11 December 2014

“އިސްލާމްދީން ބިނާވެގެންވަނީ ފަސްކަމެއްގެ މައްޗަށެވެ” ޙަދީޘުގެ ފައިދާތައް

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

"އިސްލާމްދީން ބިނާވެގެންވަނީ ފަސްކަމެއްގެ މައްޗަށެވެ." ޙަދީޘުގެ ފައިދާތައް
عنْ أبي عبدِ الرَّحمنِ عبدِ اللهِ بنِ عُمرَ بنِ الخطَّابِ -رَضِي اللهُ عَنْهُما- قالَ: سَمِعْتُ رسُولَ اللهِ - صَلَّى اللهُ عَلَيْهِ وَسَلَّمَ - يَقُولُ:)) بُنِيَ الإِسْلاَمُ عَلَى خَمْسٍ: شَهَادَةِ أَنْ لاَ إِلَهَ إِلاَّ اللهُ وَأَنَّ مُحَمَّدًا رَسُولُ اللهِ، وَإِقامِ الصَّلاَةِ، وإِيتَاءِ الزَّكَاةِ، وَحَجِّ البَيْتِ، وَصَوْمِ رَمَضَانَ((. رَوَاهُ البُخَارِيُّ ومُسْلِمٌ. [رواه البخاري (8) ومسلم (16) (19).]

ޙަދީޘުގެ މާނަ
أبو عَبْدِ الرَّحْمَن عَبْدِ اللهِ بْنِ عُمَرَ ابْنِ الخَطَّابِ رَضِي اللهُ عَنْهُمَا ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރައްވަނިކޮށް އަހުރެން އަޑުއެހީމެވެ. "އިސްލާމްދީން ބިނާވެގެންވަނީ ފަސް ކަމެއްގެ މައްޗަށެވެ. އެއީ؛ ﷲ މެނުވީ ޙައްޤުވެގެން އަޅުކަން ވެވޭ އިލާހަކު ނުވާކަމަށް ހެކިވުމާއި، ހަމަކަށަވަރުން މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އެއީ ﷲގެ ރަސޫލާކަމުގައި ހެކިވުމާއި، ނަމާދު ޤާއިމު ކުރުމާއި، ޒަކާތް ދިނުމާއި، ގެފުޅަށް ޙައްޖުވުމާއި އަދި ރަމަޟާންމަހު ރޯދަ ހިފުމެވެ."

ޙަދީޘުން ލިބޭ ފައިދާތައް
1- އިމާމު ނަވަނީ ރަޙިމަހުﷲ ވިދާޅުވިއެވެ. "ދީން މަޢުރިފާކޮށް ދެނެގަތުމުގައި މި ޙަދީޘަކީ ދީނުގެ އަޞްލުތަކުގެ ތެރެއިން ވަރަށް މަތިވެރި އަޞްލެކެވެ." ދީން މަޢުރިފާކޮށް ދެނެގަތުމުގައި ބަރޯސާވުން ވަނީ މި ޙަދީޘުގެ މައްޗަށެވެ. އެހެނީ މި ޙަދީޘުގައި އިސްލާމްދީނުގެ ރުކުންތައް ޖަމާކުރައްވާފައިވެއެވެ." [شرح صحيح مسلم جزء1 ص 152]
2- މި ޙަދީޘަކީ މިހާ މުހިއްމު ޙަދީޘަކަށް ވީ ހިނދު މި ޙަދީޘަށް މުހިއްމުކަން ދީ މި ޙަދީޘު ހިތުދަސްކޮށް މުސްލިމުންގެ ތެރޭގައި ފެތުރުން ވާޖިބުވެގެންވެއެވެ." [قواعد وفوائد من الأربعين النووية -ناظم سلطان]
3- މި ޙަދީޘުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަޔާންކުރައްވާފައިވާ އިސްލާމްދީނުގެ ރުކުންތައް އަދާކޮށްގެން މެނުވީ މުސްލިމަކަށް ނުވެވޭނެއެވެ. އިސްލާމްދީނުގެ ދެން ބާކީ ހުރި ކަންތައްތަކަކީ އިސްލާމްކަން ފުރިހަމަ ވުމުގެ ތެރެއިން ވާ ކަންކަމެވެ. މި ޙަދީޘުގައި މިހުރި ކަންކަމަކީ އިސްލާމްކަމުގެ އަސާސުގެ ތެރެއިންވާ ކަންކަމެވެ.
4- މި ޙަދީޘުގައި ޛިކްރު ކުރެވިފައިމިވާ ކަންކަމުގެ ތެރެއިން ފަހު ހަތަރުކަންތައް ބިނާވެގެންވަނީ ފުރަތަމަ ކަންތަކުގެ މައްޗަށެވެ. އެހެނީ ޝަހާދަތާ ނުލާ ﷲ ތަޢާލާ އެއްވެސް މީހެއްގެ ކިބައިން އެއްވެސް ޢަމަލެއް ޤަބޫލުނުކުރައްވައެވެ.
5- އީމާންކަމުގެ ރުކުންތައް މި ޙަދީޘުގައި ބަޔާންވެފައިނެތީ، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ރަސޫލުކަމަށް ހެކިވުމުގެ ތެރޭގައި އެކަލޭގެފާނު އެކަންކަމައިގެން ވަޑައިގެންނެވި އެންމެހާ ކަންތައްތަކާއި ތަކެއްޗަށް އީމާންވުން ހިމެނޭތީއެވެ. މި ޙަދީޘުގައި ބަޔާންނުވެ ހުރި އިސްލާމްދީނުގެ ޢަޤީދާތަކާއި އަޅުކަންތައް މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ރިސާލަތުގެ ތެރޭގައި ހިމެނެއެވެ.
6- ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅު އަކީ )) بُنِيَ الإِسْلاَمُ عَلَى خَمْسٍ: شَهَادَةِ أَنْ لاَ إِلَهَ إِلاَّ اللهُ وَأَنَّ مُحَمَّدًا رَسُولُ اللهِ)) އިސްލާމްދީނުގެ އެންމެ މުހިއްމު ބައެވެ. އެހެނީ ލެއާއި މުދާ ޙުރުމަތްތެރިވުން ވަނީ މިކަލިމައިގެ ސަބަބުންނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރެއްވިއެވެ. ((أُمِرْتُ أَنْ أُقَاتِلَ النَّاسَ، حَتَّى يَشْهَدُوا أَنْ، لَا إِلَهَ إِلَّا اللَّهُ، وَيُؤْمِنُوا بِي وَبِمَا جِئْتُ بِهِ، فَإِذَا فَعَلُوا ذَلِكَ عَصَمُوا مِنِّي دِمَاءَهُمْ وَأمْوَالَهُمْ إِلاَّ بِحَقِّهاَ وَحِسَابُهُمْ عَلَى اللهِ)) [رَوَاهُ البُخَارِي وَمُسْلِمٌ] މާނައީ: "ﷲ މެނުވީ ޙައްޤުވެގެން އަޅުކަމެއް ވެވޭ އިލާހަކު ނުވާކަމަށް ހެކިވެއްޖައުމަށާއި، އަހުރެންނާއި އަހުރެން ގެންނެވިތަކެއްޗާއި ކަންކަމަށް އީމާންވެއްޖައުމަށް ދަންދެން މީސްތަކުންނާ ހަނގުރާމަ ކުރުމަށް އަހުރެންނަށް އަމުރުވެވިގެން ވެއެވެ. ފަހެ އެބައިމީހުން މިކަން ކޮށްފިނަމަ އަހުރެންގެ ކިބައިން އެމީހުންގެ ލެޔާއި މުދާ، އިސްލާމް ދީނުގެ ޙައްޤުގައިމެނުވީ ރައްކާތެރިވެއްޖެއެވެ. އަދި އެއުރެންގެ ހިސާބު އޮތީ ﷲ ތަޢާލާގެ މައްޗަށެވެ."
ﷲ ތަޢާލާ އަހަރެމެންގެ މައްޗަށް ޝަރުޢުކުރެއްވި ޢަމަލުތައް ޤަބޫލުކުރެވުން ވަނީ ޝަހާދަތުގައެވެ. ސުވަރުގެއަށް ވަދެވުމާއި ނަރަކައިން މިންޖުވުންވެސްވަނީ ޝަހާދަތުގައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. (إِنَّ الَّذِينَ كَذَّبُوا بِآَيَاتِنَا وَاسْتَكْبَرُوا عَنْهَا لَا تُفَتَّحُ لَهُمْ أَبْوَابُ السَّمَاءِ وَلَا يَدْخُلُونَ الْجَنَّةَ حَتَّى يَلِجَ الْجَمَلُ فِي سَمِّ الْخِيَاطِ وَكَذَلِكَ نَجْزِي الـْمُجْرِمِينَ) [الأعراف 40] މާނައީ: "ހަމަކަށަވަރުން، ތިމަންއިލާހުގެ އާޔަތްތައް ދޮގުކޮށް، އަދި އެ އާޔަތްތަކާމެދު ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ) އެއުރެންނަށްޓަކައި، އުޑުގެ ދޮރުތައް ހުޅުވިގެން ނުދާހުށްޓެވެ. އަދި ތިނޯހުގެ ފަގަޔަށް ޖަމަލު ވަދެއްޖައުމަށް ދާނދެން އެއުރެން ސުވަރުގެ ނުވަންނަހުށްޓެވެ. ކުށްވެރިންނަށް ތިމަންއިލާހު ޖަޒާ ދެއްވަނީ އެފަދައިންނެވެ."
ފާފަތައް ކިތަންމެ ގިނަވިކަމުގައިވިޔަސް ފުހެވިގެންދަނީ ޝަހާދަތުގެ ސަބަބުންނެވެ.
7- ޝަހާދަތުގެ މާނައަކީ ﷲ ފިޔަވައި ޙައްޤުގޮތުގައި އަޅުކަންވެވޭ އެއްވެސް ފަރާތެއް ނުވުމެވެ. ﷲ ފިޔަވައި އަޅުކަންވެވޭ ހުރިހާ ފަރާތްތައް ނަފީކުރުމާއި ހަމައެކަނި ﷲ އަށް ހުރިހާ ބާވަތެއްގެ އަޅުކަންތައް ޘާބިތުކުރުމެވެ. އެއިލާހަށް އަޅުކަންކުރުމުގައި އެއްވެސް ފަރާތެއް ބައިވެރިނުކުރުމެވެ. އަދި މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމައީ ﷲގެ ރަސޫލާކަމުގައި ހެކިވުމުގެ މާނައަކީ އެކަލޭގެފާނަކީ ﷲ ތަޢާލާ ފޮނުއްވި ރަސޫލެއްކަމަށް ޤަބޫލުކުރުމާއި އެކަލޭގެފާނު ކުރެއްވި އަމުރުފުޅުތަކަށް ކިޔަމަންވުމާއި، އެކަލޭގެފާނު ދެއްވާފައިވާ ޚަބަރުތައް ތެދުކުރުމާއި، އެކަލޭގެފާނު ނަހީކުރައްވައި މަނާކުރައްވާފައިވާ ކަންކަމުން ދުރުހެލިވުމާއި، އެކަލޭގެފާނު ދެކެ ލޯބިވުމެވެ. އަދި އެކަލޭގެފާނުގެ ބަސްފުޅުގެ ކުރިޔަށް އެހެން އެއްވެސް މީހެއްވެ ބަސް އިސްނުކުރުމެވެ.
8- ނަމާދަކީ މާތް ﷲ އާ އަޅާއާ ދެމެދު ގުޅުވައިދޭ ވާފަށެވެ. ނަމާދުކުރުން ވާޖިބުވެގެންވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދައްކަވައިދެއްވި ގޮތަށެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރައްވާފައިވެއެވެ. ((صَلُّوْا كَمَا رَأَيْتُمُوْنِيْ أُصَلِّيْ)) [رواه البخاري] މާނައީ "ތިމަންކަލޭގެފާނު ނަމާދު ކުރަނިކޮށް ތިޔަބައިމީހުންނަށް ފެނުނު ގޮތަށް ތިޔަބައިމީހުން ނަމާދު ކުރާށެވެ."

