19 January 2014

އިސްލާމް، އީމާން އަދި އިޙްސާން

އައްޝައިޚް އަބޫބަކްރު އިބްރާހިމް ޢަލީ ރަޙިމަހުﷲ

މިފިލާޅުގައި އަޅުގަޑު ބަޔާންކުރަން ޤަސްތު ކުރަނީ އިސްލާމް ދީން އެކަންކަމުގެ މައްޗަށް ބިނާވެފައިވާ ތިން އުސޫލެވެ.

އެއީ އިސްލާމް ކަމާއި އީމާން ކަމާއި އިޙްސާންކަން ބަޔާންކޮށް ދެއްވާ ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމެ ހަދީޘް ކުރައްވާފައިވާ “މަޝްހޫރު ޖިބްރީލް ޙަދީޘް” އެވެ. ހަމައެކަނި ޙަދީޘް ގައިވާ ތިން އަސްލާއި އޭގެ ތަރުޖަމާއެވެ. عَنْ عُمَرَ -رَضِي اللهُ تَعَالَى عَنْهُ- أَيْضًا قَالَ: بَيْنَمَا نَحْنُ جُلُوسٌ عِنْدَ رَسُولِ اللهِ -صَلّى الله عَلَيْهِ وَسَلَّمَ- ذَاتَ يَومٍ، إِذْ طَلَعَ عَلَينَا رَجُلٌ شَدِيدُ بَيَاضِ الثِّيَابِ، شَدِيدُ سَوَادِ الشَّعْرِ، لاَ يُرَى عَلَيْهِ أَثَرُ السَّفَرِ، وَلاَ يَعْرِفْهُ مِنَّا أَحَدٌ، حَتَّى جَلَسَ إِلَى النَّبِيِّ -صَلّى الله عَلَيْهِ وَسَلَّمَ- فَأَسْنَدَ رُكْبَتَيْهِ إِلَى رُكْبَتَيْهِ، وَوَضَعَ كَفَّيْهِ عَلَى فَخِذَيْهِ وَقَالَ: ((يَا مُحَمَّدُ أَخْبِرْنِي عَنِ الإِسْلاَمِ)). فَقَالَ رَسُولُ اللهِ -صَلّى الله عَلَيْهِ وَسَلَّمَ-: ((الإِسْلاَمُ أَنْ تَشْهَدَ أَن لاَ إِلَهَ إِلاَّ اللهُ، وَأَنَّ مُحَمَّدًا رَسُولُ اللهِ، وَتُقِيْمَ الصَّلاَةَ، وَتُؤْتِيَ الزَّكَاةَ، وَتَصُومَ رَمَضَانَ، وَتَحُجَّ البَيْتَ إِنِ اسْتَطَعْتَ إِلَيْهِ سَبِيْلاً)). قَالَ: ((صَدَقْتَ)). فَعَجِبْنَا لَهُ، يَسْأَلُهُ وَيُصَدِّقُهُ! قَالَ: ((فَأَخْبِرْنِيْ عَنِ الإِيْمَانِ)). قَالَ: ((أَنْ تُؤْمِنَ بِاللهِ، وَمَلاَئِكَتِهِ، وَكُتُبِهِ، وَرُسُلِهِ، وَالْيَومِ الآخِرِ، وَتُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّهِ)). قَالَ: ((صَدَقْتَ)). قَالَ: ((فَأَخْبِرْنِيْ عَنِ الإِحْسَانِ)). قَالَ: ((أَنْ تَعْبُدَ اللهَ كَأَنَّكَ تَرَاهُ، فَإِنْ لَمْ تَكُنْ تَرَاهُ فَإِنَّهُ يَرَاكَ)). قَالَ: ((فَأَخْبِرْنِي عَنِ السَّاعَةِ)). قَالَ: ((مَا الْمَسْؤُولُ عَنْهَا بِأَعْلَمَ مِنَ السَّائِلِ)). قَالَ: ((أَخْبِرْنِي عَنْ أَمَارَاتِهَا)). قَالَ: ((أَنْ تَلِدَ الأَمَةُ رَبَّتَهَا، وَأَنْ تَرَى الْحُفَاةَ العُرَاةَ الْعَالَةَ رِعَاءَ الشَّاءِ يَتَطَاوَلُونَ فِي الْبُنْيَانِ)). ثُمَّ انْطَلَقَ فَلَبِثْتُ مَلِيًّا، ثُمَّ قَالَ: ((يَا عُمَرُ، أَتَدْرِي مَنِ السَّائِلُ؟)) قُلْتُ: اللهُ وَرَسُولُهُ أَعْلَمُ. قَالَ: ((فَإِنَّهُ جِبْرِيْلُ، أَتَاكُمْ يُعَلِّمَكُمْ دِيْنَكُمْ)). (الحديث رواه مسلم)މިޙަދީޘްގެ ޚުލާސާއަކީ، “ﷲ ތަޢާލާ ރުއްސުންލެއްވި ޢުމަރު ބުނުލް ޚައްޠާބުގެ ކިބައިން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ. އެއްދުވަހަކު ތިމަންމެން، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިއަހުގައި ތިއްބަވަނިކޮށް ހެދުން ވަރަށް ހުދު، އިސްތަށީގެ ކުލަ ވަރަށް ކަޅު ބޭކަލަކު ފައުޅުވިއެވެ. އަދި ތިމަންމެން ކުރެ އެއްވެސް މީހަކަށް ކާކުކަމެއް ނޭގެއެވެ. އަދި އެބޭކަލެއްގެ ކިބައިން ދަތުރު ކުރުމުގެ އެއްވެސް އަސަރެއް ނުފެނެއެވެ. އެބޭކަލަކު ވަޑައިގެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކަކޫފުޅާއި ކަކޫފުޅު ޖައްސަވައި އިށީންދެ ވަޑައިގެންނެވިއެވެ. އަދި ވިދާޅުވިއެވެ. އޭ މުޙައްމަދެވެ! އިސްލާމް ކަން ބަޔާންކޮށް ދެއްވަބައްލަވާށެވެ. ފަހެ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.

