22 September 2012

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްތައް ރިވާކުރެއްވުމަށް އަންހެން ޞަޙާބީން ދެއްވި އަހަންމިއްޔަތު

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދުލްޣަފޫރު

الْحَمْدُ للهِ وَكَفَى، وَالصَّلاَةُ وَالسَّلاَمُ عَلَى خَيْرِ خَلْقِهِ الْمُصْطَفَى وَعَلَى آلِهِ وَصَحْبِهِ أَهْلِ الصِّدْقِ وَالْوَفَاءِ. އަންހެން ޞަޙާބީންގެ ތެރެއިން ޖަމާޢަތެއްގެ ބޭކަނބަލުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން އެކަލޭގެފާނުގެ ޙަދީޘްތައް ރިވާކުރައްވާފައިވެއެވެ. އިމާމު އަޙްމަދު ލިޔުއްވި މުސްނަދުގައި އެކަނިވެސް ސަތޭކަ ފަނަރަ އަންހެން ޞަޙާބީންގެ ކިބައިން ރިވާކުރައްވާފައިވާ ޙަދީޘްތައް ލިޔުއްވާފައިވެއެވެ.

އެކަނބަލުންގެ ތެރެއިން ޙަދީޘް ރިވާކުރެއްވުމުގެ އެންމެ ކުރީގައި ހުންނެވީ އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާއެވެ. އެކަމަނާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން 2200 ޙަދީޘް ރިވާކުރައްވާފައިވެއެވެ. ބުޚާރީއާއި މުސްލިމްގައި އެކަނިވެސް އެކަމަނާ ރިވާކުރައްވާފައިވާ ޙަދީޘްތަކުގެ ޢަދަދު 293 އަށް އަރައެވެ. (ބައްލަވާ مالا يسع المحدث جهله للميانشي ) އޭގެ ފަހަތުގައި އުންމު ސަލަމާ ރަޟިޔަﷲ ޢަންހާ އާއި އުންމު ޙަބީބާ ރަޟިޔަﷲ ޢަންހާ އާއި އުންމުއް ދަރްދާއު ރަޟިޔަﷲ ޢަންހާ އާއި އަދި މިނޫންވެސް އެހެނިހެން ޞަޙާބިއްޔާތުން ފާހަގަކޮށްލެވެއެވެ. ކުތުބުއްސިއްތާގައި އަންހެން ޞަޙާބީންގެ ކިބައިން ރިވާވެގެންވާ ޙަދީޘްތަކުގެ ޖުމްލަ ޢަދަދަކީ (2764) ދެހާސް ހަތްސަތޭކަ ފަސްދޮޅަސް ހަތަރެކެވެ. (ބައްލަވާ دور المرأة في خدمة الحديث النبوي في القرون الثلاثة الأولى ص 146 ، 147 – الدكتورة آمال قرداش) وصلى الله وسلم على نبينا محمد ، وعلى آله وصحبه وسلم .

Read more...

12 September 2012

ވަގުތު ފާއިތުވުމުގެ ކުރިން

އަލްއަޚް މުޙައްމަދު ޝަމްޢޫން
الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. نبينا وحبيبنا وقدوتنا محمد وعلى آله وأصحابه ومن تبعهم بإحسان إلى يوم الدين. أما بعد.
ﷲ ތަޢާލާގެ ފޮތަށް ބަލައިފިމީހަކަށް އެއިލާހު ވަގުތުތައް ގަންދެއްވަވައި ހުވާ ވަޙީ ކުރައްވަވާފައިވާތަން ފެންނާނެއެވެ.ފަތިސްވަގުތު ގަންދެއްވަވައި އެއިލާހު ވަޙީކުރައްވަވާފައިވެއެވެ. وَالْفَجْرِ ޟުޙާވަގުތު ގަންދެއްވަވައި އެއިލާހު ވަޙީ ކުރައްވަވާފައިވެއެވެ. وَالضُّحَى މެންދުރުވަގުތު ގަންދެއްވަވައި އެ އިލާހު ވަޙީ ކުރައްވަވާފައިވެއެވެ. وَالنَّهَارِ إِذَا تَجَلَّىހަވީރު ވަގުތު ގަންދެއްވަވައި އެއިލާހު ވަޙީ ކުރައްވަވާފައިވެއެވެ. وَالْعَصْرِ އަދި ރޭގަނޑުގެ ވަގުތު ގަންދެއްވަވައި އެއިލާހު ވަޙީ ކުރައްވަވާފައިވެއެވެ. وَاللَّيْلِ إِذَا يَغْشَى މިއިން ދޭހަވަނީ ކޮން އެއްޗެއްތޯއެވެ؟ އިސްލާމްދީނުގައި ވަގުތަށް ދެވިފައިވާ އަހަންމިއްޔަތުކަމެވެ. ވަގުތަށް ދެވިފައިވާ ޤަދަރެވެ. އެހެނީ ﷲ ތަޢާލާ އެއްޗެއް ގަންދެއްވަވާނީ އެ އިލާހުގެ ޙަޟްރަތުގައި އެއަށް ދެވިފައިވާ ޤަދަރެއްގެ މަތިވެރިކަން ބަޔާންކޮށް ދެއްވެވުމަށްޓަކައެވެ.

އާދެ ! ވަގުތަކީ ވަރަށް އަގުހުރި އެއްޗެކެވެ. އެއީ އިންސާނާގެ ރައުސުލްމާލެވެ. އޭނާގެ ޙަޔާތެވެ. މިދުނިޔޭގައި އޭނާ ވޭތުކުރާ ކޮންމެ ވަގުތުކޮޅަކީ އޭނާގެ ޙަޔާތުން މަދުވެގެންދާ ވަގުތުކޮޅެކެވެ. އަޖަލާ ގާތްކުރާ ވަގުތުކޮޅެކެވެ. އަލް އިމާމް ޙަސަނުލްބަޞަރީ ރަޙިމަހުﷲ ގެ ބަސްފުޅެއްގައި އައިސްފައިވެއެވެ. يا ابن آدم أنت أيام، كلما ذهب يوم منها ذهب بعضك، ويوشك إذا ذهب بعضك أن يذهب كلك وأنت لا تعلم، فاعمل، فاليوم عمل ولا حساب، وغدا حساب ولا عمل " އޭ އާދަމުގެ ދަރިޔާއެވެ. ތިބާއަކީ ދުވަސްތަކެކެވެ. ފާއިތުވެގެންދާ ކޮންމެ ދުވަހަކީ ތިބާގެ ޢުމުރުން މަދުވެގެންދާ ދުވަހެކެވެ. އަދި ތިބާ ޣާފިލުކަމުގެ ނިދިން ނިދާފައި އޮއްވާ، ދުވަސްތައް މަދުވަމުން މަދުވަމުންގޮސް، ތިބާގެ ނިމުން އައިސް ތިބާއާ ބައްދަލުކޮށްފާނެތެވެ. އެހެންވީމާ (ޣާފިލުކަމުގެ ނިދިން ހޭލައި) ހެޔޮ ޢަމަލުކުރާށެވެ. އެހެނީ މިއަދު(ދުނިޔޭގައި) އޮތީ ޢަމަލެވެ. ޙިސާބެއް ނެތެވެ. އަދި މާދަމާ (އާޚިރަތުގައި) އޮތީ ޙިސާބެވެ. ޢަމަލެއް ނެތެވެ." ނަމަވެސް މިކަމާ މެދު ވިސްނާ ފިކުރު ކުރަނީ ކޮންބައެއްތޯއެވެ؟ މިއިން ޢިބްރަތް ޙާޞިލުކުރަނީ ފަހެ ކޮންބައެއްތޯއެވެ؟

މީސްތަކުން މިވަނީ ދުނިޔޭގެ ކެހިވެރިމަޅިތަކުގައި ޖެހިފައެވެ. ޝައިޠާނާގެ ވަސްވާހަށް ތަބާވެފައެވެ. ޝަހުވަތުގެ ކަނޑަށް ޣަރަޤު ވެފައެވެ. ކުޅިވަރާއި މަޖަލަށް ގެއްލިފައެވެ. އެބައިމީހުންދަނީ އުފާ ފާޅުކުރަމުންނެވެ. އުފަންދުވަހުގެ ޕާރޓީތައް ބާއްވަމުންނެވެ. ކައިވެންޏާއި އެހެނިހެން ކަންތަކަށް އަހަރުފުރުމުގެ މުނާސަބަތުތައް ފާހަގަކުރަމުންނެވެ. އެއީ އެބައިމީހުންގެ ޢުމުރުން މަދުވާ ދުވަސްތަކެއްކަން އެބައިމީހުންނަކަށް އިޙްސާސެއްނުކުރެވެއެވެ. އެބައިމީހުންނަށް ވަގުތުގެ އަގު ވަޒަނެއްނުކުރެވެއެވެ. عن ابن عباس رضي الله عنهما قال: قال رسول الله: نعمتان مغبون فيهما كثير من الناس: الصحة والفراغ އިބްނު އައްބާސް ރަޟިޔަﷲ ޢަންހުމާ ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅުކުރެއްވެވިއެވެ. " ގިނަ ބަޔަކަށް އޭގެ އަގު ވަޒަންނުކުރެވޭ (އެއަށް ފަރުވާކުޑަކޮށްފައިވާ) ދެ ނިޢުމަތެއްވެއެވެ. އެއީ ޞިއްޙަތާއި ހުސްވަގުތެވެ."

އާދެ! މަދުބަޔަކަށް މެނުވީ، ނިޢުމަތްތަކުގެ އަގު ވަޒަންކުރެވެނީ އެ ނިޢުމަތްތަކުން މަޙުރޫމުވުމުންނެވެ. ލޮލުގެ ނިޢުމަތުގެ އަގު ވަޒަންކުރެވެނީ ލޯ ފަންވީމައެވެ. ސިއްޙަތުގެ ނިޢުމަތުގެ އަގު ވަޒަންކުރެވެނީ ބަލިވީމައެވެ. އަދި ވަގުތުގެ ނިޢުމަތުގެ އަގުވަޒަން ކުރެވެނީ އެ ނިޢުމަތުން މަޙުރޫމުވުމުންނެވެ. އާދެ، މަރުވުމުންނެވެ. ޤަބުރުތަކުގެ އަހުލުވެރިންގެ ހަޅޭކުގެ އަޑު އިވޭނަމަ، މިކަން އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެގުނީހެވެ. ދުނިޔޭގައި ބޭކާރުގޮތުގައި ނަގާލި ވަގުތުތަކާމެދު އެބައިމީހުންދަނީ ހިތާމަ ކުރަމުންނެވެ. އަދިއެއްފަހަރު އެވަގުތު ލިބޭނޭނަމަ ކިހާ ރަނގަޅުހޭ ބުނަމުންނެވެ. رَبَّنَا أَخْرِجْنَا نَعْمَلْ صَالِحًا غَيْرَ الَّذِي كُنَّا نَعْمَلُ " އޭ އަޅަމެން ހައްދަވައިގެންގުޅުއްވަވާ އިލާހެވެ. އަޅަމެން ކުރަމުންގެންދިޔަ (ނުބައި)ޢަމަލުތަކާއި ޚިލާފަށް ޞާލިހު ޢަމަލުކުރުމަށްޓަކައި، އަޅަމެން (ނަރަކައިން)ނެރުއްވަވާފާނދޭވެ. (އަދިއެއްފަހަރު ދުނިޔެއަށް ފޮނުއްވަވާފާނދޭވެ.)"

ނިޢުމަތްތަކުގެ އަގު ވަޒަންކުރެއްވެވި ބޭކަލުން، އެބޭކަލުންގެ ވަގުތުން އެންމެ ސިކުންތެއްވެސް ބޭކާރު ގޮތުގައި ހޭދަވެގެންދިޔަނުދެއްވެވުމަށް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވެވިއެވެ. އަލް އިމާމް ޙަސަނުލްބަޞަރީ ރަޙިމަހުﷲ ވިދާޅުވިއެވެ. لقد أدركت أقواماً كانوا على أوقاتهم أشد حرصاً منكم على أموالكم " ތިޔަބައިމީހުން މުދަލަށް ރައްކާތެރިވާވަރަށްވުރެ ބޮޑަށް އެބައިމީހުންގެ ވަގުތުތަކަށް ރައްކާތެރިވެލައްވާ ބޭކަލުންތަކަކާ ތިމަންކަލޭގެފާނަށް ބައްދަލުވިއެވެ." އެބޭކަލުންގެ ވަގުތުތައް އެބޭކަލުން ހޭދަކުރެއްވެވީ ޢިލްމު އުނގެނިވަޑައިގަތުމުގައެވެ. ނުވަތަ ޢިލްމު އުގަންނަވައި ދެއްވެވުމުގައެވެ. ނުވަތަ އަޅުކަންކުރެއްވެވުމުގައެވެ. ޚަޠީބުލްބަޣްދާދީ ރަޙިމަހުﷲ އަށް ބައްލަވާށެވެ. އެކަލޭގެފާނު މަގުމަތިން ހިންގަވާ ވަޑައިގަންނަވާއިރުވެސް ވަޑައިގަންނަވަނީ ފޮތެއް މުޠާލަޢާ ކުރައްވަވަމުންނެވެ. އަދި އިބްނުރަޖަބް އަލްހަންބަލީ ރަޙިމަހުﷲ އަށް ބައްލަވާށެވެ. އެކަލޭގެފާނު އަވަހާރަވުމަށްފަހު އެކަލޭގޭފާނު ލިޔުއްވަވާފައިވާ ފޮތްތައް އެކަލޭގެފާނުގެ މުޅި ޢުމުރަށް ބަހާލެވުނު އިރު ކޮންމެ ދުވަހަކަށް ނުވަފޮތް ވެއެވެ. އަދި ޖަޢުފަރު ބިން ޢަލީ ރަޙިމަހުﷲ އަށް ބައްލަވާށެވެ. އިމާމް މާލިކު ރަޙިމަހުﷲ ވިދާޅުވިއެވެ. ( ما دخلت على جعفر بن علي إلا وجدته على إحدى ثلاث: إما قائماً يصلي، أو جالساً يقرأ القرآن، أو جالساً يذكر الله) " ޖަޢުފަރުބިން ޢަލީ ރަޙިމަހުﷲ، ނަމާދު ކުރައްވަވަން ނުވަތަ ޤުރުއާން ކިޔަވާ ވިދާޅުވާން ނުވަތަ ޒިކުރުކުރައްވަަވަން ނުހުންނަވާ ވަގުތެއްގައި ތިމަންކަލޭގެފާނަށް، އެކަލޭގެފާނުގެ އަރިހަށް ނުދެވެއެވެ."

އެއިންބޭކަލެއްގެ ވަގުތުން އެންމެ ހިނދުކޮޅެއްވެސް ފައިދާއެއްނެތް ގޮތުގައި ހޭދަ ކުރެވިއްޖެއްޔާ، އެބޭކަލުން އެކަމާއި ރޮއެ ހިތާމަ ކުރައްވަވައެވެ. އިބްނު މަސްޢޫދު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. (ما ندمت على شيء ندمي على يوم غربت شمسه، نقص فيه أجلي ولم يزد فيه عملي). " ތިމަންކަލޭގެފާނުގެ (ހެޔޮ) ޢަމަލު އިތުރުނުވެ، ޢުމުރުން ފާއިތުވާ ދުވަހެއްގެ މައްޗަށް ތިމަންކަލޭގެފާނު ހިތާމަ ކުރައްވާ ވަރަށް، އެއްވެސް ކަމަކާ ތިމަންކަލޭގެފާނު ހިތާމަ ނުކުރައްވަމެވެ."

އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މި ކަންތައްތަކުން ޢިބްރަތްލިބިގަނެ، ވަގުތުގެބޭނުން ހެޔޮގޮތުގައި ހިއްޕަވާށެވެ. ގެއްލިއްޖެ ވަގުތެއް އަނބުރާ ނުލިބޭނެއެެވެ. އަލް އިމާމް ޙަސަނުލްބަޞަރީ ރަޙިމަހުﷲ ގެ ބަސްފުޅެއްގައި އައިސްފައިވެއެވެ. "ما من يوم ينشق فجره إلا وينادى: (يا ابن أدم أنا يوم جديد وعلى عملك شهيد فاغتنمني وتزود مني، فأنا لا أعود إلى يوم القيامة " ހާލުގެ ދުލުން، ' އޭ އާދަމުގެ ދަރިޔާއެވެ. އަހަންނަކީ އާ ދުވަހަކީމެވެ. އަދި ތިބާގެ ޢަމަލުގެ މައްޗަށްވާ ހެކިވެރިޔަކީމެވެ. އަހަރެންގެ ބޭނުން ހެޔޮގޮތުގައި ހިފައި (އާޚިރަތަށްޓަކައި) ކޮއްތު އިތުރުކުރާށެވެ. ފަހެ ޤިޔާމަތާއި ޖެހެންދެން އަހަރެން ދެން އެނބުރި ނާންނާނަމެވެ.' ނުބުނާ ދުވަހަކަށް ފަޖުރު ނުލައެވެ." އެހެންކަމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ވަނީ ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އުއްމަތަށް ނަޞޭޙަތްދެއްވަވާ ވަޞިއްޔަތް ކުރައްވަވާފައެވެ. އެއީ ޢުމުރުގެ އެންމެ ފަހު ސިކުންތުކޮޅުކަމުގައި ވިއަސްމެއެވެ. އެކަލޭގެފާނުގެ ޙަދީޘްފުޅެއްގައި އައިސްފައިވެއެވެ. ( إن قامت الساعة وبيد أحدكم فسيلة، فإن استطاع ألا تقوم حتى يغرسها فليفعل ). " ތިޔަބައިމީހުންގެ ތެރެއިން މީހެއްގެ އަތުގައި ކުޑަ ކަދުރު ރުކެއް އޮއްވާ ޤިޔާމަތުގެ ވަގުތު ޖެހުނަސް، އޭނާއަށް ކުޅަދާނަކަން ލިބިގެންވާނަމަ އެ އިންދާފައި ނޫނީ ނުތެދުވާށެވެ."

އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ދާއިމީ ދުނިޔެ ބާއްޖަވެރި ކުރުމަށްޓަކައި، މި ފަނާވަނިވި ދުނިޔޭގައި ލިބިފައިމިވާ ކުޑަ ވަގުތުކޮޅުގެ ބޭނުން އޭގެ އެންމެ ފުރިހަމަގޮތުގައި ހިއްޕަވާށެވެ. كُلُوا وَاشْرَبُوا هَنِيئًا بِمَا أَسْلَفْتُمْ فِي الْأَيَّامِ الْخَالِيَةِ " ދުނިޔޭގައި ތިޔަބައިމީހުން ހޭދަކުރި ދުވަސްތަކުގައި ތިޔަބައިމީހުން ކުރި ހެޔޮ ޢަމަލުތަކުގެ ޖަޒާއެއްގެ ގޮތުން އަރާމުގައި ކައިބޮއި އުޅޭށެވެ." މިފަދައިން ބުނެވޭ މީހުންގެ ތެރެއިން ވުމަށް މަސައްކަތް ކުރައްވަވާށެވެ. އެންމެ ސިކުންތެއްވެސް ފައިދާއެއްނެތް ގޮތުގައި ހޭދަނުކުރައްވަވާށެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅެއްގައި އައިސްފައިވެއެވެ. (ليس يتحسر أهل الجنة على شيء إلا على ساعةٍ مرت بهم لم يذكروا الله عز وجل فيها ) " ﷲ ގެ މަތިން ހަނދުމަނުކޮށް، ދުނިޔޭގައި ހޭދަކުރެވުނު ވަގުތުކޮޅުފިޔަވައި އެހެން އެއްވެސް ކަމަކާއި، ސުވަރުގޭގެ އަހުލުވެރިން ހިތާމަ ނުކުރާނެއެވެ."

އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ދުނިޔޭގައި، ﷲ ގެ އަމުރުފުޅުތަކާއި ޚިލާފުވެ، ފަނާވަނިވި ދުނިޔެއަށްޓަކާ އާޚިރަތް ވިއްކާލި މީހުން ދާންއޮތް ތަނަކީ ނަރަކައެވެ. އެހިނދު، ހެޔޮޢަމަލުކުރުމަށް ވަޢުދުވެ، އަދި އެއްފަހަރު ދުނިޔެއަށް ފޮނުއްވަވައި ދެއްވެވުން އެދި އެބައިމީހުން ރޯނެއެވެ. ދެންފަހެ ﷲ ތަޢާލާ އެބައިމީހުންނަށް ޖަވާބުގައި ވަޙީކުރައްވާނެތެވެ. أَوَلَمْ نُعَمِّرْكُم مَّا يَتَذَكَّرُ فِيهِ مَن تَذَكَّرَ وَجَاءكُمُ النَّذِيرُ فَذُوقُوا فَمَا لِلظَّالِمِينَ مِن نَّصِيرٍ "ހަނދުމަކުރާނޭ މީހަކު ހަނދުމަކުރާހާ ދުވަހު ތިމަންއިލާހު ތިޔަބައިމިހުންގެ ޢުމުރު ނުދަންމަވަންތޯއެވެ؟ އަދި އިންޒާރުކުރައްވަވާނޭ ބޭކަލަކު ތިޔަބައިމީހުންގެ ގާތަށް ވަޑައިގަތެވެ. ފަހެ ތިޔަބައިމީހުން ޢަޒާބުގެ ރަހަލިބިގަންނާށެވެ. އަނިޔާވެރިންނަށް ނަޞުރުދެއްވަވާނޭ ފަރާތެއްނުވެއެވެ."

އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ސާޅީސް ނުވަތަ ފަންސާސް އަހަރުވަންދެން ދުނިޔޭގައި ހުންނަވާނޭކަމަށް އުއްމީދުނުކުރައްވަވާށެވެ.މިޖުމްލަ ކިޔާ ނުނިމެނީސްވެސް މަރާއި ބައްދަލުކުރަންޖެހިދާނެކަމަށް ވިސްނަވާށެވެ. މަޝްހޫރު ޅެންވެރިޔާ އަޙުމަދު ޝައުޤީ ވިދާޅުވެފައިވެއެވެ.

دقات قلب المرء قائلة له *** إن الحياة دقائق وثواني
ހިތުގެ ވިންދު އިންސާނާކައިރީ ބުނަމުންދެއެވެ. ހަމަކަށަވަރުން ޙަޔާތަކީ މިނެޓްތަކަކާއި ސިކުންތުތަކެކެވެ.

ހެދުނުވެއްޖެއްޔާ ހަވީރު ވަންދެން ދުނިޔޭގައި ހުންނަވާނޭކަމަށް އުއްމީދުނުކުރައްވަވާށެވެ. އަދި ހަވީރުވެއްޖެއްޔާ ހެދުނު ވަންދެން ދުނިޔޭގައި ހުންނަވާނޭކަމަށްވެސް އުއްމީދުނުކުރައްވަވާށެވެ. ހެޔޮ ޢަމަލުތައް، ފަހުންކުރުމަށް ލަސްނުކުރައްވަވާށެވެ. އޭ ލޮބުވެތި އުޚްތުންނޭވޭ! ޙައްޖުދުވަހު ނުވަތަ އަހަރުފެށޭ ދުވަހު ބުރުޤާ އެޅުއްވުމަށް ނުތިއްބަވާށެވެ. އެދުވަސް ޖެހުމުގެ ކުރިން މަރު އައިސް ބައްދަލުކޮށްފިއްޔާ ދެން ކުރާނެ ހަމަ އެއްކަމެއްވެސް ނޯންނާނެއެވެ. އަލްއިމާމް ޙަސަނުލްބަޞަރީ ރަޙިމަހުﷲ ވިދާޅުވިއެވެ. (إياك والتسويف فإنك في يومك ولست بغدك) " ' ސައުފަ ' (ފަހުންކުރާނަން ނުވަތަ ކުރާނަން)، މި ބަހުން ހުށިޔާރުވެ ރައްކާތެރިވާށެވެ. ފަހެ ހަމަކަށަވަރުން ތިބާ ތިހިރީ މިއަދުގައެވެ. މާދަމާއެއްގަނޫނެވެ." އަދި ސަލަފުންގެ އެހެންބޭކަލެއްގެ ކިބައިން ރިވާވެގެން އައިސްފައިވެއެވެ. (احذروا سوف فإنها من جنود إبليس) " ' ސައުފަ ' (ފަހުންކުރާނަން ނުވަތަ ކުރާނަން)، މި ބަހުން ހުށިޔާރުވެ ރައްކާތެރިވާށެވެ. ފަހެ ހަމަކަށަވަރުން އެއީ ޝައިޠާނާގެ ލަޝްކަރުގެ މީހެކެވެ."
تزود من التقوى فإنك لا تدري *** إذا جنّ ليل هل تعيش إلى الفجر
ތަޤުވާވެރިކާމާއި ހެޔޮޢަމަލު އިތުރުކުރާށެވެ. ރޭގަނޑުވެއްޖެއްޔާ ފަތިސްވަންދެން ދިރިހުންނާނޭކަމެއް ނޭނގެއެވެ.

Read more...

09 September 2012

އިސްލާމްދީނުގައި އަންހެނުން ޢިލްމު އުނގެނުމުގެ މުހިއްމުކަން

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދުލްޣަފޫރު
ކީރިތި ޤުރުއާނުގައި އެންމެ ފުރަތަމަ ވަޙީބާވާލެއްވިފައިވަނީ އުނގެނުމާ ބެހޭގޮތުންނެވެ. އެއީ އަލްޢަލަޤް ސޫރަތުގެ ފުރަތަމަ އާޔަތެވެ.”اقْرَأْ “ކިޔަވާ ވިދާޅުވާށެވެ. މި ޚިޠާބުގައި އަންހެނުންނާއި ފިރިހެނުންވެސް ޝާމިލުވެއެވެ. އެހެންކަމުން ޢިލްމު އުނގެނުމަށް އިސްލާމްދީނުގައި ވަކި ޖިންސެއް ޚާއްޞަވެފައެއް ނުވެއެވެ.

އިސްލާމްދީންވަނީ އަންހެނާއަށްވެސް ޢިލްމު އުނގެނުން ފަރްޟުކުރައްވާފައެވެ. މިފަރްޟުގެ ތެރޭގައި އީމާންކަމުގެ ރުކުންތަކާއި ތައުޙީދު މަޢުރިފާކޮށް ދެނެގަތުމާއި ބިދުޢަތަކާއި ޚުރާފާތްތައް ވަކިކޮށް ދެނެގަތުމާއި ޝަރުޢީ ފަރްޟުތަކާއި ދީނީ ވާޖިބުތައް އަދާކުރާނޭގޮތް ދަސްކުރުން ހިމެނެއެވެ. އަދި ފިރިމީހާއާއި ދަރީންގެ ކަންތައްތަކާއި ޢާއިލާގެ ކަންތައްތައް ދީނީ ގިއުގަނޑުގެތޭގައި ކުރާނޭގޮތާއި އަނބިމީހާ އޭނާގެ ހިތް ޙަސަދަވެރިކަމާއި ޣީބަބުނުމާއި ދެބައޮޑުވުމާއި ނެތިމޮށުންފަދަ ބަލިތަކާއި އާފާތްތަކުން ސަލާމަތްކުރާނޭ ގޮތާއި، އޭނާގެ ނަފްސު އިޞްލާޙްކުރާނޭގޮތާއި، އިންސާނުންގެ ތެރެއިންނާއި ޖިންނީންގެ ތެރެއިންވާ ޝައިޠާނުންގެ ކިބައިން އޭނާ ރައްކާތެރިވާނޭ ގޮތާއި އަދި ހަމަ އެހެންމެ ޒީނަތްތެރިވުމުގެ ޙުކުމްތަކާއި ޢައުރަ ނިވާކުރުމުގެ ޙުކުމްތަކާއި ޝަރުޢީ ޙިޖާބުގެ ޝަރުޠުތަކާއި ބެލުމާއި މަސްހުނިވުމާއި އެކަހެރިވުމުގެ ޙުކުމްތައް އޭނާ ދަސްކުރަންޖެހެއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި ދިރުއުޅުއްވި އަންހެން ޞަޙާބީން ދީނުގެ ޢިލްމު އުނގެނުމަށް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވިއެވެ.

عَنْ أبي سَـعِيْد رَضِيَ اللَّـهُ عَنْـهُ قَالَ: جَـاءَتِ امْـرأةٌ إلى اَلرسُولِ صَلىَّ اللهُ عَلَيْهِ وَسَلَّمَ فَقَالَتْ : يَا رَسُولَ اللهِ، ذَهَبَ الرِّجَالُ بحَدِيثِكَ ، فَاجْعَلْ لَنَا مِنْ نفْسِكَ يَوْماً نَأتِيكَ فِيهِ، تُعَلِّمُنَا مِمَّا عَلَّمَكَ اللهُ ، فَقَالَ :اجْتَمِعْنَ فِي يَوْم كَذَا وَكَذَا، فِي مَكَانِ كَذَا وَكَذَا. فَاجْتَمَعْنَ، فَأَتاَهُنَّ رَسُولُ اللهِ صَلىَّ الله عَليْهِ وَسَلَّمَ، فَعَلَّمَهُنَّ مِمَّا عَلَّمَهُ الله، ثُمَّ قَالَ : مَا مِنْكُنَّ امْرَأَةٌ تُقَدِّمُ بَيْن يَدَيْهَا مِنْ وَلَدِهَا ثَلاَثَةً إِلاَّ كاَنُوا لهَا حِجَاباً مِنَ النَارِ. فَقَالَتِ امْرَأَةٌ مِنْهُنَّ : يَا رَسُولَ اَللهِ، وَاثْنَيْنِ؟ قَالَ: فَأَعَادَتْهَا مَرَّتَيْنِ ثُمَّ قَالَ: وَاثْنَيْنِ وَاثْنَيْنِ واثْنَيْنِ. صحيح البخاري

އަބޫސަޢީދު ރަޟިޔަﷲ ޢަންހު ވިދާޅުވިކަމުގައި ރިވާވެގެންވެއެވެ. “ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް އަންހެނެއް އައިސް ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ! ކަލޭގެފާނުގެ ޙަދީޘްތައް އަޑުއެހުމުގައި ފިރިހެނުން ކުރިއަރައި ހިނގައްޖެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ކަލޭގެފާނަށް އުނގަންނަވާ ދެއްވާފައިވާ ތަކެތި ތިމަންމެންނަށް އުނގަންނަވައިދެއްވުމަށްޓަކައި، ކަލޭގެފާނުގެ އަރިހަށް ތިމަންމެން އަންނާނޭ ދުވަހެއް ހަމަޖައްސަވައިދެއްވާށެވެ! ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “މިވެނި އެވެނި ދުވަހެއްގައި ތިޔަކަނބަލުން ޖަމާވާށެވެ. އެވެނި މިވެނި ތަނެއްގައެވެ.” ދެން އެބޭކަނބަލުން ޖަމާވިއެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ﷲ ސުބްޙާނަހޫ ވަތަޢާލާ އެކަލޭގެފާނަށް އުނގަންނަވާދެއްވާފައިވާ ތަކެތީން އެބޭކަނބަލުންނަށް އުނގަންނަވައިދެއްވިއެވެ. އޭގެފަހުގައި ޙަދީޘްކުރެއްވިއެވެ. (ޅަފަތުގައި) އެމީހެއްގެ ތިންކުދިން މަރުވެ، އެކަނބުލޭގެއާ ނަރަކައާ ދެމެދު ހުރަހެއްކަމުގައި އެކުދިން ނުވާ އެއްވެސް ކަނބަލެއް ތިޔަކަނބަލުންގެ ތެރެއިންނުވެއެވެ.” އޭގެތެރެއިން އަންހެނަކު ދެންނެވިއެވެ. “އޭ ﷲގެ ރަސޫލާއެވެ” “ދެކުދިންވެސް ތޯއެވެ؟” އަބޫ ސަޢީދު ރަޟިޔަﷲ ޢަންހުވިދާޅުވިއެވެ. އެކަނބުލޭގެ މި ސުވާލު 2 ފަހަރު ތަކުރާރު ކުރެއްވުމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ދެކުދިންވެސް” “ދެކުދިންވެސް” “ދެކުދިންވެސް” (މެއެވެ)

މި ޙަދީޘުން ދަލީލުކޮށްދޭގޮތުގައި އަންހެން ކަނބަލުންނަށް އިސްލާމްދީން އުނގަންނަވައި ދެއްވުމަށްޓަކައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަނބަލުންނަށް ޚާއްޞަކުރައްވައިގެން ވަކި ދުވަހަކާއި ތަނެއް ހަމަޖެއްސެވިއެވެ. އަދި އުނގަންނަވައިދެއްވިއެވެ.

އެއްމަޖިލީހަކަށް އަންހެނުންނާއި ފިރިހެނުން އެއްކޮށްގެން ފިތުނައަށް މަގުފަހިވާގޮތަށް، ދީނީ ތަޢުލީމު އުނގެނުމުގައިވެސް ޢަމަލުކޮށްގެން ނުވާނެކަމާއި، ތަޢުލީމު އުނގަންނައިދިނުމުގައި 2 ޖިންސު ވަކިކުރަންޖެހޭނެކަން، ވަކިދުވަހަކާއި ވަކިތަނަކާއި ވަކިވަގުތެއް އެކަނބަލުންނަށް ޚާއްޞަކުރެއްވުމުން ދޭހަވެއެވެ. އެކަނބަލުންނަށް ވަކި ދުވަހަކާއި ވަކި ތަނެއް އަދި ވަކި ވަޤުތެއް ޚާއްޞަކުރުމުން ދެޖިންސު ތަޢުލީމުގެ ކަންތައްތަކުގައި ވަކިކުރުމަށް ބާރުލިބެއެވެ. އަދި ކިއެއްތަ ދީނީ ޢިލްމުކިޔެވުން މިމަގަށް ހުރި އިރު ދުނިޔަވީ ޢިލްމުތަކާއި އެހެނިހެން ފަންނުތަކުގެ ޢިލްމުތައް ކިޔަވާއިރު މިކަން މިގޮތަށް ކުރުން މާބޮޑަށް އައުލާވެގެންވެއެވެ. އެހެނީ ލަދުވެތިކަމާއި މަޑުމޮޅިކަން ވަނީ ދީނީ މަޖިލީސްތަކުގައެވެ.