މަޑުމޮޅިކަމާ މަޑުމައިތިރިކަމާއެކު ނަމާދު އަދާކޮށްފިމީހާ ކާމިޔާބުވެއްޖެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. قَدْ أَفْلَحَ الْـمُؤْمِنُونَ *الَّذِينَ هُمْ فِي صَلَاتِهِمْ خَاشِعُونَ [المؤمنون 1-2] މާނައީ: "ހަމަކަށަވަރުން މުއުމިނުން ކާމިޔާބުވެއްޖެއެވެ. އެބައިމީހުންނީ އެބައިމީހުންގެ ނަމާދުތަކުގައި މަޑުމޮޅިވެ މަޑުމައިތިރިވެގެން ތިބޭ މީހުންނެވެ." ނަމާދު އަދާކުރުމުގެ މައްޗަށް ރައްކާތެރިވާ މީހާއަށް ޤިޔާމަތްދުވަހުން އެނަމާދުގެ ސަބަބުން އަލިކަން ލިބޭނެއެވެ. އަދި އޭނާގެ މައްޗަށް ވާ ހެއްކެއް ކަމުގައި އަދި ނަޖާވުމުގެ ސަބަބެއްކަމުގައި އެނަމާދު ވާނެއެވެ. އެނަމާދުގެ ސަބަބުން އޭނާ ސުވަރުގެއަށް ވަދެވޭނެއެވެ.


އިންސާނާގެ އަޚުލާޤު ގޯސްވުމުގެ ބަލިމަޑުކަމަށް ނަމާދުގެ ސަބަބުން ފަރުވާލިބެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. إِنَّ الصَّلَاةَ تَنْهَى عَنِ الْفَحْشَاءِ وَالْـمُنْكَرِ[العنكبوت 45] މާނައީ: "ހަމަކަށަވަރުން ނަމާދަކީ ފާޙިޝްކަންތައްތަކާއި މުންކަރާތްތައް ނަހީކުރާ ކަމެކެވެ."

ނަމާދަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރައްވާފައިވާ ފަދައިން، ޤިޔާމަތްދުވަހު އެންމެ ފުރަތަމަ ޙިސާބު ބެއްލެވޭ ކަންތަކެވެ. ނަމާދު ރަނގަޅުވެއްޖެނަމަ އަޅާ ކާމިޔާބުވީއެވެ. އަދި ނަމާދު ރަނގަޅުނުވެއްޖެނަމަ އަޅާ ނާކާމިޔާބުވީއެވެ.

ފަރުޟު ފަސްނަމާދަކީ ފާފަތައް ފުހެލާ ކަމެކެވެ.

ނަމާދުގެ ފަރުޟަށް އިންކާރު ކުރުމާއެކު ނަމާދުއަޅާ މީހާއީ މުރުތައްދުވެ ކާފިރުވެފައިވާ މީހެއްކަމަށް ޢިލްމުވެރިން އިޖްމާޢުވެވަޑައިގެންފައިވެއެވެ. ނަމާދުގެ ފަރުޟަށް އިންކާރު ކުރުމެއްނެތި ފަރުވާކުޑަވުމުގެ ސަބަބުން ނުވަތަ ކަންނެތްކަމުގެ ސަބަބުން ނަމާދުއަޅާ މީހާގެ ޙުކުމާމެދު ޢިލްމުވެރިން އިޚްތިލާފުވެވަޑައިގެންފައިވެއެވެ.

