09 March 2012

މުޞްޢަބް ބިން ޢުމައިރު ރަޟިޔަﷲ ޢަންހު

އަލްއަޚް އަޙްމަދު މިޙްސަން މުޙައްމަދު
މުޞްޢަބު ބިން ޢުމައިރު ރަޟިޔަﷲ ޢަންހު އަކީ ލަދުވެތި ބޭކަލެކެވެ. އަދި ރިވެތި އަޚްލާޤުގެވެރި ބޭކަލެކެވެ. އެކަލޭގެފާނުގެ މޫނުފުޅަކީ އަޖާލާ ރީތި މޫނުފުޅެކެވެ. އެކަލޭގެފާނުގެ އަޑުފުޅުވެސް އެހާމެ ރީއްޗެވެ. ވާހަކަދެކުންވެސް އެހާމެފުރިހަމައެވެ. އެކަލޭގެފާނަށް ބަލައިފި ކޮންމެ މީހެއްގެ ހިތުގައި އެކަލޭގެފާނަށް ލޯބިޖެހެއެވެ. އަދި އެކަލޭގެފާނުގެ އަޑުފުޅު ޖެހިއްޖެކަންފަތެއްގެ ވެރިއެއްނަމަ އެމީހެއްގެ ހިތް އެކަލޭގެފާނަށް ލެނބިގެންދެއެވެ. އެކަލޭގެފާނަކީ ރީއްޗަށް ހެދުންފުޅު ތުރުކުރެއްވުމަށް ލޯބިކުރައްވާ ބޭކަލެކެވެ. އަދި އެކަލޭގެފާނު ފެންނަ ކޮންމެ މީހަކަށްވެސް އެކަލޭގެފާނަކީ ނިޢުމަތްތަކުގެ ތެރެއިން ބޮޑުވެގެންވާ ނިޢުމަތްތަކެއްގެ ވެރިއެއްކަން އެންގިގެން ދެއެވެ. އަދި އެކަލޭގެފާނު ބޭނުންކުރައްވަނީ އެންމެ މީރުވަސްދުވާ އަތަރެވެ. އަކަލޭގެފާނު އެމަޖްލީހެއް ހުރަސްކުރައްވައި ވަޑައިގަންނަވާ ކޮންމެ މަޖްލީހަކުންވެސް އެވަޑައިގަންނަވަނީ މުޞްޢަބޭ ބުނެއެވެ. އަދި އެކަލޭގެފާނު ބޭނުންކުރައްވާ އަތަރުގެ ވަހުންވެސް މީސްތަކުންނަށް މުޞްޢަބު ރަޟިޔަﷲ ޢަންހު ވަޑައިގެންފިކަން އެނގިގެންދެއެވެ. އެކަލޭގެފާނުގެ މައިންބަފައިން އެކަލޭގެފާނުދެ އިންތިހާއަށް ލޯބިވެއެވެ. އެކަލޭގެފާނުގެ މަންމަގެ މުދަލުން އެކަލޭގެފާނަށް ބޭނުންވަރަކަށް ދެއްވައެވެ.

ޤުރައިޝްގެ އަހުލުވެރިން އެކަލޭގެފާނުގެ ރީތިކަމާއި ޒުވާންކަމާއި ހެދުންކޮޅުގެ ރީތިކަމާއި މުދާގިނަ ކަމާމެދު އަޖާޢިބުވެއެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ވެސް އެކަލޭގެފާނުގެ އަޞްހާބުބޭކަލުންގެ އަރިހުގައި މުޞްޢަބު ރަޟިޔަﷲ ޢަންހުގެ ވާހަކަ ޒިކުރު ކުރައްވަތެވެ. ޤުރައިޝް ވަންހައިގެ އެހެން ޒުވާނުން ފަދައިން ޝިކާރުކުރުމަށް ލޯބިކުރާ މީހަކު ކަމުގައި މުޞްޢަބު ރަޟިޔަﷲ ޢަންހު ނުވެއެވެ. އަދި ޤުރައިޝުންގެ ބޮޑުން ފަދައިން މުދަލާއި ފައިސާއާއި މަސައްކަތުގެ ވާހަދެއްކުމަށްވެސް މުޞްޢަބު ރަޟިޔަﷲ ޢަންހު ލޯބި ނުކުރައްވައެވެ. އެހެންނަމަވެސް އެކަލޭގެފާނުގެ އަމާޒަކަށްވީ އާދައިގެ ދިރިއުޅުމެއް އުޅުއްވުމެވެ.

