05 October 2012

ނަމާދުގައި ކިޔާތަކެތި މާނައާއެކު -ކުޑަކުދިންނަށް

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދުލްޣަފޫރު

ހޮވާލާފައި މިވަނީ ކުޑަކުދިންނަށް ދަސްކޮށްދިނުމަށްޓަކައި، ނަމާދުގައި ކިޔުމަށް ޞައްޙަގޮތުގައި ވާރިދުވެފައިވާ ދުޢާތަކުގެ ތެރެއިން އެންމެ ކުރު ދުޢާތަކެވެ.

ނިޔަތަކީ ދުލުން ކިޔަންޖެހޭ އެއްޗަކަށްނުވާތީ ލިޔެފައިވާ ނިޔަތްތައް ކުޑަކުދިންނަށް ދަސްކޮށްދިނުމުގެ ބޭނުމެއްނެތެވެ. ނިޔަތުގެ މަޙައްލަކީ ހިތެވެ. ދުލެއް ނޫނެވެ. އެހެންކަމުން ނިޔަތް ގަންނާނީ ހިތުންނެވެ.


1- ޙަރަމްބަން ތަކްބީރު ކިޔުން. އެކަލިމައަކީ الله أكبر އެވެ. މާނައަކީ އެންމެ ބޮޑީ ﷲ އެވެ.

2- ދުޢާ އަލްއިސްތިފްތާޙް ކިޔުން.

“سُبْحاَنَكَ اللَّهُمَّ وَبِحَمْدِكَ, وَتَباَرَكَ اسْمُكَ, وَتَعاَلَى جَدُّكَ, وَلاَ إِلٰهَ غَيْرُكَ”([1])
“އިބަﷲގެ ހުސްޠާހިރުވަންތަކަމާއެވެ! އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! އިބަﷲއަށް އެންމެހާ ޙަމްދުތަޢުރީފެއް ލިބިވޮޑިގެންވެއެވެ. އިބަރަސްކަލާނގެ އިސްމުފުޅުގެ ބަރަކާތްތެރިކަމާއެވެ! އަދި އިބަރަސްކަލާނގެ މާތްކަމުގެ އަރަހުށިކަމާއެވެ! އަދި އިބައިލާހު ފިޔަވައި އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ.”

3- ރުކޫޢުގައި ކިޔާ ދުޢާ
“سُبْحاَنَ رَبِيَ الْعَظِيْمِ” [2] (މަދުވެގެން ތިންފަހަރު)
“މިއަޅާ ހައްދަވާބޮޑުކުރެއްވި މަތިވެރި ﷲގެ ހުސްޠާހިރުވަންތަ ކަމާއެވެ!”

4- ރުކޫޢިން ތެދުވަމުން ކިޔާ ދުޢާ
“سَمِعَ الله لِمَنْ حَمِدَهُ”[3]
“ﷲ ތަޢާލާ އެކަނލާގެއަށް ޙަމްދުކުރާމީހާގެ އަޑު އައްސަވާފިއެވެ.”

5- ރުކޫޢިން ތެދުވެ އިޢުތިދާލުގައި ހުންނައިރު ކިޔާ ދުޢާ
“رَبَّناَ وَلَكَ الْحَمْدُ, حَمْدًا كَثِيْرًا طَيِّباً مُباَرَكاً فِيْهِ”[4]
“އޭ އަޅަމެންގެ ވެރި ރަސްކަލާކޮ! ގިނަވެގެންވާ، ރިވެތިވެގެންވާ، ބަރަކާތްލެއްވިގެންވާ ޙަމްދަކުން އިބަﷲއަށް ޙަމްދު ލިބިވޮޑިގެނަވެއެވެ.”

6- ސަޖިދާގައި ކިޔާ ދުޢާ
”سُبْحاَنَ رَبِّيَ الأَعْلَىٰ”[5] (މަދުވެގެން ތިންފަހަރު)
“މިއަޅާ ހައްދަވާބޮޑުކުރެއްވި މަތިވެރި ރަސްކަލާނގެ ހުސްޠާހިރު ވަންތަކަމާއެވެ.”

7- ދެސަޖިދަ ދެމެދުގައި އިނދެ ކިޔާދުޢާ.
“رَبِّ اغْفِرْ لِيْ رَبِّ اغْفِرْ لِيْ”[6]
“މިއަޅާ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާއަށް ފާފަފުއްސަވާނދޭވެ! މިއަޅާ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާއަށް ފާފަފުއްސަވާނދޭވެ!”

