09 January 2011

ތައުހީދު

އަބޫ ޖައްރާރު
މިއީ އެންމެ މުހިއްމު ޢުންވާނެވެ. މުސްލިމަކު އެންމެ ފުރަތަމަ އުނގެނެންޖެހޭ ފިލާވަޅެވެ. މުދައްރިބުންނާއި މުދައްރިސުން އެމީހުންގެ ދަރިވަރުންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންޖެހޭ މައުޟޫޢެވެ. އެމައުޟޫޢެއްގެ ސަބަބުން އެމީހެއްގެ ދުނިޔެވީ ޙަޔާތައި ޢުޚްރަވީ ޙަޔާތް އުޖާލާވެ ބާއްޖަވެރިވެގެންދާނެ މައުޟޫޢެވެ. އިސްލާމްދީން އޭގެ މައްޗަށް ބިނާވެގެންވާ އަސާސީ ރުކުނެވެ. ހުރިހާ ރަސޫލުން އެބޭކަލުންގެ އުއްމަތްތަކަށް ދެއްވި ދަޢުވަތެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ މިޢާލަމް ހެއްދެވުމުގެ ސަބަބެވެ. ޢަރަބީން ޝިރުކުންނާއި، ޖަހާލަތުގެ އަނދިރިކަމުންނާއި، ބައިބައިކުރުމުން ނެރެ ޢަދުލުވެރިކަމާއި، ޢިއްޒަތާއި، ޢިލްމުވެރިކަމާއި، އެއްބައިވަންތަކަމާއި، ހަމަހަމަކަމަށް ވެއްދި މުޤައްދަސް މައުޟޫއެވެ. އަދި އެއީ ޢަރަބީންނާއި ޢަޖަމީން އެއްބައިވަންތަކޮށް އެދެބައިމީހުން އެއް އުއްމަތަކަށް ހެދި މައުޟޫޢުވެސް މެއެވެ. މިސަބަބުތަކާ ހުރެ މިމައުޟުޢަކީ އަޅުގަނޑުމެންނަށް އެންމެ މުޙިއްމު މައުޟޫޢު ކަމުގައިވަނީ ވެފައެވެ. ކަންމިހެން ހުރުމާއެކު މިމުޙިއްމުކަން ބޮޑު ޢުންވާނަށް ކޮންމެވެސް ވަރެއްގެ ލިޔުމެއްނަމަވެސް ލިޔެލުމަކީ ކޮންމެހެން ކުރަންވެއްޖެ ކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ. އެހެންކަމުން އެކަމާއިގެން އަޅުގަނޑު ކުރިއަށް މިދަނީއެވެ.
ތަޥްޙީދަކީ ތޯއެވެ. އާދޭހެވެ! ލުޣަވީގޮތުން ތަޥްޙީދަކީ އެކައްޗެއް ކަމުގައި ބެލުމެވެ. ނުވަތަ އެކަހެރި ކުރުމެވެ. ޝަރުޢީގޮތުން ތަޥްޙީދަކީ ހުރިހާ މާނައެއްގައިވެސް ﷲ ސުބްޙާނަހޫ ޥަތަޢާލާ އެއްކައުވަންތަ ކުރުމުވެ. އެއީ، އެކަލާނގެ ކުރައްވާ އެންމެހާ ކަންތައްތަކުގަޔާ، އެކަލާނގެއަށް ކުރާ ހުރިހާ އަޅުކަންތަކުގަޔާއި، އެކަލާނގެ ނަންފުޅުތަކާއި ޞިފަފުޅުތަކުގައިވެސް އެކަލާނގެއާ އިތުރު އެހެން ބައިވެރިއަކު ނުވާކަމުގައި ހިތުގެ އަޑިން އިޢްތިޤާދު ކުރުމެވެ.
ތަޥްޙީދު ބެހިގެންވަނީ 3 ބަޔަކަށެވެ. އެއީ:
1. توحيد الـرّبـوبـيّـة (އެކަލާނގެ ކުރައްވާ ކަންތައްތަކުގައި އެއްކައުވަންތަކުރުން)
2. توحيد الألـوهـيّـة (އެންމެހާ އަޅުކަންތަކުގައި އެކަލާނގެ އެއްކައުވަންތަކުރުން)
3. توحيد الأسـماء والصّـفـات (ﷲ ގެ ނަންފުޅުތަކާއި ޞިފަފުޅުތަކުގައި އެކަލާނގެ އެއްކައުވަންކުރުން) މިއެވެ.

