08 October 2013

ނަޖިހާ އެކުވެފައިވާ ފެން

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ފެން ނަޖިހާ އެކުވެ އޭގެ ވަސް ނުވަތަ ރަހަ ނުވަތަ ކުލަ މި ތިނެތީގެ ތެރެއިން އެކަތި ނަމަވެސް ބަދަލުވެއްޖެނަމަ ޢިލްމުވެރިން އިޖުމާޢުވެފައިވާ ގޮތުގައި އެއީ ނަޖިސްފެނެވެ. އަދި އެފެން ބޭނުންކުރުން ހުއްދަވެގެން ނުވެއެވެ. އެފެނުން ޙަދަޘް އެރިނުގަނެވޭނެއެވެ. އަދި ނަޖިސްވެސް ފިލުވާ ނުލެވޭނެއެވެ. އެއީ ގިނަ ފެން ކަމުގައިވިޔަސް ނުވަތަ މަދުފެންކަމުގައިވިޔަސް މެއެވެ.

ފެން ނަޖިހާ އެކުވެ ކުރިން ދެންނެވި ތިން ސިފައިގެ ތެރެއިން ސިފައެއް ބަދަލުނުވިނަމަ އެއީ ގިނަ ފެން ކަމުގައިވަންޏާ އެ ފެން ނަޖިހެއް ނުވާނެއެވެ. އަދި އެފެނުން ޠަހާރަތު ޙާޞިލުކުރެވޭނެއެވެ. އެކަމަކު އެއީ މަދުފެން ކަމުގައިވާނަމަ އެފެން ނަޖިސްވާނެއެވެ. އަދި އެފެނުން ޠަހާރަތު ޙާޞިލެއްނުކުރެވޭނެއެވެ. ފެނުގެ މަދުމިނާއި ގިނަ މިން ކަނޑައަޅާނީ ދެ ޤުއްލަ ހަމަވާ ފެނަކީ އެއީ ގިނަފެން ކަމުގައެވެ. އަދި މަދުފެނަކީ ދެޤުއްލަ ހަމަ ނުވާ ފެނެވެ. ޤުއްލަ އަކީ ލީޓަރުން ބަލާނަމަ ގާތް ގަނޑަކަށް 160.5 ލީޓަރެވެ. އެހެންވީމާ ދެޤުއްލައަކީ ގާތްގަނޑަކަށް 321 ލީޓަރެވެ.

މީގެދަލީލަކީ މަދީނާގައި ހުރި ކޮންމެވެސް ވަރަކަށް ނަޖިސް އެޅޭ ވަޅަކާ ބެހޭގޮތުން އެވަޅުން ވުޟޫކުރެވިދާނެތޯ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ސުވާލުކުރެއްވުމުން އެކަލޭގެފާނު ޙަދީޘްކުރެއްވި، އަބޫ ސަޢީދުލް އަލްޚުދްރީ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާ ވެގެންވާ މި ޙަދީޘްއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. الْمَاءُ طَهُوْرٌ لاَيُنَجِّسُهُ شَيْئٌ ” (رواه أحمد وصححه الألباني في الإرواء) މާނައީ:” އެފެން ޠާހިރުވެގެންވެއެވެ. އެއްވެސް އެއްޗެއް އެފެން ނަޖިހެއް ނުކުރާނެއެވެ.

އަދި އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެގެންވާ ޙަދީޘް، ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. إِذَا بَلَغَ الماَءُ قُلَّتَيْنِ لَمْ يَحْمِلْ الْخَبَثَ (متفق عليه) “ފެނުގެ ދެޤުއްލަ ހަމަވެއްޖެނަމަ އެފެން ނަޖިހެއް ނުވާނެއެވެ.”



الفقه الميسر في ضوء الكتاب والسنة

وزارة الشؤون الإسلامية والأوقاف والدعوة والإرشاد

Blog Widget by LinkWithin

No comments:

Post a Comment