18 July 2014

ޖިބްރީލް ޙަދީޘްގެ ފައިދާތައް

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

عَنْ عُمَرَ رَضِيَ اللهُ عَنْهُ أَيْضًا قَالَ: ” بَيْنَمَا نَحْنُ جُلُوسٌ عِنْدَ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ذَاتَ يَوْمٍ، إذْ طَلَعَ عَلَيْنَا رَجُلٌ شَدِيدُ بَيَاضِ الثِّيَابِ، شَدِيدُ سَوَادِ الشَّعْرِ، لَا يُرَى عَلَيْهِ أَثَرُ السَّفَرِ، وَلَا يَعْرِفُهُ مِنَّا أَحَدٌ حَتَّى جَلَسَ إلَى النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ . فَأَسْنَدَ رُكْبَتَيْهِ إلَى رُكْبَتَيْهِ، وَوَضَعَ كَفَّيْهِ عَلَى فَخْذَيْهِ، وَقَالَ: يَا مُحَمَّدُ أَخْبِرْنِي عَنْ الْإِسْلَامِ. فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ((الإِسْلَامُ أَنْ تَشْهَدَ أَنْ لَا إلَهَ إلَّا اللهُ وَأَنَّ مُحَمَّدًا رَسُولُ اللهِ، وَتُقِيمَ الصَّلَاةَ، وَتُؤْتِيَ الزَّكَاةَ، وَتَصُومَ رَمَضَانَ، وَتَحُجَّ الْبَيْتَ إنْ اسْتَطَعْت إلَيْهِ سَبِيلًا.)) قَالَ: صَدَقْت . فَعَجِبْنَا لَهُ يَسْأَلُهُ وَيُصَدِّقُهُ! قَالَ: فَأَخْبِرْنِي عَنْ الإِيمَانِ. قَالَ: ((أَنْ تُؤْمِنَ بِاللهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ وَالْيَوْمِ الْآخِرِ، وَتُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّهِ.)) قَالَ: صَدَقْت. قَالَ: فَأَخْبِرْنِي عَنْ الإِحْسَانِ. قَالَ: ((أَنْ تَعْبُدَ اللهَ كَأَنَّك تَرَاهُ، فَإِنْ لَمْ تَكُنْ تَرَاهُ فَإِنَّهُ يَرَاكَ)). قَالَ: فَأَخْبِرْنِي عَنْ السَّاعَةِ. قَالَ: ((مَا الْـمَسْئُولُ عَنْهَا بِأَعْلَمَ مِنَ السَّائِلِ.)) قَالَ: فَأَخْبِرْنِي عَنْ أَمَارَاتِهَا؟ قَالَ: ((أَنْ تَلِدَ الأَمَةُ رَبَّتَهَا، وَأَنْ تَرَى الْحُفَاةَ الْعُرَاةَ الْعَالَةَ رِعَاءَ الشَّاءِ يَتَطَاوَلُونَ فِي الْبُنْيَانِ.)) ثُمَّ انْطَلَقَ، فَلَبِثْنَا مَلِيًّا، ثُمَّ قَالَ: يَا عُمَرُ أَتَدْرِي مَنِ السَّائِلُ؟. قُلْتُ: اللهُ وَرَسُولُهُ أَعْلَمُ. قَالَ: ((فَإِنَّهُ جِبْرِيلُ أَتَاكُمْ يُعَلِّمُكُمْ دِينَكُمْ))” [رواه مسلم]
ޢުމަރު ރަޟިޔަﷲ ގެ ކިބައިން ރިވާވެގެންވެއެވެ. “ރަސޫލު ﷲ، (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ)، ގެ އަރިހުގައި، ތިމަން ބޭކަލުން އެއްދުވަހަކު ތިއްބަވަނިކޮށް، އެތަނަށް ބޭކަލަކު ވަޑައިގެންފި އެވެ. އެ ބޭކަލެއްގެ ހެދުންކޮޅުގައި ވަނީ، ގަދަވެގެންވާ ހުދުކުލަ އެވެ. އަދި އެބޭކަލެއްގެ އިސްތަށިފުޅުގައި ވަނީ، ގަދަވެގެންވާ ކަޅުކުލަ އެވެ. ދަތުރެއް ކުރެއްވި ކަމުގެ އެއްވެސް ޢަލާމާތެއް، އެބޭކަލެއްގެ ކިބައިގައި ނުވެ އެވެ. އަދި ތިމަންމެންގެ ތެރެއިން އެކަކަށްވެސް، އެއީ، ކޮން ބޭކަލެއްކަން އެނގިވަޑައެއް ނުގަނެއެވެ. ތިމަންމެން ބަލަހައްޓަވައިގެން ތިއްބަވަނިކޮށް، އެބޭކަލަކު ވަޑައިގެން، އެބޭކަލަކުގެ ދެކަކޫފުޅު، އިތުރު އެކަލޭގެފާނުގެ ދެ ކަކޫފުޅުގައި ޖައްސަވައިގެން އިށީނދެވަޑައިގެންފިއެވެ. އަދި އެބޭކަލެއްގެ ދެ އަތްތިލަފުޅު، އެބޭކަލެއްގެ ދެ ފައިންޕުޅުގެ ފަލަމަސްގަނޑުގެ މަތީގައި ބާއްވަވާފައި ވިދާޅުވިއެވެ. “އޭ މުޙައްމަދުގެފާނެވެ! އިސްލާމްކަމަކީ ކޮބައިކަން، ތިމަންނާއަށް ނިކަން ވިދާޅުވެދެއްވަ ބައްލަވާށެވެ!” ﷲ ގެ ރަސޫލާ، (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ)، ޙަދީޘްކުރެއްވިއެވެ. “އިސްލާމްކަމަކީ، ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއް ވެވޭ އެއްވެސް އިލާހަކު ވޮޑިގެން ނުވާކަމަށާއި މުޙައްމަދުގެފާނީ، އެކަލާނގެ ރަސޫލާ ކަމަށް ތިބާ ހެކިވުމެވެ. އަދި ތިބާ ނަމާދު ޤާއިމުކުރުމެވެ. އަދި ތިބާ ޒަކާތްދިނުމެވެ. އަދި ތިބާ ރަމަޟާން މަހު ރޯދަހިފުމެވެ. އަދި ތިބާއަށް ޙައްޖުވުމުގެ ކުޅަދާނަކަން ލިބިއްޖެނަމަ، ކަޢުބަތު ﷲ ގެފުޅަށް ޙައްޖުވުމެވެ.” އެބޭކަލަކު ވިދާޅުވިއެވެ. “ކަލޭގެފާނު ތިޔަވިދާޅުވީ ތެދު ބަސްފުޅެވެ.” ޢުމަރުގެފާނު ވިދާޅުވި އެވެ. “އެބޭކަލަކުގެ ކަންތަކާމެދު ތިމަން ބޭކަލުން ޢަޖާއިބުވެވަޑައިގެން ތިއްބެވީމު އެވެ. އެއީ، އެބޭކަލަކު، އިތުރު އެކަލޭގެފާނުގެ އަރިހުން އައްސަވައި، އިތުރު އެކަލޭގެފާނު ދެއްވާ ޖަވާބަކީ ތެދުކަމުގައި ވިދާޅުވާތީއެވެ.” އެބޭކަލަކު ވިދާޅުވިއެވެ. “އީމާންކަމަކީ ކޮބައިކަން، ތިމަންނާއަށް ނިކަން ވިދާޅުވެދެއްވަ ބައްލަވާށެވެ!” އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވި އެވެ. “އެއީ، ތިބާ، ﷲ އަށާއި، އެކަލާނގެ މަލާއިކަތުންނަށާއި، އެކަލާނގެ ބާވައިލެއްވި ފޮތްތަކަށާއި، އެކަލާނގެ ފޮނުއްވި ރަސޫލުބޭކަލުންނަށާއި، އާޚިރަތްދުވަހަށް އީމާންވުމާއި، އަދި ތިބާ، ޤަދަރުގެ ހެޔޮމިންވަރާއި ނުބައިމިންވަރަށް އީމާންވުމެވެ.” އެބޭކަލަކު ވިދާޅުވި އެވެ. “ކަލޭގެފާނު ތިޔަވިދާޅުވީ ތެދު ބަސްފުޅެވެ.” އެބޭކަލަކު ވިދާޅުވި އެވެ. “އިޙުސާންތެރިކަމަކީ، ކޮބައިކަން، ތިމަންނާއަށް ނިކަން ވިދާޅުވެދެއްވަ ބައްލަވާށެވެ!” އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވި އެވެ. “އެއީ، ތިބާ، ﷲ ދެކެދެކެ ހުރި ޙާލުގައި އެކަލާނގެއަށް އަޅުކަންކުރުމެވެ. ފަހެ، ތިބާއަށް އެކަލާނގެ ނުފެންނަ ކަމުގައިވަނީނަމަ، އެކަލާނގެ ތިބާ ދެކެވޮޑިގެންވެއެވެ.” އެބޭކަލަކު ވިދާޅުވި އެވެ. “ޤިޔާމަތްވާނެ ވަގުތަކީ ކޮބައިކަން، ތިމަންނާއަށް ނިކަން ވިދާޅުވެދެއްވަ ބައްލަވާށެވެ!” އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އައްސަވާ ފަރާތަށް އެ ކަން އެނގިވަޑައިގެންފައިވާ ވަރަށްވުރެ ބޮޑަށް، އެއްސެވޭ ފަރާތަށް އެކަން އެނގިގެނެއް ނުވެ އެވެ.” އެބޭކަލަކު ވިދާޅުވިއެވެ. “ޤިޔާމަތްވުމުގެ ޢަލާމާތްތަކަކީ، ކޮބައިކަން، ތިމަންނާއަށް ނިކަން ވިދާޅުވެދެއްވަ ބައްލަވާށެވެ!” އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އެއީ، އަޅުއަންހެނާގެ ބަނޑުން އެކަނބުލޭގެ ސާހިބު ކަމަނާ ވިހެއުމެވެ. އަދި ފައިވާނަކަށް ނާރައި، ޢައުރަ ނިވާނުކޮށް އުޅޭ، ފަޤީރު، ހުއިހައްޕާ މީހުން، އުސް ޢިމާރާތްތައް ބިނާކޮށް އުސްކުރަމުން ގެންދިއުމެވެ.” ޢުމަރުގެފާނު ވިދާޅުވިއެވެ. “ދެން އެބޭކަލަކު އެނބުރި ވަޑައިގެންފިއެވެ. އެއަށްފަހު، އެކަމާމެދު ފިކުރުފުޅު ކުރައްވަން ތިމަންނާ އިންނަވަނިކޮށް، އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އޭ! ޢުމަރެވެ! އެއީ ކޮން ބޭކަލެއްކަން ކަލޭގެފާނަށް އެނގިވަޑައިގަނޭތޯއެވެ؟”” ތިމަން ދެންނެވީމެވެ. “އެއީ ކޮން ބޭކަލެއްކަން މޮޅަށް ދެނެވޮޑިގަންނަވާނީ ﷲ އެވެ. އަދި ބޮޑަށް ދެނެވަޑައިގަންނަވަނީ، އެކަލާނގެ ރަސޫލާއެވެ.” އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އެއީ، ޖިބުރީލުގެފާނެވެ. އެކަލޭގެފާނު އެ ވަޑައިގެންނެވީ، ތިޔަ ބޭކަލުންނަށް، ތިޔަ ބޭކަލުންގެ ދީން އުނގަންނަވައި ދެއްވުމަށްޓަކައެވެ.” (ރަވާހު މުސްލިމް)