އިސްލާމީ ތާރީޚަށް ނަޒަރު ހިންގާލާއިރު، އެތައްބައިވަރު އަންހެން ޢިލްމުވެރިން އިސްލާމީ ތާރީޚު ދެކެފައިވެއެވެ. ޙަދީޘް ޢިލްމުވެރިންނާއި ފިޤްހު ޢިލްމުވެރިންނާއި، ތަފްސީރު ޢިލްމުވެރިންނާއި ބަހުގެ ޢިލްމުވެރިންނާއި ޝާޢިރުންނާއި އަދަބުގެ ފުންނާބުއުސް ބޭކަނބަލުންނާއި، އެކިއެކި ފަންނުތަކުގެ ޢިލްމުތަކަށް އަރާތިއްބެވި އުންމަތުގެ ފަޚްރުވެރި އަންހެން ސާހިބާއިންނެވެ.

ޢިލްމު އުނގެނުމުގެ އިތުރުން އީމާންކަމުގައިވެސް އަންހެނުންވަނީ ކުރި ހޯއްދަވާފައެވެ. އެގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދަޢުވަތަށް އެންމެ ފުރަތަމަ އިޖާބަދެއްވީ އެކަލޭގެފާނުގެ ފުރަތަމަ އަނބިކަނބަލުން އުއްމުލް މުއުމިނީން ޚަދީޖާ ރަޟިޔަﷲ ޢަންހާއެވެ. އިޖާބަދެއްވުމުން ހަމައެކަނި ފުއްދަވާލެއްވީކީ ނޫނެވެ. އިސްލާމްދީނުގެ ދަޢުވަތައިގެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ތެދުވެވަޑައިގަތުމުން އެކަލޭގެފާނަށް ވާގިވެރިވެވަޑައިގަތުމާއި ހިތްވަރުދެއްވުމުގައި އެކަމަނާ ޘާބިތުކަމާއެކު ދެމިހުންނެވިއެވެ.

އިސްލާމްދީނުގެ އަސާސުތައް އަނބިމީހާއަށް ދަސްކޮށްދިނުމަކީ ފިރިމީހާގެ މައްޗަށް ވާޖިބެކެވެ. އެވާޖިބު އަދާ ނުކޮށްފިނަމަ އޭނާ ފާފަވެރިވާނެއެވެ. އަދި ވާޖިބު އަދާކުރުމުގައި ނާކާމިޔާބު ވެއްޖެނަމަ އޭނާގެ ދަރިފަސްކޮޅު އޭނާ އެވައްޓާލަނީ ޖާހިލުކަމުގެ އަނދިރި ވަޅުގަނޑަށެވެ.

އިސްލާމްދީނުގައި ދަރީން ތަރުބިއްޔަތުކުރުމުގެ ޒިންމާދާރު ވަޒީފާ އަދާކުރުމުގެ އެންމެ އިސްބަޔަކީ މައިންކަމުގައިވީއިރު، ދަރިންނަށް ތަޢުލީމު ދެވޭނީ ފުރަތަމަ މަންމަ ތަޢުލީމު ޙާޞިލްކޮށްގެންނެވެ. އެކަންވާރެއްގައި ހުރި އެއްޗެއް ނޫނީ އެކަންވާރަކުން ނުނުކުންނާނެއެވެ. އެހެންކަމުން އުޚްތުން ދީނީ ޢިލްމާއި ރިވެތި އަދަބުތަކާއި އަޚްލާޤު ދަސްކުރުމަކީ ވަރަށް މުހިއްމުކަމެކެވެ. ކުއްޖާގެ ފުރަތަމަ މަދަރުސާއަކީ މަންމައެވެ. އަދި ކުއްޖާގެ ދީން ޙިމާޔަތްވުމާއި ނުވުން ބިނާވެގެންވަނީ ކުއްޖާގެ މަންމަގެ ކިބައިގައި ހުރި ދީނީ ޢިލްމެއްގެ މައްޗަށެވެ.

އިސްލާމީ އުންމަތުގައި އުފެދުނު ބޮޑެތި މުޙައްދިޘުންނާއި ޢިލްމުވެރިން އުފެއްދުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރައްވާފައިވަނީ އެބޭކަލުންގެ ހިތްވަރުގަދަ މައިންނެވެ. އޭގެތެރެއިން ގިނަ ޢިލްމުވެރިންތަކެއް ބޮޑުފުޅުވެވަޑައިގެންފައިވަނީ ޔަތީމު ޙާލުކޮޅުގައި ނުހަނު ފަޤީރުކަމާއި ދެރަނިކަމެތިކަން މަތީގައެވެ. އިމާމް އަޙްމަދު ބިން ޙަންބަލް އަކީ މި އުއްމަތުގެ ބޮޑު އިމާމެކެވެ. އެކަލޭގެފާނަށް ތަޢުލީމު ދެއްވުމަށްޓަކައި އެކަލޭގެފާނުގެ މަންމަ ވީ މަތިވެރި ޤުރުބާނީގެ ވާހަކަ އެކަލޭގެފާނުގެ ސިޔަރަތު ކިޔުއްވި ކޮންމެ ބޭކަލަކަށްވެސް ވަރަށް ރަނގަޅަށް ސާފުވެގެންދާނެއެވެ. ފިނި ރޭތަކުގައި ބަޣްދާދުގައި މަގުތަކުގެ މަތީގައި އެތައް ދުރުމިނެއް ކަޑައްތުކުރައްވާ ފަތިސް ނަމާދަށް އެކަލޭގެފާނު ގޮވައިގެން ވަޑައިގަތުމާއި ޢިލްމީ ޙަލަޤާތައް ނިމެންދެން މަޑުކުރެއްވުމާއި، އެފަދަ އެތައްކަމަކުންނެވެ. އަޅުގަނޑުމެން ހަނދާންކުރަންޖެހޭ ކަމަކީ މިފަދަ މަތިވެރިކަމެއް މިބޭކަނބަލުން ޢިލްމަށް މިދެއްވެވީ މި ޢިލްމުގެ އަގު އެބޭކަނބަލުންނަށް ވަޒަންކުރެއްވޭލެއް ބޮޑުކަމުންކަމެވެ.

ޢިލްމު އުނގެނުމަކީ އޭގެ ފައިދާ ދުނިޔޭގެ އިތުރުން އާޚިރަތުގައިވެސް ތިބާއަށް ކުރާނެކަމެކެވެ. އެހެނީ މަރުވުމަށްފަހު އިންސާނާގެ ޢަމަލުތައް ތިން ކަމަކުންނޫނީ ކެނޑިގެންދާނޭކަމުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. އޭގެ ތެރެއިން އެއްކަމަކީ ތިމާ ދޫކޮށްފައިދާ ފައިދާކުރުވަނިވި ޢިލްމެވެ. އެހެންކަމުން ހެޔޮކަމުގެ ސިލްސިލާ ދާއިމީގޮތެއްގައި ޤިޔާމަތާޖެހެންދެން ދެމެހެއްޓުމަށްޓަކައި ދީނީ ޢިލްމު އުނގެނީ އެ ޢިލްމު ތިބާގެ ދަރީންނަށާއި ޢާއިލާގެ މީހުންނަށް ފޯރުކޮށްދޭށެވެ.

ދުނިޔެއާއި އާޚިރަތުގައި އެއްވެސް ފައިދާއެއް ނުކުރާ ވާހަކަފޮތްތަކާއި، ވަގުތު ބޭކާރުކުރާ މަޖައްލާތަކާއި، ތިބާއަށް ދީނީ އަދި ދުނިޔަވީ ފައިދާއެއްވެސް ހޯދާނުދެވޭ މިފަދަ އެއްޗިހި ކިޔުމުގައި ޙަޔާތުގެ އަގުހުރި ވަގުތުތައް ބޭކާރު ކުރުމާމެދު ސަމާލުވާން އެބަޖެހެއެވެ. އެންމެ ފައިދާބޮޑު ޢިލްމަކީ ދީނީ ޢިލްމެވެ.

އުންމުއް ދަރްދާއު ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. “އަހަރެންނަށް ވަރަށް ގިނަ ކަންތައްތަކުން އަޅުކަމުގެ ރަހަ ލިބުނެވެ. އަދި ޢިލްމުވެރިންގެ ބައްދަލުވުންތަކާއި އެބައިމީހުންގެ ހަނދާންކޮށްދިނުންތަކުން ލިބުނުވަރުގެ ހިތްހަމަޖެހުމެއް އެހެން ކަމަކުން ނުލިބެއެވެ.”

އުއްމުއް ދަރުދާއު ރަޟިޔަﷲ ޢަންހާ އަކީ މާތް ޞަޙާބީ އަބުއްދަރްދާއު ރަޟިޔަﷲ ޢަންހުގެ އަނބިކަނބަލުންނެވެ. އެކަމަނާއަކީ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްތައް ދަސްކުރެއްވި ބޭކަނބަލެކެވެ. އިމާމު ބުޚާރީ އައްޞަޙީޙުގައި އެކަމަނާގެ ރިވާޔަތްތައް ގެންނަވާފައިވެއެވެ. އިބްނު ޢަބްދިލްބައްރު ރަޙިމަހުﷲ ވިދާޅުވެފައިވާ ގޮތުގައި އެކަމާނާއަކީ ޙަދީޘް ޢިލްމުވެރިއެކެވެ. އަދި އެހާމެ ވިސްނުންތޫނު ތަޤްވާވެރި ބޭކަނބަލެކެވެ. (ބައްލަވާ އަލްއިސްތީޢާބު ފީ އަސްމާއިލް އަންސާބް، އިބްނު ޢަބްދިލްބައްރު)

އިމާމު ބުޚާރީ އެކަލޭގެފާނުގެ ޞަޙީޙުގައި އިބްނު ޢައްބާސް ރަޟިޔަﷲޢަންހުމާގެ ވާހަކަ ބަޔާންކުރައްވާފައިވެއެވެ. އިބްނު ޢައްބާސް ރަޟިޔަﷲޢަންހުމާގެ ލޮބުވެތި މަންމަ އުންމުލް ފަޟްލު ރަޟިޔަﷲ ޢަންހާއަކީ އެކަލޭގެފާނުގެ ބައްޕަ އިސްލާމްވުމަށް އެންމެބޮޑަށް މަސައްކަތްކުރެއްވި ފަރާތެވެ. އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ ބައްޕާފުޅު އިސްލާމްވުމުގެ ކުރީގައި އެކަލޭގެފާނުގެ މަންމާފުޅު އިސްލާމްވެވަޑައިގަތެވެ. އަދި އެކަމަނާގެ ފިރިކަލުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި މަސައްކަތްޕުޅުކުރެއްވިއެވެ.

Read more...

06 September 2012

ޝާމް


އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދުލްޣަފޫރު
الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.ޝާމްއަކީ މިހާރުގެ ސީރިޔާވެސް ހިމެނޭ ސަރަޙައްދެވެ. އެއީ އެބިމެއްގައި ﷲ ސުބްޙާނަހޫ ވަތަޢާލާ މިދުނިޔެއަށް ފޮނުއްވި އެތައް ނަބީންނަކާއި ރަސޫލުންނެއް އެބޭކަލުންގެ ދަޢުވަތު މިބިންމަތީ ފެތުރުއްވެވި ބިމެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ އެބިމެއްގައި ބަރަކާތްލައްވާފައިވާ ބިމެކެވެ.

އެއިލާހު ވަޙީކުރައްވާފައިވެއެވެ.وَأَوْرَثْنَا الْقَوْمَ الَّذِينَ كَانُواْ يُسْتَضْعَفُونَ مَشَارِقَ الأَرْضِ وَمَغَارِبَهَا الَّتِي بَارَكْنَا فِيهَا وَتَمَّتْ كَلِمَتُ رَبِّكَ الْحُسْنَى عَلَى بَنِي إِسْرَائِيلَ بِمَا صَبَرُواْ وَدَمَّرْنَا مَا كَانَ يَصْنَعُ فِرْعَوْنُ وَقَوْمُهُ وَمَا كَانُواْ يَعْرِشُونَ (الأعراف : 137 ) މާނަ: “ނިކަމެތިކޮށް ހިތެމުންދިޔަ ޤައުމުގެމީހުންނަށް، ބިމުގެ އިރުމައްޗާއި، އެ ބިމުގެ ހުޅަނގު، ތިމަންރަސްކަލާނގެ ވާރުތަކޮށްދެއްވީމެވެ. އެއީ ތިމަންރަސްކަލާނގެ އެތަންތާނގައި ބަރަކާތްލައްވާފައިވާ ތަންތަނެވެ. އަދި ކަލޭގެފާނުގެ ރައްބު އިސްރާއީލްގެ ދަރިންނަށް ދެއްވާފައިވާ (ވަޢުދުގެ) ހެޔޮބަސްފުޅު، އެއުރެން ކެތްތެރިވުމުގެ ސަބަބުން ފުރިހަމަވެގެންދިޔައެވެ. އަދި ތިމަންރަސްކަލާނގެ، ފިރްޢައުނާއި، އޭނާގެ ޤައުމުގެމީހުން ހަދަމުންގެންދިޔަ ތަކެއްޗާއި، އެއުރެން ބިނާކުރަމުންގެންދިޔަ ޢިމާރާތްތައް ހަލާކުކުރައްވައި، ނެތިކުރެއްވީމެވެ.”

ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ މި އާޔަތާބެހޭގޮތުން ވިދާޅުވެފައިވެއެވެ. “ފިރްޢައުނު ޣަރަޤުކުރެއްވުމަށްފަހުގައި، ވާރުތަކޮށްދެއްވި ބިމަކީ ޝާމްގެ އިރުމައްޗާއި ޝާމްގެ ހުޅަނގުކަން އެއީ ފާޅުވެ އެނގޭ ކަމެކެވެ.” (مناقب الشام وأهله (75))

އިބްނު ޖަރީރުއް ޠަބަރީ ރަޙިމަހުﷲ ވެސް މިއާޔަތުގެ ތަފްސީރާބެހޭގޮތުން، މިއާޔަތުގައި ވާރިދުވެފައިވާ މަޝާރިޤުލް އަރްޟިގެ މުރާދަކީ ޝާމުކަމުގައި ވިދާޅުވެފައިވެއެވެ. جامع البيان (5/3617)

އަދިވެސް ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. سُبْحَانَ الَّذِي أَسْرَى بِعَبْدِهِ لَيْلاً مِّنَ الْمَسْجِدِ الْحَرَامِ إِلَى الْمَسْجِدِ الأَقْصَى الَّذِي بَارَكْنَا حَوْلَهُ لِنُرِيَهُ مِنْ آيَاتِنَا إِنَّهُ هُوَ السَّمِيعُ البَصِيرُ (الإسراء : 1 ) މާނަ: “އެއިލާހު ހުސްޠާހިރުވަންތަކަމާއެވެ! އެއިލާހީ، އަލްމަސްޖިދުލް ޙަރާމް އިން އަލްމަސްޖިދުލް އަޤްޞާއަށް އެއިލާހުގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި އިލާހެވެ. އެއީ އެތާނގެ ވަށައިގެން، ތިމަންއިލާހު ބަރަކާތްލެއްވި ތަނެވެ. (އެއީ) ތިމަންއިލާހުގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ބައެއް، އެކަލޭގެފާނަށް ދެއްކެވުމަށްޓަކައެވެ. ހަމަކަށަވަރުން، އެއިލާހީ، އައްސަވާވޮޑިގެންވާ، ބައްލަވާވޮޑިގެންވާ އިލާހެވެ.”

އަލްއިމާމު ޠަބަރީ ރަޙިމަހުﷲ މިއާޔަތުގައިވާ الَّذِي بَارَكْنَا حَوْلَهُ (އެތާނގެ ވަށައިގެން ތިމަންއިލާހު ބަރަކާތްލެއްވި ތަން) ތަފްސީރުގައި ވިދާޅުވެފައިވެއެވެ. “ބަރަކާތްލެއްވިފައިވުމޭ ބަހުގެ މުރާދަކީ އެބައިމީހުންގެ މަސްކަނުގަޔާއި (ދިރިއުޅޭ ތަނުގަޔާއި) ކާބޯތަކެތީގަޔާއި އަދި ދަނޑުފަނގުގައެވެ.” جامع البيان (6/5093)

ޝާމްގެ ބިމަށް ބަލާލުމުންވެސް އެބިމަކީ ބަރަކާތްލެއްވިގެންވާ ބިމެއް ކަން ދޭހަވެއެވެ. އެހެނީ އެބިމަކީ ފެނާއި ކޯރުތައް ލެއްވުމުންނާއި، ގަސްގަހާގެއްސާއި ފަތްޕިލާވެލީގެ ތަނަވަސްކަމާއި މޭވާ ތަރުކާރީ އަދި ފަލަމަޑީގެ ތަނަވަސްކަން ވަރަށް ބޮޑަށް ލިބިފައިވާ ބިންގަނޑު ރަނގަޅު ސަރަޙައްދެކެވެ.

