15 April 2012

ހަމައެކަނި ސަބަބަކީ އޭގެ ނަތީޖާ ނެރެދިނުމުގެ ކުޅަދާނަކަން ލިބިގެންވާ އެއްޗެއް ނޫން

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
ސަބަބުތަކުގައި ހިފުމަކީ ވަކީލުކުރުމުގެ އެއްރުކުނެވެ.

ހަމައެކަނި މާއްދާގެ މައްޗަށް ވަކީލުކޮށްގެން، ހަމައެކަނި ދުނިޔެއަށްޓަކާ ދިރިއުޅޭ ބައެއް މީހުން ދެކޭ ގޮތުގައި، ސަބަބުން ނުކުންނަ ނަތީޖާ އުފައްދާ އެއްޗެކީ ސަބަބެވެ. ވީމާ ބޭހަކީ އޭގެ ޒާތުން ފަރުވާ ލިބޭ އެއްޗެކެވެ. ކާމިޔާބަށް ވާޞިލުކޮށްދޭ އެއްޗަކީ މަސައްކަތް އެކަންޏެވެ.

އެފަދަ މީހުން ދެކޭގޮތުގައި އެހެންފަރާތަކަށް ބަރޯސާވުމެއް ނުވެއެވެ. ނަމަވެސް މިއީ، ޙަޤީޤަތާއި މުޅިން ޚިލާފު ވާހަކައެކެވެ. ފަހަރެއްގައި ސަބަބު އޮވެފައި، ސަބަބުން ނުކުންނަންޖެހޭ ނަތީޖާ ނުނުކުމެ ވެސް އޮވެދާނެއެވެ. ބޭސްކޮށްގެން ފަރުވާ ނުލިބޭ ފަހަރުވެސް އާދެއެވެ. ދެމީހަކަށް އެއް ބައްޔެއް ޖެހިގެން، ހަސްފަތާލެއްގެ އެއް ކޮޓަރީގައި، އެއް ޙަކީމެއްގެ އަތްމައްޗަށް، އެއް ފަރުވާއެއް ދެމުންދަނިކޮށް، އެކަކަށް ޝިފާލިބިފައި އަނެކަކު މަރުވެސް ވެދާނެއެވެ. ދަނޑުވެރިއަކު އެންމެ ޒަމާނީ އާލަތްތައް ބޭނުންކޮށްގެން ފަސްގަނޑުޖަހާ، އެންމެ މޮޅު ގަސްކާނާ އަޅައި، އެންމެ މޮޅު މުޑުވައް ލައިގެން ދަނޑު އިންދައިގެން ހުއްޓާ، އާދަޔާ ޚިލާފަށް ޖައްވު ހޫނުވެގެން ނުވަތަ ފިނިވެގެން، ނުވަތަ ވާރޭ ނުވެހި ދަނޑު ހަނަފަސްވެގެން، ނުވަތަ ފެންބޮޑުވެގެން، ކޮށްފައިވާ ހުރިހާ ކަމެއް ބޭކާރުވެގެން ދެއެވެ.

ވީމާ، ހަމައެކަނި ސަބަބު އެއީ، އޭގެ ނަތީޖާ ނެރެދިނުމުގެ ކުޅަދާނަކަން ލިބިގެންވާ އެއްޗެއް ނޫނެވެ. އަދި އަނެއްކޮޅުން، ކަންކަމުގެ ސަބަބުތައް އިހުމާލުކޮށްލުމަކީ، ބުއްދީގެ ގޮތުން ހަމަޖެހޭ ކަމެއްވެސް ނޫނެވެ. ބުއްދީގެ ހަމަތަކަށް ފެތޭ، އަދި ދީނުގައި އަމުރުކުރެވިފައިވަނީ، އިންސާނުން އެމީހުން ކުރާ ކޮންމެ ކަމެއްގައި ވެސް، އެކަމަކަށް ބޭނުންވާ ހުރިހާ ސަބަބުތަކެއްގައި ހިފުމަށެވެ. އަދި މިއަށް ފަހު، އޭގެ ނަތީޖާ ޙާޞިލުކޮށްދެއްވުން އެދި ﷲ އަށް ދުޢާ ދެންނެވުމަށެވެ. އަދި ކަންކަން ނިންމަވަނީ ހަމައެކަނި ﷲ އަށް ޤަބޫލުކޮށް އެއިލާހުގެ ނިޔާފުޅަށް ރުހި އެއިލާހަށް ބަރޯސާވުމެވެ. އެއިލާހަށް ޔަޤީންކަމާއެކު ފުރިހަމައަށް އިޢުތިމާދުކުރުމެވެ. ޖަމަލު އައްސާލާފައި، ދެން އެ ނުގެއްލި ރައްކާކަންމަތީ އޮތުން، ﷲ އާ ވަކީލުކުރާށެވެ. ރަނގަޅަށް ފިލާވަޅު ދަސްކުރުމަށް ފަހު، ދެން އިމްތިޙާނުން ފާސްވުން، ﷲ އާ ވަކީލުކުރާށެވެ. ފާސްވުން އެދި ދުޢާކުރާށެވެ.

ޙަޤީޤީ ވަކީލުކުރުމަކީ މިއީއެވެ. ﷲ އާ ވަކީލުކުރުމަކީ ފަހަރެއްގައި ވެސް، ސަބަބުތަކާ މެދު އިހުމާލުވެ ފަރުވާކުޑަކޮށްލުމެއް ނޫނެވެ. ކައުނުގައި ﷲ ލައްވާފައިވާ ޤާނޫނުތައް ބޭކާރުކޮށްލުމެއް ނޫނެވެ. އަދި، ގެއްލުމާއި މަންފާ ދެއްވާ ހަމައެކަނި ފަރާތަކީ މާތް ﷲ ކަން ހަނދާން ނައްތާލުމެއް ވެސް ނޫނެވެ.

ސަބަބުތަކަކީ އޭގައި ކޮންމެހެން ވެސް ހިފަހައްޓަންޖެހޭ އެއްޗެކެވެ. މީގެ ބޭނުން ހިފުމަކީ ދީނުގެ އަމުރުތަކަށް ވެވޭ ކިޔަމަންތެރިކަމެކެވެ. ކައުނު ހިނގުމަށް މާތް ﷲ މެދުވެރި ކުރައްވާފައިވާ ޤާނޫނުތަކަށް ވެވޭ ތަބާއެކެވެ. ނަމަވެސް ހަނދާން ނައްތާލައިގެން ނުވާނެ ކަމަކީ، ހަމައެކަނި ސަބަބުން ފުއްދާނުލެވޭނެ ކަމެވެ. އެހެނީ، ކަންކަމުގެ ނަތީޖާއަކީ މާތް ﷲ ގެ އަތްޕުޅުގައިވާ އެއްޗެކެވެ. ވީމާ ޙައްޤު ގޮތުގައި ﷲ އާ ވަކީލުކުރާ މީހަކީ، ބޭނުންވާ ކަމަށް ވާޞިލުވުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ކޮށް، ހިފަންޖެހޭ ހުއްދަ ހުރިހާ ވަސީލަތެއްގެ ބޭނުން ހިފައި، ނަތީޖާއަށް ވާޞިލުކޮށްދެއްވާ ފަރާތަކީ ﷲ ކަމަށް އީމާންވެ، ﷲ އާ ވަކީލުކުރާމީހާއެވެ.

Read more...

05 April 2012

ޙަޤީޤީ ޚަޒާނާ

ތަރުޖަމާ: އަލްއަޚް އަނަސް އަލްމާލްދީފީ
އެއްރެއަކު ވައްކަން ކުރާ މީހެއް މާލިކް ބިން ދީނާރު ރަޙިމަހުﷲގެ ގެއަށް، އެގޭގެ ފާރުތައް ގިރާކޮށް ވަނެވެ. ގޭތެރެއަށް ވަދެ ފެނުނު މަންޒަރުން އެވައްކަން ކުރާ މީހާ ވަރަށް ހިތްހަމަނުޖެހުނެވެ. އެއީ ވަގަށް ނަގާނޭ އެއްވެސް އެއްޗެއް އޭނާއަކަށް ނުފެނުނެވެ. ގޭގެ ވެރިމީހާ އެވަގުތު ގޭގައި އުޅުނެވެ. އެހެނަސް އޭނާ ހުރީ އޭނާގެ ވެރި ރައްބުގެ ޙަޟްރަތަށް އެނބުރި މުނާޖާ ދަންނަވަން ނަމާދުގައެވެ. ކޮންމެއަކަސް ގޭގައި އިތުރު މީހަކު ވަދެ އެބައުޅޭ ކަމުގެ އިޙްސާސްތަކެއް ކުރެވުމުން، މާލިކް ބިން ދީނާރު ރަޙިމަހުﷲ ނަމާދު ކުރުކޮށްލުމަށް ފަހު، އެވައްކަން ކުރާމީހާ އާއި ދިމާލަށް އެނބުރިލިއެވެ.

އެއަށްފަހު އެއްވެސް ސިހުމެއް ޖެހިލުމެއްނެތި އަދި އެފަދަ ޢަލާމާތެއް ވެސް ނުދައްކާހުރެ މާލިކް ބިން ދީނާރު ރަޙިމަހުﷲ އެމީހާއަށް ސަލާމް ގޮވާލިއެވެ. އަދި ބުންޏެވެ. ”އޭ މާގޭ އަޚާ، ﷲ ތިބާގެ ފާފަތައް ފުއްސަވާށިއެވެ. ތިބާ އަހަރެންގެ ގެއަށްވަދެ ބެލި ބެލުމުން ގެންދާނެ އެއްވެސް އަގުހުރި އެއްޗެއް ނުފެނުނެވެ. އެހެނަސް ކޮންމެވެސް ފައިދާ އަކާއިއެކު މެނުވީ މިގެއިން ތިބާ ފޮނުވާލާކަށް އަހަރެން ޤަޞްދެއް ނުކުރަމެވެ." ޖެހިގެންހުރި ކޮޓަރިއަށް ގޮސް ޖަގަކަށް ފެން އަޅައިގެން އައެވެ. އަދި އެމީހާއާއި ދިމާލަށް ބަލަމުން ބުންޏެވެ. ”ވުޟޫ ކުރާށެވެ. އަދި އެއަށްފަހު ދެ ރަކްޢަތް ނަމާދެއް ކުރާށެވެ. ތިބާ އެކަން ކޮށްފިއްޔާ ތިބާ މިގެއިން ދާނީ މިގެއަށް ވަންއިރު ތިބާ މިގެއިން ގެންދަން ހިތަށް އެރިވަރަށް ވުރެ އަގުބޮޑު ޚަޒާނާއެއް ހިފައިގެންނެވެ."

މާލިކް ބިން ދީނާރުގެ ބަސްތައް އަޑު އިވުމުން އެމީހާ ވަރަށް މަޑުމޮޅި ވެއްޖެއެވެ. އަދި ބުންޏެވެ. ”އާނއެކެވެ. ތިޔައީ ވަރަށް ރަނގަޅު ހުށެހެޅުމެކެވެ.“ ވުޟޫ ކުރުމަށްފަހު، ދެރަކްޢަތް ނަމާދެއް ކުރުމަށްފަހު އެމީހާ ބުންޏެވެ "އޭމާލިކްއެވެ. އަހަރެން އަދި މަޑުކޮށްލިއަސް އެންމެ ރަނގަޅުހެއްޔެވެ؟ އަދި ދެރަކްޢަތް ކުރަން އެބަ ބޭނުންވެއެވެ." މާލިކް ބުންޏެވެ. ”ތިބާއަށް ﷲ މިންވަރު ކުރެއްވިވަރަކަށް ނަމާދު ކުރަން މަޑުކުރާށެވެ.“ އޭނާ މުޅި ރޭ ހޭދަކުރީ މާލިކްގެ ގޭގައެވެ. އަދި ފަތިސް ވަންދެން އަޅުކަން ކުރުމުގައި ދެމިހުއްޓެވެ.

ހެނދުނުވުމުން މާލިކް ބިން ދީނާރު ރަޙިމަހުﷲ ބުންޏެވެ. ”ދެން ދާށެވެ! އަދި މީގެ ފަހުން ރަނގަޅަށް އުޅޭށެވެ.“ އެކަމަކު އެމީހާ ޖަވާބުގައި ބުންޏެވެ. ”އަހަރެން މިއަދު މަޑުކުރިއަސް އެންމެ ރަނގަޅުހެއްޔެވެ. މިއަދު ރޯދައަށް ހުރުމަށް ނިޔަތް ގަނެފީމެވެ.“ މާލިކް ބިން ދީނާރު ރަޙިމަހުﷲ ޖަވާބުދިނެވެ. ”ތިބާ ބޭނުން ދުވަހެއް ވަންދެން މަޑުކުރާށެވެ.“

އެމީހާ ދުވަސްކޮޅެއް ވަންދެން އެގޭގައި މަޑުކުރިއެވެ. ރޭގަނޑުގެ ފަހުބައިގައި އަޅުކަން ކުރުމުގައި ދެމިހުއްޓެވެ. އަދި ދުވާލުތަކުގައި ރޯދައަށް ހުރެއެވެ. ދެން އެންމެފަހުން ވަކިވާން ޖެހޭ ވަގުތު އައުމުން މާލިކް ބިން ދީނާރަށްށް އޭނާ ބުންޏެވެ. ”އޭ މާލިކްއެވެ. ކުރީގައި އުޅެވުނު ގޮތަށް އަދި އަހަރެންގެ ފާފަތަކަށް ތައުބާވެ، ﷲ ގެ ޙަޟްރަތަށް ރުޖޫޢަވުމަށް ޢަޒުމް ކަނޑައަޅައިފީމެވެ.“ މަލީކް ބިން ދީނާރު ބުންޏެވެ. ”ތިބާގެ ތިޔަ ކަންތައް ވަނީ ﷲ ގެ ޙަޟްރަތުގައެވެ.“

އޭނާއަށް ﷲ އާއި ދެމެދު ވެވުނު ޢަހްދުގެ މައްޗަށް ތަޤްވާވެރި މީހެއްގެ ގޮތުގައި ޙަޔާތުގެ ދުވަސްތައް ވޭތުކުރަމުން ދިޔައެވެ. އެހެން އުޅެނިކޮށް އޭނާގެ ވައްކަން ކުރި ޙަޔާތުގެ އެކުވެރިއަކާ ދިމާވެގެން އެމީހާ އޭނާއާއި ސުވާލު ކުރިއެވެ. ”ކޮބާ ޚަޒާނާއެއް ލިބިއްޖެތަ؟“ އޭނާ ޖަވާބުގައި ބުންޏެވެ. ”އަޚާ، އަހަންނަށް ލިބުނީ ’މާލިކް ބިން ދީނާރު‘ އެވެ. އަހަރެން އެގެއަށް ވަނީ ވައްކަން ކުރާށެވެ. އެކަމަކު އަހަރެންގެ ހިތް ވަގަށް ނެގީ އޭނާއެވެ. އަހަރެން ﷲ އަށް ތައުބާ ވެއްޖެއީމެވެ. އަދި މިގޮތުގައި ޞާލިޙް މީހުން ޙާޞިލް ކުރި މަޤާމުތައް ޙާޞިލުވަންދެން އިރާދަކުރެއްވިއްޔާ ދެމިހުންނާނަމެވެ.“

އަޞްލު: މުޙައްމަދު ޢަބްދުލް މުޣައްވިރީގެ ފޮތް ’ ތައުބާގެ ވާހަކަތައް‘
__________________
www.dheen.info

Read more...

30 March 2012

ﷲ އާއި އެއިލާހުގެ ރަސޫލާއަށް ޖެއްސުން ކުރުމަށް ނޫޅޭށެވެ


އަލްއަޚް އާދަމް ނިޝާން އަލްމާލްދީފީ
ﷲ ތަޢާލާ އިންސާނާ މިބިންމަތީގައި ލައްވަވާފައިވަނީީ އެއިލާހު ކަނޑައަޅުއްވާފައިވާާ ޤާނުނެއްގެ ދަށުން މިބިންމަތީގައި ދިރިއުޅެ މިތަން އާރާސްތު ކުރުމަށެވެ. އެއިލާހުގެ ޕްލޭނާއިގެން ކަންތައްތައް ކުރަންވީގޮތް އުނގަންނައި ދިނުމަށް ވަޑައިގަތީ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އެވެ.

އެހެންކަމުން ﷲ އާއި އެއިލާހުގެ އަމުރުފުޅުތަކަށް ކިޔަމަންވުން ނޫން ގޮތެއް އިންސާނާއަކަށް ނެތެވެ. އެއީ ކޮންމެ ޒަމާނެއްކަމުގައި ވިޔަސްމެއެވެ. ޒަމާންތައްވެސް ލެއްވެވީ ކީރިތި ވަންތަ ﷲ އެވެ. އެއިލާހު ޢަޞްރު ސޫރަތުގައި ވަޙީ ކުރައްވާފައި ވެއެވެ.

"وَالْعَصْرِ" (العصر:1)
"ޒަމާން ގަން ދެއްވަމެވެ."

"إِنَّ الأِنْسَانَ لَفِي خُسْرٍ" (العصر:2)
"ހަމަކަށަވަރުން އިންސާނާވަނީ ގެއްލުމާއި ހަލާކެއްގެ ތެރޭގައިކަން ކަށަވަރެވެ."

"إِلاّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ" (العصر:3)
"އެއީ އީމާންވެ، ޞާލިޙް ޢަމަލުކޮށް، ޙައްޤަށް ވަޞިއްޔަތްކޮށް އަދި ކެތްތެރިވުމަށް ވަޞިއްޔަތް ކުރި މީހުން މެނުވީއެވެ."

މިސޫރަތުގައި ﷲ ތަޢާލާ މިވަނީ، މިއީ ރަސޫލު ޒަމާނެއް ނޫނޭ ނުވަތަ އެކަލޭގެފާނު ގެންނެވި ކަންތައްތަކަކީ މާކުރީގެ ކަންތައްތަކޭޭ ބުނެ ދީނުގެ ކަންތައްތައް ދޫކޮށްލާމީހުނަށް ވަރަށް ވަރުގަދަ ރައްދެއް ދެއްވާފައެވެ. އަދި އެފަދަ ބަޔަކު ވާނީ ގެއްލުމާއި ހަލާކު ލިބިގެންވާ ބައެއްކަމުގައިކަން މިސޫރަތުގެ ދެވަނަ އާޔަތުން ވަރަށް ސާފުކޮށް ދަލީލު ކޮށްދެއެވެ.

ހިތާމައަކީ ޤުރުއާނާއި ސުންނަތް އަޅުގަނޑުމެންގެ އަތްމަތީގައި ސާފުކޮށް ފެންނަން އޮއްވާވެސް، ތިމާ ބޭނުން ގޮތެއް ޚިޔާރު ކޮށް އެގޮތަކީ ރަނގަޅު ގޮތްކަމުގައި ހެދުމަށް މަސައްކަތް ކުރާކަމެވެ.

ޙަޤީޤަތަކީ ދީނީ ކަންތައްތަކަށް ފުރައްސާރަކޮށް މަލާމަތް ކުރާ މީހުންނަށްވެސް ޚުދު އެމީހުން އެތިބީ ޙައްޤުގައި ނޫންކަން އެނގޭކަމެވެ. އަދި އެގޮތުގައި ތިބެ މަރުވެއްޖެއްޔާ ސަލާމަތްކަމެއް ނެތްކަންވެސް ދަނެތެވެ. އެހެންނަމަވެސް ޝައިޠާނާ ބޮލަށް ސަވާރު ވެފައިވާލެއް ބޮޑުކަމުން ޙައްޤަށްވުރެ ބާޠިލްގޮތް ރީތިވެފައި ވަނީ އެވެ.

ވިސްނާލާށެވެ. އަޅުގަނޑުމެންގެ ޢަމަލުތައް މިހުންނަނީ ކޮންމެ ކަމެއްގައިވެސް ﷲ އާއި އެއިލާހުގެ ރަސޫލާގެ އަމުރުފުޅު ތަކާއި ޚިލާފަށެވެ. ﷲ ތަޢާލާ ނަމާދު ފަރުޟު ކުރައްވައި، ފަސް ވަޤުތު ނާޅައި ނަމާދު ކުރުމަށް އަމުރު ކުރައްވާފައިވެއެވެ. ނަމާދު ކުރަން އަމުރު ކުރެއްވާފައިވީތީ އެނަމާދުތައް އަޅަނީއެވެ. މައިން ބަފައިންނަށް ހެޔޮކޮށް ހިތުމަށް އަމުރު ކުރައްވާފައިވާއިރު އެމީހުންނާއިމެދު ކަންތައް ކުރަނީ ހިތުހުރި ގޮތަކަށެވެ. ޢައުރަ ނިވާ ކުރަން އަމުރު ކުރައްވާފައިވާއިރު ހެދުން މިއަޅަނީ ހިތު ހުރި ގޮތަކަށެވެ. އައުރަ ގުނަވަނުގެ ވަށައިގެންވާ އިސްތަށިތައް ބާލައި ސާފުވުމަށް އަމުރު ކުރައްވާފައިވާއިރު އިސްތަށިތައް ނުބާލައި ދޫކޮށްލަނީއެވެ. ކިހިލަފަތްދަށުގެ އިސްތަށިތަށް އުފުރުމަށް އަންގަވާފައިވާއިރު އެވެސް ނުއުފުރައި ނުވަތަ ނުބާލައި ދޫކޮށްލަނީއެވެ. މަތިމަސް ކުރު ކުރުމަށް އަމުރުކޮށްފައި ވުމުން މަތިމަސް ދިގުކޮށްލަނީއެވެ. ތުނބުޅި ނުބާލައި އެދޫކޮށްލުމަކީ ވާޖިބަކަށްވާއިރު ތުނބުޅިތައް ބާލައި އޮފް ކޮށްލަނީއެވެ. ފިރިހެނާ ތިރީން އަންނަ ފޮށާ ނުވަތަ މުންޑު ނުވަތަ ފަޓްލޫނުވިޔަސް ފައިކުރިއަށްވުރެ ދިގުކޮށް ނުބެހެއްޓުމަށް އަމުރު ކުރައްވާފައިވާއިރު ފައިދަށަށް ދާވަރަށް އެވެސް ދޫކޮށްލަނީއެވެ. މިނޫނަސް ދެންހަމަ ހުރިހާ ކަމެއްވިޔަސް ކުރަމުން މިދަނީ ދީނުގައި ކަނޑައެޅިގެން އަންގަވާފައިވާ ގޮތާއި ދިމާ އިދިކޮޅަށެވެ.

