01 December 2013

ނަފްސު މުޙާސަބާކުރަމާ ހިންގަވާށެވެ.

އައްޝައިޚް މުޙައްމަދު ޝަމްޢޫނު

الْحَمْدُ لِلَّهِ رَبِّ الْعَالَمِيْنَ. وَالصَّلَاةُ وَالسَّلَامُ عَلَى أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِيْنَ. نَبِيِّنَا وَحَبِيْبِنَا وَقُدْوَتِنَا مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الِّدْينِ. أَمَّا بَعْدُ

ދުވަސްތައް މިހިރަ ފާއިތުވަނީއެވެ. އެކިމީހުންގެ އަޖަލުތައް އައިސް އެބައިމީހުންނާއި ބައްދަލުކުރަނީއެވެ. އެތައްހާސް ބައެއްގެ މައްޗަށް ކަށުނަމާދު ނުކުރެވޭ ދުވަހަކަށް އިރުއަރައި ނުއޮއްސެއެވެ. މަންމަގެ އުގުން ކަށްވަޅަށް މީސްތަކުން ދަތުރު ކުރަނީއެވެ. ދުނިޔަވީ ލައްޒަތުތަކާއި މަލައްޒާތުތަކަށް އެބައިމީހުން އަލްވަދާއު ކިޔަނީއެވެ. 40 އަހަރުވުމުން ތައުބާވުމަށް ޢަޒުމްކޮށްގެން، ޣާފިލުކަމުގެ ނިދިން ނިދާފައި ތިއްބާ ނަރަކައިގެން އަނދަވަޅުތަކުގެ ތެރެއިން އަނދަވަޅަކަށް ދާންޖެހެނީއެވެ. ނަމަވެސް މިއިން ޢިބްރަތް ޙާޞިލްކޮށް، އަމިއްލަ ނަފްސު މުހާސަބާކޮށް ތައުބާވުމަށް އަވަސްވެގަންނަނީ ފަހެ ކޮންބައެއްތޯއެވެ؟


އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! އަޅުގަނޑުމެންގެ ވަގުތު އައިސްޖެހޭނީ ކޮންއިރަކުކަމެއް ނޭނގެއެވެ. ތައުބާވެ ނަފްސު މުހާސަބާކުރުމަށް އަވަސްވަމާ ހިންގަވާށެވެ. ﷲ ތަޢާލާ ވަޙީކުރައްވަވާފައިވެއެވެ. { يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَلْتَنظُرْ نَفْسٌ مَّا قَدَّمَتْ لِغَدٍ وَاتَّقُوا اللَّهَ إِنَّ اللَّهَ خَبِيرٌ بِمَا تَعْمَلُونَ } (الحشر:18) “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް (ބިރުވެތިވެ) ތަޤުވާވެރިވާށެވެ. އަދި މާދަމާއަށް(ޤިޔާމަތް ދުވަހަށް)ޓަކައި ކޮންމެ ނަފްސެއްވެސް ކޮށްފައިވަނީ ކޮންކަމެއްތޯ ބަލާށެވެ. އަދި ތިޔަބައިމީހުން ﷲއަށް ތަޤުވާވެރިވާށެވެ. ހަމަކަށަވަރުން، ﷲ އީ، ތިޔަބައިމީހުން ކުރާކަންތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.” ޢުމަރު ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. حَاسِبُوْا أَنْفُسَكُمْ قَبْلَ أَنْ تُحَاسَبُوْا ” ތިބައިމީހުންގެ ހިސާބު (ﷲ ތަޢާލާ) ބެއްލެވުމުގެ ކުރީން، އަމިއްލަ ނަފްސު ހިސާބުކުރާށެވެ.”

އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތަކާއި ސުވާލު ކުރަމާ ހިންގަވާށެވެ. އުޚްރަވީ ޙަޔާތް ބާއްޖަވެރިކުރުމަށްޓަކާ އަޅުގަނޑުމެން ކޮށްފައިވަނީ ކޮންކަމެއްތޯއެވެ؟ އަޅުގަނޑުމެންގެ ޢަމަލުގެ ފަތުގައި ގިނަވާނީ ހެޔޮޢަމަލުތައް ތޯއެވެ؟ ޤަބުރުގެ އެކަނިވެރިކަމަށްޓަކާ އަޅުގަނޑުމެން ތައްޔާރުކޮށްފައިވަނީ ކޮންކަމެއްތޯއެވެ؟ އަޅުގަނޑުމެން އެންމެފަހުން މުޞްޙަފު ހުޅުވާލީ ކޮންދުވަހަކުތޯއެވެ؟ އަޅުގަނޑުމެންގެ ނަމާދުތައް އަޅުގަނޑުމެންނަށް ކުރެވިފައިވަނީ ﷲ ތަޢާލާ ޤަބޫލުކުރައްވާފަދަ ގޮތަކަށް، ޚުޝޫޢަތްތެރިކަމާއެކުގައިތޯއެވެ؟ އަޅުގަނޑުމެން ﷲގެ ޙަޟްރަތުގައި، ފާފަފުއްސަވައި ނަރަކައިން ސަލާމަތްކޮށްދެއްވުމަށް އެދުނީ ކިތައް ފަހަރުތޯއެވެ؟ އަޅުގަނޑުމެން މި ހިނގަމުންދަނީ ﷲ ރުހިވޮޑިގަންނަވާ މަގުގައިތޯއެވެ؟ އަޅުގަނޑުމެން އިޚްތިޔާރުކޮށްފައިވާ ރަޙުމަތްތެރީންނަކީ ﷲ ރުވޮޑިގަންނަވާ މަގުން ހިނގުމަށް އަޅުގަނޑެމެންނަށް އެހީތެރިވެދޭ ބަޔެއްތޯއެވެ؟ …؟ …؟ …؟

އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ﷲ ތަޢާލާއަށް ސިއްރާއި ފާޅުގައި ބިރުވެތިވަމާ ހިންގަވާށެވެ. އަޅުގަނޑުމެން ކުޑަކަމެއްގެ ގޮތުގައި ދެކިގެން ކުރަމުންދާ އެންމެކަމެއްވެސް އަޅުގަނޑުމެން ނަރަކަވަންތަވެރީން ކަމުގައި ހަދާފާނެއެވެ. އެހެންކަމުން އަޅުގަނޑުމެންގެ ސަލަފުން މިފަދަކަންތައްތަކަށް ވަރަށްބޮޑަށް ސަމާލުވެލެއްވެވިއެވެ. އެއްފަހަރަކު، ޢަބްދުﷲ ބިން މުބާރަކު ރަޙިމަހުﷲ ޚުރާސާނުން ބަޣުދާދަށް ވަޑައިގެންނެވިއިރު، ޚުރާސާނުގެ މީހެއްގެ އަތުން ހޯއްދެވި ޤަލަމެއް އެމީހާއަށް އަނބުރާ ނުދެއްވަވާ ވަޑައިގެންނެވުނެވެ. އެކަލޭގެފާނަށް އެ ޤަލަމް ފެނިވަޑައިގެންނެވުމާއެކު ‘ސުބުޙާނަﷲ’ އޭ ވިދާޅުވެ، އެ ގަލަމް އެމީހާއަށް ރައްދު ކުރެއްވެވުމަށްޓަކާ ހަމަ ވަގުތުން ޚުރާސާނަށް ދަތުރުފެއްޓެވިއެވެ.

ސުބުޙާނަﷲ.. އަޅުގަނޑުމެން އަމާނާތްތަކާމެދު ކަންތައްކުރަނީ މިފަދަ ގޮތަކަށްތޯއެވެ؟ ޢަބްދުﷲ ބިން މުބާރަކު ރަޙިމަހުﷲ އެންމެ ކުޑަކުޑަ ޤަލަމެއް ރައްދުކުރެއްވެވުމަށްޓަކާ ބަޣުދާދުން ޚުރާސާނަށް އެތައްދުރުރާސްތާތަކެއް ކަޑައްތުކުރެއްވެވުމަށްފަހު، ވަޑައިގެންނެވީއެވެ. އެބޭކަލުންނަށް މީސްތަކުންގެ ޙައްޤުތަކުގެ އަގު ވަޒަންކުރެއްވޭތީއެވެ. ކިތަންމެ ކުޑަކަމެއްގެ ސަބަބުންވެސް ނާކާމިޔާބުގެ އަހުލުވެރިންގެ ތެރެއިންވެދާނޭކަން އެބޭކަލުންނަށް އެނގިވަޑައިގަންނަވާތީއެވެ.

އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ވަގުތުފާއިތުވުމުގެ ކުރީން، ތެދުވެރި ތައުބާއަކުން ތައުބާވެ އުޚްރަވީޙަޔާތް ބާއްޖަވެރި ކުރުމަށްޓަކާ މަސައްކަތްކުރަމާ ހިންގަވާށެވެ. ޢަރަބި ޅެންވެރިޔަކު ވިދާޅުވެފައި ވެއެވެ.

وَلَدَتْكَ أُمُّكَ يَابْنَ آدَمَ بَاكِياً ***وَالنَّاسُ حَوْلَكَ يَضْحَكُوْنَ سُرُوْرًا

އޭ އާދަމުގެ ދަރިޔާއެވެ. ތިބާގެ މަންމަ ތިބާ ވިހެއީ (ވޭނާއެކު)ރޮއެރޮއެވާ ހާލުގައެވެ. އެވަގުތު (ތިބާގެ ޢާއިލާގެ)މީސްތަކުން، (ތިބާ އުފަންވުމުގެ އުފަލުގައި) ހެމުންދިޔައެވެ.

فَاعْمَلْ لِنَفْسِكَ أَنْ تَكُوْنَ إِذَا بَكَوْا*** فِيْ يَوْمِ مَوْتِكَ ضَاحِكاً مَسْرُوْراً

ތިބާ މިދުނިޔެއަށް އަލްވަދާޢުކިޔާދުވަހު އެބައިމީހުން ރޮއެ ހިތާމަކުރާއިރު، ތިބާ އުފަލުގައި ވުމަށްޓަކާ (ހެޔޮ) ޢަމަލު ކުރާށެވެ.

Blog Widget by LinkWithin

No comments:

Post a Comment