަންކަމުގެ ތެރޭގައި، ކަވާޖެހުމާއި، ނާރުގެއްސުމާއި، ޝަހުވަތު ހިލިދާނޭފަދަ މީހަކުނަމަ އަނބިމީހާއާއެކު ލޯބިކުޅައުމާއި، ރޯދަ ބާޠިލުނުވިޔަސްވެސް ރޯދައިގެ އަސްލު ޙިކުމަތާއި އަރާރުންވާފަދަ ކަންތައްތައް ކުރުމާއި، ކެއުމުގެ ރަހަބެލުމާއި، ދަތުން އެއްޗެހި އުފުރުމާއި، މީރުވަސްދުވާ އެއްޗެތީގެ ވަސްބެލުމާއި، ޣީބަބުނުމާއި، ދޮގުހެދުމާއި، ދެބައޮޑުވުމާއި، މިފަދަ ހުރިހާކަމަކުން ސަލާމަތްވެހުރެ ރޯދަ ފުރިހަމަކުރުމަކީ ރޯދަވެރިއާގެ މައްޗަށް ސުންނަތްވެގެންވާ ކަމެކެވެ. ފަހެ މިކަންތައްތަކަށް އަރައިގަތުން، ރޯދައިގެ ޙިކުމަތް ގެއްލި ދިޔައީއެވެ. އެފަދަ މީހަކު ކެއުންބުއިން ދޫކޮށްފައި ތިމާ މިހިރީ ރޯދައަށޭބުނެ ހުރުމަކީ ފައިދާއެއް އޮތް ކަމެއްނޫނެވެ.

ފިޠުރު ޒަކާތުގެ ވާހަކަ
ރަމަޟާންމަހުގެ ރޯދައަށްފަހު ދެން މުއުމިނުން އަވަސްވެގަންނަނީ ފިޠުރުޒަކާތް ދިނުމަށެވެ. އެއީ އެބައިމީހުން ރަމަޟާންމަހުގައި ކުރި އަޅުކަންތައް ﷲ ޤަބޫލުކުރައްވާތޯއެވެ. މިހެންކަމުން ފިޠުރު ޒަކާތާބޭހޭގޮތުންވެސް ކޮންމެވެސް އެއްޗެއް ނުބުނެ ދޫކޮށްލަން ހިތްހަމައެއްނުޖެހެއެވެ.
ދެންފަހެ ފިޠުރުޒަކާތުގެ އަސްލަކީ އިތުރު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ވާރިދުވެފައިވާ މާތް ޙަދީޘްފުޅުތަކެވެ. އޭގެތެރޭގައި އިބުނު އުމަރު ރިވާކުރެއްވި ޙަދީޘް ވެއެވެ. މިޙަދީޘްފުޅުގެ މާނައިގައި ވެއެވެ. "މުސްލިމުންގެ ތެރެއިންވާ ބޮޑެތިމީހުންނާއި، ކުޑަކުދީންނާއި، ފިރިހެނުންނާއި، އަންހެނުންނާއި، އަޅުންނާއި، މިނިވަނުންގެ މައްޗަށް، ކަދުރުން ނުވަތަ ހިމަ ގޮދަނުން ޞާޢެއް ދިނުން ފަރުޟު ކުރެއްވިއެވެ." މިޙަދީޘް ރިވާކުރައްވާފައިވަނީ ބުޚާރީ އިމާމެވެ.

ފިޠުރު ޒަކާތް ވާޖިބުވުމުގެ ޝަރުޠުތައް
އެކަންކަމަކީ :
1. އިސްލާމަކު ކަމުގައިވުން.
2. ރަމަޟާންމަހުގެ ފަހު ދުވަހު އިރުއޮސްފުހުނުމެވެ.
3. ތިމާ ނަފަޤާތްދިނުން ވަޖިބުވާ މީހުންނާއި، ތިމާޔާއި، ޢީދު ދުވަހާއި، ޢީދު ވިލޭރޭ ކާނޭތަކެއްޗަށްވުރެން އިތުރަށް އެއްޗެއްހުރުމެވެ.
ފަހެ މި ތިން ޝަރުތު ފުރިހަމަ ނުވާނަމަ ފިޠުރު ޒަކާތް ވާޖިބު ނުވާހުއްޓެވެ. ދަންނާށެވެ. މަސްމަހަށް މުސާރަ ދީގެން ގެންގުޅޭ މުސާރަ ވެރީންގެ ކިބައިން ފިޠުރު ޒާކާތް ނެރުން މުސާރަ ދޭމީހާގެ މައްޗައް ވާޖިބު ނުވާހުއްޓެވެ. ޒިނޭގެދަރިއާގެ ކިބައިން ފިޠުރު ނެރުން ވާޖިބުވާހުށީ އަމާގެ މައްޗަށެވެ. މިހެނީ އެކުއްޖާގެ ނަފަޤާތްވެސް ވާޖިބުވަނީ އެ އަމާގެ މައްޗަށް ކަމުގައި ވީތީ އެވެ.

ފިޠުރު ޒަކާތް ދިނުން ވާޖިވާ މިންވަރު
އާދެ! ފިޠުރު ޒަކާތް ދިނުން ވާޖިބުވާ މިންވަރަކީ ޞާޢެކެވެ. ޞާޢަކީ ހަސަތޭކަ އަށްޑިހަ ފަސްދިރުހަމާއި، ދިރުހަމަކު ހަތްބައިކުޅަ ފަސްބައެވެ. ދިރުހަމަކީ ބައި ކުޅަދެވެ. ދެން ފަހެ ޞާޢަކީ ހަތަރު މުއްދެވެ. މުއްދަކީ ސަތޭކަ ހަތްދިހައެއް ދިރުހަމާއި ދިރުހަމަކު ހަތްބައިކުޅަ ތިންބައެވެ.

ފިޠުރު ޒަކާތް ދިނުން ވާޖިބުވާ ވަގުތު
ފިޠުރު ޒަކާތަކީ ރަމަޟާންމަހުގެ ފަހުކޮޅު ދޭންޖެހޭ އެއްޗެއްކަމަށް ދަންނަބޭކަލުން އެއްބަސްވެ ވަޑައިގަންނަވައެވެ. ނަމަވެސް ސީދާ އެ ދޭން ޖެހޭ ވަގުތަކީ ކޮބައިކަމާމެދު އެބޭކަލުންގެ މެދުގައި ޚިލާފެއް އައިސްފައި ވެއެވެ. ދެންފަހެ އިމާމު ޘައުރީ އާއި، އިމާމް އަޙްމަދާއި، އިމާމު އިސްޙާޤާއި، މިބޭކަލުންނާއި، އަދި އިމާމު ޝާފިޢީގެ އާ މަޒުހަބުގައާއި، އިމާމު މާލިކު އަރިހުން އައިސްފައިވާ އެއްރިވާޔަތުގައި، ފިޠުރުޒަކާތް ނެރުން ވާޖިބުވާ ވަގުތަކީ ރަމްޟާން މަހު ފަހު ދުވަހު އިރު އޮއްސުމުން، ޢީދު ވިލޭރޭގައެވެ. އެހެނީ އެވަގުތަކީ ރަމްޟާން މަސް ނިމޭ ވަގުތު ކަމުގައި ވާތީ އެވެ.
އަދި އިމާމު އަބޫޙަނީފާއާއި އިމާމުއްލައިޘް، އަދި ޝާފިޢީގެފާނުގެ ކުރީގެ މަޒުހަބުގައާއި ،އިމާމު މާލިކުގެ އަރިހުން އައިސްފައިވާ ދެވަނަ ރިވާޔަތުގައި ފިޠުރު ޒަކާތް ނެރެންވާޖިބުވާ ވަގުތަކީ ޢީދު ދުވަހު ފަޖުރުލުމަށްފަހުއެވެ. މިއިން ކޮންމެ ގޮތަކަށް ޢަމަލުކުރިޔަސް އެންމެ ރަނގަޅެވެ. ޝަރުޠަކީ ޢީދު ނަމާދުގެ ކުރިން އޭގެ ހައްޤުވެރިންނަށް އެފޯރުކޮށްދިނުމެވެ.

ފިޠުރު ޒަކާތް ވާޖިބުވާ ވަގުތަށްވުރެ ކުރިން ދިނުން
ޢީދު ދުވަހުގެ އެއްދުވަސް ނުވަތަ ދެ ދުވަސްކުރިން ފިޠުތު ޒަކާތް ނެރެވިދާނެ ކަމަށް ގިނަ ދަންނަބޭކަލުން ވިދާޅުވެއެވެ. ހަމަ އެފަދައިން ޢީދު ދުވަހަށް ވުރެން ލަސްކުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫންކަމަށްވެސް އެބޭކަލުން އިއްތިފާޤުވެވަޑައިގެންފައިވެއެވެ.

ފިޠުރު ޒަކާތް ދެވޭފަރާތްތައް
ފިޠުރު ޒަކާތްވެސް ރައްދުކުރުން ވާޖިބު ވަނީވެސް މުދަލު ޒަކާތް ރައްދުކުރުމަށް ﷲ ކަނޑަ އަޅުއްވާފައިވާ ފަރާތްތަކަށެވެ. އެކަލާންގެ ވަޙީކުރެއްވި ބަސްފުޅެއްގެ މާނާގައިވެއެވެ. "ޞަދަޤާތުގެ ތަކެތި ވާކަންކަށަވަރީ ފަޤީރުންނަށާއި މިސްކީނުންނަށެވެ. އަދި އެއާއިމެދު (އެބަހީ، ތަކެތި އެއްކޮށްބަހައި، އެނޫނަސް އެތަކެއްޗާއިމެދު) މަސައްކަތްކުރާ މީހުންނަށެވެ. އަދި އެބައިމީހުންގެ ހިތްތައް އެކުވެރިކުރަށްވާފައިވާ މީހުންނަށެވެ. (އެއީ އެބައިމީހުންގެ ފަރާތުން އިސްލާމުންނަށް ނުރައްކާތެރިކަމެއް އަތުވެދާނެކަމަށް ހީވާބައަކު މަތަކުރުމަށާއި އަލުން އިސްލާމްވުން އުންމީދު ކުރެވޭ ބައަކު އިސްލާމް ކުރުމަށާއި މިބާވަތުގެ ކަންތައްތަކެވެ. އޭގެ ތަފްޞީލު ފިޤުހު ފޮތްތަކުގައި ވެއެވެ.) އަދި އަޅުން މިނިވަން ކުރުމުގައްޔާއި، ދަރަނިވެރީންނަށެވެ. އަދި ﷲ ގެ މަގުގައި ޖިހާދު ކުރާމީހުންނަށާއި، ޙާލުގައި ޖެހިފައިވާ ދަތުރު ވެރީންނަށެވެ. ﷲ ގެ ހަޟްރަތުން ކަނޑައަޅުއްވާފައިވާ ފަރުޟެއްގެ ގޮތުގައެވެ. ﷲ އީ ދެނެވޮޑިގެންވާ ޙިކުމަތްވަންތަ ރަސްކަލާންގެ އެވެ."

ފިޠުރު ޒަކާތް ނެރުމުގެ ޙިކުމަތް
އިސްލާމުން ދިރިއުޅޭ މުޖުތަމަޢަކީ އެއްބަނޑު އެއްބަފާ، އެއްބަޔަކު އަނެއްބަޔަކަށް އެހީތެރި މުޖުތަމަޢެއް ކަމުގައި ރަމްޒުކޮށްދިނުމަށާއި، އަދި އެފިޠުރު ޒަކާތަކީ ރަމަޟާންމަހުގެ ރޯދަވެރިއާގެ ފާފަތައް ފުއްސަވައިދެއްވުމަށް އެދި ކުރެވޭ ޞަދަޤާތެއްކަމުގައި ވުމަށެވެ. ފިޠުރު ޒަކާތް ވާޖިބު ކުރެއްވީ ހިޖުރައިން ދެވަނަ އަހަރު ޝަޢުބާން މަހުގައެވެ.
އިމާމު އަބޫދާވުދް އިބުނު ޢައްބާސްގެފާނުގެ އަރިހުން ރިވާކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "މިސްކީނުންނަށް ކާނާއެއްގެ ގޮތުގައްޔާއި، ރޯދަވެރިއާ ރޯދައަށް ހުރި އިރު ކުރެވިފައިވާ ފައިދާއެއްނުވާކަންކަމާއި، ބުނެވިފައިވާ ހުތުރުބަސްތަކުން ޠާހިރުކޮށްދޭ އެއްޗެއްގެ ގޮތުގައި، ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ފިޠުރު ޒަކާތް ވާޖިބު ކުރެއްވިއެވެ. ފަހެ ޢީދު ނަމާދުގެ ކުރިން އެޒަކާތް އަދާކޮށްފިމީހާގެ ކިބައިން ޤަބޫލު ކުރެއްވޭ ހުއްޓެވެ. އަދި ޢީދު ނަމާދު ފަހުން އަދާކޮށްފިނަމަ ފަހެ އެޒަކާތަކީ ޞަދާޤާތުގެ ތެރެއިންވާ އެއްޗެކެވެ."

ފިތުރުޒަކާތާއި މުދަލުޒަކާތުގެ ހުރި ތަފާތު
1- މުދަލުން ޒަކާތްދިނުމަކީ އިސްލާމްދީނުގެ ރުކުނެވެ.
2- މުދަލުން ޒަކާތްނުދިން މީހާގެ އަތުން ގަދަކަމުން ޙާކިމަށް ޒަކާތް ނެރެވެއެވެ.
3- މުދަލުން ޒަކާތްދިނުމަށް އިންކާރުކުރާމީހާ އަކީ މުރުތައްދުވެފައިވާ މީހެކެވެ.
4- މުދަލުން ޒަކާތްނުދޭ މީހާ އެ އަދާކުރަންދެން ހަނގުރާމަވެސް ކުރެވިދާނެއެވެ.
5- މުދަލު ޒަކާތަކީ ކީރިތި ޤުރުއާނުގެ ޤަޠްޢީ ދިލާލަތުން ރުކުނެވެ.
6- މުދަލު ޒަކާތަކީ ރުކުނެއްކަމަށް މިއްލަތުގެ މުޢްތަބަރު އިމާމުން އިޖުމާޢުވެފައި ވެއެވެ.
7- ފިޠުރު ޒަކާތަކީ ވާޖިބެކެވެ.
8- އަދި ބައެއް ޢިލްމުވެރިން އެއީ ވަޖިބެއްތޯ އާ މެދު ޚިލާފްވެފައި ވެއެވެ.
9- ފިޠުރު ޒަކާތް އަދާނުކުރިއަސް މިއްލަތުން ބޭރުނުވާނެއެވެ. ނަމަވެސް ކުޅަދާނަކަން ހުރިމީހާ އެކަން ނުކޮށްފިނަމަ ފާފަވެރިވާނެކަން ކަށަވަރެވެ.

ދެންފަހެ ރޯދައާއި އެއާ ގުޅިފައިވާ ބައެއް ކަންތައްތަކާ ބެހޭގޮތުން އަޅުގަނޑު ލިއުނު މިމަޒްމޫނު ނިމުނީއެވެ. މީގެ މަޢްލޫމާތުގައި އެއްވެސް ކުށެއްވާނަމަ ކިއުންތެރިންގެ ފަރާތުން އަޅުގަނޑު އެދެނީ އަޅުގަނޑާ ގުޅުއްވައި، ޞައްޙަ ގޮތް ބަޔާންކޮށް ދެއްވުމެވެ. ޝައްކެއްނެތް ގޮތުގައި އެއްވެސް އިންސާނަކު ކުރާކަމަކީ މުޅިން ފުރިހަމަ ކަމެއްނޫނެވެ. އަޅުގަނޑުގެ ހެޔޮދުޢާ އަކީ ﷲ ތައާލާ މިބަޔާންކުރެވުނު މަޢްލޫމާތުން އަޅުގަނޑުގެ ލޮބުވެތި އަޚުންނާއި އުޚުތުންނަށް ފައިދާއާ މަންފާކުރުމުގެ ތަވްފީޤް ދެއްވުމެވެ. އެކަލާނގެއީ އެންމެ ދީލަތިވަންތަ ރަސްކަލާނގެއެވެ.

މަޢްލޫމާތުގެ މަޞްދަރުތައް :
1- القرآن الكريم .
2- ޒުހުރުލް ކަމާލާތު ފީ އަޙްކާމިލް ޢިބާދާތި/ އަލްޢައްލާމާ ޢަލީ އެދުރު ތަކުރުފާނު.
3- ފިޤުހުއްސުނާ / އަލްއުސްތާޛް ސައްޔިދު ސާބިޤް.
4- އަލްމުހައްޛަބު ފީ ފިޤްހިލް އިމާމިއްޝާފިޢީ / އަލްއިމާމުއްޝިރާޒީ.
5- ތަޢުލީމުއްދިޔާނާ / އަލްއުސްތާޛު މުހައްމަދު ޖަމީދު

Read more...

13 August 2010

ރޯދަމަހަށް މަރުޙަބާ

ޢަބްދުﷲ ފާރޫޤް އިބްރާހިމް
ރޯދަމަހަށް އިސްތިޤްބާލްކުރަންޖެހެނީ ކޮން އެއްޗަކުންތޯއެވެ؟ އާދެ! ރޯދަމަހަށް އިސްތިޤްބާލުކުރަންޖެހެނީ ތައުބާވުމުންނެވެ. ރޯދަމަހަކީ ރަޙްމަތުގެ މައްސަރަކަށްވާއިރު އެމަހުގައި ﷲގެ ރަޙުމަތާއި ކުއްތަންވުމަށްޓަކައި އެންމެ އިސްކޮށް ކުރަންޖެހޭނެކަމަކީ، ތެދުވެރިކަމާއެކު ﷲ އަށް ތައުބާވުމެވެ. ތައުބާވުމަށްޓަކައި ކުރަންޖެހޭނީ ހަތަރުކަމެކެވެ.

ފުރަތަމަ ކަމަކީ ކުރީގައި ކޮށްކޮށްހުރި ފާފަ ނުކޮށް ހުއްޓާލުމެވެ. ދެވަނަކަމަކީ ކުރީގައި ކުރެވިފައިވާ ފާފައިގެ މައްޗަށް ދެރަވުމެވެ. ތިންވަނަ ކަމަކީ ކުރިއަށް އޮތްތާނގައި އަލުން ފާފަނުކުރުމަށް ޢަޒުމް ކަނޑައެޅުމެވެ. ހަތަރުވަނަ ކަމަކީ ކުރީގައި ކުރެވުނު ފާފައިން މީހެއްގެ ޙައްޤެއް ހިފިފައިވާނަމަ އެމީހަކަށް އެއެއްޗެއް އަނބުރާ ދިނުން ނުވަތަ އެޙައްޤު ކެނޑުވުމެވެ. ނަމަވެސް ޙައްޤު ކެނޑުވުމުގެ ނިޔަތުގައި ތިމާއަށް ކުރެވިފައިވާ ފާފައިގެ ވާހަކަ އެހެންމީހުންގެ ގާތުގައި ދައްކައިގެން ނުވާނެއެވެ. ﷲ އަށް ފާފަފުއްސެވުން އެދި ދަންނަވާނީއެވެ. މީހެއްގެ އަތުން ނުޙައްޤުން ސިއްރުން ނުވަތަ ގަދަކަމުން އަތުލައިގެންފައިވާ މުދަލެއް ވެއްޖެމީހާ އެއިން ތައުބާވާނަމަ އެމުދަލުގެ ވެރިޔަކު އެނގޭނަމަ އެމީހަކަށް ނުވަތަ އެމީހެއްގެ ބަދަލުގައި ހުރިމީހަކަށް އެމުދާ އަނބުރާ ދިނުން ވާޖިބުވާނެއެވެ. އެމުދަލުގެ ވެރިފަރާތް މަރުވެފައިވާނަމަ އޭނާގެ ވާރިޘުންނަށް ދޭނީއެވެ. އެފަދަ މުދަލުގެ ވެރިފަރާތް ނޭނގޭނަމަ ނުވަތަ އޭގެ ވެރިފަރާތް ހޯދަން ނުކުޅެދިއްޖެނަމަ އެފަދަ މުދާތައް ހޭދަކުރާނީ ޢާއްމު މަޞްލަޙަތަށާއި ފަޤީރުންގެ ޙައްޤުގައެވެ. އެނޫން ގޮތްގޮތުން ތިމާގެ އަމިއްލަ ނަފްސަށް ފާފަކޮށްގެން ހޯދޭ މުދާތައް ހުރެއްޖެނަމަ ތައުބާވާހިނދު އެފަދަ މުދާތައްވެސް ޢާއްމު ފައިދާ އެކުލެވޭ ކަންތައްތަކަށް ހޭދަކުރުން މޮޅުއިތުރުވެގެން ވެއެވެ.
ނަރަކައިގެ އަޛާބުން ދިންނެވުމަށް އެދި ތެދުހިތުން ތައުބާވުމަށް މިއީ ރަނުގެ ފުރުޞަތެކެވެ. ކޮންމެ އާދަމުގެދަރިއަކީ ކުށަށް ހުށަހެޅިގެންވާ މީހެކެވެ. ކުށަށް އިޢުތިރާފުވެ ކުށް ޤަބޫލުކޮށް ތައުބާވާ މީހުންނަކީ އޭގެތެރެއިން އެންމެ ހެޔޮ މީހުންނެވެ. ކުށްފާފަތައް ކިތަންމެ ގިނަވިޔަސް ﷲގެ ރަޙްމަތުން އެދުންކަނޑައިފުމީ އަޅުތަކުންނަށް އޮތްކަމެއް ނޫނެވެ. އެފަދަ މީހުންނަށް މާތްﷲ އަންގަވާފައިވަނީ ﷲގެ ރަޙްމަތަށް އެދި ތައުބާވުމެވެ. މާތްﷲވަޙީ ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ.
"ކަލޭގެފާނު ވިދާޅުވާށެވެ. އޭ ފާފަކުރުމުގައި އިސްރާފުކޮށް އެބައިމީހުންގެ ނަފުސުތަކަށް އަނިޔާވެރިވެ އުޅުނު ތިމަންރަސްކަލާނގެ އަޅުންނޭވެ! ﷲ ގެ ރަޙްމަތާމެދު ތިޔަބައިމީހުން އެދުންކަނޑާނުލާށެވެ. ހަމަކަށަވަރުން ﷲ އެންމެހައި އަޅުތަކުންގެ ފާފަ ފުއްސަވައެވެ. ހަމަކަށަވަރުން އެކަލާނގެއީ ގިނަގިނައިން ފާފަ ފުއްސަވާ ރަޙީމުވަންތަ ރަސްކަލާނގެއެވެ." (ޒުމަރު:53)
ރޯދަމަހަކީ ރަޙުމަތުގެ މަހެވެ. ފާފަ ފުއްސެވުމުގެ މަހެވެ. ނަރަކައިން ދިންނެވުމުގެ މަހެވެ. މިމަހުގެ މިފަދަ ދުވަސްތަކުގައި އެކަލާނގެ ޙަޟްރަތަށް ކުއްތަންވެ ތައުބާވެއްޖެ މީހާގެ ތައުބާ އެކަލާނގެ ޤަބޫލު ކުރައްވާނެއެވެ. އެމީހެއްގެ ކުށްތައް އެކަލާނގެ ޢަފޫކުރައްވައި ފާފަ ފުއްސަވާނެއެވެ. އެކަލާނގެ ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ.
"އެކަލާނގެ އަޅުތަކުންގެ ކިބައިން ތައުބާ ޤަބޫލު ކުރައްވައި ކުށްތައް ޢަފޫކުރައްވަނީ ހަމަ އެކަލާނގެއެވެ. އަދި ތިޔަބައިމީހުން ކުރާ ކުށްތައް އެކަލާނގެ ދެނެވޮޑިގެންވެއެވެ." (ޝޫރާ: 25)
މާތްﷲ ވަޙީކުރެއްވިއެވެ.
"އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން މާތްﷲ އަށް ތެދުވެރިކަމާއެކު ތައުބާވާށެވެ. ތިޔަބައިމީހުން ހައްދަވާ ގެންގުޅުއްވާ އިލާހު ތިޔަބައިމީހުންގެ ކުށްތައް ޢަފޫ ކުރައްވާނެތެވެ. އަދި އެތާނގެ ދަށުން ފެންއާރުތްއް ހިނގަހިނގާހުރި ސުވަރުގެތަކަށް ތިޔަބައިމީހުން ވައްދަވާނެތެވެ." (ތަޙްރީމް:8)
"އޭ މުއުމިނުންނޭވެ! ތިޔަބައިމީހުން އެންމެން އެކުގައި މާތް ﷲ އަށް ތައުބާވާށެވެ. ތިޔަބައިމީހުންނަށް ނަޞީބު ލިބި ދިންނަވާތޯއެވެ." (ނޫރު: 31)
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
"ހަމަކަށަވަރުން މަތިވެރި ﷲ އެއިލާހުގެ ރަޙްމަތް ރޭގަނޑުގައި ބާވައިލައްވައެވެ. އެއީ ދުވާލުގެ ފާފަވެރިންނަށް ފުއްސެވުމަށްޓަކައެވެ. އަދި އެ އިލާހުގެ ރަޙްމަތް ދުވާލުގައި ބާވައިލައްވައެވެ. އެއީ ރޭގަނޑުގެ ފާފަވެރީންނަށް ފުއްސެވުމަށްޓަކައެވެ. ހުޅަނގުން އިރު އަރަންދެން މިގޮތަށް މެދުނުކެނޑި ރަޙްމަތް ބާވައިލެއްވުމުގައި އެއިލާހު ދެމިވޮޑިގެންވެއެވެ."
ނޯޓް: މިލިޔުން ނަގާފައިވަނީ ދަރުމަ–ނޮވެމްބަރ 2003 އިން

