02 December 2013

ޢިބްރަތް ޙާޞިލުކުރަމާތޯއެވެ!

އައްޝައިޚް މުޙައްމަދު ޝަމްޢޫން

الْحَمْدُ لِلَّهِ رَبِّ الْعَالَمِيْنَ. وَالصَّلَاةُ وَالسَّلَامُ عَلَى أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِيْنَ. نَبِيِّنَا وَحَبِيْبِنَا وَقُدْوَتِنَا مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الِّدْينِ. أَمَّا بَعْدُ
ޢިމްރާން ބިން ޙިއްޠާނަކީ ޞަޙާބީންނާއި ބައްދަލުވުމުގެ ނިޢުމަތް ﷲތަޢާލާ ދެއްވި މީހުންގެ ތެރެއިން މީހެކެވެ. އޭނާ ވަނީ ޢާއިޝާ، އަބޫމޫސަލްޢަޝްޢަރީ އަދި އިބްނު ޢައްބާސް (رضي الله عنهم)ގެ ކިބައިން ރިވާކޮށްފައެވެ. އަދި އޭނާގެ ކިބައިން އިބްނު ސީރީން، ޤަތާދާ އަދި ޔަޙްޔާ ބިން އަބީކަޘީރު (رحمهم الله) ފަދަ މަޝްހޫރު ބޭކަލުންވަނީ ރިވާކުރައްވާފައެވެ. އަލްއިމާމުލް ބުޚާރީ ރަޙިމަހުﷲވެސް، އެކަލޭގެފާނުގެ ޞަޙީޙުގައި އޭނާގެ ކިބައިން ޙަދީޘްތަކެއް ރިވާކުރައްވާފައިވެއެވެ.