އެއްދުވަހެއްގައި މުޞްޢަބު ރަޟިޔަﷲ ޢަންހުޞުޙާގެ ވަގުތުގައި މަސްޖިދުލްޙަރާމަށް ދިޔުމަށް ނިކުމެވަޑައިގަތެވެ. އެކަލޭގެފާނު ވަޑައިގެންނެވި މަގުމަތީގައި ޒުވާން ރައްޓެހިން ކޮޅަކާއި ދިމާވިއެވެ. އޭގެތެރިން އެއްބަޔަކު ނުކުމެ އުޅުނީ ޝިކާރަ ކުރުމަށެވެ. އަދި އަނެއްބަޔަކު ނުކުމެ އުޅުނީ ރަލާއި ލަހުވުގެ ޙާނާ ތަކަށެވެ. އޭގެތެރއިން އެއްބަޔަކު ޝިކާރަޔަށް ދިޔުމަށް އެކަލޭގެފާނަށް ދަޢުވަތު ދިނެވެ. އަދި އަނެއްބަޔަކު އެބައިމީހުންނާއި އެކީ ރަލުގެ ޙާނާތަކަށް ދިޔުމަށް ދަޢުވަތު ދިނެވެ. އެހެންނަމަވެސް އެކަލޭގެފާނު މި ދެ ދަޢުވަތަށްވެސް ފުރަގަސްދެއްވިއެވެ.

މުޞްޢަބު ރަޟިޔަﷲ ޢަންހު ބޭނުންވެވަޑައިގަތީ ޤުރައިޝުންގެ ވާހަކަތައް އަޑުއެއްސެވުމަށް މަސްޖިދުލްޙަރާމް އަށް ދިޔުމަށެވެ. މިސްކިތަށް ދެވުމާއިއެކު ޤުރައިޝުންގެ ބޮޑުންގެ ވާހަކަތަށް މުޞްޢަބު ރަޟިޔަﷲ ޢަންހުއަށް އިވެން ފަށައިފިއެވެ. މުޞްޢަބު ރަޟިޔަﷲ ޢަންހު އެމީހުންގެ ވާހަތަށް ރަނގަޅަށް އިވޭހާ ކައިރީގައި އިށީންދެވަޑައިގަތެވެ. އެމީހުންގެ އެންމެންވެސް އެއްޗެއްހި ގޮވަވުން ދިޔައީ އެމީހުން ވަރަށްވެސް ރުޅިއަންނަ ޝަޚްސަކާއި މެދުގައެވެ. ސަބަބަކީ އެބޭކަލަކު ގޯވާލައްވަނީ އެބައިމީހުންގެ ކާބަފައިންގެ ދީން ބަދަލުކޮށްލުމަށެވެ. އަދި އެމީހުން ބައެއްފަހަރު އެކަލޭގެފާނުގެ ރަނގަޅުވާހަކވެސް ދައްކައެވެ.

