27 October 2013

ޢާއްމު ތަރުބިއްޔަތާއި ޚާއްޞަ ތަރުބިއްޔަތު

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

އިސްލާމީ ތަރުބިއްޔަތަކީ ދެދުނިޔޭގެ އުފާވެރިކަމަށް މަގުދައްކާ ތަރުބަވީ ނިޒާމެކެވެ. އެ ނިޒާމަކީ ﷲ ތަޢާލާގެ ފަރާތުން ވާ ނިޒާމެކެވެ. އަހަރެމެން ދެނެގަންނަންވީ ކަމަކީ ހުރިހާ އިންސާނުން ތަރުބިއްޔަތު ކުރައްވާ ފަރާތަކީ ﷲ ތަޢާލާކަމެވެ. ﷲ ތަޢާލާގެ ތަރުބިއްޔަތު އެއިލާހުގެ އަޅުތަކުންގެ މައްޗަށް ވާގޮތުގައި ދެ ބަޔަކަށް ބެހިގެންވެއެވެ.



ހ- ޢާއްމު ތަރުބިއްޔަތު: އެއީ ﷲ ތަޢާލާ އެއިލާހުގެ ޚަލްޤުތަކުން އުފެއްދެވުމާއި އެ ޚަލްޤުތަކަށް ރިޒުޤުދެއްވުމާއި ދުނިޔޭގައި އުޅެވޭނެ ގޮތް ތަނަވަސްކޮށްދެއްވުމެވެ.

ށ- ޚާއްޞަ ތަރުބިއްޔަތު: އެއީ އެއިލާހުގެ ވަލީންނަށް ޚާއްޞަވެގެންވާ ތަރުބިއްޔަތެވެ. އީމާންކަން މަތީގައި އެބައިމީހުން ތަރުބިއްޔަތު ކުރެއްވުމާއި، އެބައިމީހުންނަށް ތައުފީޤު ދެއްވުމާއި، އެބައިމީހުންނަށް ބަސް ވަޙީކުރެއްވުމާއި، އެންމެހާ ނޭއްގާނީ ކަންކަމުން އެބައިމީހުން ރައްކާތެރިކުރެއްވުމާއި އެއިލާހާއި އެބައިމީހުންނާ ދެމެދު އޮންނަ ގުޅުމަށް ހުރަސް އަޅާފަނިވި އެންމެހާ ކަންކަމުން އެބައިމީހުން ދުރުކުރެއްވުން ހިމެނެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. اللَّهُ يَجْتَبِي إِلَيْهِ مَنْ يَشَاءُ وَيَهْدِي إِلَيْهِ مَنْ يُنِيبُ -شورى١٣ – ”ﷲ، އެކަލާނގެ އިރާދަކުރައްވާ އަޅަކު ހޮއްވަވައެވެ. އަދި އެކަލާނގެއަށް ތައުބާވެ، ރުޖޫޢަވާމީހާއަށް ތެދުމަގު ދައްކަވަތެވެ.”

މި އާޔަތުގައި މި އިޝާރާތްކުރާ ހޮއްވުވުމަކީ އެއިލާހުގެ ރިސާލަތާއި ވިލާޔަތަށް އެއިލާހުގެ އަޅުތަކުންގެ ތެރެއިން އެއިލާހު އިރާދަކުރައްވާ އަޅަކު ހޮއްވެވުމެވެ. މި އުންމަތަށްޓަކައި މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ހޮއްވެވި ބީދައިންނެވެ. އަދި މިގޮތުގެ މަތީން އެހެނިހެން ހުރިހާ އުންމަތްތަކުގެ މައްޗަށް މި އުންމަތް މާތްކުރެއްވިއެވެ. އަދި ޝަރީޢަތްތަކުގެ ތެރެއިން އެންމެ ފުރިހަމަ އެންމެ ޝާމިލު ޝަރީޢަތް އަދި އެންމެ ފަހުގެ ޝަރީޢަތް މި އުންމަތަށްޓަކައި އިޚްތިޔާރުކުރެއްވިއެވެ.

