11 September 2011

ތިބާއަކީ ކާކު ހެއްޔެވެ؟

އަލްއަޚް މުޙައްމަދު ސިރުޙާން
އަހަރެންނަކީ މީހަކު ތާނަ އަކުރުން ލިޔެ ދިވެހި ބަހުން ވާހަކަ ދައްކާ މީހުންނަށް ވިސްނޭގޮތަށް ތައްޔާރުކޮށްފައިވާ ލިޔުމަކީމެވެ. އަހަރެންނަކީ މީހަކު ލިޔެފައިވާ ލިޔުމެއްކަމަށް، ދުނިޔޭގައި އުޅޭ ހަމަވިސްނޭ ކޮންމެ މީހަކުވެސް އެއްބަސް ވާނެއެވެ. މިލިޔުން މިއީ އަމިއްލައަށް މިހެން ހުރެފައި ލިޔެވުނު ލިޔުމެކޭ އަހަރެން ބުނެފިނަމަ މޮޔައަކު ނޫނީ އަހަރެންނާ އެއްބަސްނުވާނެއެވެ. ނުވަތަ ޗާންސަކުންނޭ ބުނެފިނަމަ ތިބާ މިހާރު ވަގުތުން އަޅުގަޑު ގެ މަތިން ނަޒަރު ނަންގަވައި އެހެން ދިމާލަކަށް ހިނގައިދާނެއެވެ.
މިދުނިޔެއާ ދުނިޔޭގައިވާ ކޮންމެ އެއްޗަކަށް ނަޒަރު ހިންގާލިޔަސް މިދެންނެވި ޙަޤީޤަތް ހާމަވާނެއެވެ. އެ އެއްޗެތި އުފެދުނީ އަމިއްލައަށޭ ބުނެވިދާނެތޯއެވެ؟ މިހާރު އެހެރަ އަންނަނީ ތިބާގެ ތުއްތު ދަރިފުޅު ރޮމުންނެވެ. ދަރިފުޅު ވާހަކަދައްކަން ފެށީ އިހަށް ދުވަހުއެވެ. ދަރިފުޅު ކައިރީ ރޮނީ ކީއްވެތޯ ކޮށްބަލާށެވެ! ދަރިފުޅު ބުނާނީ ބޭބެ ޖެހީކަމުގައެވެ. އެ ތުއްތުކުއްޖާ ވެސް އެ އެއްބަސްވީ ކޮންމެ ޢަމަލަކަށް އެ ޢަމަލެއް ގެނައި ފަރާތެއް ވާންޖެހޭނެ ކަމަށެވެ. ނަމަވެސް މިޒަމާނުގައިވެސް ކަލަކު ވޮޑިގެން ވާކަމަށް އިންކާރުކުރާ މީހުން ވަރަށް ގިނައެވެ. ދުނިޔެ އުފެދުމާ ބެހޭގޮތުން އެންމެ "ބޯގަޅި" ތިއަރީތައް އުފަންކުރި ޗާލްސް ޑާވިން އަކީ ރަސޫލެއްކަމަށް ޤަބޫލުކުރާ މީހުންވެސް ދުނިޔޭގެ ފަސްގަނޑު މަތީގައި އެބަތިއްބެވެ. އެއީ އެމީހުންގެ ހަވާނަފުސަށް އީމާންވެގެން ތިބިމީހުންނެވެ. އެބައިމީހުން ބުނަނީ ތިބާއަކީ ރަމާމަކުނުގެ ދަރިފަސްކޮޅުން އައިސްފައިވާ މީހެއްކަމަށެވެ. ނުވަތަ ތިބާގެ މުނިމުނި ކާފައަކީ ރާމާމަކުނެއްކަމަށެވެ. ޑާވިން ބުނު އޭޕްސް އެވެ. ހިތާމައާއެކު ފާހަގަ ކޮށްލަން ޖެހޭ ކަމަކީ ބުއްދީގެ ތަރާދުގައި ކުނޑިފުކެއްގެ ބުރަދަންވެސް ނެތް މި ތިއަރީ ޤަބޫލުކުރާ ބައެއް މީހުން މަދު މަދުން ނަމަވެސް މިހާރަކަށް އައިސް ދިވެހިރާއްޖޭއިން ފެންނަމުން ދާކަމެވެ. އެހެރަ ފެންނަ ރީތި ފިނިފެންމަލަށް ބަލާލަބަލާށެވެ. އެ މާ ރީތިކަމުން އެހެރަ ކުރެހުންތެރިޔާ އެ މާ އެކުރަހަނީއެވެ. އޭނާ އެބަލަނީ މަލުގެ ބޭރުފުށަށެވެ. އެމަލުގައި ވާ ކުލަތަކަށެވެ. އެހެރަ ފެންނަ ވިޔަފާރިވެރިޔާ އެ މާތަށް ހިފައިގެން އެގެންދަނީ އެމާތައް ވިއްކާލެވޭތޯއެވެ. އެހެރެ ފެންނަ ސައިންސުވެރިޔާ އެހޯދަނީ އެމަލުގެ އެތެރޭގެ ޢަމަލުތަކެވެ. އަހަރެން މި ވިސްނަނީ އެ މާ ހެއްދެވި ފަރާތުގެ ކުޅަދުންވަންތަކަމާމެދުގައެވެ. މި ދުނިޔޭގައިވާ ރީތި މާމެލާމެއްޔާ އެކިކުލަކުލައިގެ އެކިވަރުވަރުގެ ގަސްގަހާގެއްސާއި ފަތްޕިލާވެއްޔާއި ކޯރުތަކާ ކަނޑުތަކާއި ވާ މަސްމަހާމެއްސާއި މިހެންގޮސް މި ތިމާވެށިން ފެންނަ ކޮންމެ އެއްޗެއްވެސް އޭގެ ޙާލުގެ ދުލުން އަބަދާއި އަބަދު ކިޔަނީ އެކެއްޗެކެވެ. އެއީ އެތަކެތި ހެއްދެވި ކުޅަދުންވަންތަ ކަލަކުވާކަމެވެ. ތިބާވެސް އަހަރެންގެ ސުވާލާމެދު ވިސްނާލަބަލާށެވެ!

Blog Widget by LinkWithin

No comments:

Post a Comment