24 June 2020

ފިރިހެނުން ބޮލުގެ އިސްތަށިގަނޑު ދިގުކުރުން

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
ސުވާލު: އަޅުގަނޑުގެ ފިރިމީހާ އަޅުގަނޑު ގާތުގައި އޭނާގެ ބޮލުގެ އިސްތަށިގަނޑު ގަތާދިނުމަށް އެދުނެވެ. އިސްލާމްދީނުގައި މިކަމުގައި ޙުކުމަކީ ކޮބައިތޯ އޭނާ އާ އަޅުގަނޑު ސުވާލުކުރީމެވެ. ބޮލުގެއިސްތަށިގަނޑު ގެތުމާ ބެހޭގޮތުން ބައެއް ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތް އޭނާ ކިޔައިދިނެވެ. މިއީ ރަނގަޅު ވާހަކައެއް ހެއްޔެވެ؟ އަހަރެން މި ސުވާލު މިކުރަނީ އެވާހަކަ ޤަބޫލު ނުކުރާތީއެއް ނޫނެވެ. މިކަމުގައި ހުރި އެހެން ރައުޔުތަކަކީ ކޮބައިތޯ ބަލާށެވެ. އަދި މިއީ އަހަރެންނަށް ވަރަށް އާދަޔާ ޚިލާފު ކަމަކަށް ވާތީއެވެ.

ޖަވާބު:
الحمد لله ބޮލުގެ އިސްތަށިގަނޑު ދިގުކުރުމަކީ ސުންނަތުގެ ތެރެއިންވާ ކަމެއް ނޫނެވެ. އެއީ އާދަކާދައިގެ ތެރެއިން ހިމެނޭ ކަމެކެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބޮލުގެ އިސްތަށިގަނޑު ދިގުކުރެއްވިއެވެ. އަދި ބޮލުގެ އިސްތަށިގަނޑު ބޭލުއްވިއެވެ. އަދި އެ ދިގުކުރުން އެއީ ޘަވާބުލިބޭ ކަމެއްކަމުގައި ބަޔާންނުކުރައްވައެވެ. އަދި އެ ބޭލުންވެސް އެއީ ފާފައެއް ކަމުގައި ނުލައްވައެވެ. އެކަމަކު އިސްތަށިގަނޑު ބަހައްޓާމީހާ އެ އިސްތަށިގަނޑަށް ކަމޭހިތުމަށް އަމުރުކުރެއްވިއެވެ.

އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ((مَنْ كَانَ لَهُ شَعْرٌ فَلْيُكْرِمْهُ)) [رواه أبو داود (4163) وحسَّنه الحافظ ابن حجر في “فتح الباري” (10/368)] “އެމީހަކަށް އިސްތަށިގަނޑެއްވާ މީހާ ފަހެ އެ އިސްތަށިގަނޑަށް ކަމޭހިތާހުށިކަމެވެ. (އޭގެ މާނައަކީ ސާފުކޮށް ތެޔޮލައި ފުނާއަޅާ ހެދުމެވެ.)” 

ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. ((كُنْتُ أُرَجِّلُ رَأسَ رَسُولِ اللهِ صَلَّى اللُه عَلَيْهِ وَسَلَّمَ وَأَنَا حَائِضٌ)). [رواه البخاري (291)]. “އަހަރެން، ޙައިޟުވެރިވެގެންވާ ޙާލަތުގައިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އިސްތަށިފުޅުގައި ފުނާއަޅާދިނީމެވެ.” ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އިސްތަށިގަނޑު ކަންފަތުގެ ފޫޅާހަމައަށް ނުވަތަ ކަންފަތާ ކޮނޑާ ދެމެދާ ހަމައަށް ނުވަތަ ކޮނޑާ ހަމައަށް ދިގުކުރެއްވިއެވެ. އިސްތަށިގަނޑު ދިގުވެގެންދާހިނދު އިސްތަށިގަނޑު 4 ބަޔަށްވާގޮތަށް ގަތާލައްވައެވެ. 

