07 March 2014

فُصُولٌ فِي الْعَقِيْدَةِ – ޢަޤީދާގެ ބައިތަކެއް (ދެވަނަ ބައި)

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
ﷲ ސުބްޙާނަހޫ ވަތަޢާލާ އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ފިޔަވައި އެހެން ފަރާތަކުން އިސްލާމްދީން ތަފްސީރުކޮށް ނުވަތަ އެދީނުގެ ކަމެއްގައި ﷲ ސުބްޙާނަހޫ ވަތަޢާލާގެ މުރާދު ބަޔާންކޮށްގެން ނުވާނެއެވެ. ފަހެ އެ ތަފްސީރު ބަޔާންވެފައިވަނީ އެހެންޏާ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ފޮތުގައެވެ. ނުވަތަ އެއިލާހުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގައެވެ. މީސްތަކުންގެ ތެރޭގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށްވުރެ މާތް މީހަކު ނުވެއެވެ. އެހެންކަމާއެކުވެސް އެކަލޭގެފާނަކީ އެކަލޭގެފާނުގެ ރައްބުގެ ފަރާތުން ކަންކަން ފޯރުކޮށްދެއްވާ ބޭކަލެކެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿يَا أَيُّهَا الرَّسُولُ بَلِّغْ مَا أُنْزِلَ إِلَيْكَ مِنْ رَبِّكَ [المائدة: ٦٧ ] މާނައީ: “އޭ ރަސޫލާއެވެ ކަލޭގެފާނުގެ ރައްބުގެ ޙަޟްރަތުން ކަލޭގެފާނަށް ބާވައިލެއްވުނު ތަކެތި ކަލޭގެފާނު ފޯރުކޮށްދެއްވާށެވެ.”

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ވަނީ ބަޔާންވެގެންވާ ފޯރުކޮށްދިނުމެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿وَمَا عَلَى الرَّسُولِ إِلَّا الْبَلَاغُ الْمُبِينُ﴾ [النور: ٥٤] މާނައީ: “ބަޔާންވެގެންވާ ފޯރުކޮށްދިނުން މެނުވީ ރަސޫލާގެ މައްޗަކަށް ނުވެއެވެ.”

ދެން ފަހެ އެ ބަޔާންކޮށްދެއްވުންވެސް ވަނީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ފަރާތުންނެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿فَإِذَا قَرَأْنَاهُ فَاتَّبِعْ قُرْآنَهُ (18) ثُمَّ إِنَّ عَلَيْنَا بَيَانَهُ (19) ﴾) [القيامة: ١٨ - ١٩] މާނައީ: “ފަހެ، ތިމަންއިލާހު (ޖިބްރީލްގެފާނު މެދުވެރިކުރައްވައި) އެ ޤުރުއާން ކިޔަވައިދެއްވާ ހިނދު، ފަހެ، ކަލޭގެފާނު އެ ކިޔަވައިދެއްވުމާ ތަބާވެވަޑައިގަންނަވާށެވެ! (18) ދެން ހަމަކަށަވަރުން، އެ ޤުރުއާން ބަޔާންކޮށްދެއްވުން ވަނީވެސް ތިމަންއިލާހަށެވެ. (19)”

ފަހެ ސުންނަތަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ އެއިލާހުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ދެއްވާފައިވާ އެއިލާހުގެ ވަޙީއެވެ. ﴿وَمَا يَنْطِقُ عَنِ الْهَوَىٰ ﴿٣﴾ إِنْ هُوَ إِلَّا وَحْيٌ يُوحَىٰ ﴿٤﴾ [النجم: ٣ -٤ ] މާނައީ: “އަދި އެކަލޭގެފާނު އަމިއްލަ އެދުންފުޅަކަށް ވާހަކަފުޅެއް ނުމެދައްކަވާމެއެވެ. (3) އެއީ އެކަލޭގެފާނަށް އިއްވަވާ ވަޙީއެއްކަމުގައި ނޫނީ ނުވެތެވެ.(4)”