ކަމެއް ކުރުމަށް އަމުރު ކުރުމުން އެކަމެއް ނުކޮށް ދޫކޮށްލައި، ކަމެއް ނަހީކޮށް މަނާ ކުރުމުން އެކަމަކަށް އަރައިގަތުމަކީ ފަހެ މިއީ ޖެއްސުން ކުރުމަށް އުޅެމީހުންގެ ފާޑެއް ނޫންތޯއެވެ؟ އެހެންވީމައި ތިބާއަށް ތިއުޅެވެނީ ރަނގަޅަށްތޯ ތިބާގެ އަމިއްލަ ނަފްސާއި ސުވާލު ކޮށްލައްވާށެވެ. އިމާމް ޝާފިޢީ (ރަހިމަހުﷲ) އެކަލޭގެފާނުގެ ޅެން ބައިތެއްގައި ވިދާޅުވެފައި ވެއެވެ.

تعصي الإله وأنت تظهر حبه- هذا محال في القياس بديع
لو كان حبك صادقا لأطعته- إن المحب لمن يحب مطيع
މާނައަކީ: "ތިބާ الله އަށް އުރެދޭ ޙާލު އެއިލާހަށް ލޯބިވާކަމަށް ފާޅުކުރަނީ ހެއްޔެވެ. ޤިޔާސީގޮތުން (އަޅާކިޔުމުގެ ގޮތުން) އެއީ ހަމަ އެއްގޮތަކަށްވެސް ދިމާވާނޭ ކަމެއްނޫނެވެ. އަދި ތިޔައީ މުޅިން އައު އަދި މުސްތަޙީލު ކަމެކެވެ. ތިބާ ތިޔަވާ ލޯތްބަކީ ޙަޤީޤީ ލޯބިކަމުގައި ވާނަމަ، ތިބާ އެއިލާހަށް ކިޔަމަންތެރިވެ ތަބާވީހެވެ. ހަމަކަށަވަރުން ލޯބިވާ މީހަކުވަނީ އެމީހަކު އެލޯބިވީ މީހަކަށް ކިޔަމަންތެރިވެ ތަބާވާ މީހެއް ކަމުގައެވެ."
__________________
www.dheenee-news.com

Read more...

26 March 2012

ޣައިބަށް އީމާންވުމަކީ ބުއްދީގެގޮތުން ޤަބޫލުކުރެވޭ ކަމެއް

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
ޣައިބަށް އީމާންވުމަކީ ބުއްދިއާއި މިޒަމާނުގެ ޢިލްމީ ހޯދުންތަކުގެ އަލީގައި ޤަބޫލުކުރަންޖެހޭ ޙަޤީޤަތެކެވެ. ސަބަބަކީ ލޮލުގެ ފެނުން ދަށްކަމުން ހަމަލޮލަށް ނުފެންނަ ތަކެތި ވަޞީލަތްތަކެއްގެ ޛަރީއާއިން ފެނިދެއެވެ.

އަދި އެއްގޮތަކަށްވެސް ނުފެންނަ ތަކެތި އެތަކެތީގެ އަސަރުތަކުން މިއަދު ސައިންސުވެރިންވަނީ ދެނެގަނެފައެވެ. ދަގަތްފާނުގައި ދަގަނޑު ތަތްލަވައެވެ. އެއަށް ދަމާބާރެއް ހުންނަކަން ހާމަވަނީ މިގޮތުންނެވެ. ބިމުގައި ހުރިހާއެއްޗެއް ހަރުލާފައިވުމާއި، މައްޗަށް އެއްލާތަކެތި ބިމަށް ވެއްޓުމުން ބިމަށް ދަމާ ގުރެވިޓީ ފޯސްއެއްއްވާކަން ދޭހަވެއެވެ. އަދި ހަމަ އެހެންމެ ރިހުމުގެ އަސަރުތަކާއި، ލޯތްބާއި، ކުލުނު އޭގެ އަސަރުތަކުން ދެނެގަނެވޭއިރު ޣައިބުގައި ބާރުވެރި އިލާހަކު ވާކަން މި ދުނިޔޭގައިވާ ކޮންމެ އެއްޗަކުން ދޭހަވެއެވެ. އަދި ހަމައެހެންމެ ބަލާލި ކޮންމެ ދިމާއަކުންވެސް މިކަން ވަރަށް ރަނގަޅަށް ދޭހަވެއެވެ. މިކަންކަމަށް ފުންކޮށް ވިސްނާލުމުން އެތަކެތި އުފެއްދެވި ފަރާތުގެ ކުޅަދުންވަންތަކަމާއި ހައިބަވަންތަކަން ހިތަށް ވަދެގެންދެއެވެ. އަދި އެއިލާހު އަހަރެމެންގެ ހަމަލޮލަށް ނުފެނުނުކަމުގައި ވިޔަސް އެއިލާހަށް އީމާންވުމަކީ ލާޒިމުކަމެއް ކަމުގެ ޝުޢޫރު ހިތުގައި ހިނގައެވެ. އަދި ޣައިބަކީ ޙަޤީޤަތެއްކަން ޤަބޫލުކުރުމަށް މަޖުބޫރުވެއެވެ.

މާތް ﷲ ވަޙީކުރައްވާފައިވެއެވެ.
أَمْ خُلِقُوا مِنْ غَيْرِ شَيْءٍ أَمْ هُمُ الْخَالِقُونَ ﴿ الطور٣٥﴾
މާނައީ: "އަދި ކިއެއްތަ! ހެއްދެވިފަރާތެއްނެތި އެއުރެން ހެދިގަތީހެއްޔެވެ؟ ނުވަތަ ހެއްދެވި ފަރާތްތަކަކީ، އެއުރެން ހެއްޔެވެ؟"

Read more...

23 March 2012

ތައުޙީދުލް އަސްމާއި ވައްޞިފާތި


އައްޝައިޚް އަބޫބަކްރު އިބްރާހިމް ޢަލީ
ތައުޙީދުލް އަސްމާއި ވައްޞިފާތި އަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ނަން ފުޅުތަކާއި ސިފަފުޅު ތަކުގައި އެއްކައުވަންތަ ކުރުމެވެ. އެބަހީ؛ ކީރިތި ޤުރުއާނުންނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދޫފުޅުން އެނގި ބަޔާން ވެގެންވާ ﷲ ގެ އެންމެހައި ނަންފުޅުތަކާއި ސިފަފުޅުތައް އެއިލާހުގެ ޒާތުފުޅާއި ލާއިޤުވެގެންވާ ގޮތުގެ މަތީން އެއްވެސް ތަޙްރީފެއް ނުކޮށް ތަޢްޠީލެއް ނުކޮށް އަދި ތަކްޔީފެއްވެސް ނުކޮށް އެއިލާހަށް އެކަނި ހުރި ކަމުގައި ޤަބޫލުކޮށް ސާބިތު ކުރުމެވެ.

އަދި، އެއިލާހުގެ އެންމެހައި ނަންފުޅުތަކާއި ސިފަފުޅުތައް އެއިލާހު ހެއްދެވި މަޚްލޫޤުންގެ ނަންތަކާއި، ސިފަތަކާއި ތަފާތުވެގެންވާ ކަމުގައި ޔަޤީންކޮށް ކަށަވަރު ކުރުމެވެ. އަދި އެއިލާހަށް އެންމެ ރިވެތި ނަންފުޅުތަކާއި ސިފަފުޅުތައް ވާކަމުގައި ޤަބޫލްކޮށް އީމާންވުމެވެ.
ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

وَلِلَّهِ الأَسْمَاءُ الْحُسْنَى فَادْعُوهُ بِهَا (الاعراف 180)
މާނައީ: "ﷲއަށް އެންމެ ހެއުވެގެންވާ ނަން ފުޅުތައް ވެއެވެ. އެއިން އެއިލާހު އަށް ތިޔަބައިމީހުން ދުޢާ ކުރާށެވެ."

އަދި އެހެން އާޔަތެއްގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
وَاللَّهُ يُحِبُّ الصَّابِرِينَ (آل عمران 146)
މާނައީ: "ކެތްތެރިންނަށް ﷲ ލޯބި ވޮޑިގެން ވެއެވެ"

މި އާޔަތުން މިބަޔާން ކޮށްދެނީ ﷲ ސުބްޙާނަހޫ ވަތަޢާލާ ލޯބިވެވޮޑިގެންވާ ކަމުގެ ސިފަފުޅެވެ. މިފަދަ ކިތަންމެ ސިފަފުޅެއް އެއިލާހުގެ ޛާތުފުޅަށް ސާބިތު ވެގެންވެއެވެ.

ملاحظة:
ތަޙްރީފް ކުރުމަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ނަންފުޅުތަކާއި ސިފަފުޅުތައް ބަދަލުކޮށް ހެދުމެވެ. މިޘާލަކަށް العزيز (އަލްޢަޒީޒް)ގެ ބަދަލުގައި عزى (ޢުއްޒާ) ކިޔުން ފަދަ ކަންކަމެވެ.

ތަޢްޠީލްކުރުމަކީ، ﷲ ސުބްޙާނަހޫ ވަތަޢާލާގެ ސިފަފުޅުތައް ނަފީ ކުރުމެވެ. އެބަހީ؛ އެއިލާހަށް އެއްވެސް ސިފަފުޅެއް ނުވާ ކަމުގައި ބެލުމެވެ. ނުވަތަ ބައެއް ސިފަފުޅު ޘާބިތުކޮށް އަނެއްބައި ސިފަފުޅަށް އިންކާރު ކުރުމެވެ.

ތަކްޔީފް ކުރުމަކީ ވައްތަރުކޮށް ތަޝްބީހްކުރުމެވެ. އެބަހީ؛ ﷲ ސުބްޙާނަހޫ ވަތަޢާލާއާއި އެހެނިހެން މަޚްލޫގުންނާއި އެއްސިފަ ކުރުމެވެ. ނުވަތަ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ސިފަފުޅުތަކާއި އެހެން މަޚްލޫޤެއްގެ ސިފައަކާއި އެއްވައްތަރު ކުރުމެވެ.


ސުވާލު:
(1) ތައުޙީދުލް އަސްމާއި ވައްޞިފާތިއަކީ ކޮބައި ހެއްޔެވެ؟
(2) ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ނަންފުޅާއި ސިފަފުޅުވޭ ހެއްޔެވެ؟
(3) ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ނަންފުޅާއި ސިފަފުޅު ވާކަމުގެ ދަލީލް ބަޔާންކުރޭ!
(4) ތަޙްރީފްކުރުމާއި ތަޢްޠީލްކުރުމާއި ތަކްޔީފްކުރުން ބަޔާން ކުރޭ!

އައްޝައިޚް އަބޫބަކްރު އިބްރާހިމް ޢަލީ ލިޔުއްވާފައިވާ "ރިސާލަތުއް ތައުޙީދި" ފޮތުން ނަގާފައި

Read more...

ދަރުސް


ދަރުސްތައް އެއްކޮށްލުމެއް
އައްޝައިޚް އަހްމަދު ސަމީރު ބިން އިބްރާހިމް
1- ހެޔޮކަންތައްތައް ކުރަންޖެހެނީ ކީއްވެ؟
2- ހެނދުނާއި ހަވީރުގެ ޛިކްރުތައް ކިޔުން
3- ތައުޙީދާއި ޝިރުކު އަދި ސުވާލާއި ޖަވާބު
4- ޢަރަފާތްދުވަހުގެ ދަރުސް 1432
5- ޝަރުޢީ ޢުޛުރަކާލައިގެން މުޒްދަލިފާގައި ރޭނުކުރެވުން
6- ސުވަރުގެއަށް ވާ މަގުތަކާއި ނަރަކައަށް ވާ މަގުތައް 1
7- ސުވަރުގެއަށް ވާ މަގުތަކާއި ނަރަކައަށް ވާ މަގުތައް 2
8- ސުވަރުގެއަށް ވާ މަގުތަކާއި ނަރަކައަށް ވާ މަގުތައް 3
9- ސުވާލާއި ޖަވާބު
10- މައިންބަފައިންނަށް އިޙްސާންތެރިކޮށް ހިތުން
11- ސުވާލާއި ޖަވާބު

އައްޝައިޚް އިލްޔާސް ޙުސައިން
1- ނަމާދު
2- މުއުމިނުންގެ އަޚްލާޤު
3- މައިންބަފައިންނަށް ކަމޭހިތުން
4- ކިޔަވާކުދިންނަށް
5- އިސްލާމްދީނުގައި އަންހެނުންގެ މަޤާމް
6- ޤުރުއާނުގެ އަހައްމިއްޔަތު
7- މައިންބަފައިންނަށް އިޙްސާންތެރިވުމުގެ މުހިއްމުކަން
8- އަސްތަޣްފާރު ކުރުމުގެ މުހިއްމުކަން
9- އަޚްވަންތަކަން
10- އަނިޔާވެރިކަން
11- ރަސޫލާއަށް ފުރިހަމަގޮތުގައި ތަބާވުން
12- ސޫރަތުއް ތަކާޘުރުގެ ތަފްސީރު 1
13- ސޫރަތުއް ތަކާޘުރުގެ ތަފްސީރު 2
14- ﷲ އަށް ތަޤްވާވެރިވުން
15- ސޫރަތުލްޤަމަރުގެ ތަފްސީރުން ބައެއް
16- ރިވެތި އަޚްލާޤުގެ މުހިއްމުކަން
17- ދުނިޔޭގައި ދަތުރުވެރިއެއް ފަދައިން ވާށެވެ

އަލްއަޚް އާދަމް ނިޝާން
1- އިސްލާމްދީނުގައި ނަމާދުގެ މުހިއްމުކަން 1
2- އިސްލާމްދީނުގައި ނަމާދުގެ މުހިއްމުކަން 2
3- ދިވެހި ތާރީޚުގައި ފެންނަންހުރި ދީނީ ކަންކަން
4- މިސްކިތުގެ ޖަމާޢަތާއި ހުކުރު
5- ޙައްޖުން ލިބޭ ފިލާވަޅުތައް

އަލްއަޚް މުޙައްމަދު ޝަމްޢޫން
1- އީމާންތެރިކަމާއި ކެތްތެރިކަން
2- ތަޤްވާވެރިވުމާއި އޭގެ ނަމޫނާ

Read more...

ފިކުރީ ހަނގުރާމަ މިއަދު ކުރެވޭ ގޮތްތައް

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދުލްޣަފޫރު
الحمد لله والصلاة والسلام على رسول الله
ހަރުދަނާ ޢަޤީދާގެ ވެރި މުސްލިމުން ކަނޑި ބަޑިން ބަލިނުކުރެވުމުގެ ސަބަބުން މުސްލިމުން ބަލިކަށިކުރުމަށްޓަކައި ދެން ހަނގުރާމަފެށީ ފިކުރީގޮތުން މުސްލިމުންނާ ހަނގުރާމަކޮށް އިސްލާމީ ޢަޤީދާއާ މުސްލިމުން ދުރުހެލިކުރުމަށެވެ.

ފިކުރީ ހަނގުރާމަ ކުރެވެނީ ރޭވިފައިވާ ޕްލޭންތަކަކާ އެއްގޮތަށެވެ. މިކަމަށް ޚާއްޞަ ޢިލްމުވެރިންނާ ސްޕެޝަލައިޒް ވެފައިވާ ފަރާތްތަކުން މަސައްކަތް ކުރަމުން ގެންދެއެވެ. މިގޮތުން ޚާއްޞަ ބަޔަކު ތައްޔާރުކޮށް ދުލާއި ޤަލަމާއި މީޑިއާގެ ތަފާތު ވަސީލަތްތަކުގެ އެހީއާއެކު މިރޭވުންތަކަށް ޢަމަލީ ސިފަ ގެނެވުނެވެ. މިގޮތުން ނެރެވޭ ނޫސްމަޖައްލާތަކާއި، ފޮނުވޭ ތަފާތު ޕްރޮގްރާމްތަކަކީ މިކަމަށްޓަކައި މިއަދު ކުރެވޭ މަސައްކަތް ތަކެވެ. މިބައިމީހުންގެ ޚިޔާލުގައި އިސްލާމްދީނަށް ރައްދު ޙަމަލާނުދެވޭ ޚިޔާލެއް އުފެދިގެން ނުވާނެއެވެ. މިހެންވެ ފަރަންސޭސި ބޭފުޅެއް ކަމުގައިވާ ކޭމަން ވިދާޅު ވަނީ "އިސްލާމްދީނަކީ ބަލިމަޑު ކަމެކެވެ. ނުވަތަ މޮޔަވުމެކެވެ. އޭގެ ސަބަބުން މީސްތަކުން ކަންނެތް ކުރާ ކަމެކެވެ." މިބައިމީހުންގެ ހިތުގައި އިސްލާމްދީނާމެދު ރޯވެފައިވާ ނަފުރަތުގެ އަލިފާންގަނޑުގެ ހޫނުކަން މިފަދަ ބުނުންތަކުން ކިތަންމެ ރަނގަޅަކަށްވެސް ދޭހަވެއެވެ.

ކީރިތި ޤުރުއާނުގެ އަގުވައްޓާލުމަކީވެސް ފިކުރީ ހަނގުރާމައިގެ އެއްމެ މުހިއްމު އެއްމަޤްޞަދެވެ. މިގޮތުން ކީރިތި ޤުރުއާނަކީ ﷲ ގެ ކަލާމްފުޅު ނޫންކަމާއި ކީރިތި ރަސޫލާ އަމިއްލަފުޅަށް ލިޔުއްވާފައިވާ އެއްޗެއްކަމަށް އެބައިމީހުން ބުނެ އުޅެއެވެ. އަދި ކީރިތި ޤުރުއާނުގައި ހިމެނޭ ބައެއް އާޔަތްތައް ނަގައިގެން ކީރިތި ޤުރުއާނަކީ ވަކިކަމަކަށް ހިތްވަރުދޭ ފޮތެއްކަމަށާއި އެއީ މިއަދުގެ މުޖްތަމަޢާ އެކަށީގެންވާ ޤާނޫނުތަކާއި ޤަވާޢިދުތަކެއް ހުރި ފޮތެއް ނޫންކަން މުސްލިމް ސިކުނޑިތަކަށް ވައްދައިދިނުމަށްޓަކައި އެކި އެކި ވަޞީލަތްތަކުގެ ބޭނުންކޮށްގެން އެބައިމީހުންނަށް ކުރެވުނުހައި ކަމެއް ދަނީ ކުރަމުންނެވެ.

އަދިހަމަ އެފަދައިން ކީރތިރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޠާހިރު ސުންނަތާމެދު މުސްލިމުން ދެކޭގޮތް ބަދަލު ކޮށްލަންވެސް މަސައްކަތް ކުރެއެވެ. ގޯލްޑްޒޭރު ކިޔާ މީހަކު ލިޔެފައިވާ ގޮތުގައި "ޙަދީޘޭ މިކިޔެނީ ހިޖުރީގޮތުން ފުރަތަމަ ޤަރުނުގައި ހިނގާފައިވާ ދީނީ ޖަދަލުތަކެއްގެ މައްޗަށް އެކުލަވާފައިވާ ފަތްފުށް ތަކަކަށެވެ. އެހެންވީމާ، އޭގައި ތާރީޚީ ކުށްތައް ގިނަވެފައި ނުބައި މަޢުލޫމާތު ގިނަކަން ފާހަގަ ކުރެވެއެވެ." މިހުރީ މުސްލިމުންގެ ޝަރީޢަތުގެ އެއްމަޞްދަރާމެދު މުސްލިމުންގެ ހިތުގައި ޝައްކު އުފެއްދުމަށްޓަކައި ފަތުރާ ބުހުތާނުތަކެވެ.

ފިކުރީ ހަނގުރާމައިގެ އަހުލުވެރިން އެންމެ ރުޅިއަންނަނީ އިސްލާމްދީން ފުރިހަމަކަމާއެކު ތަބްލީޣްކޮށްދެއްވި އަޅުގަނޑުމެން މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަދެކެއެވެ. ފާޑުކިޔުމާއި ފުރައްސާރަކުރުމުގެ ވިހަ ތީރުތައް އެންމެ ގިނައިން އަމާޒުވަނީ އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށެވެ. އެކަލޭގެފާނަށާއި އެކަލޭގެފާނު ގެނެސްދެއްވި ތަކެއްޗަށް މުސްލިމުން ކުރާ މަތިވެރި ޤަދަރާއި އިޙްތިރާމް ނެތިކޮށްލުމަށްޓަކައި އެކަލޭގެފާނުގެ މާތް ސީރަތާ އަދި ޞައްޙަ ޙަދީޘްތައް އޭގެ މަފްހޫމުން ބޭރުގައި އެބައިމީހުން ބޭނުންގޮތަކަށް މާނަކޮށް މުސްލިމުންގެ ސިކުނޑިތަކުގައި އެކަލޭގެފާނާ އެކަލޭގެފާނު ގެންނެވި ތަކެއްޗާމެދު ޝައްކު އުފެއްދުމަށްޓަކައި ކެނޑިނޭޅިދަނީ އެތައް މަސައްކަތްތަކެއް ކުރެވެމުންނެވެ. އެގޮތުން އެކަލޭގެފާނަކީ އެކަލޭގެފާނާ ދެކޮޅުވިހާ ބަޔަކު ޤަތުލު ކުރެއްވި ބޭކަލެއްކަމުގައި ލިޔެފައިވެއެވެ. މިފަދަ ގޮތަކަށް ކީރިތި ރަސޫލާގެ ޝަޚްޞިއްޔަތާމެދު ލިޔެފައިވާ މީހުންގެ ތެރޭގައި ވިލިއަމް މޮރޯ، ހެންރީ ލޭމްސް، އަލްފްރެޑް ޖިމް، ގޯލްޑް ޒޭރު ފަދަ މީހުން ހިމެނެއެވެ.