ނަމަވެސް، މިފަދަ މާތް މަތިވެރި ޝަރަފުތަކެއް ލިބިފައިވުމާއެކުވެސް، އޭނާވަނީ އަހްލުއްސުނަތުގެ ސާފުސީދާ ޢަޤީދާ ދޫކޮށް ޚަވާރިޖުންގެ ގޮތުގައި ހިފައި، އެމީހުންގެ ތެރެއިން ބޮޑަކަށް ވެފައެވެ. އިމާމް ޛަހަބީ ރަޙިމަހުﷲ އެކަލޭގެފާނުގެ މަޝްހޫރު ފޮތް، ސިޔަރު އަޢުލާމުއްނުބަލާގައި ލިޔުއްވާފައިވެއެވެ. ‘އިބްނު ސީރީން ރަޙިމަހުﷲ ވިދާޅުވިއެވެ. ޢިމްރާން ބިން ޙިއްޠާން، ޚަވާރިޖު އަންހެނަކާއި ކައިވެނި ކުރިއެވެ. އެއީ އޭނާ އަނބުރާ ސުންނަތަށް ގެނައުމަށްޓަކައެވެ. ނަމަވެސް އެއަންހެންމިހާގެ ވަސްވާހުގައިޖެހި ޚަވާރިޖު ފިކުރަށް ބަދަލުވީ ޢިމްރާން ބިން ޙިއްޠާނެވެ.’ މި ރިވާޔަތުން އަޅުގަނޑުމެންނަށް އެނގިގެންދަނީ ޢިމްރާން ބިން ޙިއްޠާން ޚަވާރިޖަކަށްވީ އަންހެނެއްގެ ވަސްވާހުގައި ޖެހިގެންކަމެވެ.
އާދެ، މިފަދަ ޢިބްރަތުން ފުރިގެންވާ ޙާދިޘާތަކާއި ވާހަކަތަކަކީ ހަމައެކަނި އަޅުގަނޑުމެންގެ މަޢުލޫމާތުގެ ޚަޒާނާ މުއްސަނދި ކުރާއެއްޗަކަށް ނަހަދައި، ފަނާވަނިވި މިދުނިޔޭގެ ޙަޔާތާއިގެން ކުރިއަށްދާނެގޮތްވެސް މިފަދަ ޙާދިޘާތަކުން އަޅުގަނޑުމެން ދަސްކުރަންޖެހެއެވެ.
އަންހެނުންނަކީ، ޝައިޠާނީ ގޮތްތަކަށް ފިރިހެނުން ލެންބުމުގައިވެސް އަދި ރަނގަޅުމަގަށް އެޅުވުމުގައިވެސް ވަރަށްބޮޑު ރޯލެއް އަދާކުރެވިދާނެ ބައެކެވެ. އެހެންކަމުން ޝައިޠާނާގެ އަޢުވާނުންތައްދަނީ އަންހެނުންގެ ބޭނުން މިކަމުގައި ވަރަށްބޮޑަށް ހިފަމުންނެވެ. އަންހެނުންގެ ޙައްޤު ހޯދައިދިނުމުގެ ނަމުގައި އެބައިމީހުންދަނީ އަންހެނުންތައް ނެރެ މުޖްތަމަޢުތައް ފަސާދަކުރަމުންނެވެ. އަންހެނުންގެ ޙައްޤުތައް ހޯދައިދޭން މަސައްކަތްކުރާ ބައެއްނަމަ، ވަކިބަޔަކު އިސްތިޘްނާކުރަންވީ ކީއްވެތޯއެވެ؟ މޫނުބުރުގާ އަޅައިގެން ތިބެން ބޭނުންވާ އުޚްތުންނަށް އެފުރުސަތު ހޯދައިދޭން މަސައްކަތްނުކުރަނީ ކީއްވެތޯއެވެ؟ އެއުޚްތުންނަށް ތަޢުލީމީދާއިރާގައި ކުރިއަށްދާނޭ ފުރުސަތުތަށް ތަނަވަސްކޮށްދޭން މަސައްކަތް ނުކުރަނީ ކީއްވެތޯއެވެ؟ މޫނުބުރުޤާ އެޅުމާއެކު އެއުޚްތުންތައް ފިރިހެނުންނަށް ބަދަލުވީތޯއެވެ؟ މިހުރިހާ ކަމަކުންވެސް އަޅުގަނޑުމެންނަށް އެނގި ބަޔާންވެގެންދަނީ، މިޝައިޠާނުންގެ މަޤުޞަދަކީ އަންހެނުންތައް ބަރަހަނާކޮށް މަގުމައްޗަށްނެރެ، ފިރިހެނުންތައް އެމީހުންގެ އަވައިގައި ޖައްސައި، ގިނަމީހުންނަކީ ﷲގެ ނިޢުމަތްތަކަށް ޝުކުރުވެރިނުވާ ނަރަކަވަންތަވެރީންގެ ތެރެއިން ބައެއްކަމުގައި ހެދުންކަމެވެ. ޝައިޠަނާވަނީ ﷲއަށް ތަޙައްދީކޮށް، އެއްގޮތުން ނުވެއްޖެއްޔާ އަނެއްގޮތުން މަސައްކަތްކޮށްގެންވެސް ގިނަމީހުންނަކީ އޭނާއާއެކު