29 June 2020

ފަރްޟު ނަމާދުތަކުގަޔާއި ސުންނަތް ނަމާދުތަކުގައި ސޫރަތުލް ފާތިޙާއަށް ފަހު ސޫރަތެއް ކިޔެވުން

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
ފަރްޟު ނަމާދު ތަކުގަޔާއި ސުންނަތް ނަމާދު ތަކުގައި ސޫރަތުލް ފާތިޙާ ކިޔެވުމަށްފަހު، އޭގެ ފަހުގައި ކީރިތި ޤުރްއާނުގެ ސޫރަތެއް ނުވަތަ ކީރިތި ޤުރްއާނުގެ މިންވަރެއް ކިޔެވުމާމެދު ދަންނައެވެ. ބައެއް މީހުންނަށް ހީވެފައި އޮންނަނީ ފަރްޟު ނަމާދުގައި ފާތިޙާ ސޫރަތަށްފަހު ސޫރަތެއް ނުވަތަ ޤުރްއާނުން މިންވަރެއް ކިޔެވުން އޮންނަކަމަށާއި ސުންނަތްނަމާދުތަކުގައި އެކަން އެގޮތަށް ނޯންނަކަމަށެވެ. އެހެންކަމުން މިކަން އޮންނަ ގޮތް ދަސްކުރަން އެބަޖެހެއެވެ. 

އެންމެ ފުރަތަމަ ކަމަކަށް، ކޮންމެ ރަކްޢަތެއްގައި ސޫރަތުލް ފާތިޙާ ކިޔެވުމަކީ، އިމާމު މީހާ އަދި އެކަނި ނަމާދު ކުރާ މީހާގެ މައްޗަށްވެސް ނަމާދުގެ ރުކުނެކެވެ. އެއާ ނުލައި ނަމާދު ޞައްޙަނުވާ ހުއްޓެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދިޘްކުރައްވާފައިވެއެވެ. ( لا صَلاة لِمَنْ لَمْ يَقْرَأْ بِفَاتِحَةِ الْكِتَابِ ) رواه البخاري (الأذان/714) މާނައީ: "ސޫރަތުލް ފާތިޙާ ނުކިޔަވާ މީހަކަށް ނަމާދެއް ނުވެއެވެ." (އެބަހީ އޭނާގެ ނަމާދު ޞައްޙަ ނުވާ ހުއްޓެވެ.) 

 ޖަހްރިއްޔަ ނަމާދުތަކުގައި (އިމާމު މީހާ ބާރަށް ކިޔަވާ ނަމާދުތަކުގައި) މައުމޫމުން ސޫރަތުލް ފާތިޙާ ކިޔެވުމާމެދު ޢިލްމުވެރިން އިޚްތިލާފުވެވަޑައިގެންފައިވެއެވެ.

 1- ބައެއް ޢިލްމުވެރިން ވިދާޅުވަނީ އެއީ ވާޖިބެއް ކަމަށެވެ. މައުމޫމުންވެސް ކިޔަވަން ޖެހޭނެކަމަށެވެ.

 2- އަނެއްބައި ޢިލްމުވެރިން ވިދާޅުވަނީ އިމާމާގެ ކިޔެވުން މައުމޫމުންނަށް ފުދޭނެކަމަށެވެ. މައުމޫމުން ފާތިޙާ ސޫރަތް އަލުން ކިޔަވަން ނުޖެހޭނެކަމަށެވެ. އިމާމާގެ ފާތިޙާ ސޫރަތް ކިޔެވުން އަޑުއެހުމުން ފުދޭނެކަމަށެވެ. މި ދެ ބަސްފުޅުގެ ތެރެއިން ރާޖިޙު (އެންމެ ޞައްޙަ) ބަސްފުޅެއްގެ ގޮތުގައި ބެލެވެނީ ޖަހްރިއްޔަ ނަމާދުތަކުގައި މައުމޫމުންވެސް ފާތިޙާ ސޫރަތް ކިޔަވަންޖެހޭނެ ކަމަށް ބުނާ ބަސްފުޅެވެ. 