• އިސްލާމް ކަމީ (މާނައީ؛ އިސްލާމްކަން އެކުލެވިގެންވަނީ)

(1) ﷲމެނުވީ ޙައްޤުވެގެން އަޅުކަމެއް ވެވޭނޭ އެހެން އެއްވެސް އިލާހާއިއެކު ނުވާކަމަށް ހެކިވުމެވެ. އަދި ހަމަކަށަވަރުން މުޙައްމަދުގެފާނީ ﷲގެ ރަސޫލާ ކަމަށް ހެކިވުމެވެ.

(2) ނަމާދު ޤާއިމު ކުރުން.

(3) ޒަކާތް ދިނުން.

(4) ރަމަޟާން މަހު ރޯދަ ހިފުން.

(5) ކުޅަދާނަ ވެގެންވާނަމަ ޙައްޖު ވުން މިއެވެ.

އެބޭކަލަކު ވިދާޅުވިއެވެ. ރަނގަޅެވެ. ޢުމަރު ބުނުލް ޚައްޠާބު ވިދާޅުވިއެވެ. އެބޭކަލަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ސުވާލު ކުރައްވައި އަދި ޙަދީޘް ކުރައްވާ ބަސްފުޅު ތެދުކުރައްވާތީ ތިމަން ބޭކަލުން ޢަޖާއިބު ވީމެވެ. ދެން، އެބޭކަލަކު ވިދާޅުވިއެވެ. ދެން އީމާންކަން ބަޔާން ކޮށްދެއްވާ ބައްލަވާށެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.

• އީމާން ކަމީ (ޔައުނީ: އީމާންކަން އެކުލެވިގެންވަނީ)

(1) ﷲ ތަޢާލާއަށް އީމާންވުމެވެ.

(2) އެއިލާހުގެ މަލާއިކަތުންނަށް އީމާން ވުމެވެ.

(3) އެއިލާހުގެ ފޮތްތަކަށް އީމާން ވުމެވެ.

(4) އެއިލާހުގެ ރަސޫލުންނަށް އީމާން ވުމެވެ.

(5) އާޚިރަތް ދުވަހަށް އީމާން ވުމެވެ.

(6) މިންވަރު ހެއުކަމާއި ނުބައިކަމަށް އީމާން ވުމެވެ.

ދެން، އެބޭކަލަކު ވިދާޅުވިއެވެ. އިޙުސާންކަން ބަޔާންކޮށްދެއްވާ ބައްލަވާށެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހ ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.

• އިހުސާން އަކީ ( ޔަޢުނީ އިޙްސާންކަމަކީ)

އެއީ ﷲ ތަޢާލާއަށް ކަލޭ އަޅުކަން ކުރާއިރު އެއިލާހު ދެކެދެކެ ހުރެ އަޅުކަން ކުރާ ފަދައިން އަޅުކަން ކުރުމެވެ. މިހެނީ ކަލެއަށް އެއިލާހު ނުފެނުނަސް، އެއިލާހު ކަލޭ ދެކެވޮޑިގެންވާނެއެވެ.”

އާދެ، މިދިގު ޙަދީޘް މިހިސާބަށް ކުރުކޮށްލީއެވެ. އަލުގަޑުގެ ބޭނުމަކީ ހަމަ އެކަނި ޙަދީޘްގައި ބަޔާންވެގެންވާ ދީނުގެތިން އަސްލު މިތާ ނަޤްލު ކޮށްލުމެވެ. ފޮތުގެ ކުރީގެ ފިލާވަޅުތަކާއި މިތިންކަމާއި ގުޅުން ބޮޑުކަމުންނެވެ. މި ޙަދީޘް ގައި ތަމްސީލުވެގެން މިދަނީ އިސްލާމްކަމާއި، އީމާންކަމާއި އަދި އިޙްސާންކަމެވެ. އަދި މިއީ ދީނުގެ ތިން އަސްލު ކަމާއި މިތިން އަސްލު އުއްމަތަށް އުގަންނަވައި ސާބިތު ކޮށް ދެއްވުމަށް ޖިބްރީލްގެފާނު ވަޑައިގެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ސުވާލު ކުރައްވައި އެސުވާލު ތަކުގެ ޖަވާބު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވިދާޅުވިގޮތް އެއީ ތެދު ރަގަޅު ގޮތް ކަމުގައި ޖިބްރީލް ޢަލައިހިއްސަލާމްޤަބޫލްފުޅު ކުރައްވައި އެކަން އިޤްރާރު ކުރެއްވި މަންޒަރެވެ.



ސުވާލު:

(1) އިސްލާމްކަން އެކުލެވިގެންވާ ބައިތަކަކީ ކޮބައި ހެއްޔެވެ؟

(2) އީމާންކަން އެކުލެވިގެންވާ ބައިތަކަކީ ކޮބައި ހެއްޔެވެ؟

(3) އިޙްސާން ކަމަކީ ކޮބައި ހެއްޔެވެ؟

Blog Widget by LinkWithin

No comments:

Post a Comment