22 June 2020

ޒިނޭ އަށް މަގުފަހިވާ ސަބަބުތައް (ތިންވަނަ ބައި) : ޙިޖާބުވުމުގައި ފަރުވާކުޑަކުރުން

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
ޙިޖާބުވުމުގައި ފަރުވާކުޑަކުރުން: އިސްލާމީ ޝަރުޢީ ޙިޖާބަކީ ޒިނޭއިން މީހާ ރައްކާތެރިކޮށްދޭ އައްޑަނައެކެވެ. އެހެނީ ޝަރުޢީ ޙިޖާބަކީ ޒިނޭއަށް މަގުފަހިކުރާ ލޯތަކުގެ ޚިޔާނާތްތެރި ވިހަބެލުންތަކުން ޢައުރަ ފޮރުވާ ރައްކާތެރިކޮށްދޭ އައްޑަނައެވެ. 

ބައެއް މީހުން ހީކުރަނީ ޙިޖާބަކީ ބޮލުގައި އޮޅާލާ ފޮތިކޮޅެއް ކަމަށެވެ. ބުރުގާ އަޅާފައި ތިބޭ ވަރަށް ގިނަ މީހުން، އެ އަޅާ ބުރުގާއަކީ އެއްވެސް ޙާލެއްގައި ޙިޖާބަށް ފުދޭ އެއްޗެއް ނޫނެވެ. އަދި ކިޔެއް، އެއީ ޙިޖާބުގެ މަޤްޞަދުވެސް ޙާޞިލްވާ އެއްޗެއް ނޫނެވެ. އެ އެޅުމުގެ ސަބަބުން އެމީހުންނަށް އެއްވެސް ޘަވާބެއްވެސް ލިބޭ އެއްޗެއް ނޫނެވެ. އަދި ކިޔެއް، އެއީ އިސްލާމީ ޙިޖާބަށް ކުރެވޭ ފުރައްސާރައެކެވެ. އެއީ މުނާފިޤުންގެ ޙިޖާބެވެ. ހެދުން ލައިގެން އޮރިޔާމުން ތިބޭ މީހުންނަށް އެހާބޮޑު ޢަޛާބެއް ލިބެނީ އެހެންވެއެވެ. 

 އިސްލާމީ ޙިޖާބަކަށް ޙިޖާބުވާނީ އޭގައި އަންނަނިވި ޝަރުޠުތައް ހަމަވެގެންނެވެ. 

ހ- ހަށިގަނޑު އެއްކޮށް ނިވާވާ ވަރުގެ ހެދުމަކަށްވުން 

ށ- ހަށިގަނޑުގެ ވަނާތައް ފެންނަގޮތަށް، ވަނާތައް ވަކިވާގޮތަށް ހުންނަ ތުނި ހެދުމަކަށް ނުވުން

 ނ- ހަށިގަނޑުގެ ވަނާތަކުގެ ބައްޓަން ފާޅުވާގޮތަށް ހުންނަ ބާރު ހެދުމަކަށް ނުވުން 

ރ- ޒީނަތްތެރިކުރެވި، މީހުންގެ ސަމާލުކަން ލިބޭގޮތަށް ޖަރީކޮށް، ވިދާ ބަބުޅާގޮތަށް ހުންނަ ހެދުމަކަށް ނުވުން 

ބ- ފިރިހެނުންލާ ހެދުމާއި ވައްތަރުނުވުމާއި، ކާފިރު ފާޖިރު ފާސިޤުން ނަކަލުކޮށް އެމީހުންގެ ފެޝަނަށް ތަބާވުމަށް ލާ ހެދުމަކަށް ނުވުން

ޅ- ދެއްކުންތެރިކަމާއި ބޮޑާކަން އެކުލެވިފައިވާ ހެދުމަކަށް ނުވުން. 

