21 June 2011

ދުނިޔޭގެ ހަލަބޮލިކަމުގެ ތެރެއިން ހިތްހަމަޖެހުމާއި އުފާވެރިކަން ލިބިގަންނާނީ ކިހިނެއް

އަލްއަޚް ޙުސައިން ރަޝީދު ބިން މަޙްމޫދު
މިލިޔުން ބިނާވެގެންވަނީ ދިރިއުޅުމުގައި ދިމާވާ ހިތްނުތަނަވަސްކަމާއި ހާސްކަން ފިލުވައި އުފާވެރި ޙަޔާތެއް ވޭތުކުރުމަށްޓަކައި ތިމާގެ އުޅުމާއި ގުޅުން ބަހައްޓަން ޖެހޭނެގޮތުގެ މައްޗަށެވެ. ޙަޤީޤަތުގައި މިކަމަކީ ދުނިޔޭގެ ހުރިހާ ވެރިންނާއި، މުއްސަނދީންނާއި، އަދި ޢާންމުން އެކަމަކަށްޓަކައި އެބައިމީހުންގެ ހުރިހާ އާރަކާއި ބާރަކާއި، މުއްސަނދިކަމަކާއި އަދި ވަގުތެއް ޤުރުބާންކުރަމުންދާ އެކަމަކުވެސް އެމީހުންގެ ތެރެއިން ވަރަށް މަދުމީހަކަށްނޫނީ ޙާޞިލުނުވާ ކަމަކެވެ.

އެންމެހާ ޙަމްދުޘަނާއާއި ތަޢުރީފެއް ހުރީ ޢާލަމްތައް ހެއްދެވި ގަދަކީރިތިވަންތަ ކުޅަދުންވަންތަ އިލާހަށެވެ. އެއިލާހީ ދުނިޔޭގެ ޚަލީފާއަކުކަމުގައި އިންސާނާ ލައްވައި އޭނާގެ ހުރިހާ ބޭނުންތައް ފުއްދޭނެ ވަސީލަތްތައް އެތަނުގައި ލައްވައި އޭނާއަށް ފައިދާއާއި ހިތްހަމަޖެހުމާއި، ލާބަހުރި ހުރިހާކަމަކަށް މަގުދައްކަވައި އެމަގުން ހިނގުމަށް އަމުރުކުރެއްވި ޙިކުމަތްވަންތަ އިލާހެވެ. އަދި ހަމަ އެހެންމެ އޭނާގެ ނަފްސް ގެއްލުމާއި ހަލާކަށް ވާޞިލްވެދާނެ ހުރިހާމަގެއް ބަޔާންކޮށްދެއްވައި އެމަގުތަކަށް ފުރަގަސްދިނުމަށް އަމުރުކުރެއްވި އޯގާވަންތަ އިލާހެވެ. އެއިލާހްފިޔަވައި ޙައްޤުވެގެން އަޅުކަންކުރެވޭނެ އެހެންފަރާތެއް ނުވާކަމަށް އަޅުހެކިވަމެވެ. އަދި މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައީ އެއިލާހްގެނަބިއްޔާކަމަށް ހެކިވަމެވެ. ހައްދަވައި ގެންގުޅުއްވާ އޯގާވަންތަ އިލާހް! އަޅަމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށާއި އެމާތްނަބިއްޔާގެ އާލުންނާއި އަޞްޙާބުންނަށް ޞަލަވާތާއި ސަލާމް ލައްވައިފާނދޭވެ. އެކަލޭގެފާނަކީ އެކަލޭގެފާނުގެ އުއްމަތަށް ހުރިހާ ހެވަކާއި ލާބައެއް ލިބޭނެ މަގު ޢަމަލީގޮތުން ދެއްކެވި މާތް ސާހިބާއެވެ.

އަޅުގަނޑުގެ ޤާބިލުކަން ކުޑަކަމާއެކުވެސް މިފަދަލިއުމެއް ލިޔަން ޤަސްތުކުރި ސަބަބަކީ އަޅުގަނޑުމެންގެ މިކުޑަކުޑަ ރާއްޖޭގެ މަދުމީސްކޮޅަށް ﷲ ސުބްޙާނަހޫވަތަޢާލާ ދެއްވާފައިވާ ގިނަގުނަ ބޮޑެތި ނިޢުމަތްތަކާއި އެކުވެސް އަޅުގަނޑުމެންގެ ގިނަމީހުން އުޅެމުން ދާ ނުތަނަވަސް ދިރިއުޅުމާއި ހޭދަކުރަމުންދާ ހިތްދަތި ދުވަސްތައް ފެނި އެކަމަށް ކުޑަނަމަވެސް ޙައްލެއް އައުމަކީ އަޅުގަނޑަށް ލިބޭވަރަށްބޮޑު އުފަލަކަށްވާތީއެވެ.

މިލިޔުން ބިނާވެގެންވަނީ ދިރިއުޅުމުގައި ދިމާވާ ހިތްނުތަނަވަސްކަމާއި ހާސްކަން ފިލުވައި އުފާވެރި ޙަޔާތެއް ވޭތުކުރުމަށްޓަކައި ތިމާގެ އުޅުމާއި ގުޅުން ބަހައްޓަން ޖެހޭނެގޮތުގެ މައްޗަށެވެ. ޙަޤީޤަތުގައި މިކަމަކީ ދުނިޔޭގެ ހުރިހާ ވެރިންނާއި، މުއްސަނދީންނާއި، އަދި ޢާންމުން އެކަމަކަށްޓަކައި އެބައިމީހުންގެ ހުރިހާ އާރަކާއި ބާރަކާއި، މުއްސަނދިކަމަކާއި އަދި ވަގުތެއް ޤުރުބާންކުރަމުންދާ އެކަމަކުވެސް އެމީހުންގެ ތެރެއިން ވަރަށް މަދުމީހަކަށްނޫނީ ޙާޞިލުނުވާ ކަމަކެވެ. އެކަމެއް ލިބިގަތުމަށްޓަކައި އެބައިމީހުންނަށް ލިބިފައިވާ ހުރިހާ ވަސީލަތެއްގެ ބޭނުންކޮށްގެންވެސް އެކަން ޙާޞިލުކުރެވޭތޯ ގަދައަޅައި މަސައްކަތްކުރާކަމެކެވެ. ވިސްނުމާއި ވަސީލަތުގެގޮތުން ނުކުޅެދިފައިވާމީހުން މަސްތުވާތަކެތި ބޭނުންކޮށްގެން ނަމަވެސް އެކަން ލިބިގަނެވޭތޯ ބަލައެވެ. މިއިން އެއްވެސް ގޮތަކުން ކާމިޔާބުނުވެއްޖެނަމަ ދުނިޔޭގައި އުޅުމަކީ ބޮޑުމުޞީބާތެއްކަމުގައި ދެކެ އަމިއްލައަށް މަރުވަމުން ދެއެވެ. ހުރިހިތާމައެއްގެ ބޮޑުކަމާއެވެ!!! އެހިސާބުން ދެން އުފާވެރި ޙަޔާތެއް ލިބުނީތޯއެވެ؟ ނޫނެކެވެ. ހަމަކަށަވަރުން އެހިސާބުން ދެން އޮތީ ބަރުދާސްތުނުކުރެވޭވަރުގެ ވޭނާއި ޢަޛާބެވެ.

އަޅުގަނޑުމެންނަކީ އިސްލާމްކަމުގެ އަގުބޮޑު ނިޢުމަތް ﷲ ސުބްޙާނަހޫ ވަތަޢާލާ ދެއްވާފައިވާ އޭގެ އަހުލުވެރިންނެވެ. އަޅުގަނޑުމެންނަށް ހިތްހަމަޖެހޭނެގޮތާއި ފައިދާހުރި ހުރިހާކަމެއް އެދީނުގައި މެންދުރުގެ އިރުފަދައިން ނުވަތަ ސާދަވިލޭރޭގެ ފުރިހަމަ ހަނދުފަދައިން ވަނީ ބަޔާންކޮށް ދެއްވާފައެވެ. އަޅުގަނޑުމެން އެންމެންވެސް އެފޮތަކަށް އީމާންވާ، އެފޮތަކާއިމެދު އެއްވެސް ޝައްކެއް ނުކުރާ އަދި އެފޮތުގައި އެއްވެސް ކުށެއް ނުވާ މަތިވެރިފޮތް، ކީރިތި ޤުރްއާނުގައި ﷲ ތަބާރަކަ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. أَلاَ بِذِكْرِ اللّهِ تَطْمَئِنُّ الْقُلُوبُ (الرعد28) "ދަންނާށެވެ! ހިތްތަކަށް ހަމަޖެހުން ގެނެސްދެނީ ﷲގެ ޛިކުރުކުރުމުންނެވެ."

ހިތާމަތަކާއި ހިތްނުތަނަވަސްކަމުން ސަލާމަތްވެގެންވުމަކީ ކޮންމެ އިންސާނެއްގެވެސް އެންމެބޮޑު އެއްމަޤުޞަދެވެ. އަދި އެކަމަކީ ކޮންމެ މީހަކުވެސް ވަރަށްބޮޑަށް އެދޭނެ ކަމެއްމެއެވެ. އަދި އެއީ އިންސާނާގެ ޙަޔާތް އުފާވެރި އަދި ބާއްޖަވެރި އެއްޗަކަށް ހަދައިދިނުމުގެ އެންމެ ބޮޑު ސަބަބުވެސްމެއެވެ.

އަޅުގަނޑުމެންގެ މިމަތިވެރި އިސްލާމްދީނަކީ ހުރިހާ ޒަމާނަކާއި ހުރިހާ މަކާނަކަށް އަދި ހުރިހާ ކަމަކަށް މަގުދައްކައިދީފައިވާ ދީނަކަށް ވާތީ، މިމާތް އިސްލާމްދީނުގެ އަހުލުވެރިން މިކަމުގައިވެސް ގޮތްހުސްވެ ހަތަރުއުދަރެސް ފެނުޖެހޭ ހިސާބަށް ދާކަށް ނުޖެހޭނެއެވެ. ތިރީގައި މިވާލިއުމަކީ ދީނީހަމަތަކުގެ މަތިން ހިތަށް ހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭނެ ގޮތްތަކެއްގެމައްޗަށް އަލިއަޅުވާލާފައިވާ ލިއުމެކެވެ. މިލިއުން ތައްޔާރުކުރުމުގައި އަޞްލަކަށް ބަލާފައިވަނީ މިމަޢުޟޫޢުގެ މައްޗަށް ޝައިޚް ޢަބްދުއްރަޙްމާން ބިން ނާސިރު އައް ސަޢްދީ ލިއުއްވާފައިވާ "الوَسَائِلُ الْمُفِيْدَةِ لِلْحَيَاةِ السَّعِيْدَةِ" އެވެ. އެފޮތުގައި ޝެއިޚް ބަޔާންކުރައްވާފައިވާގޮތުގައި އިންސާނާގެ ޙަޔާތް އުފާވެރި ބާއްޖަވެރި ޙަޔާތަކަށް ހެދުމުގައި މައިގަޑު ތިންބައެއް ހިމެނިގެން ވެއެވެ. އެއީ އޭނާގެ ދީނާއި، ގުދުރަތީގޮތުން ދިމާވާ ކަންތަކާއި އަދި އޭނާގެ އަމިއްލަ މަސައްކަތުން ޙާޞިލުވާކަންތަކެވެ. އަދި މިތިންބައި އޭގެ ފުރިހަމަ ގޮތުގައި އީމާންކަމުގެ އަހުލުވެރިއަކަށް ނޫނީ ލިބިނުގަނެވޭނެކަމުގައިވެސް ޝެއިޚް ވިދާޅުވެފައިވެއެވެ. ޣައިރު މުސްލިމުންނަށްވެސް އެމީހުންގެ މަސައްކަތުން ކޮންމެވެސް ވަރަކަށް މިއިން ބައެއްކަންތައް ޙާސިލުވެދާނެއެވެ. ނަމަވެސް އުފާވެރި ފުރިހަމަ ހިތްހަމަޖެހޭ ބާއްޖަވެރި ދިރިއުޅުމަކަށް ކޮންމެހެން ބޭނުންވާ މުހިއްމު ބައިތައް އެމީހުންނަކަށް ހަމައެއް ނުކުރެވޭނެއެވެ. މިހެނީ އިންސާނާގެ ހިތްހަމަޖެހުމުގެ އެންމެ ބޮޑު އަސްލަކީ އޭނާގެ އީމާންކަން ކަމުގައި ވާތީއެވެ. އީމާންކަމުގެ އަހުލުވެރިއަކަށް ނޫނީ ދިރިއުޅުމުގެ ހަލަބޮލިކަމުގެ ތެރޭގައި ދިމާވާ ތަފާތުކަންތަކުގެ ސަބަބުން މާޔޫސް ނުވެ ނުއުޅެވޭނެއެވެ.

އަންނަނިވި ސަފްޙާތަކުގައި ކޮންމެ އިންސާނަކުމެ އެކަމަކަށް ނުހަނު ފެންބޮވައިގެންފައިވާ އުފާވެރި ބާއްޖަވެރި ދިރިއުޅުމެއް ޙާސިލްކުރުމަށްޓަކައި އެމީހެއްގެ ޢަމަލުތައް ބަހައްޓަން ޖެހޭނެގޮތުގެ ތަފްޞީލު ގެނެސްދެވޭތޯ ބަލާނަމެވެ. އެމީހެއްގެ ޢަމަލުތައް މިބަޔާންކުރާގޮތަށް ފުރިހަމައަށް ބެހެއްޓުމުގައި ކާމިޔާބު ވެއްޖެނަމަ އިންޝާﷲ އޭނާގެ ޙަޔާތްވާނީ ފުރިހަމަ އުފާވެރި ޙަޔާތަކަށެވެ. އަނެއްކޮޅުން އެމީހެއްގެ ޢަމަލުތައް އެގޮތަށް ބެހެއްޓުމުގައި ނާކާމިޔާބުވެއްޖެ މީހެއްގެ ޙަޔާތްވާނީ ވޭނާއި ކެކުޅުންތަކުން ފުރިގެންވާ ނުހަނު ހިތްނުތަނަވަސް ޙަޔާތަކަށެވެ. އެމީހެއްގެ އީމާންކަން ހުރިވަރަކާއި އެމީހެއްގެ މަސައްކަތް ތެރިކަން ހުރިވަރަކާއި އަދި އެމީހަކަށް ޤުދުރަތީގޮތުން ކުރިމަތިވެފައިވާ ކަންތައްތަކާއި އެކަންތައްތައް ހުރިގޮތެއްގެ މަތިން އޭނާގެ ދިރިއުޅުމުގެ އުފާވެރިކަމާއި ބާއްޖަވެރިކަން ތަފާތުވާނެއެވެ. ހުރިހާ ކަމެއްގައިވެސް އަޅަމެންވާގި އެދެނީ މަތިވެރި މާތް ﷲ ގެ ޙަޟްރަތުންނެވެ. އެ އިލާހީ އަޅަމެނަށް ހެޔޮކަންތަކަށް މަގުދައްކަވާ އަދި ނުބައި ކަންތަކުން ސަލާމަތްވާނެ ގޮތް އަންގަވައި ދެއްވި އަޅަމެންގެ ރައްބެވެ.

ރަނގަޅު ބާއްޖަވެރި ޙަޔާތެއް ލިބިގަތުމަށް ބޭނުންވާ އެންމެ ބޮޑު އެއް އަސާސަކީ އީމާންކަމެވެ. އަދި އެއާއިއެކު ޞާލިހް ޢަމަލުކުރުންމަތީގައި ދެމިހުރުމެވެ. ކީރިތި ގުރުއާނުގެ ނަޙްލު ސޫރަތުގެ 97 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. مَنْ عَمِلَ صَالِحًا مِّن ذَكَرٍ أَوْ أُنثَى وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً وَلَنَجْزِيَنَّهُمْ أَجْرَهُم بِأَحْسَنِ مَا كَانُواْ يَعْمَلُونَ " މާނައަކީ އީމާންވެހުރެ ޞާލިޙް ޢަމަލު ކުރާ ފިރިހެނާ ނުވަތަ އަންހެނާއަށް، ފަހެ ތިމަން ﷲ ރަގަޅު ފުރިހަމަ ދިރިއުޅުމެއް ދެއްވާހުށީމެވެ. އަދި އެބައި މީހުންގެ އުޖޫރަ އެބައިމީހުން ކުރި އެންމެރަގަޅު ޢަމަލާއި އެއްގޮތްވާ ގޮތުގެމަތީން ތިމަން ﷲ ދެއްވާހުށީމެވެ." މިތާނގައި ދީލަތިވަންތަ މާތްﷲ އަޅުގަނޑުމެންނަށް އަންގަވަނީ އީމާންވެހުރެ ޞާލިޙް ޢަމަލުކުރާ ކޮންމެމީހަކަށް ރަގަޅު ބާއްޖަވެރި ދިރިއުޅުމެއް އެއިލާހު ދެއްވާނެކަމެވެ. އަދި މިދުނިޔެއާއި އާޚިރަތުގައި އެމީހަކަށް ހެޔޮޖަޒާ ދެއްވާނެކަމުގެ އުފާވެރި ޚަބަރެވެ. ފަހެ އެއިލާހުގެ ވަޢުދުފުޅަކަށް ދުވަހަކުވެސް ބަދަލެއް ނައަންނާނެއެވެ. ތަގުވާވެރީންނަށް ﷲތަޢާލާ މިދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް ގިނަގުނަ ދީލަތި ދެއްވުންތައް ދެއްވާނެއެވެ. އައްޠަލާޤު ސޫރަތުގައި މާތް ﷲ ވަޙީކުރައްވާފައި ވެއެވެ وَمَن يَتَّقِ اللَّهَ يَجْعَل لَّهُ مَخْرَجًا * وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ وَمَن يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ މާނައީ "އަދި މާތް ﷲ އަށް ތަގުވާވެރިވާމީހާއަށް، އޭނާވީ ކޮންމެ ދަތިޙާލަކުން ނިކުންނާނެ މަގު މާތްﷲ ތަނަވަސްކޮށް ދެއްވާނެއެވެ. އަދި އޭނާހީވެސް ނުކުރާހާ ގޮތްތަކުން ﷲ ތަޢާލާ އޭނާއަށް ރިޒުގު ދެއްވާނެއެވެ. އަދި މާތްﷲ އަށް ވަކީލުކުރާމީހާއަށް ފަހެ އެއިލާހު ފުދެއެވެ." މާތްﷲއަށް އީމާންވާންޖެހޭ ފުރިހަމަގޮތުގައި އީމާން ވެއްޖެމީހާ ދަންނާށެވެ! ހަމަކަށަވަރުން ހެޔޮކަންތަކަށް އޭނާ އަވަސްވެގަންނާނެއެވެ. އަދި އެކަމުގައި އޭނާ ކުރިއަރައިގެން ހިގައިދާނެއެވެ. ހަމައެފަދައިން އޭނާ ﷲތަޢާލާ ރުހިވޮޑިނުގަންނަވާ ކަންތަކުން އަވަހަށް ދުރުވެގަންނާނެއެވެ. މާދަމާ ނުވަތަ ތަންކޮޅެއް ޢުމުރުން ދުވަސްވެލީމާ ފާފަތައް ދޫކޮށް ތައުބާވާކަށް އޭނާ މަޑެއްނުކުރާނެއެވެ. އޭނާގެ އުޅުމަށާއި އަޚްލާގަށް މިއަންނަ ހެޔޮ ބަދަލުގެ ސަބަބުން އޭނާއަށް މިދުނިޔެއާއި އާޚިރަތުގެ އުފާތަކަށް މަގުފަހިވެގެންދާނެއެވެ. މިފަދަމީހަކަށް އެމީހެއްގެ ޙަޔާތުގައި ދިމާވާ އެކިދަރަޖަތަކުގެ އުފާތަކާއި، ހިތާމަވެރިކަންތަކާއި ހެޔޮގޮތުގައި ކުރިމަތިލުމުގެ ޤާބިލުކަން ލިބިގެންވާނެއެވެ. އެމީހަކަށް އޭނާ ހިތްއެދޭ އުފާވެރިކަމެއް ލިބިއްޖެނަމަ އެކަމައްޓަކައި މަތިވެރި މާތްﷲއަށް ޝުކުރު ކުރާނެއެވެ. އަދި އެދެއްވި ނިޢުމަތެއް ﷲ ތަޢާލާ ރުހިވޮޑިގެންވާ ގޮތުގައި ބޭނުންކުރެވޭތޯ ބަލާނެއެވެ. އޭނާގެ މިތެދުވެރި ޢަމަލުގެ ސަބަބުން ﷲތަޢާލާ އޭނާއަށް އެދެއްވި ނިޢުމަތެއް ދެމިހުންނާނެކަމުގެ ފޮނިއުއްމީދު އިތުރުވެ އުފަލާއި، ހިތްހަމަޖެހުން ލިބިގެން ދާނެއެވެ. އޭނާއަށް ލިބޭނެ އެންމެބޮޑު އަނެއް އުފަލަކީ ޝުކުރުކުރާމީހުންނަށް ﷲތަޢާލާ ދެއްވާ މަތިވެރި ޘަވާބު ލިބޭމީހުންގެ ތެރެއިން އޭނާވާނެ ކަމުގެ ހެޔޮއުއްމީދުގެ ސަބަބުން ލިބޭނެއުފަލެވެ. ޙަޤީޤަތުގައި އޭނާގެ މިއުފާވެރިކަން ﷲތަޢާލާ އޭނާއަށް ދެއްވި ދުނިޔެވީ ބޮޑު ނިޢުމަތުގެސަބަބުން ލިބޭއުފަލަށްވުރެ އެތައްގުނައެއް ބޮޑުކަމަށް އޭނާއަށް އިޙްސާސް ކުރެވޭނެއެވެ.

މާތް ﷲ އަށް ތެދުވެރި ގޮތުގައި އީމާންވާ މީހާއަށް އޭނާއާއި ދިމާވާ މުސީބާތްތަކާއި ނޭދެވޭކަންތަކާއި ފުރިހަމަ ގޮތުގައި ކުރިމަތިލުމުގެ ހިތްވަރު ލިބިގެންވާނެއެވެ. އެކަންތަކާއި ކުރިމަތިލުމުގައި ޢަމަލީގޮތުން ކުރެވިދާނެ ކަންތަކުގައި އޭނާ ފަސްޖެހިފައި ނުހުންނާނެއެވެ. އެގޮތުން ކުރެވެން ހުރި ހުރިހާކަމެއް ކުރުމަށްފަހު، އޭނާގެ އެއްވެސް ބާރެއްނެތް ކަންތަކުގައި އޭނާ ﷲތަޢާލާއަށް ވަކީލުކުރާނެއެވެ. ސަބަބަކީ އަޅަކަށް މުޞީބާތެއްވެސް އަދި ނިޢުމަތެއްވެސް އެއިލާހުގެ ޙަޟްރަތުން މެނުވީ އައުމެއްނުވާކަން އޭނާއަށް ކަށަވަރުވެ، ޔަގީން ވާނެތީއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. وَإِن يَمْسَسْكَ اللّهُ بِضُرٍّ فَلاَ كَاشِفَ لَهُ إِلاَّ هُوَ وَإِن يَمْسَسْكَ بِخَيْرٍ فَهُوَ عَلَى كُلِّ شَيْءٍ قَدُيرٌ (ސޫރަތުލް އަންޢާމް 17) " ﷲ ތަޢާލާ، ތިބާއާއި ނުރައްކަލަކާއި ކުރިމަތި ކުރައްވައިފިނަމަ އެއިލާހު ފިޔަވައި އެކަން ފިއްލަވާނެ އެހެންފަރާތެއް ނުވެއެވެ. އަދި ﷲ ތިބާއަށް ރަގަޅުކަމެއް މެދުވެރި ކުރައްވައިފިނަމަ ފަހެ އެއިލާހީ ކޮންމެ ކަމެއްގެ މައްޗަށްމެ ކުޅަދުންވަންތަ އިލާހެވެ." މިފަދަ ވަޙީބަސްފުޅުތަކާއި މާތް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މަތިވެރި ނަބަވީ އިރުޝާދުތަކުގެ އަލީގައި މަސައްކަތް ކުރުމުން އޭނާގެ ހިތްވަރުގަދަވެ ހިތާމަތައް ފިލައިގެން ދާނެއެވެ. އަދި ކެތްތެރިންނަށް ދެއްވާ ގިނަގުނަ ޘަވާބު ލިބުމުގެ އުއްމީދުގެ ސަބަބުން އޭނާގެ ހިތާމަތައް އުފަލަށް ބަދަލުވެގެން ހިގައިދާނެއެވެ. މާތް ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. عَجَباً لأِمْرِ الْمُؤْمِنِ إنَّ أَمْرَهُ كُلُّهُ خَيْرٌ, إنْ أصَابَتْهُ سَرَّاءُ شَكَرَ فَكَانَ خَيْرًالَّهُ, وَإِنْ أصَابَهُ ضَرَّاءُ صَبَرَ فَكَانَ خَيْرًا لَّهُ, وَلَيْسَ ذَلِكَ لِأَحَدٍ إلاَّ لِلْمُؤْمِنِ [رواه مسلم] "މުއުމިނާގެ ކަންތައް ޢަޖާއިބެއްފަދައެވެ. އޭނާއަށް ދިމާވާ ކޮންމެކަމަކީވެސް ރަގަޅު ހެޔޮކަމެކެވެ. އޭނާއަށް ހިތްހަމަޖެހުން ލިބޭ ކަމެއް ދިމާވެއްޖެނަމަ އެކަމަށް އޭނާ ޝުކުރު ކުރެއެވެ. އެކަންތައް ވަނީ އޭނާ އަށް ހެޔޮ ރަނގަޅު ކަމެއްކަމުގައެވެ. އަދި އޭނާއާއި މުޞީބާތެއް ކުރިމަތިވެއްޖެނަމަ އޭނާ އެކަމަށް ކެތްތެރިވެއެވެ. އެކަންތައް(ވެސް)ވަނީ އޭނާއަށް ރަނގަޅު ހެޔޮ ކަމަށެވެ. އީމާންކަމުގެ އަހުލުވެރިއަކަށްމެނުވީ މިކަންތައް މިގޮތައް ދިމާނުވާހުއްޓެވެ." މިތާނގައި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަޅުގަޑުމެންނަށް އުގަންނަވައި ދެއްވަނީ އީމަންކަމުގެ އަހުލުވެރީންނަށް ﷲ ތަޢާލާ މިންވަރުކުރައްވާފައިވާ ހެޔޮނަޞީބެވެ. އެހެނީ އީމާންކަމުގެ އަހުލުވެރީންގެ ޢަމަލުތަކަށް ﷲތަޢާލާ ނުހަނު ދީލަތި ހެޔޮޖަޒާ ދެއްވައެވެ. އޭނާއަށް ދިމާވާ ހިތާމަވެރި ކަންތަކާއި އުފާވެރި ކަންތަކުގެ ސަބަބުންވެސް އޭނާގެ ހެޔޮކަމުގެފަތަށް އިތުރުކޮށް ދެއްވައެވެ.