 ދެން އޮތީ ފާތިޙާ ސޫރަތަށް ފަހުގައި ކީރިތި ޤުރްއާނުން މިންވަރެއް ކިޔެވުމާމެދު އޮންނަނީ ކިހިނެއްތޯ ބެލުމެވެ. ފަރްޟު ނަމާދުތަކުގަޔާއި ސުންނަތް ނަމާދުތަކުގައި ސޫރަތުލް ފާތިޙާއަށް ފަހު ކީރިތި ޤުރްއާނުގެ ސޫރަތެއް ނުވަތަ ކީރިތި ޤުރްއާނުން މިންވަރެއް ކިޔެވުމަކީ ސުންނަތް ކަމެކެވެ. އޭގެ މާނައަކީ ކުރުމުން ޘަވާބު ލިބޭ ނުކޮށް ދޫކޮށްލިޔަސް ޢަޛާބު ނުލިބޭ ކަމެކެވެ. ސޫރަތެއް ނުކިޔެވި ކަމުގައިވިޔަސް ނަމާދު ޞައްޙަވާނެއެވެ. މިކަމުގެ ދަލީލު މިއީއެވެ. عن عطاء قال : قال أبو هريرة : في كل صلاة قراءة ، فما أسمعَنا النبي صلى الله عليه وسلم أسمعْناكم ، وما أخفى منا أخفيناه منكم ، ومن قرأ بأم الكتاب فقد أجزأت عنه ومن زاد فهو أفضل .رواه البخاري ( 738 ) وعنده " وإن زدت فهو خير " ، ومسلم ( 396 ) . ޢަޠާ ރަޙިމަހުﷲ ވިދާޅުވިއެވެ. އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. "ކޮންމެ ނަމާދެއްގައި ކިޔެވުން ވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަހަރެމެންނަށް އަޑުއިއްވަވައިދެއްވި ތަކެތި އަހަރެމެން ތިޔަބައިމީހުންނަށް އަޑުއިއްވައިދިނީމެވެ. އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަހަރެމެންނަށް ވަންހަނާކުރެއްވި ތަކެތި(އެބަހީ ސިއްރުން ކިޔަވާ ވިދާޅުވި ކިޔަވާ ވިދާޅުވުން) އަހުރެން ތިޔަބައިމީހުންނަށް ވަންހަނާކުރައްވާހުށީމެވެ. (ސިއްރުން ކިޔަވާ ވިދާޅުވެދެއްވާހުށީމެވެ.) އަދި ފާތިޙާ ސޫރަތް ކިޔަވައިފިމީހާ ފަހެ އޭނާގެ ކިބައިން އެކަން އެކަން ފުދިގެންވެއެވެ. އަދި އެއަށްވުރެ އިތުރުކޮށްފި މީހާ ދަންނާށެވެ. ފަހެ އެއީ އެންމެ މޮޅުއިތުރު ގޮތެވެ."  

އެހެންކަމުން މި ޙަދީޘުން އެނގެނީ ސޫރަތުލް ފާތިޙާ ކޮންމެހެންވެސް ކިޔަވަންޖެހޭނެ ކަމާއި އެސޫރަތް އެކަނި ކިޔެވިކަމުގައިވިޔަސް ފުދޭނޭ ކަމެވެ. އެކަމަކު ނަމާދުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން ސާބިތުވާ އަދި އެންމެ ފުރިހަމަ ގޮތަކީ ފާތިޙާ ސޫރަތަށްފަހު ސޫރަތެއް ނުވަތަ ޤުރްއާނުން ކޮންމެވެސް މިންވަރެއް ކިޔެވުމެވެ. މިކަމުގައި ފަރްޟު ނަމާދާއި ސުންނަތް ނަމާދުގައި އެއްވެސް ތަފާތެއް ނެތެވެ. ބައެއް މީހުން ހީކުރަނީ ނަމާދުގައި ކިޔާ ތަކެތީގައި ފަރްޟު ނަމާދާއި ސުންނަތް ނަމާދުގައި ތަފާތު ހުންނަކަމަށެވެ. އެކަމަކު އެއީ ރަނގަޅުވާހަކައެއް ނޫނެވެ. ފަރްޟު ނަމާދުތަކުގައި ކިޔާ ތަކެތި ހަމަ ސުންނަތް ނަމާދުތަކުގައިވެސް ވަނީ ހަމަ އެ ޙުކުމްތަކުގައެވެ.