ފައިދާތައް
1- އިޖުމާލީ ގޮތެއްގައި މި ޙަދީޘުގައި އައިސްފައިވަނީ އިސްލާމްދީނުގެ މަރުތަބާ ތަކެވެ. އެބައިތަކުގެ ތަފްޞީލު އެހެނިހެން ޙަދީޘުތަކުގައި އައިސްފައިވެއެވެ.
2- ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ކަންތައްތައް އުނގެނިގަތުމަށާއި އުނގެނޭ ކަންތައްތައް ފަހުން އަންނަ ޖީލުތަކަށް ނަޤުލުކުރުމަށް އެބޭކަލުން ދެއްވި އަހައްމިއްޔަތު މި ދިގު ޙަދީޘު އަހަރެމެންނާ ހަމައަށް ނަޤުލުކުރައްވާފައިވުމުން ދޭހަވެއެވެ. އެބޭކަލުންނަށް ހެޔޮ ޖަޒާ ދެއްވާށިއެވެ.
3- ތަޢުލީމު އުނގެނޭ ކުއްޖާގެ ހިންދާމު ހުންނަންވީގޮތުން މި ޙަދީޘުން އެނގެއެވެ. ސާފުތާހިރުކަމަށް ސަމާލުވުމާއި މުދައްރިސާމެދު އަދަބުވެރިވުމެވެ. ބޮލުގެ ކަޅުކަންގަދަ، ލައިގެން ހުރި ފޭރާމުގެ ހުދުކަންގަދަކަން އަދި ދަތުރެއްގެ އަސަރެއް ފެންނަން ނެތްކަން އަންގައިދެނީ ސާފުތާހިރުކަމުގެ އިންތިހާއެވެ.
4- ޙަދީޘުގައި ބޭނުންކުރެވިފައިވާ އުނގަންނައިދިނުމުގެ އުޞްލޫބަކީ ޙިވާރުގެ އުޞްލޫބެވެ. އެއީ ޑައިލޮގެވެ. ސުވާލުކުރުމުން ޖަވާބު ދިނުމުގެ އުޞޫލެވެ. މި އުޞޫލަކީ މި ޒަމާނުގައިވެސް ކިޔަވައިދިނުމުގައި ބޭނުންކުރެވޭ އުޞޫލެކެވެ. މުދައްރިސުގެ މައްޗަށް ވަނީ ދަރިވަރުންގެ ސުވާލުތައް ގިނަވި ކަމުގައިވިޔަސް ކެތްތެރިކަމާއެކު އެކަން ތަޙައްމަލުކޮށް ޖަވާބު ދިނުމެވެ. އަދި ރިވެތި ބަސްމަގު ބޭނުންކުރުމެވެ. މި ޙަދީޘުގައި މިވާ ފަދައިންނެވެ.
5- ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހިތްޕުޅުގެ ތަނަވަސްކަން މި ޙަދީޘުން އެނގެއެވެ. ގިނަ ސުވާލުތަކެއް ކުރިމަތިކުރެއްވި އިރުވެސް އެކަލޭގެފާނު ހާސްވެވަޑައިނުގަނެއެވެ އަދި އެކަމާ ހިތްޕުޅުހަމަނުޖެހިވަޑައިގެން ނުއުޅުއްވައެވެ. މިކަމުން އުއްމަތުގެ ދާޢީން ލިބިގަންނަންޖެހޭ ފިލާވަޅެއްވެއެވެ. އެހެނީ މީސްތަކުން ތިބާގެ ކިބައިން ކަންކަން އޮޅުން ފިލުވައި ސުވާލުކޮށް ހެދިކަމުގައިވިޔަސް ރުޅި ނައިސް އެކަން އޮންނަ ގޮތަށް ބަޔާންކޮށްދެވޭތޯ މަސައްކަތްކުރުމެވެ.
6- މި ޙަދީޘަކީ މުޅި އިސްލާމްދީން ބަޔާންވެގެންވާ ޙަދީޘެކެވެ. ދީނުގެ ޢަޤީދާއާއި ޢަމަލުގެ ބައިވެސް މެއެވެ.
7- ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ ޞަޙާބީންނަށް ދީން އުނގަންނަވައިދެއްވުމަށްޓަކައި މަޖިލިސްކުރުއްވާ އުޅުއްވިއެވެ.
8- ޞަޙާބީން އެއްބަޔަކު އަނެއްބަޔަކަށް ތަޢާރަފުވެ އުޅުއްވިއެވެ. ޢުމަރު ރަޟިޔަﷲ ޢަންހު وَلَا يَعْرِفُهُ مِنَّا أَحَدٌ “އަހަރެމެންގެ ތެރެއިން އެކަކަށްވެސް އެބޭކަލަކު އެނގިވަޑައިނުގަންނަވައޭ” ވިދާޅުވީ އެހެންވެއެވެ. އެހެނީ ޞަޙާބީންގެ ތެރޭގައި ކަންތައްތައް އޮންނަ މަގަކީ ބީރައްޓެއްސަކު ނުވަތަ ބޭރުން ބޭކަލަކު ވަޑައިގެންފިނަމަ އެ މަޖިލީހެއްގައި އެމީހަކު ދަންނަ މީހަކު އިންނަމަ ތެދުވެ، އެމީހަކު އެންމެހާ ބޭކަލުންނަށް ތަޢާރަފުކޮށް އެރުވުމެވެ. ޖިބްރީލް ޢަލައިހިއްސަލާމު ފިރިހެނެއްގެ ސިފައިގައި ވަޑައިގަތުމުން، އެ މަޖިލީހުގައި އެއީ ކޮންބޭކަލެއްކަން އެނގިވަޑައިގަންނަވާ އެއްވެސް ބޭކަލަކު ނެތީއެވެ.