 އިސްލާމީ ޙިޖާބުން ޙިޖާބުވިކަމަށް ވާނީ މި ދެންނެވި ހުރިހާ ނުކުތާތަކަށް ރިޢާޔަތްކުރުމާއެކު ލެވޭ ހެދުމެވެ. މޭމަތި ފެންނަ ގޮތަށް އަޅާފައި ހުންނަ ބުރުގާއަކީ ޙިޖާބެއް ނޫނެވެ. ބުރުގާ އަޅައިގެން ސްކިނީ އަދި ޓައިޓު ލުމަކީ އެއީ ޙިޖާބުވުމެއް ނޫނެވެ. ބުރުގާ އަޅައިގެން، ޖީންސް އާ ޓޮޕްލާ ބެގީކޮށްފައިހުރުމަކީ އެއީ ޙިޖާބުވުމެއް ނޫނެވެ. ބުރުގާ އަޅައިގެން، ބުރުގާ މައްޗަށް ބޮޑުކުރަމުން ބޮޑުކުރަމުން ގޮސް ސިކުންގެ މީހަކު އަޅާފައި ހުންނަ ޓަރބަން އެއް ހެން ހުރުމަކީ އެއީވެސް ޙިޖާބުވުމެއް ނޫނެވެ. ބާރު އެއްޗިހި ލާފައި ބުރުގާ އެޅުމަކީވެސް ޙިޖާބުވުމެއް ނޫނެވެ. ކުރު އެއްޗިހި ލާފައި ބުރުގާ އެޅުމަކީވެސް ޙިޖާބުވުމެއް ނޫނެވެ. ބުރުގާ އަޅައިގެން ހިލޭ ފިރިހެނުންނާއެކު ފޮޓޯނަގާފައި، ބުރުގާ އަޅައިގެން ތިމާގެ ހަށިގަނޑުގެ ވަނާތައް އެހެންމީހުންނަށް ދެއްކުމަށްޓަކައި ފާޑު ފާޑުގެ ޕޯސްތަކަށް ހުއްޓި ފޮޓޯ ނަގާފައި، ބުރުގާ އަޅައިގެން މޭކަޕު ކޮށްގެން ސެލްފީ ނަގާފައި، ހިލޭ ފިރިހެނުންނަށް ތިމާގެ ރީތިކަން ދައްކަން، ހިލޭ ފިރިހެނުންގެ ލޯތަކަށް “ތިމާއާ ދިމާލަށް ބެލުމަށް” ދަޢުވަތުދީ އިންސްޓަރގްރާމް ފޭސްބުކްފަދަ މީޑިޔާގެ ވަޞީލަތްތަކުގައި އެފަދަ ފޮޓޯތައް ޕޯސްޓުކުރުމަކީ ޙިޖާބުގެ މާނަ އިނގޭ މީހަކު ކުރާނޭ ކަމެއް ނޫނެވެ. ބުރުގާއެއް އަޅާފައި ހުއްޓަކަސް އެއީ ޙިޖާބުވުމެއް ނޫނެވެ. ގެއިން ބޭރަށް ނުކުންނަ އިރު ހިލޭ ފިރިހެނުންނަށް ދެއްކުމަށްޓަކައި މޭކަޕުކޮށްގެން ނުކުތުމަކީ ބުރުގާ އަޅާފައި ހުރިކަމުގައިވިޔަސް އެއީ ޙިޖާބުވުމެއް ނޫނެވެ. ﴿وَلَا يُبْدِينَ زِينَتَهُنَّ﴾{النور: ٣١} މާނައީ: “އަދި އެކަނބަލުންގެ ޒީނަތްތެރިކަން ފާޅުނުކުރާހުށިކަމެވެ.” ގެއިން ބޭރަށް ނުކުންނައިރު ހިލޭ ފިރިހެނުންނަށް ވަސް ދުއްވުމަށްޓަކައި ސެންޓު ޖަހައިގެން ނުކުތުމަކީ އެއީ ބުރުގާ އަޅާފައި ނުކުތްކަމުގައި ވިޔަސް ޙިޖާބުވުމެއް ނޫނެވެ. ހިލޭ ފިރިހެނުންގެ ތެރެއަށް ނުކުންނައިރު، ތިމާގެ ހަށިގަނޑުގެ ވަނާތައް ބޮޑުކަމަށް ދެއްކުމަށްޓަކައި އެކިބާތަވުގެ އެއްޗެހި ބޭނުންކުރާނަމަ، އެ ނުކުންނައިރު ބުރުގާ އަޅާފައި ހުއްޓަސް އެއީ ޙިޖާބުވުމެއް ނޫނެވެ. ބޮލުގެ އިސްތަށިގަނޑުގެ ހުޅި ބޮޑުކުރުމަށްޓަކައި އެއަށް ފާޑުފާޑު އެއްޗެހި ލައްވާ އެބޮޑުކޮށް “ޖަމަލު ގޮންގަނޑު” ހަދާ މީހުންވެސް އުޅެއެވެ. 