Read more...

10 August 2010

ރޯދަމަސް އައުމުގެ ކުރިން

އަލްއަޚް އިސްމާޢިލް ނާޖީ
ރޯދަ މަސް އަންނަނީއެވެ. ތެދުވެރި މުސްލިމުން ތިބީ އެ މަސް އަންނަލެއް ލަސްވެގެން ކެތް މަދުވެފައެވެ. ތައުބާވާން ބޭނުންވާ މުސްލިމުން ތިބީ، މާޟީގައި ކުރެވުނު ފާފަތަކުން، ހިތް ނުތަނަވަސްވެ މޮޅިވެފައެވެ. ފާފަތަކާއި ހައްމުތަކާއި ޣައްމުތަކުން އެ މީހުންވަނީ، ހިލިނުގަނެވިފައެވެ. ނަމަވެސް ރޯދަ މަހަކީ، މި ފަދަ މީހުންގެ އުއްމީދު އާލާވާނެ މަހެކެވެ. ތައުބާވުމަށެވެ.

މި ދިޔަ ރޯދަ މަހު ރޯދަ ނުހިފާ އުޅޭނެ ގޮތަކަށް އުޅެފައި، މި ރޯދަ މަސް އައުމުގެ ކުރިން މަރުވެ ދިޔައީ ކިތައް މީހުން ހެއްޔެވެ؟

ވޭތުވެ ދިޔަ ރޯދަ މަހު ރޯދަ ހިފައި އަޅުކަން ކުރުމަށްފަހު މި ރޯދަ މަސް އައުމުގެ ކުރިން ދުނިޔެ ދޫކުރި ތިމާގެ މީހެއް ރައްޓެއްސެއް ދަންނަ މީހެއް ނަމަވެސް އެބަހުރި ހެއްޔެވެ؟

ޢުމުރުގައި މިވީ ތަނަށް، ކިތައް ރޯދަ މަހާ ދިމާވިހެއްޔެވެ؟ ދިހައެއް، ވިހި ނުވަތަ ތިރީސް ހެއްޔެވެ؟ ދެން ވޭތުވެދިޔަ ރޯދަ މަސްތަކުގައި، ކަލޭގެ އަޅުކަން ކުރުން ހުރީ ކިހިނެއްހެއްޔެވެ؟ އީމާންތެރިކަން އިތުރަށް ސާބިތުވިހެއްޔެވެ؟ ދީންވެރިކަން އިތުރުވިހެއްޔެވެ؟ ﷲ އާ ކުއްތަންވުން ގިނަކުރިންހެއްޔެވެ؟ އަދި މިއަށްވުރެ މުހިއްމު ސުވާލަކީ، ރޯދަ މަހަށް ފަހު ކަލޭގެ ތަޤުވާވެރިކަން ކިހިނެއްހެއްޔެވެ؟ ރޯދަ ހިފުމުގެ މައިގަނޑު މަޤްޞަދުކަމުގައިވާ ''އެއީ ތިޔަބައި މީހުން ތަޤުވާވެރިވޭތޯއެވެ.'' ޙާޞިލު ކުރެވުނުހެއްޔެވެ؟

އެންމެ ފުރަތަމަ، މި ރޯދަ މަހުގެ އަޅުކަން ފުރިހަމަ ކުރެވުމުގެ ނަސީބު އަހަރެމެންގެ ޢުމުރުގައި، ﷲ ލެއްވުން އެދި ދުޢާކުރަމާ ހިނގާށެވެ. ރަޖަބް މަސް ފެއްޓުމުން ރަސޫލު -ޞައްލަﷲ ޢަލައިހިވަސައްލަމަ- ކުރައްވާ ދުޢާއަކީ ''ހައްދަވައި ބޮޑު ކުރެއްވި ރަސްކަލާކޮ! ރަޖަބްމަހާއި ޝަޢްބާން މަހުގައި، އަހަރެމެންނަށް ބަރަކާތް ލައްވާފާނދޭވެ! އަދި ރޯދަ މަހާއި ހަމައަށް އަހަރެމެން ވާޞިލުކުރައްވާފާނދޭވެ!'' (ރަވާހު އައްޠަބަރާނީ)

ރަށުގެ ބޮޑު މަގު ބުރު ކައިރީގައި، އެހެންދާ އެންމެންނަށް ފައިސާ ބަހާ މީހެއް އެބަހުއްޓެވެ. އެ މީހަކު ބޭނުންވަރަކަށް، ގޯންޏަކަށް ފައިސާ އަޅާފައި އެނާ ދެއެވެ. މި މުއްސަނދި މީހާ އަތުން ފައިސާ ހޯދާކަށް އެއްވެސް މަސައްކަތެއް ކުރާކަށް ނުޖެހެއެވެ. ބުރު ކައިރިއަށް ޖެހިލާ ކޮންމެ މީހަކު ވެސް މަހުޖަނަކަށް ވެދެއެވެ. އަންހެނެއް ފިރިހެނެއް، މުސްކުޅިއެއް، ކުޑަކުއްޖެއް، ކުއްވެރިއެއް، އަޅުވެރިއެއް ތަފާތެއް ނޯވެއެވެ. އިސާހިތަކު މުޅިރަށަށް މި ޚަބަރު ފެތުރި، ރަށު އެންމެން އެތަނަށް ޖަމާވާން ފަށައިފިއެވެ. ނުދާންވީ ސަބަބެއް ނެތެވެ. 83 އަހަރުވަންދެން މެދު ނުކެނޑި މަސައްކަތް ކުރުމުން ވެސް ނުލިބޭހޭ ގިނަ ފައިސާ އެންމެ ހިނދުކޮޅެއްގެ ތެރޭގައި ލިބޭ ވިއްޔާއެވެ. މިއީ އެކަމަކު ޙަޤީޤީ ވާހަކައެއް ނޫނެވެ.

އެކަމަކު އަހަރެމެންނަށް މިއަށްވުރެ މާ މޮޅު، މާ ހެޔޮކަން ބޮޑު، މާ އަގުހުރި ''ފައިސާ'' ލިބެން އެބަ ހުއްޓެވެ. އާދެ، އެއީ ލައިލަތުލް ޤަދްރި ވިލޭރޭގައެވެ. އެރޭ އަޅުކަން ކުރުމުންނެވެ. އެންމެ ރެއަކުން 83 އަހަރުގެ ހެޔޮކަން ލިބެން އެބައޮތެވެ. ދެންމެ ދުނިޔޭގެ އަރާމު ހޯދަން އަހަރެމެންގެ ކިބައިގައި ހުރި ޝައުޤުވެރިކަން މިކަމަށް ނެތީ ކީއްވެގެންހެއްޔެވެ؟ 83 އަހަރު ދުވަހު މީހަކު އަޅުކަން ކުރުމުން ލިބޭނެ ޘަވާބު އެންމެ ރެއަކުން އެބަ ލިބެއެވެ. މިހާ ދިގުމުއްދަތަކަށް އަޅުކަން ކުރެވެނީ ކާކަށް ހެއްޔެވެ؟ ޅަފަތުގެ ދުވަސްވަރު، ދިރިއުޅުމުގެ މަސައްކަތަށް ދާ ވަގުތު، ބަލިވެ އޮންނަ ވަގުތު، ނިދާފައި އޮންނަ ވަގުތު ކަނޑާލީމާ ޤަރުނެއްވަންދެން ދުނިޔޭގައި އުޅޭ މީހަކަށްވެސް މި މުއްދަތަށް އަޅުކަން ނުކުރެވޭނެއެވެ.

ވީމާ މި ރޯދަ މަހާއި، މަހުގައި ހިމެނޭ ލައިލަތުލް ޤަދްރިވިލޭރޭގެ ހެޔޮކަން ހޯދައިގަންނާނީ ކިހިނެއްހެއްޔެވެ؟ މި ބަރަކާތް ލިބިގަތުމަށްޓަކައި، ކުރެވިދާނެ ބައެއް ކަންތައް ލިޔެލާނަމެވެ.

އެކެއް:
ތައުބާ އާކުރާށެވެ. ތެދުވެރި، މޮޅިވެރި ހިތަކާއެކު ﷲ ޙަޟްރަތުގައި މުނާޖާ ދަންނަވާށެވެ. ފާފައަށް އިޢްތިރާފުވެ، ކުށަށް އިޤްރާރުވާށެވެ. އަދި އެފަދަ ކަމެއް ދެން މުޅި ޙަޔާތުގައި ވެސް ނުކުރަން ޢަޒުމު ކަނޑައަޅާށެވެ. ފާފައިގެ މައްޗަށް ހިތާމަކޮށް ކަރުނަ އޮހޮރާށެވެ. މީހަކަށް އަނިޔާވެރިވެވިފައި ވާނަމަ، ޙައްޤު ކަނޑުވައި ޙައްޤު ރައްދުކުރާށެވެ. މީހަކާ ރުޅިވެރިވެގެން އުޅޭނަމަ، ޞުލްޙަވެރިވެ ޙަސަދައާއި ކެހިވެރިކަން ހިތުން ނެރެ ސާފުކޮށްލާށެވެ. މި ރޯދައަށް ފަހު ޙަޔާތުގެ އާ ޞަފުޙާއެއް ހުޅުވާށެވެ.

ދޭއް:
މި ރަމަޟާން މަހަކީ، ޙަޔާތުގެ މުހިއްމު މަގު ނިޝާނަކަށް ހަދަން ޢަޒުމު ކަނޑައަޅާށެވެ. އަދި މި ކަން ފުރިހަމަކޮށްދެއްވުން އެދި ދޫނުކޮށް، ކެނޑިނޭޅި ﷲ އަށް ދުޢާ ކުރާށެވެ. ރޯދަ ހިފުމަށާއި، ރޭ އަޅުކަންކުރުމަށާއި، ހެޔޮ އަޅުކަންތައް ކުރުމުގެ ވާގި ދެއްވުން އެދި އެ ކަލާނގެ ކިބަފުޅުން އެދޭށެވެ.

ތިނެއް:
މުޅި އަހަރު ތެރޭ ދުވަހަކު ވެސް ޤުރުއާން ނުކިޔަވާ ހުރީމާ، ފުރަތަމަ ފައްޓައިގަންނަ އިރު ކުޑަ އުނދަގޫ ކަމެއް ހުރެދާނެއެވެ. އެއީ ނުކިޔަވާ ނުކިޔަވާ ދުލުގައި ދަބަރު ޖެހުމުން ވާ ގޮތެކެވެ. ނަމަވެސް ކުޑަކޮށް ކެތް ކޮށްލާފައި، ކުރިއަށް ގެންދިޔައިމާ، ޤުރުއާނުގެ ފޮނިކަން ހިތަށް އިޙްސާސްވާނެއެވެ. ޢަރަބި ބަސް ނޭނގެއްޏާ ޤުރުއާނުގެ މާނައިގެ ތަރުޖަމާއެއް ހޯދާށެވެ.

މިހާރުއްސުރެ ވެސް، މި ރޯދަ މަހު ޤުރުއާން ކިޔަވާނެ ގޮތެއް ރާވާށެވެ. ކޮންމެ ދުވަހަކު ވެސް ކިޔަވާނެ ޚާއްޞަ ވިރުދެއް އެކަށައަޅާށެވެ. އަދި އެކަމުގައި އިލްތިޒާމުވާށެވެ. މުޞްޙަފުގައި ހުންނަނީ ގާތްގަނޑަކަށް 600 ޞަފުޙާ ކަމަށް ބަލަމާ ހިނގާށެވެ. ދެން މި ރޯދަ މަހު ތިރީސް ދުވަސް ހުރެއްޖެނަމަ، ސަތޭކަ ފަންސާސް ފަރުޟު ނަމާދު ކުރެވޭނެވެ. ވީމާ ކޮންމެ ނަމާދެއްގެ ކުރިން 4 ޞަފުޙާ ޤުރުއާނުން ކިޔަވައިފިނަމަ، ޚަތިމެއް ކުރެވޭނެއެވެ. މިއަށް ވުރެ ވެސް އަދި ޘަވާބު އިތުރުކޮށްލަން ބޭނުމިއްޔާ، ނަމާދުގެ ފަހުން ވެސް 4 ޞަފުޙާ ކިޔަވާށެވެ. މީކީ މާކަ ގިނަ ވަގުތެއް ދާނެ ކަމެއް ވެސް ނޫނެވެ. މުދިމު ބަންގިދީފައި ނަމަދު ކުރުމާ ދެމެދު އެ އޮންނަ ވަގުތުކޮޅު ތެރޭ ވެސް މިކަން ކުރެވިދާނެއެވެ.

ވިސްނާލަ ބަލާށެވެ. ޤުރުއާނަކީ މާތް ﷲގެ ކަލާމްފުޅެވެ. އެފަދަ މާތް އެއްޗެއް ކިޔަވަން، ފުރުސަތު ލިބުމަކީ ކިހާ މަތިވެރި ނަސީބެއް ހެއްޔެވެ؟ ޢާލަމްތަކުގެ ވެރިރަސްކަލާނގެ ބާވައިލެއްވި ފޮތް ކިޔައި، އެ ކަލާނގެ އަމުރުތަކާއި ނަހީތައް ބަލައި، އިރުޝާދާއި ވާހަކަ ތަކުން ޢިބްރަތް ލިބިގަތުމަށް ވުރެ މަތިވެރި ޝަރަފެއް ކޮބައި ހެއްޔެވެ؟ ޤުރުއާން ކިޔެވުމުން ހިތަށް ލިބޭ ފޮނިކަން އިޙްސާސްވާނީ ހަމަ އެ ކިޔަވާ މީހަކަށެވެ.

ހަތަރެއް:
ކުރިން ނަމާދުގެ ރާތިބު ސުންނަތްތައް ނުކުރާ ކަމަށް ވަންޏާ، މި މަހަކީ މިކަން ކުރާނެ މަހަކަށް ހަދާށެވެ. ފަތިސް ނަމާދުގެ ކުރީގައި ދެ ރަކްޢަތް، މެންދުރު ނަމާދު ކުރީގައި ދެ ރަކްޢަތް (ނުވަތަ ހަތަރު ރަކްޢަތް) އަދި ފަހުގައި ދެ ރަކްޢަތް، މަޣްރިބު ނަމާދު ފަހުގައި ދެ ރަކްޢަތް، އަދި ޢިޝާ ނަމާދުގެ ފަހުގައި ވެސް ދެ ރަކްޢަތް ކުރުމުން، ރާތިބު ސުންނަތް ކުރެވުނީއެވެ. އަދި މިކަމުގެ ޘަވާބަކީ ސުވަރުގޭގެ އިތުރު ގަނޑުވަރެކެވެ. މިއީ ޞައްޙަ ޙަދީޘެއްގައި ވާ ވާހަކައެކެވެ. އަދި ޟުޙާ ނަމާދު ކޮށްލެވުނިއްޔާ ކިތަންމެހާ ވެސް ރަނގަޅެވެ. ހަމަ އެހެންމެ، ވާރިދުވެފައިވާ ޞައްޙަ ދުޢާތަކެއް ވެސް ކިޔޭތޯ ބަލާށެވެ. އަދި އެންމެ މަދުވެގެން ވެސް ތިން ރަކްޢަތުގެ ދަމުނަމާދެއް ކުރެވޭތޯ ބަލާށެވެ.

ފަހެއް:
ޢިލްމު އުނގެނުނު ވަރަކަށް އީމާންކަން އިތުރަށް ގަދަވެއެވެ. ޢިލްމަކީ، ސީދާ މަގުން މީހާ ކައްސައިލިޔަސް، މަގު ސީދާކޮށްދިނުމުގައި އެހީތެރިވާ އެއްޗެކެވެ. ވީމާ ދީނީ ޢިލްމު އުނގެނޭށެވެ. މީގެ މާނައަކީ މުސްލިމަކަށް ވުމަށްޓަކައި، ކޮންމެ މީހަކު، އިމާމް ޝާފިޢީ އަށް ވާންޖެހޭނެއޭ ބުނުމެއް ނޫނެވެ. މާނައަކީ، ދީނުގެ އަސާސީ އެއްޗެހި ދަސްކުރުމަށް ފަހު، މަޑުމަޑުން ނަމަވެސް، ދީނުގެ ޙަލާލާއި ޙަރާމް ދަސްކުރާށެވެ. ދީނީ ފޮތްތައް ކިޔައި ބަލާށެވެ. ޤުރުއާނުގެ މާނަ ދަސްކުރާށެވެ. ހިތަށް އަރާ ސުވާލެއް އޮތިއްޔާ، އެނގޭ މީހަކާ ކުރާށެވެ.

ހައެއް:
މި މަހަކީ، ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އެންމެ ދީލަތިވެވަޑައިގަންނަވާ މައްސަރެވެ. ވީމާ އަހަރެމެން ވެސް އެހެން މަސްމަހަށް ވުރެ، މި މަހުގައި ދީލަތިވަމާ ހިނގާށެވެ. ރޯދަ މަސް ނިމިގެން ދާއިރު، އެންމެ ރުފިޔާއެއް ވެސް ޞަދަޤާތް ނުކުރާ މީހުން އުޅެއެވެ. ގިނަ މީހުން އެކަން ނުކުރަނީ ހަނދާނަށް އެކަން ނާންނާތީއެވެ. ވީމާ، މިފަހަރު ހަނދާން ނުނެތޭނެ ފަދައަކުން ލިޔެގެން ނަމަވެސް މިކަން ކުރަމާ ހިނގާށެވެ. ތިމަންނައަށް ދުވާލަކު ހޭދަކުރެވޭނީ ކިހާވަރެއްކަން، ހިސާބުކޮށްލާށެވެ. އަދި މި މަހު މުސާރައިން، ގޭ ކުއްޔާއި، ކެއުމާއި، ބިލުތައް ފަދަ އަސާސީ ޚަރަދުތައް ކަނޑާފައި، ދެން ހުރި ފައިސާއެއް ޞަދަޤާތް ކުރުމުގެ ހިތްވަރު ލިބިގަންނާނީ ކާކުހެއްޔެވެ؟! ހަމަ އެންމެ މަހަކުއެވެ.