9- ދަތުރު ކުރުމަކީ އެކަމުގެ އަސަރު ދަތުރު ކުރާމީހާގެ ކިބައިން ފެންނަން ހުންނަ ކަމެކެވެ. އެގޮތުން ހިރަފުސް އެރުމާއި ވަރުބަލިކަން ހިމެނެއެވެ.
10- މަލާއިކަތް ބޭކަލަކު މީހެއްގެ ސޫރާގައި، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ވާހަކަފުޅު ދެއްކެވުމަކީ ވަޙީގެ ޠުރުޤުތަކުގެ ތެރެއިން ޠުރުޤެކެވެ.
11- އިންސާނުންގެ ޞޫރައަށް ބަދަލުވުމުގެ ކުޅަދާނަކަމަކީ މަލާއިކަތުންނަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ދެއްވާފައިވާ ބާރެކެވެ. އެގޮތުން ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. فَاتَّخَذَتْ مِنْ دُونِهِمْ حِجَابًا فَأَرْسَلْنَا إِلَيْهَا رُوحَنَا فَتَمَثَّلَ لَهَا بَشَرًا سَوِيًّا [مريم17] މާނައީ: “ފަހެ، އެއުރެންގެ ކިބައިން އެކަމަނާ ނިވައިވެ، ފަރުދާވެވަޑައިގަތެވެ. ދެން ތިމަންއިލާހު ޖިބްރީލް (ޢަލައިހިއްސަލާމް) އެކަމަނާގެ އަރިހަށް ފޮނުއްވީމެވެ. އަދި އެ މަލާއިކަތާ ފުރިހަމަ އިންސާނެއްގެ ސިފައިގައި، އެކަމަނާއަށް ފާޅުވިއެވެ.”
ހަމަ އެގޮތުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށްވެސް އިންސާނެއްގެ ސިފައިގައި ވަޑައިގެންނެވިއެވެ. މި ޙަދީޘުގައި މިވާ ފަދައިންނެވެ.
12- ސުވާލުކޮށްގެން ޖަވާބު ހޯދައިގެން އުނގަންނައިދިނުމަކީ މަޝްރޫޢުވެގެންވާ ކަމެކެވެ.
13- އިންސާނާ އޭނާއަށް އެނގޭކަމެއްގެ ވާހަކައިން، އެހެންމީހުންނަށް އެސުވާލުގެ ޖަވާބު ފޯރުކޮށްދިނުމަށްޓަކައި، ސުވާލުކުރުމަކީ ހުއްދަކަމެކެވެ.
14- ދީނުގެ އަޞްލުތަކަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދޭން ޖެހެއެވެ.
15- އެންމެ މުހިއްމު ކަންތަކުން ފެށުން، އީމާންކަމާއި އިސްލާމްކަމުގައި އަޞްލުތަކުގައިވެސް މެއެވެ.
16- އިސްލާމްކަމާ އީމާންކަމުގެ ފަރަޤު- ދެކަން އެކުގައި ބަޔާންވެއްޖެނަމަ.
17- އިސްލާމްކަން ބޮޑަށް ޚާއްޞަވެފައިވަނީ ފެންނަން ހުންނަ ޢަމަލުތަކުގައެވެ. އީމާންކަން ބޮޑަށް ޚާއްޞަވެފައިވަނީ ހިތުގެ އިޢުތިޤާދުގައެވެ.18- ޝަހާދަތުގެ ދެކަލިމަ ކަމުގައިވާ لا إله إلا الله وأن محمداً رسول الله ގައި އެވަނީ މުޅި ދީނެވެ. މުޅިދީން ބިނާވެގެންވަނީ ﷲ ފިޔަވައި ޙައްޤުގޮތުގައި އަޅުކަންވެވޭ އިލާހަކު ނެތްކަން ޤަބޫލުކުރުމުގެ މައްޗަށާއި މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ރިސާލަތަށް އީމާންވުމުގެ މައްޗަށެވެ.
19- ޝަހާދަތުގެ ދެ ކަލިމައިގައިވާ ހުރިހާ ކަންތައްތައްވެސް ޤަބޫލުކުރަން ޖެހޭނެއެވެ. އަދި ޢަމަލުކުރަން ޖެހޭނެއެވެ. ޝަހާދަތުގެ ދެކަލިމައިގެ އެއްބަޔަށް އީމާންވުމަކުން އީމާންވީކަމުގައި ނުބެލެވޭނެއެވެ.
20- ޙައްޤު ގޮތުގައި އަޅުކަންކުރެވޭ ހަމައެކަނި ފަރާތަކީ މާތް ﷲ އެވެ. އިލާހުންތަކުގެ ގޮތުގައި ދަޢުވާކުރާ ފަރާތްތަކާއި، މީސްތަކުން އިލާހުންތަކުގެ ގޮތުގައި ނަގާ އެހެން ހުރިހާ ފަރާތްތަކަކީ ބާޠިލު ފަރާތްތަކެވެ.
20- ދެ ޝަހާދަތަށް ފަހުގައި ވާޖިބުތަކުގެ ތެރެއިން އެންމެ ވާޖިބުކަން ބޮޑުވެގެންވާ ކަމަކީ ނަމާދު ޤާއިމުކުރުމެވެ. އެއީ ދީނުގެ ދެވަނަ ރުކުނެވެ.
21- ނަމާދު ޤާއިމްކުރަން ޖެހޭނީ ﷲ އަމުރުކުރެއްވި ގޮތަށް އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަޔާންކޮށްދެއްވި ގޮތަށެވެ.
