23 September 2010

ތަޥްޙީދުގެ ބުންޔާދު

އައްޝައިޚް މުޙައްމަދު އިބްރާހިމް، ޅ.ނައިފަރު
"لاَ إِلَهَ إِلاَّ اللهُ އަކީ ތައުޙީދުގެ ބުންޔާދެވެ. އެންމެހައި ޢަމަލެއް ބިނާކުރަން ޖެހޭނީ މިކަލިމައިގެ މައްޗަށެވެ. ކަލިމައިގެ މާނައާއި މަފްހޫމު ދެނެގަނެ އޭގެ ޝަރުޠުތައް ފުރިހަމަކޮށްފިނަމަ ކަލިމައިގެ މައްޗަށް ބިނާކުރާ ޢަމަލުތައް ޞައްހަވުމާއި މެދަކު ޝައްކެއްވެސް ނެތެވެ."
لاَ إِلَهَ إِلاَّ اللهُ ހަމައެކަނި ދުލުން ކިޔައިލުމަކުން ފުދުނީއަކީ ނޫނެވެ. އަދި ކިއެއްތަ! އޭގެ މާނައާއި މަފްހޫމު ދެނެގަނެ އެކަލިމަވާޖިބުކުރާ ކަންތަކަށްް ޢަމަލުކޮށް އޭގެ ޝަރުޠުތައް ފުރިހަމަ ކުރުން ލާޒިމްވެގެންވެއެވެ. لاَ إِلَهَ إِلاَّ اللهُ ގެ ޝަރުޠުތައް ހަތެކެވެ.
1- العِلْمُ المُنَافِي لِلْجَهْلِ. ޖާހިލުކަން ނަފީކުރާ ޢިލްމު. އެބަހީ ކަލިމައިގެ މާނައާއި މަފްހޫމު ދެނެގަނެ، އެއަށް ޖާހިލު ވެނުހުރުން.
2- اليَقِينُ المُنَافِي لِلشَّكِ. ޝައްކުކަން ނަފީކުރާ ޔަޤީންކަން. އެބަހީ ކަލިމަ ކިއުމަށްފަހު اﷲ تعالى ގެ ألُوُهِيَّة އާ ދޭތެރޭ އެއްވެސް ޝައްކެއް ނުކުރުން. އަދި ކިއެއްތަ! އެކަލާނގެ أُلُوهِيَّة އާދޭތެރޭ ޔަޤީންކުރުން.
3- القَبُولُ المُنَافِي لِلرَّدِ. ރައްދުކުރުން ނަފީކުރާ ޤަބޫލުކުރުން. އެބަހީ ކަލިމަކިޔުމަށްފަހު އޭގެ މާނަ ހިތުން ޤަބޫލުކުރުން އަދި ދުލުން ކިޔައި ހިތުން ރައްދުނުކުރުން.
4- الاِنْقِيَادُ المُنَافِي لِلتَّرْكِ. ދޫކޮށްލުން ނަފީކުރާ ބޯލަނބައި ކިޔަމަންގަތުން. އެބަހީ ކަލިމަ ކިއުމަށްފަހު ކަލިމަ ވާޖިބުކުރާ ކަންތަކަށް ބޯލަނބައި ކިޔަމަންގަތުން. އަދި ކަލިމަ ދުލުން ކިޔައި އެކަލިމަ ވާޖިބުކުރާކަންތަކަށް ޢަމަލުކުރުން ދޫކޮށްނުލުން.
5- الإِخْلاَصُ المُنَافِي لِلشِّرْكِ. ޝިރުކު ނަފީކުރާ އިޚްލާޞްތެރިކަން. އެބަހީ ކަލިމަ ކިޔުމަށްފަހު اﷲ އާ އެއްވެސް ފަރާތެއް ޝަރީކުނުކުރުން. އަދި ކިއެއްތަ! އެންމެހައި އަޅުކަމެއް އެކަލާނގެއަށް ޚާލިޞްކުރުން.
6- الصِّدْقُ المُنَافِي لِلْكَذِبِ. ދޮގުވެރިކަން ނަފީކުރާ ތެދުވެރިކަން. އެބަހީ ކަލިމަ ކިޔުމަށްފަހު ކަލިމައިގެ މާނައަށާއި މަފްހޫމަށް ތެދުވެރިވުން.، ދޮގުވެރިނުވުން.
7- المَحَبَّةُ المُنَافِي لِضِدِّهَا. ލޯބިވުމުގެ އިދިކޮޅު ކަންތައް ނަފީކުރާ ލޯބިވުން. އެބަހީ ކަލިމައިގައިވާ މާނައަށާއި މަފްހޫމަށް ރުހުން.
لاَ إِلَهَ إِلاَّ اللهُ އަކީ ތައުޙީދުގެ ބުންޔާދެވެ. އެންމެހައި ޢަމަލެއް ބިނާކުރަން ޖެހޭނީ މިކަލިމައިގެ މައްޗަށެވެ. ކަލިމައިގެ މާނައާއި މަފްހޫމު ދެނެގަނެ އޭގެ ޝަރުޠުތައް ފުރިހަމަކޮށްފިނަމަ ކަލިމައިގެ މައްޗަށް ބިނާކުރާ ޢަމަލުތައް ޞައްހަވުމާއި މެދަކު ޝައްކެއްވެސް ނެތެވެ.

Blog Widget by LinkWithin

No comments:

Post a Comment