ހަތެއް:
ތިމާގެ މީހަކާއި މައްސަލައެއް ޖެހިފައި އޮތިއްޔާ، މި މަސް އައުމުގެ ކުރިން، އެ މައްސަލަ ހައްލުކުރާށެވެ. މައިންބަފައިންނަށް ނުކިޔަމަންތެރިވާނަމަ، އެކަން ހުއްޓާލާށެވެ. ދަރިންނަށް ނުބައިކޮށް ހިތައި، ކުދިންގެ މެދުގައި ތަފާތުކުރުން ގެންގުޅޭނަމަ އެކަންވެސް ރަނގަޅު މަގަށް އަޅުވާށެވެ. އަނބިމީހާއަށް ނުބައިކޮށް ހިތައި، އޭނާއަށް އަހުވަ ދައްކާނަމަ، އެކަމުން ތައުބާވެ އަދި އޭނާގެ ކިބައިން މާފަށް އެދި، ޒަވާޖީ ޙަޔާތް މަރާމާތުކުރާށެވެ.

އަށެއް:
މި މަހުގެ އަސްލަކީ ކާއެއްޗެހި މަދުކުރުމެވެ. މަސް ނިމޭއިރު ދިހަ ބާރަ ކިލޯގެ މަސް، ގައިގައި ޖެއްސުމެއް ނޫނެވެ. ނު ކައި ގިނައިރު ހުރުމުން، މީރު އެއްޗެއް ކާލާ ހިތްވާނެއެވެ. އެއީ މައްސަލައެއް ނޫނެވެ. މައްސަލައަކަށްވަނީ، އިސްރާފަކަށް ވުމުންނެވެ. ފަސް ހަ ބާވަތުގެ ޖޫހާއި ހުރިހާ ވައްތަރެއްގެ ހެދިކާ، ކައިިގެން އަދި ދެ ބަނޑަށް ކެއުމަކީ ބައެއް މީހުންގެ އާދައެކެވެ. ދެން ތަރާވީސް ނުކޮށް، ''ތަރާވީސް ކަނީ'' އެވެ. ދެން ދަނީ ރައްޓެހިންނާއެކު ހޮޓަލަށެވެ. ނުވަތަ ރައްޓެހި ގެއަކަށެވެ. ދެން ހާރެވެ! މިއީ މިކަން އޮންނަންވާނެ ގޮތް ހެއްޔެވެ؟

މި މަހަކީ، ބޮޑެތި ޖާފަތް ބާއްވާ މަހަކަށް ނުހަދައި، މި މަހުގައި ފަޤީރުންނަށް ދީލަތިވާށެވެ. ނަމަވެސް މީގެ މާނައަކީ، ރައްޓެހިންނާއި ތިމާގެ މީހުން ގެއިން ކަޅު ސައިތައްޓެއް ވެސް ނުދިނުމެއް ނޫނެވެ. ތިމާގެ ކަމުގެ ގުޅުން ބަދަހި ކުރުމުގެ ގޮތުން، ރައްޓެހިކަން އާލާކުރުމުގެ ގޮތުން، ދަޢްވަތު ދިނުން ރަނގަޅެވެ. ނަމަވެސް ހައްދުން ނައްޓައިގެން ނުވާނެއެވެ. ޢިޝާ ނަމާދު ފަހުން ކޮންމެ ރެއަކު ޕާޓީ ބާއްވަންޏާ ދެން އެރޭ، ރޭ އަޅުކަން ކުރާނީ ކޮންވަގުތަކު ހެއްޔެވެ؟

ނުވައެއް:
އިސްލާމީ ޤައުމުތަކުގައި، ސިލްސިލާ ފިލްމުތަކާއި މުނިފޫހި ފިލުވުމުގެ ކާނިވާ އަންނަ މަހަކީ، ރަމަޟާން މަހެވެ. ނަމަވެސް މި ކާނިވަލަށް ނުވަންނަން ޢަޒުމު ކަނޑައަޅައިފިއްޔާ، އެކަން ކުރެވިދާނެއެވެ. ގިނަ ވަގުތު ޓީވީ ބެލުމާއި ސިލްސިލާ، އަދި ކުޅިވަރުފަދަ އެއްޗެހި ބެލުމުގައި ރޭތައް ހޭދަ ނުކުރަން ނިންމާށެވެ. ބަނޑު ދައްކައިގެން ނަށާ މަންޒަރު، ބެލުން އެއީ އެއްވެސް ވަގުތަކު ހުއްދަ ކަމެއް ނޫނެވެ.

ދިހައެއް:
ޣައިބު ބުނުމާއި، ދެބައޮޑުވުން ހުއްޓާލާށެވެ. އެއްވެސް ކުނި ބުންޏެއް ނެތް، ސާފު ރޯދައެއް ހިފުމަށްޓަކައި މި ދެކަންތަކުން ދުރުހެލިވާންޖެހެއެވެ. މުސްލިމުންގެ މަސް ކެއުން އެއީ މީރު ރަހަ ދޭނެ ކަމެއް ނޫނެވެ. އެއްޗެއް ބުނަންޏާ ހެޔޮ ބަހެއް، ތެދުވާހަކައެއް، ނަސޭހަތެއް، ބުނާށެވެ. ދޮގުވާހަކަ، ނެތިމޮށުން، ޙަޤީޤަތް އޮޅުވާލުން، މުޖްތަމަޢުގައި ހިނގާ ނުބައި ކަންތައްތައް ފާޅުކޮށް އެކަން ފެތުރުން ހުއްޓާލާށެވެ. އަދި އެފަދަ ވާހަކަ ލިޔެފައި ހުންނަ އެއްޗެހި ކިއުން ހުއްޓާލާށެވެ. މީހަކު ޒިނޭ ކުރާވާހަކަ، ވަގު އަންބެއް ގެންގުޅޭވާހަކަ އެއީ އަޑުއަހަން މުހިއްމު ވާހަކައެއްހެއްޔެވެ؟


ނޯޓް: މިލިޔުމަކީ ކަވާސާ.ކޮމް އިން ނަގާފައިވާ ލިޔުމެކެވެ.

Read more...

09 August 2010

ރޯދަމަހުގެ އިސްލާމުން! – ތިބާ އަކީ ވެސް އޭގެ މީހެއްތަ؟

އަލްއަޚް މުޙައްމަދު ޝާފިޢު
އަނެއްކާވެސް އައު ރޯދަ މަހަކަށް ހަނދު ބަލަނީއެވެ. މި ރޯދަމަސް ތިބާ ހޭދަކުރައްވަން ޤަޞްދު ކުރައްވަނީ ކިހިނެއްތޯއެވެ؟
ރޯދަމަހުގައި މުސްލިމުންގެ ކަންތައްތައް ހުންނަގޮތުން ފަސް ބަޔަކަށް އެމީހުން ބެހިދާނެއެވެ.
ފުރަތަމަ ބައިގެ މީހުންނީ ރޯދަމަހަށްޓަކައި ކެތްތެރިކަމެއްނެތި އިންތިޒާކުރާ، އެމަހަށް ތައްޔާރުވާ މީހުންނެވެ. ފަރުޟު އަޅުކަން ކުރުމުގައި އެމީހުން މުރާލިވެއެވެ. މުޞްތަޙައްބު ޙަރަކާތްތަކުގައި ގިނަވަޤުތު ހޭދަކުރެއެވެ. އެއީ މިދުނިޔެއަށް ކައުކުރެއްވި މާތް ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ފިޔަވަޅުފުޅުތައް މަތީން ހިނގަން މަސައްކަތްކުރާ ތަޤުވާވެރީންނެވެ.
ދެވަނަ ބައިގެ މީހުންނީ މި ރޯދަމަސް އައިސް އަދި ފައިބައިގެން ދިޔަކަމުގައި ވިޔަސް އެމީހުންގެ ހެޔޮ ޢަމަލުތައް އިތުރުކުރުމަށް ވަކިން އިތުރު މަސައްކަތް ނުކުރާ މީހުންނެވެ. މިބައިމީހުން އެ ނަގާލަނީ އަނބުރާ ލިބުމެއް ނެތް ހެޔޮކަމުގެ ދުވަސްތަކެކެވެ.
ތިންވަނަ ބައިގެ މީހުންނީ މިމަހު ނޫނީ ﷲ އެންގެވި ގޮތަށް އަޅުކަން ކުރުމުގައި ފަރުވާ ނުބަހައްޓާ މީހުންނެވެ. މިމީހުންނީ “ރޯދަމަހުގެ އިސްލާމުން” ނެވެ. ރޯދަމަސް އައުމުން މިމީހުން އަޅުކަމުގައި އުޅެއެވެ. ނަމާދުކުރުމަށް ފަރުވާ ބަހައްޓައެވެ. ރޯދަމަސް ނިމުމުން ނަމާދުކުރުން ނިމެއެވެ. މާތް ﷲ ރުއްސަވާފައި ވަނިކޮށް ނިޔާވުމަކީ އެމީހުންނަށް އޮތް އެންމެ ރަނގަޅު ގޮތެވެ.

ހަތަރުވަނަ ގުރޫޕްގެ މީހުންނީ ކެއިން ބުއިން ފިޔަވައި އެހެން އެއްވެސް ކަމަކުން އެއްކިބާވެގެން ނޫޅޭ މީހުންނެވެ. މިމީހުންނަށް ރޯދައިގެ ސަބަބުން ކަރު ހިއްކުމާއި ބަނޑުހައި ހޫނުކަން ނޫނީ ނުލިބެއެވެ.

ފަސްވަނަ ބައިގެ މީހުންނީ ރޯދަމަހުގެ ދުވާލުގެ ވަގުތުތައް ނިދުމުގެ ވަޤުތުތަކަކަށް ހަދައި އެމަހުގެ ރޭގަނޑުތައް މުނިފޫހި ފިލުވުމުގެ ޕާރޓީތަކަކަށް ހަދާ މީހުންނެވެ. ޒިކުރުކުރުމާއި ﷲ ހަނދުމަކޮށް މަޢުރިފާ ކޮށް ދެނެގަތުމުގެ ބަދަލުގައި މިމީހުން ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ކަންތަކުގައި ޢުމުރުގެ ދުވަސްތައް އިސްރާފު ކުރެއެވެ. މިމީހުންނަށް ދުޅަ ހެޔޮކަމުގެ ނިޢުމަތް ދެއްވާފައި ވާއިރުވެސް، އަދި ހެޔޮކަންތައްތައް ކުރުމުގެ ފުރުޞަތު ލިބިފައިވާއިރުވެސް މި ހެޔޮ ނިޢުމަތް ހިތަށް ޣާފިލުކަންމަތީ ނާޝުކުރުވެރިކަމުގައި ދުވަސްތައް ހޭދަކުރެއެވެ.

ތިބާ ހިމެނެނީ މިފަސް ބައިގެ ތެރެއިން ކޮން ބަޔެއްގައި ތޯއެވެ؟ މިރޯދަމަހަކީ އެހެން މަސްތަކާއި ޚިލާފަށް، ތިމާގެ ނަފްޞު ޠާހިރުކޮށްލުމަށް، ހެޔޮކަމަށް ރުޖޫޢަވުމަށް، ޙަޔާތުގެ އައު ޞަފްޙާއެއް އެއްލުމަށް މަސައްކަތްކުރާ ވަޤުތަކަށް ހަދަމާތޯއެވެ. ޔަޤީނުން އެނގޭ ކަމަކީ މިރޯދަމަހެއް ތިބާއަށް ދެނެއް ނުލިބޭނެކަމެވެ. ޢުމުރުގެ ބާކީ އޮތް ދުވަސްތަކުން އެއްރޯދަމަސް އުނިވަނީއެވެ. ކަންދިމާވާގޮތުން ތިބާއާ ބައްދަލުވާ އެންމެ ފަހު ރޯދަމަހަކީ މިރޯދަމަސް ކަމުގައިވެސް ވެދާނެއެވެ. ތެދުވާށެވެ. ހެޔޮކަންތަކުގައި މަޝްޣޫލު ވާށެވެ.

Read more...

06 August 2010

މިއީ އެންމެ ފަހުގެ ރޯދަމަހަށް ވެދާނެއެވެ

އަލްއަޚް މުޙައްމަދު އަނީލް
"ނަމަވެސް މިއަދު، އަޅުގަނޑުމެންގެ ޓީވީ ތަކާއި ރޭޑިއޯތަކުން ރަމަޟާންމަސް އައުމުގެ ހަ މަސް ދުވަސް ކުރިން މަސައްކަތް ކުރަނީ އެމަހުގައި ދައްކާނެ ފަސާދަ ކުރަނިވި، ﷲގެ ޛިކުރުން ޣާފިލުކޮށްފަނިވި ސިލްސިލާ ޕްރޮގްރާމްތަކާއި އެހެނިހެން ކުޅިވަރުތައް ރޭވުމުގެ މަޝްވަރާތައް ބޭއްވޭތޯއެވެ. ކޮންމެ ޕްރޮގްރާމެއްގެ ދެކޮޅުގައި ((ބަރަކާތްތެރި ރަމަޟާން)) މަހުގެ ތަހުނިޔާ ކިޔަމުން އެމަހުގެ ރަޙްމަތާއި، މަޢްފިރަތާއި ނަރަކައިން މުއްތި ކުރެއްވުމުން ރައްޔިތުން ޣާފިލު ކުރުމުގެ ފާޙިޝް ޢަމަލުތައް ލައިވް ކާސްޓް ކުރަމުން އެހެރަ ގެންދަނީއެވެ.

އެބައިމީހުންގެ ޙާލުގެ ދުލުން ބުނާކަހަލައެވެ. (( ރަމަޟާން މަހަކީ އެމަހެއްގައި ޓީވީ ސިލްސިލާތަކާއި ހާރުދަން ކުޅިވަރުތައް ބާވައިލެއްވި މައްސަރެވެ.))
"

މުސްލިމުން ރޯދަމަހަށް އިސްތިޤްބާލު ކުރުމުގެ މަގުމަތީގައި ވާއިރު، އެބައިމީހުންގެ ޙާލާއިމެދު ބަލާލި ކޮންމެ މީހެއްގެ ލޮލުން އަންނާނީ ލޭގެ ކަރުނައެވެ. އެބައިމީހުންނާ ބައްދަލު ކުރުމަށް އަހަރަކު އެއްފަހަރު އަންނަ ރަޙުމަތާއި ބަރަކާތުން ފުރިގެންވާ މައްސަރާއި ބައްދަލު ކުރުމުގެ އެއްވެސް ޖޯޝެއް އެބައިމީހުންގެ ކިބަޔަކު ނެތެވެ. ނޫނެކެވެ. ޖޯޝު އެބަހުއްޓެވެ. ނަމަވެސް އެއީ އެމަހުގައި ކޮއްތު އެއްކުރުމުގެ ޖޯޝެވެ. ގެދޮރު ރީތި ކުރުމުގެ ޖޯޝެވެ. ގެއަށް އާ ވެލި ލުމުގެ ޖޯޝެވެ. ނަމަވެސް...އެބައިމީހުންގެ ރޫޙަށް އެއްވެސް ކަހަލަ ދިރުމެއް ގެނެސް، އެ މައްސަރުގެ ރަޙްމަތާއި، ފާފަ ފުއްސެވުމާއި، ނަރަކައިން ދިންނެވުން ލިބޭތޯ މަސައްކަތް ކުރަނީ ވަރަށްވެސް މަދު ބައެކެވެ.

މި ގޮތަށް ރަމަޟާންމަހަށް އިސްތިޤުބާލު ކުރުމުގެ ގޮތުން ތިމާމެންގެ ރޫޙު ހަނދާން ނައްތާލައި، މާއްދިއްޔަތު ކުރިއަށް ނެރެގެން އުޅުމަކީ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްއާއި އެކަލޭގެފާނުގެ މިތުރު ޞަޙާބީން ރޯދަމަހަށް ތައްޔާރުވެ ވަޑައިގެންނެވި ގޮތެއް ނޫނެވެ.

އަޅުގަނޑުމެންގެ ކުރީގައި އުޅުއްވި ޞާލިޙު އަޅުން (ސަލަފުއްޞާލިޙުން) ހަމަސް ދުވަސް ވަންދެން ، ހެޔޮގޮތުގައި ހޭދަކުރުމަށްޓަކައި ރަމަޟާންމަސް ދެއްވުން އެދި ދުޢާ ކުރައްވާކަމުގައި ވިއެވެ. އަދި އެ މަސް ލިބިއްޖެ ނަމަ، އަޅުކަން ކުރުމުގައި އެމަހުގެ ދުވަސްތައް ހޭދަކުރައްވާ ކަމުގައި ވިއެވެ. އަދި ރަމަޟާންމަސް ދިޔުމުން އެމަހުގައި ކުރެވުނު އަޅުކަންތައް ޤަބޫލުކުރެއްވުން އެދި ﷲއަށް ދުޢާ ކުރެއްވުމުގައި ހަ މަސް ދުވަސް ހޭދަ ކުރައްވާ ކަމުގައި ވިއެވެ.

ނަމަވެސް މިއަދު، އަޅުގަނޑުމެންގެ ޓީވީ ތަކާއި ރޭޑިއޯތަކުން ރަމަޟާންމަސް އައުމުގެ ހަ މަސް ދުވަސް ކުރިން މަސައްކަތް ކުރަނީ އެމަހުގައި ދައްކާނެ ފަސާދަ ކުރަނިވި، ﷲގެ ޛިކުރުން ޣާފިލުކޮށްފަނިވި ސިލްސިލާ ޕްރޮގްރާމްތަކާއި އެހެނިހެން ކުޅިވަރުތައް ރޭވުމުގެ މަޝްވަރާތައް ބޭއްވޭތޯއެވެ. ކޮންމެ ޕްރޮގްރާމެއްގެ ދެކޮޅުގައި ((ބަރަކާތްތެރި ރަމަޟާން)) މަހުގެ ތަހުނިޔާ ކިޔަމުން އެމަހުގެ ރަޙްމަތާއި، މަޢްފިރަތާއި ނަރަކައިން މުއްތި ކުރެއްވުމުން ރައްޔިތުން ޣާފިލު ކުރުމުގެ ފާޙިޝް ޢަމަލުތައް ލައިވް ކާސްޓް ކުރަމުން އެހެރަ ގެންދަނީއެވެ.

އެބައިމީހުންގެ ޙާލުގެ ދުލުން ބުނާކަހަލައެވެ. (( ރަމަޟާން މަހަކީ އެމަހެއްގައި ޓީވީ ސިލްސިލާތަކާއި ހާރުދަން ކުޅިވަރުތައް ބާވައިލެއްވި މައްސަރެވެ.))

ރަމަޟާން މަހުގެ ޙުރުމަތަށްޓަކައި ޖިންނީންގެ ތެރެއިންވާ ޝައިޠާނުންތައް ކަސްތަޅު އަޅުއްވައި ބަންދު ކުރެވިފައިވީނަމަވެސް، މި ދެންނެވި ފާޙިޝް ޢަމަލުތައް ފަތުރަން އުޅޭ މީހުންދަނީ، އިންސީންގެ ތެރެއިންވާ ޝައިޠާނުންނަށް ވާގިވެރިވަމުންނެވެ. އިންސީންގެ ތެރެއިންވާ ޝައިޠާނުންނަށް ވާގިވެރިވެ އިސްލާމްދީނާއި ދެކޮޅަށް ރެއާއި ދުވާލު ހަނގުރާމަ ކުރަމުން އެހެރަ ގެންދަނީއެވެ.

ރަމަޟާން މަސް ފެށުމުގެ ދެތިން ދުވަސް ކުރިން ބާޒާރަށް ހިނގައްޖެނަމަ ފެންނާނީ މީސްތަކުން ބައިބަޔަށް އެއްވެ، އެކި ކުލަކުލައިގެ އެކި އެކި ބާވަތް ބާވަތުގެ ކާބޯތަކެތި އެއް ކުރުމުގެ މަސައްކަތް ކުރާތަނެވެ. މި ބައިމީހުން ތައްޔާރުވަނީ ހަނގުރާމައަކަށްހެން ހީވެއެވެ. އެއްގޮތަކަށްވެސް މިބައިމީހުން ކުރިމަތިލުމަށް ތައްޔާރުވަމުން މިދަނީ ތަޤްވާ އާއި ރޯދައިގެ މައްސަރަކާ ކަމަށް ހިއެއް ނުވެއެވެ.

ދީނީ އިރުޝާދުތައް ދެއްވާ ދީނީ ޢިލްމުވެރިންގެ ބަހާއި މިބައިމީހުންނާއި ދެމެދު އެއްވެސް ގާތްކަމެއް ނެތެވެ. ދުނިޔަވީ އެދުންތަކުގެ ތެރޭގައި ބަރަކާތްތެރި މި މަސް ދުއްވާލަނީއެވެ. މިގޮތުގައި ގިނަ މުސްލިމުންގެ ޙަޔާތް ވަނީ އެކޮޅުކޮޅުން ޖެހިފައެވެ. ރޭގަނޑު ހަތަރުދަމު ޓީވީގެ އަވާގައި ޖެހިގެން ހޭލާ ތިބެއެވެ. ނުވަތަ ކޮންމެވެސް ރޯދަ ކުޅިވަރެއް ނުވަތަ ހާރުދަން ވާދެމުމެއްގެ ތެރޭގައި މުޅިރޭ ދުއްވާލައެވެ. އެއަށްފަހު ފަޖުރު ލުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ނިދަން އޮށޯވެތެވެ. ދުވާލު މިބައިމީހުންގެ މަސައްކަތަކީ، ފިނި ބައްރު ތަކުގައި އުޅޭ ސާރިދޯޅުތަކެއް ފަދައިން ނިދުމެވެ.

