16 August 2011

އީމާންކަން އިތުރުވުމާއި އުނިވުން

އަލްއަޚް އަބޫ ދުޖާނާ
އަލް އިމާމް ބުޚާރީ އެކަލޭގެފާނުގެ ފޮތުގައި "އީމާންކަން އިތުރުވުމާއި އުނިވުމުގެ ވާހަކަ ނަންގަތް ބާބު" މިސުރުޚީގެ ދަށުން ބާބު ނަންގަވައި މިސުރުޚީގެ މުހިއްމުކަން މީސްތަކުންނަށް އެންގެވިއެވެ.

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
" ...إِنَّهُمْ فِتْيَةٌ آَمَنُوا بِرَبِّهِمْ وَزِدْنَاهُمْ هُدًى"
މާނައީ: "....އެއުރެންނީ އެއުރެންގެ ވެރިރަސްކަލާނގެއަށް އީމާންވެ، އެއުރެންނަށް، ތިމަންރަސްކަލާނގެ ތެދުމަގު އިތުރުކުރައްވާފައިވާ ޒުވާން ފިރިހެނުން ތަކެކެވެ." (الكهف : 13)

އަދިވެސް ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
وَمَا جَعَلْنَا أَصْحَابَ النَّارِ إِلَّا مَلَائِكَةً وَمَا جَعَلْنَا عِدَّتَهُمْ إِلَّا فِتْنَةً لِلَّذِينَ كَفَرُوا لِيَسْتَيْقِنَ الَّذِينَ أُوتُوا الْكِتَابَ وَيَزْدَادَ الَّذِينَ آَمَنُوا إِيمَانًا وَلَا يَرْتَابَ الَّذِينَ أُوتُوا الْكِتَابَ وَالْمُؤْمِنُونَ وَلِيَقُولَ الَّذِينَ فِي قُلُوبِهِمْ مَرَضٌ وَالْكَافِرُونَ مَاذَا أَرَادَ اللَّهُ بِهَذَا مَثَلًا كَذَلِكَ يُضِلُّ اللَّهُ مَنْ يَشَاءُ وَيَهْدِي مَنْ يَشَاءُ وَمَا يَعْلَمُ جُنُودَ رَبِّكَ إِلَّا هُوَ وَمَا هِيَ إِلَّا ذِكْرَى لِلْبَشَرِ
މާނައަކީ: "އަދި ނަރަކައިގެ ބަނޑޭރިން ކަމުގައި، ތިމަންރަސްކަލާނގެ މަލާއިލަތުން މެނުވީ ނުލައްވަމެވެ. އަދި ކާފިރުވި މީހުންނަށް އިމްތިޙާނެއްކަމުގައި މެނުވީ އެ މަލާއިކަތުންގެ ޢަދަދު ނުލައްވަމެވެ. (އެއީ) ފޮތް ލިބުނު މީހުންނަށް ޔަޤީންވުމަށާއި، އަދި އީމާންވި މީހުންގެ އީމާންކަން އިތުރުވުމަށާއި، އަދި ފޮތް ލިބުނު މީހުންނާއި އީމާންވި މީހުން ޝައްކު ނުކުރުމަށްޓަކައެވެ. މި މިޘާލުން ﷲ އިރާދަކުރެއްވީ ކޮންއެއްޗެއް ބާވައެވެ؟ އެފަދައިން ﷲ އިރާދަކުރައްވާ މީހަކު މަގުފުރައްދަވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކަށް ތެދުމަގު ދައްކަވަތެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ ލަޝްކަރުގެ ޢަދަދު، އެކަލާނގެ މެނުވީ ދެނެވޮޑިގެން ނުވެތެވެ. އަދި އާދަމްގެ ދަރިންނަށް ޢިބްރަތްތެރި ހަނދާންކޮށްދިނުމެއް ކަމުގައި މެނުވީ، އެނަރަކަ ނުވެއެވެ." (المدثر : 31)

އަދިވެސް ވަޙީކުރެއްވިއެވެ.
"...الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا..."
މާނައީ: ..."މިއަދު ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަ ކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމްދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި، ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ.".(المائدة :3)

މިއާޔަތުން ދޭހަކޮށްދެނީ މިދީނުގެ ފުރިހަމަކަމުގެ ތެރެއިން އެއްވެސް އެއްޗެއް ނުވަތަ އެއްވެސް ކަމެއް ދޫކޮށްލައިފިނަމަ އީމާންކަން އުނިވެދާނެކަމެވެ. ނުވަތަ އީމާންކަން ފުރިހަމަ ނުވާނެއެވެ. އަދި މިދީނަށް އުނި އިތުރުކުރުމެއް ނުވާކަމެވެ.

