26 November 2012

ވިހުރުނު ދިދަ

އަލްއަޚް ޢަބްދުއްރަޙީމް މުޙައްމަދު

ސުކޫލްބަންދަށްފަހު އަލުން ސުކޫލަށްދެވޭ ދުވަހަކީ ކޮންމެ ކުއްޖަކުވެސް ވަރަށްއުފާވާނެ ހަނދާނުން ފުހެލަންދަތިވާނެ ވާނެ ދުވަހެކެވެ. އަހަރެން ވެސް މިކަމުގައި އެއްވެސް ތަފާތެއްނެތެވެ. އެކަމަކު އަހަރެން މިފަހަރު ހަމައެކަނި އާ ތައުލީމީ އަހަރެއް އާ ސުކޫލެއްގައި ފަށަނީކީ ނޫނެވެ. ހަމައެޔާއެކު އަހަރެންގެ ދިރިއުޅުމުގެ އާ ޞަފުހާއެއްވެސް އަހަރެން ފަށަނީއެވެ. އެއީ އަހަރެންގެ މެދު މަދަރުސީ ތަޢުލީމުގެ ހަމައެކަނި ފެށުމެއްނޫނެވެ. ހަމައެޔާއެކުގައި އަހަރެން ބޮޑުވެ ތަޞައްރަފު ފުދިފައިވާ އަންހެންކުއްޖެއްގެ ދައުރުވެސް ފަށަނީއެވެ.


ހޯމަދުވަހުގެ ހެނދުނު އަހަރެން ސުކޫލަށް ދިޔުމަށްޓަކައި ހޭލައިފީމެވެ. ސުކޫލަށް ދާހިތުން އެރޭ ރަނގަޅަށް ނުވެސް ނިދުނެވެ. ހީވަނީ ބަނޑުގައި ކޮކާ އުދުހޭ ހެންނެވެ. މިހާރު މިއޮތީ އަހަރެން އިންތިޒާރުކުރި ބޮޑުދުވަސް އައިސްފައެވެ. އަހަރެން އަވަސް އަވަހަށް ހެދުން އަޅާލައިފީމެވެ. އަދި އަހަރެން ފަޚުރުވެރިކަމާއެކު އަހަރެންގެ ލޯބި ލޯބި ކަޅު ބުރުގާ ނަގާ ބޮލުގައި އަޅާލީމެވެ. ލޯގަނޑަށް ބަލާލުމުން އަހަރެންނަށް ލިބުނު އުފާވެރިކަން ބަޔާންކުރަން ދައްޗެވެ. އުފަލުން އަހަރެން ފުރުނު ކަހަލައެވެ. އަހަރެންގެ ސުކޫލުގެ އާއަހަރު، އަހަރެން އާ ބުރުގާއަކާއެކު، އަހަރެންނަށް ފެންނަނީ ވަރަށް އުއްމީދީކޮށެވެ. އަހަރެންގެ މަންމައަށް ސަލާމްކުރުމަށްފަހު އަހަރެން ހިނގައިގަތުމުން އަހަރެންނަށް ލޯބިކޮށްލުމަށްފަހު ހެޔޮދުޢާކޮށްދިނެވެ.

އެހާ ފަތިހާ ހޭލުމާއެކުވެސް އަހަރެންނަށް ސުކޫލަށް ދެވުނީ ގަޑިޖެހިގެންނެވެ. އަވަސް އަވަހަށް އަހަރެން ފުރަތަމަ ގަޑި އޮތްކުލާހާ ދިމާޔަށް ދުއްވައިގަތީމެވެ. އެތައް އިރެއްގެ މަސައްކަތުން އަހަރެންނަށް އަހަރެންގެ ސައިންސުކުލާހާ ހިސާބަށް ދެވިއްޖެއެވެ. އަހަރެން ކުށްވެރިއެއްފަދައިން ކުލާހަށް ބޯ ދިއްކޮށްލާ ބަލައިލީމެވެ. ކުލާހުގައި ހުރިހާ ކުދިންވެސް ވަރަށް މަޑުމައިތިރިކަމާއެކު އިށީނދެ ތިއްބެވެ. ކުލާހުގައި ހުންނެވި މުދައްރިސު ވަރަށް އޯގާވެރިކަމާއެކު ބޭނުންތަނެއްގައި އިށީނުމަށް އަހަރެންނަށް އިޝާރާތްކުރެއްވިއެވެ. އަހަރެން އަވަސް އަވަހަށް ހުސްގޮނޑިޔަކަށް ހޯރައެއް އައިނަކަށް ޖެހިގަންނަހެން ޖެހިގަތީމެވެ.

