09 August 2014

ތިލާވަތުގެ ސަޖިދައިގެ ޙުކުމްތައް

މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

1- ތިލާވަތުގެ ސަޖިދާގައި ތަކުބީރު ކިޔާނީ ކިހިނެއް ހެއްޔެވެ؟ ސަޖިދައަށް ދާއިރު އަދި ސަޖިދައިން ތެދުވާއިރު ތަކުބީރު ކިޔަން ޖެހޭނެ ހެއްޔެވެ؟ އަދި ސަލާމްދޭން ޖެހޭނެހެއްޔެވެ؟ ޖ- ތިލާވަތުގެ ސަޖިދާގައި ތަކުބީރު ކިޔާނީ ހަމައެކަނި ސަޖިދައަށް ދާއިރުއެވެ. ސަޖިދައިން ތެދުވާއިރު ތަކުބީރު ކިޔާކަށް ނުޖެހޭނެއެވެ. އަދި ސަލާމްދޭކަށްވެސް ނުޖެހޭނެއެވެ. އެހެނީ މިކަންތައްތަކުގެ ތެރެއިން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ސާބިތުވާ ހަމައެކަނި ކަމަކީ ސަޖިދައަށް ދާއިރު ﷲ އަކްބަރު ކިޔުމެވެ. ނަމާދުގަ ފިޔަވައެވެ. ނަމާދުގައި ސަޖިދައިން ތެދުވާއިރު ﷲ އަކްބަރު ކިޔުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ޞައްޙަމަގުން ވާރިދުވެފައިވެއެވެ.
عن ابنُ عمرَ رَضِيَ اللهُ عَنْهُمَا قَالَ : كَانَ رَسُولُ اللِه صَلَّى اللُه عَلَيْهِ وَسَلَّمَ يَقْرَأُ عَلَيْنَا الْقُرْآنَ، فَإِذَا مَرَّ بِالسَّجْدَةِ كَبَّرَ وَسَجَدَ وَسَجَدْنَا ) أخرجه أحمد2/17، والبخاري 2/33،34 ، ومسلم 1/405 برقم (575)
މާނައީ: "އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެގެންވެއެވެ. އިބްނު ޢުމަރު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ތިމަންމެންނަށް ޤުރުއާން ކިޔަވާވިދާޅުވެއެވެ. ސަޖިދައިގެ އާޔަތަކާ ހަމަވުމުން ތަކްބީރު ކިޔުއްވާ ސަޖިދަކުރައްވައެވެ. ތިމަންމެންވެސް ސަޖިދަކުރަމެވެ."
اللجنة الدائمة للبحوث العلمية والإفتاء 7/261 


2- ތިލާވަތުގެ ސަޖިދާ ކުރާއިރު ޠަހާރަތުގެ މަތީގައި ހުރުމީ ޝަރުޠެއް ހެއްޔެވެ؟ ޖ- ތިލާވަތުގެ ސަޖިދަކުރާއިރު ޠަހާރަތުގެ މަތީގައި ހުރުމީ ޝަރުޠެއް ނޫނެވެ.
(مجموع فتاوى ومقالات سماحة الشيخ ابن باز 11 / 406)

3- ތިލާވަތުގެ ސަޖިދާގައި ކިޔާނީ ކޮން ދުޢާއެއް ހެއްޔެވެ؟ ޖ- ތިލާވަތުގެ ސަޖިދާގައި ކިޔާނީ ނަމާދުގެ ސަޖިދާގައިވެސް ކިޔާ ތަސްބީޙައެވެ. އަދި މީގެ އިތުރުން އަންނަނިވި ދުޢާތައްވެސް ތިލާވަތުގެ ސަޖިދާގައި ކިޔުމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ޘާބިތުވެފައިވެއެވެ.
"سَجَدَ وَجْهِيَ لِلَّذِيْ خَلَقَهُ وَشَقَّ سَمْعَهُ وَبَصَرَهُ بِحَوْلِهِ وَقُوَّتِهِ فَتَبَارَكَ اللهُ أَحْسَنُ الْخَالِقِينَ"( رواه الترمذي وأحمد والحاكم وصحّحه ووافقه الذهبي )
މާނައީ: "އެފަރާތެއްގެ ކުޅަދުންވަންތަކަމާއި، ބާރުފުޅުން މިއަޅާގެ މޫނުހައްދަވާ އެމޫނުގެ އިވުމާއި ފެނުން ހާމަކުރެއްވި ފަރާތަށް މިއަޅާގެ މޫނުސަޖިދަކޮށްފިއެވެ. ފަހެ ﷲގެ މަތިވެރިކަމާއެވެ! އެއީ އެންމެ ރިވެތިކޮށް ހައްދަވާ ޚަލްޤު ކުރައްވާ ފަރާތެވެ."
"اَللَّهُمَّ اكْتُبْ لِيْ بِهاَ عِنْدَكَ أَجْرًا وَضَعْ عَنِّي بِهاَ وِزْرًا وَاجْعَلْهاَ لِيْ عِنْدَكَ ذُخْرًا وَتَقَبَّلْهاَ مِنِّيْ كَماَ تَقَبَّلْتَهاَ مِنْ عَبْدِكَ دَاوُدَ"( رواه الترمذي والحاكم وصحّحه ووافقه الذهبي)
މާނައީ: "އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާއަށް މިސަޖިދައިގެ ސަބަބުން އިބަﷲގެ ޙަޟްރަތުގައި އަޖުރެއް ލިޔުއްވާނދޭވެ! އަދި މިސަޖިދައިގެ ސަބަބުން މިއަޅާގެ ކިބައިން ފާފައެއް ފުއްސަވާނދޭވެ! އަދި އިބަﷲގެ ޙަޟްރަތުގައި މިއަޅާއަށްޓަކައި ފަހަށް ރައްކާކުރެވިފައިވާ ހެޔޮޢަމަލެއްކަމުގައި މިސަޖިދަ ލައްވާނދޭވެ! އަދި އިބަރަސްކަލާނގެ އަޅާ ކަމުގައިވާ ދާވުދުގެފާނުގެ ކިބައިން މިސަޖިދަ ޤަބޫލުކުރެއްވިފަދައިން މިއަޅާގެ ކިބައިންވެސް މިސަޖިދަ ޤަބޫލުކުރައްވާނދޭވެ."