މިފަދަ ގޮތް ގޮތަށް ޙިޖާބުވާއިރު މި ފަދަ ޙަދީޘްތަކާމެދު ވިސްނާ ފިކުރު ނުކުރަނީ ބާވައެވެ؟ އަބޫހުރައިރާ ރަޟިޔަﷲ ޢަންހުގެއަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލު ﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ހަދީޘްކުރެއްވިއެވެ. ((صِنْفَانِ مِنْ أَهْلِ النَّارِ لَمْ أَرَهُمَا: قَومٌ مَعَهُمْ سِيَاطٌ كَأَذْنَابِ البَقَرِ يَضْرِبُونَ بِهَا النَّاسَ، وَنِسَاءٌ كَاسِيَاتٌ عَارِيَاتٌ مَائِلاَتٌ مُمِيْلاَتٌ، رُءُوسُهُنَّ كَأَسْنِمَةِ الْبُخْتِ المَائِلَةِ، لَا يَدْخُلْنَ الجَنَّةَ وَلَا يَجِدْنَ رِيْحَهَا، وَإِنَّ رِيْحَهَا لَيُوجَدُ مِنْ مَسِيْرَةِ كَذَا وَكَذَا)) {رَوَاهُ مُسْلِمٌ} މާނައީ: “ނަރަކަ ވަންތަވެރިންގެ ތެރެއިން ދެ ބާވަތެއްގެ ބަޔަކު ވެއެވެ. ތިމަންކަލޭގެފާނު އެ ދެބާވަތުގެ މީހުން ނުދެކެމެވެ. އެއްބަޔަކީ ގެރީގެ ނިގޫތަކެއްފަދަ ޗާބޫކު ތަކެއް އެބައިމީހުންނާ އެކުގައިވާ ބައެކެވެ. އެބައިމީހުން އެއިން މީސްތަކުންގެ ގައިގައި ތަޅާ ހަދާނެއެވެ. އަދި އަނެއް ބަޔަކީ ފޭރާންލައިގެން އޮރިޔާމުން ތިބޭ އަންހެނުން ތަކެކެވެ. އަދި އެކަނބަލުން މީސްތަކުންގެ މައްޗަށް ލެނބިގެން ތިބޭޙާލު އެހެން މީހުން އެކަނބަލުންގެ މައްޗަށް ލެންބުމަށް މަސައްކަތް ކުރާނެއެވެ. އެކަނބަލުންގެ ބޮލުގެ އިސްތަށިގަނޑުވަނީ ލެނބިފައިވާ ޖަމަލުގެ ގޮންގަނޑުތައް ފަދައިންނެވެ. އެކަނބަލުންނަކީ ސުވަރުގެ ވަންނާނޭ ބައެއް ނޫނެވެ. އަދި ކީއްހެއްޔެވެ. އެކަނބަލުންނީ ސުވަރުގޭގެ ވަސްވެސް ދެކޭނޭ ބައެއް ނޫނެވެ. ހަމަކަށަވަރުން އެވެނި މިވެނި ދުރުމިނަކަށް ސުވަރުގޭގެ މީރުވަސް ހުންނާނެއެވެ.” 