އިށީނުމަށްފަހު އަހަރެން މުދައްރިސް ދައްކަވަމުން ދެއްކެވި ވާހަކަ ފަރުވާތެރިކަމާއެކު އަޑުއެހޭތޯ މަސައްކަތްކުރަން ފަށައިފީމެވެ. އެވަގުތު އަހަރެންނަށް ބައެއްކުދިން ވައިއަޑުން ވާހަކަތަކެއް ދައްކާ އަޑު އިވެންފަށައިފިއެވެ. އަދި ކޮންމެސް ވަރަކަށް ހޭއަޑުވެސް އިވެން ފަށައިފިއެވެ. އަހަރެންނަށް އެކުދިން ދައްކާ ވާހަކަތަކަށް ސަމާލުކަން ނުދީ ބެލީ މުދައްރިސް ދައްކަވަމުން ގެންދެވި ވާހަކަތަކުގެ މައްޗަށް ސަމާލުކަން އިތުރުކުރެވޭތޯއެވެ. އެވަގުތު އަހަރެން ފަހަތުގައި ތިބި ދެކުދިން ދައްކަމުން ދިޔަ ވާހަކަތައް ވަަރަށް ސާފުކޮށް އަޑުއިވެންފެށިއެވެ. "އޭނާގެ ބޯމަތީގައި އެއޮތީ މޭޒުމަތީގައި އަޅާ ފޮތިގަނޑެއްތަ؟ ނޫނީ އަތްފޮހޭ ތުވާއްޔެއްތަ؟" ދެން އިންކުއްޖާ އެޔަށް ޖަވާބު ދޭން ފެށިއެވެ. "އާން. ވެދާނެ. ދެން ހާދަ ހަޑި ޔޭ ދޯ". އެވަގުތު އެކުދިންނާ އެހެންކުދިންވެސް މަޑުމަޑުން ބައިވެރިވާތަން ފެނުނެވެ. އަހަރެންނަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ. ލޮލުން ކަރުނަ ނީރާލިއެވެ. ހިފަހައްޓާލެވުނީ ހަމަކިރިޔާއެވެ. ދެބަވެފައި ހުރި ކަރުނަ ތިކިތައް މުދައްރިސަށް ފޮރުވުމަށްޓަކައި އަހަރެން އިސްޖެހީމެވެ. އަހަރެންނާމެދު އެކުދިން އެވިސްނަނީ ކޮންގޮތަކަށް ކަމެެއް އަހަރެންނަކަށް ނުވިސްނުނެވެ. އަހަރެންގެ ލޯބި ލޯބި އާބުރުގާ ހަމަ އެހާ ހަޑީހެއްޔެވެ؟ މުސްލިމު އަންހެން ކަބަލުންގެ ފަޚުރެއްކަމުގައި ދެކޭ ބުރުގާ އެކުދިން އެހާ ދައް އެއްޗެއްގެ އެެދެކެނީ ފަހެ ކީއްވެހެއްޔެވެ؟ އަހަރެން ބޮޑަށް ވިސްނާ ވަރަކަށް އަހަރެންގެ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަ ތިކިތަކާއެކު ހިތުގައި އުތުރިގަތީ ރުޅިވެރިކަމެވެ. މިސުވާލުތަކާއެކު އަހަރެންގެ ސިކުނޑި އޮޅުން ބޮޅުން ވާ ގޮތް ވެއްޖެއެވެ. ކޮންމެ ގޮތެއްވިޔަސް އަހަރެން މިދުނިޔެއާއި ކުރިމަތިލާން ޖެހޭނެކަން އެނގެއެވެ. އެކަމަކު އަހަރެން ކުލާސް ނިމެންދެން އިނީ އިސްޖަހައިގެންނެވެ. ފަހު ގަޑި ނިމެންދެންވެސް އިނީ މިހާލުގައެވެ. ފަހު ގަޑި ނިމި ނިމޭ ރަނގަބީލުޖެހުމުން އަހަރެން މަންމަގެ ހިމާޔަތުގެ އަތުތެރެއަށް ވަނުމަށްޓަކައި ދުއްވައިގަތީމެވެ.