ފަރުވާކުޑަވުމުގެ ސަބަބުން ނުވަތަ ކަންނެތްކަމުގެ ސަބަބުން ނަމާދުއަޅާ މީހާވެސް ކާފިރުވާނޭކަމަށް ވިދާޅުވާ ބޭކަލުންގެ ތެރޭގައި ޞަޙާބީންގެ ތެރެއިން ޢުމަރު ބުނުލް ޚައްޠާބު، ޢަބްދުއްރަޙްމާން ބިން ޢައުފު، މުޢާޛު ބިން ޖަބަލު، އަބޫ ހުރައިރާ، ޢަބްދުﷲ ބިން މަސްޢޫދު، ޢަބްދުﷲ ބިން ޢައްބާސް، ޖާބިރު ބިން ޢަބްދިﷲ، އަބުއްދަރުދާއު ރަޟިޔަﷲ ޢަންހުމް ހިމެނިވަޑައިގަންނަވައެވެ.

އަދި އިމާމު އަޙްމަދު ބިން ޙަންބަލް، އިސްޙާޤު ބިން ރާހަވައިހި، ޢަބްދުﷲ އިބްނުލް މުބާރަކު، އަންނަޚަޢީ ދެކެވަޑައިގަންނަވާގޮތުގައިވެސް ފަރުވާކުޑަވުމުގެ ސަބަބުން ނުވަތަ ކަންނެތްކަމުގެ ސަބަބުން ނަމާދުއަޅާ މީހާއީ ކާފިރެކެވެ.


ނަމާދު އަޅާ މީހާ ކުފުރުވުމުގެ މައްޗަށް އަންނަނިވި ދެ ދަލީލު ފުދެއެވެ.
عَنْ جَابِرٍ قَالَ : قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: ((بَيْنَ الرَّجُلِ وَبَيْنَ الشِّرْكِ تَرُكُ الصَّلَاةِ)) [رواه مسلم] ޖާބިރު ރަޟިޔަﷲ ގެ ކިބައިން ރިވާވެގެންވެއެވެ. ޖާބިރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރެއްވިއެވެ. "އަޅާއާ ޝިރުކާ(ކުފުރާ) ދެމެދު ވަނީ ނަމާދުއެޅުމެވެ."

عَنْ عَبْدِ اللهِ بن شَقِيْقٍ قَالَ: "كَانَ أَصْحَابُ الرَّسُولِ صَلَّى اللهُ عَلَيْهِ وَسَلَّمَ لاَ يَرَونَ شَيْئًا مِنَ الأَعْمَالِ تَرْكُهُ كُفْرٌ غَيْرَ الصَّلَاة" ޢަބްދުﷲ ބިން ޝަޤީޤް ވިދާޅުވިއެވެ. "ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞަޙާބީން، ނަމާދު މެނުވީ ޢަމަލުތަކުގެ ތެރެއިން އެއްވެސް ޢަމަލެއް ދޫކޮށްލުން އެއީ ކުފުރުކަމުގައި ދެކި ނުލައްވައެވެ."

3- ޒަކާތަކީ އެމީހެއްގެ މިލްކުވެރި މުދަލުގައި ނިޞާބު ހަމަވެފައި، އަހަރު ހަމަވުމުން އެމުދަލުން އަދާކުރަންޖެހޭ ވާޖިބެކެވެ. ޒަކާތުގެ މާނައަކީ ގިނަވުމާއި، އިތުރުވުމާއި ޠާޙިރުވުމެވެ. ޒަކާތް ދިނުމުގެ ސަބަބުން މުދާ އިތުރުވެ، ދަހިވެތިކަމުން ނަފުސު ޠާޙިރުވެއެވެ.

ޒަކާތް ވާޖިބުވުމުގެ ދަލީލުތައް ކީރިތި ޤުރުއާނުގައި ވަރަށް ގިނައެވެ. އެގޮތުން: خُذْ مِنْ أَمْوَالِهِمْ صَدَقَةً تُطَهِّرُهُمْ وَتُزَكِّيْهِمْ بِهَا [التوبة 103] މާނައީ: "އޭގެ ސަބަބުން އެބައިމީހުން (ފާފަތަކުން) ޠާހިރުކޮށްފަނިވި އަދި (ހެޔޮކަން) އިތުރުކޮށްފަނިވި ޞަދަޤާތެއް(ޒަކާތެއް) އެބައިމީހުންގެ މުދަލުން ކަލޭގެފާނު ނަންގަވާށެވެ" އަދިވެސް ވަޙީކުރައްވާފައިވެއެވެ. وَأَقِيمُوا الصَّلَاةَ وَآَتُوا الزَّكَاةَ وَارْكَعُوا مَعَ الرَّاكِعِينَ - [البقرة 43] މާނައަކީ: "އަދި ތިޔަބައިމީހުން ނަމާދު ޤާއިމު ކުރާށެވެ. އަދި ޒަކާތްދޭށެވެ. އަދި ރުކޫޢުކުރާ މީހުންނާއެކު ތިޔަބައިމީހުން ރުކޫޢުކުރާށެވެ" އަދިވެސް ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. وَأَقِيمُوا الصَّلَاةَ وَآَتُوا الزَّكَاةَ وَأَقْرِضُوا اللَّهَ قَرْضًا حَسَنًا – [المزمل 20] މާނައަކީ: "އަދި ތިޔަބައިމީހުން ނަމާދު ޤާއިމު ކުރާށެވެ. އަދި ޒަކާތްދޭށެވެ. އަދި ތިޔަބައިމީހުން ﷲއަށް ހެޔޮވެގެންވާ ދަރަނި ދޭށެވެ.(އެބަހީ ގިނަގިނައިން ޞަދަޤާތްކުރާށެވެ)."