22- ނަމާދަށްފަހުގައި އެންމެ މުހިއްމު އަޅުކަމަކީ ޒަކާތް ދިނުމެވެ.
23- ޝަރުޢީ ނައްޞުތަކުގައި ނަމާދާ ޒަކާތުގެ ވާހަކަ އެކުގައި އައުމުން ނަމާދަށް ދެވިފައިވާފަދަ އަހައްމިޔަތުކަމެއް ޒަކާތަށް ދެވިފައިވާކަމަށް ދަލާލަތުކުރެއެވެ.
24- އަޅުކަމުގެ ތެރޭގައި ހަށިގަނޑުގެ އަޅުކަންތައް މިސާލަކަށް ނަމާދު ކުރުމާއި ރޯދަހިފުން، އަދި ފައިސާއިން އަދާކުރާ އަޅުކަން މިސާލަކަށް ޒަކާތްދިނުން ހިމެނެއެވެ.
25- ރަމަޟާންމަހުގެ ރޯދަހިފުމަކީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިންވާ ކަމެކެވެ.
26- ޙައްޖުވުމަކީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ވާ ކަމެކެވެ.
27- ރަމަޟާންމަހަކީ މާތްވެގެންވާ މައްސަރެކެވެ.
28- ޙައްޖުވުން، ކުޅަދާނަކަން ލިބިގެންވާ މީހާގެ މައްޗަށް މެނުވީ ވާޖިބުވެގެން ނުވެއެވެ. ކީރިތި ޤުރުއާނުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ. وَلِلَّـهِ عَلَى النَّاسِ حِجُّ الْبَيْتِ مَنِ اسْتَطَاعَ إِلَيْهِ سَبِيلًا [آل عمران : 97]. މާނައީ: “އެކަމަށް މަގެއްފެނި ކުޅަދާނަވެއްޖެ މީހާ، އެ ގެފުޅަށް ޙައްޖުވުމަކީ ﷲއަށްޓަކައި މީސްތަކުންގެ މައްޗަށްއޮތް ވާޖިބެކެވެ.”
29- ޖަވާބުދޭ މީހާ ޖަވާބު ދިނުމުން، ޖަވާބު ރަނގަޅު ކަމުގައި ސުވާލުކުރާ މީހާ ބުނުމުން ސުވާލުކުރާމީހާގެ ކިބައިގައި އެކަމުގެ ޢިލްމު ހުރިކަން އެނގެއެވެ.
30- ސުވާލުކުރާ މީހާގެ އަޞްލަކީ ޢިލްމު ނެތުމެވެ. ނޭނގުމަކީ ސުވާލު ކުރުމަށް މެދުވެރިވާ ސަބަބެވެ.
31- އީމާންކަމުގެ އަޞްލުތައް ހައެކެވެ. އެއީ ޢަޤީދާގެ އަޞްލުތަކެވެ.
32- މަލާއިކަތުންނަކީ ވުޖޫދުގައި ވާބައެކެވެ. ހަމަ އެހެންމެ ފޮތްތައް ބާވައިލެއްވިގެންވެއެވެ. ރަސޫލުން ފޮނުއްވިގެންވެއެވެ.
33- މަލާއިކަތުންނަށް އީމާންވުމަކީ ވާޖިބެކެވެ. އީމާންކަމުގެ އަޞްލުތަކުގެ ތެރެއިން އަޞްލެކެވެ.
34- ﷲ ތަޢާލާ ބާވައިލެއްވި ފޮތްތަކަށް އީމާންވުމަކީ ވާޖިބެކެވެ. އެއީވެސް އީމާންކަމުގެ އަޞްލުތަކުގެ ތެރެއިން އަޞްލެކެވެ.
35- ރަސޫލުންނަށް އީމާންވުމީ ވާޖިބެކެވެ. އަދި އެއީ އީމާންކަމުގެ އަޞްލުތަކުގެ ތެރެއިން އަޞްލެކެވެ.
36- އާޚިރަތް ދުވަހަށް އީމާންވުމީ ވާޖިބެކެވެ. އަދި އެއީ އީމާންކަމުގެ އަޞްލުތަކުގެ ތެރެއިން އަޞްލެކެވެ.
37- މިންވަރަށް އީމާންވުމީ ވާޖިބެކެވެ. އަދި އެއީ އީމާންކަމުގެ އަޞްލުތަކުގެ ތެރެއިން އަޞްލެކެވެ.
38- وَمَلَائِكَتِهِ وَرُسُلِهِ (އެއިލާހުގެ މަލާއިކަތުންނާއި އެއިލާހުގެ ފޮތްތަކާއި އެއިލާހުގެ ރަސޫލުން) މި ފަދައިން މާތް ﷲ އަށް އިޟާފާކޮށްފައި (ނިސްބަތްކޮށްފައި) ވުމުން، މަލާއިކަތުންނާއި ރަސޫލުންގެ މާތްކަން ދޭހަވެއެވެ. އެއީ މަޚްލޫޤު ޚާލިޤަށް ނިސްބަތްކުރުމެވެ. އެއީ ޚާއްޞަކަމާއި ޝަރަފްވެރިކަމުގެ ނިސްބަތްކުރުމެކެވެ.
39- ﷲ ސުބްޙާނަހޫ ވަތަޢާލާގެ ރަސޫލުންގެ މައްޗަށް ބާވައިލެއްވި އެއިލާހުގެ ފޮތްތަކުގެ މަތިވެރިކަން. އެއީ ﷲ ގެ ކަލާމްފުޅެވެ. އެއިލާހުގެ ކަލާމްފުޅުވަނީ އެއިލާހުގެ ޞިފަފުޅުތަކުގެ ތެރެއިންނެވެ.