އަދިވެސް ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. وَنَجَّيْنَاهُ وَلُوطاً إِلَى الْأَرْضِ الَّتِي بَارَكْنَا فِيهَا لِلْعَالَمِينَ (الأنبياء : 71 ) މާނަ:”އަދި ތިމަންއިލާހު އެކަލޭގެފާނާއި(އެބަހީ: އިބްރާހީމްގެފާނާއި) ލޫޠުގެފާނު ސަލާމަތްކުރައްވައި، ޢާލަމްތަކަށްޓަކައި، ތިމަންއިލާހު ބަރަކާތްލެއްވި ބިމަށް ފޮނުއްވީމެވެ.”

އިމާމުއް ޠަބަރީ ރަޙިމަހުﷲ އާއި ޖުމްހޫރު ތަފްސީރު ޢިލްމުވެރިން މިއާޔަތުގައި މިވާ ބަރަކާތްލެއްވިގެންވާ ބިމަކީ ޝާމްކަމުގައި ވިދާޅުވެއެވެ. އަދިވެސް އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. وَلِسُلَيْمَانَ الرِّيحَ عَاصِفَةً تَجْرِي بِأَمْرِهِ إِلَى الْأَرْضِ الَّتِي بَارَكْنَا فِيهَا وَكُنَّا بِكُلِّ شَيْءٍ عَالِمِينَ (الأنبياء : 81 ) މާނަ: “އަދި ތިމަންއިލާހު، ސުލައިމާނުގެފާނަށް ވައިރޯޅި ގަދަޔަށްޖެހޭ ގޮތުގައި (އެ) ޚިދުމަތްތެރި ކުރެއްވީމެވެ. ތިމަންއިލާހު އެ ބިމުގައި، ބަރަކާތްލެއްވި ބިމަށް، އެކަލޭގެފާނުގެ އަމުރުފުޅަށް، އެ ވައިރޯޅި ހިނގައިދާގޮތުގައެވެ. އަދި ތިމަންއިލާހު ކޮންމެކަމެއް ދެނެވޮޑިގެންވަމެވެ.”

މިއާޔަތުގައި ވާ ބަރަކާތްލެއްވިގެންވާ ބިމުގެ މުރާދަކީ ޝާމްގެ ބިންކަމަށް ތަފްސީރު ޢިލްމުވެރިން އިއްތިފާޤުވެވަޑައިގެންފައިވެއެވެ.

އަދި ﷲ ސުބްޙާނަހޫ ވަތަޢާލާގެ މިބަސްފުޅެވެ. وَجَعَلْنَا بَيْنَهُمْ وَبَيْنَ الْقُرَى الَّتِي بَارَكْنَا فِيهَا قُرًى ظَاهِرَةً وَقَدَّرْنَا فِيهَا السَّيْرَ سِيرُوا فِيهَا لَيَالِيَ وَأَيَّاماً آمِنِينَ (سبأ : 18 ) މާނަ: “އަދި ތިމަންއިލާހު އެ ރަށްތަކުގައި ބަރަކާތްލެއްވި ރަށްތަކާއި، އެއުރެންނާ ދެމެދުގައި (ލޮލަށް ފެންނަހާ ކައިރީގައި) ފާޅުވެގެންވާ ރަށްތަކެއް ލެއްވީމެވެ. އަދި އެ ރަށްތަކުގުދެމެދުގައި ހިނގާބިނގާއުޅުން ތިމަންއިލާހު މިންވަރު ކަނޑައެޅުއްވީމެވެ. (ތިމަންއިލާހު އެއުރެންނަށް ވަޙީކުރެއްވީމެވެ.) ރޭތަކަކާއި، ދުވަސްތަކެއް ވަންދެން އަމާންކަން ލިބިގެންވާ ޙާލު، ތިޔަބައިމީހުން އެ ރަށްތަކުގައި ހިނގާބިނގާ ދަތުރުފަތުރުކޮށް އުޅޭށެވެ!”

މިއާޔަތުގެ ތަފްސީރުގައި އިބްނު ކަޘީރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “މުޖާހިދާއި އަލްޙަސަނު އަދި މާލިކު އަދި ޤަތާދާ އަދި ޟައްޙާކު އަދި މިނޫންވެސް ބޭކަލުން (ރަޙިމަހުމުﷲ ޖަމީޢަން) މިއާޔަތުގައިވާ ބަރަކާތްލެއްވި ރަށްތަކުގެ މުރާދަކީ ޝާމްގެ ރަށްތައްކަމަށް ވިދާޅުވެފައިވެއެވެ.” تفسير القرآن العظيم (11/ 176).

ބަޔާންވެދިޔަ ފަސް އާޔަތް ޛިކުރުކުރެއްވުމަށްފަހުގައި ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “މިއީ ޝާމުގެ ބިމުގެ ވާހަކަ ﷲ ސުބްޙާނަހޫ ވަތަޢާލާ ޛިކްކުރައްވާފައިވާ ފަސް އާޔަތެވެ. އިބްރާހީމް ޢަލައިހިއްސަލާމް ހިޖުރަކުރެއްވީވެސް އެބިމަށެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިސްރާކުރެއްވުނީ އެބިމަށެވެ. އަދި ބަނީއިސްރާއީލުގެ މީހުން ގެންދެވުނީވެސް އެބިމަށެވެ. ސުލައިމާނުގެފާނުގެ ވެރިކަން ވީ އެބިމުގައެވެ. އަދި ސަބާގެ އަހުލުވެރިން ދިޔައީވެސް އެބިމަށެވެ.”

އަލްފަޚްރުއް ރާޒީ ވިދާޅުވިއެވެ. “ޝާމްގައި ބަރަކާތްލެއްވިގެންވަނީ ދެގޮތަކުންނެވެ. އެއީ ދީނީގޮތުންނާއި ދުނިޔަވީގޮތުންނެވެ. ދީނީގޮތުން އެމިބުގައި ބަރަކާތްލެއްވިގެންވަނީ އެބިމަކީ އެންމެ ގިނަ ނަބީން އެބިމަކަށް ފޮނުއްވުނު ބިމެވެ. އެނަބިއްޔުންގެ ޝިޢާރުތައް ފާޅުކުރެއްވީ އެބިމުގައެވެ. އެބިމުގައި އެބޭކަލުންގެ ނުބުއްވަތުގެ އަޘަރުތައްވެއެވެ. ދުނިޔަވީގޮތުން ބަރަކާތްލެއްވިގެންވަނީ އެބިމަކީ ފެންފަހި ބިމެއްކަމުގައި ލެއްވިގެންވުމުންނާއި ގަސްގަހާގެއްސާއި މޭވާ ތަރުކާރީ ތަނަވަސްވެގެން ވުމުގެ ސަބަބުންނެވެ.” مفاتيح الغيب (11/ 190)

އެބިން ﷲ ސުބްޙާނަހޫ ވަތަޢާލާ ޞިފަކުރައްވާފައިއެވަނީ ބަރަކާތްލެއްވިގެންވާ ބިމެއްގެ ގޮތުގައެވެ. އަދި އެތަނެއްގައި ﷲ ސުބްޙާނަހޫ ވަތަޢާލާ މޫސާ ޢަލައިހިއްސަލާމަށް މެދުވެރިއެއްނެތި ބަސްފުޅު ވަޙީކުރެއްވި ޠޫރު ފަރުބަދަވެސް ހުރީ އެބިމުގައެވެ. މަސްޖިދުލް ޢަޤްޞާވެސް ހުރީ އެބިމުގައެވެ. އެއީ އެތަނަކުން މާތް ﷲ ގެ ނަބިއްޔާ މިޢުރާޖުކުރެއްވުނު ތަނެވެ. މިއުންމަތުގެ މަޖުދުވަނީ އެބިމުގައެވެ. ފަހުޒަމާނަށް އައިސް ގިނަ ކަންތައްތަކެއް ހިނގަމުންދާނޭކަމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޚަބަރުކުރައްވާފައިވެއެވެ. އަދި މިއުންމަތުގެ ފިރްޤަތުލްމަންޞޫރާ (ނަޞްރުލިބިގެންވާ ފިރުޤާ) ވެސް އެމިބުގައި ވާނެއެވެ. އަދި މީސްތަކުން މަޙްޝަރުކުރެއްވުންވެސް ވަނީ އެބިމުގައެވެ. (مناقب الشام وأهله) (77-78)

އިސްލާމްދީން ފާޅުވެގެންދިޔައީ އަދި ނަޞްރު ލިބިގެންދިޔައީ ޙިޖާޒުން ކަމުގައިވިޔަސް ބައެއްޒަމާންތަކުގައި އިސްލާދީނަށް ނަޞްރު ލިބިގެންދާނީ ޝާމްކަރައިންނެވެ.

ޝާމްކަރައިގެ ބިމުގައި ބަރަކާތް ލެއްވުމަށްއެދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދުޢާކުރެއްވިއެވެ. عن ابن عمر عن النبي – صلى الله عليه وسلم – قال: “اللهم بارك لنا في شأْمنا، اللهم بارك لنا في يمننا” قالوا: يا رسول الله وفي نجدنا؟ قال: “اللهم بارك لنا في شأْمنا، اللهم بارك لنا في يمننا” قالوا: يا رسول الله وفي نجدنا؟ فأظنه قال في الثالثة: “هناك الزلازل والفتن وبها يطلع قَرْنُ الشيطان”. أخرجه البخاري (7094)
އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “އޭ ﷲ އަހަރެމެންނަށްޓަކައި އަހަރެމެންގެ ޝާމްގައި ބަރަކާތް ލައްވާނދޭވެ! އޭ ﷲ އަހަރެމެންނަށްޓަކައި އަހަރެމެންގެ ޔަމަނުގައި ބަރަކާތް ލައްވާނދޭވެ! (ޞަޙާބީން) ދެންނެވިއެވެ! “އޭ ﷲގެ ރަސޫލާއެވެ! އަހަރެމެންގެ ނަޖްދުގައިވެސް ތޯއެވެ!” ޙަދީޘްކުރެއްވިއެވެ. އޭ ﷲ އަހަރެމެންނަށްޓަކައި އަހަރެމެންގެ ޝާމްގައި ބަރަކާތް ލައްވާނދޭވެ! އޭ ﷲ އަހަރެމެންނަށްޓަކައި އަހަރެމެންގެ ޔަމަނުގައި ބަރަކާތް ލައްވާނދޭވެ! (ޞަޙާބީން) ދެންނެވިއެވެ! “އޭ ﷲގެ ރަސޫލާއެވެ! އަހަރެމެންގެ ނަޖްދުގައިވެސް ތޯއެވެ!” އަހަރެންނަށް ހީވާގޮތުން ތިންވަނަ ފަހަރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.” ބިންހެލުންތަކާއި ފިތުނަވަނީ އެތަނުގައި(އެބަހީ:ނަޖްދުގައި) ވެއެވެ. އަދި ޝައިޠާނާގެ ދަޅު ފާޅުވަނީ އެތަނުންނެވެ.” (ބުޚާރީ)

عن خالد بن معدان عن أصحاب رسول الله – صلى الله عليه وسلم – أنهم قالوا: يا رسول الله، أخبرنا عن نفسك؟ فقال: “دعوةُ أبي إبراهيم، وبُشرى عيسى، ورأت أُمِّي حين حملت بي أنه خرج منها نورٌ أضاءت له بُصرى، وبصرى أرض الشام”. (أخرجه الحاكم وهو صحيح بشواهده كما قال الألباني.) ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަޞްޙާބުންގެ ކިބައިން ޚާލިދު ބިން މަޢްދާން ރިވާކުރެއްވިއެވެ. އެބައިމީހުން ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. ކަލޭގެފާނާބެހޭގޮތުން ތިމަންމެންނަށް ޚަބަރުކޮށްބަލާށެވެ. ޙަދީޘްކުރެއްވިއެވެ. (ތިމަންކަލޭގެފާނީ) އިބްރާހީމްގެފާނުގެ ދުޢާއެވެ. އަދި ޢީސާގެފާނު ދެއްވި އުފާވެރި ޚަބަރެވެ. ތިމަންކަލޭގެފާނުގެ މަންމާފުޅު ތިމަންކަލޭގެފާނައިގެން ބަލިވެއިންނެވި ހިނދު އެކަމާނާގެ ކިބައިން ނުކުތް ނޫރެއް ބުޞްރާ އަލިކުރިއެވެ. އެއީ ޝާމްކަރައިގެ ބުޞްރާއެވެ.”

عن زيد بن ثابت قال: كنا عند رسول الله – صلى الله عليه وسلم – فقال: “طوبي للشام”، فقلنا: لأي ذلك يا رسول الله؟ قال: “لأن ملائكة الرحمن باسطة أجنحتها عليها”. أخرجه أبو داود وصححه الألباني ޒައިދު ބިން ޘާބިތު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުގައި އަހަރެމެންވީމެވެ. ޙަދީޘްކުރެއްވިއެވެ. “ޝާމްއަށް ހެޔޮރަނގަޅުކަން ހުއްޓެވެ.” އަހަރެމެން ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ. އެއީ ކޮންކަމެއްގެ ސަބަބުންހެއްޔެވެ؟ ޙަދީޘްކުރެއްވިއެވެ. “ހަމަކަށަވަރުން الرحمن ގެ މަލާއިކަތުން އެބޭކަލުންގެ ފިޔަފުޅުތައް ޝާމްގެ މައްޗަށް ފަތުރާފައިވެއެވެ.”

عن معاوية بن أبي سفيان قال: سمعت النبي – صلى الله عليه وسلم – يقول: “لا يزال من أُمتي أُمةٌ قائمةٌ بأمر الله، لا يضرهم من خذلهم ولا من خالفهم، حتى يأتيهم أمر الله وهم على ذلك”. رواه البخاري ومسلم. 3641/ 1037 قال معاذ بن جبل: وهم بالشام. رواه البخاري މުޢާވިޔަތު ބިން އަބީ ސުފްޔާން ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވަނިކޮށް އަހަރެން އަޑުއެހީމެވެ. “ތިމަންކަލޭގެފާނުގެ އުއްމަތުގައި ﷲގެ އަމުރުފުޅުތައްމަތީ ތިބޭބައެއް ފިލާނުދާހުއްޓެވެ. އެބައިމީހުންނާ ދެކޮޅުވެރިވުމަކުން އަދި އެބައިމީހުންނާ ޚިލާފުވުމަކުން އެބައިމީހުންނަށް އެއްވެސް ގެއްލުމެއް ނުލިބެއެވެ. އެބައިމީހުން އެގޮތުގައިތިބިޙާލު އެބައިމީހުންގެގެގާތަށް ﷲގެ އަމުރު އަތުވަންދެނެވެ.” މުޢާޛް ބިން ޖަބަލް ވިދާޅުވިއެވެ. އެބައިމީހުން ތިބޭހުށީ ޝާމްގައެވެ.

عن عبد الله بن حوالة قال: قال رسول الله – صلى الله عليه وسلم -:”سيصير الأمرُ إلى أن تكونوا جنوداً مجندةً: جندٌ بالشام وجندٌ باليمن وجندٌ بالعراق”، قال ابن حوالة: خِرْ لي يا رسول الله إن أدركت ذلك. فقال: “عليك بالشامِ فإنها خيرةُ الله من أرضه، يجتبي إليها خيرته من عباده، فأمّا إذا أبيتم، فعليكم بيمنكم، واسقوا من غُدُركم، فإن الله توكل لي بالشام وأهله”. ( رواه أبو داود وصححه الألباني) عبد الله بن حوالة ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “މިހެން ކަންތައްތައް ވެގެންދާނެއެވެ. އެކިއެކި ލަޝްކަރުތަކެއް ވާނެއެވެ. ޝާމުން ލަޝްކަރަކާއި ޔަމަނުން ލަޝްކަރަކާއި ޢިރާޤުން ލަޝްކަރެކެވެ.” ابن حوالة ވިދާޅުވިއެވެ. އަހުރެން އެކަން ދެކެފިއްޔާ ދެން އަހަރެން ދާންވީ ތަނެއް ޚިޔާރުކޮށްދެއްވާށެވެ! ޙަދީޘްކުރެއްވިއެވެ. “ތިބާ ޝާމަށް ލާޒިމުވާށެވެ. އެއީ މިބިންމަތީގައި ﷲ ހޮއްވަވާފައިވާ ތަނެވެ. އެއިލާހުގެ އަޅުތަކުންގެ ތެރެއިން އެންމެ ހެޔޮމީހުން އެތަނަށް ޖަމާކުރައްވާނެއެވެ. ދެންފަހެ ތިޔަބައިމީހުންނަށް އެކަން ކުރުމުން މަނާވެގަންފިނަމަ ދެން ތިޔަބައިމީހުންނަށްޓަކައި ވަނީ ޔަމަނެވެ. ތިޔަބައިމީހުންގެ ފެންގަނޑުން ފެންބޯށެވެ. ހަމަކަށަވަރުން ﷲ ސުބްޙާނަހޫ ވަތަޢާލާ ތިމަންކަލޭގެފާނަށްޓަކައި ޝާމާއި އެތާގެ އަހުލުވެރިންގެ ޔަޤީންކަންދެއްވާފައިވެއެވެ. (އެބަހީ: އެތަންފިތުނަކައަކުން ހަލާކުނުރައްވާނެކަމުގެ ޔަޤީންކަމެވެ.)”

