08 October 2020

ހެޔޮލަފާ ޞާލިޙް އަންބެއްގެ ޞިފަތައް

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

އޭނާގެ އަޤީދާ: އޭނާގެ ޢަޤީދާއަކީ ސުންނަތުގެ އަހުލުވެރިންގެ ޢަޤީދާއެވެ. އެއީ ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ސުންނަތެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ އަނބިއަނބިކަނބަލުންނާއި ޞަޙާބާއިން ދިރިއުޅުއްވި ގޮތެވެ. 
 އޭނާގެ މަންހަޖު: އޭނާގެ ދިރިއުޅުން ބިނާވެފައި އޮންނާނީ މާތްވެގެންވާ ކީރިތި ޤުރުއާނުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ މީސްތަކުންނަށް އަންގަވާފައިވާ ގޮތްތަކުގެ މައްޗަށެވެ. އޭނާގެ ޢަމަލުތަކަކީ މާތްނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމައާއި އިތުރު އެކަލޭގެފާނަށް ތަބާވީ މީހުންގެ ޢަމަލުތަކެވެ. ޞަޙާބާއިންގެ މަގެވެ.
 އޭނާގެ އަޚްލާޤު: އޭނާގެ ދިރިއުޅުމުގެ މުޢާމަލާތްތައް ހުންނާނީ އިސްލާމްދީނުގެ އިންތަކުގެ ތެރޭގައެވެ. އޭނާ ޒީނަތްތެރިވާނީ އިސްލާމްދީނުގެ ރިވެތި އަޚުލާޤުގެ ގަހަނާއިންނެވެ.

 އޭނާގެ ސުލޫކު: އޭނާއަކީ ޢިއްފަތްތެރި މީހެކެވެ. ލަދުވެތި މީހެކެވެ. އެއީ ސާފުޠާހިރުކަމަށް ލޯބިކުރުމާއެކު، އޭނާގެ ޢަޥްރަ ނިވާކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭމީހެކެވެ.

 އޭނާގެ ޝަޚްސިއްޔަތު: އޭނާގެ ޝަޚްޞިއްޔަތު ބިނާކުރާނީ އެންމެހާ މުއުމިނުތަކުންގެ މަންމަ، އަދި ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ލޮބުވެތި އަނބިކަނބަލުން ޢާއިޝާ ރަޟިޔަ ﷲ ޢަންހާގެ މަތިވެރި ޝަޚްޞިއްޔަތުގެ މައްޗަށެވެ. އަދި ރަސޫލު ﷲ ޞައްލަ ﷲ ޢަލައިވަސައްލަމްގެ ޞަޙާބާއިންގެ ދިރިއުޅުއްވުމުގެ މައްޗަށެވެ.

 އޭނާ ލޯބިކުރަނީ: އޭނާ ލޯބިކުރަނީ ﷲ އަށާއި އެއިލާހުގެ ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް އަށެވެ. އޭނާގެ ޢަމަލުތަކަކީ ﷲ ރުހިވޮޑިގަންނަވާ ޢަމަލުތަކެވެ. އެއީ އެއިލާހުގެ ވަޖްހުފުޅު އަދައިގެން އިޚްލާޞްތެރިކަމާއެކު ކުރާ ޢަމަލުތަކެވެ. 

 އޭނާގެ ހުސް ވަޤުތު: އޭނާ ހުސްވަގުތުތައް ހޭދަކުރަނީ އާޚިރަތް ހަނދުމަކުރުމުގައެވެ. ﷲ އަށް ގިނަގިނައިން ތަޥްބާވުމާއި ފާފަފުއްސެވުން އެދި ދެންނެވުމާއި ކަށްވަޅުގެ އަނދިރިކަމާއި ނާމާންކަމުން ސަލާމަތްކުރެއްވުމަށާއި ނަރަކައިގެ ވޭންދެނެވި ޢަޛާބުން ސަލާމަތްކުރެއްވުމަށް ﷲ އަށް ދުޢާ ދެންނެވުމުގައެވެ.