40- އާޚިރަތްދުވަސް އިޘްބާތުކުރުން. އެއީ ޤިޔާމަތްދުވަހެވެ. އެދުވަހާ ބެހޭގޮތުން ﷲ ތަޢާލާ އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، މަރުވުމަށްފަހުގައި ވާނޭކަމަށް، ޚަބަރުކުރައްވާފައިވާ ހުރިހާ ކަމަކަށް އީމާންވުމަކީ ޤިޔާމަތްދުވަހަށް އީމާންވުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
41- ޤަދަރު އިޘްބާތުކުރުން. އޭގެތެރޭގައި ހެޔޮމިންވަރާއި ނުބައިމިންވަރު ހިމެނެއެވެ.
42- އިސްލާމްދީނުގެ މަރުތަބާތައް ޛިކްރުކުރެވިފައި އެވަނީ ތަރުތީބުންނެވެ. ޢާއްމުއިން ފެށިގެން ޚާއްޞައާ ހަމައަށެވެ. ފުރަތަމަ އިސްލާމްކަމެވެ. ދެން އީމާންކަމެވެ. ދެން އިޙްސާންކަމެވެ. ކޮންމެ އިޙްސާންތެރިއަކީ(މުޙްސިނަކީ) މުއުމިނެކެވެ. އަދި ކޮންމެ މުއުމިނަކީ މުސްލިމެކެވެ. އެކަމަކު ކޮންމެ މުސްލިމަކީ މުއުމިނެއް ނޫނެވެ. އަދި ކޮންމެ މުއުމިނަކީ އިޙްސާންތެރިއެއް(މުޙްސިނެއް) ނޫނެވެ.
43- ޢަމަލުކުރުމުގައި އިޙްސާންކަމުގެ ޙަޤީޤަތް ބަޔާންކޮށްދިނުން. އެއީ ތިބާއަށް ﷲ ފެންނަ ފަދައިން އަޅުކަންކުރުމެވެ. މިއީ މުރާޤަބާގެ މަޤާމެވެ. ﷲ ތިބާ މުރާޤަބާކުރައްވާ ކަމުގެ މަޤާމެވެ.
44- އަޅާ އަށް ދުނިޔޭގައި އޭނާގެ ރައްބެއް ނުފެންނާނެއެވެ.
45- ބައްލަވާވޮޑިގަތުން ﷲ ތަޢާލާއަށް ޘާބިތުކުރުން.
46- ﷲ ތިބާއަށް ބައްލަވާވޮޑިގެންވާކަން ހިތަށް ގެނެސްގަތުމަކީ ޢަމަލު އިޙްސާންތެރިގޮތުގައި އަދާކުޅައުމަށް ބާރުލިބޭ ކަމެކެވެ.
47- ޤިޔާމަތްވުމުގެ ވަޤުތަކީ ﷲ ނޫން ފަރާތަކަށް އެނގިގެންވާ ކަމެއް ނޫނެވެ. މަލާއިކަތަކަށްވެސް ރަސޫލަކަށްވެސް މެއެވެ.
48- ޤިޔާމަތް ޤާއިމްވާނެ އިރެއް ޖިބްރީލް ޢަލައިއްސަލާމަށްވެސް އަދި މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށްވެސް އެނގިވަޑައިގެންނުވެއެވެ. މިކަމުންވެސް މަޚްލޫޤުތަކުންގެ ނުކުޅެދުންތެރިކަމާއި، އެބައިމީހުންނަށް ލިބިގެންވާ ޢިލްމުގެ މަދުކަން ދޭހަވެއެވެ. އެއީ ދަރަޖައިގެ ގޮތުން ކިތަންމެ މަތީ މަޚްލޫޤެއްކަމުގައި ވީނަމަވެސްމެއެވެ.
49- ޤިޔާމަތްދުވަހަށް ޢަލާމަތްތަކެއް ލިބިގެންވެއެވެ.50- ޤިޔާމަތުގެ ޢަލާމާތްތަކުގެ ތެރެއިން ދެ ޢަލާމާތް ޛިކުރުކުރެވިފައިވެއެވެ. އެއީ އަޅުއަންހެނާގެ ބަނޑުން އެކަނބުލޭގެ ސާހިބު ކަމަނާ ވިހެއުމެވެ. އަދި ފައިވާނަކަށް ނާރައި، ޢައުރަ ނިވާނުކޮށް އުޅޭ، ފަޤީރު، ހުއިހައްޕާ މީހުން، އުސް ޢިމާރާތްތައް ބިނާކޮށް އުސްކުރަމުން ގެންދިއުމެވެ. މިއީ ރަށްފުށު ހިސާބުތައް އާބާދުވުމާއި، ފަޤީރުން މުއްސަނދިވާނޭކަން ބަޔާންކުރުމަށްޓަކައި ބުނެއުޅޭ މަޖާޒެކެވެ.
51- ޤިޔާމަތުގެ ޢަލާމާތްތަކުގެ ތެރޭގައި އަޅުން ގިނަވުން ހިމެނެއެވެ. އަޅުން ގިނަވެގެންގޮސް ދަރިފުޅު، މަންމަ އަޅެއްގެ ގޮތުގައި ގެންގުޅޭނެއެވެ. އޭނާއަށް ނޭނގޭ ޙާލުގައެވެ. ސާހިބުމީހެއްކަމުގައި ދަރިފުޅު ވާނެއެވެ. ޙާފިޒު އިބްނު ޙަޖަރު ރަޙިމަހުﷲ ވިދާޅުވާގޮތުގައި މި ޙަދީޘްގައި މި އިޝާރާތްކުރައްވަނީ ދަރީން މައިންބަފައިންނަށް އުރެދުމުގެ މައްޗަށެވެ. ދަރީން އެބައިމީހުންގެ މައިންބަފައިންނާ މުޢާމަލާތު ކުރުމުގައި އަޅަކާ ދޭތެރޭ މުޢާމަލާތު ކުރާގޮތަށް މުޢާމަލާތު ކުރާނެއެވެ. އެއްޗިހި ގޮވުމާއި، ތެޅުމާއި އަނިޔާކުރުން ފަދަ ކަންތައްތައްވެސް ކުރާނެއެވެ. [الفتح 1/130]