4- ތިލާވަތުގެ ސަޖިދާގައި ކުރާނީ އެންމެ ސަޖިދައެއް ހެއްޔެވެ ނުވަތަ ދެސަޖިދަހެއްޔެވެ؟ ޖ- ތިލާވަތުގެ ސަޖިދާގައި ކުރާނީ އެންމެ ސަޖިދައެކެވެ. وقد " اتَّفَقَ الْفُقَهَاءُ عَلَى أَنَّ سُجُودَ التِّلاوَةِ يَحْصُلُ بِسَجْدَةٍ وَاحِدَةٍ " اهـ -الموسوعة الفقهية (24/221) . މައުސޫއަތުލް ފިޤްހިއްޔާގައި އައިސްފައިވެއެވެ. އަދި ހަމަކަށަވަރުން، "ތިލާވަތުގެ ސަޖިދަ އެއް ސަޖިދައިން ޙާޞިލުވާކަމުގައި ފިޤުހުވެރިން އިއްތިފާޤުވެފައިވެއެވެ."
5- ނަމާދުކުރުން ނަހީވެގެންވާ ވަޤުތެއްގައި ތިލާވަތުގެ ސަޖިދަ ކުރެވިދާނެހެއްޔެވެ؟
ޖ- ޢިލްމުވެރިންގެ ބަސްފުޅުތަކުގެ ތެރެއިން އެންމެ ޞައްޙަ ބަސްފުޅުގައި ތިލާވަތުގެ ސަޖިދައަކީ ނަމާދުގެ ޙުކުމުގައި ވާ ކަމެއް ނޫނެވެ. އެއީ ނަމާދުގެ ޙުކުމުގައިވާ ކަމެއްކަމުގައި ބުނި ނަމަވެސް ނަމާދުކުރުން ނަހީވަޤުތުތަކުގައި އެކަން ކުރެވޭނެއެވެ. އެހެނީ އެއީ ސަބަބެއް ކުރިމަތިވެގެން ކުރާ ކަމެއްކަމުގައިވާތީއެވެ. ކޭތަނަމާދާއި ޠަވާފުގެ ދެ ރަކުޢަތްފަދައިންނެވެ.
(فتاوى اللجنة الدائمة 7/264)

6- ތިލާވަތުގެ ސަޖިދަކުރާ އިރު ޤިބުލައަށް ކުރިމަތިލުމީ ޝަރުޠެއް ހެއްޔެވެ؟ ޖ- ޝަރުޠެއް ނޫނެވެ. އެހެނަސް އައުލާވެގެންވާ ގޮތަކީ އެއީއެވެ.
اللجنة الدائمة للبحوث العلمية والإفتاء 7/262

7- ތިލާވަތުގެ ސަޖިދަޖެހުން ސުންނަތް ވެގެންވަނީ ކޮންބަޔަކަށް ހެއްޔެވެ؟ ކިޔަވާ މީހާއާއި އަޑުއަހާމީހާ އާއި އަޑުއިވޭމީހާވެސް ތިލާވަތުގެ ސަޖިދަ ޖަހަންޖެހޭނެތޯއެވެ؟ ޖ- ތިލާވަތުގެ ސަޖިދަކުރުން ސުންނަތްވެގެންވަނީ ޤުރުއާން ކިޔަވާ މީހާއަށާއި ޤުރުއާން އަޑުއަހާ މީހާގެ މައްޗަށެވެ. ޤަސްދެއްނެތި ޤުރުއާން އަޑުއިވޭ މީހާގެ މައްޗަށް، ތިލާވަތުގެ ސަޖިދަ ކުރުން ސުންނަތްވެގެން ނުވެއެވެ. [المغني (1/361) ]