عن عبد الله بن عمر بن الخطاب ـ رضي الله عنه ـ قال: قال رسول الله – صلى الله عليه وسلم -: “ستخرج نار في آخر الزمان من (حَضْرمَوت) تحشر الناس”، قلنا: فماذا تأمرنا يا رسول الله؟ قال: “عليكم بالشام”. فضائل الشام ودمشق وصححه الألباني. ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ފަހު ޒަމާނުގައި ޙަޟްރަމައުތުން މީސްތަކުން ޙަޝްރުކުރާނޭ(އެއްކުރާނޭ) އަލިފާންގަނޑެއް ފާޅުވާނެއެވެ.” ތިމަންމެން ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ. ކަލޭގެފާނު ތިމަންމެންނަށް އަމުރުކުރައްވަނީ ކޮންކަމަކަށްތޯއެވެ؟” ޙަދީޘްކުރެއްވިއެވެ. “ޝާމްއަށް ލާޒިމުވާށެވެ”

عن أبي ذر قال: قال رسول الله – صلى الله عليه وسلم -: “الشام أرض المحشر والمنشر” صححه الألباني އަބޫ ޛައްރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ޝާމްއަކީ މަޙްޝަރުގެ(އެބަހީ: އެއްކުރެވޭ) އަދި ނަޝްރުގެ(އެބަހީ: މީސްތަކުން ޤަބުރުތަކުންނުކުމެ އަލުންދިރުއްވޭ) ބިމެވެ.”

عن معاوية بن قُرة عن أبيه قال: قال رسول الله – صلى الله عليه وسلم -: “إذا فسد أهل الشامِ فلا خير فيكم، لا تزال طائفة من أُمتي منصورين لا يضرهم من خذلهم حتى تقوم الساعة”. رواه الترمذي وقال: هذا حديث حسن صحيح. معاوية بن قُرة އެކަލޭގެފާނުގެ ބައްޕަގެ ކިބައިން ރިވާކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ޝާމްގެ އަހުލުވެރިން ފަސާދަވެއްޖެނަމަ ތިޔަބައިމީހުންގެކިބައިގައި ހެޔޮކަމެއް ނުވެއެވެ. (އެބަހީ: އެތާގަ ތިބުމާއި އެދަނަށް ދިޔުމުގައި ހެޔޮކަމެއްނުވެއެވެ.) ތިމަންކަލޭގެފާނުގެ އުންމަތުގައި ނަޞްރުލިބިގެންވާ ބަޔަކު ފިލައިނުދެއެވެ. އެބައިމީހުންނަށް ނަޞްރުދިނުމުން އެއްކިބާވިމީހުންގެ ސަބަބުން އެބައިމީހުންނަށް އެއްވެސް ގެއްލުމެއް ނުވެއެވެ. (ޤިޔާމަތުގެ)ވަގުތު ޤާއިމުވުމާ ޖެހެންދެނެވެ.”

عن النواس بن سمعان قال: ذكر رسول الله – صلى الله عليه وسلم – الدَّجال ذات غداة…. (وفيه)، فبينما هو كذلك إذ بعث الله المسيح ابن مريم، فينزل عند المنارة البيضاء شرقي دمشق، واضعاً كفيه على أجنحة ملكين إذا طأطأ رأسه قَطَرَ، وإذا رفعه تحدَّر منه جمان كاللؤلؤ، فلا يحل لكافر يجد ريح نَفَسِهِ إلا مات، ونَفَسُهُ ينتهي حيث ينتهي طرفه، فيطلبه حتى يدركه بباب لُدٍّ فيقتلُهُ…”. أخرجه مسلم. النواس بن سمعان ވިދާޅުވިއެވެ. އެއްދުވަހެއްގެ ހެނދުނު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ތިމަންމެންގާތު ދައްޖާލުގެވާހަކަ ޛިކުރުކުރެއްވިއެވެ. (އެޙަދީޘްގައި އެކަލޭގެފާނު ކިޔައިދެއްވިއެވެ.) އެހާރުން ﷲ ސުބްޙާނަހޫ ވަތަޢާލާ އަލްމަސީހް ބިން މަރްޔަމް ދުނިޔެއަށް ފޮނުއްވަފާނެއެވެ. އެކަލޭގެފާނު ފައިބާވަޑައިގަންނަވާނީ އިރުމަތީ ދިމިޝްޤުގެ މިނާރަތުލް ބައިޟާއަށެވެ. (ހުދުކުލައިގެ މުންނާރަށެވެ) ދެމަލާއިކަތުންގެ ދެފިޔަފުޅުގައި އެކަލޭގެފާނުގެ ދެއަތްޕުޅުވާ ޙާލުގައެވެ. އެކަލޭގެފާނުގެ ބޯ ތިރިކުރައްވާހިނދު ތިކިތަކެއް ފައިބާނެއެވެ. އަދި އެކަލޭގެފާނުގެ ބޯ މައްޗަށް އުފުލާހިނދު އިތާމުތްފަދަ ތިކިތަކެއް ފައިބާނެއެވެ. އެކަލޭގެފާނު ނޭވާފުޅު ފޯރައިފި އެއްވެސް ކާފިރަކު މަރުނުވެ ނުދާހުއްޓެވެ. އެކަލޭގެފާނުގެ ނޭވާފުޅު އެކަލޭގެފާނުގެ ލޯފުޅަށް ފެންނަ ހިސާބަށް ދެމިގެންވެއެވެ. އަދި ޖައްދާލުގެ ފަހަތުން އޭތި އަތުލެވެންދެން ވަޑައިގަންނަވާނެއެވެ. އެއީ “ބާބުލުއްދި”(ބައިތުލް މަޤްދިސްގެކައިރި ރަށެއް) އާހަމައަށެވެ. އެތާނގައި ޖައްދާލު ޤަތުލުކުރައްވާނެއެވެ.

عن عبد الله بن عمرو قال: قال رسول الله – صلى الله عليه وسلم -: ” إنّ الإيمان إذا وقعت الفتن بالشام”. فضائل الشام ودمشق وصححه الألباني ޢަބްދުﷲ ބިން އަމްރޫ ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ފިތުނަ ފާޅުވެއްޖެއްޔާ ހަމަކަށަވަރުން އީމާންކަން ވާހުށީ ޝާމްގައެވެ.”

عن أبي الدرداء أن رسول الله – صلى الله عليه وسلم – قال: “إن فسطاط المسلمين يوم الملحمة بالغوطة إلى جانب مدينة يُقال لها دمشق من خير مدائن الشام”. رواه أبو داود وصححه الألباني. އަބުއްދަރުދާއު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “މުސްލިމުންގެ ލަޝްކަރު ފިތުނައިގެ ދުވަހުގައި ވާހުށީ އަލްޣޫޠާގައެވެ. އެއީ ޝާމްގައިވާ އެންމެ ހެޔޮ އެއް ރަށްކަމަށްވާ ދިމިޝްޤޭ ކިޔޭ ރަށުގެ ކައިރީގައިވާ ތަނެކެވެ.”
------------------
މަރުޖިޢު
إتحاف الأنام بذكر فضائل الشام
أبو بكر خالد بن موسى بن رجا نواصره

Read more...

29 August 2012

ދަރީން ދެއްވުމަށް އެދި ކުރެވިދާނެ ބައެއް ދުޢާ

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދުލްޣަފޫރު
رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا – الفرقان: ٧٤
އަޅަމެން ހައްދަވާ ގެންގުޅުއްވާ އިލާހް! އަޅަމެންގެ އަނބިންގެ ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި ﷲ އަށް ބިރުވެތިވާމީހުންނަށް އިމާމުން ކަމުގައި އަޅަމެން ލައްވާދޭނވެ.

رَبِّ هَبْ لِي مِنْ لَدُنْكَ ذُرِّيَّةً طَيِّبَةً إِنَّكَ سَمِيعُ الدُّعَاءِ- آل عمران: ٣٨
އަޅު ހައްދަވާ ގެންގުޅުއްވާ އިލާހް! އިބަރަސްކަލާނގެ ޙަޟްރަތުން ހެޔޮލަފާ ރަނގަޅު ދަރިފަސްކޮޅެއް މިއަޅާއަށް ދެއްވާނދޭވެ! ހަމަކަށަވަރުން އިބައިލާހީ ދުޢާ އައްސަވާވޮޑިގެންވާ އިލާހެވެ.

رَبِّ هَبْ لِي مِنَ الصَّالِحِينَ – الصافات: ١٠٠
އަޅު ހައްދަވާ ގެންގުޅުއްވާ އިލާހް! މިއަޅާއަށް ޞާލިޙުންގެ ތެރެއިންވާ ދަރިޔަކު ދެއްވާނދޭވެ!

رَبِّ لَا تَذَرْنِي فَرْدًا وَأَنْتَ خَيْرُ الْوَارِثِينَ- الأنبياء: ٨٩
އަޅު ހައްދަވާ ގެންގުޅުއްވާ އިލާހް! މި އަޅާއަކީ (ދަރިޔަކުނެތް) އެކަނިވެރި މީހެއްކަމުގައި ނުލައްވާނދޭވެ! އަދި އިބަރަސްކަލާނގެއީ އެންމެ ހެޔޮގޮތުގައި ވާރުތަކުރައްވާ ކަލާނގެއެވެ

…………………………………………………………………………………………………………………………………..

އެއްދާންކުރުމުގެ ކުރިން ކިޔާދުޢާ
بِسْمِ اللهِ. اَللَّهُمَّ جَنِّبْناَ الشَّيْطاَنَ وَجَنِّبِ الشَّيْطاَنَ ماَ رَزَقْتَناَ (رواه البخاري ومسلم)
ﷲ ގެ އިސްމުފުޅުގެ ބަރަކާތުން (މިކަންކުރަމެވެ.) އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! ޝައިޠާނާގެ ކިބައިން އަޅަމެން ދުރުކޮށްދެއްވާނދޭވެ! އަދި އިބަﷲ އަޅަމެންނަށް ދެއްވާ ދަރިންގެ ކިބައިން ޝައިޠާނާ ދުރުކޮށްދެއްވާނދޭވެ! (ރިވާކުރެއްވީ ބުޚާރީ އާއި މުސްލިމް)

ދުޢާތަކުގެ ޕީޑީއެފް ފައިލް ނަންގަވާ

Read more...

22 August 2012

ދުޢާއުލް އިސްތިފްތާޙް

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދުލްޣަފޫރު
رسول الله صلّى الله عليه وسلّم ނަމާދަށް ހަށަމްބަންނަވައި ދުޢާއުލްއިސްތިފްތާޙުގައި ވިދާޅުވެފައިވެއެވެ.
” اللَّهُمَّ بَاعِدْبَيْنِي وَبَيْنَ خَطَايَايَ كَمَابَاعَدْتَ بَيْنَ الْمَشْرِقِ وَالْمَغْرِبِ اللَّهُمَّ نَقِّنِيْ مِنْ خَطَايَايَ كَمَا يُنَقَّى الثَّوْبُ الأَبْيَضُ مِنَ الدَّنَسِ اللَّهُمَّ اغْسِلْنِيْ مِنْ خَطَايَايَ بِالثَّلْجِ وَالْمَاءِ وَالْبَرَدِ ” (رواه الجماعة إلاّ الترمذي) މާނައީ: ” އޭހައްދަވާ ބޮޑުކުރެއްވިރަސްކަލާކޮ! އިރުއަރާފަރާތާއި އިރުއޮއްސޭފަރާތާދެމެދު، އިބަﷲ ދުރުކުރެއްވި ފަދައިން މިއަޅާއާއި މިއަޅާގެފާފަތަކާދެމެދު ދުރުކޮށްދެއްވާނދޭވެ! އޭހައްދަވާ ބޮޑުކުރެއްވިރަސްކަލާކޮ! ހުދުހެދުން މިލައިން ސާފުކުރެވޭފަދައިން މިއަޅާގެ ފާފަތަކުން މިއަޅާ ސާފުކޮށްދެއްވާނދޭވެ! އޭހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ސުނޯއާއި، ފެނާއި، ގަނޑުފެނުގެ ޒަރީޢާއިން މިއަޅާ، މިއަޅާގެފާފަތަކުން ސާފުކޮށްދެއްވާނދޭވެ!”

މިފަދަ ދުޢާތަކުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްމަގުގެ ފަށުވިކަމާއި ފަޞާޙާތްތެރިކަން ކިތަންމެ ރަނގަޅަށްވެސް ދޭހަވެއެވެ.

Read more...

21 August 2012

ޙަރާމް ކަންތައްތަކާއި މަކްރޫހަ ކަންތައްތައް

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
الحرام لغة الممنوع

ބަހުގެ ގޮތުން ބަލާއިރު ޙަރާމްއަކީ މަނާ ކަންތައްތަކެވެ. ނުވަތަ ނަހީކުރައްވާފައިވާ ކަންތައްތަކެވެ.

واصطلاحاً : ماطلب الشَّارِعُ تركه طلباً جازماً ، والحرام ضِدَّ الحلال وإنما يُؤْجَرُ العبد على اجتنابِهِ للحرام إذا تركه امتثالا ( أيْ لنَهْيِ الشَّرْعِ عنه ) ليس لخوفٍ أو حياءٍ أو عجزٍ عن المحرم فلا يثاب على هذا الترك .

އިޞްޠިލާހުގައި އޭގެ މާނައަކީ ކަނޑައެޅިގެން ދޫކޮށްލުމަށް ޝަރުޢުކުރެއްވި ފަރާތުން އަންގަވާ އަމުރުކުރައްވާފައިވާ ކަންތައްތަކެވެ. އެއީ ޙަލާލުގެ އިދިކޮޅެވެ. ޝާރިޢުގެ ގޮވާލުމަށް އިޖާބަދިނުމުގެ ގޮތުން އެކަންތައްތަކުން އަޅާ ދުރުވެގެންފިނަމަ އެކަމުގެ ސަބަބުން އޭނާއަށް އަޖުރު ލިބޭނެއެވެ.(އެއީ ޝާރިޢު އެކަން ނަހީކުރެއްވީތީ ދުރުހެލިވުމުންނެވެ) ބިރުވެރިކަމެއްގެ ސަބަބުން ނުވަތަ ލަދުވެތިކަމެއްގެ ސަބަބުން ނުވަތަ ނުކުޅެދުންތެރިކަމެއްގެ ސަބަބުން ދުރުހެލިވާނަމަ އެކަންދޫކޮށްލިކަމުގައިވިޔަސް އެކަމުގެ ޘަވާބެއް ނުލިބޭނެއެވެ.

المكروه في اللغة : ضد المحبوب

ބަހުގެ ގޮތުން ބަލާއިރު މަކްރޫހު އަކީ ލޯބިކުރާ ކަންތައްތަކުގެ އިދިކޮޅެވެ.

واصطلاحاً : ما طلب الشَّارِعُ تركه طلباً غيرَ جَازِمٍ , ويمكن أن يقال هو ما يثاب تاركه امتثالا ولا يعاقب فاعله .

އިޞްޠިލާޙުގައި އޭގެ މާނައަކީ ޝަރުޢުކުރެއްވި ފަރާތުން ކަނޑައެޅިގެން އަހަރެމެން ދުރުހެލިވުމަށް އަމުރުނުކުރައްވާ އެހެންނަމަވެސް ދުރުހެލިވުމަށް ބާރުއަޅުއްވާފައިވާ ކަންތައްތަކެވެ. އޭގެ ތަޢުރީފުގައި އެއީ އިޖާބަދިނުމުގެ ގޮތުން އެކަން ދޫކޮށްލާމީހާއަށް ޘަވާބުލިބޭ އަދި އެކަންކުރާމީހާއަށް ޢިޤާބު ނުލިބޭ ކަންތައްތަކޭ ބުނެވިދާނެއެވެ.

مرجع: شرح الورقات في أصول الفقه لعبدالله الفوزان 29-30

Read more...

29 July 2012

މެއްސެއްގެ ސަބަބުން އެކަކު ސުވަރުގެއަށް އަނެކަކު ނަރަކައަށް

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
މާތްﷲ ރުއްސުންލެއްވި ޠާރިޤު ބުނު ޝިހާބުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رسول الله صلّى الله عليه وسلّم ޙަދީޘްފުޅުކުރެއްވިއެވެ.

