26 October 2013

ތަރުބިއްޔަތުގެ އިޞްޠިލާޙީ މާނަ

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

އަލްބައިޟާވީ އޭނާގެ ފޮތް އަންވާރުއް ތަންޒީލް ވަ އަސްރާރުއް ތައުވީލުގައި ލިޔެފައިވާ ގޮތުގައި ތަރުބިއްޔަތަކީ މަޑުމަޑުން އެއްޗެއް ފުރިހަމަވަމުން އައުމެވެ.

އައްރާޣިބުލް އަޞްފަހާނީ އޭނާގެ ފޮތް މުފްރަދާތު ފީ ޣަރީބިލް ޤުރުއާނުގައި ލިޔެފައިވާ ގޮތުގައި ތަރުބިއްޔަތަކީ ކަނޑައެޅިފައިވާ އިމެއްގެ ތެރޭގައި އެއް ޙާލަތުން އަނެއް ޙާލަތަށް ބަދަލުވަމުން ގޮސް ފުރިހަމަވުމެވެ.


އެހެންކަމުން އިޞްޠިލާޙުގައި ތަރުބިއްޔަތަކީ: تَنْشِئَةُ الإِنْسَانِ شَيْئًا فَشَيْئًا فِي جَمِيْعِ جَوَانِبِهِ, اِبْتِغَاءَ سَعَادَةَ الدَّارَيْنِ, وِفْقَ الْمَنْهَج الإِسْلامِي

މިދުނިޔޭގެ ޙަޔާތުގެ ހުރިހާ ދާއިރާއެއް ހިމެނޭގޮތަށް ދެދުނިޔޭގެ ބާއްޖަވެރިކަން އެދިގެން އިސްލާމީ މަންހަޖުގެ ތެރޭގައި ހެދިބޮޑުވަމުން ދިޔުމެވެ.



އިޞްޠިލާޙީ މި ތަޢާރަފުގެ ތެރޭގައި 6 ކަމެއް ހިމެނިގެންވެއެވެ.

1- تَنْشِئَةُ ތަންޝިއާ: މިކަލިމަ ދަލާލަތުކޮށްދެނީ ތަރުބިއްޔަތެވެ. ނުވަތަ ހެދިބޮޑުވަމުން ދިޔުމެވެ.

2- الإِنْسَان އަލްއިންސާނު: ތަރުބިއްޔަތުގެ ޢިލްމު ބިނާކުރެވިފައިވަނީ އިންސާނުން ތަރުބިއްޔަތު ކުރުމުގެ މައްޗަށެވެ. ހަމައެކަނި މުސްލިމުންނަށް ތަޢާރަފު ޚާއްޞަކުރެވިފައި ނުވަނީ މުސްލިމުން އިސްލާމްކަން މަތީ ތަރުބިއްޔަތު ވުމަށް އިސްލާމްދީން ބާރުއަޅާ ފަދައިން ކާފިރުން އިސްލާމްވުމަށާއި އިސްލާމީ ތަރުބިއްޔަތުގެ އަސާސުތަކުގެ މަތީގައި ތިބުމަށް އިސްލާމްދީން ބާރުއަޅާތީއެވެ.

3- شَيْئًا فَشَيْئًا ޝައިއަން ފަޝައިއަން: މަޑު މަޑުން: މީގެ މާނައަކީ އިސްލާމީ ތަރުބިއްޔަތަކީ ފިޔަވަޅަކުން ފިޔަވަޅަކުން (މަޑުމަޑުން) ކުރިޔަށް ގެންދިޔުމުގެ މައްޗަށް ބިނާވެފައިވާ އެއްޗެކެވެ.

4- فِي جَمِيْعِ جَوَانِبِهِ ފީ ޖަމީޢި ޖަވާނިބިހީ: އިންސާނާގެ ޙަޔާތުގެ ހުރިހާ ދާއިރާއެއްގައި: މިސާލަކަށް އޭނާގެ ޢަޤީދާގެ ކަންތައްތަކާއި އޭނާގެ އަޅުކަމުގެ ކަންތައްތަކާއި އަޚްލާޤީ ކަންތައްތަކާއި އިޖްތިމާޢީ ކަންތައްތަކާއި ބުއްދީގެ ކަންތައްތަކުގައެވެ.

5- اِبْتِغَاءَ سَعَادَةَ الدَّارَيْنِ އިބްތިޣާއަ ސަޢާދަތައް ދާރައިނި: ދެދުނިޔޭގެ ބާއްޖަވެރިކަން އެދިގެން: އެއީ ދެކަމަކުން ސަލާމަތްވުމަށްޓަކައެވެ.

ހ- ހަމައެކަނި ދުނިޔޭގެ ޙަޔާތަށް އިސްކަންދީގެން ބައްޓަންކުރެވިފައިވާ ނިޒާމުތައް ކަމުގައިވާ އައްރައުސްމާލިއްޔާ (ކެޕިޓަލިޒަމް) އާއި އައްޝުޔޫޢިއްޔާ (ކޮމިއުނިޒަމް) ފަދަ ނިޒާމުތަކުން ސަލާމަތްވުމަށްޓަކައެވެ.