8- އަންހެނަކު ބުރުގާނާޅާ ޤުރުއާން ކިޔަވާނަމަ ތިލާވަތުގެ ސަޖިދަވަޅަކާ ދިމާވުމުން ބުރުގާނާޅާ ސަޖިދަކުރުމަކީ މައްސަލައެއްތޯއެވެ؟ ޖ- އައުލާވެގެންވާ ގޮތަކީ ބުރުގާއަޅައިގެން ކުރުމެވެ. އެހެންނަމަވެސް ބުރުގާނާޅާ ކުރިކަމުގައިވިޔަސް އެއީ މައްސަލައެއް ނޫނެވެ. އެހެނީ ތިލާވަތުގެ ސަޖިދައަކީ ނަމާދުގެ ޙުކުމުގައިވާ ކަމެއް ނޫނެވެ.
اللجنة الدائمة للبحوث العلمية والإفتاء 7/263

9- ޙައިޟުވެރިޔާއަށް ތިލާވަތުގެ ސަޖިދަކުރެވިދާނެ ހެއްޔެވެ؟ ޖ- ޙައިޟުވެރިޔާއަށް މުޞްޙަފުގައި ބީހުމަކާ ނުލައި ޤުރުއާން ކިޔެވިދާނެއެވެ. އެފަދަ ޙާލަތުގައި ތިލާވަތުގެ ސަޖިދަވެސް ކުރެވޭނެއެވެ. އެހެނީ ތިލާވަތުގެ ސަޖިދައަކީ އެއަށް ޠަހާރަތު ޝަރުޠުވެގެންވާ ކަމެއް ނޫނެވެ.
(ބައްލަވާ اللجنة الدائمة للبحوث العلمية والإفتاء 7/262)


10- ކީރިތި ޤުރުއާން ކިޔަވާއިރު ތިލާވަތުގެ ސަޖިދަވަޅެއް އައުމުން މުޞްޙަފު މުޞައްލަ މަތީ (ބިންމަތީ) ބާއްވާފައި ތިލާވަތުގެ ސަޖިދަކުރުމަކީ މައްސަލައެއްތޯއެވެ؟ ޖ- މުސްޙަފު ބާއްވާތަން ޠާހިރު ނަމަ އެފަދަ ތަނެއްގެ މަތީގައި ސަޖިދަކުރާ ވަޤުތު މުސްޙަފު ބާއްވާލުމަކީ މައްސަލައެއް ނޫނެވެ. އުސްތަނެއްގައި ބޭއްވުމަށް ފަސޭހަނަމަ ބޮޑަށް ރަނގަޅީ އުސްތަނެއްގައި ބޭއްވުމެވެ. ނުވަތަ ސަޖިދައިން ތެދުވަންދެން ކައިރީގައި އިން މީހަކަށް މުސްޙަފު ދިއްކޮށްލުމެވެ. އެހެނީ އެކަން ވަނީ ކީރިތި ޤުރުއާނަށް މާތްކޮށްހިތުމާއި، އަޅާލުމުގެ ތެރެއިންނެވެ. އަދި މީސްތަކުން ތިބާއާ ދޭތެރޭގައި ޤުރުއާނަށް އިހާނާތްތެރިކޮށްހިތާ މީހެކޭ ހީކޮށްފާނެތީއެވެ."
[ބައްލަވާ مجموع فتاوى ابن باز (24/349) .] 


11- ތިލާވަތުގެ ސަޖިދާގައި ކިޔާދުޢާ ކިޔާނީ ކިތައް ފަހަރު ހެއްޔެވެ؟ ޖ- އެއްފަހަރުއެވެ.