“دَخَلَ الجَنَّةَ رَجُلٌ فِى ذُبَابٍ ، وَدَخَلَ النَّارَ رَجُلٌ فِي ذُبَابٍ”، قَالُوا: وَكيَفَ ذَلِكَ يَارَسُولَ اللهِ؟ قَالَ: “مَرَّ رَجُلاَنِ عَلَى قَوْمٍ لَهُمْ صَنَمٌ لاَ يَجُوزُهُ أَحَدٌ حَتَى يُقَرِّبَ لَهُ شَيْئاً، فَقَالُوا لأَحَدِهِمَا قَرِّبْ، قَالَ: لَيْسَ عِنْدِي شَيْءٌ أُقَرِّبُ، قَالُوا لَهُ: قَرِّبْ وَلَوْ ذُبَابًا، فَقَرَّبَ ذُبَابًا فَخَلَّوا سَبِيْلَهُ، فَدَخَلَ النَّارَ، وَقَالُوا لِلآخَرِ: قَرِّبْ فَقَالَ: مَا كُنْتُ لأُقَرِّبَ لأَحَدٍ شَيْئاً دُوْنَ اللهِ عَزَّ وَجَلَّ، فَضَرَبُوا عُنُقَهُ، فَدَخَلَ الجَّنَةَ” (رواه أحمد فى كتاب الزهد)

މާނައީ: “މެއްސެއްގެ ސަބަބުން ސުވަރުގެއަށް މީހަކުވަނެވެ. އަދި ހަމަ މެއްސެއްގެ ސަބަބުން ނަރަކައަށް ވެސް މީހަކުވަނެވެ. އަޞްޙާބު ބޭކަލުން ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ! އެއީ ކިހިނެއްވީކަމެއްތޯއެވެ؟ ޙަދީޘްފުޅުކުރެއްވިއެވެ. ދެމީހަކު ހިނގަމުންހިނގަމުން ބުދެއްގެންގުޅޭ ބަޔަކު ކައިރިން ދާންޖެހުނެވެ. އެމަގުން ދާ އެކަކަށްވެސް އެބުދަށް ކޮންމެވެސް އެއްޗެއް ޤުރުބާންނުކޮށެއް ނުދެވެއެވެ. ދެން ފަހެ އެބައިމީހުން އެދެމީހުންކުރެ އެކަކަށް ބުނެފިއެވެ. މި ބުދަށް ޤުރުބާނީ އެއްކުރާށެވެ. އޭނާ ބުންޏެވެ. އަހަރެން އަތަކު ޤުރުބާންކުރާނެ އެކައްޗެއްވެސް ނެތެވެ. އެބައިމީހުން އޭނާއަށް ބުންޏެވެ. މެއްސެއްވިޔަސް ޤުރުބާންކުރާށެވެ. ދެންފަހެ އޭނާ މެއްސެއް ޤުރުބާންކޮށްފިއެވެ. ދެން އެބައިމީހުން އޭނާ ދިއުމަށް ދޫކޮށްލައިފިއެވެ. ފަހެ އޭނާ އެމެހީގެ ސަބަބުން ނަރަކައަށް ވަދެއްޖެއެވެ. ދެން އެބައިމީހުން ދެވަނަ މީހާއަށްބުނެފިއެވެ. ތިބާވެސް މިބުދަށް ޤުރުބާނީއެއް ކުރާށެވެ. އޭނާ ބުންޏެވެ. اﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އަހަރެން ޤުރުބާނެއް ނުކުރާނަމެވެ. ހަމައެހިނދު އެބައިމީހުން އޭނާ ޤަތުލުކޮށްލައިފިއެވެ. ފަހެ އޭނާ އެމެހީގެ ސަބަބުން ސުވަރުގެ ވަދެއްޖެއެވެ.”

Read more...

26 July 2012

ޤުރުއާން ހިތުދަސްކުރުމުގެ ޤަވާޢިދުތައް

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
1- ﷲ ސުބްޙާނަހޫ ވަތަޢާލާގެ ވަޖުހަފުޅު އަދައިގެން ކުރުން

2- ކިޔެވުން ތަޖުވީދުގެ މަގަށް ބެހެއްޓުން

3- ކޮންމެދުވަހަކުވެސް ހިތުދަސްކުރާނޭ ވަކި މިންވަރެއް ކަނޑައެޅުން

4- ރަނގަޅަށް ހިތުދަސްނުވަނީސް އެހެން އާޔަތްތައް ހިތުދަސްކުރަން ނުފެށުން

5- އެއް މުޞްޙަފަކުން ދަސްކުރުން (އެއްޗާޕަކުން)

6- އާޔަތްތަކުގައި ބުނާ އެއްޗެއް ދޭހަވުން – ފަހުމުވުން

7- ސޫރަތެއް ނިންމާފައި އަނެއްސޫރަތާ ރަނގަޅަށް ގުޅުވުން

8- ހިތުދަސްކޮށްފައިވާ ބައި އެހެންމީހަކަށް ކިޔައިދިނުން

9- ހިތުދަސްކޮށްފައިވާ ބައި މުރާޖަޢާކުރުން

10- އެއްވައްތަރު އާޔަތްތަކަށް ސަމާލުކަން ދިނުން

11- ހިތުދަސްކުރުމުގެ ރަންދުވަސްވަރުގެ ބޭނުން ހިފުން
----------------------------------------------------
މިލިޔުމުގެ ޕީޑީއެފް ފައިލް ވިދާޅުވުމަށް

Read more...

24 July 2012

ޣީބައިގެ މާނަ

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޣީބައިގެ މާނަ އަންގަވައި ދެއްވަމުން ޙަދީޘް ކުރެއްވިއެވެ.
"أَتَدْرُونَ مَا الْغِيبَةُ"
“ޣީބައަކީ ކޮބައިކަން ތިޔަބައި މީހުންނަށް އެނގޭހެއްޔެވެ؟”

އެބޭކަލުން ދެންނެވިއެވެ، “އެންމެ މޮޅަށް ދެނެވޮޑިގެންވަނީ މާތް ﷲއެވެ. އަދި މޮޅަށް ދެނެވަޑައިގަންނަވަނީ އެއިލާހުގެ ރަސޫލާއެވެ.” ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
"ذِكْرُكَ أَخَاكَ بِمَا يَكْرَهُ"
“ތިބާގެ އަޚާގެ ވާހަކަ އޭނާނުރުހޭ ފަދައިން ދެއްކުމެވެ”

ދެން އެކަލޭގެފާނަށް ދެންނެވުނެވެ، “އަހަރެމެން ދެއްކީ (ހަގީގަތުގައިވެސް) އެއަޚާގެ ކިބައިގައި ވާކަމެއްގެ ވާހަކަ ނަމަވެސްތޯއެވެ.” ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘްކުރެއްވިއެވެ،

"إِنْ كَانَ فِيهِ مَاتَقُولُ فَقَدِ اغْتَبْتَهُ وَإِنْ لَمْ يَكُنْ فِيهِ مَا تَقُولُ فَقَدْ بَهَتَّهُ"
“އޭނާގެ ކިބައިގައި ތިޔަބައިމީހުން ބުނާފަދަ ސިފައެއް ވާނަމަ އެވާނީ ޣީބައަށެވެ، އަދި ތިޔަބައިމީހުން ބުނާފަދަ ސިފައެއް އޭނާގެ ކިބައިގައި ނުވާނަމަ، ތިޔަބައިމީހުންނަށް އޭނާގެ މައްޗަށް ދޮގުހަދައިފިއެވެ.”

އެހެންކަމުން “ޣީބަ”އިގެ މާނައަކީ މީހަކު ނެތްތާނގައި އޭނާގެ ވާހަކަ، އޭނާ އެތާނގައި ހުރިނަމަ ނުރުހޭނޭ ފަދައިން ދެއްކުމެވެ. އެހެންނަމަވެސް އޭނާގެ ކިބައިގައި އެފަދަ ކަމެއް ނުވާނަމަ އެވާހަކަ ވާނީ ދޮގަކަށެވެ.

ނޯޓް: މިލިޔުމުގައި ޙަވާލާދެވިފައިވާ ޙަދީޘަކީ ޞަޙީޙް މުސްލިމްގައި ވާރިދުވެފައިވާ ޙަދީޘެކެވެ.

Read more...

22 July 2012

އިސްތިޢުމާރުން ފެށިފެށުން ފިކުރީ ވަކިތަކަކަށް

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
ޤަދީމީ އިސްތިޢުމާރަކީކޮބާ؟
އެއީ ޖޯގްރަފީގޮތުން ހޯދޭ ބިންތަކުގައި މީހުން ވަޒަންވެރިކުރުވައި އެތަންތަން ފައިދާ ލިބިގަތުމަށްޓަކައި އާރާސްތުކޮށް ބިނާކުރުމެވެ.
ޒަމާނީ އިސްތިޢުމާރަކީ ކޮބާ؟
ޒަމާނީ އިސްތިޢުމާރަކީ ސިނާޢީ އިންޤިލާބުގެ ނަތީޖާއެއްގެ ސަބަބުން ނުފޫޒު ފެތުރުމާއި ވެރިވެގަތުމާއި އަތްގަދަ ކުރުމުގެ މައްޗަށް ބިނާވެފައިވާ އެއްޗެކެވެ. އަދި އޭގައި ތަފާތު އުކުޅުތައް ބޭނުންކުރެވެއެވެ.

ޢާއްމުގޮތެއްގައި އިސްތިޢުމާރު ކުރެވޭ ސަބަބުތައް
- ދުނިޔޭގެ ޤައުމުތަކުން ފަޤީރުކަން ނައްތާލައި ތަރައްޤީ ކުރުމުގެ ނަމުގައި.
- ބައިނަލް އަޤުވާމީ ދަނޑުގައި އެބައިމީހުންގެ އާރާއި ބާރު ދެމެހެއްޓުމަށް.
- ޔޫރަޕްގެ އުފެއްދުންތައް ވިއްކާނެ ބާޒާރުތައް ހޯދުމަށާއި
- މަސައްކަތްކުރާނެ އަގުހެޔޮ އަތްތަކެއް ހޯދުމަށް.
- ތަކެތި އުފެއްދުމަށްޓަކައި ހެޔޮއަގުގައި ނުވަތަ ހިލޭ ރޯމެޓީރިއަލް ހޯދުމަށް.
- ޔޫރަޕްގެ ބޮޑެތި ސިޔާސީ ވެރިން މަޝްހޫރުވެގަތުމަށް.

އިސްތިޢުމާރުގައި އެންމެ ކުރިއަރައިފައިވާ ޤައުތައް
- އިގިރޭސިވިލާތް، ފަރަންސޭސިވިލާތް، ރަޝިޔާ، އިޓަލީ

އިގިރޭސިވިލާތުގެ ދަށަށް ދިޔަ އިސްލާމީ ބައެއް ޤައުމުތައް:
- ޢަދަން، މިޞްރު، އިންޑިޔާ، ދިވެހިރާއްޖެ، ޢިރާޤު، ކުވައިތު

ފަރަންސޭސިވިލާތުގެ ދަށަށް ދިޔަ އިސްލާމީ ބައެއް ޤައުމުތައް:
- ލުބްނާން، މަޣުރިބް، އަލްޖަޒާއިރު، ސޫރިޔާ

އިސްލާމީ ޤައުމުތައް އިސްތިޢުމާރު ކުރުމަށް އެންމެ ބޮޑު ހުރަހަކަށްވީ:
މުސްލިމުންގެ ޢަޤީދާއެވެ. މުސްލިމުން ދެކޭގޮތުގައި މުސްލިމުން ބޯލަބަންޖެހޭ ފަރާތަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ ކަމުގައި ވުން، އަދި އިސްލާމް ދީނަކީ މިނިވަންކަމުގެ އަގު ވަޒަންކުރާ ދީނަކަށްވުމާއި އިސްލާމްދީނުގެ އަޞްލުތައް ބިނާވެފައިވަނީ މީސްތަކުންގެ އަޅުވެތިކަމުން މީސްތަކުންނެރެ، ﷲގެ އަޅުވެތިކަމުގެ ދަށަށް މީސްތަކުން ގެންދިޔުންކަމުގައި ވުން.

ހަނދާންކުރަންޖެހޭ މުހިއްމު ނުކުތާއެއް:
އިސްތިޢުމާރު އިސްލާމީ ދުނިޔެއިން ފުހެވިގެން ދިޔަނަމަވެސް އެބައިމީހުން ޙަޤީޤަތުގައި އަދިވެސް އިސްލާމީ ޤައުމުތަކުގައި އެބަ ތިއްބެވެ. މިހެން ބުނެވޭ ސަބަބު ތައް:
- މުސްލިމުންގެ ކުރިއެރުމާއި ހޭލުންތެރިކަން ނައްތައިލުމަށް އެތެރެއާއި ބޭރުން މަސައްކަތްކުރުން.
- މުސްލިމުން ބިނާކުރި އިންސާނީ ޙަޟާރަތް ނައްތާލުމަށް މަސައްކަތްކުރުން.
- އިސްލާމީ ޝަޚްޞިއްޔަތު ނައްތާލަން މަސައްކަތްކުރުން.
- އެބައިމީހުން ބޭނުންވާ ފަސާދައިގެ “އޮއްތައް” އަމިއްލަ ފަސްގަނޑުގައި “މުޑުވައްކުރާނެ” އެބައިމީހުން ގެ ފިކުރުގެ “ދަނޑުވެރިންތައް” އެފަދަ ޤައުމުތަކުގައި އުފައްދާފައިވުން. މިފަދަ މީހުންނަކީ ޢާއްމުކޮށް ހުޅަނގުން ތަޢުލީމު ޙާޞިލްކުރުމުގެ ސަބަބުން އެބައިމީހުންގެ ސިކުނޑި ދޮވެވިފައި ތިބޭ، ލާދީނީ، އަދި ސެކިއުލަރ ވިސްނުމާއި އެމީހުން ބުނާ “މެދުމިނުގެ އިސްލާމްދީން” ނުވަތަ މޮޑަރޭޓް އިސްލާމްދީނަށް އަރާތިބި މީހުން
- އިސްލާމީ އުސޫލުތަކާ މުސްލިމުން ދުރުކުރުމަށް މަސައްކަތްކުރުން – މިކަން ޢާއްމުގޮތެއްގައި ކުރަނޭ އެކިއެކި ތަންތާޖެހޭ ތަޢުލީމާއި (ވަށާޖެހޭ ތަޢުލީމާއި) ޤައުމުގެ މަންހަޖު ނޮޓް ސޯ އިސްލާމިކް (އިސްލާމްދީނާ ބީރައްޓެހި) ގޮތަށް ބަދަލުކޮށްގެން
- ދީނަށް ކުރާ އިތުބާރު ނައްތާލުމަށް މަސައްކަތްކުރުން- ދީނުގައިވާ ޙައްދުތަކަށް ޖޯކުޖެހުމާއި ޙަޖޫޖެހުމަކީ ޢާއްމުކަމަކަށް ހަދައި އެކަމަކީ ޤައުމުގެ މުސްލިމުން ކަންބޮޑުވާކަމެއް ކަމުގައިވެފައި ވަނިކޮށް އެކަން ޢާއްމު ކުރިމިންވަރުން އެކަމަކީ އެހާ ބޮޑު ކަމަކަށް މުސްލިމުންނަށް ނުވެ، ދީނީ ކަންތައްތަކަކީ އާދައިގެ ކުދި ކުދި ކަންތައްތައް ކަމުގައި ބަލަންފަށާ ދަރަޖައަށް އެބައިމީހުންވެސް ވިސްނުންދެއެވެ.
- މުސްލިމުންގެ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތްކުރުން – ޑިމޮކްރަސީއާއި ރައްޔިތުންގެ ވެރިކަމާއި، އަންހެނުންގެ ޙައްޤުތަކާއި އިންސާނީ ޙައްޤުތަކުގެ ނަމުގައި – ބައިބައިވެ ކުނިވެ ފުޅައަޅާފައިވާ ނާކާމިޔާބު ދުނިޔަވީ ނިޒާމްތައް ގެނެސް – ކުލައަށް އަޅުކަންކޮށް، އެއްބަޔަކު އަނެއްބަޔަކަށް ތަޅާފޮޅާ، ޢާއިލާގެ އަފުރާދުންގެ މެދުގައިވެސް ސިޔާސީ ދެކޮޅުވެރިކަން އުފައްދާ ރަށްރަށުގެ މުޖްތަމަޢުތައްވެސް ފަސާދަކޮށް މުޅި ޤައުމުގެ އެކުވެރިކަން ނަގާލަނީވެސް “ހެޔޮވެރިކަމާއި” “ރައްޔިތުންގެ ވެރިކަމާއި” “ޑިމޮކްރަސީ” ގެ ނަމުގައެވެ.