މިއުޒިކަލީ، އިންސްޓަރގްރާމް ފަދަ ސޯޝަލް މީޑިޔާ ނެޓްވޯރކްތަކުގައި ހިލޭ ފިރިހެނުންނަށް ފެންނަގޮތަށް އަދި ހިލޭ ފިރިހެނުންނާ ގުޅިގެން، މުޅި ދުނިޔެއަށް ފެންނަ ގޮތަށް، ނަށާ ލަވަކިޔާ ތިމާގެ ހަށިގަނޑުގެ ވަނާތައް ހާމަކޮށް، ތިމާގެ ޢައުރަ ކަޝްފުކޮށް ހެދުމަކީ، ބުރުގާއޭ ކިޔާ އެއްޗެއް އަޅައިގެން ހުރި ކަމުގައިވިޔަސް، ތިމާގެ ކިބައިގައި ލަދުވެތިކަމުގެ ކަންފުޅެއްވެސް ނެތްކަމުގެ ހެއްކެކެވެ. އަދި އެއީ ޙިޖާބުވުމެއްވެސް ނޫނެވެ. އެއީ ޝައިޠާނާގެ ޙިޖާބެވެ. ޝައިޠާނާގެ ޙިޖާބަކީ ކަޝްފުކުރުމެވެ. އަދި މިފަދަ ފޮޓޯތަކާއި ވީޑިޔޯތައް ހާމަކުރާ މީހުން، އެމީހުންނަށް ﷲ ތަޢާލާ ދެއްވާފައިވާ ހަށިގަނޑާއި އެމީހުންނަށް ﷲ ތަޢާލާ ރީތިކަމެއް ދެއްވާފައިވާނަމަ އެ ރީތިކަން އެ ބޭނުންކުރަނީ އެ ރީތިކަން ދެއްވި ފަރާތަށް އުރެދުމަށެވެ. އެމީހުންގެ ހަށިގަނޑަކީ ހިލޭ ފިރިހެނުންނަށް ނީލަން ކިޔަން ދެއްވާފައިވާ އެއްޗެއް ނޫނެވެ. އެއީ އަމާނާތެކެވެ. ފޮރުވާ އެއަށް ރައްކާތެރިވާންޖެހޭ އެއްޗެކެވެ. މިޒަމާނަކީ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ޒަމާނަކަށް ވުމާއެކު، އަންހެން ކުއްޖާ އެންމެ ހިލޭ ފިރިހެނެއްގެ ކުރިމަތީގައި އޭނާގެ ޢައުރަ ދެއްކުމާއި، މިފަދަ އިމެއްނެތް މީޑިޔާއަށް އޭނާގެ ޢައުރަ ދެއްކުމާއި ހާސްބައި ތަފާތެވެ. މި ދެކަމަކީވެސް ޙަރާމް ކަމެއް ކަމުގައިވިޔަސް މެއެވެ. އެފަދަ ނެޓްވޯރކްތަކުގައި ޕޮސްޓުކުރާ ފޮޓޯ އާއި ވީޑިޔޯއަކީ އެ ޕޯސްޓު ކުރުމަށްފަހު ކިތަންމެ ވަރަށް އެ ޑިލީޓްކުރަން އުޅުނު ކަމުގައިވިޔަސް ޙަޤީޤަތުގައި ޑިލީޓްވާ އެއްޗެއް ނޫނެވެ. އެއީ ދުނިޔޭގެ އެކި ޤައުމުތަކަށް ކަނޑުތައް ހުރަސްކޮށް މަދު ސިކުންތުކޮޅެއްގެ ތެރޭގައި އެ ފެތުރިގެންދާއިރު، އެ “ސޭވް” ކުރާ ކޮންމެ މީހަކީ އޭގެ “މިލްކުވެރިޔަކަށް” ވީއެވެ. ދެން އެ މިލްކުވެރި ކުރާ ކޮންމެ މީހަކު އެމީހަކު ބޭނުންވަރަކަށް އެ ފަތުރަންވީއެވެ. އެތައް މިލިއަން މީހުންނަކަށް ފެންނާނެއެވެ. އަދި މިފަދަ ވީޑިޔޯތަކާއި ފޮޓޯތައް ހާމަކުރުމަކީ ތިމާއަށް ގިނަ ގުނަ “ލައިކު” ލިބި ގިނަ ގުނަ “ކޮމެންޓު” ލިބުނުކަމުގައި ވިޔަސް ތިމާއަށް މިލިޔަނުން “ފާފަ” ލިބުމަށް މެދުވެރިވާ ސަބަބަކަށް ވެދެއެވެ. އަދި މީގައިވާ އެންމެ ބޮޑު ހިތާމައަކީ ތިމާ މަރުވެ ދިޔުމަށްފަހުގައި ކަށްވަޅުގައި އޮންނައިރުވެސް މިފަދަ ދެމިގެންވާ ފާފަތަކުގެ ހިއްސާ ތިމާއަށް ލިބި ލިބި ޤިޔާމަތާ ހަމައަށް އޮންނަން ޖެހުމެވެ. އަދި މިފަދަ ވީޑިޔޯތަކާއި ފޮޓޯތަކަށް ބަލާ ކޮންމެ މީހަކު ބަލާ ހިނދު އެ ކުރަނީ ފާފައެކެވެ. ލޮލުގެ ޒިނޭއެވެ. އަދި އެ ފާފަ ކުރުވާ މީހާއަކީ އެ ފާފަކުރާ ހުރިހާ އެންމެންގެ ވިޒުރު އެމީހާ އުފުލަން ޖެހޭނެ މީހެކެވެ. އަދި މިފަދަ ފޮޓޯތަކާއި ވީޑިތޯތައް ބޭނުންކޮށްގެން ޖިންސީ އެދުން ފުއްދުން ފަދަ ޢަމަލުތައް ބަޔަކު ކުރާނަމަ އެފަދަ ވީޑިޔޯ އަދި ފޮޓޯ ޕޯސްޓު ކުރި މީހަކަށްވެސް އެ ފާފައިގެ ނިސްބަތެއްވެސް ލިބޭނެއެވެ. 

މިފަދަ ކަންކަން ކުރާ ގިނަ މީހުން މިފަދަ ކަންކަން ކުރަނީ ތިމާގެ ރީތިކަން މީހުންނަށް ދެއްކުމަށާއި ތިމާއަށް މީހުންގެ ތަރުޙީބު ހޯދުމަށާއި މީސްތަކުންގެ ތެރޭގައި މަޝްހޫރުވުމަށެވެ. މީސްތަކުންގެ ތެރޭގައި މަޝްހޫރު ވުމަށްޓަކައި، މީސްތަކުންގެ އަދި އޭނާގެ ރައްބު ދެއްވި ހަށިގަނޑާއި ރީތިކަން ބޭނުންކޮށްގެން، ﷲ އަށް އުރެދުމަކީ އަޅާކިޔުމުގެ ގޮތުން ބަލާއިރު ހާދަހާ ހަމަނުޖެހޭ ދެކަމެވެ. 