މުޞްޢަބު ރަޟިޔަﷲ ޢަންހު މި ހުރިހާ ވާހަކަޔެއް ވަރަށް ކަނުލާ އަޑުއެއްސެވިއެވެ. އަދި އެމީހުން އެބޭކަލަކާއި ބެހޭގޮތުން ވާހަދައްކާ ބޭކަލަކާއި ބައްދަލުކުރުމުގެ ރޫހު މުޞްޢަބު ރަޟިޔަﷲ ޢަންހު ގެ ހިތުގައި އުފެދިގެންދިޔައެވެ. އެހެންކަމުން މިސްކިތުން ނުކުމެވަޑައިގެން މުޞްޢަބު ރަޟިޔަﷲ ޢަންހު މިސްރާބުޖެއްސެވީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް އާއި އެކަލޭގެފާނުގެ އަޞްޙާބުން ޖާމާވެވަޑައިގަންނަވާ ގެކޮޅަށެވެ. އެކަލޭގެފާނު އެގޭގެ ދޮރުކޮޅާއި އަރާހަމަވެވަޑައިގެންނެވިތަނާ އެކަލޭގެފާނަށްޓަކައި ދޮރު ހުޅުވާލެވުނެވެ. އަދި އެތެރެޔަށް ވަދެވަޑައިގެން ސަލާމްކުރެއްވުމަށްފަހު އިށީންދެ ވަޑައިގެންނެވިއެވެ. އަދި މުސްލިމުން ވަރަށް ހައިރާންކަންމަތީ އެކަލޭގެފާނަށް ބަލަން ތިއްބެވެ. އެބޭކަލުންގެ ނަޡަރު ހުއްޓިފައިވަނީ އެކަލޭގެފާނުގެ ހެދުންކޮޅުގެ ރީތިކަމާއި ސޫރަފުޅުގެ ރީތިކަމަށްޓަކައެވެ. އަދި މުޞްއަބު ރަޟިޔަﷲ ޢަންހުރަސޫލުﷲ ސައްލަﷲ ޢަލައިހިވަސައްލަމްގެ ވާފަކަފުޅުތައް އަޑުއެއްސެވުމަށްފަހު އެކަލޭގެފާނާއި ކައިރިވެ ވަޑައިގެންނެވުމަށްފަހު ބައިޢަތު ހިއްޕެވުމަށްޓަކައި އަތްޕުޅުދެއްވިއެވެ. އަދި އެއަށްފަހު އެކަލޭގެފާނު އިސްލާމްދީނަށް ވެންނެވިކަން އިޢުލާން ކުރެއްވިއެވެ.

އެހެންނަމަވެސް ދުވަސްކޮޅެއްވަންދެން މައްކާގެ މުޝްރިކުނަށް ބިރުފުޅުގެން އިސްލާމްކަން ސިއްރުކުރެއްވިއެވެ. އަދި އެކަލާގެފާނުގެ މަންމައަށް މި ޚަބަރު ނުދެއްވައެވެ. ސަބަބަކީ އެކަލޭގެފާނު އެކަލޭގެފާނުގެ މަންމަ ދެރަކުރައްވާކަށް ބޭނުންފުޅު ނުވިއެވެ. މަންމަ އެކަލޭގެފާނުދެކެ ވަރަށްބޮޑަށް ލޯބިވެއެވެ. އެހެން ނަމަވެސް އެއްދުވަހަކު މުޞްޢަބު ރަޟިޔަﷲ ޢަންހު މަސްޖިދުލްޙަރާމްގައި ނަމާދު ކުރައްވަނިކޮށް ޢުޘްމާން އިބްނު ޠަލްޙާ އަށް ފެނުނެވެ. އަދި މުޞްޢަބު ރަޟިޔަﷲ ޢަންހުގެ ޤައުމުގެ މީހުންނަށް މިވާހަކަ ކިޔައިދިނެވެ. އަދި މިކަމާހެދި ޤުރައިޝުން އެކަލޭގެފާނާއި ދެކޮޅުވެރި ވިއެވެ. އަދި އެކަލޭގެފާނުގެ ބައްޕަވެސް އެކަލޭގަފާނާއި ދެކޮޅުވެރިވިއެވެ. އެހެންކަމުން އެކަލޭގެފާނު ފަޤީރަކަށް ވެވަޑައިގަތެވެ. އެހެންނަމަވެސް އެކަލޭގެފާނު ވެވަޑައިގަތީ ކެތްތެރި ޒުވާނަކަށެވެ. އަދި އިސްލާމަދީނުން އެކަލޭގެފާނުގެ ހިތްޕުޅަށް ހުރިހާ ހަމަޖެހުމެއްވެސް ލިބިގެންދިޔައެވެ.