 އަދި ސުންނަތް ނަމާދުގައި ދުޢާއުލް އިސްތިފްތާޙް ކިޔަން ޖެހޭނެތޯވެސް ބައެއް މީހުން ސުވާލު ކުރެއެވެ. ކުރިން ދެންނެވި ފަދައިން މިފަދަ ކަންތައްތަކުގައި ފަރްޟު ނަމާދެކޭ ސުންނަތް ނަމާދެކޭ ވަކި ފަރަޤެއް ނޯވެއެވެ. ޢާއްމު އުޞޫލުން ބަލާއިރު ހުރިހާ ނަމާދެއްގައިވެސް ކަން އޮންނަ މަގަކީ އަންނަނިވި ތަރުތީބެވެ. އަދި އެކަންކަމުގެ ޙުކުމް ހިނގާހުށީ މިފަދައިންނެވެ.

 ނަމާދުގެ ތަރުތީބު (ފަރްޟާއި ސުންނަތް ނަމާދުގައި ހަމަ އެއްގޮތެއް)

 1- ނަމާދަށް ނިޔަތް ގަތުން (ނަމާދު ޞައްޙަވުމުގެ ޝަރްޠެއް) – ނިޔަތް ގަންނަންޖެހެނީ ހިތުން

 2- ނަމާދު ފަށާ ތަކްބީރު ނުވަތަ ތަކްބީރަތުލް އިޙްރާމް ނުވަތަ ﷲ އަކްބަރު ކިޔުން (މިއީ ނަމާދުގެ ރުކުނެއް) އަދި މިރުކުން އަދާކުރުމުގައި ދެއަތް ދެކޮނޑާ ހަމައަށް އުފުލައި ﷲ އަކްބަރް ކިޔުމީ ސުންނަތްވެގެންވާ ގޮތް

 3- ދުޢާއުލް އިސްތިފްތާޙް ކިޔުން -އެއީ ވައްޖަހުތު ދުޢާ ކަމުގައިވިޔަސް އަދި ވާރިދުވެގެންވާ އެހެން ކޮންމެ ޞައްޙަ ދުޢާއެއް ކަމުގައިވިޔަސް މައްސަލައެއް ނެވެ. (މިއީ ނަމާދުގެ ސުންނަތެކެވެ)

 4- އަޢޫޛު ކިޔުން (މިއީ ނަމާދުގެ ސުންނަތެކެވެ.)

 5- ބިސްމި ކިޔުން (މިއީވެސް ނަމާދުގެ ސުންނަތެކެވެ)