އަނަސް ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ((كَانَ يَضْرِبُ شَعْرُهُ مَنْكِبَيْهِ)). [رواه البخاري (5563) ومسلم (2338)] “ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އިސްތަށިގަނޑު އެކަލޭގެފާނުގެ ކޮނޑުފުޅާ ހަމައަށް ފޯރައެވެ.” އަދިވެސް އަނަސް ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާ ވެގެންވެއެވެ. ((كَانَ شَعْرُ رَسُولِ اللهِ صَلَّى اللُه عَلَيْهِ وَسَلَّمَ بَيْنَ أُذْنَيْهِ وَعَاتِقِهِ)). [رواه البخاري (5565) ومسلم (2338)]. “ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އިސްތަށިގަނޑު އެކަލޭގެފާނުގެ ދެކަންފަތްޕުޅާއި އެކަލޭގެފާނުގެ ކޮނޑުފުޅާ ދެމެދާ ހަމައަށް ފޯރައެވެ.” މުސްލިމްގެ ރިވާޔަތުގައި ވެއެވެ. ((كَانَ شَعْرُ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ إِلَى أَنْصَافِ أُذْنَيْهِ)). “ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އިސްތަށިގަނޑު އެކަލޭގެފާނުގެ ދެކަންފަތްޕުޅުގެ މެދާ ހަމައަށް ފޯރައެވެ.” ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. ((كَانَ شَعْرُ رَسُولِ اللهِ صَلَّى اللُه عَلَيْهِ وَسَلَّمَ فَوْقَ الْوَفْرَةِ وَدُونَ الْـجُمَّةِ)). [رواه الترمذي (1755) وأبو داود (4187) وصححه الألباني في “صحيح الترمذي”]. “ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އިސްތަށިގަނޑު އެކަލޭގެފާނުގެ ކަންފަތުފޫޅަށް ވުރެ ތިރިއަށް އަދި ކޮނޑަށްވުރެ މައްޗަށް ފޯރާފައި ހުރެއެވެ.” އުންމު ހާނީ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. ((قَدِمَ رَسُولُ اللهِ صَلَّى اللُه عَلَيْهِ وَسَلَّمَ مَكَّةَ وَلَهُ أَرْبَعُ غَدَائِرَ)). [رواه الترمذي (1781) وأبو داود (4191) وابن ماجه (3631) . والحديث : حسَّنه ابن حجر في “فتح الباري” ، وصححه الألباني في “مختصر الشمائل” (23)] “ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މައްކާއަށް ވަދެވަޑައިގެންނެވި އިރު އެކަލޭގެފާނުގެ ބޮލުގައި 4 ބަޔަށްވާގޮތަށް އިސްތަށިގަތާފައި ވެއެވެ.” 

އިބްނު ޙަޖަރު ރަޙިމަހުﷲ ވިދާޅުވިއެވެ. “ޙަދީޘުން ދަލާލަތުކުރާގޮތުގައި ޢާއްމުގޮތެއްގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ އިސްތަށިގަނޑު ބެހެއްޓެވީ އެކަލޭގެފާނުގެ ކޮނޑުފާ ހަމައަށެވެ. އަދި ބައެއް ޙާލަތްތަކުގައި އެކަލޭގެފާނު ބޮލުގެ އިސްތަށިގަނޑު އެއަށްވުރެ ދިގުކުރައްވައެވެ. އެގޮތުން އިސްތަށިގަނޑު ގަތުއްވާ ހައްދަވައެވެ. މަތީގައިވާ އުންމު ހާނީގެ ޙަދީޘްގައި ވާފަދައިންނެވެ. އެއީ ބައެއް ފަހަރުއެވެ. އެކަލޭގެފާނު ކަންކަމާ މަޝްޣޫލުވުމުގެ ސަބަބުން މިސާލަކަށް ދަތުރުކުރުމުގައި މަޝްޣޫލުވުމުގެ ސަބަބުން އެކަލޭގެފާނުގެ އިސްތަށިގަނޑު ކުރު ކުރައްވަން ގިނަ ވަގުތު ނަންގަވަނީއެވެ.” [“فتح الباري” (10/360)] 

