25 January 2014

الرّدّة (މުރުތައްދުވުން) އަދި އޭގެ ބައިތަކާއި އޭގެ ޙުކުމްތައް

އައްޝައިޚް އަބޫބަކްރު އިބްރާހިމް ޢަލީ ރަޙިމަހުﷲ

ބަހުގެ އަޞްލަށް ބަލާއިރު الرّدّة އަކީ އެނބުރި ރުޖޫޢަވުމެވެ. އައުމެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿وَلَا تَرْتَدُّوا عَلَىٰ أَدْبَارِكُمْ﴾ [المائدة 21] މާނައީ: "ކަލޭމެން ކަލޭމެންގެ ފުރަގަހަށް އަލުންވެސް އެނބުރި ރުޖޫޢަނުވާށެވެ." މިއެވެ.

ފިޤުހުވެރިންގެ އިޞްޠިލާޙުގައި ރިއްދާގެ މާނައަކީ އިސްލާމްވުމަށްފަހު ކާފިރުވުމެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ﴿وَمَنْ يَرْتَدِدْ مِنْكُمْ عَنْ دِينِهِ فَيَمُتْ وَهُوَ كَافِرٌ فَأُولَئِكَ حَبِطَتْ أَعْمَالُهُمْ فِي الدُّنْيَا وَالآخِرَةِ وَأُولَئِكَ أَصْحَابُ النَّارِ هُمْ فِيهَا خَالِدُونَ﴾ [البقرة 217] މާނައީ: "ކަލޭމެންކުރެ އެމީހެއްގެ ދީނުން މުރުތައްދުވެއްޖެ މީހާ (ދަންނައެވެ.) ދެން އޭނާ އެޙާލުގައި މަރުވެއްޖެއްޔާ އޭނާއަކީ ކާފިރެކެވެ. ފަހެ އެފަދަ މީހުންގެ ހެޔޮ ޢަމަލުތައް ދުނިޔެއާއި އާޚިރަތުގައިވެސް ބާޠިލުވީއެވެ. އަދި އެމީހުންނަކީ ނަރަކައިގެ އެކުވެރިންނެވެ. އެމީހުން ދެމިތިބޭނީ ހަމަ އެތާންގައެވެ." މިއެވެ.
މުރުތައްދުވުމުގެ ވައްތަރުތައް
އިސްލާމްދީން ގެއްލޭ ކަންތަކުގެ ތެރެއިން ކަމަކަށް އަރައިގަތުމުން މުރުތައްދުވީއެވެ. އެކަން ޙާޞިލުވީއެވެ. ދެންފަހެ އިސްލާމްދީން ގެއްލޭ ކަންތައްތައް ވަރަށްވެސް ގިނައެވެ. އެކަންތައްތައް އެންމެފަހުން ނިމެނީ ހަތަރު ބާވަތަކަށެވެ.
1- މުރުތައްދުވުމުގެ ފުރަތަމަ ބާވަތަކީ: ބުނާ ބަހުގެ ގޮތުން މުރުތައްދުވުމެވެ. އޭގެ މިސާލަކީ ﷲ ތަޢާލާއަށް ނުވަތަ އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ނުވަތަ އެކަލާނގެ މަލާއިކަތުންނަށް ނުވަތަ އެކަލާނގެ ރަސޫލުބޭކަލުންކުރެ ބޭކަލަކަށް ހުތުރު އެއްޗެހި ގޮވުމެވެ. ނުވަތަ ޣައިބުގެ ޢިލްމު އެނގޭކަމަށް ދަޢުވާކުރުން ނުވަތަ ނަބީކަމަށް ދަޢުވާކުރުން ނުވަތަ ނަބީކަމަށް ދަޢުވާކުރާ މީހާގެ ބަސްތެދުކުރުން ނުވަތަ ﷲ ނޫން ފަރާތަކަށް ގޮވާ ދުޢާކުރުން ނުވަތަ އެކަލާނގެ ނޫން ފަރާތަކަށް ކުޅަދާނަވެގެން ނުވާ ކަންކަމުގައި އެކަލާނގެ ނޫން ފަރާތަކުން ޙިމާޔަތާއި ވާގިއެދުން އަދި ސަލާމަތްކޮށްދިނުމަށް އެދި އާދޭސްކުރުމާ އަދި މި ނޫންވެސް މިފަދަ މިފަދަ ކަންކަމެވެ. (ޣައިބުގެ ޢިލްމަކީ ނުފެންނަ ކަންތައްތަކުގެ ޢިލްމެވެ. އެއީ ﷲ އަށް ހަމައެކަނި ޚާއްޞަ ޢިލްމެކެވެ.)