ށ- ރުހުބާނިއްޔަތާއި، ދުނިޔޭގެ ޢަމަލުތައް ދޫކޮށް ހަމައެކަނި އަޅުކަންކުރުމައިގެން މަޝްޣޫލުވުމުން ރައްކާތެރިވުމަށްޓަކައެވެ.

މި ދެކަމަކީވެސް އިސްލާމީ މަންހަޖާ ފުށުއަރާ ދެކަމެވެ. އިސްލާމްދީނަކީ އިންސާނާގެ މިދުނިޔޭގެ ޙަޔާތާއި އަދި އާޚިރަތުގެ ޙަޔާތަށް އިސްކަންދޭ ދީނެކެވެ. މޫސާ ޢަލައިހިއްސަލާމު ދުޢާ ކުރެއްވިއެވެ.

(وَاكْتُبْ لَنَا فِي هَذِهِ الدُّنْيَا حَسَنَةً وَفِي الْآخِرَةِ إِنَّا هُدْنَا إِلَيْكَ) [الأعراف 156]

“އަދި އަޅަމެންނަށްޓަކައި މިދުނިޔޭގައިވެސް، އަދި އާޚިރަތުގައިވެސް ހެޔޮގޮތް ލިޔުއްވައިފާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެ ޙަޟްރަތަށް އަޅަމެން ރުޖޫޢަވެއްޖައީމުއެވެ.”

6- وِفْقَ الْمَنْهَج الإِسْلامِي ވިފްޤަލް މަންހަޖުލް އިސްލާމީ: އިސްލާމީ މަންހަޖުގެ ތަރަހައިގެ ތެރޭގައި: ﷲ ތަޢާލާގެ މަންހަޖުން ބޭރުވެފައިވާ ޔަހޫދީންނާއި ނަޞާރާއިންގެ ތަރުބިއްޔަތުން ރައްކާތެރިވުމަށްޓަކައެވެ. ޔަހޫދީންގެ ކިބައިގައި ޢިލްމު ހުރިނަމަވެސް އެމީހުން އެ ޢިލްމަށް ޢަމަލެއް ނުކުރިއެވެ. އަދި ﷲ ތަޢާލާ ބާވައިލެއްވި ފޮތާއި އެއިލާހުގެ ޝަރީޢަތް އެމީހުން ބަދަލުކުރިއެވެ. އެހެންވުމުގެ ސަބަބުން އެބައިމީހުން މަގުފުރެދިގެން ދިޔައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(أَفَتَطْمَعُونَ أَن يُؤْمِنُواْ لَكُمْ وَقَدْ كَانَ فَرِيقٌ مِّنْهُمْ يَسْمَعُونَ كَلاَمَ اللّهِ ثُمَّ يُحَرِّفُونَهُ مِن بَعْدِ مَا عَقَلُوهُ وَهُمْ يَعْلَمُونَ) [البقرة 75]

“ފަހެ، ތިޔަބައިމީހުންނަށް އެއުރެން (އިޖާބަދީ) އީމާންވުމަށް، ތިޔަބައިމީހުން އުންމީދު ކުރަނީ ހެއްޔެވެ؟ ﷲ ގެ ބަސްފުޅު އަޑުއަހައި، އެއުރެން އެ ބަސްފުޅު ވިސްނައި ދެނެގަތުމަށްފަހު، އެއުރެން ދެނެތިބެ، ދެން އެ ބަސްފުޅު ބަދަލުކުރާ ބަޔަކު އެއުރެންގެ ތެރެއިން ވާކަން ކަށަވަރެވެ.”

ނަޞާރާއިން ﷲ އަށް އަޅުކަންކުރީ ޢިލްމު ނެތިއެވެ. އެބައިމީހުން މަގުފުރެދިގެން ދިޔައީ މިކަމުގެ ސަބަބުންނެވެ.

އިސްލާމީ މަންހަޖުގެ ތެރޭގައި ތަރުބިއްޔަތު ބައްޓަންކުރަންޖެހެނީ ޤައުމިއްޔަތަށް ގޮވާލާ ތަރުބިއްޔަތުން ނުކުތުމަށްޓަކައެވެ. ވަކި ޤައުމަކަށް ތަޢައްޞަބު ވުމެއް ނެތި ހުރިހާ މުސްލިމުން ހިމެނޭ ގޮތުންނެވެ. އަދި ސޫފިޒަމް ފަދަ ބިދުޢަވީ އަދި ޚުރާފީ ތަރުބިއްޔަތު ތަކުން ސަލާމަތްވުމަށްޓަކައެވެ.

_________________________________

أصول التربية الإسلامية

أ.د. خالد بن حامد الحازمي

أستاذ التربية الإسلامية

الجامعة الإسلامية بالمدينة المنورة

Blog Widget by LinkWithin

No comments:

Post a Comment