12- ކީރިތި ޤުރުއާން ޙިފްޒުކުރުމަށްޓަކައި އާޔަތްތަކުރާރުކޮށް ކިޔަވަމުންދާއިރު ސަޖިދައިގެ އާޔަތަކާ ދިމާވެއްޖެނަމަ އެއާޔަތް ކިޔަވާ ކޮންމެ ފަހަރަކު ސަޖިދަކުރަން ޖެހޭނެތޯއެވެ؟ ޖ- މި މައްސަލާގައި ޢިލްމުގެ އަހުލުވެރިންގެ އިޚްތިލާފުވެފައިވެއެވެ. އެންމެ ޞައްޙަ ވެގެންވާ ބަހަކީ އެފަދަ ޙާލަތެއްގައި އެންމެ ސަޖިދައަކުން ފުއްދާލުމެވެ. އެއީ އެކަމުގައިވާ ދަތިކަމާއި އުނދަގުލުގެ ސަބަބުންނެވެ. އެއީ ފުރަތަމަ އެ އާޔަތް ކިޔަވާއިރު ސަޖިދަކޮށްލުމެވެ. އޭގެފަހުގައި ކިތަންމެ ގިނައިން އެއާޔަތް ކިޔެވިކަމުގައިވިޔަސް އަލުން ސަޖިދަނުކުރުމެވެ. [ބައްލަވާ رد المحتار على الدر المختار" (2/114) ބައްލަވާ "الانصاف" (2/196 (].
ޝައިޚު އިބްނު ޢުޘައިމީން ރަޙިމަހުﷲ އާ ސުވާލުކުރެވުނެވެ. "ކީރިތި ޤުރުއާން ކިޔަވާއިރު ސަޖިދައިގެ އާޔަތަކާ ދިމާވުމުން ސަޖިދަކުރުމީ ވާޖިބެއް ހެއްޔެވެ؟ އަދި ހިފްޒުކުރާއިރު ތަކުރާރުކޮށް އާޔަތް ކިޔަވާނަމަ ކޮންމެފަހަރަކު ސަޖިދަކުރަން ޖެހޭނެތޯއެވެ؟"
ޖަވާބުގައި ވިދާޅުވިއެވެ. "ތިލާވަތުގެ ސަޖިދަކުރުމަކީ ވާޖިބެއް ނޫނެވެ. އެއީ ސުންނަތެކެވެ. އެކަމުގެ ދަލީލަކީ ޢުމަރު ރަޟިޔަﷲ ޢަންހު ހުކުރުދުވަހުގެ ޚުޠުބާއެއްގައި ސަޖިދައިގެ އާޔަތެއް (ނަޙްލު ސޫރަތުގެ އާޔަތް) ވިދާޅުވެފައި، މިންބަރުން ފައިބާވަޑައިގެން ތިލާވަތުގެ ސަޖިދަކުރެއްވިއެވެ. އަދި އެހެން ހުކުރު ޚުޠުބާއެއްގައި ހަމަ އެ އާޔަތް ކިޔަވާ ވިދާޅުވިއެވެ. އެހެންނަމަވެސް މިފަހަރު ތިލާވަތުގެ ސަޖިދައެއް ނުކުރައްވައެވެ. އޭގެފަހުގައި އެކަލޭގެފާނު ވިދާޅުވިއެވެ. ( إِنَّ اللهَ لم يَفْرِضْ عَلَيْنَا السُّجُودَ إِلَّا أَنْ نَشَاءَ )[رواه البخاري] "އަހަރެމެން ބޭނުންވާ ފަހަރެއްގައި ކުރުމަށް މެނުވީ ﷲ ތަޢާލާ އަހަރެމެންގެ މައްޗަށް ސަޖިދަ (ތިލާވަތުގެ ސަޖިދަ) ފަރުޟުނުކުރައްވައެވެ."
ދެންފަހެ ކީރިތި ޤުރުއާން ހިތުދަސްކުރުމަށްޓަކައި ތަކުރާރުކޮށް މީހަކު ސަޖިދައިގެ އާޔަތެއް ކިޔަވާނަމަ އޭނާ ފުރަތަމަ ކުރާ ސަޖިދަ ދެން ބާކީ ހުރި ސަޖިދަތަކުން ފުދިގެންވެއެވެ. ސަޖިދަ އަލުންކުރުމުގެ ބޭނުމެއް ނެތެވެ. އާޔަތް ކިޔެވުން މެދުކަނޑާލުމަށްފަހުގައި ދިގު މުއްދަތެއް ފާއިތުނުވާނަމައެވެ." [ބައްލަވާ مجموع الفتاوى (14/318] ( .