ޣައިބަށް އިންކާރު ކުރުމަށް ގޮވާލުމަކީވެސް ފިކުރީ ހަނގުރާމައިގައި ބޭނުންކުރާ ކަމެކެވެ. އެހެންވީމާ، ސުވަރުގެއާއި ނަރަކައަކީ ނަފްސުގައި އުފެދޭ ޝުޢޫރެއްކަމަށް ބުނެ އެކަން އެގޮތަށް ޤަބޫލު ކުރުވުމަށް މަސައްކަތް ކޮށްފައި ވެއެވެ. ޖިންނީންނާއި މަލާއިކަތުންނަކީ ވާބައެއް ނޫންކަމަށާއި ޤިޔާމަތްދުވަހަކީ އޮތް ދުވަހެއް ނޫންކަން ވިސްނަދީގެން ޣައިބަށް އީމާންވުން ޤަބޫލުނުކުރާ ބަޔަކަށް މުސްލިމުން ހެދުމަށްޓަކައި ފިކުރީ ހަނގުރާމައިގެ ކުޑައިގެ ދަށުގައި މަސައްކަތްކުރެވެއެވެ.

އަޅުގަނޑުމެން އަޅުގަނޑުމެންގެ ނަފްސުތަކާމެދު ވިސްނާލުން ހުއްޓެވެ! ފިކުރީ ހަނގުރާމަ މަސައްކަތްކުރާ ގޮތް ދެނެގަންނަން އެބަޖެހެއެވެ. ފިކުރީ ހަނގުރާމައިގައި މަސައްކަތް ކުރަނީ އަހަރެމެން ޤަބޫލުކުރާ ޤަބޫލުކުރަންތަކާއި ދެންގަންނަންޖެހޭ ދެނެގަތުންތަކާމެދު ޝައްކު އުފެއްދުމަށް ކަމަށް ޤަބޫލުކުރަން އެބަޖެހެއެވެ. މިކަމަށްޓަކައި ކުރެވޭ ވަރަށް ގިނަ ކަންތައްތަކެއް ވެއެވެ. މިސާލަކަށް:
- ތަކްލީފުތައް ދޫކޮށްލުމަށް ގޮވާލުން.
- ނޭޗަރއަށް އަޅުކަން ކުރުމަށް ގޮވާލުން.
- އެއްކައުވަންތަ ކަމަށް އިންކާރުކުރާ މާއްދީ ނަޒަރިއްޔާތު ހުށަހެޅުން.
- އިސްލާމީ ޝަޚްޞިއްޔަތު ރޫޅާލާފަދަ ކަންކަމަށް ދަޢުވަތު ދިނުމާ ރޫޙު ގެނައުމަށް މަސައްކަތް ކުރުމާއި، އިސްލާމްދީން ފެތުރެނީ ކަނޑީގެ ބާރުން ކަމަށް ބުނުމާއި، ލާދީނީ ފިކުރުތަކަށް ހިތްވަރު ދިނުމާއި، އިސްލާމް ދީނާމެދު ދޮގުވާހަކަތައް ފެތުރުމާއި، ޢާއިލީ ގުޅުމާ ފަރުދީ ގުޅުމަށް އިސްލާމްދީނުގެ ސަބަބުން ނޭދެވޭ އަސަރު ކުރާކަމަށް ބުނުންފަދަ ކަންތައްތައް.

އިޖްތިމާޢީ ޙަޔާތަށް ބަލާއިރު މީސްތަކުންގެ ދީނާ އާދަކާދަ އަދި ފިކުރުތައް ބަދަލު ކުރުމަށްޓަކައި ފިކުރީ ހަނގުރާމައިގައި އިޖްތިމާޢީ ތަޞައްވުރުތައް ސިޔާސީ ބޭނުންތަކުގެ ނަމުގައި އެކުލަވާލާފައިވެއެވެ. މިގޮތުން އަންހެނުންގެ ޙައްޤުތައް ހޯދައިދިނުމާއި، އިންސާނީ ޙައްޤުތައް ހޯދައިދިނުމާއި، އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ޙައްދުތަކާމެދު ފާޑުކިޔުމާއި، ޤިޞާޞްހިފުމާ ދެކޮޅުހެދުމާއި، ތަޢުލީމީ މަންހަޖަކީ ފިކުރީ ހަނގުރާމައިގެން "އެޖެންޓުން" ކޮށާމަށާފައިވާ މަންހަޖަށް ހެދުމާއި، އިސްލާމްދީނަކީ އެދީނުގެ ބައެއްކަންތައްތަކަށް ތަބާވަންޖެހޭ ދީނަކަށް ހެދުމާއި، އިޤްތިޞާދީ ނިޠާމް ރިބާއާއި ރަލުގެ މައްޗަށް ބިނާކުރުމާއި، މަސްތުވާތަކެއްޗާއި ކުށްވެރިންނަށް އެހީވުމުގެ މާޙައުލެއް އުފެއްދުމާއި އެކަމުގެ ސަބަބުން ޢާއިލާތައް ރޫޅި، ކުށްކުރުން ގިނަވެ މުޖްތަމަޢުގެ އަމާންކަން ގެއްލުވާލުމާއި، ޤައުމުގެ ޢާއްމުންނަކީ ސިޔާސީ މީހުން އެބައިމީހުންގެ ސިޔާސީ މަޤްޞަދުތައް ޙާޞިލްކުރުމަށް ގެންގުޅޭ ހަތިޔާރަކަށް ހެދުމާއި، ޑިމޮކްރަސީގެ ނަމުގައި ލާދީނިއްޔަތު ފެތުރުމަކީ މިއަދު ފިކުރީ ހަނގުރާމައިގެ އޮއިވަރު ދިވެހިރާއްޖޭގައި އޮތްވަރު ހާމަކޮށްދޭ ބައެއް ކަންކަމެވެ.

ފިކުރީ ހަނގުރާމައިގެ އެންމެ ނުރައްކާތެރިކަމަކީ ފިކުރީ ހަނގުރާމައިގެ އަވާގައި ޖެހި ހަފުސްވެފައިވާ މީހަކަށްވެސް އެމީހާ އެހުރީ ފިކުރީ ހަނގުރާމައިގެ ޝިކާރައަކަށް ވެފައިކަން ޤަބޫލުނުކުރެވުމެވެ. މިއަދު ވަޞީލަތްތައް ކުރިއަރާފައިވާ މިންވަރުން ފިކުރީ ހަނގުރާމަ ދިވެހިންގެ ބޮލަށް ވެއްދުމަށްޓަކައި ކޮންމެހެން ދިވެހި ދަރިޔަކު އެމެރިކާއަށް ނުވަތަ އިނގިރޭސި ވިލާތަށް ގެންދާކަށް ނުޖެހެއެވެ. ގޭގެ ސިޓިންރޫމްގައި ސޯފާގައި އިންދާ ދިވެހި ސިކުނޑިތަކަށް މިއަދު އެފަދަ ވައިރަސްތައް އެބަ ވައްދައެވެ. ފިލްމުތަކާއި ޓީވީ ޗެނަލްތަކާއި އިންޓަރނެޓްގެ ޛަރީޢާއިންނެވެ. އަޅުގަނޑުމެންގެ ޅަދަރީންގެ ތަރުބިއްޔަތުގެ ވަރަށް ބޮޑު ރޯލެއް އަދާކުރަނީ މިފަދަ ޗެނަލުތަކެވެ. ކާރޓޫނާއި ގޭމްތަކުގެ ނަމުގައެވެ. މިފަދަ ތަރުބިއްޔަތެއް ލިބިގެން ބޮޑެތިވާ ދަރީންގެ އިސްލާމީ ޢަޤީދާ ކިހާ ފެންވަރެއްގައި ހުންނާނޭކަން ތަޞައްވަރު ކޮށްލައްވާށެވެ!

ފިކުރީ ހަނގުރާމަ މުޖްތަމަޢުން ނައްތާލެވޭނީ ފިކުރީ ހަނގުރާމަ ކުރެވޭ ގޮތްތައް ދެނެގަނެވިގެންނެވެ. އަދި މިކަންތައްތަކުގެ ނުރައްކާތެރިކަން ރައްޔިތުންނަށް ވިސްނަދީގެންނެވެ. އަމިއްލަ ނަފްސު ފިކުރީ ހަނގުރާމައިގެ އޮއިވަރުން ރައްކާތެރިކުރުމަށް މަސައްކަތްކުރުމާއެކު ތިމާގެ ލޯބިވާ ޢާއިލާވެސް މި ނުރައްކާތެރި ފިކުރުގެ ނުބައިކަމުން ސަލާމަތްކުރުމަށް މަސައްކަތްކޮށްގެންނެވެ.

رَبَّنَا لاَ تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً إِنَّكَ أَنتَ الْوَهَّابُ (آل عمران8)
"އަޅަމެން ހައްދަވާ ގެންގުޅުއްވާ އިލާހު! އަޅަމެންނަށް ތެދުމަގު ދައްކަވައިފުމަށްފަހުގައި، އަޅަމެންގެ ހިތްތައް ޙައްޤުން އެއްކިބާ ނުކުރައްވާނދޭވެ! އަދި އަޅަމެންނަށް އިބައިލާހުގެ ޙަޟްރަތުން ރަޙްމަތެއް ދެއްވާނދޭވެ! ހަމަކަށަވަރުން، އިބަﷲއީ ގިނަގުނައިން (ނިޢުމަތް) ދެއްވާ އިލާހެވެ."

وصلى اللَّه وسلم وبارك على عبده ورسوله، وخيرته من خلقه؛ نبينا محمد، وعلى آله وأصحابه، ومن تبعهم بإحسان إلى يوم الدين.

Read more...

09 March 2012

މުޞްޢަބް ބިން ޢުމައިރު ރަޟިޔަﷲ ޢަންހު

އަލްއަޚް އަޙްމަދު މިޙްސަން މުޙައްމަދު
މުޞްޢަބު ބިން ޢުމައިރު ރަޟިޔަﷲ ޢަންހު އަކީ ލަދުވެތި ބޭކަލެކެވެ. އަދި ރިވެތި އަޚްލާޤުގެވެރި ބޭކަލެކެވެ. އެކަލޭގެފާނުގެ މޫނުފުޅަކީ އަޖާލާ ރީތި މޫނުފުޅެކެވެ. އެކަލޭގެފާނުގެ އަޑުފުޅުވެސް އެހާމެ ރީއްޗެވެ. ވާހަކަދެކުންވެސް އެހާމެފުރިހަމައެވެ. އެކަލޭގެފާނަށް ބަލައިފި ކޮންމެ މީހެއްގެ ހިތުގައި އެކަލޭގެފާނަށް ލޯބިޖެހެއެވެ. އަދި އެކަލޭގެފާނުގެ އަޑުފުޅު ޖެހިއްޖެކަންފަތެއްގެ ވެރިއެއްނަމަ އެމީހެއްގެ ހިތް އެކަލޭގެފާނަށް ލެނބިގެންދެއެވެ. އެކަލޭގެފާނަކީ ރީއްޗަށް ހެދުންފުޅު ތުރުކުރެއްވުމަށް ލޯބިކުރައްވާ ބޭކަލެކެވެ. އަދި އެކަލޭގެފާނު ފެންނަ ކޮންމެ މީހަކަށްވެސް އެކަލޭގެފާނަކީ ނިޢުމަތްތަކުގެ ތެރެއިން ބޮޑުވެގެންވާ ނިޢުމަތްތަކެއްގެ ވެރިއެއްކަން އެންގިގެން ދެއެވެ. އަދި އެކަލޭގެފާނު ބޭނުންކުރައްވަނީ އެންމެ މީރުވަސްދުވާ އަތަރެވެ. އަކަލޭގެފާނު އެމަޖްލީހެއް ހުރަސްކުރައްވައި ވަޑައިގަންނަވާ ކޮންމެ މަޖްލީހަކުންވެސް އެވަޑައިގަންނަވަނީ މުޞްޢަބޭ ބުނެއެވެ. އަދި އެކަލޭގެފާނު ބޭނުންކުރައްވާ އަތަރުގެ ވަހުންވެސް މީސްތަކުންނަށް މުޞްޢަބު ރަޟިޔަﷲ ޢަންހު ވަޑައިގެންފިކަން އެނގިގެންދެއެވެ. އެކަލޭގެފާނުގެ މައިންބަފައިން އެކަލޭގެފާނުދެ އިންތިހާއަށް ލޯބިވެއެވެ. އެކަލޭގެފާނުގެ މަންމަގެ މުދަލުން އެކަލޭގެފާނަށް ބޭނުންވަރަކަށް ދެއްވައެވެ.

ޤުރައިޝްގެ އަހުލުވެރިން އެކަލޭގެފާނުގެ ރީތިކަމާއި ޒުވާންކަމާއި ހެދުންކޮޅުގެ ރީތިކަމާއި މުދާގިނަ ކަމާމެދު އަޖާޢިބުވެއެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ވެސް އެކަލޭގެފާނުގެ އަޞްހާބުބޭކަލުންގެ އަރިހުގައި މުޞްޢަބު ރަޟިޔަﷲ ޢަންހުގެ ވާހަކަ ޒިކުރު ކުރައްވަތެވެ. ޤުރައިޝް ވަންހައިގެ އެހެން ޒުވާނުން ފަދައިން ޝިކާރުކުރުމަށް ލޯބިކުރާ މީހަކު ކަމުގައި މުޞްޢަބު ރަޟިޔަﷲ ޢަންހު ނުވެއެވެ. އަދި ޤުރައިޝުންގެ ބޮޑުން ފަދައިން މުދަލާއި ފައިސާއާއި މަސައްކަތުގެ ވާހަދެއްކުމަށްވެސް މުޞްޢަބު ރަޟިޔަﷲ ޢަންހު ލޯބި ނުކުރައްވައެވެ. އެހެންނަމަވެސް އެކަލޭގެފާނުގެ އަމާޒަކަށްވީ އާދައިގެ ދިރިއުޅުމެއް އުޅުއްވުމެވެ.

އެއްދުވަހެއްގައި މުޞްޢަބު ރަޟިޔަﷲ ޢަންހުޞުޙާގެ ވަގުތުގައި މަސްޖިދުލްޙަރާމަށް ދިޔުމަށް ނިކުމެވަޑައިގަތެވެ. އެކަލޭގެފާނު ވަޑައިގެންނެވި މަގުމަތީގައި ޒުވާން ރައްޓެހިން ކޮޅަކާއި ދިމާވިއެވެ. އޭގެތެރިން އެއްބަޔަކު ނުކުމެ އުޅުނީ ޝިކާރަ ކުރުމަށެވެ. އަދި އަނެއްބަޔަކު ނުކުމެ އުޅުނީ ރަލާއި ލަހުވުގެ ޙާނާ ތަކަށެވެ. އޭގެތެރއިން އެއްބަޔަކު ޝިކާރަޔަށް ދިޔުމަށް އެކަލޭގެފާނަށް ދަޢުވަތު ދިނެވެ. އަދި އަނެއްބަޔަކު އެބައިމީހުންނާއި އެކީ ރަލުގެ ޙާނާތަކަށް ދިޔުމަށް ދަޢުވަތު ދިނެވެ. އެހެންނަމަވެސް އެކަލޭގެފާނު މި ދެ ދަޢުވަތަށްވެސް ފުރަގަސްދެއްވިއެވެ.

މުޞްޢަބު ރަޟިޔަﷲ ޢަންހު ބޭނުންވެވަޑައިގަތީ ޤުރައިޝުންގެ ވާހަކަތައް އަޑުއެއްސެވުމަށް މަސްޖިދުލްޙަރާމް އަށް ދިޔުމަށެވެ. މިސްކިތަށް ދެވުމާއިއެކު ޤުރައިޝުންގެ ބޮޑުންގެ ވާހަކަތަށް މުޞްޢަބު ރަޟިޔަﷲ ޢަންހުއަށް އިވެން ފަށައިފިއެވެ. މުޞްޢަބު ރަޟިޔަﷲ ޢަންހު އެމީހުންގެ ވާހަތަށް ރަނގަޅަށް އިވޭހާ ކައިރީގައި އިށީންދެވަޑައިގަތެވެ. އެމީހުންގެ އެންމެންވެސް އެއްޗެއްހި ގޮވަވުން ދިޔައީ އެމީހުން ވަރަށްވެސް ރުޅިއަންނަ ޝަޚްސަކާއި މެދުގައެވެ. ސަބަބަކީ އެބޭކަލަކު ގޯވާލައްވަނީ އެބައިމީހުންގެ ކާބަފައިންގެ ދީން ބަދަލުކޮށްލުމަށެވެ. އަދި އެމީހުން ބައެއްފަހަރު އެކަލޭގެފާނުގެ ރަނގަޅުވާހަކވެސް ދައްކައެވެ.

މުޞްޢަބު ރަޟިޔަﷲ ޢަންހު މި ހުރިހާ ވާހަކަޔެއް ވަރަށް ކަނުލާ އަޑުއެއްސެވިއެވެ. އަދި އެމީހުން އެބޭކަލަކާއި ބެހޭގޮތުން ވާހަދައްކާ ބޭކަލަކާއި ބައްދަލުކުރުމުގެ ރޫހު މުޞްޢަބު ރަޟިޔަﷲ ޢަންހު ގެ ހިތުގައި އުފެދިގެންދިޔައެވެ. އެހެންކަމުން މިސްކިތުން ނުކުމެވަޑައިގެން މުޞްޢަބު ރަޟިޔަﷲ ޢަންހު މިސްރާބުޖެއްސެވީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް އާއި އެކަލޭގެފާނުގެ އަޞްޙާބުން ޖާމާވެވަޑައިގަންނަވާ ގެކޮޅަށެވެ. އެކަލޭގެފާނު އެގޭގެ ދޮރުކޮޅާއި އަރާހަމަވެވަޑައިގެންނެވިތަނާ އެކަލޭގެފާނަށްޓަކައި ދޮރު ހުޅުވާލެވުނެވެ. އަދި އެތެރެޔަށް ވަދެވަޑައިގެން ސަލާމްކުރެއްވުމަށްފަހު އިށީންދެ ވަޑައިގެންނެވިއެވެ. އަދި މުސްލިމުން ވަރަށް ހައިރާންކަންމަތީ އެކަލޭގެފާނަށް ބަލަން ތިއްބެވެ. އެބޭކަލުންގެ ނަޡަރު ހުއްޓިފައިވަނީ އެކަލޭގެފާނުގެ ހެދުންކޮޅުގެ ރީތިކަމާއި ސޫރަފުޅުގެ ރީތިކަމަށްޓަކައެވެ. އަދި މުޞްއަބު ރަޟިޔަﷲ ޢަންހުރަސޫލުﷲ ސައްލަﷲ ޢަލައިހިވަސައްލަމްގެ ވާފަކަފުޅުތައް އަޑުއެއްސެވުމަށްފަހު އެކަލޭގެފާނާއި ކައިރިވެ ވަޑައިގެންނެވުމަށްފަހު ބައިޢަތު ހިއްޕެވުމަށްޓަކައި އަތްޕުޅުދެއްވިއެވެ. އަދި އެއަށްފަހު އެކަލޭގެފާނު އިސްލާމްދީނަށް ވެންނެވިކަން އިޢުލާން ކުރެއްވިއެވެ.

އެހެންނަމަވެސް ދުވަސްކޮޅެއްވަންދެން މައްކާގެ މުޝްރިކުނަށް ބިރުފުޅުގެން އިސްލާމްކަން ސިއްރުކުރެއްވިއެވެ. އަދި އެކަލާގެފާނުގެ މަންމައަށް މި ޚަބަރު ނުދެއްވައެވެ. ސަބަބަކީ އެކަލޭގެފާނު އެކަލޭގެފާނުގެ މަންމަ ދެރަކުރައްވާކަށް ބޭނުންފުޅު ނުވިއެވެ. މަންމަ އެކަލޭގެފާނުދެކެ ވަރަށްބޮޑަށް ލޯބިވެއެވެ. އެހެން ނަމަވެސް އެއްދުވަހަކު މުޞްޢަބު ރަޟިޔަﷲ ޢަންހު މަސްޖިދުލްޙަރާމްގައި ނަމާދު ކުރައްވަނިކޮށް ޢުޘްމާން އިބްނު ޠަލްޙާ އަށް ފެނުނެވެ. އަދި މުޞްޢަބު ރަޟިޔަﷲ ޢަންހުގެ ޤައުމުގެ މީހުންނަށް މިވާހަކަ ކިޔައިދިނެވެ. އަދި މިކަމާހެދި ޤުރައިޝުން އެކަލޭގެފާނާއި ދެކޮޅުވެރި ވިއެވެ. އަދި އެކަލޭގެފާނުގެ ބައްޕަވެސް އެކަލޭގަފާނާއި ދެކޮޅުވެރިވިއެވެ. އެހެންކަމުން އެކަލޭގެފާނު ފަޤީރަކަށް ވެވަޑައިގަތެވެ. އެހެންނަމަވެސް އެކަލޭގެފާނު ވެވަޑައިގަތީ ކެތްތެރި ޒުވާނަކަށެވެ. އަދި އިސްލާމަދީނުން އެކަލޭގެފާނުގެ ހިތްޕުޅަށް ހުރިހާ ހަމަޖެހުމެއްވެސް ލިބިގެންދިޔައެވެ.

