19 January 2014

އަހުރެމެންގެ ޢަޤީދާ- އަހްލުއްސުންނަތި ވަލްޖަމާޢަތުގެ ޢަޤީދާ 4

އައްޝައިޚް އިސްމާޢީލް މުޙައްމަދު

ފުރަތަމަ ފަޞްލު
އަހުރެމެންގެ ޢަޤީދާ


ﷲ ސުބްޙާނަހޫ ވަތަޢާލާ އަށާއި އެކަލާނގެ މަލާއިކަތުންނަށާއި އެކަލާނގެ ބާވައިލެއްވި ފޮތްތަކަށާއި ފޮނުއްވެވި ރަސޫލުންނާއި އާޚިރަތް ދުވަހަށާއި ހެޔޮމިންވަރާއި ނުބައި މިންވަރަށް އީމާންވުމެވެ.

ﷲ ތަޢާލާއަށް އީމާންވުމުގެ ތަފްޞީލީ ބަޔާން

އަހުރެމެން ﷲ ތަޢާލާގެ ރުބޫބިއްޔަތު ވަންތަކަމަށް އީމާންވަމެވެ. އެބަހީ ހަމައެކަނި ހައްދަވާ ބޮޑުކުރައްވާ ހުރިހާ އެއްޗެއްގެ ވެރި ރަސްކަލާނގެއީ ﷲ ތަޢާލާ ކަމުގައި އީމާންވުމެވެ. އަދި ހުރިހާ ކަމެއްގެ ތަދުބީރު ކުރައްވަނީވެސް ހަމައެކަނި އެކަލާނގެ ކަމުގައި ޔަޤީންކުރުމެވެ.

އަދި އަހުރެމެން ﷲ ތަޢާލާގެ އުލޫހިއްޔަތު ވަންތަކަމުގެ މައްޗަށް އީމާންވަމުއެވެ. އެބަހީ ޙައްޤުގޮތުގައި އަޅުކަންވެވޭ ފަރާތަކީ ހަމައެކަނި ﷲ ތަޢާލާ ކަމުގައި ޤަބޫލުކޮށް ޔަޤީންކުރަމެވެ. ﷲތަޢާލާ ފިޔަވައި ދެން އަޅުކަންވެވޭ ކޮންމެ އެއްޗަކީ ބާޠިލްއެއްޗެއްކަމުގައި ދެކެމުއެވެ. އަދި ﷲ ތަޢާލާގެ އިސްމުފުޅުތަކާ ސިފަފުޅުތަކަށްވެސް އަހުރެމެން އީމާންވަމުއެވެ. އެކަލާނގެ ސިފަފުޅުތަކުގައިވެސް އެކަލާނގެ އެއްކައުވަންތައެވެ. އާދޭހެވެ! އެކަލާނގެ ރުބޫބިއްޔަތު ވަންތަކަމާއި އުލޫހިއްޔަތު ވަންތަކަމާއި ނަންފުޅުތަކާ ސިފަފުޅުތަކުގައި އެކަލާނގެއާ ޝަރީކުވާ ހަމައެކަކު ނުވެއެވެ.

ﷲތަޢާލާ ވަޙީކުރެއްވިއެވެ.

(رَّبُّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا فَاعْبُدْهُ وَاصْطَبِرْ لِعِبَادَتِهِ ۚ هَلْ تَعْلَمُ لَهُ سَمِيًّا) [مريم: ٦٥]

މާނައީ “އެކަލާނގެއީ އުޑުތަކާއި ބިމާއި އަދި އެދެމެދުގައިވާހާ އެއްޗެއް ހައްދަވާ ބޮޑުކުރައްވާ ރަސްކަލާނގެއެވެ. ފަހެ ހަމައެކަނި އެކަލާނގެއަށް އަޅުކަން ކުރާށެވެ. އަދި ހަމަ އެކަނި އެކަލާނގެއަށް އަޅުކަންކުރުންމަތީ ޘާބިތުވެ ހުންނާށެވެ. ކަލޭގެފާނަށް އެކަލާނގެއާ އެއްފަދަ އެއްވެސް ނަމެއް ވާކަން އެނގޭ ހެއްޔެވެ.”

މިއާޔަތުގައި ބަޔާންވެގެން ކަންތަކަށް އަހުރެމެން އީމާންވަމެވެ.

(اللَّهُ لَا إِلَٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ۚ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ ۚ لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ مَنْ ذَا الَّذِي يَشْفَعُ عِنْدَهُ إِلَّا بِإِذْنِهِ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَيْءٍ مِنْ عِلْمِهِ إِلَّا بِمَا شَاءَ ۚ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ ۖ وَلَا يَئُودُهُ حِفْظُهُمَا ۚ وَهُوَ الْعَلِيُّ الْعَظِيمُ) [البقرة: ٢٥٥]

މާނައީ: “ޙައްޤުވެގެން އަޅުކަންވެވޭ ފަރާތަކީ ހަމައެކަނި ﷲ ތަޢާލާ އެވެ. އެ އިލާހު ފިޔަވައި އެއްވެސް ފަރާތަކަށް އަޅުކަން ވެވުން އެކަށީގެން ނުވެއެވެ. ދިރިދެމިވޮޑިގެންވަނީ ހަމައެކަނި އެކަލާނގެއެވެ. އެކަލާނގެއަށް ނިދިއައުމެއް ތާއްޔާ ޖެހުމެއް ނުވެއެވެ. އުޑުތަކުގައްޔާއި ބިމުގައިވާހާ ތަކެއްޗެއްވަނީ އެކަލާނގެއަށެވެ. އެކަލާނގެ ހުއްދަނެތި އެކަލާނގެ ޙަޟްރަތުގައި (އެއްވެސް މީހަކަށް) ޝަފާޢަތް ތެރިވާނޭ މީހަކީ ކާކުހެ އްޔެވެ. މީސްތަކުންގެ ކުރިމަތީގައްޔާއި ފަހަތުގައި ހިނގާހައި ކަމަކާއި ހިނގައި ދިޔަހާކަމެއް އެކަލާނގެ ދެނެވޮޑިގަންނަވައެވެ. އެކަލާނގެ އެދިވޮޑިގަތް ކަމެއް ފިޔަވައި، އެކަލާނގެ ޢިލްމުފުޅުގެ ތެރެއިން ހަމައެއްވެސް ކަމެއް (އެކަކަށްވެސް) އެނގުމެއް ނުވެއެވެ. އުޑުތަކާއި ބިމަށްވުރެ އެކަލާނގެ ކުރުސިފުޅު ތަނަވަސްކަން ބޮޑެވެ. އެދެތަން ރައްކާތެރި ކުރެއްވުމުގައި އެކަލާނގެއަށް ވަރުބަލިވުމެއް ލިބިވޮޑިނުގަންނަވައެވެ. އަދި އެކަލާނގެއީ މަތިވެރިވެ ވޮޑިގެންވާ ޢަޡީމްވަންތަ ރަސްކަލާނގެއެވެ.”

-ނުނިމޭ-

Blog Widget by LinkWithin

No comments:

Post a Comment