13- ކީރިތި ޤުރުއާނުގައިވާ ސަޖިދައިގެ އާޔަތްތަކަކީ ކޮބައިތޯއެވެ؟ ޖ- ކީރިތި ޤުރުއާނުގައިވާ ސަޖިދައިގެ އާޔަތްތަކުގެ ޢަދަދަކީ ފަނަރައެވެ. [ބައްލަވާ آيات سجدات القر آن تفسير وبيان- د/ سعود بن عبد العزيز بن سليمان الحمد، الأستاذ المشارك بقسم القرآن وعلومه، كلية الشرعية والدراسات الإسلامية، جامعة القصيم] އެ އާޔަތްތަކަކީ:
1- (إِنَّ الَّذِينَ عِندَ رَبِّكَ لاَ يَسْتَكْبِرُونَ عَنْ عِبَادَتِهِ وَيُسَبِّحُونَهُ وَلَهُ يَسْجُدُونَ) (الأعراف/206 ) .
2- (وَللهِ يَسْجُدُ مَنْ فِي السَّمَاوَاتِ وَالْأَرْضِ طَوْعًا وَكَرْهًا وَظِلَالُهُمْ بِالْغُدُوِّ وَالْآَصَالِ). ( الرعد/15) .
3- (وَلِلَّهِ يَسْجُدُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ مِنْ دَابَّةٍ وَالْمَلَائِكَةُ وَهُمْ لَا يَسْتَكْبِرُونَ) (النحل/49) .
4- (قُلْ آَمِنُوا بِهِ أَوْ لَا تُؤْمِنُوا إِنَّ الَّذِينَ أُوتُوا الْعِلْمَ مِنْ قَبْلِهِ إِذَا يُتْلَى عَلَيْهِمْ يَخِرُّونَ لِلْأَذْقَانِ سُجَّدًا) (الإسراء/107 ) .
5- (أُولَئِكَ الَّذِينَ أَنْعَمَ اللَّهُ عَلَيْهِمْ مِنَ النَّبِيِّينَ مِنْ ذُرِّيَّةِ آدَمَ وَمِمَّنْ حَمَلْنَا مَعَ نُوحٍ وَمِنْ ذُرِّيَّةِ إِبْرَاهِيمَ وَإِسْرَائِيلَ وَمِمَّنْ هَدَيْنَا وَاجْتَبَيْنَا إِذَا تُتْلَى عَلَيْهِمْ آيَاتُ الرَّحْمَنِ خَرُّوا سُجَّدًا وَبُكِيًّا) ( مريم/58 ) .
6- (أَلَمْ تَرَ أَنَّ اللَّهَ يَسْجُدُ لَهُ مَن فِي السَّمَاوَاتِ وَمَن فِي الأَرْضِ وَالشَّمْسُ وَالْقَمَرُ وَالنُّجُومُ وَالْجِبَالُ وَالشَّجَرُ وَالدَّوَابُّ وَكَثِيرٌ مِّنَ النَّاسِ وَكَثِيرٌ حَقَّ عَلَيْهِ الْعَذَابُ وَمَن يُهِنِ اللَّهُ فَمَا لَهُ مِن مُّكْرِمٍ إِنَّ اللَّهَ يَفْعَلُ مَا يَشَاء ) (الحج/18 ) .
7- (يَا أَيُّهَا الَّذِينَ آَمَنُوا ارْكَعُوا وَاسْجُدُوا وَاعْبُدُوا رَبَّكُمْ وَافْعَلُوا الْخَيْرَ لَعَلَّكُمْ تُفْلِحُونَ) (الحج/77 )
8- (وَإِذَا قِيلَ لَهُمُ اسْجُدُوا لِلرَّحْمَنِ قَالُوا وَمَا الرَّحْمَنُ أَنَسْجُدُ لِمَا تَأْمُرُنَا وَزَادَهُمْ نُفُورً) . ( الفرقان/60 ) .
9- (أَلَّا يَسْجُدُوا لِلَّهِ الَّذِي يُخْرِجُ الْخَبْءَ فِي السَّمَاوَاتِ وَالْأَرْضِ وَيَعْلَمُ مَا تُخْفُونَ وَمَا تُعْلِنُونَ ) (النمل/25 ) .
10- (إِنَّمَا يُؤْمِنُ بِآَيَاتِنَا الَّذِينَ إِذَا ذُكِّرُوا بِهَا خَرُّوا سُجَّدًا وَسَبَّحُوا بِحَمْدِ رَبِّهِمْ وَهُمْ لَا يَسْتَكْبِرُونَ) (السجدة/15 ) .
11- (قَالَ لَقَدْ ظَلَمَكَ بِسُؤَالِ نَعْجَتِكَ إِلَى نِعَاجِهِ وَإِنَّ كَثِيرًا مِنَ الْخُلَطَاءِ لَيَبْغِي بَعْضُهُمْ عَلَى بَعْضٍ إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَقَلِيلٌ مَا هُمْ وَظَنَّ دَاوُودُ أَنَّمَا فَتَنَّاهُ فَاسْتَغْفَرَ رَبَّهُ وَخَرَّ رَاكِعًا وَأَنَابَ) (ص/24) .
12- (وَمِنْ آَيَاتِهِ اللَّيْلُ وَالنَّهَارُ وَالشَّمْسُ وَالْقَمَرُ لَا تَسْجُدُوا لِلشَّمْسِ وَلَا لِلْقَمَرِ وَاسْجُدُوا لِلَّهِ الَّذِي خَلَقَهُنَّ إِنْ كُنْتُمْ إِيَّاهُ تَعْبُدُونَ) (فصلت/37) .
13- (فَاسْجُدُوا لِلَّهِ وَاعْبُدُوا) (النجم/63) .
14- (وَإِذَا قُرِئَ عَلَيْهِمُ الْقُرْآَنُ لَا يَسْجُدُونَ) (الانشقاق/21 ) .
15- (كَلَّا لَا تُطِعْهُ وَاسْجُدْ وَاقْتَرِبْ) (العلق/19 ) .
[ބައްލަވާ فقه السنة 1/186-188]