އިސްތިޢުމާރުގެ އަސަރު
އިސްތިޢުމާރުގެ ސަބަބުން ޤައުމުގެ އަފުރާދުންގެ ވިސްނުމާއި ދެކޭގޮތް ބަދަލުކޮށްލައެވެ. ވިސްނުން މިގޮތަށް ބަދަލުވުމުން އެމީހެއްގެ ހުރިހާކަމެއް މަޑުމަޑުން ނުވަތަ ލަސްލަހުން ނަމަވެސް ބަދަލުވަމުން ދާނީ އިސްތިޢުމާރު (އަޅުވެތި) ކޮށްގެން އުޅޭބަޔެއްގެ ވިސްނުމާއި، ދީނާއި، ޘަޤާފަތާ އެއްގޮތަށެވެ. މިސާލަކަށް އިނގިރޭސި ވިލާތުން އިސްތިޢުމާރު (އަޅުވެތި) ކޮށްގެންތިބި ޤައުމުތަކުގައި ފެތުރިފައި ވަނީ އިނގިރޭސިބަހާއި، އިނގިރޭސީންގެ އާދަކާދައެވެ. އަދި ކިއެއްތަ ބައެއް ޤައުމުތަކުގެ މަސްވެރިން ލޯބޯ ފީއްސައިގެން ދޭހާ އަތްވެއްގައި އަދި ވެހޭހާ ވާރޭއެއްގައި ގުދާރުބިންދައިގެން ހޯދާ ފައިސާކޮޅުވެސް ދޭންޖެހެނީ ކުއީން އެލިޒަބަތަށެވެ. ކޮންމެވެސް ޖީސީ އޯލެވެލްއެއްގެ ނުވަތަ އޭލެވެލްއެއްގެ ފީގެ ނަމުގައެވެ. ފަރަންސޭސިވިލާތުން އަޅުވެތިކޮށްގެންތިބި ޤައުމުތަކުގައި އޮތީ، ފަރަންސޭސީންގެ ޘަޤާފަތާއި، ގޮތްތަކެވެ. މިކަންތައް ޚާއްޞަކޮށް އެފްރިކާގެ ޤައުމުތަކުން ފެންނަން އެބަހުއްޓެވެ

އިސްތިޢުމާރުގެ ސަބަބުން އިސްލާމީ ދުނިޔެއަށް ލިބުނު ގެއްލުންތައް:
- އިންޑިޔާ، ޒެންޒިބާރު، އަދި ޗާޑް ފަދަ އިސްލާމީ ބައެއް ޤައުމު ތަކުގައި ޢަރަބި އަކުރުގެ ބަދަލުގައި ލެޓިން އަކުރު ބޭނުންކުރަން ފެށުން. ޢަރަބި ބަސް އިސްތިޢުމާރު ކުރުމަކީ އިސްލާމްދީން އިސްތިޢުމާރުކުރުން ފަދަކަމެކެވެ. އެހެނީ އެދީނުގެ ކަންޒުތަކުގެ ތަޅުދަނޑިތަކަކީ ޢަރަބި ބަހެވެ. ޢަރަބި ބަހާ ނުލާ އެ ނުހުޅުވޭނެއެވެ.
- ތުރްކީ، މެލޭޝިއާ، ވަޟަޢީ ޤާނޫނު ތަޢާރަފްވުން. – ޔުނިވަރސިޓީ ތަކުގެ މަންހަޖުތައް ހުޅަނގުގެ ތައްގަނޑަށް ކަފާ، އެފަދަ ތަންތަނަކީވެސް “މޮޑެރޭޓް” އިސްލާމުން އުފައްދާ ތަންތަނަށް ހަދައި ޖިހާދުކުރުންފަދަ ދީނުގެ މުހިއްމު ވާޖިބުތައް އެއީ އިސްލާމުން ކިޔަވަން ނުޖެހޭ ކަންކަމަށް ހަދައިފިއެވެ.
- އިސްލާމީ ޡަޤާފަތް ގެއްލިގެން ދިއުން –: އިސްލާމީ ޘަޤާފަތަކީ ބީރައްޓެހި އެއްޗަކަށް ހެދުމަށްޓަކައި ސިޔާސީގޮތުން ގިނަ ގުނަ މަސައްކަތްތަކެއް ކުރެވެއެވެ. ދީނަކީ ހަމައެކަނި މިސްކިތުގައި އޮންނަންޖެހޭނެ އެއްޗަކަށް ހަދައި ދައުލަތް ހިންގުމުގެ ނިޒާމުން އިސްލާމީ ޘަޤާފަތް ފޭކޮށް، ހުޅަނގުގެ ވަޟަޢީ ނިޒާމްތައް ވައްދައި، ކޮރަޕްޝަނާއި ފަސާދައިގެ ވިހަގަދަ މޫތައް ފަތުރައި، މަސްތުވާތަކެއްޗާއި މާރާމާރީ ޢާއްމުކޮށް، މުޖްތަމަޢުގެ ޞުލްޙަ މަސަލަސްކަމާއި އަމަން އަމާންކަން ވެއްޔާ މޮޑެވި، ޒަމާނީ މުވާޞަލާތީ ވަޞީލަތްތަކުގެ އެހީގައި މުސްލިމުން އެމީހުންގެ ޘަޤާފަތާ އަދި ދީނާ ދުރުކުރުވައެވެ.

މަޤްޞަދަކީ ފިކުރު އިސްތިޢުމާރު ކުރުމެވެ. ފިކުރީ ހަނގުރާމައިގެ ވަކިތަކުން ސަލާމަތްވުމަކީ ހަނގުރާމައިގެ މައިދާނެއްގައި ދުޝްމަނެއްގެ ޙަމަލާއިން ސަލާމަތްވުމަށްވުރެ އުނދަގޫކަމެކެވެ.

Read more...

18 July 2012

ޒުވާނުންނާއި އަޅުކަމުގެ ލައްޛަތާއި މީރުކަން


އައްޝައިޚް އިސްމާޢީލް މުޙައްމަދު

އަޅުކަމަށް އަހުރެމެންބޭނުންވެގެންވާވުމަކީ ފިޠުރީ ބޭނުމެކެވެ. ﷲ ތަޢާލާ ވަނީ އެކަލާނގެ އެންމެހާ އަޅުތަކުންގެ ކިބައިގައި އެ ފިޠުރަތު ލައްވަވާފައެވެ. އަޅުކަންކުރުމުގައި މީސްތަކުންގެ ތެރޭގައި ތިން ބައެއްވެއެވެ. އެއްބަޔަކީ ބައެއް އުރެދުންތައް ކުރުމުން ތިމާގެ ނަފުސަށް އަނިޔާ ކުރާބަޔެކެވެ. އަނެއް ބަޔަކީ މެދުމިންވަރު އިޚްތިޔާރު ކޮށްގެންވާ ބަޔެކެވެ. އެއީ ފަރްޟުތަކާއި ވާޖިބުތައް އަދާކުރުމާއި އެކު ޙަރާމްކަންތަކުން ދުރުވެ އެއްކިބާވެގެންވާ ބައެކެވެ. ތިންވަނަ ބަޔަކީ ހެއުކަންތައް ކުރުމުގައި އެއްބަޔަކު އަނެއްބަޔަކަށްވުރެ ކުރިއަރައިދިއުމަށް ގަދައަޅައި މަސައްކަތްކުރާ މީހުންނެވެ. އެއީ ފަރްޟުތަކާއި ވާޖިބުތައް އަދާ ކުރުމާއިއެކު ސުންނަތްތަކާއި، ނާފިލް ކަންތައް ވެސް ކުރަމުންދާ މީހުންނެވެ. މިކަމަކީ ތަރުބިއްޔަތާއި ގުޅިފައިވާ ކަމެކެވެ. މިކަމުގައި ޒުވާނުންގެތެރެއިން ގިނަބަޔަކީ ފަރުވާލެއް ނުބަހައްޓާ ބައެކެވެ.

އަޅުކަމުގެ އަޞްލަކީ (ﷲ ތަޢާލާގެ ޙަޟްރަތުގައި) އަޅާ ތިމާގެ ނިކަމެތިކަމާއި ތިމާމެންގެ ނިކަމެތިކަން ޤަބޫލުކޮށް އެކަލާނގެއަށް ބޯލަނބައި ކިޔަމަންވުމެވެ. އެހެންކަމުން ޝަރްޢީ ވަޡީފާ ތަކަށް އަޅުކަމުގެ ނަމުން ނަންދެވުނެވެ. އެގޮތަކީ އަޅުތަކުން އެކަން ލާޒިމު ކަންތައް ކަމުގައިދެކެ އެކަން އަދާކޮށްއުޅެނީ ﷲ ތަޢާލާއަށް ނިކަމެތިވެހުރެއެވެ. އަދި ޚުޝޫޢު އާއި ޚުޟޫޢުއާއި އެކުގައެވެ. މިދެންނެވުނީ އަޅުކަމުގެ ޢާއްމު ތަޢްރީފެކެވެ. މީގައި އަންނަނިވި ތިންބައި ޝާމިލުވެގެންވެއެވެ.

އެއީ: 1 - ނިކަމެތިކަމާއި ޚުޟޫޢަތްތެރިކަމެވެ. 2 - ކިޔަމަންތެރިކަމާއި އެކު ބޯލަބައި ޢަމަލީގޮތުން އެކަން ކުރުމެވެ. 3 - އަޅުކަމާއި އުލޫހިއްޔަވަންތަކަމެވެ.

އަޅުކަންކުރުމުން އެއްކިބާވެ އެކަމުން ދުރުވެގެންވަނިކޮށް ޒަމާންތަކާއި ވަގުތުތައް އަހުރެމެންގެ ކިބައިން ފާއިތުވެގެންހިގައްޖެއެވެ. އެއީ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމާއި މެދު ދަހިވެތިވުމަށްފަހު އެކަމަށް ފަރުވާނުބަހައްޓައި އެކަން ދޫކޮށްލެވިފައި ވުމުންނެވެ. ވީމާ މިކަން މިގޮތަށްކުރެވުނީތީ އެކަމާއިމެދު އަހުރެމެން ދެރަވެ ހިތާމަކުރަމެވެ.

އާލް އިމްރާން ސޫރަތުގެ ފަނަރަވަނަ އާޔަތް އަހުރެމެން ކިޔަވައި އުޅުމާއި އެކުވެސް މިކަން މިގޮތަށް ކުރެވެނީ ކީއްވެހެއްޔެވެ؟
قُلْ أَؤُنَبِّئُكُمْ بِخَيْرٍ مِنْ ذَٰلِكُمْ لِلَّذِينَ اتَّقَوْا عِنْدَ رَبِّهِمْ جَنَّاتٌ تَجْرِي مِنْ تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا وَأَزْوَاجٌ مُطَهَّرَةٌ وَرِضْوَانٌ مِنَ اللَّهِ وَاللَّهُ بَصِيرٌ بِالْعِبَادِ "އޭ މުޙައްމަދު ، ކަލޭގެފާނު އެމީހުނަށް ވިދާޅުވާށެވެ! މިދުނިޔޭގައި މީސްތަކުންނަށް ޒީނަތްތެރިކޮށް ދަޅަދައްކައި ހެއްލުންތެރިކުރުވާ ކަންތަކަށްވުރެ ﷲ ތަޢާލާގެ ޢަޛާބަށް ބިރުވެތިވެ އެކަލާނގެ ތިމަންމެނަށް ބައްލަވައި ވޮޑިގެންވާ ކަމުގައިދެކި އެކަލާނގެއަށް ކިޔަމަންވެގެންވާ މީހުނަށްހުރި ހެއުކަމުގެ ޚަބަރު ތިމަންރަސޫލާ ތިޔަބައިމީހުންނަށް ދެއްވަންހެއްޔެވެ؟"

އެއީ ހައްދަވައި ބޮޑުކުރައްވާ ރަސްކަލާނގެ ޙަޟްރަތުގައި އެމީހުންނަށްހުރި ސުވަރުގެތަކެވެ. އެތާގައިވާ ގަޑުވަރުތަކާއި ގަސްތަކުގެ ދަށުގައި ކޯރުތައް ހިނގަހިނގައި ހުންނާނެއެވެ. އެމީހުން އެތާގައި ތާއަބަދު ދެމިތިބޭނެއެވެ. އަދި އެތާގައި އެމީހުންނަށް ޙައިޟާއި ނިފާސްކަމުގެ ލެއިންނާއި ނުބައި އަޚްލާޤުން ޠާހިރުވެގެންވާ އަނބީންވާނެއެވެ. އަދި މިއަށްވުރެވެސް ބޮޑު ނިޢުމަތެއް އެމީހުންނަށް ލިބުންވެއެވެ. އެއީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން އެމީހުންނަށް ލިބުމެވެ. ﷲ ތަޢާލާއީ އެކަލާނގެ ޚަލްޤުތަކުންގެ ހުރިހާކަމެއް މޮޅަށް ބައްލަވައި ވޮޑިގެންވާ ރަސްކަލާނގެއެވެ.

މިގޮތުން އަހުރެމެންގެ ނަފުސުތައް އަޅުކަމުގައި އާދަވެ ޝުޢޫރުތައް ފުރިހަމަވެ އަހުރެމެންގެ ޙިއްސުތައް ހޭލެވިދާނެއެވެ. ވީމާ މިދިރިއުޅުން ފުރިހަމަވެގެންދާހުށީ ބާއްޖަވެރި ކަމަކަށެވެ. އެއީ އަހަރުމެންގެ ފުރާނަތަކާއި ގުނަވަންތައް އެދުވަހެއްގައި ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ބޯލަބައި ކިޔަމަންވެ އެއަށް ޢަމަލު ކުރުމުންނެވެ. އަދި މިއާއި ޚިލާފަށް އަހުރެމެންގެ ޢަމަލުތައް ދާނަމަ ދިމާވަނީ އުދަގުލާއި ދަތި ދިރިއުޅުމުގެ ދުވަސްތަކާއިއެވެ. އެއީ ސޫރަތުއް ޠާހާގެ 124 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވާ ފަދައިންނެވެ. وَمَنْ أَعْرَضَ عَنْ ذِكْرِي فَإِنَّ لَهُ مَعِيشَةً ضَنْكًا وَنَحْشُرُهُ يَوْمَ الْقِيَامَةِ أَعْمَىٰ "ތިމަންރަސްކަލާނގެ ހަނދުމަކޮށް އުޅުމުން އެއްކިބާވެ އެކަމުން މޫނު އަބުރާލި މީހަކަށް ހުރީ ދުނިޔޭގެ އުނދަގުލާއި ދަތިކަމެވެ. ފެންނަފެނުމުގައި އެމީހަކީ އަތްމަތި ތަނަވަސް މީހަކު ކަމުގައިވިއަސްމެއެވެ. އަދި ޤިޔާމަތް ދުވަހުގައި ތިމަން ރަސްކަލާނގެ އެމީހަކު މަޙްޝަރު ކުރައްވަވާހުށީ ކަނުމީހެއްގެ ގޮތުގައެވެ. ދައްކާނެ ޙުއްޖަތެއް ދަލީލެއް ނެތް ގޮތުގައިމެއެވެ.