މައްކާގެ މުޝްރިކުން މުސްލިމުންނަށްދޭ އަނިޔާތަށް އިތުރުވެގެން ދިޔައެވެ. އެހެންކަމުން ޙަބަޝާއަށް ހިޖުރަ ކުރުމުގެ ހުއްދަ ރަސޫލުﷲ ޞައްލަﷲ ޢަލަހި ވަސައްލަމް މުސްލިމުނަށް ދެއްވިއެވެ. އަދި މުޞަޢަބު ރަޟިޔަﷲ ޢަންހު ޙަބަޝާއަށް ހިޖުރަކުރި މުސްލިމުނާއިއެކު ހިޖުރަ ކުރެއްވިއެވެ. އަދި އޭގެފަހުން މައްކާއަށް އެނބުރި ވަޑައިގަތެވެ. އޭރު އެކަލޭގެފާނުގެ ޙާލުވަނީ މުޅިން ބަދަލުވެފައެވެ. އެކަލޭގެފާނުގެ ހެދުންކޮޅުވަނީ ވީދި ހަލާކުވެފައެވެ. ހެދުންކޮޅުން ކިރިޔާ އަޢުރަ ނިވާކުރެވޭވަރު ވަނީއެވެ. އެކަލޭގެފާނުގެ ހަށިކޮޅުގެ ހަންތައްވަނީ އަނަރޫފަވެފައެވެ. އަދި އެކަލޭގެފާނު ވެ ވަޑައިގެންނެވީ އަޅެއްފަދައިންނެވެ. އެކަލޭގެފާނު ފެނުމުން ރަސޫލުﷲ ޞައްލަﷲ ޢަލަހިވަސައްލަމް ޙަދީޘް ކުރެއްވިއެވެ. “لقد رأيت هذا، وما بمكة فتى من قريش أنعم عند أبويه نعيما منه، ثم أخرجه من ذلك الرغبة في الخير في حب الله ورسوله ” މާނައީ: .” ހަމަކަށަވަރުން ތިމަންކަލޭގެފާނު މައްކާގައި މި ޒުވާނާ އޭނާގެ މައިންބަފައިންގެ ގާތުގައި ނިޢުމަތްތަކާއި އެކު ވަނިކޮށް ދެކެވަޑައިގަތީމެވެ. ޤުރައިޝްވަންހައިން މައިންބަފައިންގެ ފުށުން މުއްސަނދިކަން އޭނާއަށް ލިބިފައިވާވަރަށް ލިބިފައިވާ އެހެން ޒުވާނަކު މައްކާގައިނުވެއެވެ. އަދި މި ނިޢުމަށްތަކުން އޭނާ ނެރެލީ ﷲ އާއި އެއިލާހުގެ ރަސޫލާ އާއިމެދުވާ ލޯއްބެއްގެ ސަބަބުންނެވެ.”

މުޞްޢަބު ބުން ޢުމައިރު ރަޟިޔަﷲ ޢަންހު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މަޖިލިސްތަކަށް ގަވާޢިދުން ހާޟިރުވަމުން ގެންދެވިއެވެ. އަދި އެކަލޭގެފާނު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ބަސްފުޅުތަށް ކަނުލައި އަޑުއައްސަވަމުން ގެންދަވިއެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އުނގަންނަވައި ދެއްވާ ދަރުސްފުޅުތައް ހިތުގައި ރައްކާކުރައްވައެވެ. އޭގަ ނަތީޖާއެއްގެ ގޮތުން ޞަޙާބީންގެ ފަޤީހަކަށް ވެވަޑައިގެންނެވިއެވެ. ޞަޙާބީންގެ ގިނަ ބޭކަލުންނަކީ ދީނުގެ ބޮޑެތި ޢިލްމުވެރިންނެވެ. އެއަށްފަހު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް މުޞްޢަބު ރަޟިޔަﷲ ޢަންހު މަދީނާގެ އަހުލުވެރިންނަށް ޤުރްއާނާއި ދީން އުނގަންނަވައި ދެއްވުމަށްޓަކައި ފޮނުއްވެވިއެވެ. އަދި އެކަލޭގެފާނުގެ މި ވަޞީފާ އެކަލޭގެފާނު ކާމިޔާބު ކުރެއްވިއެވެ. މަދީނާގެ ވަރަށްގިނަ އަހުލުވެރިން އިސްލާމްދީނަށް ވަނެވެ. ޙައްޖުގެ މޫސުމް ގާތްވުމުން މުޞްޢަބު ރަޟިޔަﷲ ޢަންހު އާއި އަންޞާރުންގެ ތެރެއިން ހަތްދިހަ ބޭކަލުން މައްކާއަށް ވަޑައިގަތުމަށް ނުކުމެވަޑައިގަތެވެ. މައްކާ އަށް ވާޞިލް ވުމާއެކު އެކަލޭގެފާނު ފިކުރުކުރެއްވީ މަންމަ އާއި އަހުލުންގެ ގާތަށް ޒިޔާރަށްކުރުމަކަށް ނޫނެވެ. އެހެން ނަމަވެސް ވަގުތުން އެކަލޭގެފާނު ވަޑައިގެންނެވީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމްގެ އަރިހަށެވެ.

ބަދުރު ހަނގުރާމާއިގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމްގެ ދިދަފުޅު ހިއްޕެވީ މުސްޢަބު ބުން ޢުމައިރު ރަޟިޔަﷲ ޢަންހު އެވެ. އަދި އެނބުރި މަދީނާ އަށް ވަޑައިގަތީ ކާމިޔާބުލިބިގެނެވެ. އަދި އުޙުދު ހަނގުރާމާއިގައިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިވަސައްލަމްގެ ދިދަފުޅު އުފުއްލެވީ މުޞްޢަބު ބުން ޢުމައިރެ ރަޟިޔަﷲ ޢަންހު އެވެ. ކާފަރުންގެ ޙަމާލާތައް މުސްލިމުންގެ މައްޗަށް ގަދަވެގަތް ވަގުތުވެސް އެކަލޭގެފާނު ސާބިތުކަމާއި އެކީ ރަސޫލުﷲ ޞައްލަﷲ ޢަލަހިވަސައްލަމްގެ ދިދަފުޅު ހިއްޕަވައިގެން އެއިން ދޫނުކުރައްވައި ހުންނެވިއެވެ. މި ޙާލަތުގައި ވަނިކޮށް އިބުނު ޤަމީއާ ކިޔާމީހަކު އެކަލޭގެފާނުގެ އަތްޕުޅަކަށް ހަމަލާދީ އެ އަތްޕުޅު ބުރިކޮށްލިއެވެ. އެވަގުތު ރަސޫލުﷲ ސައްލަﷲ ޢަލައިހިވަސައްލަމްގެ ދިދަފުޅު ވެއްޓުނެވެ. ދެން މުޞްޢަބު ރަޟިޔަﷲ ޢަންހު އެކަލޭގެފާނުގެ ސަލާމަތުންހުރި އަތްޕުޅުން އެ މާތްވެގެންވާ ދިދަފުޅުގައި ހިއްޕެވިއެވެ. އަދި އިބުނު ޤަމީއާ މުޞްޢަބުގެ އެ އަތް ވެސް ބުރިކޮށްލިއެވެ. ދެން އެކަލޭގެފާނުގެ ދެ އަތްޕުޅުގެ އުޅޮބޮށީން މަތީބައިން އެ ދިދަފުޅުގައި ހިއްޕެވިއެވެ. އެޙާލުގައިވެސް އެކަލޭގެފާނު ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމްގެ ދިދަފުޅު އުފުއްލެވިއެވެ. ދެން އިބްނު ޤަމީއާ މުޞްޢަބުގެ ރަޟިޔަﷲ ޢަންހުގެ މޭފުޅަށް އޭނާގެ ލޮންސި ހަރާލައި މޭފުޅު ފަޅާލިއެވެ. އެވަގުތު މުޞްޢަބު ރަޟިޔަﷲ ޢަންހު ބިންމައްޗަށް ވެއްޓިވަޑައިގަތެވެ. އަދި އެކަލޭގެފާނާއެކީ ރަސޫލުﷲ ޟައްލަﷲ ޢަލައިހިވަސައްލަމްގެ ދިދަފުޅުވެސް ވެއްޓުނެވެ. އަދި އޭގެފަހުން އެކަލޭގެފާނުގެ އަޚް އަބުއް ރޫމް އެ ދިދަފުޅު ނެންގެވިއެވެ. އަދި މުސްލިމުން މަދީނާއަށް އެނބުރި އަތުވެއްޖައުމަށްދާންދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ދިދަފުޅު އުފުލިފައި ހުއްޓެވެ.

މައްކާގެ މުޝްރިކުން މައްކާއަށް ދިއުމަށްފަހު މުސްލިމުން މަޝްޢޫލުވީ މުސްލިމުންގެ ޝަހީދުން ވަޅުލުމުގައެވެ. އޭރު މުޞްޢަބު ރަޟިޔަﷲ ޢަންހު ވަނީ ޝަހީދުވެފައެވެ. އެކަލޭގެފާނުގެ މާތް މޫނުފުޅު ވަނީ ބިމުގެކިލާތަކުގެ ތެރޭގައެވެ. މިއީ ހަމަ ﷲ އާއި އެއިލާހުގެ ރަސޫލާގެ ދިފާޢުގައި އެކަލޭގެފާނުވެ ވަޑައިގެންނެވި ޤުރުބާނީއެވެ. ދެން މުސްލިމުން އެކަލޭގެފާނު ކަފުން ކުރުމަށް މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އެކަލޭގެފާނުގެ ހެދުންކޮޅުގެ ކުރު ކަމާއި އެހެދުން ވީދިފާއި ވުމާއެކު އެއިން އެކަލޭގެފާނުގެ ބޮލުން ފަށައިގެން ނިވާކޮށްފިނަ ތިރި ނިވާ ނުވެއެވެ. އަފި ފައިން ފަށައިގެން ނިވާކޮށްފިނަމަ ބޯ ނިވާ ނުވެއެވެ. އެވަގުތު ރަސޫލުﷲ ޞައްލަﷲ ޢަލަހިވަސައްލަމް ﷲ ތަޢާލާގެ މިބަސްފުޅު ކިޔަވާ ވިދާޅުވިއެވެ. مِّنَ الْمُؤْمِنِينَ رِجَالٌ صَدَقُوا مَا عَاهَدُوا اللَّـهَ عَلَيْهِ فَمِنْهُم مَّن قَضَىٰ نَحْبَهُ وَمِنْهُم مَّن يَنتَظِرُ وَمَا بَدَّلُوا تَبْدِيلًا މާނައީ: “ﷲއަށް އެއުރެން ޢަހުދުވީ ކަންތަކަށް ތެދުވެރިވީ ފިރިހެނުންތަކެއް މުއުމިނުން ތެރެއިންވެއެވެ. ފަހެ، އެއުރެންގެ ތެރެއިން ޝަހީދުވެ މަރުވެގެންދިޔަބަޔަކު ވެއެވެ. އަދި ޝަހީދުވުމަށް އިންތިޒާރުކުރާ ބަޔަކުވެސް އެއުރެންގެ ތެރެއިން ވެއެވެ. އަދި އެއުރެން (އެ ޢަހުދަކަށް އަކަށް) އެއްވެސްކަހަލަ ބަދަލެއް ނުގެނެތެވެ. (23)“

އަދި އޭގެފަހުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް އަމުރު ކުރެއްވީ މުޞްޢަބު ބުން ޢުމައިރު ރަޟިޔަﷲ ޢަންހު ހަށިކޮޅުގެ މަތީބައި އެކަލޭގެފާނުގެ ހެދުންކޮޅުން ނިވާ ކުރުމަށެވެ. އަދި ހަށިކޮޅުގެ ތިރީބައި ފެހި ވިނައިން ނިވާ ކުރުމަށެވެ.

Read more...

07 March 2012

އާދަމް ޢަލައިހިއްސަލާމްގެ ވާހަކަ

އަލްއަޚް ބިލާލް ޢަބްދުއްސައްތާރު
އާދަމު ޢަލައިހިއްސަލާމް ގެ ވާހަކަ ކީރިތި ޤުރުއާނުގައި ﷲ ސުބްހާނަހު ވަތަޢާލާ ވަރަށްގިނަ ތަންތަނުގައި ބަޔާންކުރައްވާފައި ވެއެވެ.

ޝައްކެއްވެސް ނެއް ގޮތުގައި އާދަމު ޢަލައިހިއްސަލާމަކީ އެންމެ ފުރަތަމަ ވުޖޫދުކުރެވުނު އިންސާނާއެވެ. ﷲ ތަޢާލާ އެކަލޭގެފާނު ޚަލްޤުކުރެއްވީ އެ އިލާހުގެ ދެ އަތްޕުޅުންނެވެ. ﷲ ތަޢާލާ ވަޙި ކުރެއްވިއެވެ.
” قَالَ يَا إِبْلِيسُ مَا مَنَعَكَ أَن تَسْجُدَ لِمَا خَلَقْتُ بِيَدَيَّ …” ( ص 75) މާނަ : ” އެއިލާހު ވަޙީކުރެއްވިއެވެ. އޭ އިބްލީހެވެ. ތިމަން އިލާހުގެ ދެއަތްޕުޅުން ޚަލްޤުކުރެއްވި މަޚްލޫޤަކަށް ސަޖިދަކުރުމަށް އަމުރުކުރުމުން އެކަމުން މަނާކުރީ ކޮންކަމެއްހެއްޔެވެ ! …”

އާދަމު ޢަލައިހިއްސަލާމް އާއި އެކަލޭގެފާނުގެ ދަރިފަސްކޮޅު ﷲ ތަޢާލާ މާތްކުރައްވާ މަތިވެރިކުރެއްވިއެވެ. އެ އިލާހު ކަމެއް ކުރެއްވުމަށް އިރާދަކުރައްވާފިނަމަ އެކަމަކަށް ” كُن “ “ވާށޭ” ވަހީކުރައްވައެވެ. އެހިނދުން ލަހެއްފަހެއްނުވެ އެކަމެއް ވެދެއެވެ. ނަމަވެސް ﷲ ތަޢާލާގެ ދެއަތްޕުޅުން އާދަމް ޢަލައިހިއްސަލާމް ޚަލްޤު ކުރައްވަފައި ވާކަން އަންގަވާފައި ވުމުން އެނގިގެންދަނީ މި މަޚްލޫޤުގެ މަތިވެރިކަން ކަން ކަށަވަރެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

” وَلَقَدْ كَرَّمْنَا بَنِي آدَمَ وَحَمَلْنَاهُمْ فِي الْبَرِّ وَالْبَحْرِ وَرَزَقْنَاهُم مِّنَ الطَّيِّبَاتِ وَفَضَّلْنَاهُمْ عَلَى كَثِيرٍ مِّمَّنْ خَلَقْنَا تَفْضِيلاً ” (الإسراء : 70) މާނަ : ” ތިމަން އިލާހު އާދަމުގެ ދަރީން މާތްކުރެއްވީމެވެ. އަދި ކަނޑާއި އެއްގަމުގައި އެބައިމީހުންގެ ދަރަޖަ އުފުއްލެވީމެވެ. އަދި އެބައިމީހުންނަށް ހެޔޮ ރަނގަޅު ތަކެތީން ރިޒްޤުދެއްވީމެވެ. އަދި ތިމަން އިލާހު ޚަލްޤު ކުރެއްވި ގިނަ މަޚްލޫޤާތްތަކެއްގެ މައްޗަށް އެބައިމީހުން މަތިވެރިކުރެއްވުމަކުން މަތިވެރި ކުރެއްވީމެވެ.”

އެއްމެފުރަތަމަ އިންސަނާ އާދަމު ޢަލައިހިއްސަލާމް ޚަލްޤުކުރެވުނީ މަށީންނެވެ. މި ހަޤީޤަތް ބަޔާންކޮށްދެއްވާ ކީރިތިޤުރުއާންގައި ﷲ ތަޢާލާ ވަޙިކުރައްވާފައިވެއެވެ. ” إِذْ قَالَ رَبُّكَ لِلْمَلائِكَةِ إِنِّي خَالِقٌ بَشَرًا مِن طِينٍ ” (ص71)
މާނަ : ” ކަލޭގެފާނުގެ ވެރި ރައްބު މަލާއިކަތުންނަށް ވަޙީ ކުރެއްވި ހިނދު ހަނދުމަކުރާށެވެ. ހަމަކަށަވަރުން ތިމަންއިލާހު މަށީން އިންސާނަކު ހައްދަވާ ހުށީމެވެ .”

އަދިވެސް އެ އިލާހު ވަޙީކުރައްވައެވެ. ” وَإِذْ قَالَ رَبُّكَ لِلْمَلاَئِكَةِ إِنِّي جَاعِلٌ فِي الأَرْضِ خَلِيفَةً قَالُواْ أَتَجْعَلُ فِيهَا مَن يُفْسِدُ فِيهَا وَيَسْفِكُ الدِّمَاءَ وَنَحْنُ نُسَبِّحُ بِحَمْدِكَ وَنُقَدِّسُ لَكَ قَالَ إِنِّي أَعْلَمُ مَا لاَ تَعْلَمُونَ (30) وَعَلَّمَ آدَمَ الأَسْمَاءَ كُلَّهَا ثُمَّ عَرَضَهُمْ عَلَى الْمَلاَئِكَةِ فَقَالَ أَنبِئُونِي بِأَسْمَاء هَؤُلاء إِن كُنتُمْ صَادِقِينَ (31) قَالُواْ سُبْحَانَكَ لاَ عِلْمَ لَنَا إِلاَّ مَا عَلَّمْتَنَا إِنَّكَ أَنتَ الْعَلِيمُ الْحَكِيمُ (32) قَالَ يَا آدَمُ أَنبِئْهُم بِأَسْمَآئِهِمْ فَلَمَّا أَنبَأَهُمْ بِأَسْمَآئِهِمْ قَالَ أَلَمْ أَقُل لَّكُمْ إِنِّي أَعْلَمُ غَيْبَ السَّمَوَاتِ وَالأَرْضِ وَأَعْلَمُ مَا تُبْدُونَ وَمَا كُنْتُمْ تَكْتُمُونَ (33) ” ( البقرة 30,31,32,33 ) މާނަ : “ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ބިމުގައި ޚަލީފާއަކު ލައްވާހުށީމޭ މަލާއިކަތުންނަށް ވަޙީ ކުރެއްވި ހިނދު ހަނދުމަކުރައްވާށެވެ. އެބޭކަލުން (އެހިނދު) ދެންނެވޫއެވެ. އަޅަމެން އިބަރަސްކަލާނގެއަށް ޙަމްދާއެކު ތަސްބީޙަކިޔައި، އިބަރަސްކަލާނގެއަށް ތަޤްދީސް ކޮށްކޮށްތިއްބައި، އެބިމުގައި ފަސާދަ އުފައްދައި ލޭ އޮހޮރުވާނޭ ބަޔަކު އިބަރަސްކަލާނގެ އެބިމުގައި ލައްވަނީތޯއެވެ؟ އެކަލާނގެ ވަޙީ ކުރެއްވިއެވެ. ހަމަކަށަވަރުން ތިޔަބައިމީހުންނަށް އެނގިގެންނުވާކަންތައްތައް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ.(30) އަދި އާދަމްގެފާނަށް ހުރިހައިތަކެތީގެ ނަންތައް އެކަލާނގެ އުނގަންނަވައިދެއްވިއެވެ. (އެބަހީ: ނަންކިޔުނު ތަކެއްޗާއި އެތަކެތީގެ ހަޤީޤަތްތަކެވެ.) ދެން އެކަލާނގެ އެތަކެތި މަލާއިކަތުންނަށް ހުށަހަޅުއްވައި ވަޙީ ކުރެއްވިއެވެ. ތިޔަބައިމީހުން (ތިޔަކުރާ ދަޢުވާގައި) ތެދުވެރިންކަމުގައި ވަނީނަމަ، މިތަކެތީގެ ނަންތަކުން، ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ނިކަން އަންގައިދީބަލާށެވެ!(31) އެ މަލާއިކަތުން ދެންނެވޫއެވެ. އިބަރަސްކަލާނގެ ހުސްޠޯހިރުވަންތަކަމާއެވެ! އިބަރަސްކަލާނގެ އަޅަމެންނަށް އުގަންނަވައިދެއްވި އެއްޗެއް މެނުވީ، އަޅަމެންނަކަށް އެގުމެއްނުވެއެވެ. ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، މޮޅަށްދެނެވޮޑިގެންވާ ޙަކީމްވަންތަ ރަސްކަލާނގެއެވެ.(32) އެކަލާނގެ ވަޙީ ކުރެއްވިއެވެ. އޭ އާދަމްގެފާނެވެ! ކަލޭގެފާނު، އެ މަލާއިކަތުންނަށް އެތަކެތީގެ ނަންތައް އަންގަވައިދެއްވާށެވެ! ދެން އެކަލޭގެފާނު، އެ މަލާއިކަތުންނަށް އެތަކެތީގެ ނަންތައް އަންގަވައިދެއްވި ހިނދު، އެކަލާނގެ ވަޙީ ކުރެއްވިއެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ އުޑުތަކާއި ބިމުގެ ޣައިބު ދެނެވޮޑިގެންވަމޭ، އަދި ތިޔަބައިމީހުން ފާޅުކުރާ ކަންތަކާއި ވަންހަނާކުރާ ކަންތައް ދެނެވޮޑިގެންވަމޭ، ތިޔަބައިމީހުންނަށް ވަޙީ ނުކުރައްވަން ހެއްޔެވެ؟(33) “

އިންސާނުންގެ އުފެއްދެވުމުގެ އަސްލަކީ މަށްޓެވެ. ބިމުގެ ތަފާތު ހިސާބުތަކުން އެންމެހައި ކުލަތައް ހިމެނޭ ގޮތުން ނެގެވުނު ވެލީންނެވެ. އެ ވެލި ފެނާއި އެއްކުރެވި އެތައް މުއްދަތެއް ހޭދަވުމަށްފަހު ހަރު މައްޓަށް ބަދަލުވިއެވެ. އަބޫ މޫސާ އަލްއަޝްޢަރީ ރަޟިޔަﷲ ޢަންހު ގެ ކިބައިން ރިވާވެގެން އައިސްފައިވާ ޞައްޙަ ޙަދީޘެއްގައި ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. « إِنَّ اللَّهَ خَلَقَ آدَمَ مِنْ قَبْضَةٍ قَبَضَهَا مِنْ جَمِيعِ الأَرْضِ فَجَاءَ بَنُو آدَمَ عَلَى قَدْرِ الأَرْضِ جَاءَ مِنْهُمُ الأَحْمَرُ وَالأَبْيَضُ وَالأَسْوَدُ وَبَيْنَ ذَلِكَ وَالسَّهْلُ وَالْحَزْنُ وَالْخَبِيثُ وَالطَّيِّبُ » – سنن أبي داود – މާނާ:”ހަމަކަށަވަރުން ﷲ ސުބްޙާނަހޫވަތަޢާލާ އާދަމްގެފާނު ހެއްދެވީ، ބިމުގެ އެންމެހައި ކަންކޮޅުތަކުން، ﷲ ނެންގެވި ވެލި މުށްވަރަކުންނެވެ، ފަހެ އާދަމް ދަރިތަކުން އައިސްފައިވާކަން ކަށަވަރީ އެބިމުގެ މިންވަރަށެވެ. (އެބަހީ ވެލި ނެންގެވި މިންވަރަށެވެ. ނުވަތަ ވެލީގެ ކުލައާ ޠޮބީޢަތަށެވެ،) އެބައިމީހުންގެ ތެރެއިން ރަތް (މީހުންނާއި) ހުދު (މީހުންނާއި) ކަޅު (މީހުން) ހިމެނިގެން އައިސްފައިވެއެވެ. (އެބަހީ މީސްތަކުންގެ ކުލަ ތަފާތުވުމާއި މިޒާޖާއި ޚުލްޤާއި ސުލޫކު ތަފާތުވެފައިވަނީ ވެލިނެންގެވި ބިމުގައި ހުރި ވެލީގެ ކުލައާއި ޠޮބީޢަތާއި މިޒާޖުގެ ތަފާތުހުރި ނިސްބަތުންނެވެ)”

