21 February 2014

އިސްލާމްދީނުގައި ޙައްދެއް ޤާއިމުކުރަން ވެއްޖިއްޔާ މީހަކު ނުވަތަ ރައްޔިތުން ރުހޭތޯ ނުވަތަ ނޫންތޯ ބަލަންޖެހޭނެތޯ؟

އައްޝައިޚް އަބޫބަކްރު އިބްރާހިމް ޢަލީ ރަޙިމަހުﷲ

ޖަވާބު: މިސުވާލުގެ ޖަވާބު ފަސޭހައެވެ. މިސުވާލުގެ ޖަވާބަކީ އެންމެ ޙައްދެއްގައި ނޫނީ ރުހުން ހޯދާކަށް ނުޖެހޭނެއެވެ. އެއީ ހަމައެކަނި މަރަށް މަރުހިފުމުގައެވެ. މަރަށް މަރުހިފަން ވެއްޖެނަމަ މަރުވިމީހާގެ ވާރުތަވެރިޔާގެ ބަހެއް ހޯދަން ޖެހެއެވެ. އޭނާ މަޢާފުކޮށްފިއްޔާ ޤާތިލުގެ ބޯ ނުކަނޑައި ދޫކޮށްލެވިދާނެއެވެ. އެވާހަކަ ޤުރުއާނުންވެސް ސާބިތުވެއެވެ.
﴿فَمَنْ عُفِيَ لَهُ مِنْ أَخِيهِ شَيْءٌ فَاتِّبَاعٌ بِالْمَعْرُوفِ وَأَدَاءٌ إِلَيْهِ بِإِحْسَانٍ……﴾[البقرة:178]
އެބަހީ އެމީހެއްގެ އަޚުގެ ފަރާތުން މަޢާފު ލިބިއްޖެ މީހާ ދަންނައެވެ. ފަހެ އޭނާ ރަނގަޅުގޮތުގައި ތަބާވުން ހުއްޓެވެ. އެބަހީ މަރުވިމީހާގެ ވާރުތަވެރިޔާ ރަނގަޅުގޮތުގައި މަރުގެ ދިޔައަށް އެދޭ ހުށިކަމެވެ. އަދި ޤާތިލުގެ ފަރާތުން އިޙްސާންތެރިކަމާއެކު މަރުގެ ދިޔަ އަދާކުރުން ހުއްޓެވެ. މިއެވެ.

މި އާޔަތް ދަލީލުކުރާ ގޮތުގައި ޤަސްދުގައި މުއުމިނަކު މަރައިފިނަމަ މަރުވިމީހާގެ ވާރުތަވެރިންގެ ފަރާތުން މެރިމީހާއަށް ޢަފޫކޮށްފިނަމަ އޭނާގެ ބޯ ނުކަނޑައި ދޫކޮށްލެވިދާނެއެވެ. އަދި އެއީ ﷲ ދެއްވާފައިވާ ލުޔެއްކަންވެސް އެބަ އެނގެއެވެ. ނަމަވެސް ހަމަކޮންމެހެން ވާރުތަވެރިން އޭނާއަށް ޢަފޫކުރުން ވާޖިބުވެގެން ވަނީއެއްވެސް ނޫނެވެ. ޢަފޫކުރުން އޮންނާނީ އެމީހުން ޢަފޫކުރަންޏާއެވެ. އެއީ އެމީހުންގެ ކަމެކެވެ. ދެންފަހެ މީގެ އިތުރު އެހެން އެއްވެސް ޙައްދެއްގައި މީހެއްގެ ނުވަތަ ބައެއްގެ ރުހުން ހޯދަންޖެހޭނެކަން އެނގޭކަށް ނެތެވެ. ދީނުގެ ހަމަތަކުން ބަލައި ޙައްދު ވާޖިބުވެއްޖެނަމަ، އެކަން ހިންގައި ތަންފީޛުކުރުމަކީ ވަލިއްޔުލް އަމުރުގެ ނުވަތަ އެމަޤާމުގައި ހުރި މީހަކުގެ ވާޖިބެކެވެ. މަރަށް މަރުހިފުމުގައި ޤާޟީ ނިޔާ ކުރެއްވުމަށްފަހު ވަލިއްޔުލް އަމުރަށްވެސް އެކަމަށް މަޢާފެއް ނުދެވޭނެއެވެ. ކިތަންމެ މަތީ ރައީސަކަށްވެސް އަދި ރަސްކަލަކަށްވެސް އެއީ ހުއްދަވާނޭ ކަމެއް ނޫނެވެ. މަޢާފު ދެވޭނީ ކުރީންވެސް ދެންނެވިފަދައިން މަރާލެވުނު މީހާގެ ވާރުތަވެރިޔާއަށެވެ.

