08 March 2013

ތައުބާގެ ދޮރުން ވަންނާށެވެ

ފަތްތޫރަ

ﷲއަށް ޙަމްދު ހުއްޓެވެ. އެކަލާނގެ މެދުވެރި ކުރައްވާ ކޮންމެ ކަމަކީ އިންސާނުންނަށް ޢިބުރަތުން ފުރިގެންވީ ދަރުސް ތަކެކެވެ. އިންސާނުން ހަމަބިމަށް ފޭބުމަށް ލިބޭ ރަނުގެ ފުރުޞަތެކެވެ. ދުނިޔެއަކީ އެއްވެސް ތަނެއް ނޫންކަމާއި ހަމަޖެހުން ގެނެސްދޭނެ ތަނެއްވާކަމުގެ އިޙްސާސް ކުރުވައެވެ.

ކާބަފައިންގެ ފަރާތުން ވާރުތަވީހާ އެއްޗަކާއި މުޅި އުމުރުގައި ކުރިހާ މަސައްކަތުން އެއްކުރިހާ އެއްޗެއް ފުނޑުފުނޑުވެ ވީރާނާވެ ނެތިދިޔައީ ބަސްބުނާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ލައިގެން ހުރި ހެދުންގަނޑު ނޫން އެކައްޗެއްވެސް ނެތެވެ. އެވެސްވަނީ ކޮންފަދަ ޙާލެއްގައި ހެއްޔެވެ؟ ލޮނުން ތެމިފޯވެފައެވެ. އަޅާލާނެ މީހަކު ނެތެވެ. ކޮންމެ މީހަކު ވެސް އުޅުނީ އެމީހެއްގެ ފުރާނަ ސަލާމަތް ނުކުރެވިގެންނެވެ. ޖެހިގެން އޮތްމީހާއަށްވެސް އެހީތެރިކަމުގެ އަތެއް ދިއްކޮށްނުލެވުނެވެ.

މުޅިޖައްވު ގުގުމާފައިވަނީ ތަކުބީރު ކިޔުމުގެ އަޑުންނެވެ. ކުޑަކުދިންގެ ރުއިމާއި ބޮޑެތި މީހުންގެ ގިސްލުމުގެ އަޑުންނެވެ. އެހީއަށް އެދި އާދޭސް ކުރަނީ އެވެ. މަރުވެފައިވާ ޤަބުރުތައް ފެނުމުން ބިރުން ތުރުތުރުއަޅައެވެ. ޒަޚަމްވެފައިވާ މީހުންތައް ފެނުމުން މޭބޮޑުވެއެވެ. އިއްޔެ މާތަކެއް ފަދައިން ފޮޅިފައިވާ މޫނުތައް ކުޑަ ހިނދު ކޮޅެއްގެތެރޭ މިލާމޯޅިވިއެވެ. ކަންބޮޑުވުމާއި މާޔޫސްކަން ނޫންއެހެން ކަމެއް ނެތެވެ. އިތުރު މުސީބާތަކާ ކުރިމަތި ނުވާނެ ކަމުގެ ބިރުފިލައިގެން ނުދެެއެވެ.

ކުޑަހިނދު ކޮޅަކަށް ނަމަވެސް ބަނޑުހަައި ހޫނުކަމާ ކުރިމަތި ލާންޖެހިދާނެ ކަމަށް ހިތަށް ވެސް ގެނެވިފައިނުވެއެވެ. ގެދޮރަށް ވަދެވޭނެ ގޮތެއް ދިމާވެދާނެ ކަމަށް ހުވަފެނުގައި ވެސް ފެނިފައެއް ނުވެއެވެ. އުޅެބޮޑުވި ފަސްގަނޑު ދޫކޮށް އެހެން ތާކަށް ދާންޖެހޭނެ ކަމަށް ޚިޔާލު ކުރެވިފައި ވެސް ނުވެއެވެ.