ތަފާތު މީސްތަކުންނަށް އެބައިމީހުންނަށް ދިމާވާ ދާދިއެއްވައްތަރެއްގެ ކަންތަކުގައިވެސް ކުރާ އަސަރުތައް ތަފާތުވަނީ އެކި މީހުންގެ އީމާންކަމުގެ މިންވަރު ތަފާތުވާތީއެވެ. ފުރިހަމަގޮތުގައި އީމާންވެގެން ހުންނަމީހާ ރަގަޅުކަންތަކާއި ކުރިމަތިލާނީ ޝުކުރުވެރިކަމާއި އެކުގައެވެ. އަދި ނުތަނަވަސްކަމާއި ކުރިމަތިލާނީ ކެތްތެރިކަމާއެކުގައެވެ. މީގެ ސަބަބުން އޭނާގެ ނަފްސުގައި އުފާވެރިކަން އަށަގަނެ ހިތާމަތައް އޭނާއާއި ވަކިވެގެންދެއެވެ. މިގޮތުން އޭނާގެ ދިރިއުޅުމަކީ އުފާވެރި ބާއްޖަވެރި އެއްޗަކަށް ވެގެން ހިނގައިދެއެވެ. އެމީހެއްގެ ކިބައިގައި އީމާންކަމެއް ނެތްމީހާއަށް އޭނާ ހިތްއެދޭފަދަކަމެއް ލިބިއްޖެނަމަ އޭނާގެ ބޮޑާކަމާއި ކިބުރުވެރިކަން ކުރިއަށް ނެރެ އެކަމަކީ ތިމާގެ މޮޅުކަމުން ޙާޞިލްވި ކަމެއްކަމަށް ދެކެ، އެލިބުނު ނިޢުމަތުގެ މައްޗަށް ދަހިވެތިކަން އިސްކޮށް މުދަލާއި ފައިސާ އިތުރަށް ހޯދުމުގެ މަޤްސަދުގައި އެއްވެސް ގޮތެއްފޮތެއް ނުބަލާ ހިތުހުރިގޮތަކަށް އުޅުމުގެ ސަބަބުން އޭނާގެ ރަނގަޅު ހެޔޮވިސްނުން ފިލައިގޮސް ހަމަމަގުން ނެއްޓި އިންސާނީ ރިވެތިއަޚްލާޤު އޭނާއާއި ވަކިވެގެންހިގައިދާނެއެވެ. އަދި އޭނާއަށް މިބޮޑާކަން ގެނެސްދިނުމުގެ ސަބަބެއްކަމުގައިވި ނިޢުމަތް ފިލައިދާނެކަމުގެ ބިރުހީވެ އޭގެދިފާޢުގައި ތަފާތުގިނަ މަސައްކަތް ކުރަންފަށައެވެ. އަދި އެހެންމީހުންނަށް ލިބިފައިވާ އެފަދަ ނިޢުމަތްތަކާއިމެދެ ޙަސަދަވެރިވެ އަލިފާނުގެ ކަނޑަކަށް ޣަރަގުވެގެން ހިގައިދެއެވެ. މިފަދަ ގޮތަކަށް މީހެއްގެ އުޅުން ބަހައްޓައިފިނަމަ އެމީހަކަށް ﷲތަޢާލާ އެދެއްވި މަތިވެރި ނިޢުމަތް އޭނާއަށްހުރި ބޮޑުޢަޒާބަކަށް ނޫނީނުވާނެއެވެ. އެހެނީ އެފަދަޙާލަތުގައި އިންސާނަކަށް ހިތްހަމަޖެހުން ލިބުމަކީ އެކަށީގެންވާ ކަމެއްނޫނެވެ. ކުޑަވެސް ޝައްކެތްނެތްގޮތުގައި އިންސާނާގެ ކިބައިގާވާ މިފަދަ ނޭއްގާނި ސިފަތައް މަތަކޮށް އޭނާ ހަމަމަގަށް އަޅުވާއެއްޗަކީ އޭނާގެ އީމާނާއި ތަޤްވާއެވެ. އީމާނާއި ތަޤްވާ ނެތްމީހަކަށް މުޞީބާތެއްކުރިމަތިވާހިނދު ވޭނާއި، ބިރުވެރިކަމާއި އަދި ކޮޅެއްނެތްހާ ހިތާމަތައް އޭނާގެ ހިތުތެރެއަށް ޖަމާވެ، އޭގެސަބަބުން ނަފްސާނީ އަދި ޖިސްމާނީ ބަލިތަކުގެ ޝިކާރައަކަށްވެދެއެވެ. އަދި އެއްވެސް ކުޅެދުންތެރިކަމެއް ނެތްމީހަކަށް އެމީހަކު ބަދަލުވެގެން ހިނގައިދާނެއެވެ. މިޙާލަތާއި ކުރިމަތިލާން އޭނާއަށް ޖެހޭސަބަބަކީ މުޞީބާތްތަކަށް ކެތްކުރާ މީހުންނަށް ﷲތަޢާލާ ދެއްވުމަށް ވަޢްދުކުރައްވާފައިވާ ގިނަގުނަ ޘަވާބާއި ދީލަތި ދެއްވުންތައް ލިބުމުގެ އުއްމީދުކުރެވޭމީހަކަށް އޭނާނުވާތީއެވެ. އީމާންކަމެއްނެތި ހަމައެކަނި ކެތްތެރިވުމަކުން އޭނާއަށް ލިބިފައިވާ ހިތާމަތައް ފިލައިގެނެއް ނުދާނެއެވެ. އަދި ހިތްހަމަޖެހުމެއްވެސް ނުލިބޭނެއެމެވެ.

މިފަދަކަންތަކަކީ އަޅުގަޑުމެންގެ ދިރިއުޅުމުގެ ތެރޭގައި ތާއަބަދު ދިމާވަމުން ތަޖްރިބާކުރެވެމުން އަންނަ ކަންކަމެވެ. ތިޔަބޭފުޅުން ފަރުވާތެރިކަމާއިއެ ވިސްނާ ވަޑައިގެންފިނަމަ މިފަދަކަންތަކުގައި އީމާންކަމުގެ އަހުލުވެރިންނާއި އެނޫންމީހުންގެ މެދުގައި ވަރަށްބޮޑު ތަފާތުތަކެއްވަނިކޮށް ފެނިވަޑައިގަންނަވާނެއެވެ. މިދެބާވަތުގެ މީހުންގެ މެދުގައި މިހާބޮޑު ތަފާތެއް ހުންނަސަބަބަކީ އީމާން ކަމުގެ އަހުލުވެރިން ޤަބޫލުކުރާ ޚާއްޞަ ޤަބޫލުކުރުންތަކެއްގެ ސަބަބުންނެވެ. އޭނާގެ ހަރުދަނާ ޢަޤީދާގެ ސަބަބުންނެވެ. ތެދުވެރިގޮތުގައި އީމާންވެގެން ހުންނަމީހާ، އޭނާއާއި މުޞީބާތެއް ކުރިމަތިވިކަމުގައިވިއަސް ﷲތަޢާލާ އޭނާއަށް ދެއްވާފައިވާ ޢަދަދުނުކުރެވޭފަދަ ގިނަގުނަ ނިޢުމަތްތަކުގެ މަތިވެރިކަން އިޙްސާސްކޮށް ހިތްހަމަޖައްސާލާނެއެވެ. އަދި ތިމާއާއި ކުރިމަތިވާ ކޮންމެކަމަކީވެސް ތިމާއަށް ﷲތަޢާލާ އެވަގުތު މިންވަރު ކުރެއްވި ގޮތްކަން ދަނެ، އޭނާ ކެތްތެރިކަން ކުރިއަށްނެރެ ހިތްހަމަޖައްސާލާނެއެވެ. ﷲތަޢާލާއަށް ފުރިހަމަގޮތުގައި އީމާންވެގެން ހުރި މުއުމިނުއަޅާއަށް ބަލިމަޑުކަމާއި ފަޤީރުކަން ކުރިމަތިލާހިނދު، އެނާއަށް ﷲތަޢާލާ އެވަގުތު މިންވަރު ކުރެއްވި ގޮތާއި ރުހިޤަބޫލުވާނެއެވެ. އޭނާ ޤަބޫލުކުރާގޮތުގައި އޭނާއަށް ދިމާވާ ކޮންމެކަމކީވެސް ﷲތަޢާލާ އޭނާއަށް މިންވަރުކުރައްވާފައިވާކަންތަކެވެ. އެކަމަކުން އޭނާއަށް ރެކިއެއްނުގަނެވޭނެއެވެ. އަދި އޭނާގެ ޙާލަތު ކޮންމެގޮތަކަށް ހުރިކަމުގައިވިއަސް އެއިލާހު އެހެންމީހުންނަށް މިންވަރު ކުރައްވާފައިވާ ކަންތަކަށް ދަހިވެތިވެ އެކަމުގެ ފަހަތަކުންވެސް އޭނައެއް ނުއުޅޭނެއެވެ. އަބަދުވެސް އޭނާބަލާނީ އޭނާއަށްވުރެ ދަށުގައި އުޅޭމީހުންނަށެވެ. އޭނާއަށްވުރެ މަތީގައި އުޅޭމީހުންނަށް ބަލާ އެކަމުން ހިތްނުތަނަވަސްކުރުމަކަށް އޭނާ ބޭނުމެއްނުވާނެއެވެ. މިގޮތުން އޭނާގެހިތަށް ހަމަޖެހުންލިބި ދުނިޔެވީގޮތުން އޭނާއަށްވުރެ ގިނަކަންތައްތައް ފުރިހަމަވެފައިހުރި އެކަމަކު އީމާންކަންބަލިކަށި މީހަކަށްވުރެ އެތައްގުނައެއް ހިތްހަމަޖެހުން ބޮޑުވާނެއެވެ.

އީމާންކަމެއްނެތްމީހާ ނުވަތަ ފުރިހަމަގޮތުގައި އީމާންވެގެން ނުވާމީހާ، އޭނާއާއި ބަލިމަޑުކަމެއް ނުވަތަ ފަޤީރުކަން ކުރިމަތިވާހިނދު ނުވަތަ ދުނިޔަވީގޮތުން އޭނާއަށް ލިބިފައިވާ ބޮޑުނިޢުމަތެއް ގެއްލިގެންދާހިނދު ވަރަށް ނާއުއްމީދުވެ ވޭނާއިކެކުޅުން ތަޙައްމަލު ކުރާނެއެވެ. އޭނާގެ ހިތްތެޅިފޮޅި ނާރުތަކަށްވާންވެ، ވިސްނުމުގެ ފޯކަސް މުޅިން ގެއްލިގެން ހިގައިދާނެއެވެ. އަދި އޭނާގެ ހިތުގެތެރޭގައި ބިރުވެރިކަމުގެއިންޒާރާއި ނުތަނަވަސްކަން ނޫން އެހެންއެއްޗެއް ނުހުންނާނެއެވެ. އޭގެސަބަބުން އޭނާގެ ހަށިގަޑު ބަލިމަޑުކަމުގެ ޝިކާރައަކަށް ވެގެންހިގައިދާނެއެވެ. އާދެ އެފަދަމީހުންނަށް ދިރިއުޅުމުގެ ތަޖްރިބާގެތެރެއިން މިފަދަ ޙާލަތްތަކާއި ކުރިމަތިލުމުގެ ހުނަރު ލިބިނުގަންނަނަމަ މިފަދަ ނާޒުކުޙާލަތްތަކުގައި އޭނާ ނަފުސާނީގޮތުން ނިކަމެތިވެ މުޅިން ނުކުޅެދޭމީހަކަށް ބަދަލުވެގެން ހިގައިދާނެއެވެ. އެއީ އެމީހުންގެ އީމާންކަން ނެތުމުގެ ސަބަބުން ކުރިމަތިވާ ޙާލަތެކެވެ.

ބިރުވެރިކަމާއި ހިތްދަތިކަންތަކާއި ކުރިމަތިވާހިދު އީމާންކަމުގެ އަހުލުވެރިޔާ ވަރަށް ސާބިތުވާނެއެވެ. އޭނާ ހިތްވަރާއި، ވިސްނުންތެރިކަމާއި އަދި މަޑުމައިތިރިކަމާއިއެކު އެކަންތަކާއި ކުރިމަތިލާނެއެވެ. އޭނާގެ ބަހާއި ޢަމަލުން ފެންނާނީ އޭނާ މާކުރީގައި އެކަމަށް ތައްޔާރުވެ ހުރިކަމެވެ. މިގޮތަށް ޢަމަލު ބެހެއްޓުމުގެ ސަބަބުން އޭނާގެ ބާރާއި ހިތްވަރު ގަދަވާނެއެވެ.

މުސްލިމުންނާއި މުސްލިމުނޫން މީހުންގެކިބައިގައިވެސް އިންސާނެއްގެ ޙައިސިއްޔަތުން ހުންނަންޖެހޭ ކަންތައްތައް ހުންނާނެއެވެ. އެއީ ކަންކަމާއި ކުރިމަތިލުމުގެ ކުޅަދާނަކަމާއި ހިތްވަރުފަދަ ކަންތަކެވެ. ނަމަވެސް މިދެބާވަތުގެ މީހުންގެ ކިބައިގައި މިކަންތައް ހުންނަވަރު ވަރަށް ތަފާތުވާނެއެވެ. އީމާންކަމުގެ އަހުލުވެރިއާގެ ކިބައިގައިވާ ކެތްތެރިކަމާއި ﷲއަށް އޮންނަ އިތުބާރާއި، ނުތަނަވަސްކަމުގެ ވަގުތުގައި ކެތްތެރިކަން އިސްކުރާ އަޅުންނަށް ﷲތަޢާލާ ދެއްވުމަށް ވަޢުދުކުރައްވާފައިވާ ގިނަގުނަޘަވާބާއި މަތިވެރި ދަރަޖަ ލިބުމުގެ އުއްމީދުގެ ސަބަބުން އޭނާއަށް އިތުރު ހިތްވަރާއި ހިތްހަމަޖެހުން ލިބި، ލިބިފައިވާ ހިތާމަތަކާއި ބިރުވެރިކަން ފިލައިގެން ހިގައިދާނެއެވެ. ﷲތަޢާލާ ވަޙީކުރައްވާފައިވެއެވެ. إِن تَكُونُواْ تَأْلَمُونَ فَإِنَّهُمْ يَأْلَمُونَ كَمَا تَأْلَمونَ وَتَرْجُونَ مِنَ اللّهِ مَا لاَ يَرْجُونَ وَكَانَ اللّهُ عَلِيمًا حَكِيمًا (ސޫރަތުއްނިސާ104 ) "ތިޔަބައިމީހުންނަށް ދަތިއުދަގޫތަކާއި ކުރިމަތިލާން ޖެހޭނަމަ އެބައިމީހުންނަށްވެސް ހަމައެފަދަ އުދަގޫތަކާއި ކުރިމަތިވާނެއެވެ. އެކަމަކު އެބައިމީހުން، ލިބުމަށް އުއްމީދުނުކުރާ ކަންތައްތަކެއް މާތްﷲގެ ޙަޟްރަތުން ލިބުމަށް ތިޔަބައިމީހުން އުއްމީދުކުރާނެއެވެ." މީގެ އިތުރުން އީމާންވެހުރެ ކަންތަކުގައި ކެތްތެރިވާ މީހުންނަށް އެބައިމީހުންނަށް ދިމާވެފައިވާ ބިރުވެރި ކަންތަކާއި އުދަގޫތަކުން ސަލާމަތްވުމުގައި ﷲތަޢާލާގެ ޚާއްޞަ ޢިނާޔާތްތެރިކަންވެއެވެ. މިކަން ބަޔާންކުރައްވައި އަލްއަންފާލު ސޫރަތުގެ 46 ވާނަ އާޔަތުގައި ﷲތަޢާލާ ވަޙީކުރައްވާފައިވެއެވެ. وَاصْبِرُواْ إِنَّ اللّهَ مَعَ الصَّابِرِينَ "އަދި ކެތްކުރާށެވެ. ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ކެތްތެރީންނާއިއެކުގައެވެ."

ހިތާމަތަކާއި މޮޅިވެރިކަމާއި ޙައިރާންކަން ފިލައިގެން ދިމުގެ ސަބަބުތަކުގެ ތެރޭގައި އެންމެހާ މަޚްލޫގުތަކުންނާއިމެދު ރަގަޅަށް ކަންތައްކޮށް އެމީހުންނަށް އެހީތެރިކަން ބެހެއްޓުން ހިމެނެއެވެ. މިފަދަކަންތަކުގައި ތިމާގެ މުދަލުންނާއި ޢަމަލުންނާއި ދުލުން ކުރެވޭ ކަންތަކަކީވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި ހެޔޮ އަދި މަތިވެރި ޢަމަލުތަކެކެވެ. މިފަދަކަންތަކުގެ ސަބަބުން މުސްލިމުންނާއި އަދި އެނޫން މީހުންނަށްވެސް ﷲ ތަޢާލާ އެމީހަކަށް ލިބިފައިވާ ހިތާމަތަކާއި މުޞީބާތްތައް އެމީހެއްގެ އެފަދަ ޢަމަލުތައް ހުރި ނިސްބަތަކުން ލުއިކޮއްދެއްވައެވެ. އެހެނީ އެއިލާހުގެ އަޅުތަކުންނަށް އޯގާތެރިވުމަކީ އެއިލާހުގެ ޙަޟްރަތުގައި ނުހަނު ލޮބުވެތިކަންބޮޑު ޢަމަލެކެވެ. އެކަމަކު މީގައި އީމާންކަމުގެ އަހުލުވެރިޔާއަށް ލިބޭނަތީޖާ މާފުރިހަމަވާނެއެވެ. މިހެންވާންޖެހޭސަބަބަކީ އީމާންކަމުގެ އަހުލުވެރިޔާގެ ހުރިހާ ޢަމަލެއްވެސް އޭނާ ހައްދަވައި ގެންގުޅުއްވާ ގަދަކީރިތިވަންތަ މާތް ﷲ އަށް ޚާލިޞް ކުރާތީއެވެ. އަދިއެކަންތައްތަކުގެސަބަބުން އެއިލާހުގެ ޙަޟްރަތުން ސަވާބާއި ދަރުމަ ލިބުމަށް އޭނާ އުއްމީދުކުރާތީއެވެ. އޭގެނަތީޖާއެއްގެގޮތުން ﷲ ތަޢާލާ އެމީހެއްގެކިބައިން ހިތްނުތަނަވަސްކަމާއި ދަތިތައް ފިއްލަވައި އޭނާއަށް ގިނަގުނަ ޘަވާބާއި ދަރުމަދެއްވައެވެ. މަތިވެރި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. لاَّ خَيْرَ فِي كَثِيرٍ مِّن نَّجْوَاهُمْ إِلاَّ مَنْ أَمَرَ بِصَدَقَةٍ أَوْ مَعْرُوفٍ أَوْ إِصْلاَحٍ بَيْنَ النَّاسِ وَمَن يَفْعَلْ ذَلِكَ ابْتَغَاء مَرْضَاتِ اللّهِ فَسَوْفَ نُؤْتِيهِ أَجْرًا عَظِيمًا (ސޫރަތުއްނިސާއު 114) "އެބައިމީހުންގެ ގިނަ ސިއްރު ބައްދަލުވުންތަކުގައި އެއްވެސް ހެޔޮކަމެއް ނުވެއެވެ. ﷲގެ މަގުގައި ޞަދަގާތްދިނުމަށް އަމުރުކުރާ މީހެއްމެނުވީއެވެ. ނުވަތަ ހެޔޮކަމަކަށް އަމުރުކޮށް ނުވަތަ މީސްތަކުންގެ މެދުގައި ޞުލްޙަ ޤާއިމު ކުރުމަށް މެނުވީއެވެ. އަދި ﷲ ތަޢާލާގެ ރުހިވޮޑިގަތުން އެދިގެން އެގޮތައް ކަންތައްކޮށްފިމީހާ ފަހެ ތިމަން ﷲ އެމީހަކަށް ނުހަނުބޮޑުވެގެންވާ އުޖޫރަ ދެއްވާހުށީމެވެ."

މަތީގައިވާ މަތިވެރި އާޔަތުގައި ﷲ ތަޢާލާ އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވަނީ އެފަދަކަންތައްތަކަކީ އެއީ ހެޔޮ ރަގަނޅު ކަންތައްތައް ކަމެވެ. އަދި އެފަދަކަންތައް ކުރާ ކޮންމެމީހަކަށްމެ އެއިލާހު އޭގެބަދަލު ދެއްވާނެކަމެވެ. އެކަމަކު މީގައި ފާހަގަ ކޮށްލަންޖެހޭ ތަންކޮޅަކީ ތެދުވެރި މުއުމިނާއަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން އެދި ކުރާ ކަންތަކަށް އެއިލާހު މިނެއްނެތްހާ ގިނަހެޔޮކަން ދެއްވާނެކަމެވެ. އޭގެތެރޭގައި އޭނާގެ ހިތާމަތަކާއި ވޭންތައް ފިއްލަވައި ދެއްވުން ހިމެނެއެވެ.

ހިތާމަތަކާއި ހިތްދަތިކަމާއި ކަންބޮޑުވުން ފިލައިގެން ދިއުމުގެ ސަބަބުތަކުގެ ތެރޭގައި ތަފާތު ކަންކަމުގައި މަޝްޣޫލުވެގެން އުޅުން ހިމެނެއެވެ. އަދި އެހެންމެ ފައިދާހުރި ޢިލްމު އުގެނުމަކީވެސް އެމީހާއަށް ލިބިފައިވާ މިފަދަ ކަންބޮޑުވުންތަކާއި ހާސްކަން ފިލައިދާ ކަމެކެވެ. މިގޮތައް ޢަމަލުތައް ބެހެއްޓުމުން ތިމާއަށް ލިބިފައިވާ ހިތާމަތަކާއި ވޭންތައް މަތިން ހަދާންނެތި އުފާވެރި ތަޖްރިބާތަކެއް ކުރެވެން ފަށާނެއެވެ. އަދި އެންމެފަހުން އޭނާގެ ހިތާމަތައް އުފާތަކަކަށް ބަދަލުވެގެން ހިގައިދާނެއެވެ. މިކަމަކީވެސް އީމާންކަމުގެ އަހުލުވެރީންނާއި އަދި އެނޫންމީހުންނަށްމެ ކުރެވޭނެ ތަޖްރިބާއެކެވެ. އެކަމަކު މީގައިވެސް އީމާންކަމުގެ އަހުލުވެރިޔާ ތަފާތުވާނެއެވެ. ސަބަބަކީ އީމާން ކަމުގެ އަހުލުވެރިޔާ މިފަދަކަންތަކުގެތެރޭގައި ޙަރަކާތްތެރިވަމުން ދާއިރު އެކަމަކީ އަޅުކަމުގެތެރޭގައި ހިމެނޭ ކަމެއްކަމުގައިވިޔަސް ނުވަތަ ދުނިޔެވީ ކަމެއްކަމުގައި ވިޔަސްވެސް އެކަމަކީ ތެދުނިޔަތާއިއެކު ﷲ ތަޢާލާ އަށް ޚާލިޞްކޮށް އެއިލާހުގެ ޙަޟްރަތުން ވާގިއެދިގެން ކުރާކަމެއްކަމުގައިވާނަމަ އެކަންތައް ވެގެންދާނީ އޭގެޒާތުގައި ހިތާމަތައް ފިލައިދިއުމުގެ ސަބަބެއްކަމުގައެވެ.

ދާއިމީ ހިތާމަތަކާއި ކަންބޮޑުވުންތަކުގެ ސަބަބުން ނަފްސާނީ އަދި ޖިސްމާނީ ބަލީގެ ދާންތަކުގައިވާ އެތައްބައެއް އަޅުގަނޑުމެންނަށް ފެންނަމުން ދެއެވެ. އެބައިމީހުންގެ ބަލީގެ ފަރުވާތަކުގެތެރޭގައިހިމެނޭ ވަރަށް މުހިއްމު އެއްފަރުވާއަކީ އެބައިމީހުންނަށް ކުރިމަތިވެފައިވާ ހިތާމަތައް ނުވަތަ ކުރިމަތިވެފައިވާ މުޞީބާތުގެ މަތިން ހަދާން ނައްތާލައި ކޮންމެވެސް ކަމެއްގައި މަޝްޣޫލުވެގެން އުޅުމެވެ. އެގޮތައް ކަންތަކުގައި މަޝްޣޫލުވެގެން އުޅޭއިރު ތިމާ އުފާވާކަހަލަ ކޮންމެވެސް ކަމެއްގެތެރޭގައި އުޅުމަކީ އޭގެ ނަތީޖާ މާފުރިހަމަ ގޮތުގައި ލިބޭނެކަމެކެވެ.

