07 April 2013

އަޅުކަން

އައްޝައިޚް އަބޫބަކްރު އިބްރާހިމް ޢަލީ

އަޅުކަން ނުވަތަ ޢިބާދާތު އޭ ބުނެވޭ ބަހުގެ މާނައީ؛ ނިކަމެތިވެ ދެރަވުމެވެ. ނުވަތަ އަދަބުވެރިވެ ބިރުވެތި ވުމެވެ.

ޝަރީޢަތުގެ އިޞްޠިލާޙުގައި ޢިބާދާތް އޭ ނުވަތަ އަޅުކަމޭ ބުނެވޭ ބަހުގެ މާނައީ؛ ﷲ އަމުރު ކުރެއްވި ކަންތައް ކުރުމާއި އެއިލާހުގެ ނަހީ ކުރެއްވި ކަންތައްތަކުން ދުރުވެ އެއިލާހުގެ ޙަޟުރަތަށް ކިޔަމަންތެރި ވުމެވެ. އެހެން ޢިބާރާތަކުން ބުނަނީނަމަ، އަޅުކަމަކީ ބޭރުފުށާއި އެތެރެ ފުށުގެ ޢަމަލު ތަކާއި ބަސްތަކުގެ ތެރެއިން އެކަމަކަށް ﷲ ރުހިވޮޑިގެންވާ އަދި ލޯބިވެ ވޮޑިގެންވާ ކޮންމެ ކަމަކަށް ޢާއްމުކޮށް ކިޔާ ނަމެކެވެ. އަޅުކަމުގެ ހުރިހައި ކަމެއްވެސް ކުރަންވާނީ ހަމައެކަނި ﷲއަށެވެ. އެހެން ފަރާތެއް ޤަސްތުކޮށްގެން އަޅުކަން ކޮށްފިނަމަ އެމީހަކީ މުޝްރިކެކެވެ.
ﷲ ސުބްޙާނަހޫ ވަތަޢާލާ އިންސީންނާއި ޖިންނީން ހެއްދެވީ އަޅުކަން ހަމައެކަނި އެއިލާހުއަށް ކުރުމަށެވެ.
ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ﴿وَمَا خَلَقْتُ الْجِنَّ وَالإِنسَ إِلاَّ لِيَعْبُدُونِ މާނައީ: "ޖިންނީނާއި އިންސީން ތިމަން އިލާހު ހެއްދެވީ އަޅުކަން ހަމައެކަނި ތިމަން އިލާހުގެ ޙަޟުރަތަށް ކުރުމަށެވެ."

މިހެން ކަންހުރިއިރު އަޅުކަމުގެ އެއްވެސް ބާވަތެއް ﷲ ސުބްޙާނަހޫ ވަތަޢާލާ ނޫން ފަރާތަކަށް ކޮށްފި މީހާ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ކާފިރު ވީއެވެ. އަދި ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އަޅުކަން ކުރާއިރު އެއަޅުކަމުގައި ﷲ ސުބްޙާނަހޫ ވަތަޢާލާއާއެކު އެހެން ފަރާތެއް ބައިވެރިކޮށްފިނަމަ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ޝަރީކު ކުރީއެވެ. އުލޫހިއްޔަތުގައި ޝިރުކު ކުރީއެވެ. ތައުޙީދު ގެއްލުނީއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާގެ ކޯފާއާއި ޢަޛާބު އެމީހަކަށް ޙައްޤު ވީއެވެ.

ސުވާލު:
(1) ޢިބާދާތު ނުވަތަ އަޅުކަމޭ ބުނެވޭ ބަހުގެ މާނައަކީ ކޮބައިހެއްޔެވެ؟
(2) ޝަރީޢަތުގެ އިޞްޠިލާޙުގައި އަޅުކަމަކި ކޮބައިހޭ؟
(3) އަޅުކަން ކުރަންވާނީ ކޮންފަރާތަކަށް ހެއްޔެވެ؟ އޭގެ ދަލީލްއަކީ ކޮބައިހެއްޔެވެ؟
(4) ﷲ ސުބްޙާނަހޫ ވަތަޢާލާ ނޫން އެހެން ފަރާތަކަށް އަޅުކަން ކޮށްފިނަމަ ވާނީ ކިހިނަމަކުންހެއްޔެވެ؟
(5) ﷲ ސުބްޙާނަހޫ ވަތަޢާލާއާއެކު އެހެން ފަރާތެއް ބައިވެރިކޮށްގެން އަޅުކަން ކޮށްފި މީހާގެ ޙުކުމް އަކި ކޮބައިހެއްޔެވެ؟

*******************************************
އައްޝައިޚް އަބޫބަކްރު އިބްރާހިމް ޢަލީ ލިޔުއްވާފައިވާ "ރިސާލަތުއް ތައުޙީދި" ފޮތުން ނަގާފައި

Blog Widget by LinkWithin

No comments:

Post a Comment