އިސްލާމީ ގިނަ ދައުލަތް ތަކާއި އެނޫންވެސް ބައެއް ދައުލަތް ތަކުން، ރަމަޟާންމަސް އައުމުން ސަރުކާރުގެ ރަސްމީގަޑި ކުރު ކޮށްލައެވެ. އަދި ވަޒީފާއަށް ޙާޟިރުވާންޖެހޭ ގަޑި ފަސްކޮށްލައެވެ. މިހުރިހާ ކަމަކާއެކުވެސް ގިނަ ބަޔަކަށް މި މަހަކީ ކަންނެތްކަމުގެ މަހަކަށް ވެފައިވެއެވެ. ވަޒީފާއަށް ގަޑިޖެހުގެން އައުން ގިނަވެގެން ދެއެވެ. ސުވާލު ކުރެވިއްޖެނަމަ އެމީހުން ބުނަނީ، ((އަހަރެމެން މިތިބީ ރޯދަ ހިފައިގެންނެވެ.)) މިބައިމީހުންގެ މިބަހުން ދޭހަވަނީ މި މާތް މައްސަރަކީ ކަންނެތްކަމާއި މަސައްކަތް ނުކޮށް ދޫކުރުމުގެ މައްސަރެއް ކަމަށެވެ. މި ދަޢުވާއަކީ ބޭކާރު ވާހަކައެކެވެ. ޔޫސުފް ޢަލައިހިއްސަލާމްގެ ލެއިން ވަލުކުއްތާތައް ބަރީއަވެގެންވާ ފަދައިން މިބައިމީހުންގެ މި ދަޢުވާތަކުން ރޯދަމަހާއި ރޯދަ ބަރީއަވެގެންވެއެވެ. އަޅުގަނޑުމެންގެ ކުރިން ވަޑައިގެންނެވި ޞާލިހުން (ސަލަފުއްޞާލިޙުން) ހިތްވަރާއި ހިތްމަތާއި ޖޯޝު، އަދި ޢަޒުމާއި ބާރު ދެނެވަޑައިގެންނެވީ މި ރަމަޟާންމަހުގައެވެ. މަޝްހޫރު ބަދުރު ހަނގުރާމަ ހިނގާފައިވަނީ ރަމަޟާންމަހެއްގައެވެ. މައްކާ ފަތަޙަ ކުރެވުނީވެސް ރަމަޟާންމަހެއްގައެވެ. އަންދަލުސް (ސްޕެއިން) ފަތަޙަ ވެގެން ދިޔައީ ރަމަޟާން މަހެއްގައެވެ. މިހެން ވީއިރު.... އޭ މުއައްޒަފުންނޭވެ!!! ރޯދައަކީ ތިޔަބައިމީހުންގެ ކަންނެތްކަމުގެ ސަބަބު ކަމުގައި ދައްކަނީ ކީއްވެގެން ހެއްޔެވެ؟

ޣާފިލުވެގެން ތިބި ބައެއްގެ ގާތަށް މިއަންނަ މާތް ކަރާމާތްތެރި މެހުމާނާއިމެދު ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ!!!

އެބައިމީހުންނަށް މި މާތް މެހުމާނުގެ ޙައްޤު ޤަދަރު އެނގޭނެނަމަ ކޮންފަދަ ހެއްޔެވެ؟!!!

ނޯޓް: މިލިޔުމަކީ ނޫރުލްއިސްލާމް އިން ނަގާފައިވާ ލިޔުމެކެވެ.

Read more...

05 August 2010

ރޯދައިގެ ފައިދާ ތަކުގެ ތެރެއިން

ޑރ މުސާ މުރާދު
މިއަހަރުގެ ރަމަޟާން މަސް އަޅުގަނޑުމެންނާ މިއޮތީ ކުރިމަތިވެފައެވެ. ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގައިވެސް މުސްލިމުން މިމަހުގައި ރޯދަ ހިފާނެއެވެ. ފަޖުރުގެ އަލިކަން ފައުޅުވީއްސުރެ އިރު އޮއްސެންދެން އެއްޗެއް ނުކައި ނުބޮއި ހޭދަކުރާނެއެވެ. މިގޮތުގައި 29 ނުވަތަ 30 ދުވަސް ފުރިހަމަ ކުރާނެއެވެ.

ކީރިތި ޤުރުއާނުގައި އަންގަވާފައިވާ ފަދައިންނެވެ.
يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِنْ قَبْلِكُمْ لَعَلَّكُمْ تَتَّقُونَ (١٨٣)
އޭ އީމާންވި މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ އުއްމަތްތަކަށް ރޯދަ ފަރުޟު ކުރެވުނު ފަދައިން ތިޔަބައިމީހުންނަށްވެސް ރޯދަ ފަރުޟު ކުރެވިއްޖެއެވެ. އެއީ ތިޔަބައިމީހުން، ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެއަށް ބިރުވެތިވެ ފާފަތަކުން ދުރުހެލިވެ ރައްކާތެރިވެ ތިބުމަށްޓަކައެވެ. ( ސޫރަތުލް ބަޤަރާ 183)

ޢަރަބި ބަހުގައި ތަޤުވާ މިލަފްޡު ތަފާތު ގޮތް ގޮތަށް ބޭނުންކުރެވެއެވެ. އޭގެތެރޭގައި ކަލާނގެ ވާކަން ދެނެގަތުން، މާތް ﷲ ދެކެ ބިރުވެތިވުން، ދީންވެރިވުން، އަދި އަމިއްލަ ނަފްސުގެ މައްޗަށް ބާރު ހިންގުންފަދަ މާނަތައް ހިމެނެއެވެ. އެގޮތުގެ މަތިން އަހަރެމެންނަށް އެއްމަސްދުވަސް ވަންދެން ރޯދަހިފުމަށް އަންގަވާފައިވަނީ ފަތިސްވީއްސުރެ އިރު އޮއްސިއްޖައުމަށް ދާނދެނެވެ. އަދި އެދެމެދުގައި ކެއުމާއި ބުއިމުން މަޙްރޫމްވެ، ޖިންސީ އެދުންތަކުންނާއި ހަޑިހުތުރު ބަސްތައް ބުނެއުޅުމުން އެއްކިބާވުމަށް އަންގަވާފައިވެއެވެ.

އަހަރެމެން ރޯދަ ހިފަންޖެހެނީ ކީއްވެބާއެވެ؟ އަހަރެމެން އެންމެންނަށްވެސް ތަޖުރިބާ ކުރެވިފައިވާ ގޮތުގައި، ދުނިޔޭގެ އެދުންތަކަކީ އަހަރެމެންގެ އީމާންކަން ކިލަނބުކުރާ ކަންތައްތަކެކެވެ. އަހަރެމެން ހުރިހާ ވަޤުތެއް ކެއުމުގައި ހޭދަކުރަމުއެވެ. އޭގެ ސަބަބުން އާދަޔާ ޚިލާފަށް ފަލަވުމާ ކުރިމަތިލަމެވެ. އަހަރެމެން ވަރަށް ގިނައި ކޮފީ، ސައި ނުވަތަ ފިނި ބުއިންތައް ބޮމެވެ. ޖިންސީ އެދުންވެރިކަން ބޮޑުވެފައިތިބޭ ބައެއް މީހުން ދުވާލަކު އެއްފަހަރު ނުވަތަ އެއަށްވުރެ ގިނަފަހަރު އެމީހުންގެ ޖިންސީއެދުން ފުރިހަމަ ނުކުރެވޭ ނަމަ ހިތްހަމައެއް ނުޖެހެއެވެ. ދެމީހުން ދޭތެރޭގައި މައްސަލައެއް އުފެދިއްޖެނަމަ، އަހަރެމެންގެ އަޚްލާޤު އެންމެ ދަށު ދަރަޖައަށް ވެއްޓި، ހަޑިހުތުރު ބަހުން ޒުވާބުކޮށް، ގަޔަށް އަތްލާ ހިސާބަށް ކަންތައް ދުއްވާލަމުއެވެ.
އެކަމަކު ރޯދައަށް ހުންނަ މީހަކަށް މިހުރިހާ ކަމެއް މަނާވެވިގެންވެއެވެ. މީރު ކާނާތައް ކެއުމާއި ދުންފަތުގެ އިސްތިޢުމާލު ކުރުންފަދަ ކަންތަކުން ދުރުހެލިވާން ޖެހެއެވެ. އޭނާއަށް ކޮފީއާއި ސަޔާއި ކޮކާކޯލާއެއް ނުބޮވެއެވެ. ޖިންސީ އެދުންތައް އެއްކިބާކުރަން ޖެހެއެވެ. އަދި މައްސަލައެއް ޖެހި ތަޅާފޮޅުމަކާ ހަމައަކަށް ހިނގައްޖެނަމަ އޭނާ ބުނާނެއެވެ. "އަހަރެން މިހުރީ ރޯދައަށެވެ. އެހެންކަމުން ކަލޭ އަހަރެން ލައްވާ ކުރަންތިޔަ އުޅޭ ކަމަކަށް އަހަންނަކަށް އެއްބަހެއް ނުވެވޭނެއެވެ." އެމަހުގައި ތަޤްވާވެރިކަން އިތުރުކުރުމަށް، ގިނަގިނައިން ނަމާދުކޮށް، ޤުރުއާން ކިޔަވައި ހެދުމަށް އަހަރެމެންނަށް ނަޞީޙަތްތެރިވެފައިވެއެވެ.

ރަމަޟާންމަހު، މުސްލިމުން ރޯދަހިފަނީ އެކަމުގައި ހިމެނޭ ޞިއްޙީ ފައިދާތައް ހޯދައިގަތުމަކަށް އެކަންޏެއް ނޫނެވެ. އެކަންތައްތަކަކީ ދެވަނަ ފައިދާއެކެވެ. ބަރުދަން ލުއިކުރުމަށް، ހަޖަމުކުރާ ނިޒާމަށް އަރާމެއް ދިނުމަށް އަދި ސަރުބީ ދަށްކުރުމަށް ރޯދަހިފުމުން އެހީވެދެއެވެ. އެއްގޮތަކަށްވެސް ނުކައި ހުރުމާއި، ތަފާތުވައްތަރުގެ އެހެނިގެން "ޑައެޓްކުރުން" ތަކާއި ރޯދަމަހު ހިފާ ރޯދައާ ވަރަށް ބޮޑު ތަފާތުތަކެއް ހުރެއެވެ. ކުރިން މި ދެންނެވި ގޮތަށް ކަންތައް ކުރުމުގައި ފައިދާއަށްވުރެ ގިނަފަހަރަށް ގެއްލުން ބޮޑުވެއެވެ. މުސްލިމުން ހިފާ ރޯދަ މިފަދަ "ޑައެޓް" ކުރުންތަކާ ތަފާތެވެ. ސަބަބަކީ ރަމަޟާންމަހު ހިފާ ރޯދާފައި ހަށިގަނޑަށް ބޭނުންވާ ހަކަތައިން ހަށިގަނޑު މަޙްރޫމެއް ނުކުރެއެވެ. އެހެންނަމަވެސް ޢާއްމުކޮށް ބޭނުންވާ ވަރަށް ވުރެ ތަންކޮޅެއް މަދުކޮށްލެވެއެވެ. އަނެއްކޮޅުން ބަލާއިރު ރަމަޟާންމަހުގެ ރޯދައަކީ އެމީހަކު އަމިއްލައަށް ހިފާ އެއްޗެކެވެ. އެއީ ޑޮކްޓަރަކު ކަނޑައަޅާފައިވާ ވަކިގޮތަކަށް ކަންތައް ކުރުމަށް ލިޔެފައިވާ ބޭސްސިޓީއެއްވެސް ނުމެނޫންމެއެވެ.

ރަމަޟާން މަހަކީ ނަފްސު ބައްޓަންކޮށް، ނަފްސު ތަމްރީނުކުރާ މައްސަރެވެ. މިތަމްރީނުގެ ފައިދާ ބޮޑުވަނީ އެމަސް ނިމުމުންވެސް އެމަހުގައި ކަންތައްކުރި ފަދައިން ކަންތައް ކުރެވިގެންނެވެ. ރަމަޟާންމަހު ޙާޞިލުކުރި ފިލާވަޅުތައް، އެއީ ހެޔޮ ޢަމަލު ކުރުމުގައި ވިޔަސް ނުވަތަ ކެއިން ބުއިމުގެ އާދަތައް ގެންގުޅުމުގެ ތެރެއިން ކަމުގައި ވިޔަސް، ދާއިމީ ފިލާވަޅުތަކަކަށް ވެއްޖެނަމަ، އޭގެ ފައިދާ ބޮޑުވާނެއެވެ. މީގެ އިތުރުން، ރަމަޟާންމަހު ކާކެއުންތަކަކީ ޑައެޓްކުރާއިރު ކާކެއުންތައް ފަދައިން، ވަކި އެއްޗެއް ނުހިމެނި ނުވަތަ، ހަމައެކަނި ވަކި ބާވަތަކުން (މިސާލަކަށް ހުސް ޕްރޮޓީން ނުވަތަ ހަމައެކަނި މޭވާ) ހިމެނިފައި ހުންނަ ކެއުންތަކެއްނޫނެވެ. ރަމަޟާންމަހުގައިވެސް، އެހެން މަސްތަކެކޭ އެއްފަދައިން، ހުއްދަކުރައްވާފައިވާ ހުރިހާ އެއްޗެއް ބޭނުންކުރެވެއެވެ. ނަމަވެސް ދުވާލަކު ބޭނުމެއް ނުކުރެވެއެވެ.

މި ޒަމާނުގައި، ރޯދަހިފުމުގެ ފައިދާ ބޮޑުކަން އެތައް ޑޮކްޓަރުންނެއް ފާހަގަ ކުރައްވާފައިވެއެވެ. ރޯދަހިފުމަކީ މީހާގެ ހަށިގަނޑުގެ ދުޅަހެޔޮކަމާއި، ސިކުނޑީގެ ދުޅަހެޔޮކަން ދަމަހައްޓައިދޭ ކަމެކެވެ. މީގެ ތެރެއިން ބައެއް ކަންތައްތަކަކީ އެމީހާގެ ހަށިގަނޑަށް ސީދާ އަސަރުކުރާ ކަންތައްތަކެކެވެ. އަނެއްބައި ކަންތައްތަކަކީ ދިރިއުޅުމުގެ އެކި ދާއިރާތަކަށް ތަފާތު ގޮތްގޮތަށް އަސަރުކުރާ ކަންތައްތަކެކެވެ. ރޯދައިގެ ސަބަބުން ލުއިލިބޭ ތަފާތު ބަލިތަކުގެ ތެރޭގައި، ހަޖަމުކުރާ ނިޒާމުގެ ތަފާތު ބަލިތައް، (މިސާލަކަށް، ދާއިމީގޮތެއްގައި ބަނޑުގައި ރިއްސުން، ބޮޑުގޮހޮރު ދުޅަވުން، ޗިސްމޭގެ ބަލިތައް، ހަޖަމުކުރުން އުނދަގޫވުން) ހިމެނެއެވެ. މީގެ އިތުރުން، އާދަޔާޚިލާފަށް ފަލަވުމާއި، ލޭހޮޅިތަކުގައި ސަރުބީޖެހުމާއި، ލޭމައްޗަށް ދިއުމާއި، ނޭވާއަށް އުނދަގޫކުރުން އަދި ޑިޕްތީރިއާ ފަދަ އެތައް ބަލިތަކަކަށް ފަރުވާކުރުމުގައި ރޯދަ އެހީވެދެއެވެ.

ސްވިޒަލޭންޑްގެ ޑޮކްޓަރެއްކަމަށްވާ ޑރ.ބާރސިލަސް ހާމަކުރާ ގޮތުގައި، ފަރުވާއެއްގެ ގޮތުގައި ރޯދަހިފުމުގެ ފައިދާ، ބައިވަރު ބޭސްތަކެއް ކެއުމަށްވުރެ އެތައް ގުނައެއް ބޮޑެވެ.

މައިގަނޑުގޮތެއްގައި، ރޯދައަށް ހުރުމުން، ހަށިގަނޑުގައި މުސްކުޅިވެފައިވާ ޓިޝޫތައް ހަލާކުވާ މިންވަރު އަވަސްވެއެވެ. އަދި މީގެ ބަދަލުގައި އައު ޓިޝޫ އުފެދެއެވެ. ޒުވާންކަމާއި ޢުމުރު ދަމަހައްޓަން ބޭނުންވާ މީހުން ރޯދަހިފުމަށް ބައެއް ޑޮކްޓަރުން ލަފާދޭ ސަބަބަކީ މިއީއެވެ.

އިސްލާމްދީނުގައި ރޯދަހިފަން އަންގަވާފައިވަނީ ވަކި ހަމަތަކެއްގެ މަތީންނެވެ. އެއްވެސް ހަމައެއް ނެތި ކެއުމުން މަޙްރޫމްވެގެން ތިބުން އެދީން އަންގަވާފައިނުވެއެވެ. ސަބަބަކީ އޭގެ ސަބަބުން އިންސާނާގެ ޞިއްޙަތަށާއި ހަށިގަނޑަށް ނޭދެވޭ އަސަރުތަކެއް ކުރާނެތީއެވެ. އެގޮތުން، ރޯދަހިފުމުގެ ކުރިން ފަތިސްވުމުގެ ކުރިން "ހާރު" ކެއުމަށް ބާރުއަޅުއްވާފައިވެއެވެ. އަދި ވަޤުތުޖެހުމުން ލަސްނުކޮށް ރޯދަ ވީއްލަންވެސް ބާރުއަޅުއްވާފައިވެއެވެ.

ރޯދަމަހުގެ ރޯދައަކީ ހަށިގަނޑުގައި ހުންނަ ހަކުރުގެ މިންވަރު ދަށްކުރުމުގައި ވަރަށްބޮޑަށް އެހީވެދޭ ކަމެކެވެ. މިގޮތުން އިންސިއުލިން ބޭނުންނުވާ ހަކުރުބަލީގެ މީހުންނަށް، ރޯދަހިފުމަކީ ވަރަށް ފައިދާހުރި ކަމެކެވެ. 1994 ވަނަ އަހަރު ފުރަތަމަ ފަހަރަށް "އިންޓަރނޭޝަނަލް ކޮންގްރެސް އޮން ހެލްތު އެންޑް ރަމަޟާން" ކަސަބްލަންކާގައި ބޭއްވުމެވެ. މި ކޮންގްރެސްއަށް، ރޯދަ ހިފުމުގެ ފައިދާއާ ބެހޭ ތަފާތު 50 ކަރުދާހެއް ހުށަހެޅުނެވެ. ތަފާތު އެތައް ޞިއްޙީ މައްސަލަތަކަކަށް، ރޯދަހިފުމުގެ ފައިދާކުރާކަން މިއެއްޗެހީގެ އަލީގައި ހާމަވެގެން ދިޔައެވެ. އަދި އެއްވެސް ޙާލެއްގައި ރޯދަހިފުމުގެ ސަބަބުން މީހާގެ ޞިއްޙަތަށް ނޭދެވޭ އަސަރެއްކޮށް ނުވަތަ އޭނާގެ ހުރި ބައްޔެއް ގޯސްވެގެން ދިޔަކަމަށް ހޯދިފައެއް ނުވެއެވެ. އެހެންނަމަވެސް ބައެއް ކަހަލަ ބޮޑެތި ބަލިތަކުގައި (މިސާލަކަށް އިންސިއުލިން ބޭނުންވާ ވައްތަރުގެ ހަކުރުބަލި) އުޅެން ޖެހިފައިވާ މީހުން ރޯދަހިފުމަށް އަންގަވާފައެއް ނުވެއެވެ. އަދި އެއީ ޞިއްޙީގޮތުން އެހާ ރަނގަޅު ކަމަކަށްވެސް ނުވެ ހިނގައިދާނެއެވެ.

ރޯދަ ހިފުމުން ނަފްސާނީ ފައިދާތަކެއްވެސް އިންސާނާއަށް ކުރެއެވެ. ރަމަޟާންމަހު ރޯދަހިފާ މީހުން ހާސްކަން ކުޑަވެ، ހަމަޖެހުން ލިބެއެވެ. މި ނަފްސާނީ ހަމަޖެހުން ބިނާވެފައި އޮންނާނީ، ރޯދައަށް ހުންނައިރު ހަށިގަނޑުގެ ގުލްކޯސްގެ މިންވަރު ހިފެހެއްޓިފައި ހުންނަ ކަމުގެ މައްޗަށެވެ. ރޭގަނޑުގެ ނަމާދުކުރުމުގައިވެސް އިތުރު ފައިދާތަކެއް އެކުލެވިފައި ވެއެވެ. މީގެ ސަބަބުން ރޭގަނޑު ކޭ ކެއުން ހަޖަމުކުރުމަށް އެހީވެ، ކެއުމުން ލިބޭ ފައިދާ ބޮޑުވެއެވެ. އަދި ހަކަތަ އުފެއްދުން އިތުރުވެއެވެ. އަހަރެމެން ނަމާދުކުރަނީ ކަސްރަތެއް ކުރުމުގެ ބޭނުމެއްގައެއް ނޫނެވެ. އެހެންނަމަވެސް ހަށިގަނޑުގެ ހުޅުތައް ލެނބި، ހަށިގަނޑުން ކެލޮރީ އެނދުމަކީ ހަމަ ހަށިގަނޑަށް ވަރަށް ފައިދާހުރި ކަސްރަތެކެވެ. ހަމަ އެފަދައިން، ކީރިތި ޤުރުއާން ކިޔެވުމުން، ހިތާއި ސިކުނޑިއަށް ހަމަޖެހުން ލިބުމުގެ އިތުރުން، ހިތުދަސްކުރުމުގެ ބާރުވެސް އޭގެ ސަބަބުން ގަދަވެއެވެ.