މާޒީވެދިޔަ ކަންތަކާއި މެދު ނުވަތަ މުސްތަޤުބަލުގައި ހިގާފާނެކަމަކާއިމެދު ވިސްނުމުގެ ބަދަލުގައި އެވަގުތަކު ތިމާއާއި ކުރިމަތިވެފައިވާ ކަންތަކާއިމެދު ވިސްނުމަކީ ހިތާމަތަކާއި ކަންބޮޑުވުން ފިލައިދިއުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. ހިތާމައަކީ ޢާއްމުގޮތެއްގައި ހިގައިދިޔަކަމަކާއި މެދު ކުރާއެއްޗެކެވެ. މާޒީވެދިޔަތަނާމެދު ހިތާމަކުރުމަކުން އެހިގައިދިޔަ ކަމެއް ބަދަލެއްނުވާނެއެވެ. ކަންބޮޑުވުމަކީ މުސްތަގުބަލުގައި ހިގާފާނެ ކަމަކާއިމެދު ވާއެއްޗެކެވެ. ވީމާތިމާގެ ޙަޔާތް އުފާވެރި ޙަޔާތަކަށް ހެދުމަށްޓަކައި މިދެކަންތައްމެ ދޫކޮއްލަން ޖެހެއެވެ. ސަބަބަކީ މިއިން އެއްވެސްކަމަކުން ތިމާގެ އަޞްލުޙާލަތައް ކުރާނެ ރަގަޅު އަޘަރެއް ނުއޮންނާނެއެވެ. މިފަދަ ކަންތަކުން ސަލާމަތްވެ ހުރުމަށްޓަކައި ތިމާގެ އެއިރެއްގެ ޙާލަތަށްވިސްނާ ހިތާމަތަކާއި ކަންބޮޑުވުމުން ސަލާމަތްކަން ދެއްވުން އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދެންނެވުން ހުއްޓެވެ. އެހެނީ ކަންބޮޑުވުމާއި ހިތާމަތަކުން ރައްކާތެރިކަން ދެއްވުން އެދި މާތްރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ، ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވާކަމަށް ބުޚާރީއާއި މުސްލިމު ރިވާކުރައްވާފައިވެއެވެ. ތިމާ އަބަދުވެސް ވާންޖެހެނީ މާޒީވެދިޔަތަނުން ޢިބުރަތް ޙާޞިލުކޮށް އެއިރެއްގެ ކަންތަކާއި މެދު ފުރިހަމައަށް ވިސްނާމީހަކަށެވެ. މިދެންނެވިގޮތަށް ވިސްނޭނީ ކުރީގައި ދެންނެވުނު ފަދައިން ބޭކާރު ހިތާމަތަކާއި ކަންބޮޑުވުންތައް ދޫކޮއްލައިގެންނެވެ. މިގޮތައް ވިސްނުންތެރިކަމާއިއެކު ކަންތައްކުރުމަކީ ތިމާކުރާކަންތައް ފުރިހަމަގޮތުގައި ނިންމާލުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެކެވެ. މުސްލިމުއަޅާ އޭނާގެ ދެދުނިޔޭގެ ލާބައާއި މަންފާ އަށްޓަކައި ކުރާކަންތައް އެންމެފުރިހަމަ ގޮތުގައި ކުރުމައްޓަކައި ބޭނުންވާ ހަތިޔާރަކީ އިޚްލާޞްތެރިކަމާއި އުއްމީދާއި އެކު ކުރެވޭ ދުޢާއާއި ގަދަ ޢަޒްމާއި ހިތްވަރާއި ވިސްނުންތެރިކަމާއި އެކުކުރެވޭ މަސައްކަތެވެ. އެހެނީ އަޅުގަޑުމެންގެ ކަންތަކުގައި ނަމޫނާދެއްކެވި މާތް ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަޅުގަޑުމެންނަށް އިރުޝާދު ދެއްވާފައިވަނީ މިގޮތަށް ޢަމަލުކުރުމަށެވެ. އެކަލޭގެފާނު ޙަދީޘްކުރައްވާފައި ވެއެވެ. "احْرِصْ عَلىَ مَا يَنْفَعُكَ وَاسْتَعِنْ باِللهِ وَلاَ تَعْجَزْ, وَإذَا أصَابَكَ شَيْءٌ فَلاَ تَقُلْ لَوْ أنِّيْ فَعَلْتُ كَذَا كاَنَ كَذَا وَكَذَا, وَلَكِنْ قُلْ قَدَّرَاللهُ وَمَاشَاءَ فَعَلَ, فَإنَّ "لَوْ" تَفْتَحْ عَمَلِ الشَّيْطَانِ". رواه مسلم. (ތިބާއަށް މަންފާހުރި ކަންތަކުގައި ގަދައަޅައި މަސައްކަތް ކުރާށެވެ. އަދި ﷲގެ ޙަޟްރަތުން ވާގި އެދޭށެވެ. އަދި ނުކުޅެދި ނުގަންނާށެވެ. އަދި ތިބާއަށް އުނދަގުލެއް ދިމާވެއްޖެނަމަ ތިމަންނަ މިވެނިހެން ހެދިނަމަ އެވެނި މިވެނި ގޮތަށް އެކަންތައް ވީހެވެ މިހެން ނުބުނާށެވެ. އެކަމަކު ބުނާށެވެ "މިއީ ﷲގެ މިންވަރުފުޅެވެ." އެއިލާހު އެދިވޮޑިގަންނަވާގޮތަށް އެކަން ކުރެއްވީއެވެ. ފަހެ ހަމަކަށަވަރުން " ނަމަ އަކީ " ޝައިޠާނާއަށް ދޮރުހުޅުވައިދޭ ކަމެކެވެ. " މިމަތިވެރި ޙަދީޘް ފުޅުން ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަޅުގަޑުމެންނަށް އިރުޝާދުދެއްވަނީ ދެކަމެއް ގުޅުވާލުމަށެވެ. ފުރަތަމަކަމަކީ މުހިއްމު ކަންތަކުގައި ހުރިހާ ޙާލަތެއްގައިވެސް ގަދައަޅައި މަސައްކަތް ކުރުމެވެ. އަދި ﷲގެ ޙަޟްރަތުން ވާގި އެދުމެވެ. އަދި ކަންތައް ކުރުމުގައި ނާއުއްމީދުކޮށްގެން އެކަންތައް ދޫކޮށް ނުލުމަށެވެ. ދެވަނަ ކަމަކީ ހިނގައިދިޔަ ކަންތަކާއިމެދު ﷲއަށް ވަކީލުކުރުމެވެ. އަދި އެކަންތަކަކީ އެއިލާހުގެ މިންވަރުފުޅުކަން ދަނެ ގަބޫލުކުރުމެވެ. މީގައި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަޅުގަޑުމެންނަށް ބަޔާން ކޮށް ދެއްވާފައިވަނީ ދެދަރަޖައެއްގެ ކަންތަކެކެވެ. ފުރަތަމަ ދަރަޖައަކީ ކަންތައްތައް ފުރިހަމައަށް ކޮށްނިންމުމުގައި އިންސާނާގެ ފުރިހަމަ ދައުރެއް އޭގައި ހިމެނޭކަންތަކާއި އަދި ކަންތައްތައް ފުރިހަމަކުރުމުގައި އޭނާގެ ކޮންމެވެސް ދައުރެއް އެކަމުގައި ހިމެނޭ ކަންތަކެވެ. ނުވަތަ ކަމަކުން ރެކިގަތުމުގައި ފުރިހަމަ ދައުރު އޭނާއަށް ލިބިފައިވާ ކަންތަކާއި އަދި މިފަދަކަންކަމުގައި އޭނާގެ ކޮންމެވެސް ދައުރެއްވާ ކަންތަކެވެ. މިފަދަކަންތަކުގައި އަޅާ ޢޭނާގެ ރައްބުގެ ޙަޟްރަތުން ވާގިއެދުމާއިއެކު އެކަމުގައި ގަދައަޅައި މަސައްކަތް ކުރަންޖެހެނެއެވެ. ދެވަނަބަޔަކީ އިންސާނާއަށް އެއްވެސް ބާރެއްލިބިގެން ނުވާކަންތަކެވެ. މިފަދަކަންތަކުގައި މަޑުމައިތިރިކަމާއިއެކު ﷲގެ މިންވަރުފުޅަށް ތަބަޢަވާން ޖެހޭނެއެވެ. މިގޮތުން އޭނާގެ އާރެއްބާރެއް ނުވާކަންތައްތަކާއި މެދު ހިތާމަނުކޮށް ހެއްދެވިފަރާތުގެ މިންވަރުފުޅަށް ޝުކުރުކުރުން މަތީ ދެމިހުރެއްޖެނަމަ ޝައްކެއްނެތްގޮތުގައި އޭނާގެ ހިތާމަތައް ފިލައިގޮސް ހިތްހަމަޖެހުން ގެނެސްދޭނެއެވެ.

Read more...

20 June 2011

ސާދަ ޤަރުނު ކުރީގެ ޤާނޫނުތަކެއް މިޒަމާނުގައި ޤާއިމް ކުރާނީ ކިހިނެއް؟

އަލްއަޚް އަޙްމަދު މިޙްސަން މުޙައްމަދު
ބައެއް މުސްލިމުންނާއި ޢައިރު މުސްލިމުން މިއަދު ކުރަމުންދާ ސުވާކލަކީ 14 ޤަރުނު ކުރީގެ ޤާނޫނުތަކެއް މިއަދު އަޅުގަނޑުމެން ޤާއިމްކުރާނީ ކިހިނަކުން ހެއްޔެވެ. އިސްލާމީ ޝަރީޢަތާ ބެހޭގޮތުން ފުރިހަމަ މަޢުލޫމާތު ލިބިފައިނުވާ މީހަކަށް މިފަދަ ސުވާލެއް އުފެދުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންނަމަވެސް މިފަދަ ސުވާލުތައް އުފެދިފައިވާ މީހުން ހަނދާން ނެތިފައިވާ ކަމެއް ވެއެވެ.
އެއީ އިންސާނުންވެސް އެތައް ސަތޭކަ އަހަރުތަކަކަށް ދެމިގެން ގޮސްފައިވާ ޤާނޫން އަސާސީތަކެއް ހަދާފައިވާކަމެވެ. އިންސާނުންނަށް މިފަދަ ކަމެއް ކުރެވުނު އިރު ﷲ ސުބުޙާނަހޫ ވަތަޢާލާ މިއަށްވުރެ ގިނަ ދުވަހަށް ދެމިގެންވާ ޤާނޫންތަކެއް އުފެއްދެވުމަށް ކުޅަދުންވަންތަވެދޮޑިގެން ނުވާންވީ ކީއްވެގެންހެއްޔެވެ؟ އެކަލާނގެއީ ހުރިހާ ތަނަކާއި ހުރިހާވަގުތެއްގައި ހިނގާހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
މިފަދަ ސުވާލެއްކުރާ މުސްލިމެއް ޙުކުމަކީ ކޮބައިތޯއެވެ؟
މިފަދަ ސުވާލެއްކުރާ މުސްލިމްމީހާ ޤަބޫލުކުރަންވީ ޙަޤީޤަތަކީ ޤިޔާމަތާއި ޖެހެންދެން ދެމިގެންވާ ޤާނޫނުތަކެއް ހެއްދެވުމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ކުޅަދުންވަންތަ ކަމެއްކަމެވެ. ސަބަބަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ދާއިމަށް ދެމިގެންވާ ޤުދުރަތީ ޤާނޫނުތަކެއްވެސް ހައްދަވާފައެވެ. އެހެންކަމުން އެއްވެސް އަސްލެއް ނެތް ވާހަކަތަކުގައި ނުވަތަ ކުފުރުގެ ދަންތުރަ ތަކުގައި ނުޖެހުމަށް މުސްލިމުން ސަމާލުވާން ޖެހޭނެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވަނީ ﴿ فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّى يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا فِي أَنْفُسِهِمْ حَرَجًا مِمَّا قَضَيْتَ وَيُسَلِّمُوا تَسْلِيمًا﴾ (سورة النساء65) މާނައި: " އެހެންނަކުން ނޫނެވެ! ފެހެ، ކަލޭގެފާނު ހައްދަވާ ގެންގުޅުއްވާ އިލާހު ގަންދެއްވައި ވަޙީ ކުރައްވަމެވެ. އެއުރެންގެ މެދުގައި އުފެދިފައިވާ ދެކޮޅުވެރިކަމުގައި، ކަލޭގެފާނު އެމީހުންގެ މެދުގައި ޙުކުމްކޮށްފުމަށް ދާންދެން، އެއުރެން އީމާނެއް ނުވާނެތެވެ. އެހިނދު، ކަލޭގެފާނު ނިޔާކުރެއްވި ގޮތާމެދު އެއުރެންގެ ހިތްތަކުގައި، ދަތިކަމެއް ވާކަމުގައި އެއުރެން ނުދެކޭނެތެވެ. އަދި އެއުރެން (އެ ނިޔާއަށް) ފުރިހަމަ ވެގެންވާ ކިޔަމަންވުމަކުން ކިޔަމަންވާނެތެވެ."
ﷲ ސުބުޙާނަހޫ ވަތަޢާލާ ބާވައިލެއްވި ޙުކުމްތަކުން އޭނާ ހިތްއެދޭ ޙުކުމްތަކުގައި ހިފައި އޭނާ ނުރުހޭ ޙުކުމްތައް ދޫކޮށްލުމުގެ އިޚްތިޔާރު އޭނާއަށް ލިބިފައި ނުވާކަންވެސް އޭނާ ވަނީ ހަނދާން ނެތިފައެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ. ﴿ أَفَتُؤْمِنُونَ بِبَعْضِ الْكِتَابِ وَتَكْفُرُونَ بِبَعْضٍ فَمَا جَزَاءُ مَنْ يَفْعَلُ ذَلِكَ مِنْكُمْ إِلَّا خِزْيٌ فِي الْحَيَاةِ الدُّنْيَا وَيَوْمَ الْقِيَامَةِ يُرَدُّونَ إِلَى أَشَدِّ الْعَذَابِ وَمَا اللَّهُ بِغَافِلٍ عَمَّا تَعْمَلُونَ ﴾ (سورة البقرة: 85) މާނައީ: " ފަހެ، ފޮތުން ބަޔަކަށް ތިޔަބައިމީހުން އީމާންވެ އަނެއްބަޔަށް ކާފިރުވަނީ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެކަންތައްކުރާ މީހުންގެ ޖަޒާއަކީ، ދުނިޔޭގެ ޙަޔާތުގައި ދެރަކަމާއި ނިކަމެތިކަން ލިބުން ކަމުގައި މެނުވީ ނުވެއެވެ. އަދި ޤިޔާމަތްދުވަހުން ގަދަފަދަ ޢަޒާބުގެ ތެރެއަށް އެއުރެން ފޮނުއްވާ ހުށްޓެވެ. އަދި ހަމަކަށަވަރުން، ތިޔަބައިމީހުންކުރާ ޢަމަލުތަކާއިމެދު ޢާފިލުވެ ވޮޑިގެންވާ ކަލަކު ކަމުގައި ﷲ ނުވެއެވެ."

މިތާނގައި މިބަޔާންކޮށްލަނީ طاعة (ކިޔަމަންތެރިކަމުގެ) ގެ 3 ވައްތަރެކެވެ.
1- ފުރިހަމަޔަށް ކިޔަމަންތެރިކަން އަދާ ކުރަންޖެހޭ ކަންތައް.
މިއީ ﷲ ތަޢާލާގެ ފަރާތުން ސީދާގޮތުންނާއި ނުސީދާގޮތަށް އައިސްފައިވާ ހުރިހާ އަމުރުފުޅަކަށް ފުރިހަމަޔަށް ކިޔަމަންތެރިވުމެވެ. މިގޮތަށް ކިޔަމަންވުމުގައި އިތުރު ސުވާލެއް ކުރުމެއް ނުވެއެވެ.
2- އިސްލާމްދީނުގައި ޤުރުއާނާއި ޙަދީޘުން ނައްޞުން ބަޔާންވެގެންވާ ކަންކަމަށް ފުރިހަމަޔަށް ކިޔަމަންވުން.
މި ގޮތަށް ކިޔަމަންވުމުގައިވެސް އެއްވެސް އިތުރު ސުވާލެއް ކުރުމެއް ނުވެއެވެ.
3- އަހުލުއް ސުންނާ ވަލް ޖަމާޢަތުގެ އިމާމަކަށް ނުވަތަ އިމާމުންތަކަކަށް ތަބާވުން.

މިގޮތަށް ތަބާވާއިރު ވަކި އިމާމަކަށް ތަބާވުން ލާޒިމެއް ނޫނެވެ. ސަބަބަކީ އިމާމުންގެ މެދުގައި އުފެދިފައިވަނީ ޙައްޤު ޚިލާފުތަކެއް ކަމުގައި ވާތީއެވެ. މިޙާލަތުގައި އޭނާ އެ ތަބާވާގޮތަކީ ޞައްޙަ ޚިލާފެއްކަމުގައިވާނަމަ އެގޮތެއް އޭނާއަށް އިޚްތިޔާރު ކުރެވިދާނެއެވެ.
އިސްލާމީ ޝަރީޢަތް އޭގެ އެންމެ ފުރިހަމަ ގޮތުގައި ޤާއިމް ކުރެވިއްޖެނަމަ ޙިސާބުބެއްލެވޭނެ ހުރިހާ މަޚްލޫޤުންގެ މިދުނިޔޭގެ ދިރިއުޅުން ބާއްޖެވެރި ވެގެންދާނެކަން ޙަޤީޤީ މުސްލިމަކު ޤަބޫލުކުރާނެއެވެ. އަދި އިސްލާމީ އުސޫލުތަކަށް މުސްލިމުންގެ ދިރިއުޅުމުގައި ޢަމަލު ކުރުމުން އުޚްރަވީ ޙަޔާތް ބާއްޖެވެރި ވެގެންދާނެކަމުގެ ގެރެންޓީ ލިބެއެވެ.
އެހެންގޮތަކަށް ބުނާނަމަ އިސްލާމީ ޝަރީޢަތުގެ ހެޔޮ އަސަރު ކުރަނީ ހަމައެކަނި މިދުނިޔޭގެ ވަގުތީ ދިރިއުޅުމަކަށް ނޫނެވެ. އެހެނެއްކަމަކު އުޚްރަވީ ޙަޔާތްވެސް ބާއްޖެވެރިކޮށްދެއެވެ. އެއްވެސް މުސްލިމަކު މިކަން ހަނދާންނުނެތޭނެއެވެ. ސަބަބަކީ އިންސާނުން އަތުން ހަދާފައިވާ ހުރިހާ ޤާނޫނަކަށްވުރެ، ﷲ ސުބުޙާނަހޫ ވަތަޢާލާ ބާވައިލެއްވި ޤާނޫންތައް ފުރިހަމަކަމަށް އޭނާ ޤަބޫލުކުރާނެއެވެ.
އިސްލާމީ ޝަރީޢަތް ބިނާވެގެންވަނީ ކަނޑައެޅިބަޔާންވެގެންވާ ޤާނޫންތަކެއްގެ މައްޗަށެވެ. އަދި މީގައި ވަނީ ﷲއާއި އެކަލާނގެ ހެއްދެވި ތަކެތީގެ ގުޅުމާއި މަޚްލޫޤުންގެ މެދުގައި އޮންނަންޖެހޭ ގުޅުމުގެ ވާހަކައެވެ. އެހެންގޮތަކަށް ބުނާނަމަ އިސްލާމީ ޝަރީޢަތަކީ ބޮޑު ޕެކޭޖެކެވެ. މި ޕެކޭޖުގައިވަނީ އަޤީދާއާއި އަޅުކަންތަކާއި، ފުރިހަމަ ވެގެންވާ ޤާނޫނުތަކާއި އެންމެ ރިވެތި އަޚްލާޤެވެ.
މީގެ 14 ޤަރުނު ކުރިން އިސްލާމީ ޝަރީޢަތް ވަނީ އެތަކެއް ނިކަމެތިންނެއްގެ ޙައްޤުތަކެއް ހޯދައިދީފައެވެ. މިއީ ވޭތުވެދިޔަ ޤަރުނާ ހަމަޔަށްވެސް އިންސާނުން ހަދާ ޤާނޫނުތަކަށް ކޮށްނުދެވުނު ކަމެކެވެ. މި ރޮނގުގައި އިސްލާމީ ޝަރީޢަތާ އެއްހަމަ އަށް އައުމަށް އަދިވެސް އިންސާނުންހަދާ ޤާނޫންތައް ވަނީ ނުކުޅެދިފައެވެ.

Read more...

16 June 2011

އުފާވެރި، ހިތްހަމަޖެހޭ، ބާއްޖަވެރި ދިރިއުޅުމެއް ލިބޭނީ ކިހިނެއް؟

އަލްއަޚް އަޙްމަދު ރިމާޒް
ހަމަ ޔަޤީނުންވެސް ކޮންމެ އިންސާނަކީ އަމާން، އޮމާން، ބާއްޖަވެރި ޙަޔާތެއް ބޭނުންވާނެ މީހެކެވެ. މުސްލިމަކަށް ވިޔަސް ކާފިރަކަށް ވިޔަސް، ފަޤީރަކަށްވިޔަސް މުއްސަންޖަކަށް ވިޔަސްމެއެވެ. އެންމެންވެސް އެބަޔަކަށް ލިބިފައިވާ އެންމެހާ ވަޞީލަތްތައް ބޭނުންކޮށްގެން މަސައްކަތްކުރަމުން ދަނީ އުފާވެރި، ހިތްހަމަޖެހޭ ޙަޔާތެއް ހޯދުމަށެވެ. އެއްބަޔަކު ދެކޭގޮތުގައި ބާއްޖަވެރި ޙަޔާތެއް ލިބޭނީ ގިނަ މުދަލާއި ފައިސާ ހުރެގެންނެވެ. އަނެއްބަޔަކު ދެކޭގޮތުގައި އެއީ ޖާހާއި މަންސަބާއި މަތީ މަޤާމުން ޙާޞިލުކުރެވިދާނެ އެއްޗެކެވެ. އަދި އަނެއްބަޔަކު ދެކޭގޮތުގައި އުފާވެރި ދިރިއުޅުމެއްގެ ތަޅުދަނޑިއަކީ މަތީ ތަޢުލީމާއި ފާސްތަކެވެ.