2- މުރުތައްދުވުމުގެ ދެވަނަ ބާވަތަކީ: ކުރާ ކަންތައްތަކުން މުރުތައްދުވުމެވެ. އޭގެ މިސާލަކީ ބުދަށް ނުވަތަ ގަހަށް ނުވަތަ ހިލައަށް ނުވަތަ ގަބުރަށް ސަޖިދަކުރުމެވެ. އަދި އެތަކެތީގެ ނަމުގައި ތަކެތި ކަތިލައި ޤުރުބާންކުރުމެވެ. އަދި ހަޑިހުތުރު ތަންތާ މުޞްޙަފު (ޤުރުއާން) ބޭއްވުން، ސިޙުރުހެދުން، ސިޙުރު އުނގެނި ސިޙުރު އުނގަންނައިދިނުން އަދި ޙަލާލުކަމެއްކަމުގައި އިޢުތިޤާދުކުރާ ޙާލު ﷲ ބާވައިލެއްވިގޮތް ނޫން ގޮތްގޮތަށް ޙުކުމްކުރުމާއި، އަދި މިނޫންވެސް މިބާވަތުގެ ކަންކަމެވެ.
3- މުރުތައްދުވުމުގެ ތިންވަނަ ބާވަތަކީ: އިޢްތިޤާދު ކުރުމުގެ ގޮތުން މުރުތައްދުވުމެވެ. މިސާލަކަށް ﷲ ތަޢާލާ އަށް ޝަރީކަކު ވާކަމުގައި އިޢުތިޤާދު ކުރުމެވެ. ނުވަތަ ރޮށި ޙަރާމް ކަމުގައި އިޢުތިޤާދު ކުރުން ނުވަތަ ނަމާދު ވާޖިބް ނޫންކަމަށް އިޢުތިޤާދު ކުރުން އަދި މިނޫންވެސް މިބާވަތުގެ ކަންކަމެވެ. (އިސްވެދިޔަ ބާވަތުގެ ކަންކަމުގެ ތެރެއިން ޙަލާލު ކަންތައް ޙަރާމް ކަންތައް ޙަރާމް ކަމަށް ވާޖިބު ކަންތައް ވާޖިބުކަމަށް قَطْعى ގޮތެއްގައި ވަނީ ކަނޑައެޅިގެން އިޖުމާޢުވެފައެވެ. އެފަދަ ކަންތައްތައް ނޭގޭ ކަންތައްތައް ކަމުގާ ބެލެވޭނެ ގޮތެއްނެތެވެ.)
4- މުރުތައްދުވުމުގެ ހަތަރުވަނަ ބާވަތަކީ: އިސްވެދިޔަ ބާވަތުގެ ކަންކަމުގެ ތެރެއިން ކަމަކާއިމެދު ޝައްކުވުމުން މުރުތައްދުވުމެވެ. މިސާލަކަށް: ޝިރްކު ޙަރާމް ކަމާއި މެދު ނުވަތަ ޒިނޭ ޙަރާމް ކަމާމެދު ނުވަތަ ރާ ޙަރާމް ކަމާއިމެދު ނުވަތަ ރޮށި ޙަލާލު ކަމާއި މެދު މިބާވަތުގެ ކަންކަމާއިމެދު ޝައްކުވުމެވެ. ނުވަތަ ނަބިއްޔުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ނަބީކަމާއި މެދު ނުވަތަ އެހެން ނަބީބޭކަލެއްގެ ނަބީކަމާއި މެދު ނުވަތަ އެބޭކަލުން ތެދުވެރިކަމާއިމެދު ނުވަތަ އިސްލާމްދީނާމެދު ނުވަތަ މިޒަމާނަށް އިސްލާމް ދީން ޞުލްޙަވެގެން ވުމާއި މެދު މިބާވަތުގެ ކަންކަމަށް ޝައްކުވުމެވެ. މިއީވެސް މުރުތައްދުވާ ކަންކަމެވެ.