 މިކަމަކީ (ބޮލުގެ އިސްތަށިގަނޑު ދިގުކުރުމަކީ) އެ ޒަމާނުގެ އާދަކާދައިގެ ތެރެއިން ހިމެނޭ އަދި އެ މުޖުތަމަޢުގައި ޤަބޫލުކުރެވޭ ކަމެކެވެ. އާދަ ކާދައާއި ޘަޤާފަތަކީ ތަފާތު އެއްޗެކެވެ. ބޮލުގެ އިސްތަށިގަނޑު ދިގުނުކުރާ ތަނެއްގައި އުޅޭ މުސްލިމަކަށް އެކަން ކުރުމުގެ ސަބަބުން ދިރިއުޅޭ މުޖުތަމަޢުގެ އާދަކާދަޔާ ޚިލާފުވާނަމަ އަދި ބޮލުގެ އިސްތަށިގަނޑު ދިގުކުރާ މީހާއަކީ އަޚްލާޤީގޮތުން ދަށްފެންވަރުގެ މީހުންނާ އެއްގޮތްވުމަށް އިސްތަށިގަނޑު ދިގުކުރާ މީހެއްކަމަށް މުޖުތަމަޢުދެކޭ ޙާލަތުގައި އިސްތަށިގަނޑު ދިގުކޮށްގެން ނުވާނެއެވެ. 

 އައްޝައިޚް މުޙައްމަދު ބިން ޞާލިޙް އަލް އުޘައިމީން ރަޙިމަހުﷲ ވިދާޅުވިއެވެ. “ބޮލުގެ އިސްތަށިގަނޑު ދިގުކުރުމަކީ މައްސަލައެއް ނޫނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ އިސްތަށިގަނޑު ބައެއްފަހަރު ކޮނޑާހަމައަށް ދިގުކުރެއްވިއެވެ. އެކަމުގެ އަޞްލަކީ ހުއްދަކަމެއް ކަމުގައިވިޔަސް އެކަން ބިނާވެފައިވަނީ އާދަކާދައިގެ މައްޗަށެވެ. އާދަކާދާގައި ބޮލުގެ އިސްތަށިގަނޑު ދިގުކުރަނީ އަޚްލާޤީގޮތުން ދަށްފެންވަރުގެ ބަޔަކު ނަމަ މުރުވަތްތެރިކަން ހުރި ރަނގަޅު މީހުން އެމީހުންގެ އިސްތަށިގަނޑު ދިރުކުރުމެއް ނެތެވެ. އެއީ އާދަކާދާގައި އެގޮތަށް ޤަބޫލުކުރާތީއެވެ. އެހެންކަމުން ފިރިހެނުން ބޮލުގެ އިސްތަށިގަނޑު ދިގުކުރުން ބިނާވެފައި އޮންނަނީ އެތަނެއްގެ އާދަކާދައިގެ މައްޗަށެވެ. އާދަކާދައިގައި ހުރިހާ އެންމެންނަކީ ވެސް ބޮލުގެ އިސްތަށިގަނޑު ދިގުކޮށްގެން އުޅޭ ބަޔަކުނަމަ ބޮލުގެ އިސްތަށިގަނޑު ދިގުކުރާނީއެވެ. މުޖުތަމަޢުގައި އެކަންކުރަނީ ހަމައެއް ލަމައެއް ނެތް އަޚްލާޤެއްނެތް ބައެއްނަމަ އަބުރުވެރި ޝަރަފުވެރިން އެކަން ނުކުރާނީއެވެ. ބޮލުގެ އިސްތަށިގަނޑު ދިގުކުރުމަކީ ސުންނަތެކޭ އެއްވެސް މީހަކު ބުނެގެން ނުވާނެއެވެ. އެއީ އަހަރެމެންނަށް އެނގިފައިވާ ގޮތުގައި އެއީ އަޅުކަމުގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ. އަދި އެއީ އާދަކާދައާ ޘަޤާފަތަށް ދޫކޮށްލެވިފައިވާ ކަމެކެވެ.” [فتاوى نور على الدرب]. 

 ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ އިސްތަށިގަނޑު ހަތަރު ބަޔަށް ގެއްތެވިކަމަށް ތިބާގެ ފިރިމީހާ ތިބާގެ ކައިރީގައި އެބުނީ ރަނގަޅު ވާހަކައެކެވެ. އެކަމަކު އޭގެ މާނައަކީ އެއީ އިންސާނާއަށް އެކަންކުރުމުން ޘަވާބު ލިބޭ ސުންނަތެއްކަމުގައި އެކަން ވުމެއް ނޫނެވެ. އަދި ކިއެއް އެކަމުގައި ބަލާނީ މީސްތަކުން އާދަކާދައަށެވެ. ކުރީގެ އާދަކާދަ ތަކާ މިހާރުގެ އާދަކާދަތައް ވަރަށް ގިނަ ޤައުމުތަކުގައި ތަފާތުވެފައިވެއެވެ. 

 އިބްނު ޢަބްދިލް ބައްރު ރަޙިމަހުﷲ ވިދާޅުވިއެވެ. “މިޒަމާނަކަށް އައިސް ދިގު އިސްތަށިގަނޑު ހުންނަ ސިފައިންގެ މީހުންނޫނީ އެހެންމީހުން ބޮލުގެ އިސްތަށިގަނޑު ނުގަތައެވެ. ތަޤުވާވެރި ޞާލިޙު ޢިއްފަތްތެރި ޢިލްމުވެރިން މިކަމާ ދުރުވެފައިވެއެވެ. އަދި މިހާރަކަށް އައިސް އިސްތަށިގަނޑު ދިގުކުރުމަކީ މޮޔައިންގެ ސިފައަކަށް ވެފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. “ބަޔަކާ ވައްތަރުވެގެންފި މީހަކު ވަނީ އެބައެއްގެ ތެރެއިންނެވެ. ނުވަތަ މަޙްޝަރުކުރެވޭ ހުށީ އެބަޔަކާ އެކުގައެވެ.” މި ވައްތަރުވުމާ ބެހޭގޮތުން ބުނެވެއެވެ. އޭގެ މާނައަކީ އެމީހުންނާ ޢަމަލުގައި އެއްވައްތަރުވުމާއި އެމީހުންތިބޭ ގޮތާއި އެއްވައްތަރުވުމެވެ. މިވަރުން ތިބާއަށް ފުދެއެވެ. މި ޙަދީޘްގައި މި ބުވަނީ ތަޤްވާވެރި ޞާލިޙު މީހުންނަށް އެމީހުން ކުރާ ކަންކަމުގައި ތަބާވުމުގެ ވާހަކައެވެ. މިހާގެ އިސްތަށިގަނޑު ދިގުކުރުމަކީ ނުވަތަ ބޭލުމަކީ ޤިޔާމަތްދުވަހު އޭނާއަށް އެއްވެސް ފައިދާއެއް އެކަމުގެ ސަބަބުން ކުރާނެ ކަމެއް ނޫނެވެ. އެދުވަހުގައި ޖަޒާލިބޭނީ އޭނާގެ ނިޔަތަށާއި ޢަމަލަށެވެ. ބޯބާލާފައިވާ މީހަކު އެއީ ބޮލުގައި އިސްތަށިހުރި މީހަކަށްވުރެ ހެޔޮ މީހަކަށް ވެދާނެއެވެ. އަދި ބޮލުގައި އިސްތަށިހުރި މީހަކު ބޮލުގައި އިސްތަށި ނެތް މީހަކަށްވުރެ މާ ހެޔޮ މީހަކަށް ވެދާނެއެވެ.” “التمهيد “(6/80)]

 ޚުލާޞާއަކީ މިކަމުގައި ތަބާވާނީ އާދަކާދައާ ޘަޤާފަތަށެވެ. އެއީ މުސްލިމަކު އޭނާ އެހެނިހެން މީސްތަކުންގެ މަލާމާތްކުރުމާ ޣީބައަށް ހުށަހެޅިނުގަތުމަށެވެ. والله أعلم .