ޙަޤީޤަތަކީ ހަމައެކަނި މިކަންކަމުން ބާއްޖަވެރިކަމުގެ އައްސޭރިއާ ހަމައަށް ވާޞިލްނުވެވޭނޭ ކަމެވެ. ދިމާވާ ގޮތަކުން މުދަލުގެ ވެރިޔާގެ މުދާ ގެއްލި ބަނގުރޫޓު ވެދާނެއެވެ. އަދި ދިމާވާ ގޮތަކުން ޖާހާއި މަންސަބާއި މަޤާމުގެ އަހުލުވެރިންގެ ޤަދަރު ވެއްޓިދާނެއެވެ. މުދަލާއި ފައިސާގެ ތަނަވަސްކަމަކީ މާތް ﷲ އިރާދަކުރައްވާ އަޅަކަށް އެއިލާހު އޭނާ އިމްތިޙާން ކުރެއްވުމަށްޓަކައި ދެއްވާ އިމްތިޙާނެކެވެ. އެ އިމްތިޙާނުން ފާސްވުމަށްޓަކައި މުދާ ހޭދަކުރާންވީ ކިހިނެއްކަން އެއިލާހު ވަނީ ބަޔާންކޮށްދެއްވާ ފައެވެ. އެހެންކަމުން މުދަލާއި، ފައިސާއާއި މަޤާމާއި ޖާހާއި މަންސަބުގެ ސަބަބުން ﷲ ސުބުހާނަހޫ ވަތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމަށް ހުރަސް އެޅޭނަމަ އެއީ އެމީހަކަށް ހުރި ހަލާކާއި ގެއްލުމަކަށެވެ. މަގުފުރެދުމެކެވެ. ﷲ ސުބުހާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައި ވެއެވެ.
" فَلاَ تُعْجِبْكَ أَمْوَالُهُمْ وَلاَ أَوْلاَدُهُمْ إِنَّمَا يُرِيدُ اللَّهُ لِيُعَذِّبَهُمْ بِهَا فِي الْحَيَاةِ الدُّنْيَا وَتَزْهَقَ أَنْفُسُهُمْ وَهُمْ كَافِرُونَ " (التوبة: 55)
"ފަހެ އެބައިމީހުންގެ މުދައުތަކާއި، ދަރީންތައް، ކަލޭގެފާނު ޢަޖައިބުކުރުވިޔަ ނުދޭ ހުށިކަމެވެ. ހަމަކަށަވަރުން މާތް ﷲ އިރާދަކުރައްވަނީ ދުނިޔޭގެ ދިރިއުޅުމުގައި އެތަކެތީން އެބައިމީހުންނަށް ޢަޛާބު ދެއްވުމަށެވެ. އަދި އެއުރެން ކާފިރުންކަމުގައި ވާޙާލު އެއުރެންގެ ފުރާނަ ދިޔުމަށެވެ."
ޝާނާއި ޝައުކަތުހުރި ބޮޑު ވެރިކަމަކުން މީހަކަށް ބާއްޖަވެރިކަމެއް ލިބޭނެ ނަމަ ފިރްޢައުނަށް ލިބުނީހެވެ. ނަމަވެސް ފިރްޢައުނުގެ ވެރިކަމަކީ އީމާން ކަމުގެ ނޫރުން އަލިވެފައިވާ ވެރިކަމެއް ނޫނެވެ. ބޮޑާކަމާއި ކިބުރުވެރިކަމުގެ މަތީގައި ބިންގާ އެޅިފައިވާ، އެއްކައުވަންތަ ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމުން އެއްކިބާވެފައިވާ، އަދި އަނިޔާވެރިކަން ޙައްދުފަހަނަ އަޅާފައިވާ ވެރިކަމެކެވެ. އޭނާ ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވި ވެރިކަމަށް ބޮޑާވެ، ކިބުރުވެރިވެގަތެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ.
" وَنَادَى فِرْعَوْنُ فِي قَوْمِهِ قَالَ يَا قَوْمِ أَلَيْسَ لِي مُلْكُ مِصْرَ وَهَذِهِ الأَنْهَارُ تَجْرِي مِنْ تَحْتِي أَفَلاَ تُبْصِرُونَ " (الزخرف: 51)
"އަދި ފިރުޢައުނު އޭނާގެ ޤައުމުގެ މީހުންގެ ތެރޭގައި ހުރެ ގޮވާލިއެވެ. އޭނާ ބުންޏެވެ. އޭ އަހަރެންގެ ޤައުމުގެ މީހުންނޭވެ! މިޞްރުގެ ވެރިކަމާއި އަހަރެންގެ ދަށުން ހިނގަ ހިނގާ މިހުރި ކޯރުތަކުގެ މިލްކުވެރިކަން ލިބިގެންވަނީ ތިމަންނާއަކަށް ނޫން ހެއްޔެވެ؟ ފަހެ ތިޔަބައިމީހުންނަށް ނުފެންނަނީ ހެއްޔެވެ؟"
މިފަދަ ގޮތަކަށް ފިރުޢައުނު އޭނާއަށް ﷲ ދެއްވި މުދަލާއި ވެރިކަމަށް ކިބުރުވެރިވެ ބޮޑާވެ އެންމެ ފަހުން ޙައްދު ފަހަނައަޅައި ގޮސް އޭނާ އަކީ އިލާހުކަމަށް ދަޢުވާކުރިއެވެ.
" مَا عَلِمْتُ لَكُمْ مِنْ إِلَهٍ غَيْرِي " (القصص: 38)
"އަހަރެން ފިޔަވައި އެހެން އިލާހަކު ތިޔަބައިމީހުންނަށް ވާކަމެއް، އަހަރެންނަށް އެނގިފައެއް ނުވެއެވެ."
އާދެ ފިރުޢައުނުގެ މި ކިބުރުވެރިކަމާއި ބޮޑާކަމުގެ ސަބަބުން އޭނާގެ އެ ވެރިކަމުން، ބާއްޖަވެރިކަމާއި އުފާވެރިކަމެއް ނުލިބުނެވެ. އޭގެ ބަދަލުގައި އޭނާއަށް ކުރިމަތިލާންޖެހުނީ ﷲ ސުބުހާނަހޫ ވަތައާލާގެ ކޯފާއާއި ލަޢުނަތާއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ.
" فَأَخَذَهُ اللَّهُ نَكَالَ الأَخِرَةِ وَالأُولَى " (النّازعات: 25)
"ދެން ދުނިޔެއާއި އާޚިރަތުގެ ޢުޤޫބާތެއްގެ ގޮތުން މާތްﷲ އޭނާ ހިއްޕެވިއެވެ."
އަދިވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ ފިރްޢައުނާއި އޭނާގެ އަޢުވާނުންނާ ބެހޭގޮތުން ވަޙީކުރައްވާފައިވެއެވެ.
" النَّارُ يُعْرَضُونَ عَلَيْهَا غُدُوًّا وَعَشِيًّا وَيَوْمَ تَقُومُ السَّاعَةُ أَدْخِلُوا ءَالَ فِرْعَوْنَ أَشَدَّ الْعَذَابِ " (غافر: 46)
"އެއުރެން ހެނދުނާއި ހަވީރު އަލިފާނަށް (އެބަހީ: ކަށްވަޅުގެ ޢަޛާބަށް) ހުށަހަޅުއްވާނެތެވެ. އަދި ޤިޔާމަތުގެ ވަޤުތު އަންނަ ދުވަހު (މަލާއިކަތުންނަށް އަންގަވާނެތެވެ) ފިރްޢައުނުގެ މީހުން އެންމެ ގަދަފަދަ ވެގެންވާ ޢަޛާބަށް (އެބަހީ: ނަރަކައަށް) ވައްދާށެވެ"

ބާއްޖަވެރިކަމަކީ ގިނަމުދަލާއި ފައިސާއިން ލިބޭނެ އެއްޗެއްނަމަ ޤާރޫނަށްވެސް ލިބުނީހެވެ. އޭނާއަށް ﷲ ދެއްވި މުދަލަކީ އެއްގޮތަކަށްވެސް އޭނާއަށް ލިބިފައިވާ ޢިލްމަކާ ހުނަރަކުން ނުވަތަ ވިސްނުންތޫނުކަމާއި ބުރަމަސައްކަތުން ލިބުނު އެއްޗެއްނޫނެވެ. އެއީ މާތް ﷲ އޭނާއަށް އެއިލާހުގެ ފަޟްލުވަންތަވެރިކަމުން ދެއްވި ތަނަވަސްކަމެކެވެ. ނަމަވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ އޭނާއަށް ދެއްވި ނިޢުމަތްތަކަށް އޭނާ ބޮޑާވެ ކުފުރުވެރިވެގަތެވެ. ދުނިޔޭގެ ދަޅަތަކަށް ހެއްލިގެންވާ ޙާލު އޭނާ އުފާކޮށް މަޖާކުރަމުން ދިޔައެވެ. މީސްތަކުންގެ ޙައްޤުތައް އަދާކުރުމުން އެއްކިބާވެގަތެވެ. އަދި ބިންމަތި ފަސާދަކޮށް އަނިޔާވެރިކަން ޢާއްމުކުރިއެވެ. ފާޅުވެގެންވާ މަގުފުރެދުމަކުން މަގުފުރެދި ގަތެވެ. މި މަގުފުރެދުމުގެ ޖަޒާއަކަށްވީ:
" فَخَسَفْنَا بِهِ وَبِدَارِهِ الأَرْضَ " (القصص: 81)
"ފަހެ ތިމަން ﷲ އޭނާއާއި އޭނާގެ (ޚަޒާނާތަކާއި) ގެއާއެކުގައި ބިންގަނޑު ގަންބަވައިގަތީމެވެ."
ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ފިރްޢައުނަށާއި ޤާރޫނަށް އެމީހުންގެ ވެރިކަމުން އަދި މުއްސަދިކަމުން ބާއްޖަވެރިކަމެއް ނުލިބުނެވެ. އޭގެ ބަދަލުގައި އެކަންތައްތައް ވެގެންދިޔައީ އެމީހުންނަށް ޢަޒާބާއި ހަލާކު ޙައްޤުވުމަށް މެދުވެރިވި ސަބަބަކަށެވެ.

އަޅުގަނޑުމެން މިއަދު މިވަނީ ޙަޤީޤީ ބާއްޖަވެރިކަން ލިބޭނެ މަގު ކަމުގައިވާ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ފުރިހަމަގޮތުގައި އީމާންވެ އެއިލާހަށް ފުރިހަމަގޮތުގައި ކިޔަމަން ތެރިވުމުން އެއްކިބާވެފައެވެ. އަޅުގަނޑުމެން މިވަނީ ދުނިޔޭގެ މި ކެހިވެރި ދިރިއުޅުމުގެ ބަދަލުގައި އާޚިރަތް ވިއްކާލާފައެވެ. އަޅުގަނޑުމެން ދުނިޔޭގެ ކަންތައްތަކާއި މަޝްޣޫލުވުމުގެ ސަބަބުން ﷲ ސުބުޙާނަހޫ ވަތަޢާލާ ގެ ޙަޟްރަތަށް ކުއްތަންވެލާނެ ވަޤުތެއް ނުވެއެވެ. މިސްކިތްތައް އާބާދު ކޮށްލާނެ ފުރުޞަތެއް ނެތެވެ. ކީރިތި ޤުރުއާން ކިޔަވާލާނެ ވަޤުތެއް ނެތެވެ. އަނބިދަރިންނާ އެކީ ހޭދަކޮށްލާނެ ވަޤުތެއް ނުވެއެވެ. އެފަދަ މީހުން ކިތައްމެ ހިތްހަމަޖެހޭ ދިރިއުޅުމެއްގައި އުޅޭހެން އަޅުގަނޑުމެންނަށް ތަޞައްވަރު ވީކަމުގައި ވިޔަސް ﷲ ގަންދީ ބުނަމެވެ. އެއިން ގެއެއްގެ ތެރޭގައި އެއްވެސް ހިތްހަމަޖެހުމެއް ނުވެއެވެ. އަނބިމީހާއާއި ފިރިމީހާ އާއި ދެމެދު ލޯބިވެރިކަމާއި ކުލުނާއި ހިތްހަމަޖެހުމެއް ނެތެވެ. މައިންބަފައިންނާއި ދަރިންނާއި ދެމެދު އެއްވެސް އަޅާލުމާއި އޯގާތެރިކަމެއް ނެތެވެ. އަރާމުގައި ހިތްހަމަޖެހިގެން ނިދައިނުލެވެއެވެ. ނިދާލަން ވެސް މި ޖެހެނީ ބޭސްގުޅައެއް ކާލައިގެންނެވެ. ކުއްޖަކަށް ދިމާވި ޙާދިޘާއެކެވެ.

ވިޔަފާރިއާއިގެން ހޭބޯނާރާ މަސައްކަތްކުރަމުން ދިޔަ ބައްޕައެއްގެ ދަރިއެކެވެ. އެއްދުވަހަކު މި ބައްޕަ ގެއަށް އައިސް ގޭގައި ވެސް މަސައްކަތާއިގެން މަޝްޣޫލުވެ އުޅެނިކޮށް ދަރިފުޅު އައިސް ބައްޕަކައިރިން އެއްޗެއް އަހާލެވިދާނެތޯ އެހިއެވެ. ބައްޕަ ބުންޏެވެ. "އަހަރެން މިހުރީ ބުރަ މަސައްކަތެއްގައިކަން ކަލެއަކަށް ނޭނގޭހެއްޔެވެ؟ އަހަރެން މި ހިރަ ބިލްތައް ޗެކްކުރަން އެބަޖެހެއެވެ. އެހެރަ ޗެކްތަކުގައި ސޮއިކުރަން އެބަޖެހެއެވެ. އަދިވެސް ބައިވަރު މަސައްކަތްތައް ކުރަން އެބެޖެހެއެވެ. އަވަހަށް ބުނާށެވެ!" ދަރިފުޅު ބުންޏެވެ. "ބައްޕަގެ ތިޔަ ވިޔަފާރިން ގަޑިއަކަށް ލިބެނީ ކިހާ ފައިސާއެއް ހެއްޔެވެ؟" ބައްޕަ ބުންޏެވެ. "އެއީ ކީއްކުރަން ކަލޭ ބަލާކަމެއް ހެއްޔެވެ؟ ކަލެއަށް ބޭނުންވާ ހުރިހާ އެއްޗެއް ހަމައަށް ވާނީ ހޯދާދީފައެވެ. އަހަރެންނަށް ލިބެނީ ގަޑިއަކަށް ވިހި ޑޮލަރެވެ. ދެން އުނދަގޫ ނުކޮށް މިތަނުން އަވަހަށް ދާން އުޅޭށެވެ." ދަރިފުޅު ބުންޏެވެ. "އަދި އިތުރު އެއް ސުވާލު ކޮށްލަން އަހަރެން ބޭނުމެވެ. ބައްޕާއެވެ! އަހަރެންނަށް ދިހަ ދޮލަރު ދެވިދާނެތޯއެވެ؟" ބައްޕަ ބުންޏެވެ. "އެއީ ކީއްކުރާ ދިހަ ޑޮލަރެއް ހެއްޔެވެ؟ މި ދިޔަ ހަފްތާގަ ކަލެއަށް ދިހަ ޑޮލަރު ދިނީމު ނޫންހެއްޔެވެ؟ ދެން އުނދަގޫ ނުކޮށް މިތަނުން ދާން އުޅޭށެވެ."

އެދަރިފުޅު ބައްޕަގެ ހަރުކަށި ބަހުރުވައިގެ ސަބަބުން ދެރަވެ، އެންމެފަހުން ނިދަން އޮށޯތެވެ. ބައްޕަ އޭނާގެ މަސައްކަތް ނިންމާލުމަށް ފަހު ހަމަޖެހިލިއެވެ. މީގެ ކުޑައިރުކޮޅެއް ކުރިން އޭނާއާއި އޭނަގެ ދަރިފުޅާ ދެމެދު ހިނގި ހޫނު ވާހަކަތައް ޚިޔާލުތަކެއްގެ ސިފާގައި އޭނާގެ ލޮލުގެ ކުރިމަތީގައި ތަމްސީލްވަމުން ދިޔައެވެ. އޭނާގެ ނިންޖަށް ހުރަސްއަޅަމުންނެވެ. ދަރިފުޅާއި ދެމެދު ހިނގި ކަންތަކާއި ފުންކޮށް އޭނާ ވިސްނާލިއެވެ. ދަރިފުޅާއި މެދު ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން އިޙްސާސްކުރެވި ދަރިފުޅުގެ ކިބައިން މަޢާފަށް އެދުމުގެ ޝުޢޫރު އޭނާގެ ހިތުގެ ތެރޭގައި އުތުރިގަތެވެ. އިރުކޮޅަކުން އެ ދާންމަތި ދޫކޮށްފައި ދަރިފުޅާ ދިމާއަށް މިޞްރާބުޖެހިއެވެ.
ބައްޕަ ބުންޏެވެ. "ދަރިފުޅާއެވެ! ބައްޕައަށް މާފުކުރާށެވެ. ދަރިފުޅު ބޭނުމީ ދިހަ ޑޮލަރު ނޫންހެއްޔެވެ؟ މި އޮތީ ދިހަ ޑޮލަރެވެ. ހިފާށެވެ"
ބައްޕަ ދިހަ ޑޮލަރު ދިނުމުން ދަރިފުޅު އެ ދިހަޑޮލަރު ބާލިސް ދަށަށްލައި ރައްކާކުރިއެވެ. އެ ދިހަ ޑޮލަރު ލާން ބާލީސް ހިއްލާލި ވަޤުތު އޭގެ ދަށުގައި އިތުރު ދިހަ ޑޮލަރު އޮއްވާ ބައްޕައަށް ފެނުނެވެ.
ބައްޕަ ބުންޏެވެ. "ދަރިފުޅު އަތުގައި މިހާރުވެސް ދިހަ ޑޮލަރު އެބައޮތް ނޫންހެއްޔެވެ؟ ދެން އަނެއްކާ ކީއްކުރާ ދިހަ ޑޮލަރެއް ހެއްޔެވެ؟"
ދަރިފުޅު ބުންޏެވެ. " ބައްޕާއެވެ! އަހަރެން މި ފާއިތުވެދިޔަ ދުވަސްތަކުގައި މިއަންނަނީ ފައިސާ އެއްކުރަމުންނެވެ. މިހާރު އަހަރެންގެ އަތުގައި ވިހި ޑޮލަރު އެއްކޮށްފީމެވެ. އަހަރެން ބޭނުމީ މި ވިހި ޑޮލަރު ބައްޕައަށް ދީފައި ބައްޕަގެ އަތުން މާދަމާ އެއްގަޑިއިރު ގަންނާށެވެ. ބައްޕަގެ ބުރަ މަސައްކަތާ ހެދި ބައްޕަޔާ އެކީ ހޭދަކޮށްލާނެ ވަޤުތުކޮޅެއްގެ އިންތިޒާރުގައި އަހަރެން ހުންނަތާ ފަސް މަސްދުވަސް ފާއިތުވެ ހިނގައްޖެއެވެ. ބައްޕަގެ ހުރިހާ ވަޤުތެއް ތިޔަ ހޭދަކޮށްލަނީ ވިޔަފާރީގައެވެ. ބައްޕަވަނީ މަންމައަށްވެސް އަޅާނުލެވި މަންމަވެސް ދޫކޮށްލާފައެވެ. ތިޔަ ވިޔަފާރީގެ ސަބަބުން އަހަރެން މިވަނީ މަންމަގެ ލޯބިން މަހުރޫމުވެފައެވެ. ބައްޕަ ތިޔަވަނީ ﷲ އަށް އަދާކުރަންޖެހޭ އަޅުކަންތައްވެސް ދޫކޮށްލާފައެވެ. ޢާއިލާގެ އެތައްބަޔަކާ ގުޅުން ކަނޑާފައެވެ. މި އޮތީ ވިހި ޑޮލަރެވެ. އާދޭސްކޮށްފައި ބުނަމެވެ. އަހަރެންނަށްޓަކައި ބައްޕަގެ ވަޤުތުން މާދަމާ އެއްގަޑިއިރު ހުސްކޮށްދެވިދާނޭ ހެއްޔެވެ؟"

އެވަޤުތު މި ބައްޕައަށް ކުރާނޭ އަސަރު ތިބާ އިޙްސާސްކޮށްލާށެވެ. މިއަދު ތިބާއަކީ މިފަދަ މީހެއް ހެއްޔެވެ؟ ތިބާގެ އަތުން ފައިސާދީފައި މިގޮތަށް ވަޤުތު ގަންނަންޖެހިފައި ތިބި ކިތައްމީހުން އެބަތިބި ހެއްޔެވެ؟ ތިބާ އެމީހުންނަށް އަދާކުރަންޖެހޭ ޙައްޤުތައް ބަރާބަރަށް އަދާކުރަމު ހެއްޔެވެ؟ އަނބިންނާއި ދަރީންނަށް ލޯބި ދެން ހެއްޔެވެ؟ އެމީހުންނާއެކު ވަޤުތު ހޭދަކުރަން ހެއްޔެވެ؟ ބާއްޖަވެރި އުފާވެރި ޙަޔާތެއްގެ ތަޅުދަނޑިއަކީ ލޯބިވެތިކަމުން ފުރިފައިވާ ޢާއިލާއެއް ނޫންހެއްޔެވެ؟ އެފަދަ ލޯބިވެތިކަމެއް ޢާއިލާގައި ޤާއިމްކުރެވޭނެ ހަމައެކަނި ގޮތަކީ އަހަރެމެންގެ ލޮބުވެތި ރަސޫލާގެ ސުންނަތަށް ތަބާވުން ނޫން ދެން ކޮން ގޮތެއް ހެއްޔެވެ؟ މިއީ ތިބާގެ ޙަޔާތުގެ ބަދަލުކުރުމުގެ ވަޤުތެވެ.

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މަތީގައިވާ އެވާ ކުރުކުރު ޙާދިޘާއަކީ ޢިބްރަތުން ފުރިގެންވާ ޙާދިޘާއެކެވެ. މިއީ އަޅުގަނޑުމެންގެ ނަޒަރުގައި ފައިސާގެ ގިނަކަމާއި ހުރެ ބާއްޖަވެރި ކަމުގައި އުޅެމުންދާ މީހުންގެ ޙާލު ހުރިގޮތެވެ. މިފަދަ އެތައް މިސާލުތަކެއް އަހަރެމެންގެ މުޖްތަމަޢުން ފެންނާނެއެވެ. ދިރިއުޅުމުގެ ބާއްޖަވެރިކަމާއި އުފާވެރިކަމަކީ ފައިސާއިން ކުރެވޭނެ ކަމެއް ކަމުގައި ހީނުކުރާށެވެ. އަދި ކިޔެއްތަ އެކަން ޙާޞިލްކުރެވޭނެ މަގަކީ ތިބާގެ ޙަޔާތް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުގެ މަގަށް ފުރޮޅާލުމެވެ. އެއީ އުފާވެރިކަމުގެ މަގެވެ.
އެހެންވީމާ ދެން އުފެދޭ ސުވާލަކީ ބާއްޖަވެރިކަމަކީ ކޮބައިތޯއެވެ؟ ބާއްޖަވެރިކަން ލިބެނީ ކޮންބަޔަކަށްތޯއެވެ؟ މިސުވާލުގެ ޖަވާބު ކީރިތި ޤުރުއާނުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އަންނަނިވި އާޔަތުގައި ވަނީ ބަޔާންކުރައްވާފައެވެ.
ބާއްޖަވެރި ކަމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެއިލާހަށް އީމާންވެ ޞާލިޙު ޢަމަލުތައް ކުރުން މަތީ ދެމިތިބޭ ކިޔަމަންތެރި އަޅުންނަށް އެއިލާހު ދެއްވާ ނިޢުމަތެކެވެ. ﷲ ސުބުހާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގައި ވަހީކުރައްވާފައި ވެއެވެ.
" مَنْ عَمِلَ صَالِحًا مِنْ ذَكَرٍ أَوْ أُنْثَى وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً " (النّحل: 97)
"މުއުމިނެއްކަމުގައި ވާޙާލު ފިރިހެނުންގެ ތެރެއިިން ވިޔަސް ނުވަތަ އަންހެނުންގެ ތެރެއިންވިޔަސް ޞާލިޙު ޢަމަލެއް ކޮށްފިމީހާ (ދަންނާށެވެ) ފަހެ ހަމަކަށަވަރުން އެމީހަކަށް ރަނގަޅު ބާއްޖަވެރި ދިރިއުޅުމެއް ތިމަން ﷲ ދެއްވާހުށީމެވެ."

ﷲ ސުބުޙާނަހޫ ވަތަޢާލާ އެވަނީ އެއިލާހުގެ ކިޔަމަންތެރި އަޅުންނަށް އަމާން އޮމާން ރަނގަޅު ޙަޔާތެއް ދެއްވާނެކަމަށް ވަޢުދުވެވޮޑިގެންފައެވެ. އެއިލާހުގެ ވަޢުދަކީ އެއާ ޚިލާފުވުމެއްނެތް ހަމަކަށަވަރުންވެސް ތެދު ވަޢުދެކެވެ. އެކަމުގެ މިސާލުތައް އަހަރެމެންނަށް ފެންނަން އެބަހުއްޓެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާގެ މާތް ނަބިއްޔާ ޔޫސުފު ޢަލައިހިއްސަލާމް އެތައް އަހަރުތަކެއް ވަންދެން ޖަލުގައި އުޅުއްވި އިރުވެސް އުޅުއްވީ އިލާހީ ޙަޟްރަތުން ދެއްވި ހިތްހަމަޖެހުން މަތީގައެވެ. އެއްގޮތަކަށްވެސް ދިރިއުޅުން މަތިން ފޫހިވެ މާޔޫސް ވެނުލައްވައެވެ. ޖަލުގައި ވެސް ﷲ ގެ ދީނަށް ގޮވާލުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ. މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޞަޙާބީން ދިރިއުޅުއްވީ އެބޭކަލުންނަށް މާއްދީ ގޮތުން ދިމާވި ދަތިތަކާއި އެކުވެސް ހިތްހަމަޖެހިގެންވާ ދިރިއުޅުމެކެވެ. ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ އެކަލޭގެފާނު ކަސްތޮޅު އަޅުވައި ކުޑަގޮޅިއަށް ލައި ބަންދުކުރި ހިނދު ވިދާޅުވީ ކީކޭތޯއެވެ؟ "މިބައިމީހުން އަހަރެން ކުޑަގޮޅިއަކަށް ލައި ބަންދުކުރުމުން އެމީހުންނަށް އަހަރެންނަށް އެކުރެވުނީ ކޮން ކަމެއް ހެއްޔެވެ؟ (މުރާދަކީ އެއްވެސް ހިތްދަތިކަމެއް ނުކުރެވެއެވެ.) އަހަރެންގެ ހުރިހާ އުފަލަކާއި ހިތްހަމަޖެހުމެއް ވަނީ އަހަރެންގެ ހިތުގައެވެ. އެބައިމީހުންނަށް އަހަރެންނާއި އަހަރެންގެ ހިތަކާ ވައްކެއް ނުކުރެވޭނެއެވެ."
ޙަޤީޤީ ބާއްޖަވެރިކަމަކީ މިއީއެވެ. ދަތި އުނދަގޫ ތަކާ އެކުވެސް އެބައިމީހުން ވަނީ އިލާހީ ހިތްހަމަޖެހުމުން އުފާވެރިކަން ޙާޞިލުކޮށްފައެވެ.