14- ކީރިތި ޤުރުއާނުގެ ތަރުޖަމާއިން ކިޔަވާއިރު ސަޖިދައިގެ އާޔަތަކާ ދިމާވުމުން ތިލާވަތުގެ ސަޖިދަ ކުރަންޖެހޭނެތޯއެވެ؟ ޖ- ތަރުޖަމާކުރެވިފައިވާ މުޞްޙަފަކީ ޤުރުއާނުގެ ގޮތުގައި ބެލެވޭ އެއްޗެއް ނޫނެވެ. އެ ބެލެވެނީ ކީރިތި ޤުރުއާނުގެ ތަފްސީރެއް ކަމުގައެވެ. ކީރިތި ޤުރުއާނަކީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ޢަރަބި ބަހުން ބާވައިލެއްވުނު ﷲ ގެ ކަލާމްފުޅެވެ. ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވާ ފަދައިންނެވެ. ( إِنَّا أَنْزَلْنَاهُ قُرْآنًا عَرَبِيًّا لَعَلَّكُمْ تَعْقِلُونَ ) [يوسف 2 ] މާނައީ: "ހަމަކަށަވަރުން، ތިމަންއިލާހު އެ ފޮތް ބާވައިލެއްވީ، ޢަރަބި ބަހުންއޮތް ޤުރުއާނެއް ކަމުގައެވެ. އެއީ ތިޔަބައިމީހުން ބުއްދިކުރުމަށްޓަކައެވެ."
شيخ منصور البهوتي رحمه الله ވިދާޅުވިއެވެ. "ކީރިތި ޤުރުއާނުގެ ތަރުޖަމާއީ، : ކީރިތި ޤުރުއާން ފާރިސީބަހުން ނުވަތަ އެހެންވެސް ބަހަކުން އޮވެއްޖެނަމަ އެއީ ޤުރުއާނެކޭ ނުކިޔާނެއެވެ. އަދި ޖުނުބުވެރިޔާގެ މައްޗަށްވެސް އެ ޙަރާމްވެގެންނުވެއެވެ. އެ ތަރުޖަމާ ވާހުށީ ކީރިތި ޤުރުއާނުގެ މާނަ ކަމުގައެވެ. އަދި އެބަހަކުން އޮތް ކީރިތި ޤުރުއާނުގެ ތަފްސީރެއް ކަމުގައެވެ. އޭގައި ކީރިތި ޤުރުއާނުގައިވާ ލުޣަވީ އިޢުޖާޒުގެ ބައިވެސް ނުހުންނާނެއެވެ. " كشاف القناع " (1/341) .
އެހެންކަމުން އެފަދަ މުޞްޙަކުން ކިޔަވާނަމަ ސަޖިދަކުރުން ޝަރުޢުވެގެން ނުވެއެވެ. އެހެނީ އެ ކިޔެވެނީ ކީރިތި ޤުރުއާނުގެ ޙުކުމުގައިވާ އެއްޗެއް ނޫނެވެ. ވަﷲ އަޢުލަމު.
[محمد صالح المنجد - موقع الإسلام سؤال وجواب- سؤال رقم 218512: هل يسجد للتلاوة من قرأ بالمصحف المترجم ؟]

15- ބަހެއްގައި ނުވަތަ މަތިންދާބޯޓެއްގައި ދަތުރުކުރަމުންދާ މީހަކު ކީރިތި ޤުރުއާން ކިޔަވާހިނދު ސަޖިދައިގެ އާޔަތަކާ ދިމާވެއްޖެނަމަ ސަޖިދަކުރާނީ ކިހިނެއްތޯއެވެ؟ ޖ- ބަހެއްގައި ނުވަތަ ކާރެއްގައި ނުވަތަ މަތިންދާބޯޓެއްގައި ނުވަތަ ދާއްބައެއްގައި ދަތުރުކުރަމުންދާ މީހަކު ކީރިތި ޤުރުއާން ކިޔަވާހިނދު ސަޖިދައިގެ އާޔަތަކާ ދިމާވެއްޖެނަމަ ބިންމައްޗަށް ތިރިވެ ސަޖިދަކުރުމުގެ ބަދަލުގައި އެ އިންތާ އިނެ ބޯ ތިރިކޮށްލައި ސަޖިދަކުރާނީ އެވެ. ގޮނޑީގައި ނަމާދުކުރާ މީހުން ސަޖިދަކުރާ ފަދައިންނެވެ. ކީރިތި ޤުރުއާން ކިޔަވަމުން ހިނގައިފާދަނަ ސަޖިދައިގެ އާޔަތަކާ ދިމާވުމުން، ބިންމައްޗަށް ތިރިވެ ސަޖިދަކުރާނީއެވެ.
[ބައްލަވާ المجموع شرح المهذب للنووي]
[ބައްލަވާ المغني لابن قدامة]

16- ތިލާވަތުގެ ސަޖިދައިގެ ޙުކުމަކީ ކޮބައިހެއްޔެވެ؟ ޖ- ތިލާވަތުގެ ސަޖިދައަކީ ސުންނަތެކެވެ. ވާޖިބެއް ނޫނެވެ. ނަމާދުގައިވިޔަސް އަދި ނަމާދުން ބޭރުގައިވިޔަސްމެއެވެ. އެހެނީ ޒައިދު ބިން ޘާބިތު ރަޟިޔަﷲ ޢަންހުގެ ކިބައިންނާއި ޢުމަރު ރަޟިޔަﷲ ޢަންހުގެ ކިބައިން މިކަމުގެ ޙުކުމަށް ދަލާލަތުކުރާ ކަންކަން ޘާބިތުވެފައިވެއެވެ.
[مجموع فتاوى ومقالات سماحة الشيخ ابن باز 11 / 406]