މި މަތިވެރި އުންމަތަށް ﷲ ތަޢާލާގެ ރިސާލަތު ފޯރުކޮށްދެއްވުމަށްޓަކައި އަހަރެމެންގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ހޮއްވެވިއެވެ. އަދި އެއިލާހުގެ ޚާއްޞަ ތަރުބިއްޔަތުގެ ދަށުން އެނަބިއްޔާ ތަރުބިއްޔަތު ކުރެއްވިއެވެ. އެގޮތުން ޖާހިލިއްޔަ ޒަމާނުގެ އެންމެހާ ގޯސް ކަންތައްތަކާއި ފާފަތަކުން އެކަލޭގެފާނު ސަލާމަތްކުރެއްވިއެވެ. ދުވަހަކުވެސް ބުދަކަށް އަޅުކަމެއް ނުކުރައްވަތެވެ. ދުވަހަކުވެސް ޢައުރަ ކަޝްފު ނުކުރައްވައެވެ. ދުވަހަކުވެސް މިއުޒިކެއްގެ އަޑުނާއްސަވަތެވެ. އެކަލޭގެފާނުގެ ގާތްތިމާގެ ބައެއް ބޭފުޅުންނާއެކު ކަޢުބާ ބިނާކުރެއްވުމުގެ މަސައްކަތުގައި ހިލަ އުފުއްލެވުމުގެ ތެރޭގައި ކޮނޑުގައި އެޅުމުގެ ގޮތުން އެކަލޭގެފާނު ތުރުކުރައްވައިގެން ހުންނެވި ހެދުންކޮޅު ހިއްލަވާލެއްވި ވަގުތު ޢައުރައިން ކުޑަ މިންވަރެއް ކަޝްފުވެގެން ދިޔައެވެ. އެހިނދުގައި އެކަލޭގެފާނަށް ބުނެވުނެވެ. ކަލޭގެފާނުގެ ޢައުރަ ނިވާކުރައްވާށެވެ.

ޤުރައިޝު ވަންހައިގެ އެހެނިހެން ޒުވާނުންނެކޭ އެއްފަދައިން ލަވަ އަޑުއަހާލުމަށްޓަކައި އެއްރެއަކު ލަވަކިޔާ ތަނަކަށް އެކަލޭގެފާނު ވަޑައިގަތެވެ. އެކަލޭގެފާނު އަވަހާރަލެއްޕެވި ގޮތަށް އެކަލޭގެފާނަށް ހޭފުޅުލެއްވުނީ އިރު އެރި ފަހުންނެވެ. ލަވައިގެ އެއްވެސް މިންވަރެއް އިވިވަޑައިނުގަތެވެ. (انظر السيرة النبويه الصحيحة للدكتور أكرم ضياء العمري (1/114-118) وكذلك كتاب السيرة النبوية في ضوء المصادر الأصلية للدكتور مهدي رزق الله أحمد (ص 125-128)



މި މިސާލުތަކަކީ ﷲ ތަޢާލާ އެކަލޭގެފާނު ޚާއްޞަ ރައްބާނިއްޔަ ތަރުބިއްޔަތަކުން ތަރުބިއްޔަތު ކުރެއްވި ކުރެއްވުމުގެ މިސާލުތަކެވެ.

ﷲ ތަޢާލާ އެއިލާހުގެ އަޅުތަކުންގެ މައްޗަށް ނިޢުމަތްކުރައްވާފައިވާ ހުރިހާ ނިޢުމަތްތަކަކީ ޢާއްމު ތަރުބިއްޔަތުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އޭގެ ތެރޭގައި ރިޒުޤު ދެއްވުމާއި، ރިސާލަތު ފޯރުކޮށްދެއްވުމަށްޓަކައި ރަސޫލުން ފޮނުއްވުމާއި އެއިލާހަށް ތައުބާވެ ރުޖޫޢަވާމީހަކަށް ހިދާޔަތު ދެއްކެވުމާއި، އެއިލާހުގެ ނިޢުމަތްތައް އިޙްސާސްކުރެވި މި ދުނިޔެ މަތީގައިވާ ކައުނީ ހެކިތަކާއި އެއިލާހުގެ ޝަރުޢީ ހެކިތައް ފެނި ޤަބޫލުކޮށް އެއިލާހަކީ ހުރިހާ ފަރާތެއްގެ ރައްބުކަން ދެނެގަނެ އެއިލާހަށް ރުޖޫޢަވާ މީހާ އަށް ހިދާޔަތު ދެއްކެވުން ހިމެނެއެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. وَيَهْدِي إِلَيْهِ مَنْ يُنِيبُ -شورى١٣ – ”އަދި އެކަލާނގެއަށް ތައުބާވެ، ރުޖޫޢަވާމީހާއަށް ތެދުމަގު ދައްކަވަތެވެ.”