55- ދުނިޔޭގެ އުފަލާއި އަރާމަށްޓަކައި އެއްބަޔަކު އަނެއްބަޔަކާ ވާދަކުރާނެއެވެ.

56- ސުވާލުކުރާ މީހާއަކީ ޖިބްރީލް ޢަލައިހިއްސަލާމްކަން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އެނގިވަޑައިގަތެވެ. އެކަލޭގެފާނު ވަޑައިގަތްހިނދު ނުވަތަ ސުވާލުކުރުމުގެ ފަހުންނެވެ.

57- ސުވާލުކުރީ ކޮން ބޭކަލެއްކަން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވ ވަސައްލަމަ އެކަލޭގެފާނުގެ ޞަޙާބީންނަށް އެންގެވުމާއި އެބޭކަލަކު ވަޑައިގެންނެވި މަޤްޞަދު ބަޔާންކުރެއްވުން.

58- ﷲ ފިޔަވައި އެހެން ފަރާތަކަށް ޤިޔާމަތުގެ ވަޤުތު ނޭނގޭކަމަށް އީމާންވުމާއި، ޤިޔާމަތުގެ ޢަލާމާތްތަކެއް ވާކަން ޤަބޫލުކުރުމީ ދީނުގެ ތެރެއިން ވާކަމެކެވެ.

59- ނޭނގޭ ކަންކަމުގައި ޢިލްމު ﷲ ތަޢާލާ އަށް ނިޞްބަތްކުރުން އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދުނިޔޭގައި ހުންނެވި އިރު އެކަލޭގެފާނަށް ނިޞްބަތްކުރުން. އެއީ “މޮޅަށް ދެނެވޮޑިގަންނަވާނީ ﷲ އެވެ. އަދި ބޮޑަށް ދެނެވަޑައިގަންނަވަނީ، އެކަލާނގެ ރަސޫލާއެވެ.” މިފަދައިން ބުނުމެވެ.

60- ޢުމަރު ރަޟިޔަﷲ ޢަންހުގެ މާތްކަން، އެހެނީ އެ ހުރިހާ ޞަޙާބީން ތެރެއިން އެއީ ކޮންބޭކަލެއްކަން އެނގިވަޑައިގަނޭތޯ ސުވާލުކުރެއްވުމުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިޚްތިޔާރު ކުރެއްވީ ޢުމަރު ރަޟިޔަﷲ ޢަންހުއެވެ.

61- ތިޔަ ބޭކަލުންގެ ދީން دِينَكُمْ އޭ ޙަދީޘްކުރެއްވުމުން، ދީން އަޅުތަކުންނަށް ނިޞްބަތްކުރެވުނީއެވެ. އެއީ ދީނުގެ ކަންތައްތަކަށް އަމުރުވެވިގެންވަނީ އަޅުތަކުންނަށްވެފައި ދީނުގެ ކަންކަން ޤާއިމުކުރަނީ އަޅުތަކުން ކަމުގައިވާތީއެވެ. ދީން ﷲ އަށް ވެސް ނިސްބަތްކުރެވެއެވެ. އެއީ ދީން ޝަރުޢުކުރައްވާ ފަރާތަކީ ﷲ ކަމުގައިވާތީއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ. أَفَغَيْرَ‌ دِينِ اللَّـهِ يَبْغُونَ [آل عمران : 83]. މާނައީ: “އެއުރެން އެ އެދެނީ ﷲގެ ދީން ފިޔަވައި އެހެން ދީނެއް ހެއްޔެވެ”

62- ކިޔަވާ ކުދިންގެ ފަރާތުން ނުވަތަ ތަޢުލީމު އުނގެނޭ ކުދިންގެ ފަރާތުން ފެންނަންޖެހޭ ވަރަށް ރީތި އަދަބެއް މި ޙަދީޘުގައިވެއެވެ. އެއީ ސުވާލެއް އުފެދުނުކަމުގައިވިޔަސް މުޢައްލިމު ވާހަކަ ދައްކަމުންދާ ގަޑީގައި ނުވަތަ އޮޅުން ފިލުވައިދެމުންދާގަޑީގައި ވާހަކަ މެދުކަނޑާނުލުމެވެ. ޞަޙާބީން ތިއްބެވީ އެސުވާލުކުރައްވާ ބޭކަލަކީ ކޮންބޭކަލެއްކަން އެނގިވަޑައިނުގެން އެއީ ކޮންބޭކަލެއްކަން ނޭނގި، އަދި އެބޭކަލަކަށް ޖަވާބުވެސް އެނގިވަޑައިގަންނަވާތީ ޢަޖައިބުވެވަޑައިގެންފައެވެ. އެކަމާ ބެހޭގޮތުން ސުވާލުކުރަން ބޭނުންވެވަޑައިގެންނެވެ. އެހެންނަމަވެސް އެކަން މަނާކުރީ އެބޭކަލުންގެ ރިވެތި އަދަބު ނޫން ދެވަނަ އެއްޗެއް ނޫނެވެ.