 6- ފާތިޙާ ސޫރަތް ކިޔެވުން (މިއީ ނަމާދުގެ ރުކުނެކެވެ) - ޖަހްރިއްޔަ ނަމާދުތަކުގައި (އިމާމު މީހާ އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި) މައުމޫމުން ފާތިޙާ ސޫރަތް ކިޔަވާނީ އިމާމު މީހާ ފާތިޙާ ސޫރަތް ކިޔަވާ ނިމުނީމާ އާމީން ކިޔުމަށްފަހުގައެވެ. އެދެމެދުގައި ވަގުތު ދިން ނަމަވެސް އަދި ނުދިން ނަމަވެސް ކިޔަވަން ވާނެއެވެ. މައުމޫމުން ފާތިޙާ ސޫރަތް ކިޔަވަން ފެށުމަށްފަހުގައި އިމާމު މީހާ ސޫރަތް ކިޔަވަން ފެށިކަމުގައި ވިޔަސް މައުމޫމުން ފާތިޙާ ސޫރަތް ކިޔަވާ ނިންމަންވާނެއެވެ. އޭގެ ފަހުގައި އަޑުއެހުނު މިންވަރެއް އަޑުއަހާނީއެވެ. އިމާމު މީހާ ފާތިޙާ ސޫރަތް ކިޔަވަމުންދާއިރު އޭނާގެ އަޑުދަށުން މައުމޫމުން ފާތިޙާ ސޫރަތް ކިޔެވުމަކީ އެއީ އޮންނަގޮތެއް ނޫނެވެ. އަދި އިމާމު މީހާ އެހެން ސޫރަތެއް ކިޔަވަމުންދާއިރު، އަޑުދަށުން އެސޫރަތް ކިޔެވުމެއް ނޯވެއެވެ. އޮންނަނީ އަޑުއަހައިގެން ހުރުމެވެ. އެހެންކަމުން ފާތިޙާ ސޫރަތް މައުމޫމު މީހާ ކިޔަވާ ނިންމުމަށްފަހު އިމާމާގެ ކިޔެވުން މައުމޫމުން އަޑުއަހާނީއެވެ.

 7- ފާތިޙާ ސޫރަތަށް ފަހުގައި އާމީން ކިޔުން (މިއީވެސް ނަމާދުގެ ސުންނަތެކެވެ.)

 8- ފާތިޙާ ސޫރަތަށް ފަހުގައި ސޫރަތެއް ނުވަތަ ޤުރްއާނުން ކޮންމެވެސް މިންވަރެއް ކިޔެވުން (މިއީވެސް ނަމާދުގެ ސުންނަތެކެވެ.) ހަތަރު ރަކްޢަތުގެ ނަމާދުތަކުގެ ފަހު ދެ ރަކްޢަތުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން އެކަލޭގެފާނު ދެގޮތަކަށް ޢަމަލުކުރައްވާ ކަމުގައި ރިވާވެގެންވެއެވެ. އެކަލޭގެފާނު ބައެއްފަހަރު އެފަހު ދެ ރަކްޢަތުގައި ފާތިޙާ ސޫރަތުން ފުއްދަވާލައްވަތެވެ. މިއީ އެންމެ ގިނަފަހަރު އެކަލޭގެފާނު ޢަމަލު ކުރެއްވިގޮތެވެ. އަނެއްބައިފަހަރު ކީރިތި ޤުރްއާނުން މިންވަރެއް ކިޔަވާ ވިދާޅުވެއެވެ. އެކަމާ ބެހޭގޮތުން ރިވާވެފައިވާ އެންމެ މަޝްހޫރު ދެ ޙަދީޘް ތިރީގައި އެވަނީއެވެ. 

عَنْ أَبِي قَتَادَةَ : " أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ يَقْرَأُ فِي الرَّكْعَتَيْنِ الْأُولَيَيْنِ مِنَ الظُّهْرِ وَالْعَصْرِ، بِفَاتِحَةِ الْكِتَابِ وَسُورَةٍ وَيُسْمِعُنَا الْآيَةَ أَحْيَانًا، وَيَقْرَأُ فِي الرَّكْعَتَيْنِ الْأُخْرَيَيْنِ بِفَاتِحَةِ الْكِتَابِ " . البخاري (759) ، ومسلم (451) އަބޫ ޤަތާދާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. "ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، މެންދުރު ނަމާދުގައްޔާއި ޢަޞްރު ނަމާދުގެ ފުރަތަމަ ދެ ރަކްޢަތުގައި ފާތިޙާ ސޫރަތާއި އަދި (އެހެން) ސޫރަތެއް، އެކަލޭގެފާނު އަހަރެމެންނަށް އަޑުއިއްވަވާދެއްވާ ޙާލު (އަޑުހަރުކޮށް) ބައެއްފަހަރު ކިޔަވާ ވިދާޅުވާކަމުގައިވިއެވެ. އަދި ދެން ބާކީ އިން ދެ ރަކްޢަތުގައި (އެބަހީ މެންދުރު ނަމާދާއި ޢަޞްރުނަމާދުގެ ފަހު ދެ ރަކްޢަތުގައި) ފާތިޙާ ސޫރަތް ކިޔަވާ ވިދާޅުވެއެވެ." 