އަޅުންނަށް ހިދާޔަތު ލިބޭ ސަބަބަކީ އެއީއެވެ. އެއީ އެ އިލާހު މަޢުރިފާކޮށް އެއިލާހަށް ރުޖޫޢަވުމެވެ. ހިތް އެ ފަރާތަށް އެދި ގޮވުމެވެ. ހިތް އެފަރާތަށް ލެނބުމެވެ. އެއިލާހުގެ ވަޖުހަފުޅު އަދައިގެން ކުރުމާއި އަދި ހިދާޔަތު ހޯދުމުގައި އަޅާ ކުޅަ ބުރަ މަސައްކަތުގެ ސަބަބު އެއީ ހިދާޔަތު ލިބުން ފަސޭހަ ވެގެންދިޔަ ސަބަބެއް ކަމުގައި ވެދެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

يَهْدِي بِهِ اللَّهُ مَنِ اتَّبَعَ رِضْوَانَهُ سُبُلَ السَّلَامِ – المائدة 16- “ﷲ ، އެކަލާނގެ ރުއްސަވާ މަގަށް ތަބާވީ މީހަކަށް ސަލާމަތުގެ މަގަށް އެފޮތުން މަގުދައްކަވަތެވެ.”



ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ ރައްބުގެ އަރިހުން ރިވާކުރައްވާފައިވެއެވެ. (ޤުދުސިއްޔަ ޙަދީޘެއްގައި ވެއެވެ.)

لاَ يَزَالُ الْعَبْدُ يَتَقَرَّبُ إِلَيَّ بِالنَّوَافِلِ حَتَّى أُحِبَّهُ، فَإِذَا أَحْبَبْتُهُ كُنْتُ سَمْعَهُ الذِّيْ يَسْمَعُ بِهِ، وَبَصَرَهُ الَّذِيْ يُبْصِرُ بِهِ، وَيَدَهُ الَّتِيْ يَبْطِشُ بِهَا، وَرِجْلَهُ الَّتِيْ يَمْشِيْ بِهَا، وَلَئِنْ سَأَلَنِيْ لأُعْطِيَنَّهُ، وَلَئِنْ اسْتَعَاذَنِيْ لأُعِيْذَنَّهُ)). رَوَاه البُخَارِيُّ.

އަޅާ، ނަވާފިލު (އިތުރު އަޅުކަން) އަދާކުރުމުގައި ތިމަން އިލާހަށް ކުއްތަންވަމުން ގޮސް ތިމަން ﷲ އެމީހެއްދެކެ ލޯބިވެ ވޮޑިގަންނަވަމެވެ. ފަހެ ތިމަން އިލާހު އެމީހެއް ދެކެ ލޯބިވެވޮޑިގަންނަވައިފީމުން، ތިމަން ﷲ، އޭނާގެ އެހުމާއި، ބެލުމާއި، ހިފައި އުޅޭ އަތް އަދި އޭނާ ހިނގައި އުޅޭ ފައި ފަދައިން، (އޭނާގެ އެހީތެރިއެއް ކަމުގައި) ވޮޑިގަންނަވަމެވެ. އޭނާ ތިމަންއިލާހުގެ ޙަޟުރަތުން ކަމަކަށް އެދިއްޖެނަމަ، ހަމަ ކަށަވަރުން އޭނާއަށް ދެއްވާހުށީމެވެ. އަދި ތިމަންއިލާހުގެ ޙަޟުރަތުން ރައްކާތެރިކަމަށް އެދިއްޖެނަމަ، ހަމަކަށަވަރުން އެމީހަކަށް ރައްކާތެރިކަން ދެއްވާހުށީމެވެ.”

އިންސާނާގެ ހުރިހާ ގުނަވަނެއް ޙަރަކާތްކުރުމުގެ ބާރު ދެއްވި ފަރާތަށް ރުޖޫޢަވުމުގެ މި ތަރުބިއްޔަތަށް ވުރެ މަތިވެރި އެހެން ހިދާޔަތެއް ވޭ ހެއްޔެވެ؟



أصول التربية الإسلامية

أ.د. خالد بن حامد الحازمي

أستاذ التربية الإسلامية

الجامعة الإسلامية بالمدينة المنورة

Blog Widget by LinkWithin

No comments:

Post a Comment