07 July 2013

އަޅުކަން ކުރުމުގައި ޝިރުކު ކުރުން (2)- ކުދި ޝިރުކު

އައްޝައިޚް އަބޫބަކްރު އިބްރާހިމް ޢަލީ ރަޙިމަހުﷲ

އަޅުކަން ކުރުމުގައި ޝިރުކު ކުރުމުގެ ދެވަނަ ވައްތަރަކީ ކުދި ޝިރުކު ކުރުމެވެ.

ކުދި ޝިރުކު ނުވަތަ ކުޑަ ޝިރުކު އަކީ “الرياء” އެވެ. އެބަހީ؛ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އަޅުކަން ކުރާއިރު މީހަކަށް ނުވަތަ ބަޔަކަށް ދެއްކުމަށް ނުވަތަ އިއްވުމަށް އަޅުކަން ކުރުމެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އަޅުކަން ކުރާއިރު ބަހައްޓަންވީ އިޚްލާސްތެރިކަމާއި އިޙްސާންތެރިކަން ނުބަހައްޓާ އަޅުކަން ކުރުމެވެ. އޭގެ މިސާލަކީ ތިމާ ނަމާދު ކުރާއިރު ކޮންމެވެސް މީހަކަށް ނުވަތަ ބަޔަކަށް ތިމާ ނަމާދު ކުރާކަން ދައްކަން ނަމާދު ކުރުމެވެ. އަދި ސަދަޤާތް ދޭއިރުވެސް ތިމާއީ ދީލަތި މީހެއްކަން މީހުންނަށް ދެއްކުމަށް ސަދަޤާތް ދިނުމެވެ. ނުވަތަ ތިމާ ޤުރުއާން ކިޔަވާއިރު ތިމާއީ އަޑު ރީތި މީހެއް ނަމަ މީސްތަކުން އެއަޑު އަހާނެ ކަމުގެ ފަޚުރު ހާސިލު ކުރުމުގެ ގޮތުން މީހުންނަށް އިއްވަން ޤުރުއާން ކިޔެވުމެވެ. ފަހެ މިފަދައިން އަޅުކަން ﷲ ސުބްޙާނަހޫ ވަތަޢާލާ ޤަބޫލް ނުކުރައްވާނެއެވެ.


ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(فَمَنْ كَانَ يَرْجُوا لِقَاءَ رَبِّهِ فَلْيَعْمَلْ عَمَلًا صَالِحًا وَلا يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا) (الكهف 110)

މާނައީ: “އެމީހާ ހައްދަވައި ބޮޑު ކުރެއްވި ރައްބާ ބައްދަލުވާނެ ކަމަށް ބިރުގަންނަ މީހާ، ނުވަތަ އެއިލާހުއާއި ބައްދަލުވެ ތިމާގެ ޢަމަލު ތަކުގެ ޘަވާބާއި ދަރުމަ އެދޭ މީހާ، ފަހެ އެމީހާ ސާލިޙު ޢަމަލު ކުރާހުށިކަމެވެ. އަދި އޭނާގެ ރައްބަށް ކުރާ އަޅުކަމުގައި އެއްވެސް އެއްޗެއް ބައިވެރި ނުކުރާ ހުށި ކަމެވެ.”

އާދެ! ސާލިޙް ޢަމަލޭ ބުނެވުނު ބަހުގެ މުރާދަކީ ޝިރުކާއި ބިދުޢަ އިން ސަލާމަތްވެގެންވާ އަޅުކަމެވެ. އަދި އަޅުކަން ޤަބޫލްވުމުގެ ޝަރުތުތައް ހަމަވެފައިވާ ބަރާބަރު ޢަމަލެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

((أَخْوَفُ مَا أَخَافُ عَلَيْكُمْ الشِّرْكَ الأَصْغَرَ فَسُئِلَ عَنْهُ فَقَالَ الرِّيَاءُ)) (رواه أحمد)

މާނައީ: “ތިޔަބައި މީހުންގެ މައްޗަށް ތިމަން ބިރުފުޅު ވަޑައިގަންނަވާ ކަންކަމުގެ ތެރެއިން، އެންމެ ބިރުފުޅު ވަޑައިގަންނަވާ ކަމަކީ ކުދި ޝިރުކާއި މެދުގައެވެ.” ފަހެ، ކުދި ޝިރުކު އަކީ ކޮބައިތޯ ސުވާލު ދެންނެވުނު ހިނދު ޙަދީޘް ކުރެއްވިއެވެ. “އެއީ ދެއްކުމަށް ކަންތައް ކުރުމެވެ.”

ޔަޢުނީ؛ މީހުންނަށް ދެއްކުމުގެ ނުވަތަ އިއްވުމުގެ ފަޚުރު ހާސިލު ކުރުމަށް އަޅުކަން ކުރުމެވެ.

_______________________________________

ސުވާލު:
(1) ކުދި ޝިރުކަކީ ކޮބާ ހެއްޔެވެ؟ މިސާލަކާއެކު ބަޔާންކުރޭ!
(2) ކުދި ޝިރުކާ މެދު ވަޙީކުރައްވާފައިވާ އާޔަތެއް ބަޔާން ކުރޭ!
(3) ކުދި ޝިރުކުގެ ނުރައްކައު ތެރިކަން ބަޔާންކުރާ ޙަދީޘް އެއް ބުނެދީ!

Blog Widget by LinkWithin

No comments:

Post a Comment