20 June 2020

ޒިނޭ އަށް މަގުފަހިވާ ސަބަބުތައް (ފުރަތަމަ ބައި) : ﷲ އަށް ބިރުވެތިނުވުން

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
ﷲ ސުބްޙާނަހޫ ވަތަޢާލާ ފާފައެއް ޙަރާމް ކުރައްވައިފިނަމަ އެ ފާފައަށް މަގުފަހިކުރާ ހުރިހާ ކަންތައްތައް ނަހީކުރައްވައެވެ. އެއީ ފާފައަށް އަރައިގަތުމުގެ ދޮރުތައް ހުޅުއްވާފައި ފާފަ ޙަރާމްކުރައްވާނަމަ އިންސާނުންގެ ނަފްސުގެ ބަލިކަށިކަމާއެކު ނަފުސުތަކަށް ކޮންޓްރޯލްނުވެ ފާފައަށް ފަސޭހައިން އަރައިގަނެވޭނެތީއެވެ. ޒިނޭ ޙަރާމް ކުރައްވާފައިވެސް ޒިނޭއަށް މަގުފަހިކުރާ ހުރިހާ ކަންތައްތައް ނަހީކުރެއްވިއެވެ.

 އަދި ޒިނޭގެ ފާފައިގެ ހުތުރުކަން ބޮޑުކަމާއި ފާޙިޝްކަމުން އެފާފައާ ކައިރިވެސް ނުވުމަށް ﷲ ތަޢާލާ ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ. ﴿وَلَا تَقْرَبُوا الزِّنَىٰ إِنَّهُ كَانَ فَاحِشَةً وَسَاءَ سَبِيلًا﴾ [الإسراء 32] މާނައީ: “ތިޔަބައިމީހުން ޒިނޭއާ ގާތްނުވާށެވެ. ހަމަކަށަވަރުން އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކަމުގައިވިއެވެ. އަދި މަގެއްގެ ގޮތުން އެކަންތައް ހާދަހާ ނުބައިވެގެންވެއެވެ.” ތިރީގައިމިވަނީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި ހުރި ޒިނޭއަށް މަގުފަހިކުރާ ކަންކަމެވެ. އަޅުގަނޑުމެންގެ މުޖުތަމަޢުގައި ޒިނޭ ޢާއްމުވެފައިވަނީ ލަދުގަންނަންޖެހޭ ދަރަޖައަކަށެވެ. މުޖުތަމަޢު ޒިނޭއިން ސަލާމަތްކުރެވޭނީ ޒިނޭއަށް މަގުފަހިކުރާ ހުރިހާ ދޮރުތައް ބަންދުކޮށްގެންނެވެ.

 1- ތަޤްވާވެރިކަން ނެތުން: ޒިނޭ ފަދަ ފާޙިޝް ޢަމަލުތަކަށް އަރައިގަތުމަށް މަގުފަހިވާ އެންމެ ބޮޑު ސަބަބަކީ ފާފައާ އިންސާނާއާ ދެމެދުގައިވާ ފާރުކަމުގައިވާ، ތަޤުވާވެރިކަން ނެތުމެވެ. ޒިނޭއަކީ ކިހާ ހުތުރުކަންބޮޑު ފާޙިޝް ފާފައެއްކަން ހިތަށް ނައުމެވެ. ޒިނޭގެ ފާފައިގެ ޙަރާމްކަމުގެ ބޮޑުކަމަށް ޣާފިލުވުމެވެ. ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ޒިނޭ ސިފަކުރައްވާފައިވަނީ ފާފަތަކުގެ ތެރެއިންވެސް ހުތުރުކަންބޮޑު މުޑުދާރު ފާފައެއްގެ ގޮތުގައެވެ. 