ބައެއްފަހަރު މިނޫން ގޮތަކަށްވެސް ޢަމަލު ކުރެއްވިކަން އަންނަނިވި ޙަދީޘުން އެނގެއެވެ. 

عَنْ أَبِي سَعِيدٍ الْخُدْرِيِّ : " أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ يَقْرَأُ فِي صَلَاةِ الظُّهْرِ فِي الرَّكْعَتَيْنِ الْأُولَيَيْنِ فِي كُلِّ رَكْعَةٍ قَدْرَ ثَلَاثِينَ آيَةً ، وَفِي الْأُخْرَيَيْنِ قَدْرَ خَمْسَ عَشْرَةَ آيَةً أَوْ قَالَ نِصْفَ ذَلِكَ - وَفِي الْعَصْرِ فِي الرَّكْعَتَيْنِ الْأُولَيَيْنِ فِي كُلِّ رَكْعَةٍ قَدْرَ قِرَاءَةِ خَمْسَ عَشْرَةَ آيَةً وَفِي الْأُخْرَيَيْنِ قَدْرَ نِصْفِ ذَلِكَ " . رواه مسلم (452) އަބޫ ސަޢީދުލް ޚުދްރީ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. "ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، މެންދުރު ނަމާދުގެ ފުރަތަމަ ދެ ރަކްޢަތުގައި ތިރީސް އާޔަތުގެ މިންވަރަށް ކިޔަވާ ވިދާޅުވާކަމުގައިވެއެވެ. އަދި ފަހު ދެ ރަކްޢަތުގައި ފަނަރަ އާޔަތުގެ މިންވަރަށް ކިޔަވާ ވިދާޅުވާކަމުގައިވެއެވެ. (އަބޫ ސަޢީދު ވިދާޅުވިއެވެ.) ނުވަތަ އޭގެ ދެބައިކުޅަ އެއްބައި މިންވަރަށް ކިޔަވާ ވިދާޅުވާކަމުގައިވެއެވެ. އަދި ޢަޞްރު ނަމާދުގެ ފުރަތަމަ ދެ ރަކްޢަތުގައި ފަނަރަ އާޔަތުގެ މިންވަރަށް ކިޔަވާ ވިދާޅުވާކަމުގައިވެއެވެ. އަދި ފަހު ދެ ރަކްޢަތުގައި އޭގެ ދެބައިކުޅަ އެއްބައި މިންވަރަށެވެ." 

އެހެންކަމުން މެންދުރު ނަމާދު ނުވަތަ ޢަޞްރު ނަމާދުގެ ފަހު ދެ ރަކްޢަތުގައި މީހަކު ފާތިޙާ ސޫރަތުގެ އިތުރުން ޤުރްއާނުން މިންވަރެއް ކިޔެވުމަކީ އެއީ އޭގައި އެއްވެސް މައްސަލައެއް އޮތްކަމެއް ނޫނެވެ. އަދި ނުކިޔެވިޔަސް އޭގައި މައްސަލައެއް ނެތެވެ. ޢިލްމުވެރިން ވިދާޅުވާގޮތުން ބައެއްފަހަރަށް އެގޮތަށް ޢަމަލު ކުރުމުން މިދެ ޙަދީޘަށްވެސް ޢަމަލު ކުރެވުނީއެވެ. އަދި މަޣްރިބް ނަމާދުގެ ފަހު ރަކްޢަތުގަޔާއި ޢިޝާ ނަމާދުގެ ފަހު ދެ ރަކްޢަތުގައިވެސް މަތީގައިވާ އަބޫ ޤުތާދާ ރަޙިމަހުﷲ ގެ ޙަދީޘަށް ޢަމަލުކޮށް، ހަމައެކަނި ފާތިޙާ ސޫރަތް ކިޔެވުމުން ފުދޭނެއެވެ. އަދި ބައެއްފަހަރު، އޭގެ އިތުރުން ސޫރަތެއް ކިޔެވިކަމުގައިވިޔަސް މައްސަލައެއް ނެތްކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ. (ބައްލަވާ "زاد المعاد" (1/239) :) އަދި الشرح الممتع" (3/ 215). -) 