އަހަރެން އެހުރިހާ ވާހަކަތަކެއް މަންމައަށް ކިޔައިދިނީމެވެ. އޯގާވެރިކަމާއެކުގައި މަންމަ އަހަރެންގެ ބަސްތައް އަޑުއެހުމަށްފަހު އަހަރެންނަށް ނަޞީހަތް ދޭން ފަށައިފިއެވެ. އަހަރެންގެ ދިރިއުޅުމުގައި އަހަރެން އުޅެން ޖެހޭނީ ފަރުވާތެރިކަމާއެކުގައި ކަމަށް ބުންޏެވެ. ބޮޑުމީހަކަށްވެގެން މުޖުތަމަޢަކަށް ނުކުތުމަކީ ފަސޭހަކަމެއް ނޫންކަމަށް ބުނަމުން މަންމަ ކިޔައިދިނެވެ. މީހުން ދަރިފުޅަށް މަލާމާތްކޮށް ހީނ އަދި ބަލާ، ދިމާކޮށްވެސް ހަދާނެއެވެ. އެކަމަކު ދަރިފުޅު ޤަބޫލުކުރާގޮތުގައި ދަރިފުޅު ހިފެހެއްޓުމުން މީހުން ހަމައެކަނި ދަރިފުޅުބަލައިގަންނާނީއަކީ ނޫނެވެ. ދަރިފުޅުގެ އަމިއްލަ ނަފުސަށް ދަރިފުޅު އިޙުތިރާމް ކުރާ ފަދައިން އެމީހުން ދަރިފުޅަށް އިޙުތިރާމްވެސް ކުރާނެއެވެ. ބުރުގާ އަޅައިގެން މުސްލިމުން ނޫޅޭ ޤައުމެއްގައި ތިޔަ ވިހުރެވެނީ މާތް ރަސޫލާ ގެނެސްދެއްވި މަތިވެރި އިސްލާމް ދީނުގެ ދިދައެވެ. ތިޔަ ސާބިތުކޮށްދެނީ އިސްލާމްދީނުގެ ފުރިހަމަކަމާއި އެދީނުގައި އަންހެނުންނަކީ ކިހާ މުހިންމު ބަޔެއްކަމެވެ. އިސްލާމްދީނުގެ ހުޅުދާންކޮޅެއް ނެތް ޤައުމެއްގައި ދަރިފުޅަށް ތިޔަ ރޯކުރެވެނީ އިސްލާމްދީނުގެ އަލި ދަންމަރެވެ.

މިބަސްތަކުން އަހަރެންނަށް ހިތްވަރު ލިބުނެވެ. އަހަރެން އިސްއުފުލާލީމެވެ. ބުރުގާ އެޅުމުގައި އޮތީ ހަމައެކަނި ދެއްކުންތެރިކަން ނޫންކަމާއި އެއީ އެޔަށްވުރެ މަތިވެރި މަޤުޞަދެއްގައި ކުރެވޭ ކަމެއްކަން އަހަރެންނަށް އިހުސާސްކުރެވުނެވެ. އަހަރެންނަށް މަލާމަތްކޮށް ހީނ ހަދާ ކުދިންނަކީ އިސްލާމްދީނަށް ނިސްބަތްނުވާ، އިސްލާމް ދީން ނުދަންނަ ކުދީންނެވެ. އަހަރެންގެ ސަބަބުން އެކުދިންނަށް އިސްލާމްދީނުގެ މަޢުލޫމާތުތައް ލިބޭނެއެވެ. ކުޑަ ދުވަސް ކޮޅަކަށް އަހަރެންނަށް ދަތިތަކެއް ކުރިމަތިވެދާނެއެވެ. އެކަމަކު ދުވަސްކޮޅަކުން ހުރިހާ ކަމެއްވެސް ހަމަޔަކަށް އެޅި، ހުރިހާ ކަމެއް ހަމަޖެހިދާނެއެވެ. އަހަރެން ހެޔޮ ހިތުން ތައުބާވީމެވެ.

