19 July 2020

ޙައްޖުމަހުގެ ފުރަތަމަ ދިހައެއްގެ 44 ފައިދާ 2

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
12- ޙައްޖުގެ އެންމެ ބޮޑު ދުވަސް، ނަޙްރުގެ ދުވަސް (ކަތިލުމުގެ ދުވަސް) އެ ދުވަސްތަކުގެ ތެރޭގައި ހިމެނިގެންވުން މި ދިހަ ދުވަހުގެ މާތްކަމުގެ ތެރެއިން ވެއެވެ. އެއީ ﷲ ގެ ޙަޟްރަރުގައި އެންމެ މަތިވެރިކަން ބޮޑުވެގެންވާ ދުވަހެވެ. ޙަދީޘްގައިވާ ފަދައިންނެވެ. ((إِنَّ أَعْظَمَ الْأَيَّامِ عِنْدَ اللهِ تَبَارَكَ وَتَعَالَى يَوْمُ النَّحْرِ، ثُمَّ يَومُ الْقَرِّ)) [رواه أبو داود 1765وصححه الألباني في صحيح أبي داود] މާނައީ: “ހަމަކަށަވަރުން ﷲ ތަބާރަކަ ތަޢާލާގެ ޙަޟްރަތުގައި އެންމެ މަތިވެރިކަން ބޮޑުވެގެންވާ ދުވަހަކީ ނަޙްރުގެ ދުވަހެވެ. އޭގެ ފަހުގައި ޤަރާރުވާ ދުވަހެވެ.” (ޤައްރުގެ ދުވަސް ނުވަތަ ޤަރާރުވާ ދުވަހަކީ ނަޙްރުގެ ދުވަހުގެ ފަހުގައި އަންނަ ދުވަހެވެ. އެދުވަހަށް ޤަރާރުވާދުވަހޭ ކިޔުނީ އެދުވަހުގައި މީސްތަކުން މިނާގައި ޤަރާރުވާކަމަށްޓަކައެވެ. އެއީ ޠަވާފުލް އިފާޟާކުރުމާއި ހަދްޔު ކަތިލުމަށްފަހުގައެވެ. އޭގެ ފަހުގައި އެބައިމީހުން މިނާގައި ހަމަޖެހި އަރާމުކުރެއެވެ.)  

13- މިދިހަ ދުވަހުގައި ހެޔޮ ޢަމަލުކުރުން ޙައްޖުވެރިން ފިޔަވައި އެހެނިހެން މީސްތަކުންނަށް މާތްވެގެންވަނީ މި ހެޔޮޢަމަލުތައް ކުރުން ޝަރުޢުވެފައިވާ ޒަމާނުގެ(ވަގުތުގެ) މާތްކަމުގެ ސަބަބުންނެވެ. އަދި ﷲ ގެ ޙުރުމަތްތެރިވެގެންވާ ގެފުޅަށް ޙައްޖުވާ ޙައްޖުވެރީންނަށް މި ހެޔޮ ޢަމަލުތައްކުރުން ޝަރުޢުވެރިފައިވާ ވަޤުތާއި(ޒަމާނާއި) ތަން މިދެކަން ޖަމާވެގެންވެއެވެ.

