01 February 2012

ތައުޙީދުލް އުލޫހިއްޔާ

އައްޝައިޚް އަބޫބަކްރު އިބްރާހިމް، ހިންނަވަރު
ތައުޙީދުލް އުލޫހިއްޔާއަކީ އަޅުކަން ކުރުމުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ އެއްކައުވަންތަ ކުރުމެވެ. އެބަހީ؛ ﷲ ސުބްޙާނަހޫ ވަތަޢާލާ މެނުވީ އަޅުކަން ކުރުން ޙައްޤު ވެގެންވާ ދެވަނަ ފަރާތެއް ނެތް ކަމުގައި ޔަޤީންކޮށް އަޅުކަމުގެ ހުރިހައި ކަމެއްވެސް އިޚްލާސްތެރި ވެގެންވާ ޙާލު ހަމައެކަނި އިލާހު ވަންތަ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ކުރުމެވެ. އަދި އަޅުކަމުގެ އެއްވެސް ކަމެއްގައި އެ އިލާހާ އެހެން އެއްވެސް ފަރާތެއް ބައިވެރިނުކޮށް ހަމަސީދާ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ކުރުމެވެ.

އަޅުކަންކުރާއިރު ކިތަންމެ ކުޑަކޮށް ނަމަވެސް ﷲ ސުބްޙާނަހޫ ވަތަޢާލާ ފިޔަވައި އެހެން ފަރާތެއް ޤަސްތުކޮށްފި ނަމަ އުލޫހިއްޔަތުގައި ޝިރުކު ކުރެވުނީ އެވެ. ތައުޙީދު ގެއްލުނީއެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. "ذَلِكُمُ اللَّهُ رَبُّكُمْ لا إِلَهَ إِلَّا هُوَ خَالِقُ كُلِّ شَيْءٍ فَاعْبُدُوهُ" (الانعام 102) މާނައީ: "އެއީ (ﷲ ސުބްޙާނަހޫ ވަތަޢާލާ) އެ އިލާހު ފިޔަވައި އެހެން އެއްވެސް އިލާހަކުނުވާ، ކަލޭމެން ހައްދަވާ ބޮޑުކުރައްވާ ކަލޭމެންގެ ވެރި ﷲއެވެ. އެއީ ހުރިހައި ތަކެތި ހައްދަވާ އިލާހެވެ. ވިމާ، އެއިލާހަށް އަޅުކަން ކުރާށެވެ."

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘް ކުރެއްވިއެވެ. "حَقُّ اللهِ عَلَى العِبَادِ أَن يَعْبُدُوهُ وَلاَيُشْرِكُوبِهِ شَيْئًا" (رواه الشيخان) މާނައީ: "ﷲގެ ރަސްކަން ފުޅަށްޓަކައި އަޅުތަކުންގެ މައްޗަށް ވާޖިބުވާ ޙައްޤަކީ އަޅުތަކުން އެއިލާހުގެ ޙަޟްރަތަށް އަޅުކަން ކުރުމެވެ. އަދި، އެއިލާހާ އެހެން އެއްވެސް އެއްޗެއް ބައިވެރި ނުކުރުމެވެ."

ތައުޙީދުގެ ތިންބައިން ކުރެ އެންމެ މުހިއްމު ބަޔަކީ މިބައެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ފޮނުއްވި އެންމެހައި ރަސޫލުންގެ ރިސާލަތު އާއްމު ގޮތެއްގައި ވަނީ ތައުޙީދުގެ މިބައިގެ މައްޗަށެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ކުރައްވާފައިވެއެވެ. "وَمَا أَرْسَلْنَا مِنْ قَبْلِكَ مِنْ رَسُولٍ إِلَّا نُوحِي إِلَيْهِ أَنَّهُ لَا إِلَهَ إِلَّا أَنَا فَاعْبُدُونِ" (الانبياء 25) މާނައީ: "ތިމަންއިލާހު މެނުވީ (އަޅުކަންކުރުން ޙައްޤުވެގެންވާ) އެހެން އެއްވެސް އިލާހަކު ނުވެޔޭ، އެހެންވެ ކަލޭމެން ހަމައެކަނި ތިމަން އިލާހަށް އަޅުކަންކުރާށޭ، މިހެން ވަޙީ ނުކުރައްވާ އެއްވެސް ރަސޫލަކު ތިބާގެ ކުރިންވެސް ތިމަން އިލާހު ރަސޫލުކަމައިގެން ނުފޮނުއްވަމެވެ."

އަދި މުޝްރިކުންވެސް އަޞްލުގައި ދެކޮޅުހެދީ ތައުޙީދުގެ މިބަޔާއެވެ.

ސުވާލު:
(1) ތައުޙީދުލް އުލޫހިއްޔާއަކީ ކޮބައި ހެއްޔެވެ؟
(2) އަޅުކަން ކުރުން ޙައްޤު ވެގެންވާ ފަރާތަކީ ކޮބައިހެއްޔެވެ؟
(3) އުލޫހިއްޔަތުގެ މައްޗަށް ދަލީލުކުރާ އާޔަތެއް ބަޔާން ކުރޭ!
(4) އުލޫހިއްޔަތުގެ މައްޗަށް ދަލީލުކުރާ ހަދީޘް އެއް ބަޔާން ކުރޭ!
_____________________________________
ޝައިޚް އަބޫބަކްރު އިބްރާހިމް ލިޔުއްވާފައިވާ "ރިސާލަތުއްތައުޙީދި ފޮތުން ނަގާފައި"

Blog Widget by LinkWithin

No comments:

Post a Comment