ޖެހިގެން އޮތް ދުވަހު ހެނދުނު ހޭލުމަށްފަހު އަހަރެން ސުކޫލަށްދާން ތައްޔާރުވެ އަހަރެންގެ އާ ހުދު ބުރުގާ އަޅާލީމެވެ. އަހަރެން ލޯގަނޑުން އަހަރެންނަށް ބަލާލީމެވެ. އަދި އަހަރެން މިކަން ކުރެވޭނެކަމަށް އަމިއްލަޔަށް އަޒުމު ކަނޑައެޅީމެވެ. އަހަރެންނަށް ޙަޤީޤަތުގައިވެސް މިކަން ވާނެއެވެ. އަހަރެންގެ ހިތުގައި ހުރި ކަންބޮޑުވުންތައް އަހަރެންގެ މަންމަގެ އޯގާވެރި ބަސްތަކާއި މާތް ރަސޫލާގެ ސުންނަތުން ފިލުވައިދީފިއެވެ. އެދުވަހު އަހަރެންނަށް އެއްކަމެއް ޔަޤީންވިއެވެ. އެއީ ކޮންމެކަމެއްވެސް ގަދައަޅައި މަސައްކަތްކުރާނަމަ އެކަމެއްވާނެކަމެވެ.

އެދުވަހަށްފަހު އެލޯގަނޑުގެ ކުރިމަތީގައި އަހަރެން އެތައްދުވަހަކު ހުއްޓިއްޖައީމެވެ. ﷲ ޞުބުޙާނަހޫ ވަތަޢާލާއަށް ޙަމްދު ހުއްޓެވެ. އަހަރެންނަށް މިކަން ކުރުމުގެ ތައުފީޤު އެކަލާނގެ ދެއްވައިފިއެވެ. އަހަރެން ބުރުގާ އެޅިތާ ދެވަނަ އަށް ވީ ދުވަހު އަހަރެންގެ ހިތުގައި ނެގުނު ބިންވަޅު އަދިވެސް އަހަރެންގެ ހިތުގައި އާވެ އާވެ އެބަހުއްޓެވެ.

މިހާރު އަހަރެން ކޮލެޖް ނިމުނީއެވެ. ފަޚުރުވެރިކަމާއެކު އަހަރެން ކޮންމެ ދުވަހަކުވެސް ބުރުގާ އެބަ އަޅަމެވެ. ހަމައެންމެ ކުރީ ދުވަހެކޭ އެއްގޮތަށެވެ. އަބަދުވެސް މިކަން ކުރުމުގެ ތައުފީޤު އަޅުގަނޑަށާއި އެންމެހާ އިސްލާމީ އުޚުތުންނަށް ދެއްވާށިއެވެ.


(ނިމުނީ)


ނޯޓު: މިލިޔުމަކީ ޖުމުޢާ މަޖައްލާއަށް ޔޫރަޕުގެ އަންހެންކުއްޖެއް ކަމަށްވާ ހަންސާ ޕަދުރީ ލިޔުއްވާފައިވާ ލިޔުއްވުމެއްގެ މައްޗަށް ދިވެހިބަހުން އަލުން އިބާރާތްކުރެވިފައިވާ ލިޔުމެކެވެ.

Blog Widget by LinkWithin

No comments:

Post a Comment