މިގޮތަށް ފަޟީޙަތްވެގަތުން ނުވަތަ އެކްސްޕޯސްވެ ގަތުމަކީ މިއީ ވަރަށް ފެޝަން ކަމެއްކަމަށް، ޒަމާނީ ގޮތެއްކަމަށް ދެކުނު ކަމުގައިވިޔަސް ޙަޤީޤަތުގައި އަންހެނާ ހިލޭ ފިރިހެނުންގެ ކުރިމަތީ ޒީނަތްތެރިކަން ފާޅުކޮށްގަތުމަކީ މިޒަމާނުގެ ގަޓު ގޮތެއް ނޫނެވެ. އެއީ އިހު ޒަމާނުގެ ކަޓު ގޮތެކެވެ. ޖާހިލިއްޔަ ޒަމާނުގެ ބޯދާ ގޮތެކެވެ. ﴿ وَلَا تَبَرَّجْنَ تَبَرُّجَ الْجَاهِلِيَّةِ الْأُولَىٰ ﴾ {الأحزاب:٣٣} މާނައީ: “އިހުގެ ޖާހިލީ ޒަމާނުގެ ޒީނަތުން ތިޔަކަނބަލުން ޒީނަތްތެރި ނުވާހުށިކަމެވެ” 

މިއީ އަޅުގަނޑުމެންގެ މުޖުތަމަޢަށް މިއަދު ކުރިމަތިވެފައިވާ ބޮޑުވެގެންވާ ވަބާއެކެވެ. މިފަދަ ގޮތަކަށް ދަރީން ފަޟީޙަތްވެގަތުމަކީ އެކުދިން ތަރުބިއްޔަތުކުރާ މައިންބަފައިން އެކަމާ ފާރަވެރިވެ ހުއްޓުވަން ޖެހޭ ކަމެކެވެ. މިފަދަ ގޮތަކަށް އަނބީން ޢަމަލު ކުރުމަކީ އެކަނބަލުންގެ ފިރީން އެކަންހުއްޓުވަން ޖެހޭ ކަމެކެވެ. ކޮއްކޮއިންނާއި ދައްތައިން މިގޮތަށް ޢަމަލުކުރުމަކީ ބޭބެއިން އެމީހުންގެ ޣީރަތްތެރިކަން ހާމަކުރަން ޖެހޭ ކަމެކެވެ. ފިރިހެނުންގެ ކިބައިގައި ޣީރަތްތެރިކަމެއް ނެތުމަކީ އަންހެނުންގެ ކިބައިން ލަދުވެތިކަން ކެނޑިގެންދާ ސަބަބެވެ. ﴿يَا أَيُّهَا النَّبِيُّ قُل لِّأَزْوَاجِكَ وَبَنَاتِكَ وَنِسَاءِ الْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِن جَلَابِيبِهِنَّ ذَٰلِكَ أَدْنَىٰ أَن يُعْرَفْنَ فَلَا يُؤْذَيْنَ وَكَانَ اللَّـهُ غَفُورًا رَّحِيمًا﴾ {الأحزاب: ٥٩} މާނައީ: “އޭ ނަބިއްޔާއެވެ. ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި، ކަލޭގެފާނުގެ ދަރިދަރިކަނބަލުންނާއި، މުއުމިނުންގެ އަންހެނުން، އެކަނބަލުންގެ ފޭރާންތަކުން ނިވައިވެތިބުމަށް ތިބާ އެކަނބަލުންނަށް އަންގަވާށެވެ. އެކަނބަލުން އެނގިގެން ވުމަށާއި، އެކަނބަލުންނަށް އުނދަގޫ ނުލިބުމަށް އެގޮތް މާގާތްކަން ބޮޑެވެ. ﷲއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމުވަންތަ އިލާހުކަމުގައި ވޮޑިގެންވެއެވެ.” އަދިވެސް މުޖުތަމަޢުގައި ޢައުރަ ނިވާނުކޮށް އުޅޭ މީހުން ގިނައެވެ. މުޖުތަމަޢުގެ ކަމުވޮށިގެންވާ މަޤާމުތަކުގައިވެސް ޢައުރަ ނިވާނުކޮށް ތިބޭ އަންހެނުން ގިނައެވެ. ސަރުކާރުގެ ޕޮލިސީ މޭކިންގ ލެވެލްގައިވެސް މެއެވެ. ޕޮލިސީ މޭކިންގ ލެވެލްގައި މިފަދަ މީހުން ތިބުމުން، ހެދިގެން އަންނަ ޤަވާޢިދު ތަކާއި ޤާނޫނުތައްވެސް އަންނަނީ ﷲ ގެ ޤާނުނަށްވުރެ މަތީން މި “ސެކިއުލަރ” ފިކުރުގެ މީހުންގެ “ހުޅަނގުގެ ހާމަކަންބޮޑު” އެމީހުން ބުނާ “މިނިވަން ފިކުރާ” އެއްގޮތަށެވެ. އެމީހުން ދެކޭ ގޮތުގައި ޙިޖާބަކީ ޗޮއިސްއެކެވެ. އެމީހަކު ބޭނުންނަމަ ބުރުގާ އަޅަންވީއެވެ. ބޭނުން ނޫން ނަމަ ނާޅަންވީއެވެ. ޙަޤީޤަތުގައި ޙިޖާބަކީ މުސްލިމަކު އަންހެނަކަށް އޭގައި ޗޮއިސް އޮތް އެއްޗެއް ނޫނެވެ. 