ރޯދަހިފުމަކީ، އިންސާނާއާއި އޭނާ ހެއްދެވި ފަރާތާއި ދެމެދު ކުރެވޭ ޚާއްޞަ އަޅުކަމެކެވެ. އެހެނީ އަޞްލުގައިވެސް އޭނާ ހުރީ ރޯދައަށްކަން އެނގޭނެ، އެކަލާނގެ ފިޔަވައި ދެވަނަ ފަރާތެއް ނުވެއެވެ. ޤުދުސީ ޙަދީޘެއްގައި އެކަލާނގެ ވަޙީކުރައްވައެވެ. "ރޯދަހިފުންވަނީ ތިމަންކަލާނގެ ޙަޟްރަތަށެވެ. އަދި އެކަމަށް ދަރުމަ ދެއްވާނީވެސް ތިމަންކަލާނގެއެވެ." އެހެން ޙަދީޘެއްގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައި ވެއެވެ. ހަޑި ހުތުރު ބަސްބުނުމާ ނުބައި ޢަމަލުތައް ކުރާމީހާ އޭނާ ކެއުން ބުއިމުން މަނާވެގެން ހުރިނަމަވެސް އޭނާއަކަށް އޭނާގެ ރޯދައަކުން ކުރާނެ ފައިދާއެއް ނެތެވެ. މާތްﷲ އޭނާގެ ރޯދައަކަށް ޘަވާބެއް ނުދެއްވާނެއެވެ.

ނޯޓް : މިއީ ދަރުމަ- އޮކްޓޯބަރ 2005 މަޖައްލާ އިން ނަގާފައިވާ ލިޔުމެކެވެ.

Read more...

03 August 2010

ތައުޙީދަކީ

އައްޝައިޚް މުޙައްމަދު އިބްރާހިމް، ޅ.ނައިފަރު
ތަޢުޙީދަކީ އަޅުކަންތަކުގައި ޒާތީ ގޮތުންނާއި ސިފާތީގޮތުންނާއި ފިޢުލީގޮތުން ﷲ تعالى އެއްކައުވަންތަ ކުރުމެވެ. ތައުޙީދު ބެހިގެންވަނީ ތިންބަޔަކަށެވެ. تَوحِيْدُ الأُلُوهِيَّة، تَوحِيْدُ الرُّبُوبِيَّة، تَوحِيْدُ الأَسْمَاءِ وَالصِّفَاتِ:

تَوحِيْدُ الأُلُوهِيَّة އަކީ: އެންމެހައި އަޅުކަމެއްގައި اﷲ تعالى އެއްކައުވަންތަކުރުމެވެ. އެބަހީ ހުރިހާ އަޅުކަމެއް اﷲ تعالى އަށް ޚާލިޞްކުރުމެވެ. އެއްވެސް އަޅުކަމެއްގައި އެކަލާނގެއާ އެހެންފަރާތެއް ޝަރީކު ނުކުރުމެވެ. ދެންފަހެ، އަޅުކަން ދަންނައެވެ. އަޅުކަމަކީ اﷲ تعالى އެކަމެއް ކުރުމަށް އަމުރުކުރައްވައިފައިވާ ކޮންމެ ކަމަކާއި އެކަމެއްކުރުމުގެ މައްޗަށް ތަޢުރީފުކުރައްވައިފައިވާ ކޮންމެ ކަމެކެވެ. މިސާލަކަށް ނަމާދުކުރުމާއި، ޒަކާތްދިނުމާއި، ރޯދަހިފުމާއި، ޙައްޖުވުމާއި، ޤުރުބާންކުރުމާއި، ހެޔޮކަންތަކަށް އަމުރުކުރުމާއި، ނުބައިކަންތައް މަނާކުރުންފަދަ ކަންތައްތަކެވެ. އަދި اﷲ تعالى އެކަމެއް ކުރުމަށް އަމުރުނުކުރައްވާ އެކަމަކު އެކަމެއް ކުރުމުގެ މައްޗަށް ތަޢުރީފު ކުރައްވައިފައިވާ ކަމަކީ މިސާލަކަށް ނަދުރުފުއްދުމެވެ.
تَوحِيْدُ الرُّبُوبِيَّة އަކީ: اﷲ تعالى ކުރައްވާ އެންމެހައި ކަމެއްގައި އެކަލާނގެ އެއްކައުވަންތަކުރުމެވެ. އެއިން އެއްވެސް ކަމެއްގައި އެކަލާނގެއާ އެއްވެސް ފަރާތެއް ޝަރީކު ނުކުރުމެވެ. މިސާލަކަށް، ޚަލްޤުކުރެއްވުމާއި، ރިޒުޤުދެއްވުމާއި، މަރުގެންނެވުމާއިި، ދިރުއްވުން ފަދަކަންތައްތަކެވެ.
تَوحِيْدُ الأَسْمَاءِ وَالصِّفَاتِ އަކީ: ޤުރުއާނާއި ސުންނަތުން ސާބިތުވާ اﷲ تعالى ގެ އިސްމުފުޅުތަކާއި ސިފަފުޅުތައް އެއްވެސް تَأْوِيْلُ ކުރުމަކާއި ވައްތަރު ބަޔާންކުރުމަކާއި ނުލައި އެކަލާނގެ ޒާތުފުޅަށް ސާބިތުކުރުމެވެ. އެހެނީ އެކަލާނގެ ވަޙީކުރައްވާފައިވަނ "لَيْسَ كَمِثْلِهِ شَيْءٌ وَهُوَ السَّمِيعُ الْبَصِيرُ" (الشورى: 11) "އެކަލާނގެއާ އެއްފަދަ އެއްވެސް އެއްޗެއް ނުވެއެވެ." އެކަލާނގެ ބައެއް އިސްމުފުޅުތަކާއި ސިފަފުޅުތަކުގެ إِثْبَاتُ ފޮތުގެ متن ގައި ބަޔާންވާހުއްޓެވެ. اﷲ تعالى ގެ އިސްމުފުޅުތަކާއި ސިފަފުޅުތަކުގައި ޝަރީކު ކުރެވޭ ގޮތްތަކަކީ: اﷲ تعالى ގެ އިސްމުފުޅެއް އެހެން ފަރާތަކަށް ނިސްބަތްކުރުމެވެ. ނުވަތަ އެކަލާނގެ ސިފަފުޅަކުން އެހެން ފަރާތެއް ސިފަކުރުމެވެ. ނުވަތަ އެކަލާނގެ އިސްމުފުޅުތަކަށާއި ސިފަފުޅުތަކަށް އިންކާރުކުރުމެވެ. ނުވަތަ ބައެއް އިސްމުފުޅުތަކާއި ބައެއް ސިފަފުޅުތައް ޤަބޫލުކޮށް އަދި ބައެއް އިސްމުފުޅުތަކަށާއި، ބައެއް ސިފަފުޅުތަކަށް އިންކާރުކުރުމެވެ. ނުވަތަ އެކަލާނގެ އިސްމުފުޅުތަކާއި ސިފަފުޅުތައް ތައުވީލު ކުރުމެވެ.
تَوحِيْدُ الرُّبُوبِيَّة، މައްކާގެ މުޝްރިކުންވެސް ޤަބޫލުކުރެތެވެ. އެބައިމީހުންގެ މެދުގައި އެންމެ ބޮޑަށް އަރައިރުންވުން ހިނގީ تَوحِيْدُ الأُلُوهِيَّة ގައެވެ. لاَ إِلَهَ إِلاَّ اللهُ ގެ މަފްހޫމާއި އެކަލިމަވާޖިބުކުރާ ކަންތައްތަކުގައެވެ. لاَ إِلَهَ إِلاَّ اللهُ ހަމައެކަނި ދުލުން ކިޔައިލުމަކުންވެސް ނޫނެވެ. އެހެނީ ހަމަކަށަވަރުން މިކަލިމަ ކިޔައިފި މީހާ، ޢަމަލުން އޭގެ ވާޖިބު އަދާކުރަން ޖެހޭނެކަން އެބައިމީހުންނަށް ވެސް އެގެއެވެ. އެބައިމީހުން މިކަލިމަކިޔުމަށް އިންކާރުކުރީވެސް އެހެންވެގެންނެވެ.

Read more...

24 July 2010

މަގުމަތީ ބާޒާރު

އައްޝައިޚް މުޙައްމަދު ނަޝީދު އާދަމް
"މިކަންކުރެވިދާނެ އެއްގޮތަކީ މަގުމަތީބާޒާރުގެ މުދާވިއްކާ ހުރިހާތަނަކާއި މޭޒެއް މިބާޒާރު އޮންނަ މަގުގެ އެއްފަރާތުގައި ބެހެއްޓުމަށްފަހު މަގުގެ މެދާއި އަދި މަގުގެ އަނެއްފަރާތް ބާޒާރަށް ވިޔަފާރިކުރަން އަންނަ މީހުންނަށް ދުކޮށްލުމެވެ. އަދި އެއްކޮޅަށް ހިނގޭ މަގެއްކަމުގައި މިބާޒާރު އޮންނަ ވަޤުތު މިމަގު ހަމަޖެއްސުމެވެ. މިކަންވެސް އަދި މިނޫން ކަންތައްތައްވެސް އިޞްލާޙްކުރެވިދާނެ ގޮތްތައް ބައިވަރެވެ. އެކަމަކު އިޞްލާޙްކުރުމަށްޓަކައި ގެންގުޅެންޖެހޭ އިސްލާމީވިސްނުން ބަލައިގަނެ އެވިސްނުމަށް ތަރުޙީބުދޭން އަޅުގަނޑުމެން މިތިބީ ތައްޔާރަށްބާވައެވެ؟"

ކޮންމެ އަހަރަކު ތަކުރާރުވާ ވިޔަފާރީގެ ފެސްޓިވަލަކަށް މާލޭގައި މި ބޭއްވޭ މަގުމަތީ ބާޒާރުވަނީ ވެފައެވެ. ވިޔަފާރިވެރިންނަށާއި އެމީހުންގެ އަތުން ތަކެތި ގަންނަމީހުންނަށް މާއްދީ މަންފާތަކެއް މިބާޒާރު ގެނެސްދޭކަން ކަށަވަރެވެ. އަދި ހަމައެއާ އެއްވަރަށް ކަށަވަރު އަނެއް ޙަޤީޤަތަކީ މި ބާޒާރަށް ވަނަމެއްގެ ގޮތުގައި ދެވިފައިވާ ހުތުރުނަން މިބާޒާރަށް ޙައްޤުކަމެވެ.
މަގުމަތީ ބާޒާރުގައި އެތަނަށްދާ އަންހެނުންނާއި ފިރިހެނުން އެއްވެ މަސްހުނިވަނީ އަދި ގައިގޯޅިވެ ފިތިބާރުވަނީ އެއްވެސް މުސްލިމެއްގެ ޟަމީރު އެކަމަށް ރުހެވޭ ވަރަށްވުރެ ބޮޑަށެވެ. މިކަމާ ރުހޭ އެއްވެސް މީހެއް ވާނަމަ އެމީހަކީ އޭނާގެ ނިޔަތުގެ ނުބައިކަމާއި ނަފްސުގެ ނަޖިސްކަން ފަޟީޙަތްކުރަންއުޅޭ ނިކަމެއްޗެކެވެ. ދިވެހިރާއްޖޭގެ ވެރިރަށުގައި މާލޭގައި މިބޭއްވޭ މަގުމަތީ ބާޒާރުގައި އަންހެނުންނާ ފިރިހެނުން މަސްހުނިވެ ފިތިބާރުވާގޮތަށް އެކަން ކޮންމެ އަހަރަކު އިންތިޒާމްކޮށް އަދި މި މަސްހުނިކުރުމުގެ އާދަ ދަމަހައްޓާ، އެއްވެސް ހެޔޮބަދަލެއް މިކަމަށް ގެނައުމަށް އިހުމާލުކުރުން މިއީ އެކަންކަމާމެދު އަޅުގަނޑުމެން ދެރަވާންޖެހޭ ކަންތައްތަކެވެ. ޙައިރާންވާންޖެހޭ ނުކުތާއަކީ މި މަގުމަތީ ބާޒާރު އިސްލާމްދީން ރުހޭފަދަގޮތަކަށް އިންތިޒާމްކުރެވިއްޖެނަމަ އެތަނުންލިބޭ މާއްދީފައިދާ މާ ބޮޑުވާނެކަން އަޅުގަނޑުމެން އެންމެންނަށް ވިސްނޭއިރު، މިބާޒާރު އިސްލާމީކޮށްގެން ލިބިދާނެ މާއްދީ މަންފާވެސް އަޅުގަނޑުމެންނަށް ނަގާލެވޭތީއެވެ. ވިސްނަވާށެވެ. މީހަކަށް އެއްޗެއް ގަނެވޭނީ އެއެއްޗެއް ވިއްކާތަނެއް ފެނިގެންނެވެ. މަގުމަތީ ބާޒާރުގައި މިވާ ބައިބޯކަމުގެ ސަބަބުން ކިތައްމީހުންނަށް އެމީހުން ބޭނުންވެގެން ހޯދާއެއްޗެއް ނުފެނި ދާނެތޯއެވެ؟ އަދި ފެނުނު ކަމުގައިވިޔަސް ކިތައްމީހުންނަށް އެމީހުން ގަންނަންބޭނުންވާ ތަކެތި ވިއްކާތަނަކާ ކައިރިވުމުގެ ނަސީބު ނުލިބިދާނެތޯއެވެ؟ ވީމާ މާއްދީ މަންފާއަށްޓަކައިވެސް އަދި އޭގެ ކުރީގައި ކީރިތި މާތް ﷲ ގެ ރުހިވޮޑިގަތުން ޙާޞިލްކުރުމަށްޓަކައި މަގުމަތީ ބާޒާރު އިޞްލާޙުކޮށް އިސްލާމްކުރަން އެބަޖެހެއެވެ. އެއީ ނޭއްގާނީކަމަށް ޔަޤީނުންވެސް މަގުހުޅުވާދޭނޭ މި ދެޖިންސުގެ މީހުން މަސްހުނިވުމާއި ފިތިބާރުވުން ނައްތާލައިގެންނެވެ. ޢަމަލީގޮތެއްގައި މިކަންކުރެވޭނެކަން ކަށަވަރެވެ. މިކަންކުރެވިދާނެ އެއްގޮތަކީ މަގުމަތީބާޒާރުގެ މުދާވިއްކާ ހުރިހާތަނަކާއި މޭޒެއް މިބާޒާރު އޮންނަ މަގުގެ އެއްފަރާތުގައި ބެހެއްޓުމަށްފަހު މަގުގެ މެދާއި އަދި މަގުގެ އަނެއްފަރާތް ބާޒާރަށް ވިޔަފާރިކުރަން އަންނަ މީހުންނަށް ދުކޮށްލުމެވެ. އަދި އެއްކޮޅަށް ހިނގޭ މަގެއްކަމުގައި މިބާޒާރު އޮންނަ ވަޤުތު މިމަގު ހަމަޖެއްސުމެވެ. މިކަންވެސް އަދި މިނޫން ކަންތައްތައްވެސް އިޞްލާޙްކުރެވިދާނެ ގޮތްތައް ބައިވަރެވެ. އެކަމަކު އިޞްލާޙްކުރުމަށްޓަކައި ގެންގުޅެންޖެހޭ އިސްލާމީވިސްނުން ބަލައިގަނެ އެވިސްނުމަށް ތަރުޙީބުދޭން އަޅުގަނޑުމެން މިތިބީ ތައްޔާރަށްބާވައެވެ؟
.............................................................................
މިއީ ދަރުމަ މައްލާގެ 2006 ޑިސެމްބަރ ޢަދަދަށް "ހުރިހާކަމެއްގައިވެސް އަޅުގަނޑުމެން ދިވެހިން އިސްލާމީ ވިސްނުމެއް ގެންގުޅެންޖެހޭނެ" މިސުރުޚީގެ ދަށުން ފަޟީލަތުއްޝައިޚުލް އުސްތާޛް މުޙައްމަދު ނަޝީދު އާދަމް (ހަފިޡަހުﷲ) ލިޔުއްވާފައިވާ ލިޔުއްވުމަކުން ނަގާފައިވާ ތަންކޮޅެކެވެ. މިއަދުގެ ޙާލަތާއި މުނާސަބުކަމުން ޝާއިޢުކޮށްލީއެވެ.

Read more...

15 July 2010

ތަފާތު މަޛްހަބުތަކަކަށް ބެހުނީ ކީއްވެ؟

އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހިމް
"މިގޮތުން ކޮންމެ އިމާމެއްގެ ޢިލްމު އެއްޖީލަށްފަހު އަނެއްޖީލަކަށް ވާރުތަވަމުން އައިސް، އެބޭބޭފުޅުންގެ ނަޞީޙަތާއި ވަޞިއްޔަތްތައް ހަނދުމަނެތި ބައެއްމީހުން އެމީހެއްގެ އިމާމަށް ނިސްބަތްވުމަކީ ފަޚުރެއްކަމުގައި ދެކި، ވާދަވެރިކަން އުފެދި ކޮންމެ ބަޔެއްވެސް ތިމާމެންގެ އިމާމު އަނެއް އިމާމަށްވުރެ މޮޅުކަމާއި މާތްކަމުގައި ދަޢުވާކޮށް އިމާމުންގެ ނަމުގައި ދޮގުވާހަކަތައް ހަދައިގެން ދެއްކުމާއި، ކޮންމެ ބައެއްވެސް ތިމާމެންގެ އިމާމު ވިދާޅުވެފައި ވާގޮތް އެއީ އެންމެ ރަނގަޅު ގޮތްކަމުގައިނުވިޔަސް އެގޮތް ދޫނުކުރުމާއި އެނޫން އެންމެހައި ގޮތްތަކަކީ ބާޠިލު ގޮތެއްކަމުގައި ބުނެ، އެއްބަޔަކު އަނެއްބަޔަކާމެދު ނަފުރަތުއުފެދި، ބައިބައިވީއެވެ."