ޒަކާތް ދިނުމަށް އިސްލާމްދީން ވަރަށް ބޮޑަށް ބާރުއަޅާފައިވެއެވެ. އެގޮތުން ޒަކާތް ދިނުމުގެ ސަބަބުން:
* ﷲ ގެ ރަޙުމަތް އެއިލާހުގެ އަޅުތަކުންނަށް ލިބެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. އާޔަތް މާނައީ: وَالـْمُؤْمِنُونَ وَالـْمُؤْمِنَاتُ بَعْضُهُمْ أَوْلِيَاءُ بَعْضٍ يَأْمُرُونَ بِالْـمَعْرُوفِ وَيَنْهَوْنَ عَنِ الْـمُنْكَرِ وَيُقِيمُونَ الصَّلَاةَ وَيُؤْتُونَ الزَّكَاةَ وَيُطِيعُونَ اللهَ وَرَسُولَهُ أُولَئِكَ سَيَرْحَمُهُمُ اللهَ إِنَّ اللَّهَ عَزِيزٌ حَكِيمٌ [التوبة 103] "މުއުމިނު ފިރިހެނުންނާއި، މުއުމިނު އަންހެނުންނީ، އޭގެ އެއްބަޔަކު އަނެއްބަޔެއްގެ އެހީތެރިން ކަމުގައިވާ މީހުންނެވެ. އެބައިމީހުން ހެޔޮކަންތަކަށް އަމުރުކުރެއެވެ. އަދި އެބައިމީހުން ނުބައިކަންތައްތައް ނަހީކުރެއެވެ. އަދި އެބައިމީހުން ނަމާދު ޤާއިމުކޮށް، ޒަކާތްދީ، ﷲ އާ އެއިލާހުގެ ރަސޫލާއަށް ކިޔަމަންވެއެވެ. އެބައިމީހުންނަށް ﷲ ރަޙްމަތްލައްވާނެއެވެ. ހަމަކަށަވަރުން ﷲ ޢީ ޢަޒީޒުވަންތަ ޙަކީމުވަންތަ އިލާހެވެ."
* މުދަލުގައި ބަރަކާތް ލެއްވި، މުދާ އިތުރުވެ، ދަހިވެތިކަންފަދަ ގޯސް ސިފަތަކުން ނަފުސު ޠާހިރުކޮށްދެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. خُذْ مِنْ أَمْوَالِهِمْ صَدَقَةً تُطَهِّرُهُمْ وَتُزَكِّيْهِمْ بِهَا [التوبة 103] މާނައީ: "އޭގެ ސަބަބުން އެބައިމީހުން (ފާފަތަކުން) ޠާހިރުކޮށްފަނިވި އަދި (ހެޔޮކަން) އިތުރުކޮށްފަނިވި ޞަދަޤާތެއް(ޒަކާތެއް) އެބައިމީހުންގެ މުދަލުން ކަލޭގެފާނު ނަންގަވާށެވެ"
* ސުވަރުގެ ވަނުމަށް މަގުފަހިވެއެވެ. عَنْ أَبِي أَيُّوبَ أَنَّ رَجُلًا قَالَ لِلنَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ أَخْبِرْنِي بِعَمَلٍ يُدْخِلُنِي الْجَنَّةَ فَقَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ تَعْبُدُ اللهَ وَلَا تُشْرِكْ بِهِ وَتُقِيمُ الصَّلَاةَ وَتُؤْتِيَ الزَّكَاةَ وَتَصِلُ الرَّحِمَ [البخاري جزء 2 ص 109- شرح مسلم جزء1 ص 146] މާނައީ: އަބޫ އައްޔޫބުގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން މީހަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ބުންޏެވެ. "އެ ޢަމަލެއްގެ ސަބަބުން އަހުރެން ސުވަރުގެ ވަންނާނޭ ޢަމަލެއް އަހުރެންނަށް ބުނެދެއްވާށެވެ!" ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރެއްވިއެވެ. "ﷲ އަށް އަޅުކަންކުރާށެވެ. އަދި ﷲ އާ ޝަރީކުނުކުރާށެވެ. އަދި ނަމާދު ޤާއިމުކުރާށެވެ. އަދި ޒަކާތްދޭށެވެ. އަދި ރަޙިމުގެ ގުޅުން ދަމަހައްޓާށެވެ."
* ފައިސާގައި ވާ ނުބައިކަން ފިލައިގެންދެއެވެ. عَنْ جَابِرٍ رَضِيَ اللهُ عَنْهُ - قَالَ : يَا رَسُولَ اللهِ ، أَرَأَيْتَ إِذَا أَدَّى الرَّجُلُ زَكَاةَ مَالِهِ ؟ فَقَالَ رَسُولُ اللهِ- صَلَّى اللهُ عَلَيْهِ وَسَلَّمَ :(( مَنْ أَدَّى زَكَاةَ مَالِهِ ، فَقَدْ ذَهَبَ عَنْهُ شَرُّهُ )) [رواه الطبراني وابن خزيمة وحسنه الألباني في صَحِيح التَّرْغِيبِ وَالتَّرْهِيب : 743] މާނައީ: ޖާބިރު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ޖާބިރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ! މިހާ އޭނާގެ މުދަލުގެ ޒަކާތް ދައްކައިފިނަމަ އޭނާއަށް ހުރީ ކޮންކަމެއްތޯއެވެ؟ (ކޮން ފައިދާއެއްތޯއެވެ؟) ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރެއްވިއެވެ. "ހަމަކަށަވަރުން އޭނާގެ މުދަލުގައިހުރި ނުބައިކަން ފިލައިގޮސްފިއެވެ."

ޒަކާތް ނުދެއްކުމަކީ ބޮޑު ފާފައެކެވެ. ޒަކާތުގެ ޝަރުޠުތައް ހަމަވުމާއެކު ޒަކާތް ނުނެރޭ މީހާގެ މައްޗަށް ގަދަފަދަވެގެންވާ ޢަޛާބު ހުއްޓެވެ. އެގޮތުން ޒަކާތްނުދީ މުދާ ކަންޒުކުރާ މީހުން، ޤިޔާމަތްދުވަހު، އެމީހުން އެ ކަންޒުކުރި މުދާ ދޮންކުރެވި އެމީހުންގެ ގައިގައި ޖެއްސޭނެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. (وَالذِّيْنَ يَكْنِزُوْنَ الذَّهَبَ وَالْفِضَّةَ وَلاَ يُنْفِقُوْنَهَا فِيْ سَبِيْلِ اللهِ فَبَشِّرْهُمْ بِعَذَابٍ أَلِيْم * يَوْمَ يُحْمَى عَلَيْهَا فِي نَارِ جَهَنَّمَ فَتُكْوَى بِهَا جِبَاهُهُمْ وَجُنُوْبُهُمْ وَظُهُوْرُهُمْ هَذَا مَا كَنَزْتُمْ لِأَنْفُسِكُمْ فَذُوْقُوا مَا كُنْتُمْ تَكْنِزُوْنَ)[التوبة 34-35] މާނައީ: "ﷲ ގެ މަގުގައި (ޒަކާތުގެ ގޮތުގައި) ހޭދަނުކޮށް، ރަނާއި ރިހީގެ ޚަޒާނާ ޖަމާކޮށް ރައްކާކޮށްފައި ބަހައްޓާމީހުންނަށް ޤިޔާމަތްދުވަހު ވޭންދެނިވި ޢަޛާބު ހުރިކަމުގެ އިންޒާރު ކަލޭގެފާނު ދެއްވާށެވެ. އެބައިމީހުން އެޖަމާކުރި މުދާ، ޤިޔާމަތްދުވަހު ނަރަކައިގެ އަލިފާނުން ދޮންކުރެވި، އެމީހުންގެ ނިތްކުރިތަކުގައްޔާއި އަރިކަށީގައްޔާއި ބުރަކަށީގައި ޖައްސައި ފިއްސާލެވޭނެއެވެ. (އަދި އެމީހުންނަށް ބުނެވޭނެއެވެ.) މިއީ ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކަށްޓަކައި ތިޔަބައިމީހުން ޖަމާކުރި ތަކެއްޗެވެ. ތިޔަބައިމީހުން ކަންޒުކޮށްއުޅުނު ތަކެތީގެ (ޢަޛާބުގެ) ރަހަ ތިޔަބައިމީހުން ލިބިގަންނާށެވެ"

އަބޫބަކުރު ރަޟިޔަﷲ ޢަންހުގެ ޚިލާފަތުގައި ޒަކާތް ދިނުމަށް އިންކާރު ކުރި މީހުންނާ އެކަލޭގެފާނު ހަނގުރާމަ ކުރެއްވިއެވެ. ޒަކާތަކީ އަމިއްލަ އިޚްތިޔާރުގައި ނުދައްކައިފިނަމަ ގަދަބާރުންވެސް މުދާވެރިންގެ އަތުން އަތުލަންޖެހޭ އެއްޗެއްކަން އެހަނގުރާމައިން އެކަލޭގެފާނު ހާމަކޮށްދެއްވިއެވެ. އަބޫބަކުރު ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. "وَاللهِ لَأُقَاتِلَنَّ مَنْ فَرَّقَ بَيْنَ الصَّلَاةِ وَالزَّكَاةِ فَإِنَّ الزَّكَاةَ حَقُ الْـَمالِ" "މާތްﷲ ގަންދީ ބުނަމެވެ. ނަމާދާ ޒަކާތް ވަކިކޮށްފި މީހަކާ އަހަރެން ހަނގުރާމަ ކުރާނަމެވެ. ފަހެ ޒަކާތަކީ މުދަލުގެ ޙައްޤެވެ."

