20 February 2014

މަގު ފުރެދުން

އައްޝައިޚު އަބޫބަކުރު އިބްރާހީމް ޢަލީ – رحمه الله

الضّلالއަކީ (މަގުފުރެދުމަކީ) ސީދާ މަގުން އެއްފަރާތް ވުމެވެ. އެއީ ތެދުމަގުގެ އިދިކޮޅެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ.
﴿مَنِ اهْتَدَىٰ فَإِنَّمَا يَهْتَدِي لِنَفْسِهِ وَمَنْ ضَلَّ فَإِنَّمَا يَضِلُّ عَلَيْهَا ﴾[الإسراء :15]

މާނައީ “ތެދުމަގު ލިބިގަތް މީހާ އެމީހާ އެ ތެދުމަގު ލިބިގަންނަނީ އެމީހާގެ ނަފްސަށެވެ. އަދި މަގުފުރެދިއްޖެ މީހާ ފަހެ ހަމަކަށަވަރުން އޭނާ އެމަގުފުރައްދަނީ އޭނާގެ ނަފްސެވެ.” މިއެވެ.

1- އަދި ބައެއް ފަހަރު الضّلال މި ލަފުޒު ޔަޢުނީ (މަގުފުރެދުން) ކާފިރުކަމުގެ މައްޗަށް ކިޔައިފައިވެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿…وَمَنْ يَكْفُرْ بِاللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ وَالْيَوْمِ الْآخِرِ فَقَدْ ضَلَّ ضَلَالًا بَعِيدًا﴾ [النساء 136]

މާނައީ: “ﷲ އަށާއި އެކަލާނގެ މަލާއިކަތުންނަށާއި އެކަލާނގެ ފޮތްތަކަށާއި އެކަލާނގެ ރަސޫލު ބޭކަލުންނަށާއި އަދި ޢާޚިރަތް ދުވަހަށް ކާފިރުވެއްޖެމީހާ ހަމަކަށަވަރުން އެމީހާ ވަރަށް ދުރަށް މަގުފުރެދިއްޖެއެވެ.” މިއެވެ.

2- އަދި ބައެއް ފަހަރު އެ ލަފުޒު ޝިރުކަކަށް ކިޔާފައިވެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿ …وَمَن يُشْرِكْ بِاللَّهِ فَقَدْ ضَلَّ ضَلَالًا بَعِيدًا﴾ [النساء 116]

މާނައީ: “…އަދި ﷲ އާ ޝަރީކުކޮށްފި މީހާ (ދަންނައެވެ.) ހަމަކަށަވަރުން އެމީހާ ވަރަށް ދުރަށް މަގުފުރެދިއްޖެއެވެ.” މިއެވެ.

3- އަދި ބައެއްފަހަރު ކާފިރުކަމަށްވުރެ ދަށް އަދި ކާފިރުކަމަށް ނުވާ ދެކޮޅުވެރިކަމަށް ކިޔާފައިވެއެވެ. އެއީ މަގުފުރެދިފައިވާ ފިރުޤާތަކޭ ބުނާފަދައިންނެވެ. އެބަހީ އިސްލާމްދީނާ ޚިލާފު ފިރުޤާތަކެވެ.

4- އަދި ބައެއްފަހަރު އެ ލަފުޒު ‘ޚަޠައު’ ގެ(އެބަހީ: ކުށުގެ) މާނާގައި، ކުށުން ކުރެވޭ ކަންތަކުގެ މާނާގައި ކިޔައިފައިވެއެވެ. އޭގެ ތެރެއިން މޫސާ ޢަލައިހިއްސަލާމު ވިދާޅުވިކަމަށް ކީރިތި ޤުރުއާނުގައި ޛިކުރުކުރެވިގެންވާ މިބަސްފުޅުވެއެވެ.

﴿قَالَ فَعَلْتُهَا إِذًا وَأَنَا مِنَ الضَّالِّينَ ﴾ [الشعراء٢٠]

މާނައީ: “އެކަލޭގެފާނު ވިދާޅުވިއެވެ. އަހަރެން އެކަން ކުރީމެވެ. އެއީ އަހަރެންނަށް އޮޅުމަކުން (ކުށަކުން) ކުރެވުނު ކަމެކެވެ.” މިއެވެ.

5- އަދި ބައެއްފަހަރު އެލަފުޒު ހަނދާންނެތުމުގެ މާނާގައި ބޭނުންކުރެވެއެވެ. އޭގެ ތެރެއިން ﷲ ތަޢާލާގެ މިބަސްފުޅުވެއެވެ.

﴿…أَن تَضِلَّ إْحْدَاهُمَا فَتُذَكّرَ إِحْدَاهُمَا الأخرى…﴾ [البقرة 282]

މާނައީ: “…އެދެކަނބަލުން ކުރެ އެކަކު ހަނދާންނެތިދާނެއެވެ. ދެން އަނެއްމީހާ އެކަން ހަނދާންކޮށްދިނުމަށްޓަކައެވެ…” މިއެވެ.

6- އަދި ބައެއްފަހަރު ގެއްލުމުގެ މާނާގައި ނުވަތަ ޣައިބުވުމުގެ މާނާގައި އެލަފުޒު ކިޔާފައިވެއެވެ. މިސާލަކަށް ގެއްލިފައިވާ ޖަމަލު މިފަދަ ޢިބާރާތްވެސް ވަނީ ހަމަ އޭގެ ތެރެއިންނެވެ.

Blog Widget by LinkWithin

No comments:

Post a Comment