 ޔޫސުފް ޢަލައިހިއްސަލާމަށް ކުރިމަތިވެވަޑައިގެންނެވި އިމްތިޙާނުން ސަލާމަތްވެވަޑައިގަތީ ތަޤްވާވެރިވުމުގެ ސަބަބުންނެވެ. ﷲ ތަޢާލާއަށް ބިރުވެތިވާ އެއިލާހަށް އިޚްލާޞްތެރި އަޅުން އެއިލާހު އެ ހުތުރުކަންބޮޑު ފާފައިން އެއްކިބާކުރައްވާނެއެވެ. ޔޫސުފް ޢަލައިހިއްސަލާމާ ބެހޭގޮތުން އެއިލާހު ވަޙީކުރެއްވިއެވެ. ﴿كَذَٰلِكَ لِنَصْرِفَ عَنْهُ السُّوءَ وَالْفَحْشَاءَ إِنَّهُ مِنْ عِبَادِنَا الْمُخْلَصِينَ﴾ [يوسف 24] މާނައީ: “ތިމަންއިލާހު އެކަލޭގެފާނުގެ ކިބައިން ނުބައި ޢަމަލާއި، ހުތުރުކަންބޮޑު ފާފަ ދުރުކުރެއްވުމަށްޓަކައެވެ. ހަމަކަށަވަރުން، އެކަލޭގެފާނުވަނީ، ތިމަންއިލާހު އިޚްތިޔާރު ކުރެއްވި އަޅުންގެ ތެރެއިންނެވެ.” 

 އަދި ޒިނޭފަދަ ބޮޑެތި ފާޙިޝް ފާފަތަކުން ރައްކާތެރިކުރެއްވުން އެދި ދުޢާކުރުމަކީވެސް ޒިނޭއިން ސަލާމަތްވެގެން ހުރުމަށް ވަރަށް މުހިއްމު ކަމެކެވެ. 

ޔޫސުފް ޢަލައިހިއްސަލާމްވެސް އެކަމަށް ދުޢާކުރެއްވިއެވެ. އަދި ﷲ ތަޢާލާ އެ ދުޢާ އިޖާބަ ކުރެއްވިއެވެ. ﴿قَالَ رَبِّ السِّجْنُ أَحَبُّ إِلَيَّ مِمَّا يَدْعُونَنِي إِلَيْهِ وَإِلَّا تَصْرِفْ عَنِّي كَيْدَهُنَّ أَصْبُ إِلَيْهِنَّ وَأَكُن مِّنَ الْجَاهِلِينَ [٣٣] فَاسْتَجَابَ لَهُ رَبُّهُ فَصَرَفَ عَنْهُ كَيْدَهُنَّ إِنَّهُ هُوَ السَّمِيعُ الْعَلِيمُ [٣٤] ﴾ [يوسف 33-34] މާނައީ: “އެކަލޭގެފާނު ދެންނެވިއެވެ. އަޅުގެ ރައްބެވެ. އަހަރެން ކުރުމަށް އެއުރެން އެ އެދޭކަންތަކަށްވުރެ، ޖަލުގައި ހައްޔަރުވުންވެސް، އަހަރެންނަށް ލޮބުވެތިކަން މާބޮޑެވެ. އަދި އިބައިލާހު އެއުރެންގެ މަކަރުވެރިކަން އަހަރެންގެ ކިބައިން ދުރުނުކުރެއްވިނަމަ، އަހަރެން އެއުރެންނަށް ލެނބިގެން ހިނގައިދާނެތެވެ. އަދި ޖާހިލުންގެ ތެރެއިން އަހަރެން ވެދާނެތެވެ. ފަހެ، އެކަލޭގެފާނުގެ ރައްބު އެކަލޭގެފާނުގެ ދުޢާ އިޖާބަކުރައްވައި، އެއުރެންގެ މަކަރުވެރިކަން އެކަލޭގެފާނުގެ ކިބައިން ދުރުކުރެއްވިއެވެ. ހަމަކަށަވަރުން، އެއިލާހީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.” 

 ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. ((… وَإِنَّهُ مَنْ يَسْتَعِفَّ يُعِفَّهُ اللَّهُ وَمَنْ يَتَصَبَّرْ يُصَبِّرْهُ اللَّهُ وَمَنْ يَسْتَغْنِ يُغْنِهِ اللَّهُ ، وَلَنْ تُعْطَوْا عَطَاءً خَيْرًا وَأَوْسَعَ مِنْ الصَّبْرِ)) [رواه البخاري (6470) ومسلم (1053)] މާނައީ: “ހަމަކަށަވަރުން ޢިއްފަތްތެރިވެވުމަށް އެދޭމީހާ ﷲ ތަޢާލާ އޭނާ ޢިއްފަތްތެރިކުރައްވާނެއެވެ. އަދި ކެތްތެރިވާ މީހާއަށް ﷲ ތަޢާލާ ކެއްތެރިކަން ދެއްވާނެއެވެ. އަދި ފުދިގެން އުޅެން ބޭނުންވާ މީހާއަށް ﷲ ތަޢާލާ ފުދުންތެރިކަން ދެއްވާނެއެވެ. އަދި ކެތްތެރިކަމަށްވުރެ ރަނގަޅު އަދި ހެޔޮކަންބޮޑު އެއްވެސް ދެއްވުމެއް އެއްވެސް މީހަކަށް ނުދެއްވޭ ހުއްޓެވެ.” 

ޒިނޭއިން އެއްކިބާވެއްޖެނަމަ ލިބޭން އޮތް މަތިވެރި އަޖުރާމެދު ނުވިސްނުމަކީ އެއާ މެދު ޣާފިލުވުމަކީވެސް ޒިނޭކުރުމަށް ދިމާވާ ސަބަބެކެވެ. ލަދުވެތި ގުނަވަން ރައްކާތެރިކުރާ މީހުންނަށް ﷲ ތަޢާލާ ބޮޑުވެގެންވާ އަޖުރު ތައްޔާރު ކުރައްވާފައިވެއެވެ. ވަޙީކުރައްވާފައިވެއެވެ. ﴿إِنَّ الْمُسْلِمِينَ وَالْمُسْلِمَاتِ وَالْمُؤْمِنِينَ وَالْمُؤْمِنَاتِ وَالْقَانِتِينَ وَالْقَانِتَاتِ وَالصَّادِقِينَ وَالصَّادِقَاتِ وَالصَّابِرِينَ وَالصَّابِرَاتِ وَالْخَاشِعِينَ وَالْخَاشِعَاتِ وَالْمُتَصَدِّقِينَ وَالْمُتَصَدِّقَاتِ وَالصَّائِمِينَ وَالصَّائِمَاتِ وَالْحَافِظِينَ فُرُوجَهُمْ وَالْحَافِظَاتِ وَالذَّاكِرِينَ اللَّهَ كَثِيرًا وَالذَّاكِرَاتِ أَعَدَّ اللَّهُ لَهُم مَّغْفِرَةً وَأَجْرًا عَظِيمًا﴾ [الأحزاب 35] މާނައީ: “ހަމަކަށަވަރުން، މުސްލިމު ފިރިހެނުންނާއި، މުސްލިމު އަންހެނުންނާއި، މުއުމިނު ފިރިހެނުންނާއި، މުއުމިނު އަންހެނުންނާއި، ކިޔަމަންތެރި އަޅުވެރި ފިރިހެނުންނާއި، ކިޔަމަންތެރި އަޅުވެރި އަންހެނުންނާއި، ތެދުވެރި ފިރިހެނުންނާއި، ތެދުވެރި އަންހެނުންނާއި، ކެތްތެރި ފިރިހެނުންނާއި، ކެތްތެރި އަންހެނުންނާއި، ބިރުވެތިވާ ފިރިހެނުންނާއި، ބިރުވެތިވާ އަންހެނުންނާއި، ޞަދަޤާތްދޭ ފިރިހެނުންނާއި، ޞަދަޤާތްދޭ އަންހެނުންނާއި، ރޯދަހިފާ ފިރިހެނުންނާއި، ރޯދަހިފާ އަންހެނުންނާއި، އެއުރެންގެ ލަދުވެތިގުނަވަންތައް ރައްކާތެރިކުރާ ފިރިހެނުންނާއި، (އެއުރެންގެ ލަދުވެތި ގުނަވަންތައް) ރައްކާތެރިކުރާ އަންހެނުންނާއި، ގިނަގިނައިން ﷲ އަށް ޛިކްރުކުރާ ފިރިހެނުންނާއި، ޛިކްރުކުރާ އަންހެނުންނާއި، އެ އެންމެންނަށް ﷲ ފާފަފުއްސެވުމާއި، ބޮޑުވެގެންވާ ދަރުމަ ތައްޔާރު ކުރެއްވިއެވެ.” 