 އޭނާގެ އެކުވެރީން: އެއީ މާތް ﷲ އަށް ބިރުވެތިވެ، އެއިލާހުގެ ފޮތާއި އެންގެވި ގޮތުގައި ޘާބިތުކަމާއެކު ހިފަހައްޓާ މުސްލިމް އުޚްތުންނެވެ. އަދި ހެޔޮކަންތައްތައް ކުރުމަށް އޭނާއަށް ވާގިވެރިވާ، ނުބައިކަންތައްތަކާއި މުންކަރާތްތަކާ ދުރުހެލިވުމަށް އޭނާއަށް އެހީވާ މުސްލިމް އުޚްތުންނެވެ.

 އޭނާ ނަފްރަތުކުރަނީ: ﷲ އެންގެވިގޮތާއި ޚިލާފަށް އުޅޭ، އެއިލާހުގެ އަމުރުފުޅުތަކާއި ދެކޮޅުހަދައި، ޢަޥްރަ ނިވާނުކޮށް އުޅޭ، މުޖްތަމަޢުގައި ފަސާދަ އުފައްދާ، އަދި އަންހެނުންގެ މިނިވަންކަމަށޭ ބުނެ އަންހެނުންނަށް އިސްލާމީ މުޖްތަމަޢުގައި ލިބިފައިވާ މަތިވެރި މަޤާމު ނަގާލުމަށް މަސައްކަތްކުރާ މީހުންނެވެ.

 އޭނާގެ ދުޝްމަނުން: އޭނާގެ ޢަދުއްވަކީ އެންމެހާ މުސްލިމުންނާއި މުސްލިމާއިންގެ ޢަދުއްވު، ޝައިޠާނާއެވެ. މިއުޒިކާއި، ފާސިދު މަޖައްލާތަކާއި، ކޭބަލްޓީވީން ފޮނުވާ ފާޑުފާޑުގެ ޑްރާމާތަކާއި އަދި މިނޫންވެސް ހުރިހާ ޝަޢިޠާނީ އުފެއްދުންތަކަކީ އޭނާގެ ދާއިމީ ދުޝްމަނުންނެވެ.

 އޭނާގެ ކައިވެނި: އެއީ އިސްލާމްދީނުގެ ޙުދޫދުތަކުގެ ތެރޭގައި ކުރެވިފައިވާ ކައިވެންޏެކެވެ. އޭނާގެ ކައިވެނީގެ ކުރީގައި ހިލޭ ފިރިހެނުންނާއި އެއްވެސް ގުޅުމެއް ނުބާއްވާނެއެވެ. އޭނާގެ ކައިވެނީގެ ޙަފްލާގައި މިޔުޒިކް ކުޅުމާއި، ނެށުމާއި ދެޖިންސް މަސްހުނިވުންފަދަ އިސްލާމްދީނާ ޚިލާފު ކަންތައްތަކެއް ނުހިމެނޭނެއެވެ. އޭނާގެ ކައިވެންޏަކީ ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ލޮބުވެތި ދަރިކަނބަލުން ފާޠިމަތުގެފާނާއި، ޢަލީގެފާނު (އެދެކަނބަލުންނަށް ﷲ ރުއްސުން ލައްވާށި) ކުރެއްވިފަދަ ސާދާ ކައިވެންޏެކެވެ. 

 އޭނާގެ އުއްމީދު: އޭނާގެ އުއްމީދަކީ ފުރިހަމަ އިސްލާމީ ތަރުބިއްޔަތު ލިބިފައިވާ ޢާއިލާއެއް ބިނާކުރުމެވެ. އެހެންކަމުން، އިސްލާމްދީނުގެ މަތީގައި ޘާބިތުކަމާއެކު ފައިތިލަ ޘާބިތުކުރެވިފައިވާ ޖީލެއް އުފެއްދުމަށް އޭނާ ވާގިވެރިވާނެއެވެ. އެކަމުގެ ހިތްހަމަޖެހުން ލިބިގަތުމަކީ އޭނާގެ އުއްމީދެވެ.