ކީރިތި ޤުރުއާނުގައި ސާފު ޞަރީޙަ ޢިބާރާތުން އަންހެނުން ޙިޖާބުވުމަށް (ބުރުގާ އެޅުމަށް) ﷲ ތަޢާލާ ވަނީ ފަރުޟު ކުރައްވާ ވާޖިބުކުރައްވާފައެވެ. ﴿وَقُل لِّلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا وَلْيَضْرِبْنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّ﴾ [النور:31] މާނައީ: “އަދި މުއުމިނު އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި، އެކަނބަލުންގެ ފަރުޖުތައް ރައްކާތެރިކުރުމަށް ތިބާ އަންގަވާށެވެ. އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާ ވަރު ފިޔަވާ އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ. އަދި އެކަނބަލުންގެ ބުރުގާތައް އެކަނބަލުންގެ ކަރުވަޅުތަކުގައި އަޅާނިވާކުރާހުށިކަމެވެ.” އެހެންކަމުން އިސްލާމީ ޤައުމެއްގައި ޢައުރަ ނިވާނުކޮށް، ސްކޫލުތަކަށް ވަދެވިގެން ނުވާނެއެވެ. ޢައުރަ ނިވާނުކޮށް ސަރުކާރުގެ އޮފީސްތަކަށް ވަދެވިގެން ނުވާނެއެވެ. އަޅުގަނޑުމެން މި ދައްކަނީ އިސްލާމީ ޤައުމެއްގެ ވާހަކައެވެ. އިސްލާމީ ޤައުމެއްގައި ﷲ ގެ މި ޤާނޫނާ ޚިލާފަށް ހެދުން އެޅުމާ ބެހޭ އެއްވެސް ޤާނޫނެއް ޤަވާޢިދެއް ހެދިގެން ނުވާނެއެވެ. އަދި މީގައި އެންމެ ޢަޖާއިބުވާންޖެހޭ ކަމަކީ ދީނުގައި އޮންނަ ގޮތަށް ޙިޖާބުވެ އެންމެ ފުރިހަމަކޮށް ހެދުން އަޅާ މީހުންނަށް، ވަޒީފާ އަދާކުރުމާއި ކަންކަން މަޙްރޫމްކުރާތީއެވެ. 

މުޖުތަމަޢުގެ ކަންކަން ހުރީ ޢައުރަ ނިވާނުކުރާ މީހުންނަށް ހުރިހާ ޙައްޤުތަކެއް ލިބި ޢައުރަ ނިވާކުރާ މީހުން ޙައްޤުތައް ހޯދަން މަސައްކަތްކުރަންޖެހޭ ހިސާބުގައެވެ. ކުށަކީ ހަމައެކަނި ޢައުރަ ނިވާކުރުމެވެ. ޙިޖާބުވުމާއި ލަދުވެތިކަމަކީ ސީދާ ސީދާކޮށް ގުޅިފައިވާ ދެކަމެވެ. 

ޙިޖާބު ނުވެ ހުންނަ މީހަކު ތިމަންނާއަކީ ވަރަށް ބޮޑަށް ލަދުގަންނަ މީހެއް ކަމުގައި ބުންޏަސް ޙަޤީޤަތުގައި އޭނާއަކީ ލަދުވެތިކަމެއް ނެތް މީހެކެވެ. އަދި ލަދުވެތިކަމަކީ ސީދާ އީމާންކަމުގެ ބަޔެކެވެ. عَنْ عَبْدِ اللَّهِ بنِ عُمَر أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَرَّ عَلَى رَجُلٍ مِنْ الْأَنْصَارِ وَهُوَ يَعِظُ أَخَاهُ فِي الْحَيَاءِ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( دَعْهُ فَإِنَّ الْحَيَاءَ مِنْ الْإِيمَانِ ) .{ رواه البخاري ( 24 ) ومسلم ( 36 ) .} ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، އަންޞާރުންގެ ބޭކަލަކު އޭނާގެ އަޚާއަށް ލަދުވެތިކަމާ ބެހޭގޮތުން ނަޞީޙަތެއް ދޭން ހުއްޓާ، އޭނާގެ ކައިރިން ވަޑައިގަންނަވަމުން ޙަދީޘްކުރެއްވިއެވެ. “އޭނާ ދޫކޮށްލާށެވެ. ފަހެ ހަމަކަށަވަރުން ލަދުވެތިކަމަކީ އީމާންކަމުގެ ތެރެއިން ވާ ކަމެކެވެ.” ޙިޖާބުވީވަރަކަށް ލަދުވެތިކަން އިތުރުވެއެވެ. ލަދުވެތިކަން އިތުރުވީ ވަރަކަށް އީމާންތެރިކަން އިތުރުވެއެވެ. އޮރިޔާންވީވަރަކަށް ލަދުވެތިކަން ދަށްވެއެވެ. ލަދުވެތިކަން ދަށްވީ ވަރަކަށް އީމާންތެރިކަން ދަށްވެއެވެ. ލަދުވެތިކަމަކީ އެކަމުގެ ޖަޒާ އާޚިރަތުގެ އިތުރުން މި ދުނިޔެ މަތީގައިވެސް ލިބޭ ކަމަކެވެ. 