ޤުދުރަތުގެ ރޭއްވެވުމުގެ ފުރިހަަމަ ކަމާއެވެ! އިންސާނަކު މުސީބާތުގައި ޖެހިފައިވާތަން ފެނުމުން އަނެއް އިންސާނާއަށް އަސަރު ކުރެއެވެ. ހިތަށްތަދުވެއެވެ. އިންސާނީ ވަންތަކަން ހޭލައެވެ. މުސީބާތުން ސަލާމަތް ކުރުމުގެ ޖޯޝް އުފެދެއެވެ. ކޮންމެފަދަ ޤުރުބާނީއެއް ވެގެން ނަމަވެސް ދަތިހާލުން އިންސާނާ ސަލާމަތް ކުރުމަކީ އަނެކާގެ ކޮނޑުގައި އެޅިފައިވާ ވާޖިބެއްކަމަށް ދެކެއެވެ. ބަތްތަށީގެ އެއްފަޅިން ކާންދެއެވެ. ނިދާ އެނދުގެ އެއްފަރާތުގަައި ބާއްވައެވެ. އިންސާނާގެ ހިތުގައި އުފެދޭ ހަމްދަރުދީގެ ޖަޒްބާތަކީ ކޮންފަދަ މަތިވެރި އިޙްސާސް ތަކެއްތޯއެވެ.

އިންސާނާ ހަމަބިމުގައި ފައިޖެހޭ ހިނދު ދުވަހަކު މުސީބާތެއް ކުރިމަތި ނުވާފަދައެވެ. ލިބުނު ފިލާވަޅުތައް ހަނދާން ނައްތާލައެވެ. ލިބުނު މަދަދުތައް އޮޔާލައެެވެ. ކުރީގެ ބަލިގަނޑު ހިލިދެއެވެ. އިސްލާޙުވުމުގެ ޚިޔާލުވެސް ނުވެއެވެ. ތަޢުބާގެ ދޮރުން ވަންނާކަށް ބޭނުމެއް ނުވެއެވެ. އެއްކުރާ ގިނަފުނިވަރުން މަންފާ ނުކުރާނެކަން ވެސް ހަނދާންނެތިދެއެވެ.

ކުރީގެ ދުނިޔެއަށް އެނބުރި ރުޖޫޢަ ވެވެނީއެވެ. ކޮންފަދަ ދުނިޔެއެއްތޯއެވެ! މާއްދިއްޔަތަށް ހެއްލިފައިވާ ރޫޙާނިއްޔަތުގެ ކުލަވެސް ފެންނާން ނެތް ދުނިޔެއެކެވެ. މަސްލަހަތު ގެއްލި ޢަދުލުވެރި ކަމުގެ ކުނޑިފަށެއްވެސް ނުވާ ދުނިޔެއެކެވެެ.

މިއީ ދުނިޔެ އެވެ. ކުށްނުކުރާ މީހުން ވެސް ދުނިޔޭގައި މުޞީބާތުގައި އުޅެންޖެހިދާނެއެވެ. ޖަމާޢަތުގެ ކޮންމެވެސް މީހަކު ހިންގާ ޢަމަލެއްގެ ސަބަބުން އޭގެ އަސަރު އަނެއްކާއަށް ކޮށްފާނެއެވެ. ނުބައި ކަންތައްތަކުން މުޖުތަމަޢު ސަލާމަތް ކުރުން ހުރިހާ އެންމެންނަށް ވާޖިބުވަނީ އެހެންވެއެވެ. އެހީތެރިވާންވީ ރަނގަޅު ކަންކަމުގައެވެ. އެއްވެސްް ހާލަތެއްގައި ނުބައި ކަންކަމަށް ހިތްވަރުދީ ހަދައިގެން ނުވާނެއެވެ.
***********************************
- ފަތްތޫރަ 324 -

Blog Widget by LinkWithin

No comments:

Post a Comment