17- ނަމާދުގައި ސޫރަތެއްގެ ނިމޭތަނަށް ތިލާވަތުގެ ސަޖިދައެއް ދިމާވެއްޖެނަމަ، ތިލާވަތުގެ ސަޖިދައިން ތެދުވެ ކޮންމެވެސް މިންވަރެއް ކިޔަވަންޖެހޭނެތޯއެވެ ނުވަތަ ތިލާވަތުގެ ސަޖިދައިން ތެދުވެ ސީދާ ރުކޫޢަށް ދެވިދާނެތޯއެވެ؟ ޖ- ނަމާދުގައި ސަޖިދައިގެ އާޔަތެއް ސޫރަތެއްގެ ނިމޭތަނަށް ދިމާވެއްޖެނަމަ މިސާލަކަށް އަޢުރާފު ސޫރަތް، ނަޖުމު ސޫރަތް އަދި ޢަލަޤު ސޫރަތުގެ ސަޖިދައިގެ އާޔަތް ކިޔަވައިފިނަމަ ތިލާވަތުގެ ސަޖިދަކުރުމަށްފަހުގައި ތެދުވެ ރުކޫޢަށް ދިޔުމުގެ ކުރިން އެހެން ސޫރަތެއް ފަށާކަށް ނުޖެހޭނެއެވެ. ތިލާވަތުގެ ސަޖިދައިން ތެދުވެ މަޑުކޮށްލުމަށްފަހު ރުކޫޢަށް ދާނީއެވެ. އެކަމަކު ރުކޫޢަށް ދިޔުމުގެ ކުރިން ކިޔެވިކަމުގައި ވިޔަސް އެއީ މައްސަލައެއް ނޫނެވެ.
[اللجنة الدائمة للبحوث العلمية والإفتاء]

18- ކީރިތި ޤުރުއާން ކޮމްޕިއުޓަރ ނުވަތަ ފޯނުފަދަ އެއްޗަކުން (ރިކޯރޑްކޮށްފައިވާ) އަޑުއަހަމުން ދާއިރު ތިލާވަތުގެ ސަޖިދައިގެ އާޔަތަކާ ދިމާވެއްޖެނަމަ ތިލާވަތުގެ ސަޖިދަ ކުރަންޖެހޭނެތޯއެވެ؟ ޖ- ޖިހާޒަކުން (ޑިވައިސްއަކުން) އެގޮތަށް ކީރިތި ޤުރުއާން އަޑުއަހާނަމަ ސަޖިދައިގެ އާޔަތަކާ ދިމާވުމުން ސަޖިދަކުރުމަކީ މަޝްރޫޢުވެގެންވާ ކަމެއް ނޫނެވެ.
["مجموع فتاوى ابن باز" (11/415) ونحوه في "الشرح الممتع" (4/133). ]

18- މިސްކިތުގައި ކީރިތި ޤުރުއާން ކިޔަވަން އިންދާ ތިލާވަތުގެ ސަޖިދައިގެ އާޔަތަކާ ދިމާވުމުން ތިލާވަތުގެ ސަޖިދަކުރުމަށްޓަކައި ކޮޅަށް ތެދުވުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟ ޖ- އިށިއިނދި އިން މީހަކު ތިލާވަތުގެ ސަޖިދަކުރުމަށްޓަކައި އެގޮތަށް ކޮޅަށް ތެދުވަންޖެހޭނެކަމުގެ ދަލީލެއް އެނގޭކަށްނެތެވެ.
[اللجنة الدائمة للبحوث العلمية والإفتاء 7/265]