 14- ސަލަފުއްޞާލިޙުން رحمهم الله އެކި އެކި ބާވަތްތަކުގެ ހެޔޮކަންތައްތަކުން މިދުވަސްތަކުގައި ގަދައަޅައި މަސައްކަތްކުރުމަށް އެބޭކަލުން ވީހައިވެސް ބޮޑަށް ފަރުވާތެރިވާކަމުގައި ވިއެވެ. އަދި އެބޭކަލުން މި ދުވަސްތައް ނުހަނު ބޮޑަށް މަތިވެރިކުރައްވާކަމުގައި ވިއެވެ. ސަޢީދު ބިން ޖުބައިރު رحمه الله ޙައްޖުމަހުގެ ފުރަތަމަ ދިހަދުވަހުގައި ހެޔޮ ޢަމަލުތައް ކުރުމުގައި ގަދައަޅައި މަސައްކަތްކުރެއްވިއެވެ. އޭނާއަށް ކުޅަދާނަވެގެންނުވާ ވަރު ވެއްޖައުމަށް ދަންދެނެވެ. އަދި އެދިހަ ރޭގައި އަޅުކަންކުރުމުގެ މައްޗަށް އޭނާ ބާރުއެޅުއްވިއެވެ. ވިދާޅުވާކަމުގައިވެއެވެ. “ޙައްޖުމަހުގެ ފުރަތަމަ ދިހަރޭގައި ތިޔަބައިމީހުންގެ ބައްތިތައް ނިއްވާނުލާށެވެ.” އަބޫ އުޘްމާނު އައްނަހްދީ ވިދާޅުވިއެވެ. “އެބޭކަލުން ތިން ދިހައެއް މަތިވެރިކުރައްވާކަމުގައިވެއެވެ. އެއީ ރަމަޟާންމަހުގެ ފަހު ދިހައަކާއި ޛުލްޙިއްޖާމަހުގެ ފުރަތަމަ ދިހައަކާއި މުޙައްރަމް މަހުގެ ފުރަތަމަ ދިހައެކެވެ.”

 15- މުސްލިމު އަޅާގެ މައްޗަށްވަނީ މި ދިހަދުވަސް ލިބިގަތުމަށްޓަކައި ރެއާއި ދުވާލު އަޅުކަމުގަޔާއި ހެޔޮ ޢަމަލުގައި ﷲ އަށް ކުއްތަންވުމުގައި އޭނާގެ ވަޤުތުތައް ހޭދަކުރުމެވެ. ރަމަޟާންމަހުގައި ﷲ އަށް ކިޔަމަންގަތުމާއި ހެޔޮ ޢަމަލުކުރުމުގައި ގަދައަޅާ މަސައްކަތްކުރުމުގެ ޝަޢުޤުވެރިކަމާއި ފޯރި ހުރެފައި މި ދުވަސްތަކުގައި އަހަރެމެން ކަންނެތްވެ ފަރުވާކުޑަކުރެވޭކަމީ ޢަޖާއިބުވާންޖެހޭ ކަމެކެވެ. އެހެނީ މި ދުވަސްތަކަކީ މިދުވަސްތަކުގައި ހެޔޮޢަމަލު ކުރުން ﷲ ގެ ޙަޟްރަތުގައި ރަމަޟާންމަހުގެ ދުވަސްތަކަށްވުރެ ބޮޑަށް މާތް ދުވަސްތަކެކެވެ.

 16- މި ދިހަ ދުވަހުގައި، ނިދުމާއި، ބޭކާރުވާހަކަ ދެއްކުމާއި، ފިލްމުތަކާއި ޗެނަލްތައް ބެލުމާއި، ސޯޝަލް މީޑިޔާގައި ވަގުތު ހޭދަކޮށް، ބޭކާރު ކުރުމާމެދު ފަރުވާތެރިވާށެވެ. ހަމަކަށަވަރުން މި މޫސުމަކީ މީ އަނބުރާ ނުލިބޭނެ އަގުބޮޑު ފުރުޞަތެކެވެ.