އަންހެނަކު ހިނގާފައި އައި ގޮތް ކީރިތި ޤުރުއާނުގައި ﷲ ތަޢާލާ ޞިފަކުރައްވާފައިވެއެވެ. ( فَجَاءَتْهُ إِحْدَاهُمَا تَمْشِي عَلَى اسْتِحْيَاءٍ قَالَتْ إِنَّ أَبِي يَدْعُوكَ لِيَجْزِيَكَ أَجْرَ مَا سَقَيْتَ لَنَا ) القصص/ 25 . “ފަހެ، އެ ދެ އަންހެނުންކުރެ އެކަކު ލަދުރަކިގޮތެއްގައި ހިނގާފައި އެކަލޭގެފާނުގެ އަރިހަށްއައިސް ދެންނެވިއެވެ. ހަމަކަށަވަރުން، ތިމަންގެ ބައްޕާ ކަލޭގެފާނަށް އެބަގޮވައިލައްވައެވެ. (އެއީ) ކަލޭގެފާނު ތިމަންމެންނަށް ފެން ދެއްވިކަމުގެ މައްޗަށް އުޖޫރައެއް ދެއްވުމަށްޓަކައެވެ.” އެކަމަނާގެ ލަދުވެތިކަމުގެ އިނާމަކީ ދުނިޔެ މަތީގައި ނަބީބޭކަލަކާ (ނަބީ ބޭކަލުންގެ ތެރެއިންވެސް އުލުލް ޢަޒުމްގެ ބޭކަލަކާ) ﷲ ތަޢާލާ ސީދާކޮށް ބަސްފުޅު ވަޙީކުރެއްވި ނަބިއްޔާއާ، ދުރު ބިމަކުން، އެކަމަނާ ހުންނެވި ބިމަށް އެ ނަބިއްޔާ ގެންދަވާ އެކަމަނާއާ ކައިވެނި ކުރެވުމެވެ. އަދި އެކަމުގެ ސަބަބުން އެކަމަނާގެ މުޅި ޙަޔާތް ބާއްޖަވެރިވެ، އާޚިރަތް ބާއްޖަވެރިވެގެން ދިޔުމެވެ. ލަދުވެތިކަމަކީ މިހާ ބޮޑެތި އިނާމު ލިބޭ ކަމެކެވެ. އަށް އަހަރު ދުވަހު ނުވަތަ ދިހަ އަހަރު ދުވަހު ނޯކިރީއެއްގެ ގޮތުގައި މަސައްކަތް ކުރަން އުޅުމަކީ ކައިވެންޏެއްގެ ރަނެއްގެ ގޮތުން ވަރަށް އަގު ބޮޑު ރަނެކެވެ. މޫސާ ޢަލައިހިއްސަލާމު މި އަންހެން ކުއްޖާއަށްޓަކައި މިހާ އަގުބޮޑު ރަނަކަށް އެއްބަސްވެ ވަޑައިގެންނެވީ މި އަންހެން ކުއްޖާގެ ގައިގައި ކޮން ޞިފައެއް ހުރެގެންތޯ ޢިލްމުވެރީން މިކަމާ ބެހޭގޮތުން ކީރިތި ޤުރުއާނުގައި މި ވާހަކާގައި އައިސްފައިވާ އާޔަތްތަކަށް ވިސްނާ ފިކުރު ކުރިއެވެ. އެބޭކަލުންނަށް ފެންނަން އޮތްހާވެސް ކަމަކީ އެކުއްޖާގެ ޢިއްފަތެރިކަމާއި (ބަކަރިތަކަށް ފެން ދިނުމުގައިވެސް، ފިރިހެނުން ފެން ދީ ނިމެންދެން، ހިލޭ ފިރިހެނުންނާ މައްސުނިނުވާން ދުރުގައި ހުރި ހުރުމާއި) ލަދުވެތިކަމެވެ. ލަދުވެތިކަމަކީ ހާދަހާވާ އަގުބޮޑު ކޮލެޓީއެކެވެ. 