ތަޥްޙީދުގެ ފުރަތަމަ ބައި توحيد الرّبوبيّة
توحيد الرّبوبيّة އަކީ ﷲ ސުބްޙާނަހޫ ޥަތަޢާލާ އަކީ އެންމެހާ މަޚްލޫޤުންގެ ޚާލިޤުކަމާއި، ރާޒިޤުކަމާއި، އަދި މުޅި މިކާއިނާތުގައި ހިނގާ ހުރިހާ ކަންތައްތައް ކޮންޓްރޯލު ކުރައްވަނީ އެކަލާނގެކަމާއި، އަދި ﷲ ގެ ކޮންޓްރޯލުން އެއްވެސް ކަމެއް ބޭރުނުވާކަމާއި، އެންމެހާ މަޚްލޫޤުން ދިރުއްވާ އަދި މަރުއްވަނީ ހަމައެކަނި އެކަލާނގެކަމުގައި އީމާންވުމެވެ. ކުރުގޮތަކަށް ދަންނަވަނީ ނަމަ އެކަލާނގެ ކުރައްވާ އެންމެހާ ކަންތައްތަކުގައި އެކަލާނގެ އެއްކައުވަންތަ ކުރުމެވެ.
ﷲ ތަޢާލާ ޥަޙީކުރައްވަނީ:
((الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ ))
“އެންމެހާ ޙަމްދުޘަނާ ޙައްޤުވެގެންވަނީ ޢާލަމްތައް ހައްދަވައި ބޮޑުކުރައްވާ އަދި އެތަކެތި ބަލަހައްޓަވާ އަދި އެތަކެތި ތަރުބިއްޔަތު ކުރައްވާ އެތަކެތީގެ ވެރި މާތް ﷲ އަށެވެ.” (ސޫރަތުލް ފާތިޙާ : 1)
އަދިވެސް އެކަލާނގެ ޥަޙީކުރައްވަނީ:
((اللَّهُ الَّذِي خَلَقَكُمْ ثُمَّ رَزَقَكُمْ ثُمَّ يُمِيتُكُمْ ثُمَّ يُحْيِيكُمْ ))
“ﷲ އެއީ ކަލޭމެން ހައްދަވާ ދެން ކަލޭމެންނަށް ރިޒުޤުދެއްވި ކަލާނގެއެވެ. ދެން ކަލޭމެން މަރުއްވާ ދެން އަލުން ކަލޭމެން ދިރުއްވާނޭވެސް ކަލާނގެއެވެ.” (ޞޫރަތުއް ރޫމް : 40)
ދަންނާށެވެ! ހަމައެކަނި ތަޥްޙީދުގެ މިބަޔަށް އީމާންވެ، އަނެއް ދެބަޔަށް އީމާންނުވާކަމުގައި ވަނީނަމަ އެމީހެއްގެ ތަޥްޙީދު ފުރިހަމައެއް ނުވާނެއެވެ. ހަމަކަށަވަރުން ނަބީ صلى الله عليه وسلّم ގެ ޒަމާނުގައި ތަޥްޙީދުގެ މިބައި (އެބަހީ: توحيد الّربوبيّة) ޤަބޫލުކޮށް އުޅުނެވެ. އެހެންނަމަވެސް ތަޥްޙީދުގެ ބާކީ އޮތް ދެބައިގައި ޝިރުކުކުރުމުގެ ސަބަބުން އެބައިމީހުންގެ ޢަމަލުތައް ﷲ ތަޢާލާ ޤަބޫލު ނުކުރައްވާ މުޝްރިކުންގެ ގޮތުގައި ނިންމެވީއެވެ.
އެކަލާނގެ ޥަޙީކުރައްވަނީ:
((وَلَئِنْ سَأَلْتَهُمْ مَنْ خَلَقَهُمْ لَيَقُولُنَّ اللَّهُ ))
“އަދި އެމީހުން ހެއްދެވީ ކާކުތޯ ކަލޭގެފާނު ސުވާލުކޮށްފިއްޔާ ހަމަ ޔަޤީނުންވެސް އެމީހުން ބުނާނީ އެއީ ﷲ އެވެ.” (سورة الزّخرف 87)

ތަޥްޙީދުގެ ދެވަނަބައި (توحيد الألوهيّة)
توحيد الألوهيّة އަކީ، ކުރާ އެންމެހާ އަޅުކަންތަކެއް މުސްތަޙިއްޤުވަނީ ހަމައެކަނި ﷲ އަށް ކަމުގައި އިޤްރާރުވުމެވެ. އެހެނީ ތިމާކުރާ އެންމެހާ އަޅުކަންތަކެއް ކުރަންވާނީ ސީދާ ﷲ އަށެވެ. އޭގައި ﷲ ފިޔަވައި އެހެން ފަރާތަކަށް ކުޑަ ނަމަވެސް ދެއްކުންތެރިކަމެއް ނުވަތަ އިއްވުންތެރިކަމެއްވެސް އޮވެގެން ނުވާނެއެވެ.
ﷲ ތަޢާލާ ޥަޙީކުރައްވަނީ:
((اعْبُدُوا اللَّهَ مَا لَكُمْ مِنْ إِلَهٍ غَيْرُهُ ))
“ކަލޭމެން ހަމައެކަނި ﷲ އަށް އަޅުކަން ކުރާށެވެ. އެކަލާނގެ ފިޔަވައި އެހެން އެއްވެސް އިލާހަކު ކަލޭމެންނަކަށް ނުވެއެވެ.” (ސޫރަތުލް އަޢްރާފު : 65)
އަންބިޔާއިންނާއި ﷲ ފިޔަވައި އެހެނިހެން އިލާހުންތައް އިޚްތިޔާރުކުރި މީހުންނާ ދެމެދު ޚިލާފު އުފެދުނީ ތަޥްޙީދުގެ މިބައިގައެވެ. އާދެ! توحيد الألوهيّة ގައެވެ.

