29 July 2013

ސުންނަތް

އައްޝައިޚް އަބޫބަކްރު އިބްރާހިމް ޢަލީ ރަޙިމަހުﷲ

ސުންނަތޭ ބުނެވުނު ބަހުގެ މާނައީ މަގު ނުވަތަ ގޮތެވެ. ޝަރީޢަތުގެ އިޞްޠިލާޙުގައި ސުންނަތޭ ބުނެވޭ ބަހުގެ މާނައީ ﷲ ތަޢާލާގެ އިޒުނަފުޅަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިއުންމަތަށް ދައްކަވާފައިވާ ރަނގަޅު ހެޔޮ މަގެވެ.

އެމަގު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދައްކަވާފައިވަނީ އެނަބިއްޔާގެ ބަސްފުޅާއި ޢަމަލު ފުޅުންނާއި އަދި ތަޤްރީރުންނެވެ. ތަޤްރީރޭ މިބުނި ބަހުގެ މާނައީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި އަސްޙާބު ބޭކަލުން ކުރެއްވި ކަންކަމުގެ ތެރެއިން އެނަބިއްޔާ މަނާ ނުކުރައްވާ ކަންކަމެވެ. އަދި އެކަންކަމަކީ ދީނުގައި އެންމެ ރަގަޅު ކަންތައް ކަމުގައި އިޤްރާރު ކުރައްވާފައިވާ ކަންކަމެވެ. އެއީ ހުއްދަ ކަންކަމެވެ.
ފަހެ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަކީ އިސްލާމް ދީނުގެ ދެވަނަ އަޞްލެވެ. އަދި ކީރިތި ޤުރުއާނުގެ ޝަރަޙަވެސް މެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން ސާބިތުވާ ޙުކުމް ހުރީ ޢާއްމުކޮށް ދެބަޔަކަށެވެ.

(1) އެއްބަޔަކީ: ފަރުޟު ނުވަތަ ވާޖިބުގެ ދަރަޖައިގައިވާ ޙުކުމެވެ. އެއީ އެކަންކަން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރައްވާ އަދި މީސްތަކުންނަށް އެކަންކަން ކުރުމަށް އަމުރު ކުރައްވާފައިވާ ކަންކަމެވެ. މިސާލަކަށް ނަމާދުގެ ރަކުޢަތްތައް ކަނޑައެޅުއްވުން، އަދި ޒަކާތްދިނުމުގައި ނިޞާބުތައް ބަޔާން ކުރެއްވުން ފަދަ ކަންކަމެވެ. މިބާވަތުގެ ސުންނަތެއް ދޫކޮށްފި މީހާ ކުށްވެރިވެ ފާފަވެރި ވާނެއެވެ.

(2) އަނެއްބަޔަކީ: ވާޖިބުގެ ޙުކުމުގައި ނުވާ ސުންނަތެވެ. މިބާވަތުގެ ސުންނަތަށް މުސްތަޙައްބު ސުންނަތް ނުވަތަ މުއައްކަދު ސުންނަތް، އަދި މިނޫންވެސް ނަންނަން ކިޔާފައި ވެއެވެ. ފަހެ މިބާވަތުގެ ސުންނަތެއް ގެނެސްގެންފި މީހާއަށް ސަވާބާއި ދަރުމަ ހުއްޓެވެ. އެއާއިއެކު މިބާވަތުގެ ސުންނަތެއް ކުރާނެ ކަމުގެ އުއްމީދާއިއެކު ފަހަރެއްގައި ނުކުރެވި ދިޔަ ނަމަވެސް ފާފަވެރި ނުވާނެއެވެ. ނަމަވެސް އަޛާބު ނުލިބޭނެތީ އަމުދުން ޤަސްތުގައި ސުންނަތެއް ދުކުރާނަމަ (فَمَنْ رَغِبَ عَن سُنَّتِي فَلَيْسَ مِنِّي) ގެ ޙަދީޘްގައިވާ ވަޢީދުގެ ތެރެއަށް ވަންނާނެއެވެ. މި ޙަދީޘްގެ މާނައީ: "ތިމަންގެ ނަބިއްޔާގެ ސުންނަތުން މޫނު އަބުރާލައިފި މީހާއީ ތިމަން ނަބިއްޔާގެ ހިދާޔަތުގައިވާ މީހެއް ނޫނެވެ."

ސުވާލު:
(1) ސުންނަތޭ ބުނެވުނު ބަހުގެ މާނައަކި ކޮބައި ހެއްޔެވެ؟
(2) ޝަރީޢަތުގެ އިޞްޠިލާޙުގައި ސުންނަތޭ ބުނެވުނު ބަހުގެ މާނައަކި ކޮބާ؟
(3) ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތް ހުރީ ކިތައްބާވަތަކަށް ހެއްޔެވެ؟
(4) ސުންނަތުން ސާބިތުވާ ޙުކުމް ހުރީ ކިތައް ބާވަތަކަށް ހެއްޔެވެ؟ މިސާލާ އެކު ބަޔާންކުރޭ!

Blog Widget by LinkWithin

No comments:

Post a Comment