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ސުވާލެއްކުރެވިއްޖެނަމަ، ކުރިން ﷲ ގެ ޙަޟްރަތުން އެކަލޭގެފާނަށް ޖަވާބެއް ލިބިފައިވާނަމަ ޖަވާބުދެއްވައެވެ. އެހެންނޫނީ ވަޙީއަށް އިންތިޒާރުކުރައްވައެވެ.
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ފަހުމް އެންމެ ރަނގަޅަށް އެނގިވަޑައިގެންފައިވަނީ އެކަލޭގެފާނުގެ ޞަޙާބީންނަށެވެ. އެބޭކަލުންނަށް ކީރިތި ޤުރުއާން ފަހުމުވެވަޑައިގެންފައިވާ ފަހުމުވެވަޑައިގަތުމަކީ ޙުއްޖަތެކެވެ. ދީނުގައި ކަމެއް ހުއްދަކުރުމާއި ޙަރާމްކުރުން ﷲ ނޫން ފަރާތަކަށް ލިބިގެންވާކަމަށް ބުނާމީހަކު ފަހެ ޙުކުމްކުރުމުގައި ﷲ ސުބްޙާނަހޫ ވަތަޢާލާއާ ޝަރީކުކޮށްފިއެވެ. މިއީ ކުފުރެވެ. އަދި ޝިރުކެވެ. މިކަމުގައި ޚިލާފުވުމެއް ނެތެވެ.
ﷲ ސުބްޙާނަހޫ ވަތަޢާލާ އެއިލާހު ބޭނުންވެވޮޑިގެންވާ މާނަ އޭގައިވާ އެއިލާހުގެ ކަލާމުފުޅުން މެނުވީ ކީރިތި ޤުރުއާން ބާވައިނުލައްވައެވެ. އޭގައިވާ އެއިލާހުގެ މުރާދު އެއިލާހު ނޫން ފަރާތަކުން މެނުވީ ތަފުސީރުކުރުމެއް ނުވެއެވެ. އަދި އެއިލާހުގެ ޚަލްޤުތަކުންގެ ތެރެއިން އެކަމަށް އެއިލާހު އިޛުނަދެއްވި ފަރާތެއް މެނުވީއެވެ.
ކީރިތި ޤުރުއާން ބަލާ މީހަކު އޭގެން އިސްތިންބާޠު ކުރަންވާނީ ދެ ޝަރުޠަކާއެކުގައެވެ.
1- ޢަރަބި ބަހުގެ ޤަވާޢިދު ތަކުން ބޭރުނުވުން، އެއީ ކަލިމަތައް ވަކިވަކިން ހުންނައިރުގަޔާއި ގެތިފައިވާ އިރުގައިވެސް މެއެވެ.
2- ކީރިތި ޤުރުއާނުގައި ޞަރީޙަކޮށް ޘާބިތުވެފައިވާ މާނައަކާ ޚިލާފުނުވުމެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ނިސްބަތްކުރެވިފައިވާ ހުރިހާ ކަމެއްވަނީ ﷲ އަށެވެ. ފޮތުގެ އަހުލުވެރީން މަގުފުރެދިގެންދިޔައީ އިސްތިންބާޠުކުރުމުގެ ތަކުލީފު އަމިއްލައަށް އުފުލުމުގެ ސަބަބުންނެވެ. އަދި މުތަޝާބިހު އާޔަތްތަކުގެ މާނަ ފުށުއެރުވުމަށްޓަކައި މުޙްކަމު އާޔަތްތައް އަމިއްލައަށް ތަޙްރީފުކޮށް ބަދަލުކުރުމުގެ ސަބަބުންނެވެ. ފޮތުގެ އަހުލުވެރިންނާ ބެހޭގޮތުން ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿وَإِنَّ مِنْهُمْ لَفَرِيقًا يَلْوُونَ أَلْسِنَتَهُم بِالْكِتَابِ لِتَحْسَبُوهُ مِنَ الْكِتَابِ وَمَا هُوَ مِنَ الْكِتَابِ وَيَقُولُونَ هُوَ مِنْ عِندِ اللَّهِ وَمَا هُوَ مِنْ عِندِ اللَّهِ وَيَقُولُونَ عَلَى اللَّهِ الْكَذِبَ وَهُمْ يَعْلَمُونَ﴾ [آل عمران: ٧٨] މާނައީ: “އެއީ، ފޮތުން ބައެއްކަމަށް ތިޔަބައިމީހުންނަށް ހީވާނޭގޮތަށް އެއުރެންގެ ދޫތަކުން އޮޅުވާލައި، ބަދަލުކޮށްލައިގެން ފޮތުން ކިޔައިދޭ ބަޔަކު އެއުރެންގެ ތެރެއިން ވާކަން ކަށަވަރެވެ. އެއީ، ފޮތުން ބައެއްކަމުގައިނުވާ ޙާލުގައެވެ. އަދި، އެއީ ﷲ ގެ ޙަޟްރަތުން ބާވައިލެއްވި އެއްޗެއްކަމުގައި އެއުރެން ބުނެތެވެ. އެއީ، ﷲ ގެ ޙަޟްރަތުން ބާވައިލެއްވި އެއްޗެއް ކަމުގައި ނުވާ ޙާލުގައެވެ. އަދި، އެއުރެން ދެނެތިބެ ﷲއާމެދު ދޮގުބަސްތައް ބުނަނީއެވެ.”

މިއާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވަނީ ﴿يَلْوُونَ أَلْسِنَتَهُم بِالْكِتَابِ﴾ މާނައީ “އެއުރެންގެ ދޫތަކުން ފޮތް އޮޅުވާލާ” ކަމަށެވެ. އެމީހުން އެކަން ކުރީ ފޮތަށެވެ. އެހެން އެއްޗަކަށް ނޫނެވެ. ﴿لِتَحْسَبُوهُ﴾ މާނައީ “ފޮތުން ބައެއްކަމަށް ތިޔަބައިމީހުންނަށް ހީވާނޭގޮތަށް” އެއީ އެމީހުން އެ ފޮތާ ކައިރިވެފައިވާލެއް ބޮޑުކަމުންނެވެ. ވީހާ ބޮޑަކަށް މަގުފުރެއްދުމަށްޓަކައެވެ.

*************************

فُصُولٌ فِي الْعَقِيْدَةِ ) الرِّسَالَةُ الشَّامِيَةُ

عبد العزيز بن مرزوق الطريفي

Blog Widget by LinkWithin

No comments:

Post a Comment