ނަރަކައަށްދާނެ ބައެއްކަމުގައި ހަދާނެކަމަށް ބުނެފައެވެ. ﷲ ވަޙީކުރައްވާފައިވެއެވެ. قَالَ فَبِمَا أَغْوَيْتَنِي لأقْعُدَنَّ لَهُمْ صِرَاطَكَ الْمُسْتَقِيمَ (١٦)ثُمَّ لآتِيَنَّهُمْ مِنْ بَيْنِ أَيْدِيهِمْ وَمِنْ خَلْفِهِمْ وَعَنْ أَيْمَانِهِمْ وَعَنْ شَمَائِلِهِمْ وَلا تَجِدُ أَكْثَرَهُمْ شَاكِرِينَ (١٧) “އެކަލޭގެ ދެންނެވިއެވެ. އިބައިލާހު ތިމަންނާ ތެދުމަގުން އެއްކިބާކުރެއްވި ފަދައިން، ހަމަކަށަވަރުން، އެބައިމީހުން އިބައިލާހުގެ ތެދުމަގަށް ވާޞިލުވުމަށް ހުރަސް އަޅާހުށިމެވެ. ދެން އެއުރެންގެ ކުރިމަތިންނާއި ފުރަގަހުންނާއި ކަނާތްފަރާތުންނާއި ވާތްފަރާތުން (ވަސްވާސްދިނުމަށް) އެބައިމީހުންގެ ގާތަށް ތިމަން އަންނަހުށީމެވެ. އަދި އޭގެތެރެއިން ގިނަމީހުންނަކީ ޝުކުރުކުރާ ބައެއްކަމުގައި އިބައިލާހު ދެކެވޮޑިނުގަންނަވާނެތެވެ.”
އެހެންކަމުން، ޝައިޠާނާއާއި އޭނާގެ އަޢުވާނުންނަށް އެހީތެރިވުމުގެބަދަލުގައި، ﷲގެ އަމުރުފުޅުތަކަށް ބޯލަބައި ކިޔަމަންތެރިކަން އަދާކުރުމާއެކު، ފިރީންނާއި މަޙުރަމުންނާއި އެހެނިހެން އުޚްތުންނަށް ﷲގެ ސީދާވެގެންވާމަގަށް ދަޢުވަތު ދިނުމުގައި، އެއިލާހުގެ ޙަޟްރަތުން ތައުފީޤާއި މަދަދަށް އެދޭހާލު، ލޮބުވެތި އުޚްތުން މަސައްކަތްކުރަން އެބަޖެހެއެވެ. ކޮންމެ އުޚްތެއްވެސް އެއުޚްތެއްގެ ފެންވަރުންނެވެ. ފިރީންނާއި ގާތްތިމާގެ މީހުންނަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކޮށް، އިސްލާމީ ރިވެތި އަޚުލާޤު އެބައިމީހުންނަށް ދައްކުވައިދީގެންނެވެ. ފޮތްތަކާއި ދަރުސްތައް އެހެނިހެން އުޚްތުންނަށް ހަދިޔާކޮށްގެންނެވެ. އެހެންބަސްތަކުން ލިޔެވިފައިވާ އާރޓިކަލްތަކާއި ފޮތްތަށް ދިވެއްސަށް ތަރުޖަމާ ކުރުމުގެ ޤާބިލުކަން ލިބިފައިވާނަމަ އެކަންވެސް ކޮށްގެންނެވެ. އަދިވެސް އެކަނބަލުންގެ ދާއިރާގެ ތެރޭގައި ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްގެންނެވެ. ކިތަންމެ ކުޑަކަމެއްގެ ސަބަބުންވެސް މީހަކަށް ހިދާޔަތު ލިބިދާނެއެވެ.
އަދި ލޮބުވެތި އަޚުންވެސް މިފަދަ ޝައިޠާނީ ކެހިވެރިމަޅިތަކަށް ސަމާލުވެ، ﷲ އަންގަވާފައިވާ ގޮތަށް ދުނިޔަވީޙަޔާތް ވޭތުކުރުމަށް ޢަޒުމްކޮށް މަސައްކަތްކުރަން އެބަޖެހެއެވެ. އަންހެނަކު ރަނގަޅުކުރުމަށްޓަކާ ކައިވެނިކުރުމުގެ ބަދަލުގައި، ކައިވެނިކުރަން ދީންވެރި ޞާލިޙު އަންހެނަކު އިޚްތިޔާރުކުރަން ސަމާލުވާން އެބަޖެހެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ އިރުޝާދު ދެއްވާފައިވަނީވެސް މިފަދައިންނެވެ.

Blog Widget by LinkWithin

No comments:

Post a Comment