ޒަކާތަކީ އޭގައި މުދަލުގެ ވެރިމީހާއަށާއި އޭގެ ޙައްޤުވެރިންނަށާއި މުޖްތަމަޢަށް އިޤްތިޞާދީގޮތުންނާއި އިޖްތިމާޢީގޮތުން ވަރަށް ގިނަގުނަ ފައިދާ އެކުލެވިފައިވާ، އަދި ފުރިހަމަ އިސްލާމީ އިޤްތިޞާދީ ނިޡާމަކަށް ކޮންމެހެން ބޭނުން ކަމެކެވެ.
__________
ޒަކާތްލިބެންވާމީހުންނަކީ އަންނަނިވި އާޔަތުގައި ނަންގަނެވިގެންވާ 8 ބާވަތުގެ މީހުންނެވެ. އައްތައުބާ ސޫރަތުގެ 60 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވަނީ: (إِنَّمَا الصَّدَقَاتُ لِلْفُقَرَاءِ وَالْـمَسَاكِينِ وَالْعَامِلِينَ عَلَيْهَا وَالْـمُؤَلَّفَةِ قُلُوبُهُمْ وَفِي الرِّقَابِ وَالْغَارِمِينَ وَفِي سَبِيلِ اللهِ وَاِبْنِ السَّبِيلِ فَرِيضَةً مِنَ اللَّهِ وَاللهُ عَلِيمٌ حَكِيمٌ) [التوبة 60] މާނައީ: "ޞަދަޤާތުގެ(ޒަކާތުގެ) ތަކެތި ވާކަން ކަށަވަރީ ފަޤީރުންނާއި، މިސްކީނުންނަށާއި، އެކަމުގެ މަސައްކަތްކުރާ މީހުންނަށާއި، އެބައިމީހުންގެ ހިތްތައް އެކުވެރިކުރެވޭ (އަލަށް އިސްލާމްވާ) މީހުންނަށާއި، އަޅުން މިނިވަންކުރުމަށާއި، ދަރަނިވެރިންނަށާއި، ﷲގެ މަގުގައި ހޭދަކުރުމަށާއި، ދަތުރުވެރީންނަށެވެ."

ޒަކާތްދިނުމުން މަނާވެގަތުމަކީ ވާރޭވެހުން މަނާކުރާ ކަމެކެވެ. عَنْ ابْنِ عُمَرَ رَضِيَ اللهُ عَنْهُمَا أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ : ((وَلَمْ يَمْنَعُوا زَكَاةَ أَمْوَالِهِمْ ، إِلاَّ مُنِعُوا الْقَطْرَ مِنَ السَّمَاءِ ، وَلَوْلاَ الْبَهَائِمُ لَمْ يُمْطَرُوا.)) [رواه أحمد وصححه الألباني في السلسلة 106] މާނައީ: އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާގެ ކިބައިން، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރެއްވިކަމަށް ރިވާވެގެންވެއެވެ. "އުޑުން ވާރޭވެހުން މަނާވެގެންވާގޮތުގައި މެނުވީ މީސްތަކުން އެބައިމީހުންގެ މުދަލުން ޒަކާތްދިނުމުން މަނާވެގަންނަކަމުގައިނުވެއެވެ. ޖަނަވާރުތައް ނުވާނަމަ، ވާރޭ ނުވެހުނީހެވެ."

ޙައްޖަކީ އިސްލާމްދީނުގެ ބިންގާތަކުގެ ތެރެއިން ބިންގަލެކެވެ. ޙައްޖު ވާޖިބުވުމުގެ ދަލީލަކީ ﷲ ތަޢާލާގެ މި ވަޙީ ބަސްފުޅެވެ. وَلِلَّهِ عَلَى النَّاسِ حِجُّ الْبَيْتِ مَنِ اسْتَطَاعَ إِلَيْهِ سَبِيلًا وَمَنْ كَفَرَ فَإِنَّ اللَّهَ غَنِيٌّ عَنِ الْعَالَمِينَ [آل عمران: ٩٧] މާނައީ: "އެކަމަށް މަގެއްފެނި ކުޅަދާނަވެއްޖެ މީހާ، އެގެފުޅަށްގޮސް ޙައްޖުވުމަކީ ﷲއަށްޓަކައި މީސްތަކުންގެ މައްޗަށްއޮތް ވާޖިބެކެވެ. (އެކަމާ) ދެކޮޅުހަދައިފި މީހާ، (ދަންނާށެވެ) ފަހެ، ހަމަކަށަވަރުން، ﷲއީ، އެންމެހާ ޢާލަމްތަކަށް (ބޭނުންވެވޮޑިގަތުމުން) ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ."

ޙައްޖު ވާޖިބުވެގެންވަނީ ޢުމުރުން އެއްފަހަރުއެވެ. އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. خَطَبَنَا رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالَ : ((يَا أَيُّهَا النَّاسُ قَدْ فَرَضَ اللهُ عَلَيْكُمْ الْحَجَّ فَحَجُّوا)) فَقَالَ رَجُلٌ "أَ فِي كُلِّ عَامٍ يَا رَسُولَ اللهِ." فَسَكَتَ حَتَّى قَالَهَا ثَلَاثًا. فَقَالَ صَلَّى اللهُ عَلَيْهِ وَسَلَّمَ :(( لَوْ قُلْتُ نَعَمْ لَوَجَبَتْ، وَمَا اسْتَطَعْتُمْ)) [رواه مسلم جزء3 ص 481] މާނައީ: "ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަހަރެމެންނަށް ޚުޠުބާދެއްވަމުން ޙަދީޘުކުރެއްވިއެވެ. "އޭ އެންމެހާ މީސްތަކުންނޭވެ! ހަމަކަށަވަރުން ތިޔަބައިމީހުންގެ މައްޗަށް ﷲ ޙައްޖު ފަރުޟުކުރައްވައިފިއެވެ. ތިޔަބައިމީހުން ޙައްޖުވާށެވެ.!" މީހަކު ބުންޏެވެ. "އޭ ﷲ ގެ ރަސޫލާއެވެ! ޙައްޖުވާންވީ ކޮންމެ އަހަރަކު ހެއްޔެވެ؟" އެމީހާ ތިންފަހަރު އެހެން ވިދާޅުވަންދެން އެކަލޭގެފާނު ހަނުއިންނެވިއެވެ. ދެން އެކަލޭގެފާނު ޙަދީޘުކުރެއްވިއެވެ. "އަހުރެން އާއެކޭ ވިދާޅުވިނަމަ (ކޮންމެ އަހަރަކު ޙައްޖުވުން) ވާޖިބުވީހެވެ. އަދި އެކަންކުރުމަށް ތިޔަބައިމީހުންނަށް ކުޅަދާނަވެގެންނުވާނެއެވެ."
ހަށިގަނޑުގެ ގޮތުންނާއި މާލީގޮތުން ކުޅަދާނަވެގެންވާމީހާ، އަދި ޙައްޖުން އެނބުރި އަންނަންދެން އޭނާގެ އަހުލުންނަށް ހޭދަކުރެވޭނެ މިންވަރަށް މާލީ ކުޅަދާނަކަށް ހުރި މީހާ ޙައްޖަށް ދިޔުން ފަސްކުރުން ހުއްދަވެގެންނުވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރައްވާފައިވެއެވެ. ((مَنْ كُسِرَ أَوْ مَرِضَ أَوْ عَرَجَ فَقَدْ حَلَّ وَعَلَيْهِ الْحَجُّ مِنْ قَابِلٍ)) [صحيح الجامع للألباني 6397 ] މާނައީ: "(ޙައްޖުގައިވަނިކޮށް) ތަނެއް ބިންދައިގެން ދިޔަމީހާ ނުވަތަ ބަލިވެއްޖެމީހާ ނުވަތަ ފަޔަށް ކަމެއްވެއްޖެމީހާ އެމީހާ ޙައްޖުން ނުކުތުން ހުއްދަވެގެންވީއެވެ. ދެން އެމީހާ ޖެހޭނީ ޖެހިގެން އަންނައަހަރު ޙައްޖު ކުރާށެވެ." އިމާމު އައްޝައުކާނީ ރަޙިމަހުﷲ ވިދާޅުވިއެވެ. "ކުޅަދާނަކަން ލިބުމާއެކު ވަގުތުން ޙައްޖު ވާޖިބު ނުވާނަމަ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ޖެހިގެން އަންނަ އަހަރު ޢައްޔަންނުކުރެއްވީހެވެ."