 އަދި ޤިޔާމަތްދުވަހު، ޢަރުޝީގެ ހިޔާވަހިކަން ލިބިގެންދާ 7 މީހުންގެ ތެރެއިން އެކަކީވެސް ޒިނޭއަށް ދަޢުވަތު ދިނުމުން ﷲ އަށް ބިރުވެތިވެ އެކަމުން އެއްކިބާވެގަންނަ މީހާއެވެ. عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صَلَّى للهُ عَلَيْهِ وَسَلَّمَ، قَالَ: ((سَبْعَةٌ يُظِلُّهُمُ للهُ فِي ظِلِّهِ يَوْمَ لَا ظِلَّ إِلَّا ظِلُّهُ: الْإِمَامُ الْعَادِلُ، وَشَابٌّ نَشَأَ بِعِبَادَةِ اللهِ، وَرَجُلٌ قَلْبُهُ مُعَلَّقٌ فِي الْمَسَاجِدِ، وَرَجُلَانِ تَحَابَّا فِي للهِ اجْتَمَعَا عَلَيْهِ وَتَفَرَّقَا عَلَيْهِ، وَرَجُلٌ دَعَتْهُ امْرَأَةٌ ذَاتُ مَنْصِبٍ وَجَمَالٍ، فَقَالَ: إِنِّي أَخَافُ للهَ، وَرَجُلٌ تَصَدَّقَ أَخْفَى حَتَّى لَا تَعْلَمَ شِمَالُهُ مَا تُنْفِقُ يَمِينُهُ، وَرَجُلٌ ذَكَرَ للهَ خَالِيًا، فَفَاضَتْ عَيْنَاهُ)). [متفق عليه] މާނައީ: ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ކިބައިން އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ރިވާކުރެއްވިއެވެ. ނަބިއްޔާ ޙަދީޘް ކުރެއްވިއެވެ. “ﷲގެ ހިޔާވަހިކަން މެނުވީ ހިޔާވަހިކަމެއް ނުވާދުވަހުގައި، އެއިލާހުގެ ހިޔާވަހިކަމުން ހިޔާވަހިކަން ދެއްވާ ހަތް ބައެއްވެއެވެ. (އެއީ) ޢަދުލުވެރި ވެރިމީހާއާއި، ﷲއަށް އަޅުކަންކުރުމުގައި ޒުވާންކަން ހޭދަކުރި ޒުވާނާއާއި، އެމީހެއްގެ ހިތް މިސްކިތްތަކާގުޅިފައިވާ މީހާއާއި، މާތް ﷲ އަށްޓަކައި ލޯބިވެ އެގޮތުގައި ބައްދަލުވެ އަދި އެގޮތުގައި ވަކިވާ ދެމީހުންނާއި، ޙަސަބާއި ނަސަބުވެރި ރީތި އަންހެނެއް (ފާޙިޝް ޢަމަލެއްކުރުމަށް) ގޮވާލުމުން، ‘ހަމަކަށަވަރުން ތިމަން ﷲއަށް ބިރުވެތިވަމޭ’ ބުނެ (އެކަމުން ދުރުވެގަންނަ) މީހާއާއި، ޞަދަޤާތްކުރާއިރު އެމީހާގެ ކަނާއަތުން ހޭދަކުރާ އެތި ވައަތަށްވެސް ނޭނގޭހާ ސިއްރުން ހޭދަކުރިމީހާއާއި، އެކަހެރިވެހުރެ ﷲ ހަނދުމަ ކުރުމުން އޭނާގެ ދެ ލޮލޮން ކަރުނަ އޮހޮރޭ މީހާއެވެ.”