އަންހެން ދަރިފުޅު އަޅާ ހެދުން، އޭނާ ތަރުބިއްޔަތު ކުރި މައިންބަފައިންގެ އޭނާއަށް ދިން ތަރުބިއްޔަތު އަންގައިދެއެވެ. އަނބިމީހާ އަޅާ ހެދުން، ފިރިމީހާގެ ފިރިހެން ވަންތަކަން ދައްކައިދެއެވެ. އަންހެން ކޮއްކޮއިންނާއި އަންހެން ދައްތައިން އަޅާހެދުން އެކުދީންގެ ބޭބެމެންގެ ޣީރަތްތެރިކަމަށް ދަލާލަތުކޮށްދެއެވެ. 

މަރްޔަމް ޢަލައިހައްސަލާމްގެ ދަރިކަލުން ޢީސާ ޢަލައިހިއްސަލާމް އައިގެން ރައްކާވުމުން ޤައުމުގެ މީހުން އެކަމާނާގެ ބޮލުގައި ޒިނޭގެ ތުހުމަތު އެޅުވިއެވެ. އަދި އެމީހުން ބުންޏެވެ. (مَا كَانَ أَبُوكِ امْرَأَ سَوْءٍ وَمَا كَانَتْ أُمُّكِ بَغِيًّا ) مريم 28- “ކަމަނާގެ ބައްޕާއަކީ، ނުބައިމީހެއްކަމުގައި ނުވެއެވެ. އަދި ކަމަނާގެ މަންމާއަކީ، ކަސްބީއަކު ކަމުގައިވެސް ނުމެވޭމެއެވެ.” މަރްޔަމް ޢަލައިހައްސަލާމް އަށް ތަރުބިއްޔަތުކުރި މީހުން ދީފަހުރި ތަރުބިއްޔަތަކީ އެއީ މަރްޔަމް ޢަލައިހައްސަލާމް އެ “ކުރި(ކަމަށް އެމީހުން ދެކުނު)” ޢަމަލާ އެކަށީގެންވާ ކަމެއް ނޫނެވެ. 

މަންމަ ޢައުރަ ނިވާކޮށްފައި، ދަރިފުޅު ޢައުރަ ނިވާނުކޮށް ހުރުމަކީ ހަމަ ރަނގަޅު ތަރުބިއްޔަތު ހެއްޔެވެ؟ ތިމާ ކިތަންމެ ވަރަކަށް ބޮޑާވެ ކިބުރު ވެރިވެ، ޙިޖާބުވުމަށް ﷲ އެންގެވި ބަސްފުޅުތަކަށް ގޮންޖަހާފައި ޙިޖާބު ނުވާން ހުރި ކަމުގައިވިޔަސް، މަރުވުމުން ޙިޖާބުކުރުވައިގެން މެނުވީ ﷲ ގެ ޙަޟްރަތަށް ނުގެންދެވޭނެއެވެ. އަދި މި ދުނިޔެމަތީގައި މީސްތަކުންނަށް ދައްކާ މޭކަޕު ކުރި ހަށިގަނޑު ހަމަ އެންމެ ފަހުން ވެގެންދާނީ ވެއްޔަށެވެ. 

ޙިޖާބާއި ލަދުވެތިކަމާއި ނިވައިވުމާއި އޮރިޔާންވުމާއި މިކަންކަމަށް ތަފްޞީލްކޮށް ބަލާލަން މިޖެހުނީ ޙަޤީޤަތުގައި މިހުރިހާ ކަމަކީ ޒިނޭއަށް މަގުފަހިކުރުމުގައި އިބިލީސް ބޭނުންކުރާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅުތަކަކަށްވާތީއާއި، ޒިނޭކުރުން މިހާބޮޑަށް ފެތުރިފައި އޮތުމުގައި ޙިޖާބު ވާންވީގޮތަށް ނުވުމާއި ލަދުވެތިކަން ނެތުމާއި، ޢައުރަ ކަޝްފުކުރުމާއި، މިކަންކަމާމެދު މުޖުތަމަޢު ކަންފަސޭހަކޮށްލާފައި އޮތް އޮތުން ސަމާލުކަމަށްގެނެސް، ޢިއްފަތްތެރި، އަބުރުވެރި ލަދުވެތި އަންހެންދަރީންތަކެއް އުޅޭ މުޖުތަމަޢަކަށް އަޅުގަނޑުމެންގެ މުޖުތަމަޢު ހަދައި، ޒިނޭފަދަ ފާޙިޝް ފާފަތަކުން މުޖުތަމަޢު ސަލާމަތްކުރެވޭނީ މިފަދަ ކަންކަމަށް އެންމެން ސަމާލުވެ ރައްކާތެރިވެގެން ކަމުގައިވާތީއެވެ. (ނުނިމޭ)

Blog Widget by LinkWithin

No comments:

Post a Comment