عَنْ ابنِ عَبَّاسٍ رَضِيَ اللهُ عَنْهُماَ عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: ((تَعَجَّلُوا إِلَى الْحَجِّ، يَعْنِيْ الْفَرِيْضَةَ، فَإِنَّ أَحَدَكُم لَا يَدْرِيْ مَا يَعْرِضُ لَهُ)) [صحيح الجامع الصغير برقم 2954] މާނައީ: އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ ކިބައިން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރެއްވިކަމަށް ރިވާވެގެންވެއެވެ. "ތިޔަބައިމީހުން ޙައްޖަށް އަވަސްވެގަންނާށެވެ! އެބަހީ ފަރުޟު ޙައްޖެވެ. ހަމަކަށަވަރުންވެސް ތިޔަބައިމީހުންގެ ތެރެއިން މީހަކަށް ކަންދިމާވާނެގޮތެއް އެކަކަށްވެސް ނޭނގެއެވެ."

ޙަސަނުލް ބަޞަރީ ރަޙިމަހުﷲގެ ކިބައިން ރިވާވެގެންވެއެވެ. ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. "މިރަށްތަކަށް މީހުން ފޮނުވައިގެން ޤާބިލުކަން ހުރި މީސްތަކުންގެ ތެރެއިން ޙައްޖުނުވެ ތިބި މީސްތަކުން ހޯދައި އެބައިމީހުން އަތުން ޖިޒީ އަތުލުމަށް ތިމަން ޢަޒުމްކުރައްވަމެވެ. އެބައިމީހުންނަކީ މުސްލިމުންނެއް ނޫނެވެ. އެބައިމީހުންނަކީ މުސްލިމުންނެއް ނޫނެވެ." [رواه سعيد بن منصور في سننه والبيهقي]

މި އުންމަތުގެ މީސްތަކުން ޙައްޖުކުރުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަރަށް ބޮޑަށް ބާރުއެޅުއްވިއެވެ. ޙައްޖުގެ އަޅުކަމުގެ މާތްކަމާ މަތިވެރިކަމާ ބެހޭގޮތުން އެތައް ޙަދީޘުތަކެއް ވާރިދުވެފައިވެއެވެ.

ޙައްޖަކީ ޢަމަލުތަކުގެ ތެރެއިން އެންމެ މާތް އެއް ޢަމަލެވެ. ﷲ އާ އަޅާ ކުއްތަންވެވޭނެ އެންމެ މަތިވެރި އެއް އަޅުކަމެވެ. އެ އަޅުކަމެއްގެ އަސަރު މުޅި މީހާއަށް ކުރާ ތަރުބަވީ އަޅުކަމެއްވެސް މެއެވެ.

އަޅަކު މަބްރޫރު ޙައްޖެއް ކޮށްފިނަމަ އޭގެ ސަބަބުން ފޭރާން ހަޑިމިލައިން ޠާހިރުވާފަދައިން ފާފަތަކުން އޭނާ ޠާހިރުވެދެއެވެ. عَنْ أَبِيْ هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ: سَمِعْتُ رَسُولَ اللهِِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: ((مَنْ حَجَّ هَذَا الْبَيْتَ فَلَمْ يَرْفُثْ، وَلَمْ يَفْسُقْ، رَجَعَ كَيَومِ وَلَدَتْهُ أُمُّهُ)) [رواه البخاري جزء 2 ص209] މާނައީ: އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރައްވަނިކޮށް އަހުރެން އަޑުއެހީމެވެ. "ޙައްޖުވުމުގެ ތެރޭގައި ޖިންސީކަންކަން ނުކޮށް، އުރެދުމެއް ނެތި މި ގެފުޅަށް ޙައްޖުކޮށްފިމީހަކު އެނބުރިދާހުށީ، އޭނާގެ މަންމަ އޭނާ ވިހޭ ދުވަސްފަދައިންނެވެ." (މާނައަކީ އެއްވެސް ކުށްފާފައެއް ނުވާގޮތުގައެވެ. ސާފުކަންމަތީގައެވެ.)

މަބްރޫރު ޙައްޖެއްގެ ޖަޒާއަކީ ސުވަރުގެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރައްވާފައިވެއެވެ. ((وَالْحَجُّ الْمـَبْرُورُ لَيْسَ لَهُ جَزَاءٌ إِلاَّ الْجَنَّةُ)) [رواه البخاري ومسلم] "މަބްރޫރު ޙައްޖަކަށް ޖަޒާ އެއްގެ ގޮތުގައި ސުވަރުގެ ނޫންތަނެއް ނުވެއެވެ".