މުރުތައްދުވީކަން ސާބިތުވުމަށްފަހު އެކަމުގެ މައްޗަށް ކަނޑައެޅޭ ޙުކުމްތައް:
1- މުރުތައްދުވީ މީހާއަށް ތަޥްބާ ލައިދިނުން، ފަހެ އޭނާ އަށް ތަޥްބާ ލައިދިނުމަށްފަހު ތަޥްބާވެ ތިންދުވަހުގެ ތެރޭގައި އަލުންވެސް އިސްލާމް ކަމަށް އެނބުރި ރުޖޫޢަ ވެއްޖެއްޔާއި އޭނާގެ ކިބައިން އެކަން ޤަބޫލުކޮށް އޭނާ ދޫކޮށްލުން.
2- މުރުތައްދުވީ މީހާއަށް ތައުބާ ލައިދިނުމަށްފަހު އެކަން ޤަބޫލު ނުކުރިނަމަ އޭނާ ޤަތުލުކުރުން ވާޖިބުވެއްޖެއެވެ. އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމްގެ ބަސްފުޅަށްޓަކައެވެ. (("مَنْ بَدَّلَ دِيْنَهُ فَقْتُلُوْه")) [رَوَاه البخاري وأبو داود] މާނައީ: "އެމީހެއްގެ ދީން ބަދަލުކޮށްފިމީހާ ދަންނާށެވެ! ފަހެކަލޭމެން އެމީހާ މަރާލާށެވެ." މިއެވެ.
3- މުރުތައްދުވީ މީހާއަށް ތަޥްބާ ލައިދިނުމާއި އޭނާ އަލުން އިސްލާމްވެ އިސްލާމްދީނަށް ވަނުމާއިމެދު އޭނާގެ މުދަލުން ތަޞައްރުފު ކުރުން މަނާ ކުރުން: ފަހެ އޭނާ އިސްލާމްވެ އަލުންވެސް ދީނަށް ވަދެއްޖިއްޔާ އޭނާއަށް އޭނާގެ މުދާ ބޭނުންގޮތަކަށް ތަޞައްރުފުކުރުމަށް ދޫކުރެވޭނެއެވެ. އަދި އިސްލާމްނުވެ މުރުތައްދު ކަންމަތީ މަރުވިނަމަ ނުވަތަ މަރައިލިނަމަ އެހިދުން ފެށިގެން އޭނާގެ މުދާ ހުންނާނީ ބައިތުލް މާލަށެވެ. ސަރުކާރަށެވެ. އަދި ބުނެވުނެވެ. އޭނާ މުރުތައްދުވީ ވަގުތުން ފެށިގެން އޭނާގެ މުދާ މުސްލިމުންގެ އެކިއެކި ބޭނުންތައް ފުއްދުމަށް ހޭދަކުރެވޭނެއެވެ.
4- މުރުތައްދުވީ މީހާގެ ވާރުތަވުމުގެ މައްސަލަ ކަޑައިގެން ދިޔުން: އެބަހީ އޭނާގެ ވާރުތަ ނުވެވޭނެއެވެ. އަދި ވާރުތަ ނުވާނެއެވެ.
5- މުރުތައްދުވީ މީހާ މުރުތައްދު ޙާލުގައި މަރުވެއްޖިއްޔާ އޭނާ ހިނަވައި ކަފުންކޮށް އަދި އޭނާގެ މައްޗަށް ނަމާދު ކުރުމެއް ނެތެވެ. އަދި މުސްލިމުންގެ ޤަބުރުސްތާނުގައި އޭނާ ވަޅު ނުލެވޭނެއެވެ. އަދި ކިއެއް ހެއްޔެވެ؟ އޭނާ ވަޅުލަންވާނީ ކާފިރުންގެ ޤަބުރުސްތާނުގައެވެ. ނުވަތަ މުސްލިމުންގެ ޤަބުރުސްތާނު ފިޔަވައި ދެން އެހެން ކޮންމެވެސް ތަނެއްގައި ކޮނެފައި ވަޅުލުން ހުއްޓެވެ.

Blog Widget by LinkWithin

No comments:

Post a Comment