20 February 2014

ޤަޟާ ޙާޖަތްކުރާ އިރު ޤިބުލައަށް ކުރިމަތިލުމާއި ފުރަގަސްދިނުން

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު

ދެވަނަ ކަންތައް: ޤަޟާ ޙާޖަތްކުރާ އިރު ޤިބުލައަށް ކުރިމަތިލުމާއި ފުރަގަސްދިނުން

ޞަޙަރާގައި (ޤިބުލައާ ޤަޟާ ޙާޖަތްކުރާ މީހާއާ ދެމެދު) ހުރަހެއް ނެތި ޤަޟާޙާޖަތްކުރާ އިރު ޤިބުލައަށް ކުރިމަތިލައިގެން އިނދެ ނުވަތަ ޤިބުލައަށް ފުރަގަސްދީގެން އިނދެ ޤަޟާޙާޖަތްކުރުމަކީ ހުއްދަކަމެއް ނޫނެވެ. އެއީ އަބޫ އައްޔޫބުލް އަންޞާރީ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެފައިވާ މި ޙަދީޘުގެ ސަބަބުންނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވ ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

((إِذَا أَتَيْتُمُ الْغَائِطَ فَلاَ تَسْتَقْبِلُوا الْقِبْلَةَ وَلاَ تَسْتَدْبِرُوهَا وَلَكِنْ شَرِّقُوا أَوْ غَرِّبُوا ))‏‏ قَالَ أَبُو أَيُّوبَ فَقَدِمْنَا الشَّامَ فَوَجَدْنَا مَرَاحِيضَ قَدْ بُنِيَتْ نَحْوَ الْكَعْبَة فَنَنْحَرِفُ عَنْهَا وَنَسْتَغْفِرُ اللَّهَ [متفق عليه]

“ތިޔަބައިމީހުން ޤަޟާ ޙާޖަތްކުރާނަމަ ޤިބުލައަށް ކުރިމަތި ނުލާށެވެ. އަދި ޤިބުލައަށް ފުރަގަސްވެސް ނުދޭށެވެ. އެހެނެއްކަމަކު އިރުމަތީ ފަރާތަށް ނުވަތަ ހުޅަނގުފަރާތަށް ޖެހޭށެވެ.” އަބޫ އައްޔޫބުލް އަންޞާރީ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ތިމަންމެން ޝާމްކަރައަށް ދިޔައިރު އެތަނުގައި ހުރި ޤަޟާޙާޖަތްކުރާ ތަންތަން ހަދާފައިހުރީ ކަޢުބާއާ ދިމާއަށް ވާ ގޮތަށެވެ. ތިމަންމެން އެތަންތަނުން ދުރުހެލިވީމެވެ. އަދި ﷲ އަށް ފާފަފުއްސެވުން އެދި ދަންނަވައިއުޅުނީމެވެ.”

ދެންފަހެ، ޤަޟާ ޙާޖަތްކުރާ ތަން ހުރީ ބިނާއެއްގެ ތެރޭގައި ނަމަ ނުވަތަ ޤަޟާ ޙާޖަތްކުރާ މީހާއާ ޤިބުލައާ ދެމެދު ހުރަހެއް ވާނަމަ، ޤިބުލައަށް ކުރިމަތިލުމަކީ މައްސަލައެއް ނޫނެވެ. އެއީ އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެފައިވާ މި ޙަދީޘުގެ ސަބަބުންނެވެ.

”عَنْ ابنِ عُمَرَ رَضِيَ اللهُ عَنْهماَ أَنَّهُ رَأَى رَسُولَ اللهِ صَلىَّ اللهُ عَلَيْهِ وَسَلَّمَ يَبُولُ فِيْ بَيْتِهِ مُسْتَقْبِلَ الشَّامِ مُستَدْبِرَ الكَعْبَة “ [متفق عليه]

“އިބުނު ޢުމަރު ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޝާމްކަރައާވީދިމާލަށް ކުރިމަތިލައްވައިގެން ކަޢުބާއާވީ ފަރާތަށް ފުރަގަސްދެއްވައިގެން ޤަޟާޙާޖާކުރައްވަން އިންނަވަނިކޮށް އެކަލޭގެފާނު ދެކެވަޑައިގަތެވެ.”

އަދި މަރުވާނުލް އަޞްޣަރު ރަޟިޔަﷲ ޢަންހުގެ މި ޙަދީޘްގެ ސަބަބުންނެވެ. މަރުވާނު ވިދާޅުވިއެވެ.

”أَنَاخَ ابنُ عُمَرَ رَاحِلَتَهُ مُسْتَقْبِلَ الْقِبْلَةِ ثُمَّ جَلَسَ يَبُولُ إِلَيْهِ فَقُلْتُ يَا أَبَا عَبْدِ الرَّحْمَنِ أَلَيْسَ قَدْ نُهِيَ عَنْ هَذَا قَالَ بَلَى إِنَّمَا نُهِيَ عَنْ ذَلِكَ فِي الْفَضَاءِ فَإِذَا كَانَ بَيْنَكَ وَبَيْنَ الْقِبْلَةِ شَىْءٌ يَسْتُرُكَ فَلاَ بَأْسَ ‏. “‏[رواه أبو داود برقم11 والدارقطني برقم 158 والحاكم 1/154 وصححه الدارقطني والحاكم ووافقه الذهبي وحسنه الحافظ ابن حجر والحازمي والألباني - انظر الإرواء برقم 61]

“އިބްނު ޢުމަރު ރަޟިޔަﷲ ޢަންހު އެކަލޭގެފާނުގެ ސަވާރީ، ކަޢުބާއާ ދިމާއަށް ވާގޮތަށް ބޭއްވެވިއެވެ. އޭގެ ފަހުގައި އެއާ ކުރިމަތިވާގޮތަށް ކުޑަކަމުދިޔުމަށް އިށިއިނދެވަޑައިގަތެވެ. އަހުރެން ބުނީމެވެ. އޭ އަބޫ ޢަބްދުއްރަޙްމާނުއެވެ! ތިޔަގޮތަށް (އެބަހީ ކަޢުބާއާ ދިމާއަށް ވާގޮތަށް އިނދެ) ކުޑަކަމުދިޔުމަކީ ނަހީކުރެއްވިގެންވާ ކަމެއް ނޫން ހެއްޔެވެ؟ އިބްނު ޢުމަރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ނޫނެކެވެ. ނަހީކުރެއްވިގެންވަނީ ހުސްތަންތާގައި ކުރާއިރު ކަޢުބާއާ ދިމާލަށް ކުރިމަތިލުމެވެ. ތިބާއާ ޤިބުލައާ ދެމެދުގައި ފޮރުވޭނޭ ހުރަހެއް ވާނަމަ (ޤިބުލައާ ދިމާއަށް ވާގޮތަށް އިނދެ ޤަޟާޙާޖަތްކުރިޔަސް) މައްސަލައެއް ނެތެވެ.”

އެންމެ މޮޅުގޮތަކީ ބިނާތަކުގެ ތެރޭގައި ކުރާ އިރުވެސް ޤިބުލައަށް ކުރިމަތިލައިގެން ނުވަތަ ފުރަގަސްދީގެން އިނދެ ޤަޟާޙާޖަތް ނުކުރުމެވެ. والله أعلم

_____________________________________

الفقه الميسر في ضوء الكتاب والسنة

وزارة الشؤون الإسلامية والأوقاف والدعوة والإرشاد

Blog Widget by LinkWithin

No comments:

Post a Comment