8- التَّشَهُّدُ (އައްތަޙިއްޔާތު).
”اَلتَّحِيَّاتُ لِلَّهِ, وَالصَّلَوَاتُ, وَالطَّـيِّباَتُ, السَّلاَمُ عَلَيْكَ أَيُّهاَ النَّبِيُّ وَرَحْمَةُ اللهِ وَبَرَكَاتُهُ, السَّلاَمُ عَلَيْناَ وَعَلَىٰ عِباَدِ اللهِ الصَّالِحِيْنَ. أَشْهَدُ أَن لاَّ إِلٰهَ إِلاَّ الله وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُوْلُهُ”[7]
“ދުލުން ކުރެވޭ އެންމެހައި އަޅުކަން ތަކާއި، ހަށިގަނޑުން ކުރެވޭ އެންމެހައި އަޅުކަންތަކާއި އަދި މުދަލުންކުރެވޭ އެންމެހައި އަޅުކަންތައް ލިބިވޮޑިގެންވަނީ ﷲއަށެވެ. އޭނަބިއްޔާއެވެ! ކަލޭގެފާނަށް ސަލާމާއި، ﷲގެ ރަޙުމަތާއި، ބަރަކާތްހުއްޓެވެ. އަދި އަޅަމެންނަށާއި ﷲގެ އެންމެހާ ޞާލިޙު އަޅުންނަށް ސަލާމް ހުއްޓެވެ. ﷲމެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކު ނުވާކަމަށް އަޅުހެކިވަމެވެ. އަދި މުޙައްމަދުގެފާނީ އެކަލާނގެ އަޅާ ކަމަށާއި އެކަލާނގެ ރަސޫލާކަމަށް މިއަޅާހެކިވަމެވެ.”

9- تَشَهُّدُ ގެ ފަހުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ޞަލަވާތް ކިޔެވުން
“اَللَّهُمَّ صَلِّ عَلَىٰ مُحَمَّدٍ وَعَلَىٰ آلِ مُحَمَّدٍ, كَماَ صَلَّيْتَ عَلَىٰ إِبْرَاهِيْمَ وَعَلَىٰ آلِ إِبْرَاهِيْمَ, إِنَّكَ حَمِيْدٌ مَجِيْدٌ, اَللَّهُمَّ باَرِكْ عَلَىٰ مُحَمَّدٍ وَعَلَىٰ آلِ مُحَمَّدٍ كَماَ باَرَكْتَ عَلَىٰ إِبْرَاهِيْمَ وَعَلَىٰ آلِ إِبْرَاهِيْمَ, إِنَّكَ حَمِيْدٌ مَجِيْدٌ”[8]
“އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! އިބްރާހީމްގެފާނަށާއި އިބްރާހީމްގެފާނުގެ އާލުންގެ މައްޗަށް އިބަﷲ ޞަލަވާތް ލެއްވި ފަދައިން މުޙައްމަދުގެފާނަށާއި މުޙައްމަދުގެފާނުގެ އާލުންގެ މައްޗަށްވެސް ޞަލަވާތް ލައްވާންދޭވެ! ހަމަކަށަވަރުން އިބަﷲއީ ހުރިހާ ޙަމްދުތަޢުރީފަކާއި، ހުރިހާ މާތްކަމެއް ލިބިވޮޑިގެންވާ ރަސްކަލާނގެއެވެ. އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! އިބްރާހީމްގެފާނާއި، އިބްރާހީމްގެފާނުގެ އާލުންގެ މައްޗަށް ބަރަކާތްލެއްވިފަދައިން މުޙައްމަދުގެފާނާއި، މުޙާއްމަދުގެފާނުގެ އާލުންގެ މައްޗަށްވެސް ބަރަކާތްލައްވާންދޭވެ! ހަމަކަށަވަރުން އިބަﷲއީ ހުރިހާ ޙަމްދަކާއި، ހުރިހާ މާތްކަމެއް ލިބިވޮޑިގެންވާ ރަސްކަލާނގެއެވެ.”

10- تَشَهُّدُ ގެފަހުން ސަލާމް ދިނުމުގެކުރިން ކިޔާދުޢާ.
“اَللَّهُمَّ إِنِّيْ أَعُوْذُ بِكَ مِنْ عَذَابِ الْقَبْرِ, وَمِنْ عَذَابِ جَهَنَّمَ, وَمِنْ فِتْنَةِ الْمَحْياَ وَالْمَماَتِ, وَمِنْ شَرِّ فِتْنَةِ الْمَسِيْحِ الدَّجَّالِ”[9]
“އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! ހަމަށަވަރުން މިއަޅާ، ކަށްވަޅުގެ އަޒާބުންނާއި ނަރަކައިގެ އަޒާބުން ރައްކާތެރިކޮށްދެއްވުމަށް އެދި އިބަﷲގެ ޙަޟްރަތުން ދަންނަވަމެވެ. އަދި ދިރިއުޅުމާއި މަރުވުމުގެ ފިތުނައިން ރައްކައުތެރިކޮށްދެއްވުމަށް އެދި ދަންނަވަމެވެ. އަދި މަސީޙުއްދައްޖާލުގެ ފިތުނައިގެ ނުބައިކަމުން ރައްކައުތެރިކޮށްދެއްވުމަށް އެދި ދަންނަވަމެވެ.”

ޕީޑީއެފް ފައިލް ޑައުންލޯޑްކުރައްވާ!
-----------------------------------
(1) أخرجه أهل السنن. وصحّحه الألباني.
[2] أخرجه أهل السنن. وأحمد
[3] رواه البخاري
[4] رواه البخاري
[5] أخرجه أهل السنن وأحمد
[6] رواه أبو داود
[7] رواه البخاري ومسلم
[8] رواه البخاري
[9] رواه البخاري ومسلم. އަދި މިއީ مسلم ގެ ލަފްޒެވެ.

Blog Widget by LinkWithin

No comments:

Post a Comment