އަނަސް ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ނަބީ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "އެމީހެއްގެ ހިތުގައި ހެޔޮކަމުގެ ހިމަގޮދަން (ބާރުލީ)އޮށެއްގެ މިންވަރު އޮތްޙާލު لاإله إلاالله (ﷲ ފިޔަވައި އެހެން އިލާހަކު ނުވެއެވެ) ކިޔައިފިމީހާ ނަރަކައިން ނުކުންނަ ހުއްޓެވެ. އަދި އެމީހެއްގެ ހިތުގައި ހެޔޮކަމުގެ ގޮދަން އޮށެއްގެ މިންވަރު އޮވެފައި لاإله إلاالله (ﷲ ފިޔަވައި އެހެން އިލާހަކު ނުވެއެވެ) ކިޔައިފިނަމަވެސް އެމީހަކު ނަރަކައިން ނުކުންނަހުއްޓެވެ. އަދި އެމީހެއްގެ ހިތުގައި ހެޔޮކަމުގެ ޒައްރެއް (ނުވަތަ ކުޑަ ހިންޏެއް) ގެ މިންވަރު ވިޔަސް އޮވެފައި لاإله إلاالله (ﷲ ފިޔަވައި އެހެން އިލާހަކު ނުވެއެވެ) ކިޔައިފިނަމަ، އެމީހަކު ނަރަކައިން ނުކުންނަހުއްޓެވެ." އެހެން ރިވާޔަތެއްގައި "ހެޔޮކަމެއްގެ މިންވަރު" މިތަންކޮޅުގެ ބަދަލުގައި އޮތީ "އީމާންކަމުގެ މިންވަރެވެ." (ބުޚާރީ)

ޢުމަރު ބުނު ޚައްޠާބު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ޔަހޫދީންގެ މީހަކު (އެމީހަކީ كَعْبُ الْأَحْبَارއެވެ.) އެކަލޭގެފާނަށް (ޢުމަރުގެފާނަށް) ދެންނެވިއެވެ. "އޭ މުއުމިނުތަކުންގެ އަމީރެވެ! ތިޔަބޭކަލުންގެ ފޮތުގައި، ތިޔަބޭކަލުން ކިޔަވައި އުޅޭ އާޔަތެއް ވެއެވެ. އެއާޔަތް އަޅުގަނޑުމެން ޔަހޫދީންގެ ޖަމާޢަތުގެ މައްޗަށް ބާވައިލެއްވުނުނަމަ، އެދުވަހަކީ ޢީދެއްކަމުގައި އަޅުގަނޑުމެން ހެދީމުހެވެ." އެކަލޭގެފާނު (ޢުމަރުގެފާނު) ވިދާޅުވިއެވެ. "(އެއީ) ކޮން އާޔަތެއް ހެއްޔެވެ؟" އޭނާ ދެންނެވިއެވެ. (އެއީމިއާޔަތެވެ.) "މިއަދު ތިމަން ﷲ ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ދީން ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަން ﷲ ތިޔަބައިމީހުންގެ މައްޗަށް ތިމަން ﷲގެ ނިޢުމަތް ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަން ﷲ ތިޔަބައިމީހުންނަށް އިސްލާމް އެއީ ދީނެއްކަމުގައި ރުއްސަވައިފީމެވެ." (المائدة : 3)

(އޭނާގެ ވާހަކައާއި ބެހޭގޮތުން) ޢުމަރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. "ހަމަކަށަވަރުން އެއީ ކޮންދުވަހެއް ކަމާއި، ނަބީ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް އެއާޔަތް ބާވައިލެއްވުނު ތަން އަހުރެމެން ދަންނަމުއެވެ. އެއީ ހުކުރު ދުވަހެކެވެ. (އެއާޔަތް) ބާވައިލެއްވުނު އިރު ނަބީ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހުއްޓިވަޑައިގެން ހުންނެވީ ޢަރަފާތުގައެވެ." (ބުޙާރީ)
________________________________
މަޞްދަރު: އަލް އިމާމް ބުޚާރީ އެކަލޭގެފާނުގެ ފޮތުގައި "އީމާންކަން އިތުރުވުމާއި އުނިވުމުގެ ވާހަކަ ނަންގަތް ބާބު".
______________________________________________
މިލިޔުން ނަގާފައިވަނީ ދީން.އިިންފޮރ.ކޮމް އިން ނެވެ.

Blog Widget by LinkWithin

No comments:

Post a Comment