މައްކާގެ މުޝްރިކުން މުސްލިމުންނަށްދޭ އަނިޔާތަށް އިތުރުވެގެން ދިޔައެވެ. އެހެންކަމުން ޙަބަޝާއަށް ހިޖުރަ ކުރުމުގެ ހުއްދަ ރަސޫލުﷲ ޞައްލަﷲ ޢަލަހި ވަސައްލަމް މުސްލިމުނަށް ދެއްވިއެވެ. އަދި މުޞަޢަބު ރަޟިޔަﷲ ޢަންހު ޙަބަޝާއަށް ހިޖުރަކުރި މުސްލިމުނާއިއެކު ހިޖުރަ ކުރެއްވިއެވެ. އަދި އޭގެފަހުން މައްކާއަށް އެނބުރި ވަޑައިގަތެވެ. އޭރު އެކަލޭގެފާނުގެ ޙާލުވަނީ މުޅިން ބަދަލުވެފައެވެ. އެކަލޭގެފާނުގެ ހެދުންކޮޅުވަނީ ވީދި ހަލާކުވެފައެވެ. ހެދުންކޮޅުން ކިރިޔާ އަޢުރަ ނިވާކުރެވޭވަރު ވަނީއެވެ. އެކަލޭގެފާނުގެ ހަށިކޮޅުގެ ހަންތައްވަނީ އަނަރޫފަވެފައެވެ. އަދި އެކަލޭގެފާނު ވެ ވަޑައިގެންނެވީ އަޅެއްފަދައިންނެވެ. އެކަލޭގެފާނު ފެނުމުން ރަސޫލުﷲ ޞައްލަﷲ ޢަލަހިވަސައްލަމް ޙަދީޘް ކުރެއްވިއެވެ. “لقد رأيت هذا، وما بمكة فتى من قريش أنعم عند أبويه نعيما منه، ثم أخرجه من ذلك الرغبة في الخير في حب الله ورسوله ” މާނައީ: .” ހަމަކަށަވަރުން ތިމަންކަލޭގެފާނު މައްކާގައި މި ޒުވާނާ އޭނާގެ މައިންބަފައިންގެ ގާތުގައި ނިޢުމަތްތަކާއި އެކު ވަނިކޮށް ދެކެވަޑައިގަތީމެވެ. ޤުރައިޝްވަންހައިން މައިންބަފައިންގެ ފުށުން މުއްސަނދިކަން އޭނާއަށް ލިބިފައިވާވަރަށް ލިބިފައިވާ އެހެން ޒުވާނަކު މައްކާގައިނުވެއެވެ. އަދި މި ނިޢުމަށްތަކުން އޭނާ ނެރެލީ ﷲ އާއި އެއިލާހުގެ ރަސޫލާ އާއިމެދުވާ ލޯއްބެއްގެ ސަބަބުންނެވެ.”

މުޞްޢަބު ބުން ޢުމައިރު ރަޟިޔަﷲ ޢަންހު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މަޖިލިސްތަކަށް ގަވާޢިދުން ހާޟިރުވަމުން ގެންދެވިއެވެ. އަދި އެކަލޭގެފާނު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ބަސްފުޅުތަށް ކަނުލައި އަޑުއައްސަވަމުން ގެންދަވިއެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އުނގަންނަވައި ދެއްވާ ދަރުސްފުޅުތައް ހިތުގައި ރައްކާކުރައްވައެވެ. އޭގަ ނަތީޖާއެއްގެ ގޮތުން ޞަޙާބީންގެ ފަޤީހަކަށް ވެވަޑައިގެންނެވިއެވެ. ޞަޙާބީންގެ ގިނަ ބޭކަލުންނަކީ ދީނުގެ ބޮޑެތި ޢިލްމުވެރިންނެވެ. އެއަށްފަހު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް މުޞްޢަބު ރަޟިޔަﷲ ޢަންހު މަދީނާގެ އަހުލުވެރިންނަށް ޤުރްއާނާއި ދީން އުނގަންނަވައި ދެއްވުމަށްޓަކައި ފޮނުއްވެވިއެވެ. އަދި އެކަލޭގެފާނުގެ މި ވަޞީފާ އެކަލޭގެފާނު ކާމިޔާބު ކުރެއްވިއެވެ. މަދީނާގެ ވަރަށްގިނަ އަހުލުވެރިން އިސްލާމްދީނަށް ވަނެވެ. ޙައްޖުގެ މޫސުމް ގާތްވުމުން މުޞްޢަބު ރަޟިޔަﷲ ޢަންހު އާއި އަންޞާރުންގެ ތެރެއިން ހަތްދިހަ ބޭކަލުން މައްކާއަށް ވަޑައިގަތުމަށް ނުކުމެވަޑައިގަތެވެ. މައްކާ އަށް ވާޞިލް ވުމާއެކު އެކަލޭގެފާނު ފިކުރުކުރެއްވީ މަންމަ އާއި އަހުލުންގެ ގާތަށް ޒިޔާރަށްކުރުމަކަށް ނޫނެވެ. އެހެން ނަމަވެސް ވަގުތުން އެކަލޭގެފާނު ވަޑައިގެންނެވީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމްގެ އަރިހަށެވެ.

ބަދުރު ހަނގުރާމާއިގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމްގެ ދިދަފުޅު ހިއްޕެވީ މުސްޢަބު ބުން ޢުމައިރު ރަޟިޔަﷲ ޢަންހު އެވެ. އަދި އެނބުރި މަދީނާ އަށް ވަޑައިގަތީ ކާމިޔާބުލިބިގެނެވެ. އަދި އުޙުދު ހަނގުރާމާއިގައިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިވަސައްލަމްގެ ދިދަފުޅު އުފުއްލެވީ މުޞްޢަބު ބުން ޢުމައިރެ ރަޟިޔަﷲ ޢަންހު އެވެ. ކާފަރުންގެ ޙަމާލާތައް މުސްލިމުންގެ މައްޗަށް ގަދަވެގަތް ވަގުތުވެސް އެކަލޭގެފާނު ސާބިތުކަމާއި އެކީ ރަސޫލުﷲ ޞައްލަﷲ ޢަލަހިވަސައްލަމްގެ ދިދަފުޅު ހިއްޕަވައިގެން އެއިން ދޫނުކުރައްވައި ހުންނެވިއެވެ. މި ޙާލަތުގައި ވަނިކޮށް އިބުނު ޤަމީއާ ކިޔާމީހަކު އެކަލޭގެފާނުގެ އަތްޕުޅަކަށް ހަމަލާދީ އެ އަތްޕުޅު ބުރިކޮށްލިއެވެ. އެވަގުތު ރަސޫލުﷲ ސައްލަﷲ ޢަލައިހިވަސައްލަމްގެ ދިދަފުޅު ވެއްޓުނެވެ. ދެން މުޞްޢަބު ރަޟިޔަﷲ ޢަންހު އެކަލޭގެފާނުގެ ސަލާމަތުންހުރި އަތްޕުޅުން އެ މާތްވެގެންވާ ދިދަފުޅުގައި ހިއްޕެވިއެވެ. އަދި އިބުނު ޤަމީއާ މުޞްޢަބުގެ އެ އަތް ވެސް ބުރިކޮށްލިއެވެ. ދެން އެކަލޭގެފާނުގެ ދެ އަތްޕުޅުގެ އުޅޮބޮށީން މަތީބައިން އެ ދިދަފުޅުގައި ހިއްޕެވިއެވެ. އެޙާލުގައިވެސް އެކަލޭގެފާނު ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމްގެ ދިދަފުޅު އުފުއްލެވިއެވެ. ދެން އިބްނު ޤަމީއާ މުޞްޢަބުގެ ރަޟިޔަﷲ ޢަންހުގެ މޭފުޅަށް އޭނާގެ ލޮންސި ހަރާލައި މޭފުޅު ފަޅާލިއެވެ. އެވަގުތު މުޞްޢަބު ރަޟިޔަﷲ ޢަންހު ބިންމައްޗަށް ވެއްޓިވަޑައިގަތެވެ. އަދި އެކަލޭގެފާނާއެކީ ރަސޫލުﷲ ޟައްލަﷲ ޢަލައިހިވަސައްލަމްގެ ދިދަފުޅުވެސް ވެއްޓުނެވެ. އަދި އޭގެފަހުން އެކަލޭގެފާނުގެ އަޚް އަބުއް ރޫމް އެ ދިދަފުޅު ނެންގެވިއެވެ. އަދި މުސްލިމުން މަދީނާއަށް އެނބުރި އަތުވެއްޖައުމަށްދާންދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ދިދަފުޅު އުފުލިފައި ހުއްޓެވެ.