ތަޥްޙީދުގެ ތިންވަނަ ބައި (توحيد الأسماء والصّـفات)
توحيد الأسماء والصّفات އަކީ، ﷲ ގެ އެންމެހާ ނަންފުޅުތަކާއި ޞިފަފުޅުތަކުގައި އެއްވެސް އުނިއިތުރު ކުރުމެއްނެތި، ﷲ ތަޢާލާ އެކަލާނގެ ޞިފަފުޅުތަކާއި ނަންފުޅުތައް އެކަލާނގެ ފޮތުގައި ބަޔާން ކުރައްވާފައިވާ ގޮތަށް، އަދި އެކަލާނގެ ރަސޫލާ މުޙައްމަދު صلّى الله عليه وسلّم ގެ ޞައްޙަ ޙަދީޘުން ޞިފަކުރައްވާފައި ވާގޮތަށް، އެއްވެސް މިސާލުކުރުމެއް ނެތި، އަދި ﷲ ގެ ނަންފުޅުތަކާއި ޞިފަފުޅުތަކުގެ ލަފްޡުތައް ތަޣައްޔަރުނުކޮށް، ހަމައެއާއެކު އެނަންފުޅުތަކާއި ޞިފަފުޅުތަކުން ދަލީލުކުރާ ޙައްޤު މާނަ ނަފީނުކޮށް އެއަށް އިޤުރާރުވެ ޘާބިތުކުރުމެވެ.
އެކަލާނގެ ޥަޙީކުރައްވަނީ:
(( لَيْسَ كَمِثْلِهِ شَيْءٌ وَهُوَ السَّمِيعُ الْبَصِيرُ ))
“އެކަލާނގެއާ އެއްފަދަ ވެގެންވާ އަދި އެއްޞިފަވެގެންވާ އެއްވެސް އެއްޗެއް ނުވެއެވެ. އަދި އެކަލާނގެއީ އައްސަވާވޮޑިގެންވާ ބައްލަވާވޮޑިގެންވާ ކަލާނގެއެވެ.” (سورة الشورى:11)
މަތީގައި ބަޔާންވެގެން ދިޔަ އާޔަތުން އަޅުގަނޑުމެންނަށް ސާފުކޮށް އެނގޭފަދައިން ﷲ ތަޢާލާ އެއްވެސް އެއްޗެކާއި ވައްތަރުވެގެން ނުވެއެވެ. އެހެންނަމަވެސް އެކަލާނގެ އަބަދުމެ އަބަދަށް އައްސަވާ އަދި ބައްލަވާވޮޑިގެން ވެއެވެ. އެހެނީ، އެކަލާނގެ އައްސަވާ އަދި ބައްލަވާވޮޑިގެންވަނީ އެކަލާނގެ އަމިއްލަފުޅު ޒާތުފުޅާ މުނާސިބު ގޮތަކަށެވެ. އޭގެ ކައިފިއްޔަތެއް އަޅުގަނޑުމެންނަކަށް ނޭނގޭނެއެވެ. އެއީ އެކަލާނގެ އިންސާނުންނަށް ދެއްވާފައިވާ މަޙްދޫދު ޢިލްމުގެ ސަބަބުންނެވެ. ދަންނަންވީ އެކަލާނގެ އައްސަވާ ވޮޑިގަތުންވެސް އަދި ބައްލަވާ ވޮޑިގަތުންވެސް އެއްވެސް މަޚްލޫޤަކާއި އެއްވެސް ގޮތަކުން ވައްތަރުވެގެން ނުވާކަމެވެ. އެކަލާނގެ އައްސަވާވޮޑިގަތުމާއި ބައްލަވާވޮޑިގަތުން ވާނީ އެކަލާނގެ ޒާތުފުޅާއި އެކަށީގެންވާ ގޮތަކަށް ކަމެވެ.
............
ނޫރުލްއިސްލާމް ވެބްސައިޓުން ނަގާފައި

Blog Widget by LinkWithin

No comments:

Post a Comment