އިސްލާމް ދީނަކީ އެއް ދީނަކަށް ވެފައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ އެއް ރަސޫލަކަށްވެފައި ފޮތަކީ އެއް ފޮތަކަށްވާއިރު ތަފާތު މަޛުހަބުތަކަކަށް ބެހުނީ ކީއްވެ ބާވައެވެ؟
ޖަވާބަކީ... މާތް ﷲގެ ރަސޫލާ ދުނިޔޭގައި ހުންނެވި އިރުގައި އެއްވެސް ސުވާލެއް މީހަކަށް އުފެދިއްޖެ ނަމަ ނުވަތަ އޮޅުމެއް އަރައިފި ނަމަ އެކަލޭގެފާނުގެ އަރިހަށް އައުމުން އެކަންހައްލުވެ ދެއެވެ. ނަމަވެސް އެކަލޭގެފާނު އަވަހާރަވުމުން މީސްތަކުން ޙިލާފުވީއެވެ.
މާތް ﷲ އިންސާނާ އުފެއްދެވީ އެކަލާނގެއަށް ހަމަ އެކަނި އަޅުކަން ކުރާށެވެ. މާތް ﷲގެ އެއްކައުވަންތަކަމަށް ހިތާއި ދުލާއި ޢަމަލުން ހެކިދީ، އެކަލާނގެ މަޚުލޫގުންނަށް، މަޚުލޫގުން ކުރަމުންދާ ޝިރުކުގެ ކަނު އަދިރީން އެކަލާނގެ އަޅުތަކުން ނެރެ އެމާތް އެކައުވަންތަ ހައްދަވާ ބޮޑުކުރައްވާ ގެންގުޅުއްވާ ގަދަކީރީތިވަންތަ މާތް ރަސްކަލާނގެ އަޅުވެތި ކަމުގެ ނޫރަށް އެކަލާނގެ އަޅުތަކުން ވެއްދުމެވެ. މާތް ﷲ މި މަތިވެރި ބޮޑު މަޤުޞަދު ތަންފީޛު ކުރުމަށްޓަކައި ތަފާތު ޒަމާންތަކުގައި ތަފާތު ޤައުމުތަކުގެ މައްޗަށް އެކަލާނގެ ފޮތް ( އެކަލާނގެ ޝަރީއަތާއި، ޤާނޫނު) ބާވައިލައްވައި؛ އެފޮތް މީސްތަކުންނަށް އިއްވައިދީ ވިސްނަދީ ހެދުމަށް ޓަކައި ، އެޤައުމުތަކުން އެންމެ އެކަށޭނެ މީހަކު އެވަޒީފާއާ ޙަވާލުކުރައްވައި ރަސޫލު ކަމައިގެން އެބައެއްގެ ގާތަށް ފޮނުއްވިއެވެ. އަދި ﷲ ފޮނުއްވި ކޮންމެ ރަސޫލަކުވެސް އެކަލާނގެ ރިސާލަތު މީސްތަކުންނާހަމަޔަށް ފޯރުކޮށް ދީފައިވެއެވެ. ދެންފަހެ ޒަމާންތައް ދިގުވަމުން ދުރަވަމުން މީހުންގެ އީމާންކަން ބަލިވަމުން ﷲ ބާވާލެއްވި ޝަރީއަތާއިދުރުވެ، ޖާހިލުކަން ޢާންމުވެ، ނޭނގި ނުދަނެތިބެގެން ދީނަށް ޢަމަލުކުރުމާއި، ގަސްތުގައި ދީނަކީ ކޮންއެއްޗެއްކަން ނުބަލައި އޮޅުން ނުފިލުވައި ތިމާމެންގެ ހަވާނަފްސުތަކަށް ތަބާވެ ގަސްތުގައި ދީންއޮޅުވުމާއި ދީނުގައި އަންގަވައިފައިވާ ތަކެތި ވަންހަނާކޮށް ސިއްރުކުރުމާއި ކަންކަމުން މީސްތަކުންގެ މެދުގައި ޚިލާފުތައް އުފެދި ބައިބައިވުމުން އަނެއްކާވެސް، الله سبحانه وتعالى އެކަލާނގެ ނަބީއަކު ނުވަތަ ރަސޫލަކު ފޮނުވައި އެވަގުތަކު މީސްތަކުންނަށް އެންމެ އެކަށީގެންވާ ގޮތެއްގައި އެކަލާނގެ ޝަރީޢަތް ބާވައިލައްވައެވެ. ( މިސާލަކަށް ޔަހޫދީންނާއި ނަޞާރާއިން ) މިގޮތުން ﷲ ގެ ރަސޫލާ އަދި ނަބިއްޔާ حضرة محمد بن عبدالله- صلى الله عليه وسلم- ރަސޫލުކަމައިގެން ފޮނުއްވިއެވެ. އެކަލޭގެފާނަކީވެސް ވޭތުވެ ދިޔަފަދަ ރަސޫލު ބޭކަލުންކުރެ ރަސޫލެކެވެ. ނަމަވެސް އެކަލޭގެފާނީ ނަބީންނާއި ރަސޫލުންކުރެ އެންމެ ފަހުގެ ރަސޫލާ އަދި ނަބީކަން ޚަތިމު ކުރެއްވި، އެއްމެ ފަހުގެ ނަބިއްޔާ އަދި ރަސޫލާއެވެ. އެހެންކަމުން އެކަލޭގެފާނު ފޮނުއްވެވުމުން އޭގެ ކުރީގެ ހުރިހައި ޝަރީއަތަކާއި ފޮތްތަކެއް މަންސޫޚް ކުރެވި އުވައިލެވުނީއެވެ. އަދި ޤިޔާމަތާ ހަމައަށް އަންނަނިވި އާދަމުގެ ދަރިފަސްކޮޅުގެ އެންމެހައި އިންސީންނާއި ޖިންނީން ނަށް އެކަލޭގެ ފާނަށް އީމާންވެ ބޯލަނބައި ކިޔަމަން ގަތުމަށް ޖެހުނީ އެވެ.
އެހެންކަމުން ﷲ ގެ ވަޙީ ބަސްފުޅުތައް ( ކީރިތި ޤުރުއާނާއި ޤުރުއާނުގައި ނުހިމެނޭ ރަސޫލާގެ ބަސްފުޅުތައް- ހަދީސް) އެއްވަގުތުން އަނެއްވަގުތަށް އެވަގުތު އީމާން ވެގެންތިބި އެންމެހައި މީސްތަކުންނަށް ދަސްކުރެވި ޢަމަލު ކުރެވޭވަރަށް ، ޖެހޭ މައްސަލަތަކާއި ދިމާވާ އެންމެހައި ކަންތައްތަކާއި ގުޅިގެން ބާވައިލެއްވެމުން ގޮސް އެކަލޭގެފާނު އަވަހާރަ ވުމާއި ހަމައަށް 23 އަހަރުގެ ތެރޭގައި ފުރިހަމަވެ ނިމުނީއެވެ. މާތް ﷲ އެކަލާނގެ ކަލާމްފުޅުގައި މިކަމަށް އިޝާރާތް ކުރައްވައި ވަޙީކުރައްވާފައިވަނީ : { اَليَوْمَ أَكمَلْتُ لَكُم دِينَكُمْ وَ أَتمْمَتُ عَلَيْكُم نِعمَتِي وَرَضِيتُ لَكُمْ اَلاِْسْلاَمَ دِيْناً}
މާނައި : "މިއަދު ތިމަން ރަސްކަލާނގެ ތިޔަބައި މީހުންނަށްޓަކައި ތިޔަބައިމީހުންގެ ދީން ފުރިހަމަ ކޮށް ދެއްވައިފީމެވެ. އަދި ތިމަން އިލާހުގެ ނިޢުމަތް ތިޔަ ބައިމީހުންގެ މައްޗަށް ފުރިހަމަކޮށް ދެއްވައި އަދި ތިޔަބައި މީހުން އުޅެންވީ ( ގޮތަކީ ) ދީނަކީ އިސްލާމްދީން ކަމުގައި ތިމަން ﷲ ރުއްސަވައި ވޮޑިގެންފީމެވެ." މިއީ ޙައްޖަތުލްވަދާޢުގައި ރަސޫލު ﷲ- ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެއްވި މަތިވެރި ޚުޠުބާ ނިމުމަށް ފަހުގައި މާތް ﷲ ބާވައިލެއްވި އާޔަތެވެ. މީގެ ކުޑަ ދުވަސް ކޮޅެއް ފަހުން ﷲގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިދުނިޔެ ދޫކުރައްވައިފިއެވެ.
ވީމާ އިސްލާމްދީން ވަނީ ފުރިހަމަވެފައެވެ. މިއީ އެންމެފަހުގެ ޝަރީޢަތެވެ. މި މާތް ޝަރީޢަތަށް އެއްވެސް އުނި އިތުރެއް ނުގެނެވޭނެއެވެ. އެފަދަކަމަކަށް ނިޔަތްގަނެ މަސައްކަތް ކުރުމީ ބޮޑުވެގެންވާ ޙަރާމް ކަމެކެވެ. އަދި މީހަކު ދޮގެއް ހަދައި ބަޔަކަށް ކަމެއް އޮޅުވައިލިނަމަވެސް މާތް ﷲ އެމީހެއްގެ އެ އޮޅުވާލުމާއި ދޮގު ފާޅުކުރައްވަވައި އެމީހަކު ފަޟީޙަތް ކުރައްވާނެތެވެ. މިއީ އެންމެ ފަހުގެ ޝަރީޢަތްކަމުގައި ވާތީ މާތް ﷲ ކީރިތި ޤުރުއާން އާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅުތަކާއި ޢަމަލު ފުޅުތައް( އެކަލާނގެ ދެ ވަޙީ) ވަނީ ރައްކާތެރި ކުރައްވައި ޙިމާޔަތް ކުރައްވާފައެވެ. އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ. { إِنّاَ نَحْنُ نَزَّلنَـــا اَلذِّكْرَ وَإِنَّا لَهُ لَحــاَفِظُــونَ } މާނައީ : (މިމާތް) ޛިކުރު ބާވައި ލެއްވީ ހަމަކަށަވަރުން ތިމަން ރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުން ތިމަން ރަސްކަލާނގެ އެ ޙިމާޔަތް ކުރައްވާނަމެވެ."
ކަންމިހެން ހުރުމާއެކު ކުރީވެސް ބަޔާންކުރި ފަދައިން ﷲގެރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަޔާތްޕުޅުގައި އެއްވެސް މީހަކަށް ސުވާލެއް އުފެދިއްޖެނަމަ ނުވަތަ އެއްވެސް މައްސަލައެއް ޖެހިއްނަމަ ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އެ މައްސަލަ ހުށަ އެޅި އެކަމާ މެދުގައި ވަޙީ ބާވައިލެއްވި އެމައްސަލައެއް ސާފުވެދެއެވެ. ނުވަތަ ﷲ ގެ ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަ މިސްކިތަށް ވަޑައިގެން މިމްބަރުކޮޅަށް އަރާވަޑައިގެން މީސްތަކުންނަށް (ވަޙީ) އިއްވަވާ އޭގެ މާނައާއި މުރާދު ތަފުޞީލުކޮށް އަންގަވައި ހައްދަވައެވެ. މިގޮތުން ޞަހާބީން ﷲ ގެ ޝަރީޢަތް (ކީރިތި ޤުރުއާން އާއި މޫރިތި ހަދީސް ތައް) ހިތުދަސް ކޮށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙާޟިރުގައި އެއަށް ޢަމަލު ކޮށް، ޞުޙުފްތަކުގައި ލިޔެ އޭގެ ފަހުގެ ޖީލުތަކަށް ރައްކާކޮށްދިނެވެ. ނަމަވެސް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިދުނިޔެ ދޫކުރެއްވުމުން، ޒަމާންތައް ދުރުވެ ތަފާތު ދުރު ހިސާބުތަކުން ތަފާތު ނަސްލުތަކާއި ޤަބީލާތައް އިސްލާމް ދީނަށް ވަދެ، އިސްލާމީ ދައުލަތް ފުޅާވެ، މަޑުމަޑުން ޞަހާބީން މަދުވެ އީމާން ކަމުގެ އަހުލުވެރީން މަދުވެ އީމާންކަން ޟަޢީފުވެ ނިކަމެތިވެ ދީނުގެ ތަޢުލީމާއި މީސްތަކުން ދުރުވެ ފިތުނަތައް އުފެދުނީއެވެ. އަދި ޚާއްޞަކޮށް އިސްލާމުންގެ އަތުން ވިއްސިވިހާލިވެގެން ގޮސްފައިވާ ފާރިސްކަރައިގެ މަޖޫސީންނާއި މަދީނާއިންނާއި ޚައިބަރުން ފައްސައިލެވުނު ޔަހޫދީންނާއި ރޫމުގެ ނަސާރާއިން (ކްރިސްޓިއަނުން) ގެ ހިތުގައި އަނދަމުން ދިޔަ ޙަސަދައިގެ އަލިފާނުގެ ސަބަބުން އެބައި މީހުން އިސްލާމުންގެ ކިބައިން ބަދަލު ހިފުމަށްޓަކައި ބޭރުފުށުން އިސްލާމްކަމުގެ ހެދުންއަޅައިގެން އެތެރޭގައި ނިފާޤާއި ކުފުރު ފޮރުވައިގެން ތިބެ ދީނުގެ ތަޢުލީމާއި ދުރުގައި އުޅޭ ޢާންމުންގެ ބޮލަށްވަދެ ﷲ އާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ދޮގުހަދައި ދީން އޮޅުވައި ހެދީއެވެ. މިކަމުގެ ސަބަބުން މުސްލިމުން ތަފާތު ފިރުޤާތަކާއި މަޛްހަބުތަކަށް ބައިބައި ވެގެންދިޔައެވެ. މިގޮތުން ވަރަށް ބޮޑެތި މަގުފުރެދުމުގެ މައްޗަށް ބިނާވެގެން އެންމެ ފުރަތަމަ "ޚަވާރިޖުން" ނުކުތެވެ. އަދި ހަމަ އެއާއެކުގެއި "ރާފިޟުން ނުވަތަ ޝީޢީން" އުފެދުނެވެ. އެއަށްފަހު "މުޢުތަޒިލީން" އަދި "މުރުޖިޢީން" ނާއި "ޢަޝާޢިރުން" މިގޮތުން ޒަމާނަކަށްފަހު ޒަމާނެއްގައި ފިތުނަތައް އިތުރުވަމުން ގިނަވަމުން ގޮސް ޢަދަދު ކުރަން ދަތި ޢަދަދަކަށް މަޛުހަބު ތަކާއި ބައިބައިވުން އުފެދިގެން ދިޔައެވެ.
މި ހުރިހައި ކަމެއް މިހެންވަމުން ދިޔައިރު ތެދުވެރި އީމާން ކަމުގެ މަތީގައި ފިތުނައިން ސަލާމަތްވެ ހައްޤު ދީން މަތީގައި (ޞަހާބީން ތިއްބެވި ގޮތުގައި ތިބި) އަހުލުއްސުންނަތު ވަލް ޖަމާޢަތު (މުސްލިމުންގެ ޖަމާޢަތާއި ސުންނަތުގެ އަހުލުވެރިން) ނޭ މިކިޔޭ ޙައްޤު އަދި ޞައްޙަ ގޮތުގައި ތިބި މީހުން މަދެއްނޫނެވެ. މިޖަމާޢަތަކީ މާތް ﷲ ގެ ދީން (ކީރިތި ޤުރުއާން އާއި މޫރިތި ހަދީސް) ރައްކާތެރި ކުރުމަށްޓަކައި މާތް ﷲ ހޮއްވަވައި، އިޚްތިޔާރުކުރެއްވި ޢިލްމުވެރިންގެ ޖަމާޢަތެވެ. އެއީ؛ ކޮންމެ ޤަރުނެއްގައިވެސް އެކަމަށް އެންމެ އެކަށޭނެ، ދުނިޔޭގެ އެދުމެއް ނެތް، ތަޤުވާވެރި، މާތް، ޞާލިހު، ހިތް އަލި، ބުއްދިވެރި، ޢިލްމާއި ޙިލްމުން ފުރިގެންވާ އެތައް ހާސް ޢިލްމުވެރިން ތަކެކެވެ. އެއިން ކޮންމެ ޢިލްމު ވެރިއަކީވެސް ކީރިތި ޤުރުއާނާއި މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ގެ އެތައްހާސް ހަދީސްފުޅުކާއި ޞަހާބީންގެ އެތަކެއް ބަސް ފުޅެއް ހިތުދަސް ބޮޑު އިމާމެކެވެ. މި ބޭބޭފުޅުން އެއްރަށުން އަނެއްރަށަށް ދަތުރުކުރައްވައި އެއްބޭފުޅަކު އަނެއްބޭފުޅެއްގެ އަރިހުން ހަދީސް އަޑުއައްސަވައި އުނގެނި، ލިޔެ ހެއްދެވި އެވެ. މިގޮތުން ދުނިޔޭގައި އެވަގުތު އިންސާނުން ދިރިއުޅޭ ގިނަ ހިސާބުތަކަށް މި ބޭބޭފުޅުން ޙައްޤު ދީނުގެ ދަޢުވަތައިގެން ފޯރާފައިވެއެވެ. އެބޭބޭފުޅުން ހައްޤު ދީނުގެ ދިފާޢުގައި ތެދުވެ ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެންނެވި ސާފު ދީން ރައްކާކޮށް ޙިމާޔަތް ކުރުމަށްޓަކައި އިންސާނިއްޔަތު ހައިރާންވެ އަންތަރީސްވާ ވަރުގެ ބޮޑު މަސައްކަތް ކުރެއްވިއެވެ.
މިގޮތުން މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞަހާބީންނަށް އިޙުސާންތެރި ކަމާއި އެކުގައި ތަބާވެވަޑައިގެންތިއްބެވި "އަހުލުއްސުންނަ ވަލް ޖަމާޢަތު"ގެ ޢިލްމުވެރިންގެ ތެރޭގައި ޢިލްމުވެރިކަމާއި ތަޤުވާވެރިކަމަށް ވަރަށް ބޮޑަށް މަޝްހޫރުވެގެންވާ ޢިލްމުވެރިންކުރެ ހަތަރު މަޛުހަބުގެ އިމާމުންވެއެވެ. އެއީ: އަލްއިމާމު އަބޫ ޙަނީފާ އާއި އަލްއިމާމު މާލިކް އާއި އަލްއިމާމު ޝާފިޢީ އާއި އަލްއިމާމު އަޙްމަދު ބުނު ޙަންބަލް އެވެ. މި ނޫންވެސް ވަރަށް ގިނަ ޢިލްމުވެރި އިމާމުން މިބޭފުޅުންގެ ކުރިންނާއި މިބޭފުޅުންގެ ޒަމާނުގައްޔާއި މި ބޭފުޅުންގެ ފަހުގައި ފާޅުވެފައި ވެއެވެ. އަދި އެއިން ކޮންމެ އިމާމެއްގެ ޢިލްމުވެރިކަމާއި މަސައްކަތްޕުޅަކީވެސް ހަނދުމަނައްތައި ނުލެވޭވަރުގެ އަގުބޮޑު އެއްޗެކެވެ. ނަމަވެސް އެއް ޤަރުނަކަށް ފަހު އަނެއް ޤަރުނެއްގައި ތަބާވެވިގެން މަޛުހަބެއްގެ ގޮތުގައި މަޝްހޫރުވެފައިވަނީ މި ހަތަރު އިމާމުންގެ ނަމުގައެވެ. އަލް އިމާމު އަބޫ ޙަނީފާއަކީ ކޫފާ އާއި ބަޞަރާގައި އުޅުއްވި ތާބިޢީ ބޭކަލުންގެ ގާތުން ޢިލްމު ލިބިވަޑައިގެންނެވި ބޭފުޅެކެވެ. އަދި އަލްއިމާމު މާލިކަކީ މަދީނާ މުނައްވަރާގައި ޢިލްމު އުގެންނެވި މަދީނާގެ އެވަގުތު އެންމެ ބޮޑު ޢިލްމުވެރިޔާއެވެ. އެއީ ހިޖުރައިން 2 ވަނަ ޤަރުނުގައެވެ. އަދި އަލްއިމާމު ޝާފިޢީއަކީ އިމާމު މާލިކަށްވުރެ ފަހުގެ އިމާމެކެވެ. އެކަލޭގެފާނުގެ ޢުމުރުފުޅުގެ ފަހުކޮޅުގައި ހުންނެވީ މިޞްރުގައެވެ. އަދި އިމާމް އަޙްމަދު ބުނު ޙަންބަލްއަކީ ބަޣްދާދު (އިސްލާމީ ދައުލަތުގެ ވެރިރަށުގައި) ހުންނެވި އެދައުރުގެ އެންމެ ބޮޑު އެއް ޢިލްމުވެރިއާއެވެ. އިމާމު އަޙްމަދަކީ އިމާމު ޝާފިޢީގެ ދަރިވަރެއް ވެސްމެއެވެ. އެކަލޭގެފާނު އަވަހާރަވީ ހިޖުރައިން 3 ވަނަ ޤަރުނުގައެވެ.
މިއިން ކޮންމެ ބޭފުޅަކީވެސް ﷲ ގެރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި އެކަލޭގެފާނުންގެ ޞަހާބީންނަށް ފުރިހަމަގޮތުގައި ތަބާވެވަޑައިގެން ހުންނެވި، މާތް، ތަޤުވާވެރިކަމުގެ މިސާލެކެވެ. އަދި ޢިލްމާއި ފިޤުހުގެ ފުން ކަނޑެއްފަދަ ބޭފުޅެކެވެ. މިއިން ކޮންމެ އިމާމަކުވެސް އެބޭފުޅަކު ރައްވެހިވެވަޑައިގެން އެ ހުންނެވި ރަށެއްގައި މީސްތަކުންނަށް ދީން އުނގަންނައިދީ އެބޭފުޅަކަށް ކުޅަދާނަވީ މިންވަރަކުން ތަޢުލީމު ދީ މީސްތަކުންނަށް ދިމާވާ އައު މައްސަލަތަކުގައި ފަތުވާ ދެއްވައި މީސްތަކުންގެ ސުވާލުތަކަށް ޖަވާބު ދެއްވައި ހެއްދެވީއެވެ. ޝައްކެއްނެތެވެ! ކިތަންމެ އުނގެނިގެންހުރި ކިތަންމެ މޮޅު ޢިލްމުވެރިއެއް ނަމަވެސް އެމީހާގެ ޢިލްމު އުނިވާނެއެވެ. ޢިލްމު ފުރިހަމަ ވެގެންވާ ހަމައެކަނި ފަރާތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޛާތުފުޅެވެ. އެކަލާނގެއީ އޮޅުންބޮޅުމާއި ހަނދުމަނެތުމާއި އެންމެހައި އުނިސިފަތަކަކުން ހުސްޠާހިރުވަންތަ ކަލާނގެއެވެ. ނަމަވެސް އިންސާނާއީ މަޚުލޫޤަކަށްވާތީ ކުށްކުރެވުމާއި އޮޅުން އެރުމާއި ހަނދުމަނެތުމަކީ އޭނާގެ ފިޠުރަތުގައިވާ ކަމެކެވެ. އެހެންކަމުން އެޒަމާނުގައި ލިޔެކިޔުމާއި ދަތުރު ފަތުރުގެ ދަތިކަމުން ޢިލްމުގެ މައިދާނުގައި ފޮތަށްވުރެ ބޮޑަށް އިޢުތިމާދު ކުރަންޖެހެނީ ހިތާއި ސިކުނޑީގެ ހަނދާނުގެ މައްޗަށް ކަމަށްވެފައި ޤަލަމާއި ފޮތް ބޭނުންކުރި ނަމަވެސް އެއިން ކޮންމެ ޢިލްމުވެރިކަށް އަދި ކޮންމެ އިމާމަކަށްވެސް ކުށްކުރެވުމަކީ ކައިރިކަމެކެވެ. މިގޮތުން އެކި މައްސަލަތަކުގައި އެކި ޢިލްމުވެރިން، އެކި ރަށްރަށުގައި ދެއްވައިފައިވާ ފަތުވާ ތަކުގައި ޚިލާފު ހުރީއެވެ. އެހެންނަމަވެސް މިޚިލާފަކީ ދީނުގެ ފަރުޢީ މައްސަލަތަކުގައި ހުރި ޚިލާފެކެވެ. އަދި މިހުރިހައި އިމާމުންވެސް ދީނުގެ އަޞްލުތަކާއި ޢަޤީދާގައި އިއްތިފާޤެވެ. ވީމާ މިއިން ކޮންމެ ބޭފުޅެއްވެސް މަސައްކަތް ކުރައްވާފައިވަނީ ކޮންމެ މައްސަލައެއްގައިވެސް ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހަދީސް ފުޅުގައި ވާގޮތަށް ފަތުވާ ދެއްވޭތޯއެވެ. މިބޭފުޅުންގެ ޙަޔާތްޕުޅަށް ނަޡަރު ހިންގާލައިފި ކޮންމެ އިންސާނަކަށް މިކަން ކަށަވަރުވާނެއެވެ. އެއްވެސް ކަމެއްގައި ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތާ ޚިލާފު ވާކަށް މިބޭފުޅުން ނުރުއްސަވައެވެ. އަދި އަހަރެމެންނަށް ކުދިކުދި ކަންކަންކަމުގައި ހީވާފަދަ ސުންނަތްތަކާއި ޚިލާފުވާ މީހުންނާ މިބޭފުޅުން ގާތް ރަޙްމަތްތެރިކަމުގެ ގުޅުންވެސް ކަނޑުއްވާފައިވެއެވެ. ހަމަ މިފަދައިން މިއިން ކޮންމެ އިމާމެއް ވެސް އަވަހާރަވަމުން އެބޭބޭކަލުންގެ ދަރިވަރުންނާއި އެކުވެރިންނަށް ވަޞިއްޔަތް ކުރައްވާފައި ވަނީ: "ތިމަން ބޭކަލުން ހޯދިތަނުން ތިޔަބައިމީހުންވެސް ޢިލްމާއި ޢަމަލު ހޯދާށެވެ. ( އެބަހީ : ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި ޞަހާބީން އުޅުއްވި ގޮތަށް ތިޔަބައި މީހުން ވެސް އުޅޭށެވެ.) އަދި ތިމަންގެ މަޛްހަބަކީ ޞައްޙަ ހަދީސް ގައި ވާ ގޮތެވެ. އަދި ތިމަންނާގެ ފަތުވާއާއި ބަސް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހަދީސްފުޅާ ޚިލާފުވެއްޖެނަމަ ތިމަންނާގެ ބަސް ފާރުބުޑަށްޖަހައި މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަހުގައި ހިފާށެވެ. "މިފަދައިން ހުރިހައި ޢިލްމުވެރިންނާއި އިމާމުން އުއްމަތަށް ނަޞީޙަތްދެއްވައި ވަޞިއްޔަތްކުރައްވާފައިވެއެވެ. މިގޮތުން ކޮންމެ އިމާމަކީވެސް ބޮޑު މަދަރުސާއެކެވެ.
މިއިން ކޮންމެ މަދަރުސާއަކުންވެސް އެތަކެއް ދަރިވަރުންނެއް ކިޔަވައި ޢިލްމުވެރިވެފައި ވެއެވެ. އަދި މިއިން ކޮންމެ ޢިލްމުވެރިއެއް އެބޭފުޅެއް ކިޔަވައި ވިދާޅުވި އިމާމެއްގެ އުޞޫލާއި އެއްގޮތަށް އޭގެފަހުން އައި ދަރިވަރުންނަށް ކިޔަވައި ދެއްވިއެވެ. މިގޮތުން ކޮންމެ އިމާމެއްގެ ޢިލްމު އެއްޖީލަށްފަހު އަނެއްޖީލަކަށް ވާރުތަވަމުން އައިސް، އެބޭބޭފުޅުންގެ ނަޞީޙަތާއި ވަޞިއްޔަތްތައް ހަނދުމަނެތި ބައެއްމީހުން އެމީހެއްގެ އިމާމަށް ނިސްބަތްވުމަކީ ފަޚުރެއްކަމުގައި ދެކި، ވާދަވެރިކަން އުފެދި ކޮންމެ ބަޔެއްވެސް ތިމާމެންގެ އިމާމު އަނެއް އިމާމަށްވުރެ މޮޅުކަމާއި މާތްކަމުގައި ދަޢުވާކޮށް އިމާމުންގެ ނަމުގައި ދޮގުވާހަކަތައް ހަދައިގެން ދެއްކުމާއި، ކޮންމެ ބައެއްވެސް ތިމާމެންގެ އިމާމު ވިދާޅުވެފައި ވާގޮތް އެއީ އެންމެ ރަނގަޅު ގޮތްކަމުގައިނުވިޔަސް އެގޮތް ދޫނުކުރުމާއި އެނޫން އެންމެހައި ގޮތްތަކަކީ ބާޠިލު ގޮތެއްކަމުގައި ބުނެ، އެއްބަޔަކު އަނެއްބަޔަކާމެދު ނަފުރަތުއުފެދި، ބައިބައިވީއެވެ. ނަމަވެސް މިހުރިހައި ކަމަކީ އިސްލާމްދީނުގެ މަތިވެރި އިމާމުންގެ ބަސްފުޅުތަކާއި އުޅުއްވި ގޮތްކޮޅާއި މުޅިން ޚިލާފު ކަންކަމެވެ. އެބޭފުޅުން މަސައްކަތް ކުރެއްވީ މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި އެކަލޭގެފާނުންގެ މަތިވެރި އަޞްޙާބުބޭކަލުން ދެއްކެވި އީމާންކަމުގެ ރިވެތި ނަމޫނާގައި ފުރިހަމަ ގޮތުގައި ހިފުމަށެވެ. އަދި މީސްތަކުންނަށް ނަޞީޙަތްތެރިވެފައިވަނީވެސް މިގޮތަށެވެ. އަދި ދީނުގެ އެންމެހާ ކަންކަމުގައިވެސް މިބޭފުޅުން ފަތުވާދެއްވުމަށް މަސައްކަތް ކުރައްވާފައިވަނީ ކީރިތިޤުރުއާނާއި މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހަދީސްފުޅުތަކާއި ލޮބުވެތި ޞަހާބީންގެ ފަތުވާތަކާއި އެއްގޮތަށް އަންގައި ދެވޭތޯއެވެ. ވީމާ މިއިން ކޮންމެ އިމާމަކީވެސް އެބޭފުޅެއްގެ ޢިލްމަށް އިޙްތިރާމު ކުރަންޖެހޭނެ އިމާމެކެވެ.
ހަތަރު މަޛްހަބުންކުރެ ކޮންމެ މަޛްހަބަކީ ވެސް ޞައްޙަ އަދި ރަނގަޅު މަޛްހަބެކެވެ. އެއްވެސް މަޛްހަބަކީ ގޯސް ނުވަތަ ކަމުނުދާ މަޛްހަބެކޭ ބުނުން ރަނގަޅު ނުވާހުއްޓެވެ. ނަމަވެސް ވަކި މަޛްހަބަކަށް ތަޢައްޞުބުވެ، އެ މަޛްހަބުގައި ޙައްޤާއި ޚިލާފަށްވާ ކަންކަމަކީވެސް ރަނގަޅު އެއްޗެއްކަމުގައި ހަދައި، އެހެން މަޛްހަބުތައް ގޯސްކޮށް، ގޮތް ދޫނުކުރުމީ ހުއްދަވެގެންވާ ކަމެއްނޫނެވެ. ވީމާ އިތުބާރު ހުރި، އަދި ދީންވެރި ޢިލްމުވެރިއަކު ވަކި މައްސަލައަކާ މެދުގައި ތިމާ ތަބާވާ މަޛުހަބާ ޚިލާފުގޮތަކީ ހައްޤުގޮތް ކަމުގައި ބުނެ، އަދި ޞައްހަ ދަލީލުން (ޔަޢުނީ : ކީރިތި ޤުރުއާނާއި ޞައްޙަ ހަދީސުން، ނުވަތަ ޞަޙާބީންގެ ބަހާއި ޢަމަލުން) އެކަން ސާބިތުކޮށްފިނަމަ އަދި އެއީ ޙައްޤު ތެދު ގޮތްކަން އަހަރެމެންނަށް އެނގިއްޖެނަމަ އެގޮތް ޤަބޫލުކޮށް ޢަމަލުކުރުން ވާޖިބު ވާނެއެވެ. ތިމަންނާގެ މަޛްހަބުގައި އޮތީ މިވެނި ގޮތަކަށޭ ކިޔައި ހައްޤުގޮތް ދޫކޮށްލުން ހުއްދަނުވާ ހުއްޓެވެ. އެހެނީ މާތް ﷲ އަހަރެމެންނަށް އަމުރު ކުރައްވަނީ އެކަނލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ތަބާވެ، އެރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެއްވި ގޮތުގައި ހިފުމަށެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ޚިލާފުވެ، އެކަލޭގެފާނަށް އުރެދެވޭ އެއްވެސް ކަމެއްގައި އެއްވެސް އިންސާނަކަށް ކިޔަމަން ވުމީ ކަނޑައެޅިގެންހުރި ޙަރާމް ކަމެކެވެ.
މާތް ﷲ އާ އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ކިޔަމަން ގަތުމަށް ވަޞިއްޔަތް ކުރަމުން މިލިޔުން ކިޔާ ކޮންމެ މުސްލިމު އަޚަކަށް ދެދުނިޔޭގައި ވެސް މީގެ މަންފާ ކުރުމަށް އެދި މާތް ﷲ ގެ ޙަޟުރަތުގައި ދުޢާ ކުރާ ހާލު ވަކިވެލަމެވެ.
والسلام عليكم ورحمة الله وبركاته