 17- މި ދުވަސްތަކުގައި ކުރުން އެންމެ މާތްވެގެންވާ ޢަމަލަކީ މަބްރޫރު ޙައްޖެއްކުރުމެވެ. ((وَالحَجُّ المَبْرُوْرُ لَيْسَ لَهُ جَزَاءٌ إِلاَّ الجَنَّةُ)) [متفق عليه] މާނައީ: “އަދި މަބްރޫރު ޙައްޖެއް ވެއްޖެމީހަކަށް ސުވަރުގެ ފިޔަވާ އެހެން ޖަޒާއެއް ނުވެއެވެ.” ޚާއްޞަ ގޮތެއްގައި ޙައްޖަކީ ފަރުޟު ޙައްޖަކަށްވާނަމައެވެ. މަބްރޫރު ޙައްޖަކީ އެއީ އެންމެ ފުރިހަމަ ގޮތުގައި ވެވޭ ޙައްޖެވެ. ޙައްޖުގެ ވާޖިބުތައް އަދާކުރުމާއެކު އެންމެހާ ޙަރާމްކަންތައްތަކުން ދުރުހެލިވެ ހުރެ ކުރާ ޙައްޖެވެ. މީސްތަކުންނަށް އިޙްސާންތެރިވުމާ، ސަލާމް ފެތުރުމާ، ފަޤީރުންނަށް ކާންދިނުމާއި، ގިނަގިނައިން ޛިކުރުކުރުމާއި އަޑުހަރުކޮށް ތަލްބިޔާ ގިނަގިނައިން ކިޔުމާއި ހަދްޔުކަތިލުންވެސް މީގެ ތެރޭގައި ހިމެނެއެވެ. (ލަޠާއިފުލް މަޢާރިފު – އިބްނު ރަޖަބު ޞ 264 އަދި ފަތުޙުލް ބާރީ – އިބްނު ރަޖަބު 9/14) 

 18- މި ދިހަ ދުވަހުގައި ހުރިހާ ވަޤުތެއްގައި ހުރިހާ ޙާލަތެއްގައި، ކޮޅަށް ހުންނައިރުގައްޔާއި އިށީނދެ އިނދެގެންނާއި އޮށޯވެ އޮވެގެންނާއި، ސަވާރީގައި ދަތުރުކުރާ އިރުގައާއި ހިނގާފައި އުޅޭއިރު ވެސް، ގިނަގިނައިން ﷲ މަތިން ހަނދުމަކުރުން (ﷲ އަށް ޛިކްރުކުރުން) ސުންނަތްވެގެންވެއެވެ.

 19- އަދި ތަކުބީރު ކިޔުމާއި ތަހުލީލު ކިޔުމާއި ތަޙްމީދު ކިޔުން އިތުރު ކުރުން ހިމެނެއެވެ. ((فَأَكْثِرُوا فِيهِنَّ مِنَ التَّهْلِيْلِ وَالتَّكْبِيْرِ وَالتَّحْمِيْدِ)) [رواه الإمام أحمد 5446 وصححه محققو المسند] މާނައީ: “އެދުވަސްތަކުގައި ތިޔަބައިމީހުން ތަހުލީލު ކިޔުމާއި ތަކުބީރު ކިޔުމާއި ތަޙްމީދު ކިޔުން ގިނަކުރާށެވެ.” ﷲ ސުބްޙާނަހޫ ވަތަޢާލާ އެއިލާހުގެ ޙުރުމަތްތެރިވެގެންވާ ގެގުޅަށް ޙައްޖުވުމަށް އަންނަ ޙައްޖުވެރިންނާ ބެހޭގޮތުން ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. (لِيَشْهَدُوا مَنَافِعَ لَهُمْ وَيَذْكُرُوا اسْمَ اللَّـهِ فِي أَيَّامٍ مَّعْلُومَاتٍ عَلَىٰ مَا رَزَقَهُم مِّن بَهِيمَةِ الْأَنْعَامِ) (ސޫރަތުލް ޙައްޖު: 28) މާނައީ: “އެއީ އެބައިމީހުންނަށް ހުރި(ދީނާއި، ދުނިޔެވީ) މަންފާތަކެއް ލިބިގަތުމަށްޓަކައެވެ. އަދި ކަނޑައެޅި އެނގިގެންވާ ދުވަސްތަކެއްގައި އެއުރެން ﷲގެ އިސްމުފުޅު ހަނދުމަކޮށްއުޅުމަށެވެ. ނަޢަމުސޫފީގެ ނިޢުމަތް އެބައިމީހުންނަށް ދެއްވިކަމަށްޓަކައެވެ.”

