31 March 2013

ޝިރުކުގެ ތަޢުރީފު

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ޝިރުކަކީ ﷲ ގެ ރައްބުވަންތަކަން ނުވަތަ އެއިލާހުގެ އުލޫހިއްޔަތުގައި އެހެން ފަރާތެއް އެއިލާހާ ބައިވެރިކުރުމެވެ.

މީސްތަކުން އެންމެ ގިނައިން ކުރަނީ ﷲގެ އިލާހުވަންތަކަމުގައި ކުރާ ޝިރުކެވެ. މިސާލަކަށް ﷲ ފިޔަވައި އެހެނިހެން ފަރާތްތަކަށް ދުޢާ ދަންނަވާ މީހުންނާއި ކުރިމަތިވާ އުނދަގޫތަކުން ސަލާމަތްވުމަށާއި، ޙާޖަތްތައް ފުއްދަވާދެއްވުން އެދި އެފަރާތްތަކަށް ފަރިޔާދުކުރެތެވެ.


ނަބިއްޔުންނާއި ވަލިއްޔުންގެ ކިބައިން ކަންތައްތައް ހިންމަވައިދެއްވުން އެދި ދަންނަވަތެވެ. އަދި އެބައިމީހުންގެ ޤަބުރުތަކުގެ ވަށައިގެން ޠަވާފުކޮށް، އެބައިމީހުންގެ ކައިރިން މަންފާ އެދެތެވެ. އެބައިމީހުންނަށް ތަކެތި ޤުރުބާންކޮށް ހަދަތެވެ. އަދި އެފަރާތްތަކަށް ނަދުރު ބުނެ، އެފަރާތްތަކުން އެހީއާއި މަދަދަށް އެދި ދަންނަވައެވެ. އެފަދަމީހުން އުލޫހިއްޔަތުގައި ﷲ އާ ޝަރީކުކޮށްފިއެވެ. އަދި ﷲ އާ އެކު އެހެން އިލާހުންތަކެއް ހިފައިފިއެވެ. މިކަމަކީ މިކަމުން މަރުވުމުގެ ކުރިން އިންސާނާ ތައުބާ ނުވެއްޖެނަމަ އެފާފަ ﷲ ނުފުއްސަވާ، ބޮޑު ޝިރުކެވެ. ވަޙީކުރެއްވިއެވެ. إِنَّ اللهَ لاَ يَغْفِرُ أنْ يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَالِكَ لِمَنْ يَشَاءُ[1] ”ހަމަކަށަވަރުން މާތްﷲ އެއިލާހަށް ޝިރުކުކުރުމުގެ ފާފަ ނުފުއްސަވައެވެ. އެ ނޫންފާފަތައް އެއިލާހު އިރާދަކުރައްވާ މީހަކަށް ފުއްސަވައެވެ.”

އިސްލާމުން ކަމުގައި ދަޢުވާކުރަމުންދާ ހާދަހާ ގިނަ މީހުން މި ޝިރުކުގެ ބާވަތްތައް ކުރެއެވެ. ވަޙީކުރެއްވިއެވެ. وَمَا يُؤْمِنُ أَكْثَرْهُمْ بِاللهِ إِلاَّ وَهُمْ مُشْرِكُونَ [2] އަދި އެބައިމީހުންކުރެ ގިނަމީހުން، ޝަރީކުކުރާ ބަޔަކުކަމުގައިވާ ޙާލުގައި މެނުވީ، ﷲ އަށް އީމާނެއް ނުވެއެވެ.

އަދިވެސް ވަޙީކުރެއްވިއެވެ. قُلْ أَفَرَأَيْتُمْ مَا تَدْعُوْنَ مِنْ دُوْنِ اللهِ إِنْ أَرَادَنِيَ اللهُ بِضُرٍّ هَلْ هُنَّ كَاشِفَاتُ ضُرِّهِ أَوْ أَرَادَنِيْ بِرَحْمَةٍ هَلْ هُنَّ مُمْسِكَاتُ رَحْمَتِهِ قُلْ حَسْبِيَ اللهُ عَلَيْهِ يَتَوَكَّلُ الْمُتَوَكِّلُوْنَ[3] “ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން ނުދެކެމުހެއްޔެވެ؟ (ނޭނގޭހެއްޔެވެ) ﷲ ތިމަންކަލޭގެފާނަށް ގެއްލުމަކަށް އިރާދަކުރައްވައިފިނަމަ، ﷲ ފިޔަވައި ތިޔަބައިމީހުން ތިޔަ އަޅުކަންކުރާ ތަކެއްޗަށް އެ ގެއްލުން ދުރުކޮށްދެވިދާނެހެއްޔެވެ؟ ނުވަތަ އެއިލާހު، ތިމަންކަލޭގެފާނަށް ރަޙްމަތަކަށް އިރާދަކުރައްވައިފިނަމަ، އެއިލާހުގެ ރަޙްމަތް އެތަކެއްޗަށް ހިފެހެއްޓިދާނެ ހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނަށް ﷲ ފުދެއެވެ. ވަކީލުކުރާ މީހުން ވަކީލުކުރާ ހުށީ އެއިލާހަށެވެ.

= أنواع الشرك والتحذير منها – د. صالح بن فوزان الفوزان=


[1] النساء 48

[2] يوسف 103

[3] الزمر38

Blog Widget by LinkWithin

No comments:

Post a Comment