Read more...

04 May 2010

ސުންނަތް: އިސްލާމީ ޝަރީޢަތުގެ ދެވަނަ މަޞްދަރު

ޑރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ
"ޤުރުއާން ޤަބޫލު ކުރިއަސް އަހަރެމެންނަށް ސުންނަތް ޤަބޫލު ނުކުރެވޭނޭ ކަމުގައި ދަޢުވާކުރާ ބަޔަކު އިސްލާމުންނަށް ނިސްބަތްވާ މީހުންގެ ތެރޭގައި އެބައުޅެއެވެ. ޙަދީޘްކުރައްވާފައިވެއެވެ. "މިއުއްމަތުގެ ބަޔަކު ތިމަންކަލޭގެފާނުގެ ބަސްފުޅު ދޮގުކުރާ ދުވަހެއް އައުން ވަރަށް ގާތެވެ. އެފަދަ މީހަކަށް ތިމަންކަލޭގެފާނުގެ ޙަދީޘްފުޅު އިވޭ ހިނދު ބޮޑާކަމާއިއެކު ލެނގިލައިގެންހުރެ ބުނާނެއެވެ. ތިޔަބައިމީހުންނާއި އަހަރެމެންނާ ދެމެދު މިވަނީ ﷲގެ ފޮތެވެ. ފަހެ މިފޮތުގައި ޙަލާލުކަމުގައި އައިސްފައިވާ ކަމެއްވިއްޔާ އެކަމަކީ ޙަލާލުކަމެއް ކަމުގައި އަހަރެމެން ބަލާފާނަމެވެ. އަދި މިފޮތުގައި ޙަރާމްކަމެއް ކަމުގައި އައިސްފައިވާ ކަމެއްވިއްޔާ އެއީ ޙަރާމްކަމެއް ކަމުގައި އަހަރެމެން ބަލާފާނަމެވެ.""

މިމަޒުމޫނުގައި އަޅުގަނޑު ބަލާފައިވާނީ ސުންނަތަކީ އިސްލާމީ ޝަރީޢަތުގެ މަޞްދަރެއްގެ ޙައިޘިއްޔަތުންނެވެ. އެހެން ޢިބާރާތަކުން ދަންނަވާ ނަމަ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަކީ މުސްލިމުން އެއަށް ޢަމަލު ކުރުން ވާޖިބު އެއްޗެއްކަން ސާބިތުކޮށް ދިނުމުގެ މައްޗަށެވެ. މިމައްސަލައަކީ ފަހަކަށް އައިސް މުސްލިމުންގެ ތެރެއިން ގިނަ ބަޔަކަށް އޮޅިފައިވާ މައްސަލައެކެވެ. ޤުރުއާން ޤަބޫލު ކުރިއަސް އަހަރެމެންނަށް ސުންނަތް ޤަބޫލު ނުކުރެވޭނޭ ކަމުގައި ދަޢުވާކުރާ ބަޔަކު އިސްލާމުންނަށް ނިސްބަތްވާ މީހުންގެ ތެރޭގައި އެބައުޅެއެވެ. މީގެ ތެރެއިން ބައެއް މީހުން ބުނަނީ ސުންނަތް އަހަރެމެންނާ ހަމައަށް އައިސްފައިވަނީ އެހާ އިތުބާރު ހުރި ގޮތަކަށް ނޫނެވެ. އަނެއް ބަޔަކު ބުނަނީ ޤުރުއާނުގައި އައިސްފައިވާ ޙުކުމުގެ އިތުރަށް ސުންނަތުން އައިސްފައިވާ ޙުކުމެއް ޤަބޫލު ނުކުރެވޭނޭ ކަމުގައެވެ. ހަމަ އެފަދައިން މުސްލިމުންގެ ތެރެއިން ގިނަ ބަޔަކަށް ހީވެފައި އޮންނަނީ ސުންނަތުން ސާބިތުވިއަސް ޤުރުއާނުގައި އޭގެ ޙުކުމް އައިސްފައިނުވާ ކޮންމެ ކަމަކީ ކުރުމުން ޘަވާބު ލިބޭ އަދި ނުކޮށް ދޫކޮށް ލިޔަސް ޢަޛާބު ނުލިބޭ ކަމެއް ކަމަށެވެ.

އާދެ! ސުންނަތަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ސާބިތުވެފައިވާ އެކަލޭގެފާނުގެ އެންމެހައި ބަސްފުޅު ތަކާއި އެކަލޭގެފާނު ކުރައްވާފައިވާ އެންމެހައި ކަންތައްތަކާއި އެކަލޭގެފާނުގެ ކުރިފުޅު މަތީގައި ކަމެއް ހިނގައި އެކަމަކަށް އިންކާރު ނުކުރެއްވި ކޮންމެ ކަމެކެވެ. ބައެއް ފަހަރު ބިދުޢަތުގެ އިދިކޮޅު މާނައަށްވެސް ސުންނަތޭ ކިޔައެވެ. މިވެނި ކަމަކީ ސުންނަތެކެވެ. އެވެނި ކަމަކީ ބިދުޢަތެކެވެ ބުނާ ބީދައިންނެވެ. އެބަހީ އަޅުކަމެއްގެ ގޮތުގައި ކުރަން ސުންނަތުން ސާބިތުވާ ކަންކަމާއި ސާބިތުނުވާ ކަންކަމެވެ.

ފިޤްހު ޢިލްމުވެރިންގެ އިޞްތިލާޙްގައި ޢިބާދާތުގެ ކަންތައްތަކުގެ ތެރެއިން ސުންނަތް ކަންތަކަކީ އެކަމެއް ކުރުމުން ޘަވާބުލިބޭ އަދި ނުކޮށް ދޫކޮށް ލިއަސް ޢަޛާބު ނުލިބޭ ކަންކަމެވެ. މީގެތެރޭގައި ރަވާތިބު ސުންނަތާއި ޝައްވާލު މަހުން ހަދުވަހު ރޯދަ ހިފުމާއި އެއްފަހަރަށް ވުރެ ގިނަ ފަހަރަށް ޙައްޖުވުން ފަދަ ކަންކަން ހިމެނެއެވެ.

ކީރިތި ޤުރުއާނާ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަކީ އިސްލާމްދީނުގެ މައިގަނޑު ދެ މަޞްދަރެވެ. ޤުރުއާނާ ސުންނަތާ ދެމެދު ވާ ގުޅުމަކީ ޝަހާދަތުގެ ދެކަލިމައާ ދެމެދު ވާ ގުޅުމެވެ. އެދެކަލިމަ އެކަތި އަނެކައްޗާ ވަކިނުވާ ފަދައިން ޤުރުއާނާ ސުންނަތާވެސް ވަތްކެއް ނުކުރެވޭނެއެވެ. ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔައި އެއަށް އީމާން ނުވާހާ ހިނދަކު އެއްވެސް މީހެއްގެ އީމާންކަން ފުރިހަމަ ނުވާ ފަދައިން ޤުރުއާނާއި ސުންނަތް ޤަބޫލުކޮށް މިދެމަޞްދަރުގެ ޙުކުމްތަކަށް ތަބާ ނުވަނީސް އެމީހުންގެ އީމާންތެރިކަން ފުރިހަމައެއް ނުވާނެއެވެ.

ޝައްކެއްނެތް ގޮތުގައި އިސްލާމްދީނުގެ ހުރިހާ ޙުކުމް ތަކުގެ ތަފްޞީލު ޤުރުއާނުގައި އިސްފައެއް ނުވެއެވެ. ޤުރުއާނުގައި ގިނަ ޙުކުމް ތައް އައިސްފައިވަނީ އިޖްމާލީ ގޮތެއްގައެވެ. ނަމަވެސް އޭގެ ތަފްޞީލާއި އެކަން ކުރަންވީގޮތް އައިސްފައިވަނީ ސުންނަތުގައެވެ. ރަސޫލު ކަމާއިގެން ފޮނުއްވި އިރު އެކަލޭގެފާނުގެ މައްޗަށް ބާވައި ލެއްވި ޤުރުއާނުގައިވާ ޙުކުމްތައް މީސްތަކުންނަށް ބަޔާންކޮށް ދެއްވުމަށް މާތްﷲ ވަނީ އެކަލޭގެފާނަށް އަމުރު ކުރައްވާފައެވެ. އެކަލާނގެ ވަޙީ ކުރައްވާފައިވަނީ މިފަދައިންނެވެ.
وَأَنْزَلْنَا إِلَيْكَ الذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ وَلَعَلَّهُمْ يَتَفَكَّرُونَ (النحل44)
މާނައީ: "އަދި ތިމަންރަސްކަލާނގެ ކަލޭގެފާނަށް ޤުރުއާން ބާވައި ލެއްވީ އެބައިމީހުންނަށް ބާވައިލެއްވި ތަކެތި މީސްތަކުންނަށް ކަލޭގެފާނު ބަޔާންކޮށް ދެއްވުމަށްޓަކައެވެ. އަދި އެބައިމީހުން ފިކުރު ކުރުމަށްޓަކައެވެ."