 20- ތަކުބީރު، ތަސްބީޙަ، ތަޙްމީދު އަދި ތަހުލީލަކީ ދެމި ހުންނަނިވި ހެޔޮ ޢަމަލުތަކެވެ. އަދި އެއީ ސުވަރުގޭގެ ހުސްތަނުގައި އިންދޭ ބަގީޗާ (ގަސް) ތަކެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ކަލިމަތަކެވެ. އަދި އެއީ އަހަރެމެންގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށްވެސް އިރު އޭގެ މައްޗަށް އެރި ކޮންމެ އެއްޗަކަށްވުރެ ލޮބުވެތިކަން ބޮޑުވެގެންވާ ކަލިމަތަކެކެވެ. އަދި މި ދުވަސްތަކުގައި ޛިކްރު ކުރާއިރު އަޑުހަރުކުރުން އައުލާވެގެންވެއެވެ. އެއީ ކޮޅަށް ހުރެގެންނާއި އިށިއިނދެ ތިބެގެން، ސަވާރީގަޔާއި ހިނގާފައި އުޅޭ އިރު، ގެތަކުގަޔާއި މަގުތަކުގައި އަދި މިސްކިތްތަކުގަޔާއި މަގުތަކުގައި އަދި ބާޒާރުތަކުގަޔާއި މަސައްކަތްކުރާ މައިދާންތަކުގައިވެސް ޛިކްރުކުރާ އިރުވެސް މެއެވެ.

 21- މުސްލިމުންގެ ތެރެއިން ކަމުވޮށިގެންވާމީހުންނާއި ޢާއްމުންވެސް، މީހުން އެއްވެއުޅޭ ތަންތަނުގަޔާއި ޙަފްލާތަކުގައި އަދި ގެތަކުގައި ތަކްބީރު ކިޔުން އެދެވިގެންވެއެވެ. އަދި އެކިއެކި ތަންތަނަށް އަޑުފޯރުކޮށްދޭ އެކިއެކި ވަސީލަތްތައް ބޭނުންކުރުން (ބްރޯޑްކާސްޓުކުރުން) ވެސް އެއީ އެއްވެސް މައްސަލައެއް އޭގައި އޮތްކަމެއް ނޫނެވެ.

 22- އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުއާއި އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ޛުލްޙިއްޖާމަހުގެ ފުރަތަމަ ދިހަ ދުވަހުގައި، ބާޒާރު މައްޗަށް ނުކުމެވަޑައިގެން ތަކްބީރުވިދާޅުވެއެވެ. އަދި މީސްތަކުންވެސް އެދެބޭކަލުން ތަކުބީރު ކިޔާ އަޑު އިވުމުން ތަކުބީރު ކިޔައެވެ. ތާބިޢީންގެ ތެރެއިން މައިމޫން ބިން މަހްރާން ވިދާޅުވިއެވެ. “ޙައްޖުމަހުގެ ދިހަ ދުވަހުގައި މީސްތަކުން ތަކުބީރު ކިޔަނިކޮށް އަހުރެން ދުށީމެވެ. އެމީހުން ތަކުބީރު ކިޔާލެއް ގިނަކަމުން އަހުރެން އެކަންތައް އެއްގޮތްކުރީ (މިސާލުޖެހީ) ރާޅުންނެވެ. (އެބަހީ ގިނަކަމުގައި ކަނޑުގެ ރާޅުތައް ފަދައެވެ.)” 

 = އައްޝައިޚް މުޙައްމަދު ޞާލިޙުލް މުނައްޖިދު ލިޔުއްވާފައިވާ 44 فائدة في عشر ذي الحجة (ޛުލްޙިއްޖާމަހުގެ ފުރަތަމަ ދިހައެއްގެ 44 ފައިދާ) ގެ ތަރުޖަމާ=

Blog Widget by LinkWithin

No comments:

Post a Comment