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މި ބާއްޖަވެރިކަން، މި ހިތް ހަމަޖެހުން، މި އުފާވެރިކަން، މި ފޮނިކަން، މި ލައްޒަތު، ﷲ އަށް ސަޖިދައެއް ޖަހާލާނެ ފުރުޞަތެއް ނުލިބޭ، ޤުރުއާން ކިޔަވާލާނެ ފުރުޞަތެއް ނުލިބޭ ބަޔަކަށް ލިބޭނެ ހެއްޔެވެ؟ އެބައިމީހުންގެ މުއްސަދިކަމަކުން މިފަދަ ރޫޙާނީ އަރާމެއް ނުލިބޭނެއެވެ. އަހަރެމެންގެ މި މާތް ވެގެންވާ ދީނާއި މި މިސްކިތްތަކާއި މި ޤުރުއާނާއި މެދު ކަންތައް މިކުރާ އިހާނެތި ގޮތާއި މެދު މި ދީނާއި މި ޤުރުއާނާއި މި މިސްކިތްތައް ރޯނެ ނަމަ އަނިޔާލިބިފައިވާ ކުޑަކުއްޖަކު ރޯ ފަދައިން ރޯނެއެވެ.
އީމާންކަމުގެ ނޫރުން ހިތްތައް އުޖާލާކުރުމެއް ނެތި އަދި ހެޔޮލަފާ ޞާލިޙް ޢަމަލުތައް ކުރުމެއް ނެތި ގަނޑުވަރުތަކުގައި އަރާމާއި އުފަލުގެ ވަޤުތީ ދާންމަތި ތަކުގައި މިދުނިޔޭގެ ކުރު ދުވަސްތައް ބޭކާރު ކުރިޔަސް އަދި އެ އުޅެވެނީ ބާއްޖަވެރި ދިރިއުޅުމެއް ނޫނެވެ. އީމާންކަމާއި ހެޔޮލަފާ ޢަމަލުކުރުން ނެތި ކިތަންމެ ގިނަ މުދަލާއި ފައިސާތަކެއް އެއްކޮށް އެއިން އަގުބޮޑެތި ތަކެތި ގަނެ އަގުބޮޑު ޚިދުމަތްތައް ބޭނުންކުރި ކަމުގައިވިޔަސް ބާއްޖަވެރި ދިރިއުޅުމެއް ނުލިބޭނެއެވެ. އެފަދަ މީހުންނަށް ވަނީ މާތްﷲ ޤުރުއާނުގައި ބަޔާންކުރައްވާފައިވާ ފަދައިން ދަތި އުނދަގޫ ދިރިއުޅުމެކެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ.
" فَإِنَّ لَهُ مَعِيشَةً ضَنْكًا " (طه: 124)
"ފަހެ ހަމަ ކަށަވަރުން އެމީހަކަށް ވަނީ ދަތި އުނދަގޫ ދިރިއުޅުމެކެވެ."
ބާއްޖަވެރިކަމާއި އުފާ ފާގަތިކަމަށް ފެންބޮވައިގެންވާ މީސްތަކުންނޭވެ! އަޅުގަނޑުމެން ބާއްޖަވެރި އުފާފާގަތި އަމާން، އޮމާން ހިތްހަމަޖެހޭ ހަޔާތެއް ބޭނުން ކަމަށް ވަންޏާ ﷲގެ ގެކޮޅުތައް އާބާދުކުރުމުން ހިތްހަމަޖެހުން ހޯދަންވީއެވެ. ޤުރުއާން ކިޔެވުމުން ހިތްހަމަޖެހުން ހޯދަންވީއެވެ. ދުނިޔެއާއި އާޚިރަތުގައި ބާއްޖަވެރިވާނެ މަގު ދެއްކެވި މާތް ނަބިއްޔާގެ ސުންނަތަށް ތަބާވުމުން ހިތްހަމަޖެހުން ހޯދަންވީއެވެ. ހެޔޮލަފާ ޞާލިޙު ޢަމަލު ކޮށްގެން ހިތްހަމަޖެހުން ހޯދަންވީއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޛިކްރުކުރުމުން ހިތްހަމަޖެހުން ހޯދަންވީއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
" أَلاَ بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ " (الرّعد: 28)
"ހިތްތައް ހަމަޖެހެނީ ﷲ ހަނދުމަކުރުމުން ނޫން ހެއްޔެވެ؟"

Read more...

13 June 2011

އަންދާ ޤާނޫން

އަލްއަޚް މުޙައްމަދު ސިރުޙާން
އަހަރެން އެއްދުވަހު ނަމާދަށް ދިޔަމަގުމަތީގައި ގެއެއްގެ ބަދިގޭގައި އަލިފާން ރޯވެފައި ވެއެވެ. އެވަގުތު އެތާނގައި އެގޭގެ ވެރިމީހާ ހުއްޓެވެ. އޭނާ ބުނަމުންދެއެވެ. މިރަށުގައި އޮންނަނީ އަންދާ ޤާނޫނެވެ. ވެގެން އުޅޭގޮތް ބަލާލިއިރު އެގޭގައި އުޅޭމީހުން އެގެއިން ނުނިކުމެގެން ބަދިގޭގައި އޭނާ ހުޅުޖެހީއެވެ.

ދަންވަރުގެ ހަމަހިމޭންކަންވަނީ މުޅި މާލެއަށް ފެތުރިފައެވެ. ފާތުން އޭނާގެ ކެމްޕޭން އޮފީހުން ނިކުމެގެން ގެއަށްދިއުމަށްޓަކައި އިޚްތިޔާރުކުރީ މެދުޒިޔާރަތްމަގެވެ. އޭނާ ހިނގާފައި އެދަނީ އިރުމަށްޗަށެވެ. ގާތްގަނޑަކަށް ހުކުރުމިސްކިތުގެ މުންނާރާހަމަވިތަނާ މަޑުމަޑު ސޮފްޓް މިއުޒިކެއް އިސްލާމީ މަރުކަޒު މުންނާރުން ޖަހަންފަށައިފިއެވެ. މިއުޒިކާއެކު މުނާޖާވެސް ގޮވަންފަށައިފިއެވެ. ފާތުން ގޮސް ހުއްޓުނީ ކުރީގެ ރައީސް އިބްރާހީމް ނާޞިރުގެ ޒިޔާރަތް ކައިރިއަށެވެ. އެތާނގެ ވަށައިގެންވަނީ ބޮކިފަތިއެލުވައިފައެވެ. އެޒިޔާރަތަކީ ރާއްޖޭގެ ވެރިކަންކުރެއްވި ނަޝީދުގެ ވެރިކަމުގައި އަޅާފައިވާ ތަނެކެވެ. ފާތުންއަކީ ނަޝީދުގެ ޕާޓީން މިފަހަރު އޮންނަ ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓެކެވެ. މުނާޖާނިމުމުން ފާތުން އަނެއްކާވެސް ހިނގައިގަތީ ގެއާދިމާލަށެވެ. ހުކުރުމިސްކިތުން ނުނިކުމެވި އުޅެނިކޮށް މީހަކުއައިސް ކަޓަރެއްފަދަ ތޫނުއެއްޗަކުން ފާތުންއަށް ހަމަލަދީފިއެވެ. ބޭއިޚްތިޔާރުގައި ފާތުންއަށް ހަޅޭލަވައިގަނެވުނެވެ. ހަމަލަދިންމީހާ ފިލައި ރައްކާވެއްޖެއެވެ. ޒަޚަމްވެފައިވާތަނުން ހޯސްލާފައި ލޭފައިބަމުންދެއެވެ. ފާތުން ހަދާނެގޮތްހުސްވެ ގެއާދިމާލަށް ވަރަށް ބާރަށް ހިނގަމުން ދެއެވެ. ރައްޔިތުންގެ މަޖިލިސްކައިރިން މީހެއްގެ ހިލަމެއްވިއެވެ. އޭނާ ކޮންމެވެސް އެއްޗެއް ކިޔަވަނީއެވެ. އޭނައާ އަރައިހަމަވިތަނާ ކުއްލިއަކަށް ވީނުވީއެއް ނޭނގި ކިޔަވަންއިން މީހާ ގެއްލިއްޖެއެވެ. ހަމަ އެވަގުތު ކަހަލަގޮތަކަށް އެތާހުރި ވަޅުގަނޑަކަށް ފާތުން ގަނބައިގަތެވެ. ފައިޖެހުނީ ކުރުނބައެއް ކަހަލައެއްޗެއްގައެވެ. އަދި ވެއްޓިފައި އޭނަގެ އަތްވެސް ބިނދިއްޖެއެވެ. އަނެއްކާވެސް ތެދުވެގެން ވަރަށް ބާރަށް ހިނގައިގެންފިއެވެ. މަޖީދިއްޔާއާ ހަމަވިތަނާ ހައެއްކަމީހުންގެ ގުރޫޕެއް އައިސް ފާތުންއާހަމަލަދީފިއެވެ. މިފަހަރުވީ ޒަޚަމްތަކުގެ ސަބަބުން އޭނާއަކަށް ހިރިލެވޭވަރެއްވެސް ނޫނެވެ.

ފާތުން މިހާރު ތިބާއާ މުޚާޠަބުކުރަނީއެވެ. "ހެޔޮނުވާނެއެވެ! މިވާހަކަލިޔާމީހާ ހުއްޓުވާށެވެ. އެހެންނޫނީ އޭނަ އަހަންނަށް އިތުރު އަނިޔާތަކެއް ކުރިމަތިކޮށްފާނެއެވެ. މިހާރުވެސް ވަރަށްގިނަ އަނިޔާ އަހަންނަށް ކޮށްފިއެވެ."

މައްސަލައެއްނެތެވެ. ފާތުންގެ އެދުމުގެ މަތިން ވާހަކަ ހުއްޓާލާނަމެވެ. ހުއްޓާލުމުގެކުރިން ތިބާ ބުނެބަލާށެވެ. ފާތުން ގެންދަންވީ ކޮން ހަސްފަތާލަކަށް ހެއްޔެވެ؟ އަހަރެންނާ ތިބާއާ ވާހަކަދައްކަނިކޮށް އެމްބިއުލާންސެއް އައިސް ފާތުން ގެންގޮސްފިއެވެ.

މިފަދަވާހަކަތަކާއި ޚަބަރުތައް މިފަހަކަށް އައިސް ވަރަށް ގިނައިން ޚަބަރުފަތުރާ ވަސީލަތްތަކުން އަޑުއިވެމުންދެއެވެ. ތުއްތު ކުއްޖަކު މަރާލައިފި، ކުޑަ އަންހެންކުއްޖެއްގެ ޢިއްފަތްތެރިކަން ފޭރިގެންފި، މަޖީދީމަގާއި ޗާންދަނީމަގު ހަތަރު އަނގޮޅި ކަންމަތިން ކާކުކަން ވަކިކުރަން ނޭނގޭ އިންސާނެއްގެ ބޯބުރިއެއް ފެނިއްޖެ. މިއީ ކޮންމެދުވަހަކުވެސް ނޫސްތަކުގެ ސުރުހީތަކެވެ. މިފަދަ ކަންތައްތައް ހުއްޓުވުމަށް ތިބާއަށް ކުރެވުނީ ކޮންކަމެއްތޯއެވެ؟ އަދި މިފަދަ ކަންތަކާމެދު ކުޑަކޮށްނަމަވެސް ވިސްނާލިންތޯއެވެ؟ މިފަދަ ނުބައި ޖަރީމާތައް މުޖުތަމަޢުގައި ފެތުރެންދިމާވާ ސަބަބަކީ ކޮބައިތޯއެވެ؟

އަހަރެން ބުނާނީ މިހުރިހާކަމެއްގެވެސް އަސްލަކީ ދިވެހިން އިސްލާމްދީނާ ދުރަށްދިއުމެވެ. އިސްލާމީ ޝަރީޢަތް މިވަނީ މަޖިލިސްގެ މެމްބަރުންގެ ލައިބްރަރީތަކުގައި ލިޔެވި ރައްކާކުރެވިފައިވާ ޚަޒާނާއަކަށްވެފައެވެ. ދިވެހި މުޖުތަމަޢުގައި އިސްލާމީ ޝަރީޢަތަށް ފުރައްސާރަކޮށް މަލާމާތް ރައްދުކުރާމީހުންވެސް ވަރަށް ގިނައެވެ. އަދި މިފަދަ ބައެއްމީހުންދަނީ މަޖިލިހުގެ ގޮނޑިތައްވެސް ހޫނުކުރަމުންނެވެ. އިސްލާމީ ޝަރީޢަތަށް ލޯބިކުރާމީހުންވެސް އިންސާނުންނަށް އެންމެ ލާބަހުރިގޮތް ދެނެވޮޑިގެންވާ ކާއިނާތުގެ ވެރިއިލާހު ހަތްއުޑުމަތިން ބާވައިލެއްވި އެއްވެސް އުނިކަމެއްނުވާ ފުރިހަމަ ޤާނޫނު ތަންފީޒުކުރަން މިތިބެނީބިރުން ވިރިވިރިއެވެ. އެމެރިކާއެވެ! ހިއުމަންރައިޓްސްއެވެ! ގްލޯބަލައިޒޭޝަނެވެ! ވައްހާބީންނެވެ! މިހިރަ މިހިރަ ކަންތައްތަކަކީ ހައްތާވެސް އަހަރެމެންގެ ހިތުތެރޭގައި އެނބުރެމުންދާ ވަސްވާސްތަކެވެ.

ތިބާވެސް ހަމައެކަނި ޚަބަރުބަލާމީހަކަށް ވެގެން ނުހުންނާށެވެ. އެންމެ އަލިފާންދަނޑިއެއްގެ ސަބަބުން ބޮޑުސިންގާ ސަރަހައްދެއްވެސް އަނދައިގެން ހިނގައިދާނެއެވެ. މުޖުތަމަޢުގައި އުފެދޭ މިފަދަނޭއްގާނީ އިޖުތިމާޢީ ބަލިތައް ފޮހެލުމަށް ތިބާގެ ޚިޔާލުގައި އެންމެރަނގަޅު ގޮތަކީކޮބައިހެއްޔެވެ؟

އަހަރެންގެ ވާހަކައަށް ނުރުހޭމީހުން ތިއްބަސް އަހަރެން މިދަނީ ވާހަކައާގެން ކުރިއަށެވެ. ފާތުންގެ ވަށައިގެން ޑޮކްޓަރުން އޭނަގެ ފުރާނަ ހިފެހެއްޓޭތޯ ބަލަމުންދަނީއެވެ. އެކިފާޑުފާޑުގެ މެޝިންތައް ގުޅައިގެންތިއްބާ ފާތުންގެ ފުރާނަ މިދުނިޔެއާ ވަކިވެއްޖެއެވެ. އޭނައަށް އަނިޔާކުރިމީހުންނަށް ހައްގުވާ އަދަބު ދެވޭނެ އެއްވެސް ގޮތެއްނެތެވެ. ހައްތާވެސް އަނިޔާވެރިންގެ ހައްގުތަކެވެ. އަނިޔާލިބޭމީހުންގެ ހައްގެއްނުވާކަހަލައެވެ. ނަމަވެސް ޤިޔާމަތްދުވަހުން ހުރިހާ އެންމެންނަށްވެސް އެމީހަކު ކުރިއަމަލެއްގެ ނަތީޖާ ފެންނާނެއެވެ.

ލިޔުންވެސް މިނިންމާލީއެވެ. މީހަކު ބުނެގެން ނޫނެވެ. އަހަރެން ބޭނުންވެގެންނެވެ. އަދި ދިގުކުރަންވީ ހެއްޔެވެ؟ ދިގުކޮށްފިނަމަ ގެއްލޭނީ ތިބާގެ ވަގުތެވެ. އެއީ އަހަރެން ނުކިޔާށޭ ބުންޏަސް ތިބާކިޔާނެތީއެވެ.

Read more...

05 June 2011

ޤުރުއާނުގެ މާތްކަމާއި މަތިވެރިކަން

އައްޝައިޚް މުޙައްމަދު އިބްރާހިމް ޅ ނައިފަރު
އެންމެ ހެޔޮ ބަހަކީ ﷲ ގެ ބަސްފުޅެވެ. ޤުރުއާނަކީ ﷲ ގެ ބަސްފުޅެވެ. އަދި މުއުމިނުންގެ ދުސްތޫރެވެ. އަދި ތަޤުވާވެރިންގެ ރޫޙީ ޣިޛާއެވެ. އަދި ޢާލަމްތަކުގެ ހިދާޔަތެވެ. އަދި އަޅުތަކުން އުޅެންވީ ގޮތުގެ އިލާހީ ޤާނޫނެވެ. ޤުރުއާން ކިޔެވުމަކީ އަޅުކަމެކެވެ. އަދި ކިޔަވައިދިނުމަކީވެސް އަޅުކަމެކެވެ. ޤުރުއާނުގެ ޢިލްމު ލިބިއްޖެ މީހާ ދަންނައެވެ. ފަހެ އޭނާއަށް ދެދުނިޔެ ބާއްޖަވެރިވެއްޖެކަން ކަށަވަރެވެ. އަދި އޭގެ ޢިލްމުން މަޙްރޫމް ވެއްޖެ މީހާ ދަންނައެވެ. ފަހެ އެތައް ހެވަކުން އޭނާ މަޙްރޫމްވެއްޖެކަން ކަށަވަރެވެ.

މާތްﷲ ރުއްސުންލެއްވި ޢުޘްމާނުގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رسول الله صلّى الله عليه وسلّم، حديث ފުޅުކުރެއްވިއެވެ. " خَيْرُكُمْ مَنْ تَعَلَّمَ الْقُرْآنَ وَعَلَّمَهُ " (رواه البخاري) މާނައީ: " ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮވެގެންވާ މީހަކީ ޤުރުއާން އުނގެނި އެޤުރުއާން އުނގަންނައިދޭ މީހާއެވެ." ފަޚުރުވެރިވުމެއް ނެތި ޤުރުއާން ރީތިކޮށް ކިޔެވުމަށާއި ތަޖުވީދަށް ކިޔެވުމަށް رسول الله صلّى الله عليه وسلّم ވަރަށް ބާރު އަޅުއްވާފައިވެއެވެ. މާތްﷲ ރުއްސުންލެއްވި أُبَيُّ بن كَعْب އަކީ ޞަޙާބީންގެ ތެރޭގައި ހުންނެވި އެންމެ މަޝްހޫރު ޤާރީއެވެ. އެއްދުވަކު އެކަލޭގެފާނަށް رسول الله صلّى الله عليه وسلّم، حديث ފުޅު ކުރެއްވިއެވެ. " ހަމަކަށަވަރުން الله تعالى، ތިބާގެ ކުރިމަތީގައި ޤުރުއާން ކިޔަވައި ވިދާޅުވުމަށް ތިމަންކަލޭގެފާނަށް އަމުރުކުރައްވައިފިއެވެ. أبيّ بن كعب ވިދާޅުވިއެވެ. الله تعالى ހަމަ އަހުރެންގެ ނަންގެންނެވިތޯއެވެ؟ ޙަދީޘްފުޅުކުރެއްވިއެވެ. އާއެކެވެ. أبيّ بن كعب ވިދާޅުވިއެވެ. ޢާލަމްތަކުގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި އަހުރެންގެ ނަން ހަމަ ޛިކުރުކުރެވިއްޖެތޯއެވެ؟ ޙަދީޘްފުޅުކުރެއްވިއެވެ. އާއެކެވެ. އެހިނދު أبيّ އެކަމަށް އުފާފުޅު ކުރައްވާ ދެލޯފުޅުން ކަރުނަ އެޅުއްވިއެވެ." އެހެން ރިވާޔަތެއްގައި ވެއެވެ. " އެހިނދު އެކަލޭގެފާނު އެކަމަށް އުފާފުޅު ކުރައްވާ ކީރިތިކުރައްވަން ފެއްޓެވިއެވެ." (متّفق عليه) އިސްވެދިޔަ ޙަދީޘްފުޅު، ރީތިކޮށް ޤުރުއާން ކިޔެވުމުގެ މާތްކަމުގެ މައްޗަށް އިޝާރަތް ކުރެއެވެ. ފަހެ ޤުރުއާން ކިޔެވުމުގެ މާހިރުކަން ޙާޞިލްކުރުން މުސްތަޙައްބު ވެގެންވެއެވެ. ނަމަވެސް ދެއްކުންތެރިކަމެއް އަދި ފަޚުރުވެރިވުމެއް އެކަމުގައި ނުވާނަމައެވެ. رسول الله صلّى الله عليه وسلّم، حديث ފުޅު ކުރައްވާފައިވެއެވެ. " الماَهِرُ بِالْقُرْآنِ مَعَ السَّفَرَةِ الْكِرَامِ الْبَرَرَةِ " (متّفق عليه) މާނައީ: " ޤުރުއާން ކިޔެވުމުގައި މާހިރުމީހާ ވާހުށީ ވަޙީ ލިޔުއްވާ މާތް މަލާއިކަތުންނާ އެކުގައެވެ." ރީތިކޮށް ރާގުގައި ޤުރުއާން ކިޔެވުމަކީ ޤުރުއާނުގެ އަޘަރު އިތުރު ކޮށްދޭ ކަމެކެވެ. ނަމަވެސް ރާގުގައި ކިޔަވާއިރު ނަފްސަށް ތަކުލީފު ދީގެން ކިޔެވުން ރަނގަޅުވެގެން ނުވެއެވެ.

ކީރިތި ޤުރުއާނަކީ ﷲ ގެ ކަލާމްފުޅެވެ. އެކަލާނގެ ކަލާމްފުޅު ރިވެތިކޮށް، ތަޖުވީދުގެ މަގުން، ތަރުތީލުކޮށް ކިޔެވެނިކޮށް އަޑުއެއްސެވުމަށް އެކަލާނގެ ލޯބިވެވޮޑިގަންނަވައެވެ. رسول الله صلّى الله عليه وسلّم، حديث ފުޅުކުރައްވާފައިވެއެވެ. " ماَ أَذِنَ اللهُ لِشَيْءٍ ماَ أَذِنَ لِنَبِيٍّ يَتَغَنَّى بِالْقُرْآنِ " (متّفق عليه) މާނައީ: " الله تعالى، އެކަލާނގެ ނަބިއްޔާ ރާގުގައި ޤުރުއާން ކިޔަވައި ވިދާޅުވަނިކޮށް ޝައުޤުވެރިކަމާއެކު އައްސަވައިވޮޑިގެންވާވަރަކަށް އެހެންއެއްޗަކަށް ޝައުޤުވެރިކަމާއެކު އައްސަވައިވޮޑިނުގަންނަވައެވެ." ޤުރުއާން ކިޔަވާއިރު ރާގެއްނެތިއްޖެނަމަ ޤުރުއާނުން، މީސްތަކުންގެ ހިތްތަކަށް ކުރަންޖެހޭ ފުރިހަމަ އަޘަރެއް ނުކުރާނެއެވެ. އެއާޚިލާފަށް ތަޖުވީދުގެ މަގުން ތަރުތީލުކޮށް ރީތި ރާގެއްގައި ޤުރުއާން ކިޔަވައިފިނަމަ މީސްތަކުންގެ ހިތްތަކަށް ފުރިހަމައަށް އަޘަރުކުރާނެއެވެ. ޤުރުއާން، ރިވެތިކޮށް ރާގުގައި ކިޔެވުމަށް رسول الله صلّى الله عليه وسلّم ވަރަށް ބާރުއަޅުއްވާފައި ވެއެވެ. އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ. " لَيْسَ مِنَّا مَنْ لَمْ يَتَغَنَّ بِالْقُرْآنِ " (رواه البخاري) މާނައީ: " ރިވެތިކޮށް ރާގުގައި ޤުރުއާން ނުކިޔަވާ މީހާ ފަހެ އަހުރެމެންގެ ތެރެއިން ނުވެއެވެ." ފަހެ ޤުރުއާން ރިވެތިކޮށް ކިޔެވޭއިރު ޤުރުއާން އަޑުއެއްސެވުމަށްޓަކައި މަލާއިކަތްބޭކަލުން ވަޑައިގަނެތެވެ. މާތްﷲ ރުއްސުންލެއްވި أبو سعيد الخدري ރިވާކުރެއްވިއެވެ. " ހަމަކަށަވަރުން أُسَيْدُ بن حُضَيْر ވިދާޅުވިއެވެ. އެއްރެއަކު އެކަލޭގެފާނު ބަޤަރާ ސޫރަތް ކިޔަވާވިދާޅުވާން ފެއްޓެވިއެވެ. އަދި އެވަގުތު އެކަލޭގެފާނުގެ އަސްވެސް ވަނީ އެކަލޭގެފާނުގެ ކައިރީގައި ބަނދެފައެވެ. ހަމަ އެހިނދު އަސް ތެޅިފޮޅެން ފަށައިފިއެވެ. ދެން އެކަލޭގެފާނު ކިޔެވުން ހުއްޓައިލެއްވިއެވެ. ދެން އަސްވެސް މަޑުމައިތިރި ވެއްޖެއެވެ. ދެން އެކަލޭގެފާނު އަލުން ކިޔަވަން ފައްޓަވައިފިއެވެ. ހަމަ އެހިނދު އަނެއްކާ އަސް ތެޅިފޮޅެން ފަށައިފިއެވެ. ދެން އެކަލޭގެފާނު އަނެއްކާ ކިޔެވުން ހުއްޓައިލެއްވިއެވެ. ދެން އަސްވެސް އަލުން މަޑުމައިތިރި ވެއްޖެއެވެ. ދެން އަނެއްކާ ކިޔަވަން ފެއްޓެވިއެވެ. ހަމަ އެހިނދު އަނެއްކާ އަސް ތެޅިފޮޅެން ފަށައިފިއެވެ. ދެން އެކަލޭގެފާނު އަހުގެ ގާތަށް ވަޑައިގެން ބައްލަވައިލެއްވިއިރު އެކަލޭގެފާނުގެ ދަރިފުޅު، ޔަޙްޔާ ވަނީ އެއަހުގެ ކައިރީގައި ނިދާފައެވެ. ދަރިފުޅުގެ ގައިމައްޗަށް އަސް އަރައިފާނެތީ أُسَيد ބިރުފުޅުގަތެވެ. ދެން ހަމަ އެވަގުތު އެކަލޭގެފާނު، އަހުގެ ކައިރިން ދަރިފުޅު ދުރުކުރެއްވުމަށް ފަހު އިސްތަށިފުޅު އުފުއްލަވާ އުޑާ ދިމާލަށް ބައްލަވައިލެއްވިއެވެ. އެހިނދު އެކަލޭގެފާނަށް ފެނިވަޑައިގަތީ ކުޑަ ވިލާކޮޅެއް ފަދަ އެއްޗެކެވެ. އެވިލާކޮޅުގައި ބައްތިތަކެއް ފަދައިންވާ އެއްޗެހިތަކެއްވެސް ވެއެވެ. ދެން ހެނދުން ވުމުން އެކަލޭގެފާނު رسول الله صلّى الله عليه وسلّم ގެ އަރިހަށް ވަޑައިގެން އެރޭ އެކަލޭގެފާނަށް ފެނިވަޑައިގަތް ކަންތައްތަކުގެ ވާހަކަ ކިޔައިދެއްވިއެވެ. رسول الله صلّى الله عليه وسلّم، حديث ފުޅުކުރެއްވިއެވެ. އޭ ابن حُضَير އެވެ! ކަލޭގެފާނު ކިޔަވައިވިދާޅުވިނަމައެވެ. އޭ ابن حُضَير އެވެ! ކަލޭގެފާނު ކިޔަވައިވިދާޅުވި ނަމައެވެ. أُسَيد ވިދާޅުވިއެވެ. އެއަސް އަހުރެންގެ ދަރިފުޅު، ޔަޙްޔާގެ ގައިމައްޗަށް އަރައިފާނެތީ އަހުރެން ބިރުގަތީއެވެ. އެކުއްޖާ އޮތީ އަހުގެ ކައިރީގައި ނިދާފައެވެ. އަދި އަހުރެން އެކުއްޖާ ދުރުކުރުމަށްޓަކައި އެކުއްޖާގެ ކައިރިއަށް ދިޔައީމެވެ. އަދި އަހުރެން މައްޗަށް ބަލައިލީމެވެ. އެހިނދު އަހުރެންނަށް ފެނުނީ ވިލާކޮޅެއްފަދައިންވާ އެއްޗެކެވެ. އޭގައި ބައްތިތަކެއް ފަދައިންވާ އެއްޗެހިތަކެއްވެސް ހުއްޓެވެ. ދެން ލޮލުކޮޅަށް އޮބަންދެން އަހުރެން ބަލަހައްޓައިގެން ހުރީމެވެ. ދެން رسول الله صلّى الله عليه وسلّم، حديث ފުޅުކުރެއްވިއެވެ. އެއީ ކޮންއެއްޗެއްކަން ކަލޭގެފާނަށް އެނގިވަޑައިގަންނަވާ ހެއްޔެވެ؟ أُسَيد ދެންނެވިއެވެ. ނޫނެކެވެ. رسول الله صلّى الله عليه وسلّم، حديث ފުޅުކުރެއްވިއެވެ. އެއީ މަލާއިކަތުންނެވެ. އެބޭކަލުން ކައިރިވަމުން އެއައީ ކަލޭގެފާނުގެ ޤުރުއާން ކިޔެވުމުގެ އަޑު އެއްސެވުމަށެވެ. ކަލޭގެފާނު ހުޓައި ނުލައްވާ ކިޔަވައިވިދާޅުވިނަމަ ހެނދުނު އެއްވެސް ހުރަހަކާ ނުލައި މީސްތަކުންނަށްވެސް އެމަލާއިކަތްބޭކަލުން ފެނުނީހެވެ." (متّفق عليه)