އެއަށްފަހު ﷲ ތަބާރަކަ ވަތަޢާލާ މި އިންސާނާ ރީތި ސޫރާގައި އުފެއްދެވިއެވެ. އެކަލޭގެފާނުގެ އިސްކޮޅުގައި 60 މުއް ހުރެއެވެ. ބުޚާރީ އާއި މުސްލިމުގައި އައިސްފައިވާ ޙަދީޘެއްގައި ވެއެވެ. އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ރިވާކުރެއްވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީސްކުރެއވިއެވެ. ” خَلَقَ اللَّهُ آدَمَ وَطُولُهُ سِتُّونَ ذِرَاعًا…” މާނަ: ” ﷲ ތަޢާލާ އާދަމު ޢަލައިހިއްސަލާމް ގެ އިސްކޮޅު 60 މުށުގެ ދިގުމިނުގައި ޚަލްޤުކުރެއްވިއެވެ…”

ޞަޙީހް މުސްލިމުގައި އަނަސްގެފާނުގެ ކިބައިން ރިވާވެގެން އައިސްފައިވައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދިޘްކުރެއްވިއެވެ. ” لَمَّا صَوَّرَ اللَّهُ آدَمَ فِى الْجَنَّةِ تَرَكَهُ مَا شَاءَ اللَّهُ أَنْ يَتْرُكَهُ فَجَعَلَ إِبْلِيسُ يُطِيفُ بِهِ يَنْظُرُ مَا هُوَ فَلَمَّا رَآهُ أَجْوَفَ عَرَفَ أَنَّهُ خُلِقَ خَلْقًا لاَ يَتَمَالَكُ” މާނަ : “ﷲ ސުބްޙާނަހޫވަތަޢާލާ ސުވަރުގޭގައި އާދަމްގެފާނުގެ ސޫރަ ހައްދަވައި ﷲ އާދަމްގެފާނު އެގޮތުގައި ބޭއްވުމަށް އެދިވޮޑިގެންނެވި ގޮތުގައި އާދަމްގެފާނު ސުވަރުގޭގައި ވީހިނދު، އެއީ ކޮން އެއްޗެއްތޯ ދެނެގަތުމަށް އާދަމްގެފާނުންގެ ކައިރީގާ އިބްލީސް އުޅެގަތެވެ. ފަހެ، އެއީ އެތެރޭގައި ހޮއި (އެތެރެ ހުސްކޮށް) އޮތް އެއްޗެއްކަން އިބްލީސް އަށް އެނގުނު ހިނދު އެސޮރު ދެނެގަތެވެ.ހަމަކަށަވަރުން އަމިއްލަ ނަފްސަށް ބާރުނުފޯރުވޭ މަޚްލޫޤެއް އެކަލާނގެ ހައްދަވައިފިއެވެ.”

އެއަށްފަހު ﷲ ތަޢާލާ ޚަލްޤުގައި ފުރާނަ އެޅުއްވިއެވެ. އެއިލާހު ގެ ވަޙީ ބަސްފުޅުގައި ވެއެވެ. ” … فَإِذَا سَوَّيْتُهُ وَنَفَخْتُ فِيهِ مِنْ رُوحِي فَقَعُوا لَهُ سَاجِدِينَ ” (ص 23) މާނަ: “ފަހެ، ތިމަންރަސްކަލާނގެ އެ އިންސާނާ (އެބަހީ: އާދަމްގެފާނު)ހައްދަވައި، ފުރިހަމަ ކުރައްވައި، ތިމަންރަސްކަލާނގެ ރޫޙުފުޅުން އެއިންސާނާއަށް ފުމެލައްވައިފި ހިނދު، ތިޔަބައިމީހުން އޭނާއަށްޓަކައި ސަޖިދައަަށް ތިރިވާހުށިކަމެވެ،”

ﷲ ތަޢާލާ އިބްލީހަށާއި މަލާއިކަތުންނަށް އަމުރުކުރެއްވީ އާދަމު ޢަލައިހިއްސަލާމް އަށް ސަޖިދަ ޖެހުމަށެވެ. އެއްމެހާ މަލާއިކަތުން ސަޖިދަޖެހިއެވެ. ނަމަވެސް ބޮޑާކަމާއި އެކު އިބްލީސް އެކަމަށް އިންކާރު ކުރިއެވެ. އޭނާގެ ކިބުރުވެރިކަމުގެ ސަބަބުން ﷲ ތަޢާލާގެ ރަޙްމަތުން އިބްލީސް ބޭރުކުރެވުނެވެ. އަދި ކާފިރުންގެ ތެރެއިން ވެގެންދިޔައެވެ. އާދަމު ޢަލަހިއްސަލާމްގެ ދަރިފަސްކޮޅުގެ އެއްމެ ބޮޑު ދުޝްމަނަކީ ލަޢުނަތްލެއވިގެންވާ އިބްލީހެވެ. ﷲ ތަޢާލަ ވަހީކުރެއްވިއެވެ. ” وَلَقَدْ خَلَقْنَاكُمْ ثُمَّ صَوَّرْنَاكُمْ ثُمَّ قُلْنَا لِلْمَلآئِكَةِ اسْجُدُواْ لآدَمَ فَسَجَدُواْ إِلاَّ إِبْلِيسَ لَمْ يَكُن مِّنَ السَّاجِدِينَ (11) قَالَ مَا مَنَعَكَ أَلاَّ تَسْجُدَ إِذْ أَمَرْتُكَ قَالَ أَنَاْ خَيْرٌ مِّنْهُ خَلَقْتَنِي مِن نَّارٍ وَخَلَقْتَهُ مِن طِينٍ (12) قَالَ فَاهْبِطْ مِنْهَا فَمَا يَكُونُ لَكَ أَنْ تَتَكَبَّرَ فِيهَا فَاخْرُجْ إِنَّكَ مِنَ الصَّاغِرِينَ (13) ” (الأعراف) މާނަ: “އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން، (އެބަހީ: ތިޔަބައިމީހުންގެ އަޞްލުކަމުގައިވާ އާދަމްގެފާނު) ހެއްދެވީމެވެ. ދެން ތިޔަބައިމީހުން (އެބަހީ: އާދަމްގެފާނު) ޞޫރަ ކުރެއްވީމެވެ. ދެން މަލާއިކަތުންނަށް ވަޙީ ކުރެއްވީމެވެ. އާދަމްގެފާނަށް ތިޔަބޭކަލުން ސަޖިދަ ކުރައްވާށެވެ! ދެން އިބްލީސް ފިޔަވައި އެއުރެން ސަޖިދަކުރެއްވޫއެވެ. ސަޖިދަ ކުރެއްވި ބޭކަލުންގެތެރެއިން އެކަލޭގެ ނުވެއެވެ،(11) އެކަލާނގެ ވަޙީ ކުރެއްވިއެވެ. ތިމަން ރަސްކަލާނގެ ކަލެޔަށް އަމުރުކުރެއްވި ހިނދު ސަޖިދަ ކުރުން ކަލެޔަށް މަނާ ކުރީ ކޮންކަމެއް ހެއްޔެވެ؟ އެކަލޭގެ ބުންޏެވެ. އެކަލޭގެފާނަށްވުރެ ތިމަން މާމޮޅެވެ. އިބަރަސްކަލާނގެ ތިމަން ހެއްދެވީ އަލިފާނުންނެވެ. އަދި އިބަރަސްކަލާނގެ އެކަލޭގެފާނު ހެއްދެވީ މަށީންނެވެ.(12) އެކަލާނގެ ވަޙީ ކުރެއްވިއެވެ. ތިޔަތަނުން (އެބަހީ: ސުވަރުގެއިން) ކަލޭ ފައިބާށެވެ. ފަހެ، ތިޔަތާންގައި ހުރެ ކަލެޔަކަށް ބޮޑާވެގަތުމެއްނެތެވެ. ފަހެ، ކަލޭ ނިކުންނާށެވެ! ހަމަކަށަވަރުން، ކަލޭވަނީ ދެރަވެ ނިކަމެތިވެގެންވާ މީހުންގެ ތެރެއިންނެވެ.(13)

އެކަލޭގެފާނު ޚަލްޤުކުރެވުނީ ހުކުރުދުވަހެއްގައެވެ. ﷲ ތަޢާލާ އާދަމު ޢަލައިހިއްސަލާމްގެ އަރިކަށީގެ ކަށިކޮޅަކުން އެކަލޭގެފާނުގެ އަނބިކަނބަލުން އަދި އެއްމެހާ އިންސާނުންގެ މަންމަ ޚަލްޤުކުރެއްވިއެވެ. އެއަށްފަހު ސުވަރުގޭގައި ބޭނުން ގޮތަަކަށް ކައިބޮއި ހަދާ އަރާމްލިބިގަނެ އުޅުމަށް އެންގެވިއެވެ. ނަމަވެސް ﷲ ތަޢާލާ ކަނޑައެޅުއްވި ގަހަކާ ކައިރިނުވުމަށް އަމުރުކުރެއްވިއެވެ. އެއިލާހު ވަޙީކުރެއްވިއެވެ. ” وَقُلْنَا يَا آدَمُ اسْكُنْ أَنتَ وَزَوْجُكَ الْجَنَّةَ وَكُلاَ مِنْهَا رَغَداً حَيْثُ شِئْتُمَا وَلاَ تَقْرَبَا هَذِهِ الشَّجَرَةَ فَتَكُونَا مِنَ الْظَّالِمِينَ ” (البقرة35) މާނަ: “އަދި ތިމަންރަސްކަލާނގެ ވަޙީ ކުރެއްވީމެވެ. އޭ އާދަމްގެފާނެވެ. ކަލޭގެފާނާއި ކަލޭގެފާނުގެ އަނބިކަނބަލުން ސަވަރުގޭގައި ވަޒަންވެރިވެވަޑައިގެން އުޅުއްވާށެވެ. އަދި ތަނަވަަސް ކަމާއި ފަހިކަމާއެކު، ތިޔަ ދެކަނބަލުން އެދިވަޑައިގަންނަވާ ގޮތަކަށް އެތަނުން ފަރިއްކުޅުއްވާށެވެ. އަދި ތިޔަ ދެކަނބަލުން މިހިރަ ގަހާ ކައިރިވެވަޑައިނުގަންނަވާށެވެ. އޭރުން (އެބަހީ: އެގަހާ ކައިރިވެވަޑައިގެންފިނަމަ) ތިޔަދެކަނބަލުން ވެވަޑައިގަންނަވާހުށީ އަނިޔާވެރިވާމީހުންގެތެރެއިންނެވެ.”

ޝައިތޯނާގެ ނުބައި ވަސްވާހުން ، ﷲ ތަޢާލާ އެދެކަނބަލުންނަށް ފަރިއްކުޅުވުން ނަހީ ކުރެއްވި ގަހާ ކައިރިކުރުމަށް މަސައްކަތްކުރަން ފެށިއެވެ. ﷲ ތަޢާލާ ވަޙި ކުރެއްވިއެވެ. ” فَوَسْوَسَ إِلَيْهِ الشَّيْطَانُ قَالَ يَا آدَمُ هَلْ أَدُلُّكَ عَلَى شَجَرَةِ الْخُلْدِ وَمُلْكٍ لاَّ يَبْلَى (120) فَأَكَلا مِنْهَا فَبَدَتْ لَهُمَا سَوْآتُهُمَا وَطَفِقَا يَخْصِفَانِ عَلَيْهِمَا مِن وَرَقِ الْجَنَّةِ وَعَصَى آدَمُ رَبَّهُ فَغَوَى(121)” (طه) މާނަ: “ފަހެ ޝައިޠޯނާ އެކަލޭގެފާނަށް ވަސްވާސްދީ ބުންޏެވެ، އޭ އާދަމްގެފާނެވެ! (އެގަހުން ފަރިއްކުޅުއްވައިފިނަމަ، ކަލޭގެފާނު އަބަދަށް ދެމިހުންނާނެ) ޝަޖަރަތުލްޚުލްދު ގަހާއި، ފަނާވެގެން ނުދާނޭވެރިކަމެއް، ކަލޭގެފާނަށް ތިމަން ދައްކަންތޯއެވެ؟(120) ފަހެ އެދެކަނބަލުން އެގަހުން ފަރިއްކުޅުއްވިއެވެ. ދެން އެދެކަބަލުންގެ ޢަވްރަ އެދެކަނބަލުންނަށް ފާޅުވިއެވެ. އަދި ސުވަރުގޭގެ ފަތްތަކުން ޢަވްރަ ނިވާކުރައްވަން ފެއްޓެވިއެވެ. އަދި އާދަމްގެފާނު އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް އުރެދި ވަޑައިގަތެވެ. ފަހެ، އެކަލޭގެފާނުގެ މަޤްޞަދު ޙާޞިލްނުވެ މަގު ގެއްލުނެވެ.(121)”

މިއީ ޝައިތޯނާގެ ނުބައި ވަސްވާހެވެ. އޭނާގެ މަކަރުވެރިކަމުން އާދަމު ޢަލައިހިއްސަލާމް އާއި ހައްވާ ޢަލައިހައްސަލާމް ﷲ ތަޢާލާ އެގަހަކާއި ގާތްނުވަން އަމުރުކުރެއްވި ގަހާ ގާއްކުރުވީއެވެ. އެ ޝައިތޯނާ ﷲ ތަޢާލާ އެ ނަހީ ކުރެއްވި ނަހީކުރެއްވުން އެދެކަނބަލުންނަށް ދެއްކީ ޒީނަތްތެރިކޮށްފައެވެ. ” ކަލޭގެފާނަށް ދެމިގެންވާ ވެރިކަމެއް މި ސުވަރުގެއިން ލިބިދާނެ ފަދަ ގަހެއް ތިމަންނާ ކަލޭގެފާނަށް ދައްކަންހެއްޔެވެ. ” މިފަދައިން އޭނާ ވަސްވާސް ދިނެވެ. އަދި އެހެން އާޔަތެއްގާވެސް ﷲ ތަޢާލާ ވަނީ މިކަން ބަޔާންކޮށްދެއްވާފައެވެ. އޭނާ ހުވާކޮށްފައި ބުންޏެވެ. މާނަ : ” ތިޔަ ދެކަނބަލުންނަކީ ދެ މަލާއިކަތުންނަށް ވެދާނެތީ ނުވަތަ މި ސުވަރުގޭގައި ދާއިމަށް ދެމިތިބޭނޭ ބަޔަކު ކަމުގައި ވާނެކަމަށްޓަކައި މެނުވީ ތިޔަ ދެ ކަނބަލުންގެ ވެރި ރައްބު ތިޔަ ދެކަނބަލުންނަށް މި ގަހުން ކެއުން މަނާނުކުރެއެވެ. ” . އެހިނދުން ﷲ ތަޢާލާގެ އަމުރުފުޅު ހަނދުމަނެތި ، އެ ފާފަ އަށް އަރާގަނެވުނީއެވެ. ( މިއީ އަޅުގަނޑުމެން މުސްލިމުން ވަރަށް ވިސްނަންޖެހޭ ނުޤުތާ އެކެވެ. މިފަދައިން ޝައިތޯނާ އަހަރެމެންނަށް ފާފަތައް ޒީނަތްތެރިކޮށްފާ ދައްކައެވެ. އިންސާނުންނާއި ޖިންނީންގެ ތެރޭގައިވެސް ޝައިތޯނީ ލަޝްކަރުގެ މީހުން އުޅެތެވެ. ތަބިޢީގޮތުންވެސް އިންސާނުންނަކީ ޝަހުވަތައް ވަރަށް ފަސޭހައިން ލެނބޭ ބަޔެކެވެ. )

އެއަށްފަހު އެދެކަނބަލު ވަޤުތުން ކުރެވުނުފާފައަށް ތައުބާވެ ﷲ ގެ ހަޟްރަތައް ރުޖޫޢަވިއެވެ. ﷲ ތަޢާލާ އެ ދެކަނބަލުންގެ ތައުބާ ޤަބޫލުކުރެއްވިއެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. ” فَتَلَقَّى آدَمُ مِن رَّبِّهِ كَلِمَاتٍ فَتَابَ عَلَيْهِ إِنَّهُ هُوَ التَّوَّابُ الرَّحِيمُ ” (البقرة 37) މާނަ: “ދެންފަހެ އާދަމްގެފާނު، އެކަލޭގެފާނުގެވެރިރަސްކަލާނގެ ޙަޟްރަތުން ކަލިމަފުޅުތަކެއް ބާވައިގަންނަވައި (އެކަލިމަފުޅުތައް ވިދާޅުވެ ތަވްބާ ވެވަޑައިގަތުމުން) އެކަލާނގެ އެކަލޭގެފާނުގެ މައްޗަށް ތަވްބާ ލައްވައިފިއެވެ. ހަމަކަށަވަރުން އެކަލާނގެއީ ގިނަގިނައިން ތަވްބާ ޤަބޫލްކުރައްވާ ރަޙީމްވަންތަ ރަސްކަލާނގެއެވެ.”

އެދެކަނބަލުންގެ ދުޢާ ކީރިތި ޤުރުއާނުގައި ﷲ ތަޢާލާ ޒިކުރު ކުރައްވާފައިވެއެވެ. ” قَالاَ رَبَّنَا ظَلَمْنَا أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ” (الأعراف23) މާނަ: “އެދެކަނބަލުން ދެންނެވިއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަމިއްލަ ނަފްސުތަކަށް އަޅަމެން އަނިޔާވެރިވެއްޖައީމެވެ. އަދި އަޅަމެންނަށް އިބަރަސްކަލާނގެ ފާފަ ނުފުއްސަވައިފިނަމަ، އަދި ރަޙްމަތް ނުލައްވައިފިނަމަ، އަޅަމެންވާހުށީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ. “

އާދަމު އަދި ޙައްވާ ޢަލައިހިމައްސަލާމް ދެކަނބަލުންނަށް ﷲ ތަޢަލާ ނަހީކުރެއްވި ކަމަކަށް އަރައިގަނެވުމުން ވަގުތުންތަޢުބަވެ ރުޖޫއަވިއެވެ. ﷲ އީ ގިނަގިނައިން ފާފަ ފުއްސަވަ ތައުބާ ޤަބޫލުކުރައްވާ އިލަހެވެ. ނަމަވެސް ލަޢުނަތްލެއްވި އިބްލީސް ކަންތައްކުރީ ކިހިނެއްތޯއެވެ. އޭނާ ﷲ ތައާލާގެ އަމުރައް ނުކިޔަމަންތެރިވިއެވެ. އާދަމު ޢަލަހިއްސަލާމް އަށް ސަޖިދަޖެހުމަށް އިންކާރުކުރިއެވެ. ދެންވެސް ތައުބާވެ ރުޖޫޢަވުމުގެ ބަދަލުގާ އޭނާ ބޮޑާވިއެވެ. އޭނާ ބުންޏެވެ. ތިމަންނަ އެކަލޭގެފަނަށްވުރެ މާ ހެޔޮކަންބޮޑެވެ. އިބަ އިލާހު ތިމަންނާ އުފެއްދެވީ އަލިފާނުންނެވެ. ނަމަވެސް އާދަމު ޢަލައިހިއްސަލާމް އުފެއްދެވީ މަށީންނެވެ. އޭނަގެ މި ކިބުރުވެރި ކަމުގެ ސަބަބުން ﷲ ތަޢާލާގެ ރަހުމަތުން އޭނާ ބޭރުކުރެވުނެވެ. އެއީ އާދަމު ޢަލައިހިއްސަލަމާއި އެކަލޭގެފާނުގެ ދަރިފަސްކޮޅުގެ ބޮޑު ދުޝްމަނެވެ. ޢަދުއްވެވެ.

ﷲ ތަޢާލާ އާދަމް ޢަލައިހިއްސަލާމް އަށް ފަރިއްކުޅުވުން ނަހީ ކުރެއްވެވި ގަހާއި ބެހޭގޮތުން ތަފާތުގޮތްގޮތައް ވާހަކަ ދެކެވެއެވެ. ބަޔެއްމީހުން ބުނާގޮތުގައި އެއީ ތީން އެވެ. އަނެއްބަޔަކު އެގަހަކީ މޭބިސްކަދުރުގަހޭވެސް ބުނެއެވެ. އަދި އެނޫން ގޮތް ގޮތައްވެސް ވާހަކަ ދެކެވެއެވެ. ނަމަވެސް ކީރިތި ޤުރުއާން ގައިވެސް މާތް ނަބިއްޔާގެ ޙަދީޘަކުންވެސް އެއީ ކޮން ވައްތަރެއްގެ ގަހެއް ކަން ޘާބިތުވާކަށް ނެތެވެ. ﷲ ތަޢާލާ އެގަހުގެ ވައްތަރު ބަޔާންކޮށްދެއްވާފައި ނުވާ އިރު އަހަރެމެންނަށް އެކަމުގެ ތަކްލީފު އުފުލާކަށް އަދި އެގަހުގެ ވައްތަރުދެނެގަތުމަކީވެސް އެކަށީގެންވާ ކަމެއްނޫނެވެ. އެހެނީ ޣައިބުގެ ކަންތައްތަކާއިމެދު ޢިލްމެއްނެތި ވާހަކަ ނުދެއްކޭނެތީއެވެ.

ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. ” فَقُلْنَا يَا آدَمُ إِنَّ هَذَا عَدُوٌّ لَّكَ وَلِزَوْجِكَ فَلا يُخْرِجَنَّكُمَا مِنَ الْجَنَّةِ فَتَشْقَى (117) إِنَّ لَكَ أَلاَّ تَجُوعَ فِيهَا وَلا تَعْرَى (118) وَأَنَّكَ لا تَظْمَأُ فِيهَا وَلا تَضْحَى (119) فَوَسْوَسَ إِلَيْهِ الشَّيْطَانُ قَالَ يَا آدَمُ هَلْ أَدُلُّكَ عَلَى شَجَرَةِ الْخُلْدِ وَمُلْكٍ لاَّ يَبْلَى (120) فَأَكَلا مِنْهَا فَبَدَتْ لَهُمَا سَوْآتُهُمَا وَطَفِقَا يَخْصِفَانِ عَلَيْهِمَا مِن وَرَقِ الْجَنَّةِ وَعَصَى آدَمُ رَبَّهُ فَغَوَى (121) “ (طه) މާނަ “ފަހެ، ތިމަންރަސްކަލާނގެ ވަޙީ ކުރެއްވީމެވެ. އޭ އާދަމް ގެފާނެވެ! ހަމަކަށަވަރުން، މިއީ ކަލޭގެފާނާއި، ކަލޭގެފާނުގެ އަނބިކަނބަލުންނަށްހުރި ޢަދާވާތްތެރިޔެކެވެ. ފަހެ، އެކަލޭގެ ތިޔަ ދެކަނބަލުން ސުވަރުގެއިން ނެރެލިޔަ ނުދެއްވާހުށިކަމެވެ! އޭރުން ކަލޭގެފާނު ދަތިތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފާނެތެވެ.(117) ހަމަކަށަވަރުން، ކަލޭގެފާނަކަށް އެތާނގައި ބަނޑުހައިވުމެއް ނުވެތެވެ. އަދި އުނުއޮރިޔާންވުމެއްވެސް ނުމެވޭމެއެވެ.(118) އަދި ހަމަކަށަވަރުން، ކަލޭގެފާނަށް އެތާނގައި ކަރުހިއްކުމެއްނުލިބޭނެތެވެ. އަދި ކަލޭގެފާނަށް އަވީގެ ހޫނެއްވެސް ނުމެވާނެމެއެވެ.(119) ފަހެ ޝައިޠޯނާ އެކަލޭގެފާނަށް ވަސްވާސްދީ ބުންޏެވެ. އޭ އާދަމް ގެފާނެވެ! (އެގަހުން ފަރިއްކުޅުއްވައިފިނަމަ، ކަލޭގެފާނު އަބަދަށް ދެމިހުންނަވާނެ) ޝަޖަރަތުލްޚުލްދު ގަހާއި، ފަނާވެގެންނުދާނޭ ވެރިކަމެއް، ކަލޭގެފާނަށް ތިމަން ދައްކަންތޯއެވެ؟(120) ފަހެ، އެ ދެކަނބަލުން އެގަހުން ފަރިއްކުޅުއްވިއެވެ.ދެން އެ ދެކަނބަލުންގެ ޢަވްރަ އެ ދެކަނބަލުންނަށް ފާޅުވިއެވެ. އަދި ސުވަރުގޭގެ ފަތްތަކުން ޢަވްރަ ނިވާކުރައްވަން ފެއްޓެވިއެވެ. އަދި އާދަމްގެފާނު އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް އުރެދިވަޑައިގަތެވެ. ފަހެ، އެކަލޭގެފާނުގެ މަޤްޞަދު ޙާޞިލް ނުވެ މަގު ގެއްލުނެވެ.(121)”

އަދި އާދަމު އާއި ޙައްވާ ޢަލައިހިމައްސަލާމް އަށް ޝައިތޯނާގެ ކިބައިން މިދިމާވި ކަންތަކުން ޢިބްރަތް ލިބިގަތުމަށް އެދެކަނބަލުންގެ ދަރިފަސްކޮޅަށް ﷲ ތަޢާލާ ވަނީ އަންގަވާފައެވެ. ” يَا بَنِي آدَمَ لاَ يَفْتِنَنَّكُمُ الشَّيْطَانُ كَمَا أَخْرَجَ أَبَوَيْكُم مِّنَ الْجَنَّةِ يَنزِعُ عَنْهُمَا لِبَاسَهُمَا لِيُرِيَهُمَا سَوْآتِهِمَا إِنَّهُ يَرَاكُمْ هُوَ وَقَبِيلُهُ مِنْ حَيْثُ لاَ تَرَوْنَهُمْ إِنَّا جَعَلْنَا الشَّيَاطِينَ أَوْلِيَاء لِلَّذِينَ لاَ يُؤْمِنُونَ (27)” (الأعراف) މާނަ : “އޭ އާދަމްގެ ދަރީންނެވެ! ތިޔަބައިމީހުންގެ މައިންބަފައިން ކަމުގައިވި (އާދަމްގެފާނާއި ޙައްވާގެފާނާއި) ދެކަނބަލުންގެ ޢަވްރަ އެ ދެކަނބަލުންނަށް ދެއްކުމަށްޓަކައި، އެދެކަނބަލުންގެ ފޭރާން ބާލައި، އެދެކަނބަލުންސުވަރުގެއިން ނެރެލިފަދައިން، ޝައިޠޯނާ ތިޔަބައިމީހުން ހެއްލުންތެރި ކުރިޔަ ނުދޭހުށިކަމެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންނަށް އެ ޝައިޠޯނުންނުފެންނަހިނދުގައި، އެ ޝައިޠޯނާއާއިި، އޭނާގެ ލަޝްކަރަށް ތިޔަބައިމީހުން ފެނެއެވެ. ހަމަކަށަވަރުން، އީމާންނުވާ މީހުންނަށް، ވާގިވެރިވާ ބަޔަކު ކަމުގައި، ތިމަންރަސްކަލާނގެ ޝައިޠޯނުން ލެއްވީމެވެ.(27)”

ޝައިތޯނާގެ މަކަރުވެރިކަމުން އާދަމް އާއި ޙައްވާ ޢަލައިހިމައްސަލާމް ސުވަރުގެއިން ނެރެލިއެވެ. އެއީ ﷲ ތަޢާލާ ނަހީކުރެއްވި ގަހުން ފަރިއްކުޅުވުމުގެ ސަބަބުންނެވެ. އެއަށްފަހު އެ ދެކަނބަލުންގެ ތައުބާ ޤަބޫލުކުރައްވާ ، އެދެކަނބަލުން ދިރިއުޅޭނޭ ތަނެއްކަމުގައި ބިން ލެއްވިއެވެ. ކަނޑައެޅިގެންވާ އަޖަލަކާ ޖެހެންދެނެވެ. އަދި ޝައިތޯނާއަކީ އިންސާނީ ދަރިފަސްކޮޅު މަގުފުރައްދަން މަސައްކަތްކުރާނޭ ބަޔާންވެގެންވާ ޢަދުއްވެއް ކަމުގައި އެންގެވިއެވެ. ” قَالَ اهْبِطُواْ بَعْضُكُمْ لِبَعْضٍ عَدُوٌّ وَلَكُمْ فِي الأَرْضِ مُسْتَقَرٌّ وَمَتَاعٌ إِلَى حِينٍ (24) قَالَ فِيهَا تَحْيَوْنَ وَفِيهَا تَمُوتُونَ وَمِنْهَا تُخْرَجُونَ (25) ” ( الأعراف) މާނަ : “އެކަލާނގެ ވަޙީ ކުރެއްވިއެވެ. ތިޔަބައިމީހުންގެ އެއްބަޔަކު އަނެއްބަޔަކާ ޢަދާވާތްތެރީންކަމުގައިވާ ޙާލު، ތިޔަބައިމީހުން (ބިމަށް) ފައިބާށެވެ! އަދި ބިމުގައި ތިޔަބައިމީހުންނަށްޓަކައި، ޤަރާރުވެ ތިބެނިވި ތަނަކާއި، ހިނދުކޮޅަކަށް ދުނިޔޭގެ ވަގުތީ އުފަލެއްވެއެވެ.(24) އެކަލާނގެ ވަޙީ ކުރެއްވިއެވެ. ތިޔަބައިމީހުން ދިރިއުޅޭ ހުށީ އެތާންގައެވެ. އަދި މަރުވާ ހުށީވެސް އެތާންގައެވެ. އަދި (ޤިޔާމަތް ދުވަހުން ދިރުއްވައި) ނެރުއްވާހުށީވެސް އެތަނުންނެވެ.(25)”

އަދި ﷲ ތަބާރަކަ ވަތަޢާލާގެ ހަޟްރަތުން ޝަރީޢަތެއް އަންނާނޭ ކަމާއި އެ ޝަރީޢަތް ޤަބޫލުކޮށް ތަބާވާ ބަޔަކަށް ކާމިޔާބުލިބޭނޭކަމާއި ، ދެ ކޮޅުވެރިވެ މޫނު އަނބުރާލައިފިނަމަ ދެދުނިޔޭގެ ބާއްޖަވެރިކަމުން މަޙުރޫމުވާނޭކަން އެންގެވިއެވެ. އެއިލާހު ވަޙީކުރެއްވިއެވެ. ” قَالَ اهْبِطَا مِنْهَا جَمِيعًا بَعْضُكُمْ لِبَعْضٍ عَدُوٌّ فَإِمَّا يَأْتِيَنَّكُم مِّنِّي هُدًى فَمَنِ اتَّبَعَ هُدَايَ فَلا يَضِلُّ وَلا يَشْقَى (123) وَمَنْ أَعْرَضَ عَن ذِكْرِي فَإِنَّ لَهُ مَعِيشَةً ضَنكًا وَنَحْشُرُهُ يَوْمَ الْقِيَامَةِ أَعْمَى (124) ” (طه) މާނަ : “އެކަލާނގެ ވަޙީ ކުރެއްވިއެވެ. ތިޔަދެކަނބަލުން އެކުގައި ސުވަރުގެއިން (ބިމަށް) ފައިބައިވަޑައިގަންނަވާށެވެ! ތިޔަބައިމީހުންގެ އެއްބަޔަކު އަނެއްބަޔަކަށް ޢަދާވާތްތެރިން ކަމުގައިވާ ޙާލުގައެވެ. ފަހެ، ތިމަންރަސްކަލާނގެ ޙަޟްރަތުން ތިޔަބައިމީހުންނަށް ތެދުމަގެއް އަތުވެއްޖެނަމަ، ދެން ތިމަންރަސްކަލާނގެ ތެދުމަގަށް ތަބާ ވެއްޖެ މީހާ (ދަންނާށެވެ!) ފަހެ އެމީހަކު މަގު ފުރެދިގެނެއް ނުދާނެތެވެ. އަދި އަބާއްޖަވެރިއެއްވެސް ނުމެވާނޭމެއެވެ. އަދި ތިމަން އިލާހުގެ ހިދާޔަތައް ފުރަގަސްދީ ތިމަން އިލާހުގެ ޒިކުރުން ޣާފިލުވެޖެ މީހާ ދަންނާށެވެ! އެމީހަކަށް ދަތި އުނދަގޫ ޙަޔާތެއްދެއްވާހުށީމެވެ. އަދި ޤިޔާމަތްދުވަހުގާ ލޯފަން މީހެއްގޮތުގައި މަޙްޝަރުކުރައްވާހުށީމެވެ.”

އަދި އާދަމު ޢަލައިހިއްސަލާމް އާއި ޙައްވާ ޢަލަހިއްސަލާމްގެ ކިބައިން ގިނަ ފިރިހެނުންނާއި ގިނަ އަންހެނުން ﷲ ތަޢާލާ ޚަލްޤުކުރެއްވިއެވެ.

Read more...

22 February 2012

ކޮންމެ ނަފްސެއްވެސް މަރުގެ ރަހަ ދެކޭނެއެވެ

އަލްއަޚް މުޙައްމަދު ޝަމްޢޫން
الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. نبينا وحبيبنا وقدوتنا محمد وعلى آله وأصحابه ومن تبعهم بإحسان إلى يوم الدين. أما بعد.

ކޮންމެ ދުވަހެއްގެ އިރު، އަރައި އޮއްސެނީ އިންސާނާއަށް މެސެޖްތަކެއްދެމުންނެވެ. ކޮންމެ އެއްޗަކަށް ވެސް އަޖަލެއް ކަނޑައެޅިފައިވާކަމުގެ މެސެޖެވެ. އެ އަޖަލު ޖެހުމާއެކީ އިންސާނާގެ އިރުވެސް އޮއްސޭނޭ ކަމުގެ މެސެޖެވެ. ނަމަވެސް މި މެސެޖްތަކުން ޢިބްރަތް ލިބިގަންނަނީ ފަހެ ކޮންބައެއްބާވައެވެ!

އާދެ! ﷲ ސުބުޙާނަހޫ ވަތަޢާލާ މިދުނިޔެއަށް އަޅުގަނޑުމެން ފޮނުއްވެވީ ވަކި މުއްދަތަކަށެވެ. އަޅުގަނޑުމެންގެ ތެރެއިން ހެޔޮޢަމަލުކުރަނީ ކޮންބައެއްތޯ ބެއްލެވުމަށްޓަކައެވެ. الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا " އެއިލާހަކީ މަރާއި ދިރުން ލެއްވެވި އިލާހެވެ. އެއީ ތިޔަބައިމީހުންގެ ތެރެއިން ހެޔޮޢަމަލު ކުރަނީ ކޮންބައެއްތޯ ބެއްލެވުމަށްޓަކައެވެ." އެ މުއްދަތު ހަމަވުމާއެކީ އަޅުގަނޑުމެން މި ދުނިޔެއަށް އަލްވަދާޢު ކިޔަން ޖެހޭނެއެވެ. އެއީ ކިތަންމެ ޢުމުރުން ހަގު މީހެއް ކަމުގައި ވިއަސްމެއެވެ. إِذَا جَاء أَجَلُهُمْ فَلاَ يَسْتَأْخِرُونَ سَاعَةً وَلاَ يَسْتَقْدِمُونَ " އެބައިމީހުންގެ އަޖަލުޖެހޭހިނދު، ފަހެ ހިނދުކޮޅެއްވެސް ލަސްނުކުރެވޭހުއްޓެވެ. އަދި އަވަހެއްވެސް ނުމެކުރެވޭނޭމެއެވެ." ނަމަވެސް މިކަމާ މެދު ވިސްނާ ފިކުރުކުރަނީ ފަހެ ކޮންބައެއްތޯއެވެ؟

މީސްތަކުން މިވަނީ ޣާފިލުކަމުގެ ނިދިން ނިދާފައެވެ. ދުނިޔޭގެ ކެހިވެރި މަޅީގައިޖެހިފައެވެ. މަރު މަތިން ހަނދާންނައްތާލާފައެވެ. އެހެން ޙަޔާތެއް ވާކަން އެބައިމީހުން ނުދަންނަކަހަލައެވެ. އެބައިމީހުން މިދުނިޔޭގައި ވޭތުކުރާ ކޮންމެ ސިކުންތަކީ އެއާ ބެހޭގޮތުން ސުވާލުވެވޭނޭ ސިކުންތެއްކަން އެބައިމީހުންނަށް ނޭނގޭކަހަލައެވެ. ކިޔަމަންތެރި އަޅުންނަށް ސުވަރުގެ، އަދި ނުކިޔަމަންތެރި އަޅުންނަށް ނަރަކަ ވާކަން އެބައިމީހުން ނުދަންނަކަހަލައެވެ. މިއީ އަޅުގަނޑުމެން ނިހާޔަތަށް ހިތާމަ ކުރަންޖެހޭ ކަމެކެވެ.

އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މި ދުނިޔޭގެ ޙަޔާތަކީ ދާއިމީ ޙަޔާތެއް ނޫނެވެ. މިއީ އިމްތިޙާން ހޯލެކެވެ. މިއީ ދާއިމީ ޙަޔާތް (އުޚްރަވީ ޙަޔާތް) ބާއްޖަވެރި ކުރުމަށްޓަކައި މަސައްކަތްކުރުމަށް އޮތް ޢަމަލުގެ ގޮވައްޗެވެ. އެހެންވީމާ ދާއިމީ ޙަޔާތް ބާއްޖަވެރިކުރުމަށްޓަކާ މަަސައްކަތްކުރައްވަވާށެވެ. އެޙަޔާތަށްޓަކާ އަޅުގަނޑުމެން ތައްޔާރުކޮށްފައިވަނީ ކޮން އެއްޗެއްތޯ ބައްލަވާށެވެ. يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَلْتَنظُرْ نَفْسٌ مَّا قَدَّمَتْ لِغَدٍ وَاتَّقُوا اللَّهَ إِنَّ اللَّهَ خَبِيرٌ بِمَا تَعْمَلُونَ " އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ﷲ އަށް ބިރުވެތިވާށެވެ. އަދި މާދަމާއަށްޓަކާ ކޮންމެނަފްސެއްވެސް ތައްޔާރުކޮށްފައިވަނީ ކޮން އެއްޗެއްތޯބަލާށެވެ. އަދި ﷲ އަށް ބިރުވެތިވާށެވެ. ހަމަކަށަވަރުން ތިޔަބައިމީހުން ކުރާ ޢަމަލުތައް ﷲ މޮޅަށްދެނެވޮޑިގެންވެއެވެ." މިއަދު (ދުނިޔޭގައި) އޮތީ ޢަމަލެވެ. ޙިސާބެއް ނެތެވެ. މާދަމާ (ޤިޔާމަތްދުވަހު) އޮތީ ޙިސާބެވެ. ޢަމަލެއްނެތެވެ. އެހެންކަމުން ބުއްދިވެރިންނަކީ (މުއުމިނުންނަކީ)، ދާއިމީ ޙަޔާތަށްޓަކާ މިފަނާވަނިވި ދުނިޔޭގައި ގަދައަޅާ މަސައްކަތް ކުރާ މީހުންނެވެ. އިބްނު މަސްޢޫދު ރަޟިޔަﷲ ޢަންހުގެ ބަސްފުޅެއްގައި އައިސްފައިވެއެވެ. ليس للمؤمن راحة دون لقاء الله " ﷲ ތަޢާލާގެ ޙަޟްރަތަށް ދިއުން(މަރު) ފިޔަވައި މުއުމިން އަޅާއަށް އަރާމެއްނުވެއެވެ." އަދި ރަސޫލުﷲ ޞައްލަﷲ ޢަލއިހިވަސައްލަމަގެ ޙަދީޘްފުޅެއްގައި އައިސްފައިވެއެވެ. العبد المؤمن يستريح من تعب الدنيا وأذاها إلى رحمة الله " މުއުމިނުއަޅާއަށް، ދުނިޔޭގެ ވަރުބަލިކަމާއި ދަތިއުނދަގުލުން ސަލާމަތްވެ، އަރާމުލިބެނީ ﷲ ގެ ރަޙްމަތަށް އެނބުރިދިއުމުންނެވެ."

އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މިދުނިޔޭގައި ދަތުރުވެރިއެއްގެ ގޮތުގައި ނުވަތަ މަގެއް ހުރަސްކުރާ މީހެއްގެ ގޮތުގައި އުޅުއްވަވާށެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙަދީޘްފުޅެއްގައި އައިސްފައިވެއެވެ. ( كن في الدنيا كأنك غريب أو عابر سبيل ) " ދަތުރުވެރިޔެއް ފަދައިން ނުވަތަ މަގެއް ހުރަސްކުރާ މީހެއްފަދައިން ދުނިޔޭގައި އުޅޭށެވެ." ކޮންމެ ވަގުތެއްގައިވެސް މިދުނިޔެ ދޫކޮށް ދާއިމީ ޙަޔާތަށް ދާންޖެހިދާނެކަމަށް ވިސްނަވައި ތައްޔާރުވެލައްވަވައިގެން ހުންނަވާށެވެ. އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާގެ ބަސްފުޅެއްގައި ވެއެވެ. إذا أمسيت فلا تنتظر الصباح، وإذا أصبحت فلا تنتظر المساء. " ހަވީރުވެއްޖެއްޔާ (ހެނދުނުވަންދެން ހުންނާނޭކަމަށް އުއްމީދުކޮށް) ހެދުނަށް އިންތިޒާރު ނުކުރާށެވެ. އަދި ހެދުނުވެއްޖެއްޔާ (ހަވީރުވަންދެން ހުންނާނޭކަމަށް އުއްމީދުކޮށް) ހަވީރަށް އިންތިޒާރު ނުކުރާށެވެ." އެހެންކަމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ މި ޙަޔާތުގައި ލިބޭ ކުޑަކުޑަ ވަގުތުކޮޅުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އުއްމަތަށް ނަޞީޙަތް ދެއްވަވާފައެވެ. އެކަލޭގެފާނުގެ ޙަދީޘްފުޅެއްގައި އައިސްފައިވެއެވެ. اغتنم خمسا قبل خمس " ފަސްކަމެއް ތިޔަބައިމީހުންނާއި ކުރިމަތިވުމުގެ ކުރިން ފަސްކަމެއްގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. " އޭގެ ތެރެއިން އެއް ކަމަކަށް އެކަލޭގެފާނު ޙަދީޘްފުޅުކުރައްވަވާފައިވަނީ حياتك قبل موتك " މަރުވުމުގެ ކުރިން ޙަޔާތުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ."

އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މި ފަނާވަނިވި ދުނިޔޭގެ ކުޑަކުޑަ އުފަލަކަށްޓަކާ، ފަނާވުމެއްނެތް ދާއިމީޙަޔާތް ގެއްލެނި ނުކުރައްވަވާށެވެ. ﷲ ތަޢާލާގެ ވަޙީ ބަސްފުޅެއްގައި ވެއެވެ.فَلَا تَغُرَّنَّكُمُ الْحَيَاةُ الدُّنْيَا وَلَا يَغُرَّنَّكُم بِاللَّهِ الْغَرُورُ " ފަހެ ދުނިޔަވީޙަޔާތް، ތިޔަބައިމީހުން ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ. އަދި ކެހިވެރީން(ޝައިޠާނުން)، ތިޔަބައިމީހުން ﷲ އާއިމެދު ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ." އަދި ޝައިޠާނާއަކީ އަޅުގަނޑުމެންގެ ޢަދުއްވެއްކަން ހަނދުމަފުޅު ބަހައްޓަވާށެވެ. އަޅުގަނޑުމެން ނާކާމިޔާބު އަޅުންތަކެއްކަމުގައި ހެދުމަކީ އެސޮރުގެ މަޤްޞަދެވެ. قَالَ فَبِمَا أَغْوَيْتَنِي لأَقْعُدَنَّ لَهُمْ صِرَاطَكَ الْمُسْتَقِيمَ * ثُمَّ لآتِيَنَّهُم مِّن بَيْنِ أَيْدِيهِمْ وَمِنْ خَلْفِهِمْ وَعَنْ أَيْمَانِهِمْ وَعَن شَمَآئِلِهِمْ وَلاَ تَجِدُ أَكْثَرَهُمْ شَاكِرِينَ " އޭނާ (އިބްލީސް) ބުންޏެވެ. އިބައިލާހު އަހަރެން ތެދުމަގުން އެއްކިބާކުރެއްވިފަދައިން ، އެބައިމީހުން (އިންސާނުން) އިބައިލާހުގެ ސީދާވެގެންވާމަގަށް ވާޞިލުވުމަށް ހުރަސް އަޅާހުށީމެވެ. އެއަށްފަހު (ވަސްވާސްދިނުމަށް) އެބައިމީހުންގެ ކުރިމަތިންނާއި ފުރަގަހުންނާއި ކަނާތްފަރާތުންނާއި ވާތްފަރާތުން އަންނަހުށީމެވެ. އަދި އޭގެތެރެއިން ގިނަމީހުންނަކީ ޝުކުރުނުކުރާ އަޅުންތަކެއްކަމުގައި އިބައިލާހަށް ފެންނާނެތެވެ."

އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ގިނަގިނައިން މަރުމަތީން ހަނދުމަކުރައްވަވާށެވެ. އެހެނީ ގިނަގިނައިން މަރުހަދާންކުރުމަކީ މި ދުނިޔޭގެ ކެހިވެރިމަޅިތަކުން ސަލާމަތްވުމަށްޓަކައި ވާ މަގެކެވެ. އަބޫ ސަޢީދުލް ޚުދްރީ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިސްކިތަށް ވަދެވަޑައިގެންނެވިއިރު ދުނިޔަވީ (ބޭކާރު) ވާހަކަތަކެއްގެ ތެރެއަށް ގެއްލިފައިތިބި ބަޔަކު އެކަލޭގެފާނަށް ފެނިވަޑައިގަތެވެ. އެހިނދު އެކަލޭގެފާނު އެބައިމީހުންނަށް ޙަދީޘްފުޅުކުރެއްވިއެވެ. أما أنكم لو أكثرتم من ذكر هادم اللذات لشغلكم عما أرى فأكثروا ذكر هادم اللذات. " ދުނިޔޭގެ ލައްޒަތު ކަނޑުވާލާ (މަރު) މަތިން ހަނދާންކުރުން ތިޔަބައިމީހުން ގިނަކުރާނަމަ، ތިމަންކަލޭގެފާނަށް މި ފެނިވަޑައިގަންނަވާ ކަންތަކުން ތިޔަބައިމީހުން ދުރުކޮށް، އެހެންކަމެއްގައި ތިޔަބައިމީހުން މަޝްޣޫލުކުރުވީހެވެ. ފަހެ ދުނިޔޭގެ ލައްޒަތާއި މަލައްޒާތު ކަނޑުވާލާ (މަރު) މަތިން ގިނަގިނައިން ހަނދާންކުރާށެވެ."

އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މަރަކީ އަޅުގަނޑުމެން ކޮންމެ މީހަކާވެސް ބައްދަލުކުރާނޭ އެއްޗެކެވެ. كُلُّ نَفْسٍ ذَائِقَةُ الْمَوْتِ " ކޮންމެ ނަފްސެއްވެސް މަރުގެ ރަހަ ދެކޭނެއެވެ." މިއަދު ޖަނާޒާ އުފުލަންތިބަ މީހުންގެ ޖަނާޒާ މާދަން އުފުލޭނެއެވެ. މިއަދު މައްޔިތާ ވަޅުލުމަށްފަހު އެނބުރި ގެއަށް އައިމީހުން މާދަމާ ވަޅުލެވޭނެއެވެ. އަދި ތިމަންނައަށްވީ އެންމެ ވިހިއަހަރޭ ނުވަތަ ތިރީސްއަހަރޭ ބުނެ އުޒުރެއް ނުދެއްކޭނެއެވެ. އެމީހެއްގެ އަޖަލު ހަމަވުމާއެކީ އޭނާގެ ފުރާނަ ގެންދެވޭނެއެވެ. ކިތަންމެވަރަކަށް ފިލަން މަސައްކަތް ކުރިކަމުގައިވިޔަސްމެއެވެ. قُلْ إِنَّ الْمَوْتَ الَّذِي تَفِرُّونَ مِنْهُ فَإِنَّهُ مُلَاقِيكُمْ " ކަލޭގެފާނުވިދާޅުވާށެވެ. ހަމަކަށަވަރުން އެކަމަކުން ފިލަން ތިޔަބައިމީހުން މަސައްކަތްކުރާ މަރު، ތިޔަބައިމީހުންގެ ތެރެއިން ކޮންމެމީހަކާއިވެސް ބައްދަލުކުރާނެތެވެ." ކިތަންމެވަރަކަށް ގާޑުންނާއި ދޮރުފާރަވެރިން ބޭތިއްބި ކަމުގައި ވިޔަސް ސަލާމަތް ނުވެވޭނެއެވެ. أَيْنَمَا تَكُونُواْ يُدْرِككُّمُ الْمَوْتُ وَلَوْ كُنتُمْ فِي بُرُوجٍ مُّشَيَّدَةٍ " ކޮންމެތަނެއްގައި ތިބި ކަމުގައިވިއަސް ތިޔަބައިމީހުންނާއި މަރު ބައްދަލުކުރާނެއެވެ. އެއީ އުސް ވަރުގަދަ ކިއްލާތަކެއްގައި ތިޔަބައިމީހުން ތިބި ކަމުގައިވީނަމަވެސް މެއެވެ."

އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! އެއްވެސް މަޚްލޫޤަކަށް މަރުން މިންޖުނުވެވޭނެއެވެ. އެއީ ﷲގެ ޙަޟްރަތުގައި ކިތަންމެ މާތް މަޚްލޫޤެއްކަމުގައި ވީނަމަވެސްމެއެވެ. އެއްވެސް މަޚުލޫގަކަށް މިންޖުވެވޭނޭނަމަ، އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް މިންޖުވެވުނީހެވެ. އެކަލޭގެފާނަށްވެސް މަރާއި ބައްދަލުކުރައްވަވައި މި ދުނިޔެއަށް އަލްވަދާޢުކިޔުއްވަން ޖެހިވަޑައިގެންނެވީއެވެ. މަރުގެ ސަކަރާތާއި ކުރިމަތިލައްވަވަން ޖެހިވަޑައިގެންނެވީއެވެ. މަރަށް ޙާޟިރުވެވަޑައިގެންނެވި ވަގުތު އެކަލޭގެފާނުގެ ޠާހިރު ހަށިކޮޅުގައި ފެންލައްވަވަމުން އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވެވިއެވެ. لا إله إلا الله إن للموت لسكرات " ﷲ ފިޔަވައި ޙައްޤު ގޮތުގައި އަޅުކަންވެވޭ އެހެން އެއްވެސް ފަރާތެއްނުވެއެވެ. ހަމަކަށަވަރުން މަރަކީ ވޭންދެނިވި އެއްޗެކެވެ. " މީއީ ﷲ ގެ ޙަބީބް މަރަށް ޙާޟިރުވެވަޑައިގެންނެވި އިރު އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވެވި ބަސްފުޅެވެ. އެބޭކަލެއްގެ ހުރިހާ ފާފަތަކެއް ﷲ ތަޢާލާ ފުއްސަވައި ދެއްވަވާފައިވާ ކަލޭގެފާނު ކުރިމަތިލައްވަވަން ޖެހިވަޑައިގެންނެވި ކަންތަކެވެ. އެހެންވިމާ އަޅުގަނޑުމެންފަދަ، ﷲ ޙަރާމްކުރައްވަވާފައިވާ ކަމެއް އޮތްނަމަ އެކަމެއް ކުރަމުންދާ، ނިކަމެތިއަޅުންގެ ޙާލަކީ ފަހެ ކޮބައިތޯއެވެ؟

އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މަރަކީ ވޭންދެނިވި އެއްޗެކެވެ. މުއުމިންއަޅާގެ ފުރާނަ އޭނާގެ ޖިސްމާ ވަކިވެގެންދާ ދިއުމުގެ ފަސޭހަކަމާ އެކުވެސް އޭނާ މަރުގެ ސަކަރާތާއި ވޭން ތަޙައްމަލުކުރަންޖެހޭނެއެވެ. މިކަން އަޅުގަނޑުމެންނަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އަވަހާރަވެވަޑައިގެންނެވި ވަގުތު "މަރަކީ ވޭންދެނިވި އެއްޗެކެވެ" މިހެން ޙަދީޘްފުޅުކުރެއްވުމުން ވަރަށް ރަނގަޅަށް އެނގިގެންދެއެވެ. ދެން އެހެންވީމާ ނުކިޔަމަންތެރި އަޅުން ކުރިމަތިލާން ޖޭހޭނޭ ވޭނާ މެދު ފިކުރުކުރައްވަވާށެވެ.

އާދެ! މުއުމިނު އަޅާގެ ފުރާނަ އޭނާގެ ޖިސްމާ ވަކިވެގެންދާނޭގޮތް ބަޔާންކޮށް ދެއްވަވައި ރަސޫލުﷲ ޞައްލަﷲ ޢަލައިވަސައްލަމަ ޙަދީޘްފުޅު ކުރައްވަވާފައިވެއެވެ.( إِنَّ الْعَبْدَ الْمُؤْمِنَ ، إِذَا كَانَ فِي انْقِطَاعٍ مِنَ الدُّنْيَا ، وَإِقْبَالٍ مِنَ الاخِرَةِ ، نَزَلَ إِلَيْهِ مَلائِكَةٌ مِنَ السَّمَاءِ ، بِيضُ الْوُجُوهِ كَأَنَّ وُجُوهَهُمُ الشَّمْسُ ، مَعَهُمْ كَفَنٌ مِنْ أَكْفَانِ الْجَنَّةِ ، وَحَنُوطٌ مِنْ حَنُوطِ الْجَنَّةِ حَتَّى يَجْلِسُوا مِنْهُ مَدَّ الْبَصَرِ ، ثُمَّ يَجِيءُ مَلَكُ الْمَوْتِ عَلَيْهِ السَّلام حَتَّى يَجْلِسَ عِنْدَ رَأْسِهِ ، فَيَقُولُ : أَيَّتُهَا النَّفْسُ الطَّيِّبَةُ ، اخْرُجِي إِلَى مَغْفِرَةٍ مِنَ اللَّهِ وَرِضْوَانٍ ، قَالَ : فَتَخْرُجُ تَسِيلُ كَمَا تَسِيلُ الْقَطْرَةُ مِنْ فِي السِّقَاءِ) " ހަމަކަށަވަރުން މުއުމިނުއަޅާ މި ދުނިޔެ ދޫކޮށް އުޚްރަވީ ޙަޔާތަށް ކުރިމަތިލާންޖެހޭ ވަގުތު ޖެހުމުން، އެބޭކަލުންގެ މޫނު އިރުފަދައިން އަލިވެގެންވާ މަލާއިކަތް ބޭކަލުންތަކެއް،ސުވަރުގޭގެކަފުނާއި ހުވަދު ހިއްޕަވައިގެން އުޑުން ފައިބައިވަޑައިގެން އެ އިންސާނާގެ ކައިރީ އިށީނދެވަޑައިގަންނަވާނެއެވެ. އަދި އޭނާގެ ލޮލުގެ ކޮޅަށް ކިރިޔާ ފެންނަ ހިސާބަށް އެބޭކަލުންގެ ސަފުދެމިގެންދާނެއެވެ. އެއަށްފަހު މަލަކުލްމައުތު ޢަލައިހިއްސަލާމް ވަޑައިގެން އޭނާގެ ބޮލުގެ ކައިރީ އިށީނދެވަޑައިގަންނަވާނެއެވެ. އަދި ވިދާޅުވާނެއެވެ. އޭ ރަނގަޅު ( ހެޔޮލަފާ ) ފުރާނައާއެވެ. ﷲ ގެ މަޣުފިރަތާއި ރުހިވޮޑިގަތުމަށް ނިކުމެގެން އަންނާށެވެ. ދެން އެހިނދު އޭނާގެ ފުރާނަ، އެއްޗަކުން ފެން އޮހޮރިގެން އަންނަފަދައިން، އޭނާގެ ނަފްސާއި ވަކިވެގެންދާނެއެވެ." އަދި ނުކިޔަމަންތެރި އަޅާގެ ފުރާނަ އޭނާގެ ޖިސްމާ ވަކިވެގެންދާނޭގޮތް ބަޔާންކޮށް ދެއްވަވައި އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވެވިއެވެ.( وَإِنَّ الْعَبْدَ الْكَافِرَ ، إِذَا كَانَ فِي انْقِطَاعٍ مِنَ الدُّنْيَا ، وَإِقْبَالٍ مِنَ الاخِرَةِ ، نَزَلَ إِلَيْهِ مِنَ السَّمَاءِ مَلائِكَةٌ سُودُ الْوُجُوهِ ، مَعَهُمُ الْمُسُوحُ ، فَيَجْلِسُونَ مِنْهُ مَدَّ الْبَصَرِ ، ثُمَّ يَجِيءُ مَلَكُ الْمَوْتِ ، حَتَّى يَجْلِسَ عِنْدَ رَأْسِهِ ، فَيَقُولُ : أَيَّتُهَا النَّفْسُ الْخَبِيثَةُ اخْرُجِي إِلَى سَخَطٍ مِنَ اللَّهِ وَغَضَبٍ ، قَالَ : فَتُفَرَّقُ فِي جَسَدِهِ ، فَيَنْتَزِعُهَا كَمَا يُنْتَزَعُ السَّفُّودُ مِنَ الصُّوفِ الْمَبْلُولِ ) " އަދި ހަމަކަށަވަރުން (ނުކިޔަމަންތެރި) ކާފިރުއަޅާ މި ދުނިޔެ ދޫކޮށް އުޚްރަވީ ޙަޔާތަަށް ކުރިމަތިލާންޖެހޭ ވަގުތު ޖެހުމުން، އެބޭކަލުންގެ މޫނުތައް އަނދިރިވެގެންވާ މަލާއިކަތްބޭކަލުންތަކެއް، ނަރަކައިގެ ކަފުން ހިއްޕަވައިގެން އުޑުން ފައިބައިވަޑައިގެން އެ އިންސާނާގެ ކައިރީ އިށީނދެވަޑައިގަންނަވާނެއެވެ. އަދި އޭނާގެ ލޮލުގެ ކޮޅަށް ކިރިޔާ ފެންނަ ހިސާބަށް އެބޭކަލުންގެ ސަފުދެމިގެންދާނެއެވެ. އެއަށްފަހު މަލަކުލްމައުތު ޢަލައިހިއްސަލާމް ވަޑައިގެން އޭނާގެ ބޮލުގެ ކައިރީ އިށީނދެވަޑައިގަންނަވާނެއެވެ. އަދި ވިދާޅުވާނެއެވެ. އޭ ނުބައި ( ކާފިރު) ފުރާނައާއެވެ. ﷲ ގެ ޢަޒާބާއި ކޯފާއަށް ނިކުމެގެން އަންނާށެވެ. އެ ހިނދު އޭނާގެ ޖިސްމުގެ އެކިތަންތަނަށް އެ ފުރާނަ ފެތުރިގަންނާނެއެވެ. ދެން ތެތްކަފަގަނޑެއްގެތެރެއިން ކަށިއުލެއް ދަމާ ނެރޭ ފަދައިން އޭނާގެ ހަށިގަނޑުން (ގަދަކަމުން) އޭނާގެ ފުރާނަ ދަމާ ނެރެވޭ ހުއްޓެވެ. "

ﷲ ތަޢާލާ ، އަޅުގަނޑުމެންނީ މަރު މަތިން ގިނަގިނައިން ހަނދުމަކުރާ މުއުމިނު އަޅުންތަކެއްކަމުގައި ލައްވާށިއެވެ. އަދި ފުރާނަ ފަސޭހަކަމާއެކު ހަށިގަނޑުން ވަކިވެގެންދާ ޞާލިޙު އަޅުންތަކެއްކަމުގައި ލައްވާށިއެވެ. އާމީން...
و صلى الله وسلم على نبينا وحبيبنا محمد وعلى آله وصحبه أجمعين. و الحمد لله رب العالمين.

Read more...

01 February 2012

ތައުޙީދުލް އުލޫހިއްޔާ

އައްޝައިޚް އަބޫބަކްރު އިބްރާހިމް، ހިންނަވަރު
ތައުޙީދުލް އުލޫހިއްޔާއަކީ އަޅުކަން ކުރުމުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ އެއްކައުވަންތަ ކުރުމެވެ. އެބަހީ؛ ﷲ ސުބްޙާނަހޫ ވަތަޢާލާ މެނުވީ އަޅުކަން ކުރުން ޙައްޤު ވެގެންވާ ދެވަނަ ފަރާތެއް ނެތް ކަމުގައި ޔަޤީންކޮށް އަޅުކަމުގެ ހުރިހައި ކަމެއްވެސް އިޚްލާސްތެރި ވެގެންވާ ޙާލު ހަމައެކަނި އިލާހު ވަންތަ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ކުރުމެވެ. އަދި އަޅުކަމުގެ އެއްވެސް ކަމެއްގައި އެ އިލާހާ އެހެން އެއްވެސް ފަރާތެއް ބައިވެރިނުކޮށް ހަމަސީދާ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ކުރުމެވެ.

އަޅުކަންކުރާއިރު ކިތަންމެ ކުޑަކޮށް ނަމަވެސް ﷲ ސުބްޙާނަހޫ ވަތަޢާލާ ފިޔަވައި އެހެން ފަރާތެއް ޤަސްތުކޮށްފި ނަމަ އުލޫހިއްޔަތުގައި ޝިރުކު ކުރެވުނީ އެވެ. ތައުޙީދު ގެއްލުނީއެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. "ذَلِكُمُ اللَّهُ رَبُّكُمْ لا إِلَهَ إِلَّا هُوَ خَالِقُ كُلِّ شَيْءٍ فَاعْبُدُوهُ" (الانعام 102) މާނައީ: "އެއީ (ﷲ ސުބްޙާނަހޫ ވަތަޢާލާ) އެ އިލާހު ފިޔަވައި އެހެން އެއްވެސް އިލާހަކުނުވާ، ކަލޭމެން ހައްދަވާ ބޮޑުކުރައްވާ ކަލޭމެންގެ ވެރި ﷲއެވެ. އެއީ ހުރިހައި ތަކެތި ހައްދަވާ އިލާހެވެ. ވިމާ، އެއިލާހަށް އަޅުކަން ކުރާށެވެ."

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘް ކުރެއްވިއެވެ. "حَقُّ اللهِ عَلَى العِبَادِ أَن يَعْبُدُوهُ وَلاَيُشْرِكُوبِهِ شَيْئًا" (رواه الشيخان) މާނައީ: "ﷲގެ ރަސްކަން ފުޅަށްޓަކައި އަޅުތަކުންގެ މައްޗަށް ވާޖިބުވާ ޙައްޤަކީ އަޅުތަކުން އެއިލާހުގެ ޙަޟްރަތަށް އަޅުކަން ކުރުމެވެ. އަދި، އެއިލާހާ އެހެން އެއްވެސް އެއްޗެއް ބައިވެރި ނުކުރުމެވެ."

ތައުޙީދުގެ ތިންބައިން ކުރެ އެންމެ މުހިއްމު ބަޔަކީ މިބައެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ފޮނުއްވި އެންމެހައި ރަސޫލުންގެ ރިސާލަތު އާއްމު ގޮތެއްގައި ވަނީ ތައުޙީދުގެ މިބައިގެ މައްޗަށެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ކުރައްވާފައިވެއެވެ. "وَمَا أَرْسَلْنَا مِنْ قَبْلِكَ مِنْ رَسُولٍ إِلَّا نُوحِي إِلَيْهِ أَنَّهُ لَا إِلَهَ إِلَّا أَنَا فَاعْبُدُونِ" (الانبياء 25) މާނައީ: "ތިމަންއިލާހު މެނުވީ (އަޅުކަންކުރުން ޙައްޤުވެގެންވާ) އެހެން އެއްވެސް އިލާހަކު ނުވެޔޭ، އެހެންވެ ކަލޭމެން ހަމައެކަނި ތިމަން އިލާހަށް އަޅުކަންކުރާށޭ، މިހެން ވަޙީ ނުކުރައްވާ އެއްވެސް ރަސޫލަކު ތިބާގެ ކުރިންވެސް ތިމަން އިލާހު ރަސޫލުކަމައިގެން ނުފޮނުއްވަމެވެ."

އަދި މުޝްރިކުންވެސް އަޞްލުގައި ދެކޮޅުހެދީ ތައުޙީދުގެ މިބަޔާއެވެ.

ސުވާލު:
(1) ތައުޙީދުލް އުލޫހިއްޔާއަކީ ކޮބައި ހެއްޔެވެ؟
(2) އަޅުކަން ކުރުން ޙައްޤު ވެގެންވާ ފަރާތަކީ ކޮބައިހެއްޔެވެ؟
(3) އުލޫހިއްޔަތުގެ މައްޗަށް ދަލީލުކުރާ އާޔަތެއް ބަޔާން ކުރޭ!
(4) އުލޫހިއްޔަތުގެ މައްޗަށް ދަލީލުކުރާ ހަދީޘް އެއް ބަޔާން ކުރޭ!
_____________________________________
ޝައިޚް އަބޫބަކްރު އިބްރާހިމް ލިޔުއްވާފައިވާ "ރިސާލަތުއްތައުޙީދި ފޮތުން ނަގާފައި"

Read more...