 އަހަރެމެންގެ ކުރީގެ އުންމަތްތަކުގެ މީހުންގެ ތެރެއިން ބައެއް މީހުންގެ ވާހަކަތައް ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި އަހަރެމެންނަށް ޢިބުރަތަކަށް ބަޔާންކުރައްވާފައިވެއެވެ. އެމީހުންގެ ޙަޔާތުން، އެމީހުންގެ ޢިއްފަތްތެރިކަމުން ޢިބުރަތް ޙާޞިލްކޮށްގެން އަހަރެމެންގެ ޙަޔާތަށް ޢިއްފަތްތެރިކަން ގެނެސްގަތުމަށްޓަކައެވެ. އަދި ޢިއްފަތްތެރިކަމަކީ އެކަން ލިބިގަންނަ މީހުންގެ ވާހަކަ އެންމެ މާތް ފޮތަށް އަރާ، ޤިޔާމަތާ ޖެހެންދެން އެމީހުންގެ ޢިއްފަތްތެރިކަމުގެ ވާހަކަތައް ތިލާވަތު ކުރެވި، އެމީހުންގެ ޢިއްފަތްތެރިކަމުގެ ވާހަކަ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ވަޙީ ބަސްފުޅުން އެއިލާހު އެކަމަށް ހެކިވާ ބަޔާންކުރައްވާ ވަރުގެ މާތްކަން ބޮޑު ކަމެކެވެ. ﴿وَمَرْيَمَ ابنة عِمْرَانَ الَّتِي أَحْصَنَتْ فَرْجَهَا فَنَفَخْنَا فِيهِ مِن رُّوحِنَا وَصَدَّقَتْ بِكَلِمَاتِ رَبِّهَا وَكُتُبِهِ وَكَانَتْ مِنَ الْقَانِتِينَ﴾ [التحريم 12] މާނައީ: “އަދި ޢިމްރާންގެ އަންހެންދަރިކަނބަލުން މަރްޔަމްގެ މިސާލުވެސްމެއެވެ. އެކަމަނާއީ، އެކަމަނާގެ ލަދުވެތިގުނަވަން ރައްކާތެރިކުރި ކަމަނާއެވެ. ފަހެ، ތިމަންއިލާހުގެ ރޫޙުން އެކަމަނާގެ ގައިކޮޅަށް ފުމެލެއްވީމެވެ. އަދި އެކަމަނާގެ ރައްބުގެ ކަލިމަތަކާއި، އެއިލާހު (ބާވައިލެއްވި) ފޮތްތައް އެކަމަނާ ތެދުކުރެއްވިއެވެ. އަދި އެކަމަނާ ވަނީ، ކިޔަމަންތެރި އަޅުވެރިންގެ ތެރެއިންނެވެ.” ޒިނޭ ކުރާ މީހުންނަށް ދުނިޔެމަތީގަޔާއި ކަށްވަޅުގައި އަދި ނަރަކައިގައި ހުރި ވޭންދެނިވި ޢަޛާބާމެދު ވިސްނާލުމަކީވެސް ޒިނޭއަށް ބިރުވެތިވުމަށް އެޅޭ ބާރަކަށް ވާނެއެވެ.

 (ނުނިމޭ)

Blog Widget by LinkWithin

No comments:

Post a Comment