 މުތަރުޖިމުގެ ބަސް:
 ބައެއް މުހިއްމު ނުކުތާތައް
 1- އެއީ ސުންނަތެއް ނޫނެވެ. ސަބަބަކީ އެކަމަށް އަމުރު ކުރައްވާފައި ނުވުމެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެފަދައިން (އިސްތަށިފުޅު) ދިގު ކުރެއްވީ، އެ ޒަމާނުގައި މީސްތަކުން އެބައިމީހުންގެ ބޮލުގެ އިސްތަށިގަނޑު ދިގުކުރުމުގައިވާތީ އެވެ. އެގޮތުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ކުޑަކުއްޖަކު އެކުއްޖާގެ ބޮލުގެ ބައެއް ބާލަފައިވާތަން ދެކެވަޑައިގެން ޙަދީޘްކުރެއްވިއެވެ. “ބޯ ބާލާކަމުގައިވާނަމަ އެކީގައި ބޯ ބާލާށެވެ. ނުވަތަ އެކީގައި ބޯ ދޫކޮށްލާށެވެ.” މި ޙަދީޘުން ބޯ ބޭލުން ހުއްދަކަމަށްވެސް ދަލާލަތު ކުރެއެވެ.
 2- ބޮލުގެ އިސްތަށިގަނޑު ދިގުކުރުމުގައި ނުވަތަ ކުރުކުރުމުގައި ސުންނަތް ގޮތަކީ މުޖްތަމަޢުގެ އާދަކާދައަށް ތަބާވުމެވެ.
 3- ބޮލުގެ އިސްތަށިގަނޑު ދިގުކުރުން ހުއްދައެވެ. އެކަމަކު އަންނަނިވި ޝަރުޠުތަކަށް އެކަމުގައި ރިޢާޔަތްކުރަން ވާނެއެވެ.

ހ- މުޖްތަމަޢުގެ އާދަކާދަޔާ ޚިލާފު ނުވުން 
ށ- އިސްތަށިގަނޑު ސާފުތާހިރުކޮށް، ދޮވެ، ތެޔޮލައި ފުނާއަޅާ ބެލެހެއްޓުން
ނ- އަންހެނުންނާ ވައްތަރުނުވުން 
ރ- ޣައިރު މުސްލިމަކާ އެއްވައްތަރުވުމުގެ ނިޔަތުގައި އެކަން ނުކުރުން
ބ- މުޖްތަމަޢުގައި އިސްތަށިގަނޑު ދިގުކުރުމަކީ އަޚްލާޤީގޮތުން ދަށްފެންވަރުގެ މީހުން ކުރާ ކަމެއްކަމުގައި ނުވުން
ޅ- ފާސިޤުގެ އަހުލުވެރިން ނަކަލު ކުރުމަށްޓަކައި އެކަން ނުކުރުން މިސާލަކަށް ފިލްމު ކުޅޭ މީހުންނާއި ލަވަކިޔުންތެރިންނާއި މިފަދަ މީސްމީހުން ނަކަލު ކުރުމަށްޓަކައި އެކަން ނުކުރުން
ކ- ފެޝަނަކަށްވާތީ އެކަން ނުކުރުން މި ލިޔުމަކީ އިސްލާމްކިއުއޭ ވެބްސައިޓްގައިވާ މި ލިޔުމުގެ އަވަސް ތަރުޖަމާއެކެވެ. ލިޔުމުގެ ނިމޭތަނުގައި ބައެއް މުހިއްމު ނުކުތާތައް މުތަރުޖިމު ލިޔެފައިވާނެއެވެ.

Blog Widget by LinkWithin

No comments:

Post a Comment