26 January 2012

ކުފުރުގެ ވައްތަރުތައް

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
ކުފުރު ބެހެނީ ދެބަޔަކަށެވެ.
1- މިއްލަތުން ބޭރުވާ ކުފުރު: މިވައްތަރުގެ ކުފުރުގެ ފަސް ބާވަތްވެއެވެ.
ހ_- ދޮގުކުރުމުގެ ސަބަބުން ކާފިރުވުން: ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ. "وَمَنْ أَظْلَمُ مِمَّنِ افْتَرَى عَلَى اللَّهِ كَذِبًا أَوْ كَذَّبَ بِالْحَقِّ لَمَّا جَاءَهُ أَلَيْسَ فِي جَهَنَّمَ مَثْوًى لِلْكَافِرِينَ" العنكبوت: ٦٨ މާނަ: "އަދި ﷲ ގެ މައްޗަށް ދޮގެއް އުފައްދައިގަތް މީހަކަށްވުރެ ނުވަތަ ޙައްޤު އައި ހިނދުން ޙައްޤު ދޮގުކުރި މީހަކަށްވުރެ ވަކިންބޮޑު އަނިޔާވެރިއަކީ ކާކުހެއްޔެވެ؟ ފަހެ ކާފިރުން ޤަރާރުވެ ތިބޭނެ ތަނެއް ކަމުގައި ނަރަކަ ނުފުދޭހެއްޔެވެ؟"

ށ- ޤަބޫލުކުރާ ޙާލު، ބޮޑާވެ ކިބުރުވެރިވުމުގެ ސަބަބުން ކާފިރުވުން: ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ. "وَإِذْ قُلْنَا لِلْمَلَائِكَةِ اسْجُدُوا لِآَدَمَ فَسَجَدُوا إِلَّا إِبْلِيسَ أَبَى وَاسْتَكْبَرَ وَكَانَ مِنَ الْكَافِرِينَ" البقرة: ٣٤ މާނަ: "އަދި ތިމަންއިލާހު އާދަމް ޢަލައިހިއްސަލާމަށް ތިޔަބޭކަލުން ސަޖިދަކުރައްވާށޭ މަލާއިކަތްބޭކަލުންނަށް ވަޙީކުރެއްވި ހިނދު ފަހެ އިބިލީސް މެނުވީ އެހެން ހުރިހާ ބޭކަލުން ސަޖިދަކުރެއްވިއެވެ. އަދި އެ އިބިލީސް އެކަމުން މަނާވެ ބޮޑާވެގެންފިއެވެ. އަދި އޭނާވީ ކާފިރުންގެ ތެރެއިންނެވެ."

ނ- ޝައްކުކުރުމުގެ ސަބަބުން ކާފިރުވުން: މިބާވަތުގެ ކުފުރަކީ ހީކުރުމުގެ ކުފުރެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. "وَدَخَلَ جَنَّتَهُ وَهُوَ ظَالِمٌ لِنَفْسِهِ قَالَ مَا أَظُنُّ أَنْ تَبِيدَ هَذِهِ أَبَدًا * وَمَا أَظُنُّ السَّاعَةَ قَائِمَةً وَلَئِنْ رُدِدْتُ إِلَى رَبِّي لَأَجِدَنَّ خَيْرًا مِنْهَا مُنْقَلَبًا * قَالَ لَهُ صَاحِبُهُ وَهُوَ يُحَاوِرُهُ أَكَفَرْتَ بِالَّذِي خَلَقَكَ مِنْ تُرَابٍ ثُمَّ مِنْ نُطْفَةٍ ثُمَّ سَوَّاكَ رَجُلًا" الكهف: ٣٥ – ٣٧ މާނަ: "އަދި އޭނާ އޭނާގެ ބަގީޗާއަށް ވަނީ އަމިއްލަ ނަފްސަށް އަނިޔާވެރިވެގެންވާ ޙާލުގައެވެ. (އެއީ މަޙްޝަރަށް ފޮނުއްވުމާމެދު ކާފިރުވުމާއި ޤިޔާމަތްވުމާމެދު ޝައްކުވުމާ މިބާވަތުގެ ކަންތައްތަކުގެ ސަބަބުންނެވެ.) އޭނާ ބުންޏެވެ. ދުވަހަކުވެސް މިތަކެތި ހަލާކުވެ ފަނާވެދާނެކަމުގައި އަހަރެން ހީއެއްނުކުރަމެވެ. *އަދި (އޭނާ ބުންޏެވެ.) އަހަރެން ހީކުރާގޮތުގައި ތިޔަބުނާ ޤިޔާމަތްދުވަހެއް ނާންނާނެއެވެ. (އަދި ތިބާ ތިޔަބުނާގޮތަށް ޤިޔާމަތް ޤާއިމްވެގެން) އަހުރެން އަހުރެންގެ ރައްބުގެ ޙަޟްރަތަށް ދެވުނު ނަމަވެސް އަހުރެންގެ މިބަގީޗާއަށްވުރެ މާ ހެޔޮ ރަނގަޅުތަކެތި އަހުރެންނަށް އެނބުރި ދެވޭތަނުގެ ގޮތުން ލިބޭނެއެވެ.* އޭނާގެ އެކުވެރިޔާ އޭނާއާ ވާހަކަ ދައްކާ ޙާލު އޭނާއަށް ބުންޏެވެ. ވެލީން ތިބާ ހައްދަވައި (އާދަމްގެފާނު ހައްދަވައި) ދެން މަނިފޮދުވަރަކުން ތިބާ ހައްދަވައި ދެން ބަރާބަރު ފިރިހެނަކަށް ހެއްދެވި ކަލާނގެއަށް ތިބާ ކާފިރުވީހެއްޔެވެ؟"

ރ- ފުރަގަސްދިނުމުގެ ސަބަބުން ކާފިރުވުން: އެކަމުގެ ދަލީލަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ މިބަސްފުޅެވެ. "ذَلِكَ بِأَنَّهُمْ آَمَنُوا ثُمَّ كَفَرُوا فَطُبِعَ عَلَى قُلُوبِهِمْ فَهُمْ لَا يَفْقَهُونَ" المنافقون: ٣ މާނަ: "އެއީ (އެބައިމީހުން ދޮގުހަދައި) އަދި ނުބައި ޢަމަލުތައް ކުރަމުން އެދަނީ އެމީހުން ހަމަކަށަވަރުން އީމާންވެ، ދެން ކާފިރުވީކަމުގެ ސަބަބުންނެވެ. ދެންފަހެ އެމީހުންގެ ހިތްތަކުގައި ސިއްކަޖެއްސެވި ބަންދުކުރެއްވިއްޖެއެވެ. އެހެންވީމާ އެމީހުންނަކަށް ނުވިސްނޭނެއެވެ."

2- ކުޑަ ކުފުރު ނުވަތަ މިއްލަތުން ބޭރުނުވާ ކުފުރު: އެއީ ނިޢުމަތަށް ކުފުރުވުމެވެ. އޭގެ ދަލީލަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ މިބަސްފުޅެވެ. "وَضَرَبَ اللَّهُ مَثَلًا قَرْيَةً كَانَتْ آَمِنَةً مُطْمَئِنَّةً يَأْتِيهَا رِزْقُهَا رَغَدًا مِنْ كُلِّ مَكَانٍ فَكَفَرَتْ بِأَنْعُمِ اللَّهِ فَأَذَاقَهَا اللَّهُ لِبَاسَ الْجُوعِ وَالْخَوْفِ بِمَا كَانُوا يَصْنَعُونَ" النحل: ١١٢ މާނަ: އަދި ﷲ ތަޢާލާ ރަށެއްގެ މިސާލު ޖެއްސެވިއެވެ. އެރަށް ވީ އަމާން އަދި ހިތްހަމަޖެހޭ ރަށެއްކަމުގައެވެ. އަދި ހުރިހާ ފަރާތްތަކަކުން އެރަށުގެ އަހުލުވެރިންނަށް ތަނަވަސްކަމާއި ފަސޭހަކަމާއެކު ރިޒްޤު އާދެއެވެ. ދެން އެރަށުގެ އަހުލުވެރީން ﷲ ގެ ނިޢުމަތަށް ކާފިރުވިއެވެ. ދެންފަހެ އޭގެ ސަބަބުން ބަނޑުހައި ހޫނުކަމާއި ބިރުވެރިކަމުގެ ލިބާސް އެމީހުންގެ ގައިގާ ﷲ ތަޢާލާ ލެއްވިއެވެ. އެއީ އެމީހުން ކުރާކަމުގައިވި ކަންތައްތަކުންނެވެ." އަދި ﷲ ތަޢާލާގެ މި ވަޙީބަސްފުޅުވެސް އެއީ މިކަމުގެ ދަލީލެކެވެ. "إِنَّ الْإِنْسَانَ لَظَلُومٌ كَفَّارٌ" إبراهيم: ٣٤ މާނަ: "ހަމަކަށަވަރުން އިންސާނާވީ (ނިޢުމަތްތަކުގެ ޝުކުރު ﷲ ނޫން ފަރާތްތަކަށް އަނބުރާލާ އެކަލާނގެ ނޫންފަރާތްތަކަށް އަޅުކަންކުރުމުގެ ގޮތުން) އޭނާގެ ނަފްސަށް އަނިޔާވެރިއަކު ކަމުގައެވެ. އަދި އެކަލާނގެއަށް ގިނަގިނައިން ކާފިރުވާ މީހަކުކަމުގައެވެ."

އޭ އަޅަމެން ހައްދަވާ ގެންގުޅުއްވާ އިލާހު! އީމާންވުމަށްފަހުގައި ކާފިރުވާ މީހުންގެ ތެރެއިން އަޅަމެން ނުލައްވާދޭނވެ! އަދި އަޅަމެންނާއި އަޅަމެންގެ ދަރިފަސްކޮޅު ކުފުރާއި ކުފުރުގެ އަހުލުވެރިންގެ ކިބައިން ސަލާމަތްކުރައްވާދޭނވެ! އާމީން ޔާ ރައްބަލް ޢާލަމީން.

Read more...

15 January 2012

ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ދެއްވި އެއްޗެއްވިއްޔާ އޭގައި ހިފާށެވެ

އަލްއަޚް މުޙައްމަދު ޝަމްޢޫން
الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. نبينا وحبيبنا وقدوتنا محمد وعلى آله وأصحابه ومن تبعهم بإحسان إلى يوم الدين. أما بعد.
ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނުން ޚަލްޤުކުރައްވަވާފައިވަނީ އެއިލާހަށް އަޅުކަންކުރުމަށްޓަކައެވެ. وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ " އަދި ތިމަންއިލާހަށް އަޅުކަންކުރުމަށް މެނުވީ، ތިމަންއިލާހު އިންސީންނާއި ޖިންނީން ނަހައްދަވަމެވެ."

އެހެންކަމުން އަޅުކަންކުރާނޭ ގޮތް ބަޔާންކޮށްދެއްވެވުމަށްޓަކައި ހުރިހާ އުންމަތަކަށްވެސް، އެއިލާހުވަނީ ރަސޫލުބޭކަލުން ފޮނުއްވަވާފައެވެ. وَإِن مِّنْ أُمَّةٍ إِلَّا خلَا فِيهَا نَذِيرٌ " އަދި އެ އުންމަތަކަށް އިންޒާރުކުރައްވަވާނޭ ބޭކަލަކު އިސްވެގޮސްފައިނުވާ އެއްވެސް އުންމަތެއްނުވެއެވެ." މިގޮތުން އަޅުގަނޑުމެންގެ އުންމަތައް އެއިލާހު ފޮނުއްވެވީ އެއިލާހުގެ ލޮބުވެތި ޙަބީބް، ނަބީކަމާއި ރަސޫލުކަން ޚަތިމުކުރެއްވެވި މާތް ނަބިއްޔާ، މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމައެވެ.

އާދެ! ﷲ ތަޢާލާ އެކަލޭގެފާނު ފޮނުއްވެވީ އަޅުގަނޑުމެންނަށް އެއިލާހުގެ ދީން ބަޔާން ކޮށް ދެއްވެވުމަށްޓަކައެވެ. އެއިލާހުގެ ފޮތް އުގަންނަވައި ދެއްވެވުމަށްޓަކައެވެ. ޖާހާލަތުގެ އަނދިރިކަމުން އީމާންކަމުގެ އަލިކަމަށް އަޅުގަނޑުމެން ނެރުއްވެވުމަށްޓަކައެވެ. އެހެންކަމުން އެކަލޭގެފާނުގެ އަމުރުފުޅުތަކަށް ތަބާވުމަށް އެއިލާހު ވަނީ އަޅުގަނޑުމެންނަށް އަމުރުކުރައްވަވާފައެވެ. وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا " އަދި ރަސޫލާ ތިޔަބައިމީހުންނަށް ދެއްވިކަމެއްވިއްޔާ، އެކަމެއްގައި ހިފާށެވެ. އަދި ނަހީ ކުރެއްވެވި ކަމެއްވިއްޔާ އެކަމަކުން ދުރުވެގަންނާށެވެ." އެހެނީ އެކަލޭގެފާނު އަޅުގަނޑުމެންނަށް ބަޔާންކޮށް ދެއްވަވަނީ އެއިލާހުގެ ވަޙީއެވެ. وَمَا يَنطِقُ عَنِ الْهَوَى * إِنْ هُوَ إِلَّا وَحْيٌ يُوحَى" އަދި އެކަލޭގެފާނު ހަވާ ނަފްސަށް އެއްވެސް އެއްޗެއް ވިދާޅެއްނުވެއެވެ. (އެކަލޭގެފާނުގެ ބަސްފުޅު) އެއީ ބާވައިލެއްވެވޭ ވަޙީކަމުގައި މެނުވީ ނުވެއެވެ."

އާދެ! އަޅުގަނޑުމެން ކާމިޔާބު ބޭނުންވާ ކަމުގައި ވަނީނަމަ އަޅުގަނޑުމެންނަށް އޮތީ އެކަލޭގެފާނަށް ތަބާވުމެވެ. އެހެނީ އެކަލޭގެފާނު މަގުދައްކަވަނީ ސުވަރުގެއަށެވެ. وَإِنَّكَ لَتَهْدِي إِلَى صِرَاطٍ مُّسْتَقِيمٍ " އަދި ހަމަކަށަވަރުން ކަލޭގެފާނު މަގުދައްކަވަނީ ސީދާވެގެންވާ ތެދުމަގަށެވެ." އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްފުޅުކުރެއްވެވިއެވެ. كُلُّ أُمَّتِيْ يَدْخُلُوْنَ الْجَنَّةَ إِلاَّ مَنْ أَبَى. "އިންކާރުކޮށްފި މީހެއް މެނުވީ، ތިމަންކަލޭގެފާނުގެ އުއްމަތުގެ ހުރިހާ އެންމެން ސުވަރުގެ ވަންނާނެތެވެ." އެހިނދު ޞަޙާބީން ސުވާލު ދެންނެވިއެވެ. އޭ ﷲގެ ރަސޫލާ އެވެ. ސުވަރުގެވަންނަން އިންކާރުކުރާނީ ކާކުތޯއެވެ؟ ޖަވާބުގައި އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވެވިއެވެ. مَنْ أَطَاعَنِيْ دَخَلَ الْجَنَّةَ وَمَنْ عَصَانِيْ فَقَدْ أَبَى " ތިމަންކަލޭގެފާނަށް ތަބާވެއްޖެމީހާ ސުވަރުގެ ވަންނާނެތެވެ. އަދި ތިމަންކަލޭގެފާނަށް އުރެދިއްޖެމީހާ ސުވަރުގެ ވަންނަން އިންކާރުކޮށްފިއެވެ."

ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަމީހުން ވަނީ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ގެނެސްދެއްވި ސާފުސީދާމަގު ދޫކޮށްލާފައެވެ. އެބައިމީހުން އެކަލޭގެފާނަށް އީމާން ނުވާ ކަހަލައެވެ. އެކަލޭގެފާނުގެ އަމުރުފުތަކަށް އެބައިމީހުން ދެމުންގެންދަނީ ބީރުކަންފަތްތަކެކެވެ. އަދި އެއަށް ތަބާނުވުމަށްޓަކައި އެބައިމީހުން ދައްކަނީ ބަހަނާތަކެކެވެ. ﷲ ތަޢާލާ އެބައިމީހުންނަށް ހިދާޔަތުދައްކަވާށިއެވެ.

އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! އެކަލޭގެފާނުގެ އަމުރުފުޅުތަކާއި ޚިލާފުވާ މީހުންގެ ތެރެއިން ވެނުލައްވަވާށެވެ. ދުނިޔެއާއި އާޚިރަތުގައިވެސް އެބައިމީހުންނަށް އޮތީ ނިކަމެތި ކަމެވެ. فَلْيَحْذَرِ الَّذِينَ يُخَالِفُونَ عَنْ أَمْرِهِ أَن تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ عَذَابٌ أَلِيمٌ " ފަހެ އެކަލޭގެފާނުގެ އަމުރުފުޅުތަކާއި ޚިލާފުވާމީހުންނަށް، (ދުނިޔޭގައި) މުޞީބާތެއް ނުވަތަ (އާޚިރަތުގައި) ވޭންދެނިވި އަޒާބު ކުރިމަތިވެދާނޭކަމަށް އެބައިމީހުން ބިރުވެތިވާ ހުށިކަމެވެ."

އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! އަޅުގަނޑުމެން ބޭނުންވަނީ ﷲ ގެ ރުހިވޮޑިގަތުމެވެ. އެ އިލާހުގެ ފުއްސެވުމެވެ. އެހެންކަމަށްވަނީނަމަ އަޅުގަނޑުމެންނަށް އޮތީ އެކަލޭގެފާނު ގެނެސްދެއްވި ގޮތުގައި ހިފުމެވެ. އެކަލޭގެފާނަށް ތަބާވުމެވެ. قُلْ إِن كُنتُمْ تُحِبُّونَ اللّهَ فَاتَّبِعُونِي يُحْبِبْكُمُ اللّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَاللّهُ غَفُورٌ رَّحِيمٌ " ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން ﷲ އަށް ލޯބިކުރާކަމަށް ވަނީނަމަ ތިމަންކަލޭގެފާނަށް ތަބާވާށެވެ. އޭރުން ﷲ ތަޢާލާ ތިޔަބައިމީހުންދެކެ ލޯބިވެވޮޑިގަންނަވާނެތެވެ. އަދި ތިޔަބައިމީހުންގެ ފާފަތަށް ފުއްސަވައި ދެއްވާނެތެވެ. ﷲ އީ ފާފަ ފުއްސަވާ ރަޙީމްވަންތަ އިލާހެވެ." އެހެނީ އެކަލޭގެފާނަށް ތަބާވުމަކީ ﷲ އަށް ތަބާވުމެވެ. مَّنْ يُطِعِ الرَّسُولَ فَقَدْ أَطَاعَ اللّهَ " ރަސޫލާ އަށް ތަބާވެއްޖެމީހާ، ފަހެ ﷲ އަށް ތަބާވެއްޖެއެވެ." އެހެންކަމުން އަޅުގަނޑުމެންގެ ސަލަފުންވަނީ އެކަލޭގެފާނަށް ތަބާވުމުގައި ލާމަޘީލު ނަމޫނާތަކެއް ދައްކަވާފައެވެ. އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާ އަށް ބައްލަވާށެވެ. އަދި އެކަލޭގެފާނުގެ ބައްޕާފުޅު ޢުމަރު ރަޟިޔަﷲ ޢަންހަށް ބައްލަވާށެވެ. ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ކަމަކަށް އަމުރުކުރައްވަވައިފިނަމަ، އެބޭކަލުންގެ ބަހަކަށް ވަނީ سَمِعْنَا وَ أَطَعْنَا " އަޑުއަހައި ކިޔަމަން ވެއްޖައީމެވެ." އެބޭކަލުން ހުރިހާ ކަމެއްގައިވެސް ނަމޫނާ އަކަށް ބައްލަވަނީ އެކަލޭގެފާނަށެވެ. لَقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُو اللَّهَ وَالْيَوْمَ الْآخِرَ وَذَكَرَ اللَّهَ كَثِيرًا "ހަމަކަށަވަރުން ﷲ ގެ ރަސޫލާގެ ކިބައިގައި، ގިނަގިނައިން ﷲ ހަނދުމަކޮށް ﷲގެ ދަރުމައާއި އާޚިރަތްދުވަހުގެ ކާމިޔާބަށް އެދޭމީހަކަށްޓަކައި ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ." ޢަބްދުﷲ ބިން ސަރްޖިސް ރަޙިމަހުﷲ ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ޢުމަރު ރަޟިޔަﷲ ޢަންހު ޙަޖަރުލްއަސްވަދަށް ބޮސްދެއްވެވުމަށްފަހު އެއާ މުޚާޠަބުކުރައްވަވާ ދެންނެވިއެވެ. ތިބާ އަކީ ގެއްލުމެއްވެސް އަދި ފައިދާއެއްވެސް ދެވޭނޭ އެއްޗެއް ނޫންކަން ތިމަން ކަލޭގެފާނަށް އެނގިވަޑައިގަންނަވައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލަހި ވަސައްލަމަ ބޮސްދެއްވެވިތަން ތިމަންކަލޭގެފާނަށް ފެނިވަޑައި ނުގަންނަވާ ނަމަ، ތިމަން ކަލޭގެފާނު ތިބާ އަކަށް ބޮސް ނުދެއްވެވީމުހެވެ. الله أكبر. މިއީ ސުވަރުގޭގެ އަހުލުވެރިންގެ ސިފައެވެ. މިއީ މުމިނުންގެ ސިފައެވެ. ﷲ ތަޢާލާ އަޅުގަނޑުމެންނީ އެފަދަ ބައެއްކަމުގައި ލައްވަވާށިއެވެ. އާމީން...
و صلى الله وسلم على نبينا و حبيبنا محمد و على آله و صحبه أجمعين. و الحمد لله رب العالمين

Read more...