ކީރިތި ޤުރުއާނަކީ މުޢްޖިޒާތެކެވެ. ހިތުގެ ބަލިތަކަށްވާ ޝިފާއެކެވެ. ހިތަށް މަޑުމައިތިރިކަން ގެނެސްދޭ އެއްޗެކެވެ. މާތްﷲ ރުއްސުންލެއްވި براء بن عازب ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މީހަކު ކަހްފު ސޫރަތް ކިޔަވަން ފެށިއެވެ. އެވަގުތު އޭނާގެ ކައިރީގައި ދެ ވާގަނޑުން ބަނދެފައި އޮތް އަހެއްވެސް އޮތެވެ. ދެންފަހެ ވިލާގަނޑެއް މަތިކޮށްފިއެވެ. އެވިލާގަނޑު ފަހަރެއް ފަހަރަކަށްވުރެ ކައިރިވާން ފެށިއެވެ. ދެން އެއަސް ތެޅެން ފަށައިފިއެވެ. (އެކަން އެގޮތަށް ހިނގާފައިވަނިކޮށް) ހެނދުންވުމުން އެމީހާ رسول الله صلّى الله عليه وسلّم ގެ އަރިހަށް އައެވެ. އަދި އެހިނގި ކަންތައްތަކުގެ ވާހަކަ ކިޔައިދިނުމުން رسول الله صلّى الله عليه وسلّم، حديث ފުޅު ކުރެއްވިއެވެ. އެއީ ޤުރުއާނުގެ ސަބަބުން ފޭބި ހިތްހަމަޖެހުމެވެ.
...........
މަޞްދަރު: ނަބިއްޔުންގެ ތަރިކަ

Read more...

03 June 2011

މުޅި މީޑިއާ ވަހުޝީ ވެފައި

އަލްއަޚް އާދަމް ނިޝާން އަލްމާލްދީފީ
ނޫސްވެރިކަމުގެ ފާހެއް ލިބުމަކީ ޙަރާމް ކުރެއްވިހާ ކަމެއް ކުރުމަށް ލިބޭ ހުއްދައެއް ނޫނެވެ.
ﷲ ތަޢާލާ އިންސާނާ އެންމެ ފުރިހަމަ ގޮތުގައި ހައްދަވައި، އަތް ފަޔާއި އެނޫންވެސް އެހެން ހުރިހާ ގުނަވަންތަކެއް އިންސާނާގެ ހަށިގަނޑުގައި ލައްވަވާފައިވަނީ، އެނިޢުމަތްތަކަށް ޝުކުރުވެރިވެ އެހުރިހާ ގުނަވަނަކުން އެއިލާހަށް ކިޔަމަންތެރިކަން އަދާކޮށް، ހުއްދަގޮތުގައި އެގުނަވަންތަކުން ހިތްހަމަޖެހުމާއި އުފަލާއި މަޖާ ލިބިގަތުމަށްޓަކައެވެ. އެއްވެސް ޙާލެއްގައި ޙަރާމް ޙަލާލެއް ބެލުމެއް ނެތި ހިތުހުރިހާ ގޮތަކަށް އެގުނަވަންތަކުގެ ބޭނުން ހިފުމަކަށް ނޫނެވެ.

މިއަދު އަޅުގަނޑުމެން ދިރިއުޅެމުން މިދަނީ އެކާވީސްވަނަ ޤަރުނުގައެވެ. މިހާރު އަޅުގަނޑުމެންނަށް އެކީއެކައްޗަކަށްމެ އިވެމުންދާ އަޑަކީ ކޮންމެވެސް ކަމެއްގެ މިނިވަންކަން ނުލިބިގެން ބުނެ ދައްކާ ވާހަކަތަކުގެ އަޑެވެ. ނޫސްވެރިންގެ މިނިވަން ކަމެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމެވެ. އިންސާނީ ޙައްޤުތަކުގެ މިނިވަން ކަމެވެ. ޚުލާޞާކޮށް ދަންނަވަނީ ނަމަ ޑިމޮކްރަސީގެ ނަމުގައި ގޮވަމުންމިދާ ގޮވެލިފަތީގެ އަޑެވެ. ސްޓޭޖްތަކުގެ ޕޯޑިއަމް ތަކުންފެށިގެން މިގޮވުންތައް އަބަދާއަބަދު އަޅުގަނޑުމެންގެ ލޯމައްޗަށާއި ކަންފަތްތަކަށް އިއްވަމުން މިގެންދަނީ މީޑިއާގެ ކޮންމެވެސް ވަޞީލަތަކުންނެވެ. ޓީވީ ރޭޑިއޯ ޗެނަލްތަކާއި، ޗާޕްކޮށްގެން ނެރޭ ނޫސް މަޖައްލާތަކާއި އޮންލައިން ނޫސް މަޖައްލާތަކާއި ވެބްސައިޓް ތަކެވެ.

ވާހަކަ ދިގުނުކޮށް މައުޟޫއަށް އަލިއަޅުވާލާނަމެވެ. އާދެ ސައްތައިން ސައްތަ މިދީބުގެ މީޑިއާ މިއަދު މިވަނީ އެކީއެކައްޗަކަށް ވަހުޝީ ވެފައެވެ. މިހެން ދެންނެވުމަކީ ދޮގަކަށް ނުވާނެވެ. ޓީވީ ހުޅުވާލައިފިނަމަ ފެންނަމުންދާ ވިޔާނުދާ ވަހުޝީކަން ބޮޑުވެގެންވާ ފާޙިޝް ޢަމަލުތަކުގެ ސަބަބުން މުސްލިމުން ހިންގަމުންދާ ޗެނަލެކޭ ބުނަންވެސް ލަދުގަންނަހާ ވެއެވެ. ރޭޑިއޯ ހުޅުވާލައިފިނަމަ ކޮންމެވެސް މިއުޒިކަކާއި ލަވައެކެވެ. ނޫންނަމަ މޮޅެތި ނަންނަމުގައި ހިންގަމުން ގެންދާ ޕްރޮގްރާމްތަކަށް ދެޖިންސުގެ މީހުން ގުޅައިގެން ދައްކަމުންދާ ވިޔާނުދާ ހަޑި މުޑުދާރު ފާހިޝް ވާހަކަތަކެވެ. ޗާޕްކޮށްގެން ނެރޭ ނޫސްތަކަށް ބަލާލައިފިނަމަ، ޚަބަރުތަކާއި ފޮޓޯތަކުގައާއި އިޝްތިހާރު ތަކުގައި ކޮންމެވެސް ވިޔާ ނުދާ ފާހިޝް ވާހަކަތަކެއް ނުވަތަ މަންޒަރުތަކެކެވެ. އިންޓަނެޓް ނޫސް މަޖައްލާތަކާއި ވެބްސައިޓްތަކުގެ ވާހަކަ ދެއްކުމަށް ވުރެ ރަނގަޅުވާނީ ނުދެއްކުމެވެ. ފާޙިޝް މަންޒަރުތަކާއި ފޮޓޯތައް ފެތުރުމުގެ އިންތިހާއެވެ. އާދެ މުޅި މީޑިޔާ މިވަނީ ވަހުޝީ ވެފައެވެ. މިއީ ދޮގެއްތޯއެވެ؟

ހިތާމައަކީ މީޑިއާގެ މިތަންތަން ހިންގަން މިތިބެނީ އަޅުގަނޑުމެންގެ މިމުސްލިމް ދީބަށް ނިސްބަތްވާ ކޮންމެވެސް މުސްލިމް ނަމެއް ކިޔާ މީހަކަށް ނުވަތަ ބަޔަކަށް ވާކަމެވެ. މީގެން ދޭހަކޮށްދެނީ މިދާއިރާގައި އުޅޭ ގިނަ މީހުންގެ ވިސްނުމާއި ފިކުރު ހުރިގޮތެވެ. އެއްވެސް ޙާލެއްގައި މިއީ އަޅުގަނޑު މިދާއިރާގައި އުޅޭ ހުރިހާ އެންމެންނަށް ބުނާ ބަހެއް ނޫނެވެ. އެހެންނަމަވެސް ގިނަ މީހުންގެ ޙާލަކީ މިއީއެވެ.

މިގޮތުން އެންމެ ފަހުން އަޅުގަނޑުމެންނަށް 01 ޖޫން 2011 ވީ ބުދަ ދުވަހު އޮންލައިން ނޫހެއް ކަމުގައި "ސަން" ގައި ޚާއްޞަ ކަވަރޭޖެއްގެ ގޮތުގައި ޝާއިޢުކޮށްފައިވާ "އޮޕަރޭޝަން ސަންސެޓް" މީގެ ހެއްކަކަށް ފުދެއެވެ. ނޫސްވެރިކަމުގެ ނަމުގައި ސަންގެ ނޫސްވެރިން ހިންގާފައިވާ މިއައްޔާޝީ ކަވަރޭޖުން މިވަނީ މީޑިއާގައި މަސައްކަތް ކުރާ ބަޔަކު މީހުންގެ ޙާލަތު ބަރަހަނާވެ އޮރިޔާންވެފައެވެ. އެއޮޕަރޭޝަންގެ ނަމުގައި ނާސިގެތަކަށް ދިޔަ މީހުން ސަންސެޓްވުމުން އެތަންތަނަށް ދިޔައީ ﷲ ތަޢާލާ ފަރުޟު ކުރައްވާފައި މަޣްރިބް ނަމާދު ވަޤުތުގައިކަން އެމީހުންގެ އިޢުތިރާފުން ސާފުކޮށް އެއޮތީ ފެންނާށެވެ. އަދި އެމީހުން އެތަނުގައި ފަރުޟު ނަމާދު ގަޑީގައި ކަޝްބީ އަންހެނުން ތަކާއި އެކު ތިބީ ނަމާދު ކުރަން ނޫންކަމާއި، އެހެންނަމަވެސް ނޫސްވެރިކަމުގެ ޚާއްޞަ އޮޕަރޭޝަނެއްގެ ނަމުގައި އެކަޝްބީ އަންހެނުންތަކުގެ ޙަރާމް ބީހުން ތަކުގެ މަސްތުގައި ޖެހިފައިކަން ބަޔާންކޮށްފައި އެވަނީ ހަމަ އެކަންތައްތައް ކުރި މީހުންގެ ދުލުންނާއި އަތުންނާއި ފައިންނެވެ.

"ސަންގެ ނޫސްވެރިން މާލޭގެ ނާސިގެތަކަށް" - "ކަސްބީ އަންހެނަކާއި އެކު އަހަރެން ނާސި ގޭގައި" - "މަސާޖް ޕާލާތަކުގައި ހަށިވިއްކާ މަންޒަރު އަހަރެންގެ ލޮލުންދެކެ އަތުން ހިފާފައި"، އާދެ މިއީ ނޫސްވެރިންތަކެއް އެމީހުން އެހިންގި ވިޔާ ނުދާ ފާހިޝް ޢަމަލާއި މެދު ފަޚުރުވެރިވެ ޚަބަރުގެ ގޮތުގައި ލިޔެ ބޮޑު ސުރުޚީތަކުގައި ލިޔެފައިވާ ލިޔުންތަކެވެ. މިލިޔުންތަކުން ތިމާމެން އެވިޔާނުދާ ޢަމަލު ހިންގިކަން ފަޟީޙަތް ވުން ނޫންކަމެއް ނެތެވެ. އަދި ކިއެއްހެއްޔެވެ. މިވަނީ އެކަމަށް އަމިއްލަ އިޢުތިރާފުވެ ބޭޒާރުވެފައެވެ.

މީހުންގެ ފަތިފުށް ވަންހަނާކޮށް ޢާއްމު ކުރުމުގައި އަވަދިނެތި ހޭބޯ ނާރާ އުޅޭ ބަޔަކު، އާދެ އެހެން މީހުންނާއި ދިމާލަށް ގުދޯގުދޯ ގޮވާއިރު ތިމާމެންގެ އޮތް ގުދު އަމިއްލައަށް މިބޭޒާރުކޮށް ފަޟީޙަތްކޮށްލެވުނީއެވެ. ހިތާމައަކީ ނޫސްވެރިންގެ ޖަމްޢިއްޔާތަކުގެ އިސްވެރިން، އިސް މަޤާމުތަކުގައި ތިބޭ މިފަދަ ނޫސްތަކުގައި ދީނާއި ޤާނޫނާއި ނޫސްވެރިންގެ އަދަބު އަޚްލާޤާއި (އެތިކްސް އެންޑް ކޮންޑަކްޓް) އާއި ޚިލާފު މިފަދަ ވާހަކަތައް، ފަޚުރުވެރިކަމާއިއެކު ޝާއިޢު ކުރުމުން ދާކަމެވެ. އަދި ހަމަ އެހެންމެ ކަމާއި ބެހޭ ސަރުކާރުގެ އެއްވެސް އިދާރާއަކުންވެސް މިފަދަ ނޫސް މަޖައްލާތަކާއި މިކަން ކުރަމުންދާ މީސްމީހުންނާއި މެދު ފިޔަވަޅު އަޅަމުން ނުދާކަމެވެ.

ނޫސްވެރިކަމުގެ ފާހެއް ލިބުމަކީ، އެކިއެކި މިޝަންތަކާއި އޮޕަރޭޝަންތަކުގެ ނަމުގައި ﷲ ތަޢާލާ ޙަރާމް ކުރައްވާ ނަހީ ކުރައްވާފައިވާ ކަންތައްތަކަށް އަރައިގަތުމަށް ލިބޭ ހުއްދައެއް ނޫނެވެ. އަދި އެކަންތައްތައް ރީތިކޮށް ޒީނަތްތެރިކޮށް ފަޚުރުވެރިވެ މީސްތަކުންގެ ތެރޭގައި ފަތުރަން ލިބޭ ހުއްދައެއްވެސް ނޫނެވެ. އަދި އެއީ ތިިމާގެ ޢަމަލުތަކުގެ ފަތް ނުލިޔެވި އުފުލިގެން ދާނޭ ސަބަބެއްވެސް ނޫނެވެ.

މިފަދަ ފާހިޝް ވިޔާނުދާ ހަޑިމުޑުދާރު ޢަމަލުތައް ހިންގައި، އެވާހަކަތައް ފަޚުރުވެރިކަމާއި އެކީ ފަތުރާ ޢާއްމު ކުރާ މީހުން، ﷲ ތަޢާލާ އެމީހުންގެ ޢަމަލުތައް ބައްލަވާ ވޮޑިގެންވާކަން ނުދަންނަނީ ހެއްޔެވެ؟ އެމީހުން އެއަރައިގަތް ޙަރާމް ކަންތަކަށް ﷲ ތަޢާލާ ޢަޛާބު ނުދެއްވާނޭ ކަމަށް ހީކުރަނީ ހެއްޔެވެ؟

އިންސާނާ ކުރާ ކޮންމެ ޢަމަލެއްވެސް ލިޔެވިގެންވޭ.
ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ.
"إِنَّ السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ أُولَئِكَ كَانَ عَنْهُ مَسْؤُولاً" (الإسراء: 36)
" ހަމަކަށަވަރުން، އިވުމާއި، ފެނުމާއި، ހިތާއި، މިއިން ކޮންމެ ކަމަކީ، އެއާމެދު سؤال ކުރެވޭނޭ ކަންކަމެވެ."
އަދިވެސް ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
"مَا يَلْفِظُ مِنْ قَوْلٍ إِلاَّ لَدَيْهِ رَقِيبٌ عَتِيدٌ" (قّ:18)
"ކުރާ عملތައް ބަލަހައްޓަވާ ލިޔުއްވުމައްޓަކައި އޭނާގެ ކައިރީގައި ملائكة އަކު ވަޑައިގެންވާ ޙާލުގައި މެނުވީ، އެނާޔަކަށް އެއްވެސް ބަހެއް ނުބުނެވެތެވެ."

ޒިނޭ ކުރުމުގެ ނުބައިކަން.
އާދެ ދެން މިފަދަ ފާފަތަކަށް އަރައިގަތުމުގެ ނުބައިކަމުގެ މައްޗަށް ބަލާލަމާތޯއެވެ. ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި މުއުމިނުންގެ ސިފަތައް ބަޔާން ކުރައްވަވައި، އެބައިމީހުންނަކީ އެންމެހައި ބޮޑެތިވެގެންވާ ފާފަތަކުން ދުރުހެލިވެގެންވާ ބައެއް ކަމުގައި ބަޔާންކުރައްވައި، އަދި އެފާފަތައް ކުރާ ބަޔަކަށް ގަދަފަދަ ޢަޛާބު ވާކަން ބަޔާން ކުރައްވަވާ ވަޙީ ކުރައްވާފައިވެއެވެ.
"وَالَّذِينَ لا يَدْعُونَ مَعَ اللَّهِ إِلَهاً آخَرَ وَلا يَقْتُلُونَ النَّفْسَ الَّتِي حَرَّمَ اللَّهُ إِلاَّ بِالْحَقِّ وَلا يَزْنُونَ وَمَنْ يَفْعَلْ ذَلِكَ يَلْقَ أَثَاماً(* )يُضَاعَفْ لَهُ الْعَذَابُ يَوْمَ الْقِيَامَةِ وَيَخْلُدْ فِيهِ مُهَاناً" (الفرقان:68&69)
"އެއުރެންނީ اللَّه އާއެކު އެހެން إله އަކަށް އަޅުކަންކޮށް ނަހަދާމީހުންނެވެ. އަދި اللَّه، حرمةތެރި ކުރައްވާފައިވާ نفسއެއް، حقّ ގޮތުންނޫނީ، ނުމަރާ މީހުންނެވެ. އަދި ޒިނޭނުކުރާ މީހުންނެވެ. އެއިން ކަމެއްކޮށްފިމީހާ (އެކަމުގެ) عقوباتއާ ބައްދަލުކުރާނެތެވެ. އެމީހަކަށް قيامة ދުވަހުން عذاب ގިނަގުނަ ކުރައްވާހުށްޓެވެ. އަދި އިހާނެތިކަން ލިބިގެންވާ حال އެ عذابގެ ތެރޭގައި، އެމީހަކު ދެމިހުންނާނެތެވެ."

މިއާޔަތުގައި ﷲ ތަޢާލާ ޒިނޭގެ އެނުބައި ޢަމަލު، ބަޔާން ކުރައްވާފައި އެވަނީ އެއިލާހަށް ޝިރުކު ކުރުމާއި މީހުން މެރުމާއި އެކުގައެވެ. އެހެންކަމުން މީގެން ދޭހަވަނީ ﷲ އަށް ޝިރުކު ކުރުމާއި މީހުން މެރުމާއި ޒިނޭ ކުރުމުގެ ފާފައަކީ ﷲ ގެ ޙަޟްރަތުގައި އެންމެ ބޮޑުވެގެންވާ ފާފަތައް ކަމެވެ.

ތަނެއްގައި ބަޔަކު ޒިނޭ ކުރޭތޯ ބަލަން އެތަންތަނަށް ގޮސް ތިމާވެސް ޒިނޭ ކުރުމާއި ތަނެއްގައި ބަޔަކު ﷲ އަށް ޝިރުކު ކުރޭތޯ ބަލަން ތިމާވެސް ބުދަށް ސަޖިދަ ޖަހައި އެނޫންވެސް ދެން ހުރި ޝިރުކުގެ ޢަމަލެއް ކުރަންވީހެއްޔެވެ؟ އަދި ހަމައެގޮތަށް ރާއްޖޭގައި މާރާމާރީ ޢާއްމުވެ، މީހުންނަށް ތޫނު ހަތިޔާރުން ހަމަލާދީ މެރުމާއި ޒިނޭކޮށްގެން ރަށްމެދަށް ވިހާ ތުއްތު ކުދިން މެރުން ޢާއްމުވެފައިވާއިރު، މިކަންކަން ކުރޭތޯ ބަލަން ތިމާވެސް ނޫސްވެރިޔަކަށް ވީމާ އެކަންކަން ކުރަންވީ ހެއްޔެވެ؟ ﷲ ތަޢާލާ އިންސާނާއަށް ބުއްދި ދެއްވަވާފައިވަނީވެސް ކަމަކުއެވެ.

ފާޙިޝް ކަންތައް ފެތުރުމުގެ ނުބައިކަން.
ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ.
"إِنَّ الَّذِينَ يُحِبُّونَ أَنْ تَشِيعَ الْفَاحِشَةُ فِي الَّذِينَ آمَنُوا لَهُمْ عَذَابٌ أَلِيمٌ فِي الدُّنْيَا وَالآخِرَةِ" (النور: 19)
"ހަމަކަށަވަރުން، إيمان ވި މީހުންގެ ތެރޭގައި ހުތުރުކަންބޮޑު ފާފައިގެ ވާހަކައާއި، عمل، ފެތުރިގެންދިއުމަށް ލޯބިކުރާމީހުން (ދަންނާށެވެ!) ދުނިޔެއާއި آخرة ގައި ވޭންދެނިވި عذاب އެމީހުންނަށް ހުއްޓެވެ."
رسول الله صلى الله عليه وسلم ގެ ޙަދީޘް ބަސްފުޅެއްގައި އެކަލޭގެފާނު ޙަދީޘްފުޅު ކުރައްވާފައިވެއެވެ.
قال رسول الله صلى الله عليه وسلم: "إِنَّ الرَّجُلَ لَيَتَكَلَّمُ بِالكَلِمَةِ لاَ يَرَى بِهَا بَأْسًا يَهْوِي بِهَا سَبْعِينَ خَرِيفًا فِي النَّارِ" (رواه الترمذي: 2314).
މާނައަކީ: "ހަމަކަށަވަރުން މީހަކު، މާބޮޑު ކަމެއް ކަމެއްކަމުގައި ނުދެކި ބުނެލާ ކަލިމައެއް (ނުވަތަ ބަހެއްގެ) ސަބަބުން ހަތްދިހަ (70) އަހަރުވަންދެން އެމީހަކު ނަރަކައަށް ވެއްޓިވެއްޓި އޮންނަން ޖެހިދާނެއެވެ."

އާދެ ފާހިޝް ކަންތައްތަކުގެ މަންޒަރުކާއި ވާހަކަތައް، ނޫސް މަޖައްލާތަކާއި، ވެބްސައިޓްތަކާއި ޓީވީ ރޭޑިއޯ ތަކުން ފޮނުވާ ހަދާ މީހުން އެކުރާ ކަންތަކުގެ ނުބައިކަންތައް މަގެއްގެ މަތީގައި މީހަކު ކުރާ ނުބައި ކަމަކަށް ވުރެ ބޮޑުވެގެން ވެއެވެ. އެހެނީ މަގެއްގެ މަތީގައި މީހަކު ކުރާ ނުބައިކަމެއް ފެންނާނީ އެވަގުތު އެތަނުގައި ތިބި ބަޔަކަށް އެކަންޏެވެ. އެހެންނަމަވެސް މީޑިއާގެ އެކިއެކި ވަޞީލަތްތަކުން މިކަންކަން ފަތުރާ ހަދާ މީހުން، އެކުރާ ފާފައިގެ ސަބަބުން އެކަކަމަކީ މުޅި ޢުމުރަށް ރައްކާކުރެވި، މީސްތަކުން އެނުބައި ކަންކަން ބަލާ އަޑުއަހައި އެކަންކަމަށް އަރައިގަތުމަށް މަގު ފަހިވެގެންދާ ކަންކަމެވެ.