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަވަނީ ޤުރުއާނުގައިވާ އެންމެހައި ޙުކުމް ތަކާއި އިރުޝާދުތައް މީސްތަކުންނަށް ޢަމަލީ ގޮތުން ދަސްކޮށް ދެއްވާފައެވެ. ބަޔާން ކޮށްދެއްވާ ފައެވެ. މުސްލިމުންގެ މައްޗަށް ޙައްޖު ފަރުޟު ކުރެއްވިކަން ޤުރުއާނުގައި މާތްﷲ އަންގަވާފައި ވެއެވެ. ނަމަވެސް ޙައްޖުގެ އަޅުކަންތައް ފުރިހަމަ ކުރާނޭ ގޮތުގެ ތަފްޞީލު ޤުރުއާނުގައި އައިސްފައެއް ނުވެއެވެ. އެކަންތައްތައް އައިސްފައިވަނީ ސުންނަތުގައެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަވަނީ އަމިއްލަފުޅަށް ޙައްޖުވެ ވަޑައިގެން ޢަމަލީ ގޮތުން ޙައްޖުގެ އަޅުކަން އަދާ ކުރަންވީ ގޮތް މީސްތަކުންނަށް ދަސްކޮށް ދެއްވާފައެވެ. އަދި ތިމަންކަލޭގެފާނުގެ ކިބައިން ޙައްޖުގެ އަޅުކަން އަދާ ކުރާނޭ ގޮތް ތިޔަބައިމީހުން ލިބިގަންނާށޭވެސް ޙައްޖުގެ އަޅުކަން އަދާ ކުރެއްވުމުގެ ތެރޭގައި ޙަދީޘް ކުރައްވާފައި ވެއެވެ. ޒަކާތްވެސް ފަރުޟު ކުރެއްވިކަން ޤުރުއާނުގައި އައިސްފައި ވެއެވެ. ނަމަވެސް ޒަކާތް ނެރެންވާ މިންވަރާއި ނިޞާބާއި، ޒަކާތް ނެރެން ޖެހެނީ ޙަޥްލު ހަމަވުމުން ކަމާއި މިކަންކަމުގެ ތަފްޞީލުވެސް އައިސްފައިވަނީ ސުންނަތުގައެވެ. އަދި ކިއެއްތޯއެވެ. އިސްލާމްދީނުގެ އެންމެ މުހިންމު ރުކުން ކަމުގައިވާ ނަމާދުގެ ރަކުޢަތް ތަކުގެ ޢަދަދާއި އެނަމާދުގެ ރުކުންތަކާއި ފަރުޟުތައް އަދި ނަމާދު ކުރަންވީ ގޮތުގެ ތަފްޞީލުވެސް ޤުރްއާނުގައި އައިސްފައެއް ނުވެއެވެ. އެހެން ކަމުން އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ.
"صَلُّوا كَمَا رَأَيْتُمُوْنِي أُصَلِّي"
މާނައީ: ތިމަންކަލޭގެފާނު ނަމާދު ކުރައްވަނިކޮށް ތިޔަބައިމީހުން ދުށްގޮތަށް ތިޔަބައި މީހުން ނަމާދު ކުރާށެވެ. ކަން މިހެން ހުރުމާއެކު އަޅުގަނޑުމެން ދަންނަން ޖެހޭ ޙަޤީޤަތަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަކީ އިސްލާމީ ޝަރީޢަތުގެ ބައެއް ކަމެވެ. އަދި އެއީ އެކަލޭގެފާނަށް އިއްވަވާފައިވާ ވަޙީގެ ބައެއް ބައެއްވެސް ކަމެވެ. އެކަލާނގެ ވަޙީ ބަސްފުޅުގައިވަނީ މިފަދައިންނެވެ.
وَمَا يَنْطِقُ عَن الْهَوَى . إِنْ هُوَ إِلاَّ وَحْيٌ يُوحَى . (النجم 4.3)
މާނައީ: އަދި އެކަލޭގެފާނު (ރަސޫލާ) އަމިއްލަ އެދުންފުޅަށް ވާހަކަ ފުޅެއް ނުމެ ދައްކަވާމެއެވެ. އެކަލޭގެފާނުގެ ވާހަކަފުޅަކީ، އެކަލޭގެފާނަށް ވަޙީ ކުރެވުނު ވަޙީއެއް ފިޔަވައި އެހެން އެއްޗެއް ނޫނެވެ. ކީރިތި ޤުރުއާން އަޅުގަނޑުމެންނާ ހަމައަށް އައިސްފައިވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދޫފުޅު މަތިން ކަމުގައި ވީ ހިނދު އެކަލޭގެފާނުގެ ސުންނަތަށް އީމާންނުވާ މީހާ ޙަޤީޤަތުގައި ޤުރުއާނަކަށްވެސް އީމާންވާ ކަމުގައި ނުވެއެވެ. އަދި ﷲ އަށް ކިޔަމަންވާ މީހަކު ކަމުގައި ނުވެއެވެ. އެކަލާނގެ ވަޙީ ކުރައްވާފައި ވަނީ މިފަދައިންނެވެ.
مَنْ يُطِعْ الرَّسُولَ فَقَدْ أَطَاعَ اللَّهَ وَمَنْ تَوَلَّى فَمَا أَرْسَلْنَاكَ عَلَيْهِمْ حَفِيظاً (سورة النساء 80)
މާނައީ: "ރަސޫލާއަށް ކިޔަމަން ގެންފި މީހާ ހަމަކަށަވަރުން ﷲއަށް ކިޔަމަން ގެންފިއެވެ. އަދި (ﷲ އާ އެކަލާނގެ ރަސޫލާއަށް ކިޔަމަންނުވެ) ފުރަގަސްދީފި މީހާ ދަންނާށެވެ. ފަހެ ތިމަން ރަސްކަލާގެ އެކަލޭގެފާނު އެބައިމީހުންގެ މައްޗަށް ބާރުވެރިއެއް ކަމުގައި ނުފޮނުއްވަމެވެ. އެބަހީ އެފަދަ ނުކިޔަމަންތެރިންނަށް، އެބައިމީހުންގެ ނުކިޔަމަންތެރި ކަމުގެ އުޤޫބާތް ދެއްވާ ހުށީ ތިމަން ކަލާނގެއެވެ."
އަދިވެސް ވަޙީ ކުރައްވާފައި ވެއެވެ.
" وَمَا آتَاكُمْ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانْتَهُوا "(الحشر 7)
މާނައީ: އަދި ރަސޫލާ ތިޔަބައިމީހުންނަށް ގެނެސް ދެއްވި ކޮންމެ އެއްޗެއްގައި ފަހެ ތިޔަބައިމީހުން ހިފާށެވެ. އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް ނަހީ ކުރެއްވި ކޮންމެ ކަމަކުން ފަހެ ތިޔަބައިމީހުން ދުރުވެ ގަންނާށެވެ. މާތްﷲ ވަޙީ ކުރައްވާފައި ވެއެވެ.
"مَنْ يُطِعِ الرَّسُولَ فَقَدْ أَطَاعَ اللَّهَ وَمَنْ تَوَلَّى فَمَا أَرْسَلْنَاكَ عَلَيْهِمْ حَفِيظاً" (النساء 80)
މާނައީ: އަދި ރަސޫލައަށް ކިޔަމަން ގެންފި މީހާ ﷲއަށް ކިޔަމަން ގެންފިކަން ކަށަވަރެވެ.
ހަމަ މިމާނާގައި އިތުރު އެކަލޭގެފާނު ޙަދީޘް ކުރައްވާފައި ވެއެވެ.
'مَنْ أَطَاعَنِي فَقَدْ أَطَاعَ اللهَ, وَمَنْ عَصَانِي فَقَدْ عَصَى اللهَ' ( البخاري)
މާނައީ: "ތިމަންކަލޭގެފާނަށް ކިޔަމަންގެންފި މީހާ ހަމަކަށަވަރުން ﷲއަށް ކިޔަމަން ގެންފިއެވެ. އަދި ތިމަންކަލޭގެފާނަށް ނުކިޔަމަންތެރި ވެއްޖެ މީހާ ހަމަކަށަވަރުން ﷲއަށް އުރެދިއްޖެއެވެ."
އަދިވެސް ޙަދީޘް ކުރައްވާފައި ވެއެވެ.
'كُلُّ أُمَّتِي يَدْخُلُونَ الْجَنَّةَ إِلاَّ مَنْ أَبَى, قِيْلَ: وَمَنْ يَأْبَى؟ قاَلَ: مَنْ أَطَاعَنِي دَخَلَ الْجَنَّةَ وَمَنْ عَصَانِي فَقَدْ أَبَى'(البخاري)
މާނައީ: "ތިމަން ކަލޭގެފާނުގެ އުއްމަތުގެ މީހުން ތެރެއިން ދެކޮޅު ހަދައިފި މީހަކު މެނުވީ އެންމެންވެސް ސުވަރުގެ ވަންނަ ހުއްޓެވެ. އެހިނދު އަޞްޙާބު ބޭކަލަކު ދެންނެވިއެވެ. އޭﷲގެ ރަސޫލާއެވެ! ދެކޮޅު ހަދަނީ ކާކުތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. ތިމަން ކަލޭގެފާނަށް ކިޔަމަން ގެންފި މީހެއް ނަމަ ސުވަރުގެ ވަންނަ ހުއްޓެވެ. އަދި ތިމަން ކަލޭގެފާނަށް ނުކިޔަމަންތެރި ވެއްޖެ މީހާ ހަމަ ކަށަވަރުން ދެކޮޅު ހަދައިފިއެވެ."
ޤުރުއާނުގައި ވާރިދު ވެފައި ނެތަސް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރައްވާ ޙުކުމެއް ނަމަ އެއީ މާތް ﷲ އެކަލޭގެފާނަށް ވަޙީގެ ޛަރީޢާއިން އަންގަވައިގެން ކުރައްވާ ޙުކުމެކެވެ. މީގެ ބައެއް ހެކިތައް މިތާނގައި ނަކަލުކޮށް ލާނަމެވެ.
ބަދުއަޚްލާގީ މައްސަލައެއްގައި ބެދިފައިވާ މީހެއްގެ ބައްޕައަކު އެއްދުވަހަކު އައިސް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ދެންނެވިއެވެ. އޭﷲ ގެ ރަސޫލާއެވެ! އަހަރެމެންގެ މެދުގައި ﷲ ގެ ފޮތުގައިވާ ގޮތަށް ޙުކުމް ކޮށްދެއްވާށެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ﷲ ގަންދެއްވައި ވިދާޅުވަމެވެ. ހަމަކަށަވަރުންވެސް ތިބާގެ ދެމީހުންގެ މެދުގައި ﷲގެ ފޮތުގައިވާ ގޮތަށް ޙުކުމް ކޮށްދެއްވާ ހުށީމެވެ. މިހެން ޙަދީޘް ކުރައްވައި، ދަޢުވާ ހުށަހެޅި މީހާގެ ދަރިފުޅުގެ މައްޗަށް، ސަތޭކަ އެތިފަހަރުން ހައްދު ޖަހައި އެއްއަހަރު ދުވަހަށް އަރުވާ ލުމަށް ޙުކުމް ކުރެއްވިއެވެ. (މުސްލިމް)

މިޙަދީޘްގައި އެކަލޭގެފާނު ވިދާޅުވެފައިވާ ގޮތުން، ޙުކުމް ކުރެއްވީ ﷲގެ ފޮތުގައިވާ ގޮތަށެވެ. ކީރިތި ޤުރުއާނުގައި އަރުވާލުމުގެ ޙުކުމެއް އައިސްފައެއް ނުވެއެވެ. އެހެން ނަމަވެސް އެއީ ޤުރުއާނުގެ ޙުކުމް ކަމުގައި އެކަލޭގެފާނުގެ ޞަރީޙަ ބަސްފުޅުން އެވަނީ ބަޔާންކޮށް ދެއްވާފައެވެ. އެހެން ކަމުން ޤުރުއާނުގައި ކަނޑައެޅިގެން އައިސްފައި ނުވިނަމަވެސް ރަސޫލުﷲ ޞައްލަﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރައްވާ ފައިވާ ޙުކުމްތަކަކީ ނުވަތަ އެކަލޭގެފާނު ކުރައްވާފައިވާ އަމުރުފުޅު ތަކާއި ނަހީ ތަކަކީ ﷲގެ އަމުރުފުޅަށް ކުރައްވާ ފައިވާ ޙުކުމް ތަކެކެވެ. އަދި އެކަލާނގެ އަމުރުފުޅަށް ކުރައްވާފައިވާ އަމުރުފުޅު ތަކާއި ނަހީތަކެވެ.

އަލްބައިހަޤީ ގެ ރިވާޔަތެއްގައި ވެއެވެ. ޢިމްރާން ބިން ޙުޞައިން ރަޟިޔަﷲ ޢަންހު ޝަފާޢަތުގެ ވާހަކަ އައިސްފައިވާ ޙަދީޘެއް ވިދާޅުވެ ދެއްވުމުން އަޑު އަހަން ތިބި މީހުންގެ ތެރެއިން މީހަކު ބުންޏެވެ. ތިޔަވިދާޅުވާ ޙަދީޘް ތަކަކީ ޤުރުއާނުގައި އެއިގެ އެއްވެސް އަޞްލެއް ފެންނަންނެތް ޙަދީޘް ތަކެކެވެ. އެހިނދު ޢިމްރާން ވަރަށް ބޮޑަށް ކޯފާވެ ވަޑައިގެން އެމީހާއާ ދިމާއަށް ވިދާޅުވިއެވެ. ކަލޭ ޤުރުއާން ކިޔެވިން ހެއްޔެވެ؟ އޭނާ އާދޭހޭ ދެންނެވުމުން ވިދާޅުވިއެވެ. އެހެންވެއްޖެއްޔާ ޤުރުއާނުގައި ޢިޝާ ނަމާދުގައިވަނީ ހަތަރު ރަކުޢަތް ކަމަށާއި މަޢްރިބް ނަމާދުގައި ތިން ރަކްޢަތް ކަމަށާއި ފަތިސް ނަމާދުގައި ވަނީ ދެ ރަކްޢަތް ކަމަށާއި މެންދުރު ނަމާދުގައި ހަތަރު ރަކުޢަތް ކަމަށާއި ޢަޞްރު ނަމާދުގައި ހަތަރު ރަކްޢަތް ކަމުގައި އެބަވޭހެއްޔެވެ؟ އޭނާ ނޫނެކޭ ދެންނެވިއެވެ. ވިދާޅުވިއެވެ. އެހެން ވެއްޖެއްޔާ މިވާހަކަ ކަލޭމެންނަށް އެނގުނީ ކޮން ބައެއްގެ ފަރާތުން ހެއްޔެވެ؟ އަހަރެމެންގެ ފަރާތުން ނޫން ހެއްޔެވެ؟ އަހަރެމެންނަށް އެކަންތައް އެނގުނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުންނެވެ. ޤުރުއާނުގައި ކޮނެމް ސާޅީސް ބަކަރިން ބަކަރިއެއް ޒަކާތަށް ނެރޭށެވެ އެބައޮތް ހެއްޔެވެ؟ އަދި މިވެނި ވަރަކުން ޖަމަލެއް ނެރޭށެވެ އެބައޮތް ހެއްޔެވެ؟ އަދި މިވެނި ވަރަކުން ދިރުހަމެކޭ އެބައޮތް ހެއްޔެވެ؟ އޭނާ ނޫނެކޭ ދެންނެވިއެވެ. ވިދާޅުވިއެވެ. އެހެން ވެއްޖެއްޔާ މިވާހަކަ ކަލޭމެންނަށް އެނގުނީ ކޮންބައެއްގެ ފަރާތުން ހެއްޔެވެ؟ އަހަރެމެންނަށް އެކަންތައް އެނގުނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުންނެވެ. އަދި ވިދާޅުވިއެވެ. ޤުރުއާނުގައި: وَلْيَطَّوَّفُوا بِالْبَيْتِ الْعَتِيقِ (الحـج 29) މާނައީ: އަދި ގެފުޅުގެ ވަށައިގެން ޠަވާފު ކުރާ ހުށި ކަމެވެ. މިފަދައިން އައިސްފައިވާ ހިނދު ގެފުޅުގައި 7 ފަހަރު މިފަދައިން އައިސްފައިވާ ހިނދު ގެފުޅުގައި 7 ފަހަރު ޠަވާފުކޮށްފައި މަޤާމް އިބްރާހީމްގެ ފަހަތުގައި ދެރަކްޢަތް ނަމާދެއް ކުރާށޭ ވޭހެއްޔެވެ؟ ޤުރުއާނުގައި މާތްﷲ ވަޙީކުރައްވާ ފައިވާ މިބަސްފުޅު ތިޔަބައިމީހުން ނާހަނީ ހެއްޔެވެ؟ وَمَا آتَاكُمْ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانْتَهُوا (الحشر 6) މިހެން ވިދާޅުވެފައި ޢިމްރާނު ވިދާޅުވިއެވެ. ފަހެ ހަމަކަށަވަރުން ތިޔަބައިމީހުންނަށް ނޭގޭ ކިތަންމެ އެއްޗެއް އަހަރެމެންވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ލިބިގެންފައެވެ.

ޖާބިރު ބުނު ޢަބްދުﷲ ގެ އަރިހުން އަލްޙާކިމާއި އައްތިރުމިޒީއާއި އިބުނު މާޖާ ރިވާ ކުރެއްވިއެވެ. ޖާބިރު ވިދާޅުވިއެވެ. المقدام بن معدي كرب ވިދާޅުވަނިކޮށް ތިމަން އަޑު އެހީމެވެ. ޚައިބަރު ހަނގުރާމައިގެ ދުވަހު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެއްޗެހި ތަކެއް ޙަރާމް ކުރެއްވިއެވެ. ތިޔައިގެ ތެރެއިން މީހަކު – އެބަހީ މިއުއްމަތުގެ ބަޔަކު – ތިމަން ކަލޭގެފާނުގެ ބަސްފުޅު ދޮގުކުރާ ދުވަހެއް އައުން ވަރަށް ގާތެވެ. އެފަދަ މީހަކަށް ތިމަންކަލޭގެފާނުގެ ޙަދީޘްފުޅު އިވޭ ހިނދު ބޮޑާކަމާއިއެކު ލެނގިލައިގެންހުރެ ބުނާނެއެވެ. ތިޔަބައިމީހުނާއި އަހަރެމެންނާ ދެމެދު މިވަނީ ﷲގެ ފޮތެވެ. ފަހެ މިފޮތުގައި ޙަލާލުކަމުގައި އައިސްފައިވާ ކަމެއް ވިއްޔާ އެކަމަކީ ޙަލާލު ކަމެއް ކަމުގައި އަހަރެމެން ބަލާފާނަމެވެ. އަދި މިފޮތުގައި ޙަރާމް ކަމުގައި އަހަރެމެން ބަލާފާނަމެވެ. ދެން ޙަދީޘް ކުރެއްވިއެވެ. ދަންނައެވެ! ހަމަކަށަވަރުން ﷲ ގެ ރަސޫލާ ޙަރާމް ކުރައްވާ ކަންތަކަކީ ﷲ ޙަރާމް ކުރައްވާ ކަންތައް ފަދަ ކަންކަމެވެ.
އަލް ބުޚާރީއާއި މުސްލިމްގެ ރިވާޔަތެއްގައި އައިސްފައިވެއެވެ. ޙަދީޘްގައި މަނާ ކުރައްވާފައިވާ ބައެއް ކަންތައް ކުރާމީހުންނަށް ލަޢުނަތް ލެއްވުން އެދި ޢަބްދުﷲ ބިން މަސްޢޫދު ދުޢާ ކުރެއްވި ޚަބަރު އުއްމު ޔައުޤޫބު ނަމަކަށް ކިޔާ އަންހެނަކަށް ލިބުމުން އިބްނު މަސްޢޫދު އަރިހަށް އައިސް ދެންނެވިއެވެ. ހަމަކަށަވަރުން ކަލޭގެފާނު މިވެނި އެވެނިހެން ވިދާޅުވި ޚަބަރު އަޅުގަނޑަށް ވަނީ ލިބިފައެވެ. އިބްނު މަސްޢޫދު ވިދާޅުވިއެވެ. ﷲގެ ރަސޫލާ އެބައެއްގެ މައްޗަށް ލަޢުނަތް ލައްވާފައިވާ ބައެއްގެ މައްޗަށް ލަޢުނަތް ލެއްވުމަށް އަހަރެން ދުޢާ ނުކުރަންވީ ކީއްވެހެއްޔެވެ؟ އަދި އެއީ ޤުރުއާނުގައިވެސް ވާ ޙުކުމެކެވެ. އެހިނދު އެކަނބުލޭގެ ދެންނެވިއެވެ. ހަމަކަށަވަރުން އަޅުގަނޑު ޤުރުއާން އެއްކޮޅުން އަނެއްކޮޅަށް ވަނީ ކިޔާފައެވެ. އެކަމަކު ތިޔަ ވިދާޅުވާ ވާހަކައެއް އަޅުގަނޑެއް ނުދެކެމެވެ. އިބްނު މަސްޢޫދު ވިދާޅުވިއެވެ. ކަނބުލޭގެ އެފޮތް ރަނގަޅަށް ކިޔެވިނަމަ މިވާހަކަ ކަނބުލޭގެއަށް ފެނުނީހެވެ. وَمَا آتَاكُمْ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانْتَهُوا (الحشر 6) އަދި ރަސޫލާ ތިޔަބައިމީހުންނަށް ގެނެސް ދެއްވި ކޮންމެއެއްޗެއްގައި ފަހެ ތިޔަބައިމީހުން ހިފާށެވެ. އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް ނަހީކުރެއްވި ކޮންމެ ކަމަކުން ފަހެ ތިޔަބައިމީހުން ދުރުވެ ގަންނާށެވެ. މިއާޔަތް ކަނބުލޭގެ ނުކިޔަވަން ހެއްޔެވެ؟ ކިޔެވީމެވެ. އެކަނބުލޭގެ ދެންނެވިއެވެ. ވިދާޅުވިއެވެ. އެހެން ވެއްޖެއްޔާ އެއީ ޤުރުއާނުގައި މަނާ ކުރައްވާފައިވާކަމެކެވެ.

ޝައްކެތްނެތްގޮތުގައި މާތްﷲ އަޅުގަނޑުމެންގެ ގާތަށް ރަސޫލަކު ފޮނުއްވާފައިވަނީ އެކަލޭގެފާނަށް ތަބާ ވުމަށެވެ. އަޅުގަނޑުމެންގެ ދިރިއުޅުމުގެ ހުރިހާ ކަމެއްގައިވެސް އެކަލޭގެފާނަކީ ނަމޫނާއެއް ކަމުގައި ބެލުމަށެވެ. އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ.
لَقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ لِمَنْ كَانَ يَرْجُو اللَّهَ وَالْيَوْمَ الآخِرَ وَذَكَرَ اللَّهَ كَثِيراً (الحزاب21)
މާނައީ: ހަމަކަށަވަރުން ﷲ ގެ ރަސޫލާގެ ކިބައިގާ ތިޔަބައިމީހުންނަށް ރިވެތި ވެގެންވާ ނަމޫނާއެއް ވެއެވެ. އެއީﷲ ގެ ދަރުމައާއި އާޚިރަތުގެ ޘަވާބަށް އެދޭ އަދި ގިނަގިނައިން ﷲ ހަނދުމަކުރާމީހަކަށެވެ.

ދުނިޔެމަތީގައި އިންސާނަކަށްލިބޭނެ އެންމެ މަތިވެރި ނިޢުމަތަކީ، އޭނާ ހެއްދެވި ކަލާނގެ ރުއްސަވައި ވޮޑިގަތުން ޙާޞިލް ވުމެވެ. މިމަތިވެރި ނިޢުމަތް ޙާޞިލް ވާންއޮތީ އެކަލާނގެ ފޮނުއްވި ރަސޫލާއަށް ފުރިހަމައަށް ތަބާ ވެގެންނެވެ.
قُلْ إِنْ كُنْتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمْ اللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَاللَّهُ غَفُورٌ رَحِيمٌ (آل عمران)
މާނައީ: ކަލޭގެފާނު ވިދާޅު ވާށެވެ! ތިޔަބައިމީހުން ﷲ އަށް ލޯބިވާ ކަމުގައި ވާނަމަ ފަހެ، ތިޔަބައިމީހުން ތިމަން ކަލޭގެފާނަށް ތަބާވާށެވެ! އޭރުން ﷲ ތިޔަބައިމީހުން ދެކެ ލޯބިވެ ވޮޑިގެންވާނެއެވެ. އަދި ތިޔަބައިމީހުންނަށްޓަކައި ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައި ދެއްވާނެއެވެ. ﷲ އީ ގިނަގިނައިން ފާފަ ފުއްސަވާ ރަސްކަލާނގެއެވެ.

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަކީވެސް ކީރިތި ޤުރުއާން ފަދައިން އެއަށް ޢަމަލު ކުރަންޖެހޭ އެއްޗެއްކަން އިސްވެ ދިޔަ އާޔަތްތަކާއި ޙަދީޘް ތަކަށް ނަޒަރު ހިންގާ ފިކުރު ކޮށްފި ކޮންމެމީހަކަށް ރަނގަޅަށް އޮޅުން ފިލާނެއެވެ. އަދި އެއީ އިސްލާމީ ޝަރީޢަތުގެ މަސްދަރުތަކުގެ ތެރެއިން މަޞްދަރެއް ކަންވެސް އެނގޭނެއެވެ. އެބަހީ ޝަރުޢީ ޙުކުމް ތަކުގެ ދަލީލު ޤުރުއާނުން ސާބިތު ކުރެވޭ ފަދައިން ސުންނަތުންވެސް އެފަދަ ޙުކުމްތައް ސާބިތު ކުރެވޭ ވާހަކައެވެ. ކަމަކާމެދު ޤުރުއާނުގައި ވަކިގޮތަކަށް އައިސްފައި ނެތަސް އެކަމުގެ ޙުކުމް ސުންނަތުން ސާބިތުވެއްޖެ ހިނދެއްގައި އެއީވެސް އިސްލާމްދީނުގެ ޙުކުމެއް ކަމުގައި ޤަބޫލު ކުރަން ޖެހޭނެއެވެ. އެހެން ނަހަދައިފި މީހެއްގެ އީމާންކަން ފުރިހަމައެއް ނުވާނެއެވެ. އަދި އެމީހަކީ ދިންނަވަނިވި މީހެއް ކަމުގައި ނުމެވޭމެއެވެ.

*****************************************************
ނޯޓް: "ދަރުމަ" 2004 ޖޫންގެ ޢަދަދުން ނަގާފައި

Read more...