އަންހެނުންނާއި ދެރަނިކަމެތި މީހުންގެ ޖިހާދަކީވެސް ޙައްޖެވެ. އަލްޙަސަން ބިން ޢަލީ ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެގެންވެއެވެ. جَاءَ رَجُلٌ إِلَى النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالَ إِنِّيْ جَبَانٌ وَإِنِّي ضَعِيْفٌ فَقَالَ هَلُمَّ إِلَى جِهَادٍ لَا شَوكَةَ فِيْهِ :الْحَجُّ [رواه الطبراني وصححه الألباني، انظر صحيح الجامع الصغير برقم 6921] މާނައީ: ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. ހަމަކަށަވަރުން އަހުރެންނަކީ ފިނޑި އަދި މުސްކުޅި މީހަކީމެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރެއްވިއެވެ. "އެޖިހާދެއްގައި ތުރާކަން ނުވާ ޖިހާދަށް އަވަސްވެގަންނާށެވެ. (އެބަހީ ޙައްޖަށް އަވަސްވެގަންނާށެވެ.)
ރަމަޟާންމަހުގެ ރޯދަ
ރަމަޟާންމަހުގެ ރޯދަހިފުމަކީ ފަރުޟެކެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. "يَاأَيُّهَا الَّذِيْنَ ءَامَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَي الَّذِيْنَ مِنْ قَبْلِكُمْ لَعَلَّكُمْ تَتَّقُوْنَ" ( البَقَرَة 185) މާނައީ : "އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުންގެ ކުރިން އިސްވެދިޔަ މީސްތަކުންގެ މައްޗަށް ރޯދަ ފަރުޟުކުރެއްވި ފަދައިން، ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ ފަރުޟު ކުރައްވައިފިއެވެ. އެއީ ތިޔަބައިމީހުން ތަޤުވާވެރި ވުމަށްޓަކައެވެ." މި އާޔަތުން ރޯދައިގެ ޙުކުމަކީ ފަރުޟެއްކަން ވަރަށް ރަނގަޅަށް އެނގެއެވެ. އަދިވެސް ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. فَمَنْ شَهِدَ مِنْكُمُ الشَّهْرَ فَلْيَصُمْهُ ( البَقَرَة 185) މާނައީ : "ފަހެ ތިޔަބައިމީހުންކުރެ އެމައްސަރާ ދިމާވެއްޖެމީހާ އެމަހުގައި ރޯދަ ހިފާހުށިކަމެވެ."
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުންވެސް ރަމަޟާންމަހުގެ ރޯދަހިފުމަކީ ފަރުޟެއްކަން ޘާބިތުވެއެވެ. ރަމަޟާންމަހުގެ ރޯދަހިފުމަކީ އިސްލާމްދީނުގެ ފަސްރުކުނުގެ ތެރެއިން އެއްރުކުން ކަމަށް މުޅި ޢުއްމަތްވަނީ އިޖުމާޢުވެފައެވެ. އެއީ ދީނުގެ ޟަރޫރީ ކަންތައްތަކުގެ ތެރެއިން ކަމެކެވެ. އެކަމުގެ ޙުކުމަށް އިންކާރުކޮށްފިމީހާކު ކާފިރުވާނޭ ކަމާ މެދަކު ދެމީހަކު ދެބަހެއް ނުވާނެއެވެ.
ރަމަޟާންމަހު ރޯދަހިފުމަށް އިސްލާމްދީން ބާރުއަޅުއްވާފައިވާ މިންވަރު
1- ﷲ ޢައްޒަ ވަޖައްލަގެ ވަޖުހަފުޅު އަދައިގެން (އިޚްލާޞްތެރިކަމާއެކު) މީހަކު ރޯދަހިފައިފިނަމަ އެމީހެއްގެ ފާފަތައް ﷲ ތަޢާލާ ފުއްސަވާދެއްވައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރެއްވިކަމަށް އަބޫހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. "مَنْ صَامَ رَمَضَانَ إِيْمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ"(البخاري) މާނައީ:" އީމާންކަމާއެކު ޘަވާބާއި ދަރުމައަށް އެދިގެން ރަމަޟާންމަހުގެ ރޯދަހިފައިފި މީހެއްގެ އިސްވެދިޔަ ފާފަތައް ފުހެވިއްޖެއެވެ". އަލްބާނީ ރަޙިމަހުﷲ ވިދާޅުވިއެވެ. "އިންސާނާގެ ފާފައެއް ނުވާނަމަ، އެ ރޯދައިގެ ސަބަބުން އޭނާގެ ދަރަޖަ އުފުލިގެންދާނެއެވެ. އެއީ މަޢުޞޫމުވެގެންވާ ނަބީބޭކަލުންނަށް އެކަން ވެގެންދާ ގޮތެވެ." (صحيح الترغيب للألباني جزء 1 ص 415)
2- އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރެއްވިއެވެ. "‏الصَّلَوَاتُ الْخَمْسُ وَالْجُمُعَةُ إِلَى الْجُمُعَةِ كَفَّارَةٌ لِمَا بَيْنَهُنَّ مَا لَمْ تُغْشَ الْكَبَائِرُ وَرَمَضَانُ إِلَى رَمَضَانَ مُكَفِّرَاتٌ لِمَا بَيْنَهُنَّ إِذَا اجْتَنَبَتِ الْكَبَائِرُ‏"‏ (مختصر مسلم للألباني 1/415) ‏ މާނައީ: "ފަރުޟު ފަސްނަމާދާއި ހުކުރު ނަމާދު އަނެއް ހުކުރާ ހަމައަށް އެއީ ބޮޑެތި ފާފަތަކުން ދުރުވެގެންވާނަމަ އެދެމެދުގައި ކުރެވޭ ކުދިފާފަތަކަށް ވާ ކައްފާރާއެކެވެ. އަދި ބޮޑެތި ފާފަތަކުން ދުރުވެގެން ހުރެއްޖެނަމަ، ދެ ރޯދަމަސް ދެމެދުގައި ކުރެވޭ ފާފަތަކުގެ ކައްފާރާއަކަށް ރޯދަ ވާނެއެވެ".
3- އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ((أَتَاكُمْ رَمَضَانُ شَهْرٌ مُبَارَكٌ فَرَضَ اللهُ عَزَّ وَجَلَّ عَلَيْكُمْ صِيَامَهُ، تُفْتَحُ فِيهِ أَبْوَابُ السَّمَاءِ وَتُغْلَقُ فِيهِ أَبْوَابُ الْجَحِيمِ وَتُغَلُّ فِيهِ مَرَدَةُ الشَّيَاطِينِ، فِيهِ لَيْلَةٌ هِيَ خَيْرٌ مِنْ أَلْفِ شَهْرٍ مَنْ حُرِمَ خَيْرَهَا فَقَدْ حُرِمَ )) [رواه النسائي 4/129 ، وهو في صحيح الترغيب 1/490 .] މާނައީ: “ތިޔަބައިމީހުންގެ ގާތަށް ރަމަޟާން އަތުވައްޖެއެވެ. އެއީ ބަރަކާތްތެރި މަހެކެވެ. ﷲ ތަޢާލާ ތިޔަބައިމީހުންގެ މައްޗަށް އެމަހުގެ ރޯދަ ފަރުޟު ކުރެއްވިއެވެ. އެމަހުގައި އުޑުގެ ދޮރުކޮޅުތައް ހުޅުއްވެއެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދު ކުރެއްވެއެވެ. އަދި މާރިދު ޝައިޠާނުން ކަސްތަޅު އެޅުވެއެވެ. އެމަހުގައި ހާސް މަސްވަރަށްވުރެ ހެޔޮކަންބޮޑުވެގެންވާ ރެއެއް ވެއެވެ. އެރޭގެ ހެޔޮކަމުން މަޙްރޫމުވެއްޖެ މީހާ މަޙްރޫމުވެއްޖެއެވެ."
(تُغَلُّ فِيهِ مَرَدَةُ الشَّيَاطِينِ) "އެމަހުގައި މާރިދު ޝައިޠާނުން ކަސްތަޅު އެޅުވެއެވެ." މި ބަހުގެ މުރާދުގައި އަލްމުންޛިރީ ވިދާޅުވިއެވެ. "އެހެނިހެން މަސްތަކުގައި މީސްތަކުން ފަސާދަކުރާވަރަށް އެމަހުގައި ޝައިޠާނުންނަށް މީސްތަކުން ފަސާދަނުކުރެވެއެވެ. އެއީ މުސްލިމުން ރޯދަ ހިފުމުގެ ސަބަބުންނެވެ. އެހެނީ އެ ރޯދާފައި ވަނީ ޝަހުވަތްތެރިކަން ދަށްކުރުމެވެ. އަދި ކީރިތި ޤުރުއާން ކިޔެވުމާއި އެހެނިހެން އަޅުކަންތައްވެސް މެއެވެ." (صحيح الترغيب للألباني 1/418)