ފާޙިޝް ކަންތައް ކޮށް އެކަންތަކާ ފަޚުރުވެރިވެ އެވާހަކަތައް މީހުންގާތު ދެއްކުމުގެ ނުބައިކަން.

ބައެއް މީހުން ތިމާމެން ކޮށްއުޅޭ ފާޙިޝް ވިޔާނުދާ ހަޑިމުޑުދާރު ކަންކަމުގެ ވާހަކަ، ވަރަށް ފަޚުރުވެރިވެލާފައި، ވަރަށް ފޮނިވެލާފައި މީހުން ގާތު ދައްކައި އުޅެއެވެ. ފަހެ މިއީ ކިހާ ނުރައްކާ ކަމެއްކަން ހަމަ އެމީސްމީހުންނަށް ނޭނގެނީ ބާއެވެ؟

ކީރިތި ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައިވެއެވެ.
"كُلُّ أُمَّتِي مُعَافًى إِلاَّ الْمُجَاهِرِينَ وَإِنَّ مِنْ الْمُجَاهَرَةِ أَنْ يَعْمَلَ الرَّجُلُ بِاللَّيْلِ عَمَلا ثُمَّ يُصْبِحَ وَقَدْ سَتَرَهُ اللَّهُ عَلَيْهِ فَيَقُولَ يَا فُلانُ عَمِلْتُ الْبَارِحَةَ كَذَا وَكَذَا وَقَدْ بَاتَ يَسْتُرُهُ رَبُّهُ وَيُصْبِحُ يَكْشِفُ سِتْرَ اللَّهِ عَنْهُ" (رواه البخاري)
މާނައީ: "ތިމަންކަލޭގެ ފާނުގެ އުންމަތުގެ ތެރެއިން، ތިމާ ކުރާ ފާފަތައް ފާޅުކޮށް އިޢުލާނުކުރާ މީހުން ނޫން އެެހެން އެންމެންނަކީ ޢަފޫ ލިބެނިވި ބައެކެވެ. މީހަކު ރޭގަނޑުގައި ކުރާ ނުބައިކަމެއް ﷲ ތަޢާލާ ސިއްރު ކޮށްދެއްވާފައި ވަނިކޮށް، ހެނދުނު ވުމުން އޭނާ އެހެން މީހެއް ގާތު، އޭ އެވެނި މީހާއޭ، ތިމަން ރޭގައި މިވެނި އެވެނި ކަމެއް ކުރީމޭ ކިޔައި އުޅުމަކީ ހަމަކަށަވަރުން ފާފަތައް ފާޅުކޮށް އިޢުލާނުކުރުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އޭނާ ރޭގަނޑު ނިދީ އޭނާ ކުރި ނުބައި ކަންތައް އޭނާގެ ރައްބު ސިއްރުކޮށްދެއްވަވާ ފޮރުއްވަވާ ދެއްވާފައި ވަނިކޮށެވެ. އެހެނެއްކަމަކު އޭނާ ހެނދުނުވުމުން، ﷲ ތަޢާލާ އޭނާގެ ސިއްރުކޮށްދެއްވަވާ ފޮރުއްވަވާ ދެއްވާފައިވާ އެކަންތައް، އަމިއްލައަށް ބޭޒާރުކޮށް ފަޅާއަރުވާލައެވެ."

އާދެ މީހާ މިގޮތަށް ކުރާ ފާޙިޝް އަދި ޙަރާމް ކަންތައްތަކާއިމެދު ފަޚުރުވެރިވެ އެވާހަކަތައް ދައްކާ އުޅުމަކީ އެމީހަކު ދީނުންވެސް ބޭރުވެގެން ހިނގައިދާނޭ ވަރުގެ ކަމެކެވެ. މިކަން ބަޔާން ކުރައްވަވާ އިސްލާމީ އުންމަތުގެ މިފަހު އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ އެއް ބޭކަލަކު ކަމުގައިވާ، އައްޝައިޚް މުޙައްމަދު ޞާލިޙުލް ޢުޘައިމީން، އިމާމް އައްނަވަވީގެ މަޝްހޫރު ފޮތް ރިޔާޟުއް ޞާލިޙީންގެ ޝަރަޙައިގައި، މަތީގައި ބަޔާން ކުރެވިފައިވާ ޙަދީޘްގެ ޝަރަހައިގާ ބަޔާން ކުރައްވާފައިވެއެވެ.

"(އޭގެ ތެރޭގައި) ތިންވަނަ ބައެއްވެސް ވެއެވެ. އެއީ ފާސިޤު ނުބައިނުލަފާ، ޙަޔާތް ކުޑަ މީހުންނެވެ. އެމީހުން ޒިނޭ ކުރިކަމުގެ ވާހަކަ ފަޚުރުވެރިކަމާއި އެކު ދައްކާއުޅެތެވެ. (އެކަމުގެ ހުރި ނުބައިކަމެއްގެ ބޮޑުކަމާއެވެ.) ﷲ ތަޢާލާ އަހަރެމެން އެކަމުން ރައްކާތެރިކޮށްދެއްވާންދޭވެ. އެމީހުން ފަޚުރުވެރި ކަމާއިއެކު ބުނެ އުޅެތެވެ. އޭނާ މިވެނި މީހެއްގެ އެވެނި މީހެއްގެ ރަށަށް ނުވަތަ ޤައުމަށް ދިޔައެވެ. އޭނާ އެތަނަށްގޮސް އެތައް އަންހެނުންނަކާއި އެކު ޒިނޭގެ އެފާޙިޝް ޢަމަލު ހިންގިއެވެ. މިފަދަ މީހުންނަށް ތައުބާވެ (ދީނަށް އެނބުރި ރުޖޫޢަވުމަށް) އެންގުން ވާޖިބު ވެގެން ވެއެވެ. ތައުބާ ވެއްޖެއްޔާ ރަނގަޅެވެ. އެހެން ނޫންނަމަ އޭނާ ޤަތުލު ކުރެވޭ ހުއްޓެވެ. އެހެނީ އޭނާ ޒިނޭކުރި ކަމަށް އެފަޚުރުވެރިވާ ޙާލުގައި އޭނާ ޒިނޭ ކުރުން އެހުއްދަ ކުރަނީއެވެ. (އެކަމުގެ ހުރި ނުބައިކަމެއްގެ ބޮޑުކަމާއެވެ.) ﷲ ތަޢާލާ އަހަރެމެން އެކަމުން ރައްކާތެރިކޮށްދެއްވާންދޭވެ. ހަމަކަށަވަރުން ޒިނޭ ހުއްދަކޮށްފި މީހަކީ ކާފަރުވެފައިވާ މީހެކެވެ." (شرح رياض الصالحين للشيخ عثيمين:1 / 116)

ނިންމުން.
ނިންމާލުމުގެ ގޮތުން އަޅުގަނޑު އެންމެ ފުރަތަމަ ގޮވާލަންބޭނުންވަނީ، ނޫސްވެރި ކަމުގެ ނަމުގައި މިފާޙިޝް ޢަމަލު ހިންގި މީހުން މިކަމަށް ތައުބާވުމަށެވެ. އެއަށްފަހު "ސަން" އޮންލައިން ނޫހުގެ މަސްޢޫލުވެރިންނަށް ދަންނަވަން ބޭނުމީ ވީހާވެސް އަވަހަކަށް މިފާޙިޝް ޢަމަލުތައް ލިޔެވިފައިވާ ލިޔުންތައް ޝާއިޢު ކުރުން ހުއްޓާލާ އެލިޔުމާއި އެނޫންވެސް އެކަމާއި ގުޅޭ އެހެނިހެން ތަކެތި ވަގުތުން ނައްތާލުމަށެވެ. ދެން އެއަށްފަހު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލަން އޮތީ، އިސްލާމްދީނާއި ރާއްޖޭގެ ޤާނޫނު އަސާސީއާއި ޚިލާފު ޢަމަލުތައް ހިންގައި ޝާއިޢު ކުރަމުންދާ ނޫސް މަޖައްލާތަކާއިމެދު ފިޔަވަޅު އަޅައި، އިސްލާމްދީނުގައި ޙަރާމްކުރައްވާފައިވާ މިފަދަ ޢަމަލުތައް ހިންގަމުންދާ ފަރާތްތައް ހިފާ ހައްޔަރުކޮށް، އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައި އޮތް އަދަބު ދިނުމަށް އަވަސްވެގަތުމަށެވެ. އެހެން ނޫންނަމަ އެކިއެކި ނަންނަމުގައި ތިބެ، ނިވާފަތްގަނޑެއްގެ ގޮތުގައި އެކަންކަން ހަދައިގެން އިސްލާމްދީނުގައި ޙަރާމް ކުރައްވާފައިވާ ބޮޑެތި ފާފަތަކާއި ޖަރީމާތައް ހިންގުން މިހާރަށްވުރެވެސް ބޮޑަށް ޢާއްމުވެގެން ހިނގައިދާނެއެވެ. އަދި އޭގެ ސަބަބުން އަޅުގަނޑުމެންގެ މައްޗަށް ކޯފާއެއް އައުމަކީ ދުރުކަމެއް ނޫނެވެ.

އަދި އިންޒާރުކޮށް ދިވެހި ސަރުކާރުގެ ކަމާބެހޭ އެންމެހާ ފަރާތްތަކަށް ގޮވާލަމެވެ. ޒިނޭގެ ފާޙިޝް ޢަމަލުތައް ހިންގަމުން މިގެންދާ ނާސިގެ ތަކާއި އެކަންތައްތައް ކުރަމުންދާ މީހުން ހިފާ ހައްޔަރު ނުކޮށް އެކަށީގެންވާ އަދަބު ނުދީފިނަމަ، ރައްޔިތުން އެކަންކަން ހުއްޓުވަން ނިކުތުން އެކަށީގެންވެއެވެ. ތާރީޚަށް ނަޒަރު ހިންގާލައިފިނަމަ މިއީ ދުނިޔެ ދައްކާ ޙަޤީޤަތްކަން އެނގިގެންދާނެއެވެ. ދަންނާށެވެ. މުސްލިމު ޤައުމުތަކުގައި މިފަދަ ފާޙިޝް މުންކަރާތްތައް ހިންގާ ތަންތަނުގައި ހަމަނުޖެހުންތައް އުފެދި އެނޫންވެސް އެފަދަ ކަންތައްތައް ގިނަފަހަރަށް ހިނގަނީ އެޤައުމެއްގެ ކަމާބެހޭ ފަރާތްތަކުން އެފަދަ ކަންކަމާއި ތަންތަނާއިމެދު ފިޔަވަޅު ނާޅައި އެކަން ކުރުމަށް ދޫކޮށްލާފައި އޮތުމުގެ ސަބަބުންނެވެ. އަޅުގަނޑު މިދަންނަވަނީ އެފަދަ ކަމެއް ބަޔަކު ކުރާނެއެކޭ އެއް ނޫނެވެ. އެހެންނަމަވެސް މިފަދަ ކަންތައްތައް ހިނގާގޮތާއި މެދު ތާރީޚުން އަޅުގަނޑުމެނަށް ފެނިފައިވާ ކަންކަމުން ޢިބްރަތް ލިބިގަންނަން ޖެހެއެވެ. އަޅުގަނޑުމެންގެ ޤައުމުގައި މިހާރުވެސް އެކިއެކި ޖަރީމާތައް ހިންގުން ޢާއްމުވެފައިވާއިރު، އެފަދަ ކަމެއް ހިނގުމަށް ނޭދޭކަމުގައިވާނަމަ މިކަންކަން ވަގުތުން ހުއްޓުވައި އެކަންކަން ހިންގާ އެކަންކަން ކޮށްއުޅޭ މީހުންނަށް އިސްލާމީ ޝަރީޢަތުގައިވާ އަދަބު ދިނުމަށް އަވަސްވެގަންނާށެވެ. ﷲ ތަޢާލާގެ ދީނުގައި ބަޔާންވެފައިވާ ގޮތަށް ޢަމަލުކޮށްގެން މެނުވީ ކާމިޔާބާއި ފަލާޙަކީ ލިބޭނެ އެއްޗެއް ނޫނެވެ.

Read more...

30 May 2011

މިއަދު އޮތީ ޢަމަލެވެ. ޙިސާބެއް ނެތެވެ. މާދަމާ އޮތީ ޙިސާބެވެ. ޢަމަލެއް ނެތެވެ

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދުލްޣަފޫރު
އަލް އިމާމް ޙަސަނުލްބަޞަރީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.
يا ابن آدم أنت أيام، كلما ذهب يوم منها ذهب بعضك، ويوشك إذا ذهب بعضك أن يذهب كلك وأنت لا تعلم، فاعمل، فاليوم عمل ولا حساب، وغدا حساب ولا عمل

"އޭ އާދަމުގެ ދަރިއާއެވެ! ތިބާއަކީ ދުވަސްތަކެކެވެ. އޭގެން ފާއިތުވެގެންދާ ކޮންމެ ދުވަހަކީ ތިބާއިން މަދުވެގެންދާ ބައެކެވެ. އަދި ތިބާ އަށް ނޭނގި، ދުވަސްތައް މަދުވަމުން މަދުވަމުންގޮސް، ތިބާއާ ނިމުން ކައިރިވެދާނެއެވެ. ހެޔޮ ޢަމަލުކުރާށެވެ. އެހެނީ މިއަދު އޮތީ ޢަމަލެވެ. ޙިސާބެއް ނެތެވެ. އަދި މާދަމާ އޮތީ ޙިސާބެވެ. ޢަމަލެއް ނެތެވެ."

އަލްއިމާމް ޙަސަނުލް ބަޞަރީ ރަޙިމަހުﷲގެ މި ކުރު އެހެނަސް އަސަރުން ފުރިގެންވާ ބަސްފުޅަކީ އަހަރެމެން މުސްލިމުންނަށް ހާދަ މުހިއްމު ބަސްފުޅެކެވެ. ތިބާގެ ޙަޔާތުން ފާއިތުވެގެންދާ ކޮންމެ ސިކުންތަކީ ތިބާ ކުޑަކުޑަ ގޮޅިއަކާ ކައިރި ކުރުވަނިވި ސިކުންތެކެވެ. ތައްޔާރުވާންވީ އެ ދުވަހަށެވެ. އެދުވަހަށްޓަކައި ތައްޔާރުވުމުގެ ވަޤުތަކީ މިއަދެވެ. މިއަދަކީ އަހަރެންނަށް މުޅި ޙަޔާތުގައިވެސް އެންމެ މުހިއްމު ދުވަހެވެ.

Read more...

20 May 2011

ބާއްޖަވެރިކަން

އަލްއަޚް ޢަބްދުﷲ ރަޝީދު
އޭ އަޚުންނާއި އުޚުތުންނޭ! އޭ ދިވެހި ދަރިންނޭވެ އެވެ! ތިމާމެންގެ ވެރި އިލާހު ﷲ އަށް ބިރުވެތި ވާށެވެ. ތިމާމެންގެ ކުރާ ހުރިހާ އަމަލެއް އެއިލާހު އަބަދާއި އަބަދު ބައްލަވާ ވޮޑިގެންވާކަން ހަނދުމަކުރާށެވެ

އަދި އެ އިލާހު ދެނެގަތުން ޙައްޤުގޮތުގައި ދެނެގަތުމަށް މަސަކަތް ކުރާށެވެ. އަދި އެއިލާހުގެ ރަސޫލާ މުޙައްމަދު ޞައްލައްﷲ އަލައި ވަސައްލަމަ އާއި އެކަލޭގެ ފާނުގެ ސުނަތާއި ގެނެސްދެއްވި ހުރިހާ ކަމެއް ދެނެގަތުމާށް މަސައްކަތް ކުރާށެވެ. އަދި ﷲގެ ދީން އޭގެ އަސްލާއި އެއްގޮތައް ދެނެގަތުމަށް މަސައްކަތް ކުރާށެވެ. އަދި މިހުރިހާކަމަކަށް އިޚްލާޞްތެރިކަމާއި އެކު ޢަމަލުކުރުމަށް މަސައްކަތް ކުރާށެވެ. އަދި އެކަންކަން އުގެނި ތިމާގެ އަހުލުންނަށާއި ގާތްތިމާގެ މީހުންނަށާއި އެހެން މުސްލިމު އަޚުންނާއި އުޚުތުންނަށްވެސް އުގަންނައިދިނުމަށް މަސައްކަތް ކުރާށެވެ. އަދި އިސްލާމް ދީން ނުދަންނަމީށްތަކުންނަށް ދީން ފޯރުކޮށްދިނުމަށްވެސް މަސަކަތް ކުރާށެވެ. އަދި މިހުރިހާކަންކަމުގައި ދިމާވާ ދަތިތަކާއި ހުރަސްތަކާއި ފިއްތުންތަކަށް ކެތްތެރިވެ، ހިތްވަރާއިއެކު އެކަންކަމައިގެން، ފަސްއެނބުރި ބެލުމެއްނެތި ކުރިއަށްދާށެވެ. އޭރުން ތިމާމެންނަށް ﷲގެ ރަޙްމަތާއި ހެޔޮ ޖަޒާ ވާނެކަމާއި މެދަކު ޝައްކެއްނެތެވެ. އަދި އާޚިރުގައި އެމީހެއްގެ ގޮވެއްޗަކީ ބާއްޖަވެރިކަމުގެ ގޮވެއްޗެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.
مَنْ كَانَ يُرِيدُ حَرْثَ الْآَخِرَةِ نَزِدْ لَهُ فِي حَرْثِهِ وَمَنْ كَانَ يُرِيدُ حَرْثَ الدُّنْيَا نُؤْتِهِ مِنْهَا وَمَا لَهُ فِي الْآَخِرَةِ مِنْ نَصِيبٍ (الشورى 20)
މާނައީ: "އާޚިރަތުގެ ދަނޑުބިމަށް (އެބަހީ އާޚިރަތުގެ ޘަވާބަށާއި ނިޢުމަތްތަކަށް) އެދޭ މީހާ ދަންނާށެވެ. ތިމަން ﷲ އެމީހެއްގެ އާޚިރަތުގެ ދަނޑުބިން އިތުރަށް ތަރައްޤީކޮށްދެއްވާނަމެވެ. އަދި ދުނިޔޭވެ ދަނޑުބިމަށް (އެބަހީ ދުނިޔޭގެ އަރާމާއި ޒީނަތައް) އެދޭ މީހާ ދަންނާށެވެ. ތިމަންﷲ އެމީހަކަށް އެއިން ކޮންމެވެސް ވަރެއް ދެއްވާނަމެވެ. އަދި އާޚިރަތުގައި އެމީހަކަށް އެއްވެސް ނަޞީބެއް ނުވެއެވެ."

އަޅަމެންނީ ދުނިޔޭގެ ކެހިވެރި މަޅިތަކަށް ހެއްލިގެންދާބައެއްކަމުގައި ނުލައްވާށި. އަދި އަޅަމެންނީ އާޚިރަތުގެ ދަނޑުބިމަށް އެދޭ މީހުންގެ ތެރެއިން ލައްވައި، އާޚިރަތުގައި ބާއްޖަވެރިކަމާއި ނިޢުމަތްތަކުގެ ގޮވެތި ސުވަރުގޭގެ އަހުލުވެރިންކަމުގައި ލައްވައި، ނަޞީބުވެރިންގެ ތެރެއިން ލައްވާށި. އާމީން!

Read more...

17 May 2011

މާތް ﷲ އިންސާނުން ޚަލްޤުކުރައްވާފައިވާ ގޮތާމެދު ވިސްނާށެވެ

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދުލްޣަފޫރު
1- އަންހެނަކާ ފިރިހެނަކާ ނުލައި، މިސާލު : އާދަމް ޢަލައިހިއްސަލާމް
2- ފިރިހެނެއްގެ ކިބައިން އަންހެނަކާ ނުލައި، މިސާލު : ޙައްވާ ޢަލައިހައްސަލާމް
3- އަންހެނެއްގެ ކިބައިން ފިރިހެނަކާ ނުލައި، މިސާލު : ޢީސާ ޢަލައިހިއްސަލާމް
4- ފިރިހެނަކާއި އަންހެނެއްގެ ކިބައިން، މިސާލު : އަހަރެން
ﷲ ގެ ކުޅަދުންވަންތަކަމާއެވެ! ވިސްނާލަބަލާށެވެ. ތަފާތު ހަތަރުގޮތަކަށް އެއިލާހު އިންސާނުން ޚަލްޤުކުރައްވާފައިވެއެވެ. މި ޚަލްޤުކުރެއްވުންތައް ވިސްނާބަޔަކަށް އެއިލާހުގެ ކިބަޔަށް ކުއްތަންވުމަށްޓަކައި ފިލާވަޅަކަށް ނުފުދޭބާއެވެ؟

Read more...