 ނަމާދުގައި ހަނދާންނެތިގެން ދުޢާއުލް އިސްތިފްތާޙް ނުކިޔުނު ނަމަވެސް ނުވަތަ ގަސްދުގައި ނުކިޔާ ދޫކޮށްލިނަމަވެސް ކުށު ސަޖިދަ ޖަހާކަށް ނުޖެހޭނެއެވެ. އެހެނީ އެއީ ނަމާދުގެ ސުންނަތެކެވެ. ސުންނަތެއް ދޫވުމަކުން ނުވަތަ ދޫކޮށްލުމަކުން ނަމާދުގެ ޞައްޙަކަމަކަށް ބަދަލެއް ނާންނާނެއެވެ. ޝައްކެއްވެސް ނެތް ގޮތުގައި އެންމެ ފުރިހަމަ ގޮތަކީ ސުންނަތްތައްވެސް އަދާކޮށްގެން ނަމާދު ކުރުމެވެ. 

އަދި ހަމަ އެއާއެކު، ސޫރަތުލް ފާތިޙާގެ ފަހުގައި ސޫރަތެއް ނުކިޔެވިޔަސް، ނަމާދު ޞައްޙަ ވާނެއެވެ. އެހެނީ އެއީވެސް ސުންނަތެކެވެ. އެހެންނަމަވެސް އެންމެ ޘަވާބު ބޮޑު އެންމެ ފުރިހަމަގޮތަކީ ސޫރަތުލް ފާތިޙާއަށް ފަހުގައި ސޫރަތެއް ނުވަތަ ޤުރްއާނުން މިންވަރެއް ކިޔެވުމެވެ. 

 ފާތިޙާ ސޫރަތަށް ފަހުގައި ކިޔެވޭނެ އެންމެ މަދު މިންވަރަކީ ކޮބައިތޯ؟ 

ޢިލްމުވެރިން ވިދާޅުވާގޮތުގައި އެއީ އާޔަތެއްގެ މިންވަރެވެ. ދިގު އާޔަތެއް ކިޔެވުން މުސްތަޙައްބު ވެގެންވެއެވެ. އަދި އެންމެ އާޔަތެއް ކިޔަވާނަމަ މާނަ ހަމަޖެހޭ ކަހަލަ އާޔަތެއް ކިޔެވުން އެދެވިގެންވެއެވެ. އެހެނީ ބައެއްފަހަރު ހުންނަ ކުދި ކުދި އާޔަތް ތަކަކީ އެހެނިހެން އާޔަތްތަކާ ގުޅިގެން އަންނަ އާޔަތްތަކަށްވާތީ މާނަ ހަމަޖެހޭނީ އެ އާޔަތްތައްވެސް ކިޔަވައިގެންނެވެ. (ބައްލަވާ: "شرح المنتهى" (1/191) އަދި " كشاف القناع " (1 / 342 ) ) 

 މަރްޖިޢުތައް
 https://islamqa.info/ar/answers/234216 https://islamqa.info/ar/answers/6422 https://islamqa.info/ar/answers/97484

Blog Widget by LinkWithin

No comments:

Post a Comment