ދެންފަހެ ވަލިއްޔުލް އަމުރު އެފަދަކަމަކަމަކަށް މަޢާފު ދީފިނަމަ، އެއީ ﷲ ގެ ޙައްޤަކަށް އަރައިގަތުމެއްކަމުގައި މެނުވީ ނުވާނެއެވެ. އިސްލާމްދީނަކީ ހަމައެކަނި މަޢާފުކުރަން އެދޭ ދީނެއްކަމުގައި ބުނާއިރު ނަބިއްޔު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިގައި އެސިފަފުޅު ހަމަނެތީތޯއެވެ؟ މަޢާފުކުރެއްވުން ދީނުގައި އޮތްކަން އެކަލޭގެފާނަށް އެނގިވަޑައިނުގަންނަވަނީތޯއެވެ؟ ސުބްޙާނަﷲ އެވެ! ޙައްދު ޤާއިމުކުރެއްވުމުގައި އެކަލޭގެފާނުގެ ކަންތައް ހުރިވަރު ތިރީގައިމިވާ ޢިބާރާތްކޮޅު ކިޔާލީމާ އެނގޭނެއެވެ.

މިހެން މިދެންނެވީ ނަބިއްޔު ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޒަމާނުގައި މަޚްޒޫމު ވަންހައިގެން މަތީ އަންހެނަކު ވައްކަންކޮށްގެން އަތްކަނޑަން ދިމާވިހިނދުން އެކަމުގައި ނަބިއްޔު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އެންމެ ލޯބިފުޅުވާ އެއްބޭކަލަކު ކަމުގައިވާ އުސާމާ ބުނު ޒައިދު ޝަފާޢަތްތެރިވެވަޑައިގެންނެވުމަށް ޤަސްދުކުރެއްވުމުންވެސް ނަބިއްޔު ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމާ ކޯފާވެވަޑައިގެން ވިދާޅުވި ބަސްފުޅު އެއީ މަޝްހޫރުވެގެންވާ ބަސްފުޅެކެވެ.

(‏‏(أَتَشْفَعُ فِي حَدٍ مِنْ حُدُودِ اللهِ وَأَيمُ اللهِ، لَوْ أَنَّ فَاطِمَةَ بِنْتِ مُحَمَّدٍ سَرِقَتْ لَقَطَعْتُ يَدَهَا)‏‏) ‏‏[متفق عليه]‏‏ ‏.‏

މާނައީ: “ﷲ ގެ ޙައްދެއްގައި ކަލޭގެފާނު ޝަފާޢަތްތެރިވަނީތޯއެވެ؟ ﷲ ގަންދެއްވައި ވިދާޅުވަމެވެ. މުޙައްމަދުގެފާނުގެ ދަރިކަނބަލުން ފާޠިމަތުގެފާނު ވައްކަންކުރެއްވިނަމަވެސް ތިމަންކަލޭގެފާނު އެކަމަނާގެ އަތްޕުޅު ކަނޑުއްވާހުށީމެވެ.” މިއެވެ.

މިހެން މިކަން ހުރިއިރު ﷲ ގެ ޙައްދެއް ތަންފީޛުކުރާކަށް މީހެއްގެ ބައެއްގެ ރުހުން ހޯދާކަށް ނުޖެހޭނެއެވެ. އެ ޙައްދެއް އެ އެންގެވި ގޮތަކަށް ހިންގައި ތަންފީޛުކުރުމަކީ އެކަމުގެ މަސްއޫލުވެރި ފަރާތްތަކުން ކުރަންޖެހޭނެކަމެކެވެ. އަދި އެ ޙައްދެއްގެ އަދަބު އެހެން އަދަބަކަށް ބަދަލުކުރުމަކީވެސް ހުއްދަވާނޭ ކަމެއް ނޫނެވެ.

ބޭކަލުންނޭވެ! ﷲ ގެ ދީނާ ކުޅޭކަށް ނުވާނެއެވެ. މާދަމާ އާދެ! ޤިޔާމަތްދުވަސް ހަނދުމަފުޅުކުރައްވާށެވެ! އެއީ ނައިސްނުދާނެ ދުވަހެކެވެ. ތިމާގެ ހުރިހާ ޢަމަލަކަށް ތިމާ ޒިންމާވާން ޖެހޭނެއެވެ. ރިޝްވަތަކުން ނުޗަލާނެއެވެ. ތަނުގެ އަމުނު އަމާންކަމުގެ އަޞްލަކީ ﷲ ގެ ޙައްދުތައް ޤާއިމުކޮށް އެކަލާނގެ ޝަރީޢަތް ހިންގުމެވެ.

“ޤިޔާމަތް ދުވަހަކީ ދަރުބާރު ޢަދްލުގެ ހުޅުވެވޭ ދުވަހޭ،

ނިޔާ އަނިޔާ ބެލެވި ޙައްޤަށް ނިޔާ ކަނޑައެޅި ނިމޭ ދުވަހޭ”

وَصَلَّى اللهُ وَسَلَّمَ عَلَى مُحَمَّدٍ وَآلِهِ وَصَحْبِهِ أَجْمَعِيْنَ

Blog Widget by LinkWithin

No comments:

Post a Comment