މައްކާގެ މުޝްރިކުން މައްކާއަށް ދިއުމަށްފަހު މުސްލިމުން މަޝްޢޫލުވީ މުސްލިމުންގެ ޝަހީދުން ވަޅުލުމުގައެވެ. އޭރު މުޞްޢަބު ރަޟިޔަﷲ ޢަންހު ވަނީ ޝަހީދުވެފައެވެ. އެކަލޭގެފާނުގެ މާތް މޫނުފުޅު ވަނީ ބިމުގެކިލާތަކުގެ ތެރޭގައެވެ. މިއީ ހަމަ ﷲ އާއި އެއިލާހުގެ ރަސޫލާގެ ދިފާޢުގައި އެކަލޭގެފާނުވެ ވަޑައިގެންނެވި ޤުރުބާނީއެވެ. ދެން މުސްލިމުން އެކަލޭގެފާނު ކަފުން ކުރުމަށް މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އެކަލޭގެފާނުގެ ހެދުންކޮޅުގެ ކުރު ކަމާއި އެހެދުން ވީދިފާއި ވުމާއެކު އެއިން އެކަލޭގެފާނުގެ ބޮލުން ފަށައިގެން ނިވާކޮށްފިނަ ތިރި ނިވާ ނުވެއެވެ. އަފި ފައިން ފަށައިގެން ނިވާކޮށްފިނަމަ ބޯ ނިވާ ނުވެއެވެ. އެވަގުތު ރަސޫލުﷲ ޞައްލަﷲ ޢަލަހިވަސައްލަމް ﷲ ތަޢާލާގެ މިބަސްފުޅު ކިޔަވާ ވިދާޅުވިއެވެ. مِّنَ الْمُؤْمِنِينَ رِجَالٌ صَدَقُوا مَا عَاهَدُوا اللَّـهَ عَلَيْهِ فَمِنْهُم مَّن قَضَىٰ نَحْبَهُ وَمِنْهُم مَّن يَنتَظِرُ وَمَا بَدَّلُوا تَبْدِيلًا މާނައީ: “ﷲއަށް އެއުރެން ޢަހުދުވީ ކަންތަކަށް ތެދުވެރިވީ ފިރިހެނުންތަކެއް މުއުމިނުން ތެރެއިންވެއެވެ. ފަހެ، އެއުރެންގެ ތެރެއިން ޝަހީދުވެ މަރުވެގެންދިޔަބަޔަކު ވެއެވެ. އަދި ޝަހީދުވުމަށް އިންތިޒާރުކުރާ ބަޔަކުވެސް އެއުރެންގެ ތެރެއިން ވެއެވެ. އަދި އެއުރެން (އެ ޢަހުދަކަށް އަކަށް) އެއްވެސްކަހަލަ ބަދަލެއް ނުގެނެތެވެ. (23)“

އަދި އޭގެފަހުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް އަމުރު ކުރެއްވީ މުޞްޢަބު ބުން ޢުމައިރު ރަޟިޔަﷲ ޢަންހު ހަށިކޮޅުގެ މަތީބައި އެކަލޭގެފާނުގެ ހެދުންކޮޅުން ނިވާ ކުރުމަށެވެ. އަދި ހަށިކޮޅުގެ ތިރީބައި ފެހި ވިނައިން ނިވާ ކުރުމަށެވެ.

Blog Widget by LinkWithin

No comments:

Post a Comment