08 October 2013

ޠަހާރަތުގެ ތަޢުރީފާއި އަހައްމިއްޔަތާއި ޠަހާރަތުގެ ބައިތައް

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ޠަހާރަތަކީ ނަމާދުގެ ތަޅުދަނޑިއެވެ. ނަމާދުގެ ޞައްޙަވުމުގެ ޝަރުޠުތަކުގެ ތެރެއިން ޝަރުޠެކެވެ.

ޠަހާރަތު ބެހެނީ ދެބަޔަކަށެވެ.


ފުރަތަމަ ބަޔަކީ މަޢުނަވީ ޠަހާރަތެވެ. އެއީ ޝިރުކާއި ފާފައިން ހިތް ޠާހިރުވެގެން ވުމެވެ. އަދި ހިތުގައި “ދަބަރުޖަހާ” އެންމެހާ ކަންތައްތަކުން ދުރުހެލިވެގެން ހުރުމެވެ. ހަށިގަނޑުގެ ސާފުޠާހިރުކަމަށްވުރެ ހިތުގެ ސާފުޠާހިރުކަން މާ މުހިއްމެވެ. އެއީ ހިތް ޝިރުކާއި ކުފުރާއި ފާފައިން މުޑުދާރުވެފައި، ހަށިގަނޑު ކިތަންމެ ވަރަކަށް ސާފުޠާހިރު ކުރިޔަސް އެސާފުޠާހިރުކަމުގެ ހަޤީޤީ މަންފާއެއް ނެތެވެ. އެ ހަށިގަނޑު ވެގެންދާނީ ނަރަކައިގެ ދަރުތަކުގެ ތެރެއިން ދަރުގަނޑަކަށެވެ. ބޭރުފުށުން ހަށިގަނޑު ކިތަންމެ ސާފުޠާހިރު ކުރި ކަމުގައިވިޔަސް ޝިރުކާއި ކުފުރުގެ ނަޖިހުން މީހާ ޠާހިރުވެނުގަންނަ ނަމަ އެއީ ސާފުޠާހިރު މީހެއްކަމުގައި ނުބެލެވޭނެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ. إِنَّمَا الْمُشْرِكُونَ نَجَسٌ – التوبة 28“މުޝްރިކުންނަކީ ނަޖިސް ބަޔެކެވެ.”

ދެވަނަ ބަޔަކީ ޙިއްސީ ޠަހާރަތެވެ.

ޠަހާރަތުގެ ލުޣަވީ މާނައަކީ ސާފުކަމެވެ. ނުވަތަ ނަޖިހުން ޠާހިރުވުމެވެ.

ޠަހާރަތުގެ އިޞްޠިލާޙީ މާނައަކީ ޙަދަޘް އެރިގަތުމާއި ނަޖިސް ފިލުވައިލުމެވެ.

ޙަދަޘް އެރިގަތުމޭ ބުނެވޭ ބަހުގެ މުރާދަކީ ހަށިގަނޑުފައި ހުރި ނަމާދުކުރުންފަދަ ކަމެއް މަނާކުރާ ސިފައެއް، ފެން ބޭނުންކޮށްގެން ހަށިގަނޑުން ފިލުވާލުމެވެ. ބޮޑު ޙަދަޘްނަމަ މުޅި ހަށިގަނޑުގައި ފެން ޖައްސައިގެންނެވެ. (ހިނައިގަނެގެންނެވެ) ކުޑަ ޙަދަޘް ނަމަ ނިޔަތާއެކު ވުޟޫކޮށްގެންނެވެ. ފެން ލިބެން ނެތްނަމަ ނުވަތަ ފެނުގެ ބޭނުންކުރުމަށް ނުކުޅެދޭނަމަ ޠާހިރުވެގަންނާނީ ތަޔައްމުމު ކޮށްގެންނެވެ.

ނަޖިސް ފިލުވައިލުމޭ ބުނެވޭ ބަހުގެ މުރާދަކީ ހަށިގަނޑުގައި ނުވަތަ އަންނައުނުގައި ނުވަތަ ތަނުގައި ހުރި ނަޖިސްކަމެއް ފިލުވައިލުމެވެ.

ޙިއްސީ ޠަހާރަތު ދެބަޔަކަށް ބެހެއެވެ. އެއީ ޙަދަޘާއި ޚަބަޘެވެ. ޙަދަޘަކީ ހަށިގަނޑާ ގުޅިފައިވާ ކަމެކެވެ. ޚަބަޘަކީ ހަށިގަނޑާއި ފޭރާމާއި ތަނާ ގުޅިފައިވާ ކަމެކެވެ.

ޙަދަޘް ބެހެނީ ދެބަޔަކަށެވެ. އެއީ ކުޑަ ޙަދަޘާއި ބޮޑު ޙަދަޘެވެ. ކުޑަ ޙަދަޘަކީ ވުޟޫކުރަންޖެހޭ ފަދަ ކަމެއް މެދުވެރިވުމެވެ. ބޮޑު ޙަދަޘަކީ ހިނައިގަންނަންޖެހޭ ކަމެއް މެދުވެރިވުމެވެ.

ޚަބަޘް (ނަޖިސް) ބެހިގެންވަނީ ތިންބަޔަކަށެވެ. އެއީ ދޮވުމުން ސާފުވެގެންދާ ނަޖިހާއި ފެން ބުރުވާލުމުން ފުދޭ ނަޖިހާއި ފުހުމުން ފުދޭ ނަޖިހެވެ. ދޮވުމުން ސާފުވާ ނަޖިހުގެ މިސާލަކީ ކުޑަކަމުދާ ތަކެއްޗާއި ބޮޑުކަމުދާ ތަކެއްޗެވެ. ފެންބުރުވާލުމުން ސާފުވާ ނަޖިހުގެ މިސާލަކަށް ގާތުން ކިރު ނޫން އެހެން އެއްޗެއް ނުބޯ ކުޑަ ފިރިހެން ކުއްޖާގެ ކުޑަކަމުދާ ތަކެއްޗެވެ. ފުހުމުން ފުދޭ ނަޖިހުގެ މިސާލަކީ އިސްތިޖުމާރު ކުރުމެވެ. އެއީ ހިލަ ބޭނުންކޮށްގެން ނަޖިސް ފިލުވައިލުމެވެ.

الفقه الميسر في ضوء الكتاب والسنة

وزارة الشؤون الإسلامية والأوقاف والدعوة والإرشاد

Blog Widget by LinkWithin

No comments:

Post a Comment