މިއީ އަހަރެމެންނަށް ފެންނަ ކަމެކެވެ. ރަމަޟާންމަސް އައުމުގެ ކުރީގައި ދީނީ ކަންތައްތަކުގައި ވަރަށް ފަރުވާކުޑަމީހުންވެސް ރަމަޟާންމަސް އައުމާއެކު އަޅުކަމައިގެން މަޝްޣޫލުވާތަން އަހަރެމެންނަށް ފެނެއެވެ. ކުރިން މިސްކިތުން ނުފެންނަ އެތައް ބަޔަކު މިސްކިތުން ފެނެއެވެ. އަދި ވަރަށް ގިނަ މީހުން ފާފަކުރުންވެސް ދޫކޮށްލައެވެ.
4- މިމަހުގެ ކޮންމެ ރެއަކު ނަރައިން އެތައް ބަޔަކު މާތް ﷲ މިންޖުކުރައްވާ ސަލާމަތްކުރައްވައެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަރަހުށި ހުސްޠާހިރުވަންތަ މާތްﷲ ގެ މި ރަޙްމަތުގެ ވާހަކަ ބަޔާންކޮށްދެއްވަމުން ޙަދީޡްފުޅުކުރެއްވިއެވެ. إِنَّ لِلَّهِ عِنْدَ كُلِّ فِطْرٍ عُتَقَاءُ وذَلِكَ فِي كُلِّ لَيْلَةٍ (رواه ابن ماجة وقال الألباني حسن صحيح) މާނައީ: "ﷲ ސުބްޙާނަހޫ ވަތަޢާލާ، ރަމަޟާންމަހުގެ ރޯދަ މީސްތަކުން ވީއްލާ ކޮންމެ ފަހަރަކު އަދި ހަމައެގޮތަށް ކޮންމެ ރެއަކު ނަރަކައިން މީހުން މުއްތިކުރައްވައެވެ".
ރޯދަ ދޫކޮށްލުން:
ޝަރުޢީ ޢުޛުރެއްނެތި ރޯދަ ދޫކޮށްލުމަކީ ބޮޑު ފާފައެކެވެ. ނުވަތަ ރޯދަ ނުހިފާ ހުރުމަކީ ބޮޑު ފާފައެކެވެ. މުސްލިމު އަޅާ އޭނާގެ ނަފުސު ނަރަކައިން ސަލާމަތްކުރުމުގެ މައްޗަށް ބިރުވެތިވާން ޖެހެއެވެ. އަދި އޭނާގެ އަހުލުވެރިންވެސް މެއެވެ. ﷲ ތަޢާލާ ކިރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ. يَا أَيُّهَا الَّذِينَ آمَنُوا قُوا أَنْفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ عَلَيْهَا مَلَائِكَةٌ غِلَاظٌ شِدَادٌ لَا يَعْصُونَ اللَّهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ (التحريم 6) “އޭ އީމާންވީ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކާއި، ތިޔަބައިމީހުންގެ އަހުލުވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، އަދި ގަދަފަދަ މަލާއިކަތުންވެއެވެ. ﷲ، އެބޭކަލުންނަށް ކުރައްވާ އަމުރަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް އަމުރުކުރައްވާކަންތައް އެބޭކަލުން ކުރައްވާނެތެވެ."

عَنْ أَبِيْ أُمَامَةَ الْبَاهِلِي رَضِيَ اللهُ عَنْهُ قَالَ : سَمِعْتُ رَسُولَ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - يَقُولُ : " بَيْنَا أَنَا نَائِمٌ ، أَتَانِي رَجُلَانِ ، فَأَخَذَا بِضَبْعَيَّ ، فَأَتَيَا بِي جَبَلًا وَعْرًا ، فَقَالَا : اصْعَدْ ، فَقُلْتُ : إِنِّي لَا أُطِيقُهُ ، فَقَالَا : إِنَّا سَنُسَهِّلُهُ لَكَ ، فَصَعِدْتُ حَتَّى إِذَا كُنْتُ فِي سَوَاءِ الْجَبَلِ إِذَا بِأَصْوَاتٍ شَدِيدَةٍ ، قُلْتُ : مَا هَذِهِ الْأَصْوَاتُ ؟ قَالُوا : هَذَا عُوَاءُ أَهْلِ النَّارِ ، ثُمَّ انْطُلِقَ بِي ، فَإِذَا أَنَا بِقَوْمٍ مُعَلَّقِينَ بِعَرَاقِيبِهِمْ ، مُشَقَّقَةٍ أَشْدَاقُهُمْ ، تَسِيلُ أَشْدَاقُهُمْ دَمًا قَالَ : قُلْتُ : مَنْ هَؤُلَاءِ ؟ قَالَ : هَؤُلَاءِ الَّذِينَ يُفْطِرُونَ قَبْلَ تَحِلَّةِ صَوْمِهِمْ أخرجه ابن حبان والحاكم (1/290،210) ، وصححه الألباني في الصحيحة (3951) .

އަބޫ އުމާމާ އަލްބާހިލީ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރައްވަނިކޮށް ތިމަން އަޑުއެހީމެވެ. "އަހުރެން ނިދިކުރައްވަނިކޮށް ދެ ފިރިހެނަކު ވަޑައިގެން އަހުރެންގެ ދެއަތުގައި ހިއްޕެވިއެވެ. އަދި އެދެމީހުން އަހުރެން، ފަރުބަދައެއްގެ ކައިރިއަށް ގެންނެވިއެވެ. އަދި އެދެމީހުން ވިދާޅުވިއެވެ. " (ފަރުބަދައަށް) އަރުއްވާށެވެ!" އަހުރެން ދެންނެވީމެވެ. "ހަމަކަށަވަރުން ތިޔަކަން އަހުރެންނަށް ކުޅަދާނަވެގެން ނުވެއެވެ." ދެން އެދެމީހުން ދެންނެވިއެވެ. "ހަމަކަށަވަރުން އަހަރެމެން ތިބާއަށް އެކަން ފަސޭހަކޮށްދޭނަމެވެ." ދެން އަހުރެން އެ ފަރުބަދައަށް އަރައިފީމެވެ. އެފަރުބަދައިގެ އެންމެ މައްޗަށް ފޯރައި، ގަދަފަދަ އަޑުތަކެއް އިވިއްޖެއުމަށް ދާންދެނެވެ. އަހުރެން ދެންނެވީމެވެ. "މިއީ ކޮން އަޑުތަކެއް ތޯއެވެ؟" އެމީހުން ބުންޏެވެ. "މިއީ ނަރަކައިގެ އަހުލުވެރިންގެ ރުއިމުގެ އަޑެވެ." ދެން އެމީހުން އަހުރެންނައިގެން ވަޑައިގަތެވެ. އެހިނދުގައި އެބައެއްގެ ފުންނާބުން އެލުވިފައިވާ ބަޔަކު އަހުރެން ދުށީމެވެ. އެބައިމީހުންގެ އަނގަތަކުގެ ދެފަރާތް ވީދިފައިވެއެވެ. އަދި އެ ވީދިފައިވާ ތަންތަނުން ލޭ އޮހޮރި އޮހޮރި ވެއެވެ. އަހުރެން ދެންނެވީމެވެ. "އެއީ ކޮން ބައެއްތޯއެވެ؟" އެމީހާ ދެންނެވިއެވެ. "އެއީ އެބައިމީހުންނަށް ރޯދަ ދޫކޮށްލުން ހުއްދަވުމުގެ ކުރީގައި ރޯދަ ދޫކޮށްލި މީހުންނެވެ."

މި ޙަދީޘުގައި ގެ މުރާދަކީ ރޯދަ ދޫކޮށްލުމުގެ ވަގުތު ޖެހުމުގެ ކުރީގައި ރޯދަ ދޫކޮށްލުމެވެ. ނުވަތަ އެއީ ޝައްވާލުމަހުގެ ހަނދު ފެނުމުގެ ކުރީގައި ރޯދަހިފުން ހުއްޓާލުމެވެ.

އަދި މި ޙަދީޘުގައި ޢުޛުރެއްނެތި ރޯދަ މަހު ރޯދަ ދޫކޮށްލާ މީހާއަށް ވަޢީދުގެ ބަސްފުޅު އައިސްފައިވެއެވެ.
(މި ޙަދީޘުގެ ފައިދާތައް ނިމުނީ)

Blog Widget by LinkWithin

No comments:

Post a Comment