06 May 2011

ކައްވަޅުން ލިބުނު އީމެއިލް

ތަރުޖަމާ އުންމު ކުލްޘޫމް/ ދީން.އިންފޯ
ޝައިޚު މުޙަންމަދު އަލްއަރީފީ ގެ އަރިހަށް ޢަރަބި ޒުވާން ފިރިހެނަކު އައިސް ކިޔާދިން ކަމަށް ޝައިޚު ވިދާޅުވިއެވެ.
އޭނާ ބުންޏެވެ. ” އޭ ޝައިޚުއެވެ. ކޮމްޕިޔުޓަރުގެ ދާއިރާއިން ވަރަށް ހުނަރުވެރި މޮޅު އެކުވެރިއަކު އަހަރެންގެ ވިއެވެ.“
އޭނާ އެއްދުވަހެއްގައި އިންޓަރނެޓުން ވެބްސައިޓަކަށް ވަނެވެ. މި ވެބްސައިޓަކީ ފާހިޟްކަން ބޮޑު ތަޞްވީރުތައް ލިބެން ހުންނަ (”ޕޮނޮގްރަފީ“ އަށް ޚާއްޞަ) ވެބްސައިޓެކެވެ.
މިވެބްސައިޓަކީ ބޭނުން މުއްދަތަކަށް ލާރިދައްކައިގެން މެމްބަރަކަށް ވެވޭ ވެބްސައިޓެކެވެ. އެއީ ފަސް އަހަރަށް ނަމަ 500 ޑޮލަރު ނުވަތަ ރިޔާލު ވަރު ދައްކައިގެންނެވެ. މިގޮތުން ފައިސާ ދެއްކުމުން އެވެބްސައިޓުން މެމްބަރުންގެ އީމެއިލަށް މިފަދަ ފާޙިޝްކަން ބޮޑު ތަޞްވީރު އެކުލެވޭ ފޯލްޑަރ އެއް ކޮންމެ ހަފްތާއަކު (އާ ތަޞްވީރުތަކާ އެކު) ފޮނުވައެވެ. ޒުވާނާގެ އެކުވެރިޔާ މި ވެބްސައިޓުގެ މެމްބަރަކަށް ވިއެވެ. އަދި އޭނާއަށް ކޮންމެ ހަފްތާއަކު ލިބޭ ފޮޓޯތައް ފޯނަށް އަޅައެވެ. އަދި އެކުވެރިންނާ ބައްދަލުވުމުން އެމީހުންނަށް އެތަޞްވީރުތައް ދައްކާ ބުނެހަދާކަމަށް ވެއެވެ. ’އޭ އެކުވެރިންނޭ، ނިކަން މިހިރަ ފައްކާ ފޮޓޯތަކެއް ބަލާބަލާށެވެ!‘ މިއެކުވެރިން އެފޮޓޯތައް ފެނި އެކަމާ ވަރަށް ގަޔާވެ ”ވާސަރީ ހާދަ ޗާލު ފޮޓޯ ތަކެކޭ، ކަލޭ މި ފޮޓޯތައް ހޯދީ ކޮންތާކުން ކިހިނެތްހޭ؟“ ބުނެ އުޅޭކަމަށް ވެއެވެ. އެފޮޓޯތަކަށް އެމީހުންވެސް ދަހިވެތިވެ އެމީހުން ވެސް އެ ފޮޓޯތައް ބޭނުން ކަމަށް ބުނެއެވެ. އެކުވެރިން މިހެން ބުނުމުން ޒުވާނާ ބުންޏެވެ. ”ނޫނެކެވެ. މިއީ ވަރަށް އަގު ބޮޑު ފޮޓޯ ތަކެވެ. މިފޮޓޯތަކުގެ އަގަކީ 500 (ޑޮލަރު ނުވަތަ ދީނާރެވެ.) އެވެ.“
އެކުވެރިން ބުންޏެވެ. ”މައްސަލައެއް ނެތެވެ. އެއީ ކޮން ވެބްސައިޓެއްކަން ބުނާށެވެ. އޭރުން އަހަރުމެން ވެސް މެމްބަރުންނަށް ވާނަމެވެ. ތިޔަފަދަ ފޮޓޯތަކަކާ އަޅާ ބަލާއިރު 500 އަކީ އެއްވެސް އެއްޗެއް ނޫނެވެ.“
މިހެން ބުނުމުން ޒުވާނާ ބުންޏެވެ. ”ނޫނެކެވެ. އަހަރެން ކަލޭމެންގެ ފައިސާ ޚަރަދު ނުވެ މިކަން ވާނެ ގޮތެއް ހަދާދޭނަމެވެ. ކަލޭމެން ކޮންމެ މީހަކު އަހަރެންނަށް އީމެއިލް އެޑެރެހެއް ދޭށެވެ. އަދި އަހަންނަށް ކޮންމެ ހަފްތާއަކު އީމެއިލް ލިބުމުން ކަލޭމެންނަށް ފޯރވަޑް ކޮށްދޭނަމެވެ.“
އެކުވެރިން ބުންޏެވެ. ”ތީ ވަރަށް ފައްކާ ގޮތެކެވެ.“
އަދި ކޮންމެ މީހަކު އެމީހެއްގެ އީމެއިލްއާ އެމީހެއްގެ އަޚުންނާ އެހެނިހެން އެކުވެރިންގެ އީމެއިލްތައް ވެސް ދިނެވެ. މިގޮތުން ވަރަށް ގިނަ ޢަދަދެއްގެ އީމެއިލް އެޑްރެސްތައް ޒުވާނާ ނޯޓްކުރިއެވެ. އަދި އޭނާގެ ކޮމްޕިއުޓަރުގައި އެހުރިހާ އީމެއިލް އެޑްރެސްތައް ސޭވްކޮށް، އެނާ އަށް ކޮންމެ ހަފްތާއަކު އަންނަ މެއިލް އޮޓޮމެޓިކުން ޕޯރވަޑްވާ ގޮތައް ހެދިއެވެ. މިގޮތުން އޭނާ ފަންސާހަކަށް ނުވަތަ ފަސްދޮޅަހަކަށް ނުވަތަ ސަތޭކައެއްހާ އީމެއިލް އަށް ފޯރވަޑްވާ ގޮތަށް ހެދިއެވެ.
މީގެފަހުން މި ޒުވާނާ އޭނާގެ އެކުވެރިންނާ ބައްދަލުވެ އެކީގައި ތިބޭ ހިނދު ހީވަނީ ގުދުސް ފަތަހަ ވެގެން އުޅޭހެންނެވެ. އެމީހުން އެކަމުގެ އުފާ ފާޅުކޮށް އޭނާއަށް ތަޢުރީފުކޯށް ހަދައެވެ. ކޮންމެ ފަހަރަކުވެސް އެމީހުން ބުނެހަދައެވެ. ”އޭ ޕާރޓް އެވެ! އެއޮތީ ވާކަމެކެވެ. މިހަފްތާގެ ފޮޓޯތައް އޮބި ނޯވެއެވެ. ކަލޭ އެހެން އަހަރުމެންނަށް އީމެއިލް ލިބޭގޮތަށް ހަދަނީ ކިހިނެއް ހެއްޔެވެ؟“
ޒުވާނާ މިކަމާ ވަރަށް ބޮޑާވެ އުފާވެފައި އިނދެއެވެ. އޭގެ ހަމަސް ފާއިތުވުމަށް ފަހު ދިމާވި ކުއްލި މަގުމަތީ އެކްސިޑެންޓެއްގައި ޒުވާނާ މަރުވެއްޖެއެވެ. ޒުވާނާ މިދުނިޔެ ދޫކޮށްފިއެވެ.
ޒުވާނާގެ އެކުވެރިޔާ އިތުރަށް އަހަންނަށް ކިޔާދިނެވެ.
”ޝޭޚުއެވެ! އަހަރުމެން އޭނާގެ މައްޗަށް ކަށުނަމާދުކޮށް އޭނާ ވަޅުލީމެވެ. ދެން އަހަރެން އޭނާގެ ޖަނާޒާއިން ނިމިގެން އެނބުރި ގެއަށް ގޮސް އީމެއިލް ހުޅުވާ ބަލާލިއިރު އޭނާގެ އެޑްރެހުން ލިބިފައި އިން އާ މެއިލް އެއް އިނެވެ. އަހަރެން އެ އީމެއިލް ހުޅުވީމެވެ. އަދި ފެނުނީ އޭގައި އެމަރުވި ޒުވާނާގެ އީމެއިލް އަހަރުމެންނަށް ލިބެމުން ދިޔަ ފާހިޝްކަން ބޮޑު ތަޞްވީރުތަކެވެ. އަހަރެން އަހަރެންގެ އަމިއްލަ ނަފްސަށް ބުނީމެވެ. ”މިވާނީ އޭނާ އަހަރެންނަށް ކުރިން ފޮނުވާފައިވާ ނަމަވެސް އަހަންނަށް ނުފެނިއިން އީމެއިލް އަކަށެވެ. އެހެން ކަމުން އަހަރެން އެކަމުން ﷲ ގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދެމުން، އެ އީމެއިލް ފޮހެލީމެވެ.“
އިތުރަށް އެނާ ކިޔާދިނެވެ. ”ޖެހިގެން އައިހަފްތާގައި އަހަރެން އަހަރެންގެ އީމެއިލް ހުޅުވާ ބެލި އިރު އޭނާގެ ފަރާތުން ލިބައިފައިވާ އާ އީމެއިލް އެއް އަނެއްކާވެސް އިނެވެ. އޭރު އޭނާ ވާނީ އޭނާގެ ކައްވަޅުގައެވެ. އޭނާ ވަނީ އޭރު މަރުވެފައެވެ. އަހަރެން އެ އީމެއިލް ހުޅުވާލުމުން އަނެއްކާވެސް ފެނުނީ ހަމަ އެއްކަލަ ފާހިޝްކަން ބޮޑު ތަޞްވީރުތައް އޭގައި ވަނިކޮންނެވެ. ދެން އަހަރެން ވަރަށް ކަންބޮޑުވެފައި އެކަމާ ދޭތެރޭ ވަރަށް ވިސްނީމެވެ. އެއަށް ފަހު އަހަރެންނަށް ވިސްނުނީ އޭނާ އަހަރުމެންނަށް އޮޓޮމެޓިކުން ޕޯރވަޑް (އޮޓޯ ފޯރވަޑް) ވާގޮތަށް ހަދާފައިވާ ކަމެވެ. އެހެންކަމުން އަހަރެން އެވެބްސައިޓު ހޯދައިގެން އޭގެ ހިންގުންތެރިންނާ ގުޅާ އެޒުވާނާ މެމްބަރުކަމުން ވަކިކޮށްދިނުމަށް ބުނީމެވެ. އޭނާ ވަނީ މަރުވެފައިކަމަށް ވެސް އަހަރެން ބުނީމެވެ. އެހެންކަމުން އެމީހުން އަހަރެންނަށް ބުންޏެވެ. ”އޭނާގެ އެކައުންޓްގެ ޕާރސްވޯޑް ދޭށެވެ.“
އަހަރެން ބުނީމެ. ”އަހަރެންނަކަށް ނޭނގެއެވެ.“
މިހެން ބުނުމުން އެމީހުން ބުންޏެވެ. ”އެހެންކަމަށް ވަންޏާ އޭނާގެ ބާކީއޮތް ހަތަރު އަހަރާއި ބައި ވަންދެން އެކަން ހިނގަހިނގާ ހުންނާނެއެވެ.“
އެހެނީ އެނާ ވަނީ އެކަމަށް ފަސް އަހަރުދުވަހުގެ ފީ ދައްކާފައެވެ.
ޒުވާނާ އަހަންނަށް ބުންޏެވެ. ”ޝޭޚުއެވެ. އޭގެފަހުން މިހާރު ދެއަހަރު ދުވަސް ފާއިތުވެގެން ހިނގައްޖެއެވެ. އަދި ވޭތުވެދިޔަ ދުވަސްތަކުގައި ކޮންމެ ހަފްތާއަކު އެއްކަލަ ފާޙިޝް ފޮޓޯތައް އެކުލެވޭ އީމެއިލްތައް މެދުކެނޑުމެއް ނެތި އަހަރެންނާ އަހަރެންގެ އެކުވެރިންނަށް ވެސް ލިބެއެވެ.“
لاحول ولاقوة الا بالله!
ﷲ ވަޙީ ކުރައްވާފައިވެއެވެ.
” إِنَّا نَحْنُ نُحْيِي الْمَوْتَى وَنَكْتُبُ مَا قَدَّمُوا وَآثَارَهُمْ وَكُلَّ شَيْءٍ أحْصَيْنَاهُ فِي إِمَامٍ مُبِينٍ “
”ހަމަކަށަވަރުން މަރުވެފައިވާ މީހުން އަލުން ދިރުއްވަނީ ތިމަންއިލާހެވެ. އަދި އެބައިމީހުން އިސްކޮށްފައިވާ ޢަމަލުތަކާއި ފަހަށް ދޫކޮށްފައިދިޔަ އާޘާރުތައް ތިމަންއިލާހު ލިޔުއްވަމެވެ. އަދި ކޮންމެ ކަމެއްމެ ބަޔާން ވެގެންވާ ފޮތެއްގައި ތިމަންއިލާހު ހިމަނުއްވަމެވެ.“ [ސޫރަތުލް ޔާސީން: 12]
އެހެންކަމުން ބުނަމެވެ. އޭ އަޚުންނާ އުޚްތުންނޭވެ! ނިކަން ފަހެ ވިސްނާށެވެ! އެޒުވާނާ ކުރި މިނުބައި ފާޙިޝްކަން ބޮޑު މުންކަރާތުގެ ސަބަބުން އޭނާ މަރުވުމަށް ފަހު ވެސް އެކަމުގެ އުޤޫބާތް ދެމިގެންދާނޭ ފަދައިން އެކަން ވުމަށް ﷲ ތަޢާލާ މެދުވެރި ކުރެއްވީއެވެ. އަދި އޭނާގެ އެކުވެރި އަކަށް އަދި ގާތްތިމާގެ މީހަކަށް ވެސް އޭނާ މިނުބައިކަމުން ސަލާމަތް ކުރުމުގެ ކުޅަދާނަކަމެއް ނުލިބުނެވެ. އަދި އޭނާ ދޫކޮށްދިޔަ ޢަމަލެއް ކަމުގައި ހަތަރު އަހަރާ ބައިވަންދެން ހިނގަހިނގާ ހުންނާނޭ މިނުބައި ޢަމަލު ހުއްޓުވޭނޭ އެހެން ބާރެއް މިއަދަކު ނުވިއެވެ. އެހެން ކަމުން ދަންނާށެވެ! ތިބާގެ މަރަކީ އޭގެ އަޖަލު އެއްވެސް މީހަކަށް އެނގޭނޭ ކަމެއް ނޫނެވެ. އެކަމަށް ތިބާގެ ޢުމުރާއި ފުރިހަމަ ހެޔޮ ޞިއްޙަތުން އެއްވެސް ބަދަލެއް ނާންނާނެއެވެ. ވީހިނދު ތިބާގެ އެންމެ ފަހު ވަގުތު ދޫކޮށް ދާ ޢަމަލުތަކަކީ ހެޔޮޢަމަލުތަކެއް ކަމުގައި ވުމަށް އެދި ގަދައަޅާ މަސައްކަތް ކުރާށެވެ.
މިފަދަ ނުބައި ނިމުމަކުން ނިމުމުން، ﷲ ގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދެމެވެ.

މަޞްދަރު: ޝައިޚު މުޙަންމަދު އަލްއަރީފީގެ ދަރުހަކުން ނަގާފައި. ދީން.އިންފޯ ސައިޓުން ނަގާފައި


Read more...

03 May 2011

މާތްﷲ އަށް އީމާންވުން

އައްޝައިޚް ޙަސަން މޫސާ ފިކްރީ
الحمد لله والصلاة والسلام على رسول الله . أما بعد:
ހަމަކަށަވަރުން ޢިލްމުލްޢަޤީދާ އަކީ އެންމެ ޝަރަފުވެރި ޢިލްމެވެ. އަދި ޢިލްމުތަކުގެ ތެރެއިން އެންމެ ޤަދަރު އުފުލިގެންވާ ޢިލްމެވެ. އަދި އެންމެހާ ޢިލްމުތަކުގެ ތެރެއިން އެންމެ މުހިންމު ޢިލްމެވެ.

އަދި މިޢިލްމުގައި ހިމެނިފައިވާ ބާބުތަކުގެ ތެރެއިންވެސް އެންމެ ޝަރަފުވެރި އެންމެ މަތިވެރި އަދި އެންމެ މުހިންމު ބާބަކީ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އީމާންވުމުގެ ވާހަކަތައް އެކުލެވިގެންވާ ބާބެވެ.

އެހެނީ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އީމާންވުމަކީ އުޞޫލުތަކުގެ އަޞްލެވެ. އަދި އެއީ އީމާންކަމުގެ ހަ ރުކުނުގެ ތެރެއިން އެންމެ ފުރަތަމަ ރުކުނެވެ.
ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. لَيْسَ الْبِرَّ أَن تُوَلُّواْ وُجُوهَكُمْ قِبَلَ الْمَشْرِقِ وَالْمَغْرِبِ وَلَكِنَّ الْبِرَّ مَنْ آمَنَ بِاللّهِ وَالْيَوْمِ الآخِرِ وَالْمَلآئِكَةِ وَالْكِتَابِ وَالنَّبِيِّينَ ( البقرة 177) މާނައީ: " ހެޔޮކަމަކީ (ހަމައެކަނި) އިރުމަތި ފަރާތަށް ނުވަތަ ހުޅަނގު ފަރާތަށް ތިޔަބައިމީހުންގެ މޫނުތައް ކުރިމަތި ކުރުމެއް ނޫނެވެ. އެހެނެއްކަމަކު، ހެޔޮކަންކުރާ މީހާއީ، ﷲ ސުބްޙާނަހޫ ވަތަޢާލާއަށާއި އާޚިރަތް ދުވަހަށާއި މަލާއިކަތުންނަށާއި ފޮތަށާއި ނަބިއްޔުންނަށް އީމާވި މީހާއެވެ."

އަދި އީމާންކަމަކީ ކޮބައިތޯ ޖިބްރީލް ޢަލައިހިއްސަލާމް ސުވާލު ކުރެއްވުމުން މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. " الإِيمْاَنُ أَنْ تُؤْمِنُ باِللهِ وَمَلاَئِكَتِهِ وَكُتُبِهِ وَرُسِلِهِ وَالْيَوْمِ الْآخِرِ وَتُؤْمِنُ باِلْقَدْرِ خَيْرِهِ وَشَرِّهِ " "އެއީ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އީމާންވުމާއި، އެކަލާނގެ މަލާއިކަތުންނަށް އީމާންވުމާއި އެކަލާނގެ ބާވައިލެއްވެވި ފޮތްތަކަށް އީމާންވުމާއި، އެކަލާނގެ ފޮނުއްވެވި ރަސޫލުންނަށް އީމާންވުމާއި، އާޚިރަތްދުވަހަށް އީމާންވުމާއި، ހެޔޮ މިންވަރާއި ނުބައިމިންވަރަށް އީމާންވުމެވެ."

ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އީމާންވުމަކީ ހުރިހާ ކާމިޔާބީއެއްގެ އަޞްލު އަސާސެވެ. އެހެނީ ފޮތްތައް ބާވައިލެއްވި، ރަސޫލުން ފޮނުއްވުނީ އެކަމަށްޓަކައެވެ. އެބޭކަލުން ފޮނުއްވުނީ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އީމާންވެ އެއީމާންކަން ނަފްސުތަކުގައި ހަރުލެއްވުމުގެ ވަޒީފާއާއިގެންނެވެ.

މިލިޔުމުގައި އަލިއަޅުވާލައިފައިވާނީ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އީމާންވުމުގައި އެކުލެވޭ ބައެއް މުހިންމު ކަންތައްތަކުގެ މައްޗަށެވެ. އޭތެރެއިން ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އިމާންވުމުގެ މާނައާއި، އެކަމުގައި އެކުލެވޭ ބައިތަކާއި، އެއްކައުވަންތަކަމުގެ މައްޗަށް ހުރި ދަލީލުތަކާއި، އެކަލާނގެ އަށް އީމާންވުމުގެ ފައިދާތަކެވެ. ޙަޤީޤަތުގައި ޝިރުކުގެ ބައިތަކާއި، ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އިމާންވުމުގެ އިދިކޮޅު ސިފަތަކާއި، ތައުޙީދު ނަފީކުރާ ކަންތައްތައް ވެސް ގުޅިފައިވަނީ މި މައުޟޫޢު އާއެވެ. ނަމަވެސް ވަގުތުގެ ދަތިކަމުން އެވާހަކަތަކުގެ ތަފްޞީލަށް ދިޔުމަށް މިދަނޑިވަޅުގައި ޢުޛުރުވެރިވަމެވެ.

މާތްﷲ އަށް އީމާންވުމުގެ މާނައަކީ ކޮބައިތޯއެވެ ؟
ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އީމާންވުމުގެ މާނައާމެދު ތަފާތު ޢިބާރާތްތަކާއި ތަޢްރީފުތައް ޢިލްމުވެރިން ބަޔާންކުރައްވާފައި އެބަހުއްޓެވެ. އެ ހުރިހާ ތަޢްރީފެއްގެވެސް ލަފުޒުތައް ތަފާތުވިއެއްކަމަކު އެ ޢިބާރާތްތަކުގެ މާނައަކީ އެކައްޗެކެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އީމާންވުމަކީ އެއީ:

1) هُوَ إِفْرَادُ اللهِ بِمَا يَسْتَحِقُّ - ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ޙައްޤުވެގެންވާ ގޮތުގައި އެކަލާނގެ އެއްކައުވަންތަ ކުރުމެވެ.
2) إِفْرَادُ اللهِ بِحُقُوْقِهِ - ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙައްޤުތަކުގައި އެއްކައުވަންތަ ކުރުމެވެ.
3) ﷲ ސުބްޙާނަހޫ ވަތަޢާލާގެ ވޮޑިގެންވާކަން ތިމާގެ ހިތުގެ އަޑިން އެއްވެސް ޝައްކެއްނެތި ޤަބޫލު ކުރުމާއި، އެކަލާނގެއީ الأول ކަމާއި، އެކަލާނގެއަށް ވުރެ އިސްވެވޮޑިގެންވާ އެއްވެސް ފަރާތެއް ނުވާކަމާއި، އެކަލާނގެއީ الآخر ކަމާއި، އެކަލާނގެއަށްވުރެ ފަސްވެވޮޑިގެންވާ އެއްވެސް ފަރާތެއް ނުވާކަމާ، އެކަލާނގެއީ الظاهر އެކަލާނގެއަށްވުރެ މަތިވެރިވެ ވޮޑިގެންވާ އެއްވެސް އެއްޗެއްނުވާކަމާއި، އެކަލާނގެއީ الحيٌّ القيوم ދިރި ދެމިވޮޑިގެންވާ އިލާހުކަމާއި، އެކަލާނގެއަށް އެއްވެސް އެއްޗެއް ބޭނުން ވެވޮޑިގެން ނުވާ الأحد الصمد ކަމާއި، އެންމެހައި މަޚުލޫޤުންނެއް އެކަލާނގެ ޙަޟުރަތައް ބޭނުންޖެހިފައިވާ ކަމެވެ. لَمْ يَلِدْ وَلَمْ يُولَدْ - وَلَمْ يَكُن لَّهُ كُفُوًا أَحَدٌ (الإخلاص:3-4) މާނައީ: "އެކަލާނގެއަކަށް އެއްވެސް އެއްޗެއް އުފަންވެގެންނެއް ނުވެއެވެ. އަދި އެއްވެސް އެއްޗަކަށް އެކަލާނގެ އުފަންވެވޮޑިގެންނެއްވެސް ނުމެވޭމެއެވެ."

އެކަލާނގެއީ އެކަލާނގެ ރުބޫބިއްޔަތާއި އެކަލާނގެ އުލޫހިއްޔަތާއި އަސްމާއުވައްސިފާތުގައި މި ހުރިހާކަމެއްގައި އެއްކައުވަންތަ އިލާހުކަން ހިތުގެ އަޑިން ތެދުކޮށް ޤަބޫލު ކުރާކުރުމެވެ.
4) ﷲ ސުބްޙާނަހޫ ވަތަޢާލާއީ ހުރިހާ ތަކެއްޗެއްގެ ވެރި ރަސްކަލާނގެކަމާއި، އެކަލާނގެއީ އެންމެހައި ތަކެއްޗެއް ޚަލްޤު ކުރެއްވުމުގައި އެއްވެސް ފަރާތެއް ބައިވެރިވުމެއްނުވާ އެއްކައުވަންތަ އިލާހުކަމާއި، އެންމެހައި ކާއިނާތުގެ ހުރިހާ ކަމެއް ރާއްވަވައި ހިންގަވަނީ ހަމައެކަނި އެކަލާނގެ ކަމާއި، އެކަލާނގެ ފިޔަވައި އެހެންއެއްވެސް ފަރާތަކަށް އަޅުކަން ޙައްޤުވެގެން ނުވާކަމާއި، އެކަލާނގެ ފިޔަވައި އަޅުކަންކުރެވޭ އެންމެހައި ފަރާތްތައް ބާޠިލުކަމާއި، އެފަރާތްތަކަށް ކުރެވޭ އަޅުކަންވެސް ބާޠިލުވެގެންވާކަން ހިތުގައި އެއްވެސް ޝައްކެއްނެތި ޤަބޫލުކުރާ ޤަބޫލުކުރުމެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. ذَلِكَ بِأَنَّ اللَّهَ هُوَ الْحَقُّ وَأَنَّ مَا يَدْعُونَ مِن دُونِهِ هُوَ الْبَاطِلُ وَأَنَّ اللَّهَ هُوَ الْعَلِيُّ الْكَبِيرُ (الحج: 62) މާނައީ: "އެހެނީ ހަމަކަށަވަރުން ﷲ އީ، ހައްޤުވަންތަ ރަސްކަލާނގެއެވެ. އަދި ހަމަށަވަރުން އެކަލާނގެ ފިޔަވައި އެއުރެން އަޅުކަންކުރާ އެންމެހައި ތަކެއްޗަކީ އެއީ ބާޠިލު ތަކެއްޗެވެ. އަދި ހަމަކަށަވަރުން ﷲ އީ އެންމެ މަތިވެރިވެގެންވާ އެންމެ ޢަޡަމަތްތެރިވެގެންވާ އިލާހެވެ."

އަދި އެކަލާނގެއީ އެންމެހައި މަތިވެރިވެގެންވާ އަދި ފުރިހަމަ ސިފަފުޅުތަކުން ސިފަލިބިވޮޑިގެންވާ ހުރިހައި ޢައިބަކުން ހުސްޠާހިރުވެ ވޮޑިގެންވާ އިލާހުކަން ޤަބޫލުކުރުމެވެ.
އިސްވެދިޔަ ކަންތައްތަކާމެދު ވިސްނައިލުމުން، ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އީމާންވުމުގައި ހަތަރު ބައެއް އެކުލެވިގެންވާކަން ހާމަވެއްޖެއެވެ. އެއީ:

1) الإيمان بوجود الله - ﷲ ސުބްޙާނަހޫ ވަތަޢާލާގެ ވޮޑިގެންވުމަށް އީމާންވުމާއި،
2) الإيمان بربوبيته - އެކަލާނގެ ރުބޫބިއްޔަތައް އީމާންވުމާއި،
3) الإيمان بألوهيته - އެކަލާނގެ އުލޫހިއްޔަތައް އީމާންވުމާއި،
4) الإيمان بأسمائه وصفاته - ﷲ ސުބްޙާނަހޫ ވަތަޢާލާގެ އެންމެހައި އިސްމުފުޅުތަކަކީ ރިވެތިވެގެންވާ އަދި މަތިވެރިވެގެންވާ ފުރިހަމަ އިސްމުފުޅުތަކެއް ކަމާއި، އެކަލާނގެ އެންމެހައި ޞިފަފުޅުތަކަކީ ރިވެތިވެގެންވާ އަދި ފުރިހަމަ ވެގެންވާ ޞިފަފުޅުތަކެއްކަމަށް އީމާންވުން

ﷲ ސުބްޙާނަހޫ ވަތަޢާލާގެ އެއްކައުވަންތަކަމުގެ ދަލީލުތައް ވަރަށްވެސް ގިނައެވެ. އެކަލަނާގެ އަމިއްލަ ޒާތުފުޅުގެ މައްޗަށް ހެކިވެވޮޑިގެން އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. شَهِدَ اللّهُ أَنَّهُ لاَ إِلَهَ إِلاَّ هُوَ وَالْمَلاَئِكَةُ وَأُوْلُواْ الْعِلْمِ قَآئِمَاً بِالْقِسْطِ لاَ إِلَهَ إِلاَّ هُوَ الْعَزِيزُ الْحَكِيمُ (آل عمران: 18) މާނައީ: "ހަމަކަށަވަރުން ﷲ ސުބްޙާނަހޫ ވަތަޢާލާ، އެކަލާނގެ މެނުވީ އަޅުކަންކުރުން ޙައްޤުވެގެންވާ އެހެން އިލާހަކު ނުވާކަމަށް ހެކިވެވޮޑިގެންފިއެވެ. އަދި މަލާއިކަތުންނާއި، ޢިލްމުގެ އަހުލުވެރިންވެސް، އެކަމަށް ހެކިވެވަޑައިގެންފިއެވެ. (އެކަލާނގެ ހެއްދެވި ތަކެތި ތަދުބީރު ކުރެއްވުމުގައި) ޢަދުލުވެރިކަމާއިގެން އެކަލާނގެ ޤާއިމުވެވޮޑިގެންވެއެވެ. އެކަލާނގެ މެނުވީ ޙައްޤު ގޮތުގައި އަޅުކަންވެވޭ އިލާހަކުނުވެއެވެ. (އެކަލާނގެއީ) ޢަޒީޒުވަންތަ ޙަކީމުވަންތަ ރަސްކަލާނގެއެވެ."

Read more...