63- އިބްނު ދަޤީޤުލް ޢީދު ރަޙިމަހުﷲ ވިދާޅުވިއެވެ. “މިއީ މަތިވެރިވެގެންވާ ޙަދީޘެކެވެ. ސިއްރާއި ފާޅުގައި ކުރެވޭ ހުރިހާ ޢަމަލެއް އެ ޙަދީޘެއްގައި ހިމެނޭ ޙަދީޘެކެވެ. މުޅި ޝަރުޢީ ޢިލްމު ރުޖޫޢަވެގެންވަނީ މި ޙަދީޘަށެވެ. ޝަރީޢަތް ފުރާލެވިގެންވަނީ މި ޙަދީޘުންނެވެ. ސުންނަތުގެ ޢިލްމު މި ޙަދީޘުގައި ޖަމާވެފައިވާލެއް ފުރިހަމަކަމުންނެވެ. މިއީ ސުންނަތުގެ އިމާމު (އުއްމުއް ސުންނާ)ގެ ދަރަޖަ ލިބިގެންވާ ޙަދީޘެވެ. ކީރިތި ޤުރުއާނުގެ އިމާމު(އުއްމުލް ޤުރުއާން) ގެ ދަރަޖަ އަލްފާތިޙާ ސޫރަތަށް ލިބިގެންވާ ފަދައިންނެވެ. ކީރިތި ޤުރުއާނުގެ މުޅި މާނަ އެސޫރަތުގައި ޖަމާވެފައިވާ ކަމަށްޓަކައެވެ.” [شرح الأربعين النووية لابن دقيق]

64- އިބްނު ރަޖަބު ރަޙިމަހުﷲ ވިދާޅުވިއެވެ. “މި ޙަދީޘަކީ މި ޙަދީޘުގެ ކަންކަން މަތިވެރިވެގެންވާ ޙަދީޘެކެވެ. މުޅި ދީނުގެ ޝަރަޙަ މި ޙަދީޘުގައި އެކުލެވިގެންވެއެވެ. މި ޙަދީޘުގެ ފަހުކޮޅުގައި ((فَإِنَّهُ جِبْرِيلُ أَتَاكُمْ يُعَلِّمُكُمْ دِينَكُمْ)) “އެއީ، ޖިބުރީލުގެފާނެވެ. އެކަލޭގެފާނު އެ ވަޑައިގެންނެވީ، ތިޔަ ބޭކަލުންނަށް، ތިޔަ ބޭކަލުންގެ ދީން އުނގަންނަވައި ދެއްވުމަށްޓަކައެވެ.” އޭ ޙަދީޘްކުރެއްވީ އެހެންވެއެވެ.” [الوافي في شرح الأربعين]

65- އިމާމު ނަވަވީ ރަޙިމަހުﷲ ވިދާޅުވިއެވެ. “ދަންނާށެވެ! މި ޙަދީޘުގައި އެތައް ބާވަތެއްގެ ޢިލްމުތަކާއި މަޢާރިފުތަކާއި އަދަބުތަކާއި ލަޠާއިފުތައް ޖަމާކުރެވިފައިވެއެވެ. މާތުރަ މި ޙަދީޘަކީ އިސްލާމްދީނުގެ އަޞްލެވެ.” [شرح صحيح مسلم للنووي كتاب الإيمان 1/135 أمارات الساعة]

66- ޢިލްމުވެރިޔަކާ ކަމަކާ ބެހޭގޮތުން ސުވާލުކުރެވިއްޖެއްޔާ، އެއީ އޭނާއަށް ނޭނގޭ ކަމެއް ނަމަ ތިމަންނާއަކަށް ނޭނގެޔޭ ބުނުމަކީ އެކަމުގެ ސަބަބުން އޭނާގެ މަންޒިލާއި މަކާނަތަށް އުނިކަން އަންނާނެކަމެއް ނޫނެވެ. އަދި ލަދުވެތިކަމެއްވެސް ނުމެނޫންމެއެވެ. އަދި ކިއެއްތަ އެއީ އޭނާގެ ޢިލްމުވެރިކަމަށް، ދީންވެރިކަމަށް ދަލާލަތުކުރާ ކަމެކެވެ. މި ޙަދީޘުގައި ޤިޔާމަތްވާނީ ކޮންއިރަކުތޯ ޖިބްރީލް ޢަލައިހިއްސަލާމު، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ސުވާލުކުރެއްވުމުން އެކަލޭގެފާނަށް އެކަން ނޭނގޭކަމަށް ޙަދީޘްކުރެއްވިއެވެ.
67- ޢިލްމުވެރިންނާއި ވެރިންނާއި ކަމުވޮށިގެންވާ މީހުންގެ އަރިހަށް ވަންނަ ހިނދު، ސާފުތާހިރުވެ ނަލަވެ، ރިވެތި ފޭރާން ލައިގެން ދިޔުމީ އެބައިމީހުންގެ ޝަރަފާއި މަކާނަތަށްޓަކައި އެންމެ ރަނގަޅުކަމެއްކަމުގައި މި ޙަދީޘުން ދަލާލަތު ކުރެއެވެ.
(ޖިބްރީލް ޙަދީޘުގެ ފައިދާތައް ނިމުނީ)

*********************************
1- قواعد وفوائد من الأربعين النووية -ناظم سلطان
2- الفوائد المستنبطة من الأربعين النووية من أمالي فضيلة الشيخ عبد الرحمن بن ناصر البراك حفظه الله على تلميذه عبد المحسن بن عبدالعزيز العسكر – دار التوحيد للنشر – الرياض
3- رؤى تربوية وفوائد تعليمية حاشية علي متن الأربعين النووية – أبو حمزة محمود داود دسوقي خطابي

Blog Widget by LinkWithin

No comments:

Post a Comment