 އޭނާގެ މުނިފޫހިފިލުވުން: އެއީ ފައިދާ ހުރި މަޢުލޫމާތު ލިބޭ ފޮތްތައް ކިޔުމާއި، ދީނީ ފޮތްތައް ކިޔުމާއި، ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ސީރަތު ދިރާސާކުރުމާއި، ދީނީ ދަރުސްތައް އަޑުއެހުމާއި، ކީރިތި ޤުރުއާން ހިތުދަސްކުރުމަށް މަސައްކަތްކުރުމާއި، އަދި މީނޫންވެސް އިސްލާމްދީނުގައި ހުއްދަ މުނިފޫހިފިލުވުމުގެ ވަޞީލަތްތަކުގެ ބޭނުން ކޮށްގެން ތިމާގެ ދަރީންނާއި ޢާއިލާގެ އެހެންމީހުންގެ ދާޢީއަކަށް ވުމަށް މަސައްކަތްކުރުމެވެ. 

 އޭނާގެ ހެދުން އެޅުން: އޭނާގެ ހެދުމަކީ ފުރިހަމަ ޖިލްބާބެވެ. އެޙިޖާބަކީ؛
 1 އޭނާގެ ހަށިގަނޑު އެއްކޮށް ނިވާވާ ހެދުމެކެވެ.
 2 ހިލޭ ފިރިހެނުންނަށް ފެންނަހެން ޒީނަތްތެރި ކުރެވިފައިވައިވާ ހެދުމެއްނޫނެވެ. އަދި އެމީހުންގެ ސަމާލުކަން ހޯދުމަށްޓަކައި ވިދާ ބަބުޅާގޮތަށް ޖަރީކުރެވިފައިވާ ހެދުމެއްވެސް ނޫނެވެ.
 3 ހަށިގަނޑުގެ ވަނާތައް ފެންނަގޮތަށް ހުންނަ، ކަނދޮޅުދުލި ފަދަ ތުނި ހެދުމެއްނޫނެވެ.
 4 ހަށިގަނޑުގެ ވަނާތަކުގެ ބައްޓަން ފާޅުވާގޮތަށް ހުންނަ ގަޔަށް ބާރު ހެދުމެއްވެސް ނޫނެވެ.
 5 ފިރިހެނުން ލާ ހެދުމާއި ވައްތަރު ހެދުމެއްނޫނެވެ. އަދި ލާދީނީ އުޞޫލުތަކުގެ ހެދުމެއްވެސް ނޫނެވެ.
 6 ދެއްކުންތެރިކަމާއި ބޮޑާކަން އެކުލެވިފައިވާ ހެދުމެއްވެސް ނޫނެވެ. މީހުންގެ ސަމާލުކަން ހޯދުމާއި މީހުންގެ ހިތްތައް އޭނާއަށް ލެންބުމަށާއި ވަސްވާސް އުފެއްދުމަށް ލާ ހެދުމެއްވެސް ނޫނެވެ. އެހެނީ، ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. “مَنْ لَبِسَ ثَوْبَ شُهْرَةٍ فِي الدُّنْيَا أَلْبَسَهُ اللهُ ثَوْبَ مَذِلَّةٍ يَوْمَ القِيَامَةِ” މާނައި: “ދުނިޔެމަތީގައި ދެއްކުންތެރިކަމުގެ ހެދުން އަޅައިފި މީހާ، ޤިޔާމަތް ދުވަހުން މާތް ﷲ، ނިކަމެތިކަމުގެ ހެދުން އަޅުއްވާހުއްޓެވެ”. (އަބޫދާއޫދްގެ ކިބައިން ރިޥާވެފައިވާ ޞައްޙަ ޙަދީޘެއް). މުޖްތަމަޢުގެ މުތްތައް ދެވަނަބައި (ނުނިމޭ)

Blog Widget by LinkWithin

No comments:

Post a Comment