19- ތިލާވަތުގެ ސަޖިދައިގެ މާތްކަމަކީ ކޮބައިތޯއެވެ؟ ޖ- ތިލާވަތުގެ ސަޖިދަކުރުމުގެ މަތިވެރިކަމާއި މާތްކަމާ ބެހޭގޮތުން ރިވާވެގެން އައިސްފައިވެއެވެ. عَنْ أَبِي هُرَيْرَةَ رضي الله عنه قال : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ :(( إِذَا قَرَأَ ابْنُ آدَمَ السَّجْدَةَ فَسَجَدَ اعْتَزَلَ الشَّيْطَانُ يَبْكِي يَقُولُ : يَا وَيْلَهُ ! - وَفِي رِوَايَةِ أَبِي كُرَيْبٍ : يَا وَيْلِي - أُمِرَ ابْنُ آدَمَ بِالسُّجُودِ فَسَجَدَ فَلَهُ الْجَنَّةُ ، وَأُمِرْتُ بِالسُّجُودِ فَأَبَيْتُ فَلِي النَّارُ)) [رواه مسلم (رقم/81)] މާނައީ: އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "އާދަމުގެ ދަރިޔާ ސަޖިދައިގެ އާޔަތެއް ކިޔަވައި ސަޖިދަކޮށްފިނަމަ ޝައިޠާނާ ރޮމުން އޭނާއާ އެކަހެރިވެ ދުރަށްދެއެވެ. އަދި ބުނެއެވެ. "ހަލާކުހުއްޓެވެ." އަބޫ ކުރައިބުގެ ރިވާޔަތުގައި ވެއެވެ. - އަހުރެއްނަށް ހަލާކުހުއްޓެވެ.- "ސަޖިދަކުރުމަށް އާދަމުގެ ދަރިޔާއަށް އަމުރުކުރެވުމުން ސަޖިދަކުރިއެވެ. އެކަމުގެ ސަބަބުން އޭނާއަށް ވަނީ ސުވަރުގެއެވެ. ސަޖިދަކުރުމަށް އަހުރެންނަށް އަމުރުކުރެވުމުން އަހަރެން އެކަމާ ދެކޮޅުހެދީމެވެ. އަހުރެންނަށް ވަނީ ނަރަކައެވެ."
އިމާމު އިބްނު ޚުޒައިމާ ރަޙިމަހުﷲ އެކަލޭގެފާނުގެ ޞަޙީޙުގައި "ސަޖިދައިގެ އާޔަތްތައް ކިޔަވާއިރު ތިލާވަތުގެ ސަޖިދަކުރުމުގެ މާތްކަމާއި، ޝައިޠާނާގެ ރުއިމާއި، ތިލާވަތުގެ ސަޖިދަކުރާއިރު، ޝައިޠާނާ އޭނާގެ ނަފްސަށް ހަލާކުގެ ދުޢާކުރާކަމުގެ ބާބު" މިފަދައިން ބާބެއް ބަންނަވާފައިވެއެވެ.
ޤުރުޠުބީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. "މި ޙަދީޘުގައި ބަޔާންވެފައިމިވާ، އިބިލީހުގެ ރުއިމަކީ ފަހަރެއްގައިވެސް އޭނާގެ އުރެދުމަށް އޭނާ ހިތާމަކޮށްގެން ނޫނީ އެ އުރެދުމުން އޭނާ ރުޖޫޢަވާވެގެން ރޯ ރުއިމެއް ނޫނެވެ. އަދި ކިއެއްތަ އެއީ އާދަމުގެ ދަރީންކުރެ އެކަކުވެސް ސުވަރުގެއަށް ވަދެ ނަޖާވާތީ އޭނާގެ ޙަސަދަވެރިކަމާއި، ރުޅިވެރިކަމާއި އެކަމާހެދި ވާ ދެރައެއްގެ ބޮޑުކަމުން ރޯ ރުއިމެކެވެ. އެއީ ބަންގިއާއި ޤަމަތުގެ ވަޤުތުގަޔާއި ޢަރަފާތު ދުވަހުގައިވެސް ކަންތައްތައް ވާ ފަދައިންނެވެ."
" المفهم " (1/274)

20- ތިލާވަތުގެ ސަޖިދައިގެ މަޤާމުތަކުގައި ސަޖިދަކުރުމުގެ ބަދަލުގައި ތަޞްބީޙައެއް ކިޔާލުމުން ނުވަތަ سبحان الله والحمد لله ولا إله إلا الله ولا حول ولا قوة إلا بالله މި ޢިބާރާތް ނުވަތަ މިފަދަ ޢިބާރާތެއް ކިޔާލުމުން ފުދޭނެތޯއެވެ؟ ޖ- ތިލާވަތުގެ ސަޖިދައަކީ ސުންނަތްކަމެކެވެ. ވާޖިބުވެގެންވާ ކަމެއް ނޫނެވެ. ތިލާވަތުގެ ސަޖިދަ ކުރުން އުނދަގޫ ޙާލަތެއް ނަމަ އެ ސަޖިދަ ނުކޮށް ދޫކޮށްލުމަކީ މައްސަލައެއް ނޫނެވެ. އެހެންނަމަވެސް އޭގެ ބަދަލުގައި ކިޔުމަށް ޝަރުޢުގައި ވާރިދުވެފައިނުވާ ކަލިމަތަކެއް ކިޔައިގެން ނުވާނެއެވެ. އެހެނީ އެކަން ވެގެންދާނީ ބިދުޢައިގެ ތެރޭގައެވެ. ތިލާވަތުގެ ސަޖިދައާ ކުރިމަތިވާ މީހާއަށް އޮތީ ސަޖިދަކުރުމެވެ. ނުވަތަ ސަޖިދަނުކޮށް ދޫކޮށްލުމެވެ. ސަޖިދައިގެ ބަދަލުގައި އެހެން ކަމެއް ނުވަތަ ބަހެއް ގެނެސްގަތުމެއް ނެތެވެ
[الفتاوى الفقهية الكبرى (1/194) . لابن حجر الهيتمي رحمه الله]
[فتاوى إسلامية (4/66) .]
(ނިމުނީ)

Blog Widget by LinkWithin

No comments:

Post a Comment