އަޅުކަންތައް ކުރުމުން މެދުކެނޑިގެންދިއުމުން ފާޅުވާބައެއް ސަބަބުތައް:
ހިތުގެ ހަރުކަށިކަން
ހަމަކަށަވަރުން އިންސާނާ އޭނާގެ ހިތުގެ ކުރަކިކަމާއި ހަރުކަށިކަން މިދަރަޖައަށް ހަރުކަށިވެއްޖެކަމާއި މެދު އިޙްސާސް ކުރެއެވެ. އަދި ހަމަކަށަވަރުން އޭނާގެ ހިތް މިހާރު މިވަނީ ހަރުވަމުންގޮސް ހިލައަށްވެފައެވެ. އެއީ އެއްވެސް އެއްޗަކުން އެހިތަށް އަސަރެއް ނުކުރުމާއި، އެއިން އެހެންއެއްޗަކަށް އަސަރެއް ނުކުރުވުމާއި އަދި އެއްވެސްކަމަކަށް މަޑުމައިތިރިވުމެއްނެތުމުންނެވެ.
ކީރިތި ޤުރުއާން ކިޔެވުމާއި އެއަށް ޢަމަލު ކުރުން ދޫކޮށްލުން
ކީރިތި ޤުރުއާނުގެ އާޔަތްތަކާއި އޭގެ ވަޢީދާއި ބިރުގެންނެވުމަކުން އަދި ޤުރުއާނުގައި އައިސްފައިވާ އަމުރުފުޅުތަކާއި އޭގައި ނަހީ ކުރައްވާފައިވާ ކަންތަކާއި އަދި ޤިޔާމަތް ދުވަސް ސިފަކުރައްވާފައިވާ ކަންތަކުން ކުރެ އެއްވެސް ކަމަކުން އަސަރެއް ނުކުރުމެވެ. އޭނާ އެމަތިވެރިމާތް ޤުރުއާން އަޑުއަހައި އުޅެނީ އާދައިގެ މީހެއްގެވާހަކައެއް އަހައި އުޅޭފަދައިންނެވެ. އަދި ކީއްތޯއެވެ. އަދި ކީރިތި ޤުރުއާން އެހުމާއި މެދު އޭނާގެ މޭވަނީ ދަތިކަމަކަށްވެފައެވެ. ވީމާ ޤުރުއާން ކިޔަވައި އެއިން ލިބިގަންނަންވީ ފައިދާ ލިބިގަތުމަކަށް އޭނާ ކުޅަދާނަވެގެންނުވެއެވެ. އެހެންކަމުން ދުވާލަކު އާދަކޮށް ކިޔެވުމަށް ހަމަޖެހިފައިވާ މިންވަރު، ތިލާވަތުކުރުމަކީވެސް އޭނާއަށްވާނެކަމެއްނޫނެއެވެ.
އިތުރު ހެއުކަންތައްކޮށް އުޅުމުގައި ފަރުވާކުޑަކުރުން.
ހެއު ޢަމަލުތައް ކުރުމުގައި ކަންނެތްވެ އުޅުމާއި އަޅުކަންކުރުމުގައި ފަރުވާ ކުޑަވެ އެކަމަށް އަޅައިލުން ނުބެހެއްޓުމުންނެވެ.
ވީމާ ނަމާދު އަދާކޮށްއުޅޭ ހުށީ ހަމައެކަނި ކުރެވޭ ޙަރަކާތްތަކެއްގެ ގޮތުގައެވެ. ކޮޅަށްހުރުމާއި ގުދުވުމާއި އިށީނުމެކެވެ. އޭގައި އެއްވެސް އަސަރެއް ނުވާނެއެވެ. ހުއްޓިހުރުން ބޭނުންވާހުށީ އެންމެފަހަތު ސަފުގައެވެ. ރަވާތިބު ސުންނަތާއި ނާފިލް ނަމާދާއި ވިތުރިފަދަ ކަންކަމަށް އެއްވެސް ފަރުވާއެއް ނުބަހައްޓާނެތެއެވެ.
އަޅުކަންކުރުމުގައި ފަރުވާކުޑަކޮށް އެކަން އުނިކޮށް އުޅޭމީހުނާއި އެކުގައި އުޅުމަށްދިމާވުން.
ޝައްކެއްނެތެއެވެ. އަޅުކަން ކުރުމަށް ފަރުވާކުޑަކޮށް އެކަމަށް ކަމޭނުހިތާ މީހުންނާއި އެކުގައި އުޅުމަށް ދިމާވުމަކީ އަޅުކަންކުރުމަށް އުނިކަމާއި ފަރުވާކުޑަކުރުމުގެ ސަބަބުތަކުގެ ތެރެއިން އެއްސަބަބެއެވެ. އެގޮތަކީ އިންސާނާވާހުށީ އޭނާގެ އެކުވެރިޔާގެ ދީނާއި ގޮތުގައިއެވެ. މިފަދަ ޙާލަތުގައި ޒުވާނާ އަބަދުވެސް ބަލާނީ އަދި ދެކޭނީ އޭނާގެ އެކުވެރިންގެގޮތާއި ނަމޫނާއެވެ. ދެންފަހެ ޒުވާނާ އޭނާގެ އެކުވެރިންނަށް ބަލާ މިބެލުން ފަހަރުގައި އެމީހުންނާއި އެއްގޮތަށްއުޅުމަށް މަޖުބޫރުކުރުވާނެއެވެ. އަދި އެ އެކުވެރިންއުޅޭ ގޮތާއި ނޭދެވޭ ކަންތައްތަކަށް މީނާވެސް ރުހި އެކަން ޤަބޫލުކުރާނެއެވެ. މިކަމުގައިވާ ބިރުވެރިކަމަކީ ފޮރުވެ ވަންހަނާވެގެންވާނެކަމެއް ނޫނެއެވެ.
ޝައިތާނާގެ ކެހިދިނުމާއި އެސޮރުގެ ވަސްވާސްތައް.
ހަމަކަށަވަރުން ޝައިތާނާ މުސްލިމުންނަށް އެތައްގޮތަކަށް އެކިވައްތަރަކަށް ކެހިދޭނެއެވެ. އޭގެތެރެއިން ބައެއްކަންތަކާއި ގޮތްތަކަކީ ސުންނަތްތަކާއި އިތުރު އަޅުކަން ފަހުންކުރުމަށް ދޫކޮށްލުމެއެވެ. މިގޮތުގެ މަތީން ވަރަށްގިނަބަޔަކު މިފަދަ އަޅުކަންތައް ކުރުން ދޫކޮށްލައެވެ. އެއީ އެމީހުންކުރަމުން އަންނަ މަސައްކަތްތައް ފުރިހަމަވެއްޖެއުމަށް ދާންދެނެއެވެ. އަދި އަނެއްބަޔަކު ދެކެނީ މަސައްކަތްތައް ފުރިހަމަ ކުރުމަށްފަހު ގޭގައި އެ އަޅުކަންތައް ކުރުމަށް ލަސްކުރުމެއެވެ. އެންމެފަހުގެ ނަތީޖާއަކީ ހަނދާންނެތުމުގެ ޢާލަމަށް އެކަންގޮސް ހަމަޖެހުމެއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަޅުކަންކުރެއްވުމުގެ ތެރެއިން ހިމެނޭ ބައެއް ކަންތައްތައް:
1- كَانَ رسول الله صلى الله عليه وسلم ( يَسْجُدُالسَّجِدَةَ مِنْ ذاَلِكَ قَدْرَمَايَقْرَأ أَحَدُكُمْ خَمْسِيْنَ آيَةَ قَبْلَ أَنْ يَرْفَعَ رَأْسَهُ) ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސަޖިދަ ކުރައްވައި އެސަޖިދައިން، އިސްތަށިފުޅު އުފުއްލަވާލެއްވުމުގެ ކުރިން ތިޔަބައިމީހުންކުރެ މީހަކު (ކީރިތި ޤުރުއާނުން) ފަންސާސް އާޔަތް ކިޔަވާހާ އިރު އޮންނަވައެވެ. (ބުޚާރީގެ ރިވާޔަތުން ބައެއް)
2- كَانَ رسول الله صلى الله عليه وسلم ( إِذَا قَامَ فِيْ صَلاَتِهِ طَأْ طَأَ رَأْسَهُ تَوَاضُعًا لِلَّهِ تَعَالَى، وَلَمْ يَلْتَفِتْ وَلَمْ يَتَكَلَّمُ) ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ ނަމާދުފުޅުގައި ކޮޅަށް ހުންނަވައިފި ހިނދެއްގައި ﷲ ތަޢާލާއަށް ތަވާޟުޢު ވެރިވުމުގެ ގޮތުން އިސްތަށިފުޅު ތިރިކޮށްލައްވައި އިސްޖައްސަވައެވެ. އަދި އެއްފަރާތުން އަނެއްފަރާތަށް އެބުރިނުބައްލަވައެވެ. އަދި ވާހަކަފުޅެއްނުދައްކަވައެވެ. (އަލްބާނީ އެކުލަވާލައްވާފައިވާ "ޞިފަތު ޞަލާތިއްނަބިއްޔި" އިންނެގިފައިވާބަސްފުޅެކެވެ.)
3- كَانَ رسول الله صلى الله عليه وسلم ( إِذَاصَلّى الْفَجْرَ، جَلَسَ فِيْ مُصَلاَّه‘ حَتَّى تَطْلُعَ الشَّمْسُ) (رواه مسلم). ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ފަތިސްނަމާދު ކުރައްވައިފި ހިނދެއްގައި އިރުއަރަށްޖައުމަށް ދާންދެން ނަމާދު ކުރެއްވެވިތާނގައި އިންނަވައެވެ.
4- كَانَ رسول الله صلى الله عليه وسلم ( يَصُوْمُ ثَلاَثَةَ أَيَّامٍ مِنْ كُلِّ شَهْرٍ ) حديث: (حسن من رواية أحمد). ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކޮންމެ މަހެއްގައި ތިން ރޯދަހިތްޕަވައެވެ.
5- كَانَ رسول الله صلى الله عليه وسلم ( يَتَحَرَّى صِيَامَ يَوْمِ الأِثْنَيْنِ وَالْخَمِيْسِ ). (زادالمعاد). ހޯމަދުވަހާއި ބުރާސްފަތި ދުވަހާއި ދެދުވަހުގައި ރޯދަ ހިތްޕެވުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެދިވަޑައިގެން މަސައްކަތް ކުރައްވައެވެ.

ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހުމާގެ އަޅުކަން
طوارس ވިދާޅުވިއެވެ. އިބްނު ޢުމަރު ފަދައިން ނަމާދުކުރައްވާ އެހެން އެއްވެސް މީހަކު އަހުރެންނުދެކެމެވެ. އެކަލޭގެފާނުގެ މޫނުފުޅާއި ދެއަތްތިލަފުޅާއި އަދި ދެފައިތިލަފުޅު ހުންނަނީ ވަރަށްބޮޑަށް ޤިބްލައަށް ކުރިމަތި ކުރައްވައިގެންނެވެ. އަދި ނާފިޢުގެ އަރިހުން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ޟުޙާނަމާދުގެ ވަގުތާއި ހަމައަށް މަސްޖިދުއްނަބަވީގައި އިބްނު ޢުމަރު އިށީދެވަޑައިގެން އިންނަވައެވެ. މެންދުރާއި ޢަޞުރަށް އަވަސްވެ ވަޑައިގެންނަވައެވެ. އަދި ހާރުދަން މަތިވެއްޖިއްޔާ އިށީދެވަޑައިގެން ފާފަ ފުއްސެވުމަށާއި ދުޢާ ކުރެއްވުން މަތީގައި ފަތިސްވެއްޖައުމަށްދާންދެން އުޅުއްވައެވެ. އަދި ރޯދަ ހިއްޕަވަން ފައްޓަވައިފިނަމަ އެއަޅުކަންމަތީ ދެމިހުންނަވައެވެ. އެއީ އެކަލޭގެފާނުގެ ކިބައިން އެކަން އެގިއްޖައުމަށް ދާންދެނެއެވެ. އަދި ހުކުރުގެ ކުރީވަގުތުގައި ނަމާދުކުރެއްވުން ދިގު ކުރެއްވައެވެ. އަދި ހުކުރުނަމާދަށްފަހު އެކަލޭގެފާނުގެ ގަނޑުވަރުކޮޅުގައި ދެ ރަކްޢަތް ނަމާދު ކުރައްވައެވެ.

އަލްއިމާމު އަޙްމަދު ބިން ޙަންބަލްގެ އަޅުކަން
އަލްއިމާމު އަޙްމަދު ބިން ޙަންބަލްގެ ދަރިކަލުން ޢަބްދުﷲ ވިދާޅުވިއެވެ. (ތިމަންނަގެ ބައްޕާފުޅު ރެއާއި ދުވާލު ތިންސަތޭކަ ރަކްޢަތް ކުރައްވައެވެ. މިފަދައިން އަޅުކަމުގައި ހުންނަވަނިކޮށް އާލާސްކަންފުޅު ގައި ޖެހި ހަށިކޮޅުނިކަމެތިވުމުން ސަތޭކަފަންސާސް ރަކްޢަތް ހަމަޖައްސެވިއެވެ. އޭރު އެކަލޭގެފާނުގެ ޢުމުރުފުޅުން އަށްޑިހަ އަހަރުވެދާނެއެވެ. އަދި ބައްޕާފުޅު ހަތްދުވަހުގެ މުއްދަތުގައި ކީރިތި ޤުރުއާންކިޔަވައި ވިދާޅުވެ ޚަތިމްކުރައްވައެވެ. އަދި ދުވާލުގެ ނަމާދުތައް ފިޔަވައި ހަތްރޭގެ މުއްދަތުގައި ކުރައްވަވާ ނަމާދުތަކުގައި ޤުރުއާން ޚަތިމު ކުރައްވައެވެ. އަދި ޢިޝާ ނަމާދަށްފަހު ކުޑައިރުކޮޅަކު އަވަހާރަލައްޕަވައެވެ. އެއަށްފަހު ތެދުވެވަޑައިގެން ނަމާދުކުރެއްވުމާއި ދުޢާކުރެއްވުން މަތީގައި ފަޖުރުލައްޖައުމަށްދާންދެން ހުންނަވައެވެ. (مناقب الإمام أحمدبن حنبل ابن الجوزي).

އަލްއިމާމުއް ޝާފިޢީގެ އަޅުކަން
އަލްއިމާމުއް ޝާފިޢީ ރޭގަނޑު ތިންބަޔަށް ބައްސަވާލައްވައެވެ. ތިންބައިން ފުރަތަމަބައިގާ ލިޔުއްވައި އުޅުއްވައެވެ. ދެވަނަބައިގައި ނަމާދުކުރައްވައެވެ. ތިންވަނަބައިގައި އަވަހާރަފުޅު ލައްޕަވައެވެ. އައްޝާފިޢީ ވިދާޅުވާކަމުގައިވެއެވެ. ދުނިޔޭގެ ފައިދާއެއްނެތް ތަކެތިހޯދުމާއި ލިބިގަތުމަށް އެދި އުޅުމަކީ ޢުޤޫބާތެކެވެ. ﷲ ތަޢާލާ އެކަމުން ތައުޙީދުގެ އަހުލުވެރިންނަށް ޢުޤޫބާތް ދެއްވަނީއެވެ. އަދި އަލްއިމާމުއް ޝާފިޢީ އަސާއެއް ހިއްޕަވައިގެން ހިންގަވާ ވަޑައިގެން އުޅުއްވައެވެ. އެކަމާއިމެދު ދެންނެވުނެއެވެ. ޖަވާބުގައި ވިދާޅުވިއެވެ. ހަމަކަށަވަރުން އަހަންނަކީ ދުނިޔެދޫކޮށްދާ ދަތުރުވެރިއަކީމެވެ. އަދި ކޮންމެވެސް މީހަކު އައްޝާފިޢީއާއި ކޮންމެވެސް ކަމަކާއިމެދު ސުވާލުކުރިއެވެ. އަދި އެމައްސަލައާއިމެދު ނަބީ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން އެވެނިހެން ޙަދީޘްރިވާ ވެފައިވެއެވެ. އަދި އެމީހަކު ޝާފިޢީގެފާނަށް ދެންނެވިއެވެ. އޭ އަބޫ ޢަބްދުﷲ އެވެ! ކަލޭގެފާނު މިފަދައިން ވިދާޅުވީމުހެއްޔެއެވެ؟ (މިއަޑު އައްސަވާފައި) އައްޝާފިޢީ ވިދާޅުވިއެވެ. އަހުރެން ހިނގާއުޅުމަށްވަނީ ކޮންބިމެއްހެއްޔެއެވެ؟ އަދި އަހުރެންނަށް ހިޔާވަހިކަންދޭހުށީ ކޮން އުޑެއްހެއްޔެއެވެ؟ އެއީ ނަބީ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން އަހުރެން ޙަދީޘެއް ރިވާކޮށް އެއާއި އެއްގޮތަށް ނުބުނި ނަމައެވެ. އާދޭހެއެވެ. އަހުރެންނަށްހުރީ އެ ޙަދީޘްފުޅު އަހައި، އެއާއި އެއްގޮތަށް ބުނެ ޢަމަލުކުރުމެވެ.

އަލްއިމާމު އަބޫ ޙަނީފާގެ އަޅުކަން
އަލްއިމާމު އަބޫ ޙަނީފާ ނަމާދު ކުރައްވަވާ ގިނަކަމުން އެއީ (ބިމަށްހަރުކޮށްފައިވާ) ކަޑައެކޭ ބުނެވެއެވެ. އެކަލޭގެފާނާއި މެދު ނަޤުލު ވެވިފައިވެއެވެ. ހަމަކަށަވަރުން އެކަލޭގެފާނު ސާޅީސް އަހަރުގެ ދިގުމުއްދަތުގައި ޢިޝާނަމާދަށް ކުރައްވަވާ ވުޟޫއިން ފަތިސްނަމާދު ކުރައްވައެވެ. އަދި އެކަލޭގެފާނުގެ ވަރަޢަވެރިކަމާއި ތަޤްވާގެތެރެއިންވެއެވެ. އޭނާގެ އަތްޕުޅުން ދަރަނިނަގާފައިވާ މީހެއްގެ ފާރެއްގެ ހިޔަލުގައިވެސް އިށީދެވަޑައި ނުގަންނަވައެވެ. އަދި ޢާއްމުކޮށް އެކަލޭގެފާނު ރޭގަނޑުގައި ކީރިތި ޤުރުއާން ކިޔަވައި ވިދާޅުވެ އުޅުއްވައެވެ. އަދި އެކަލޭގެފާނުގެ އަވައްޓެރީން އޭނާގެ ރުއިމުގެ އަޑުއަހާފައި އޭނާގެމައްޗަށް އެމީހުންގެ ހިތުގައި ރަޙުމާއި އޯގާވެރިކަން އުފެދެއެވެ. އަދި އަލްއިމާމު އަބޫ ޙަނީފާ އަވަހާރަވިތާގައި އިންނަވައިގެން (އެކަލޭގެފާނު ދުނިޔޭގައި ހުންނެވިއިރު) ހަތްހާސް ފަހަރު ކީރިތި ޤުރުއާން ޚަތިމު ކުރެއްވި ކަމުގައިވެއެވެ.

އަދި އެކަލޭގެފާނު ދައްކަވާފައިވާ، ވާހަކަފުޅުތަކުގެ ތެރެއިންވެއެވެ. (ހަމަކަށަވަރުން ދުނިޔެ އަކީ ﷲ ތަޢާލާއަށް އުރެދެވޭތަނަކަށްވާތީ ދުނިޔެއަށް ތިބާ ރުޅިއަންނަކަމުގައި ނުވިނަމަ ހަމަކަށަވަރުން ދުނިޔެތިބާއަށް ރުޅިއަންނާނެއެވެ.)

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅުކުރެއްވިއެވެ. (اِيَّاكُمْ وَمُحَقَرَّاةِ الذُّنُوْبِ ,فَإِنَّ هُنَّ يَجْتَمِعْنَ عَلَى الرَّجْلِ حَتَّى يُهْلِكَهُ). ފާފަތައް އާދައިގެ ނިކަމެތިކަމެއްކަމުގައި ދުށުމާއިމެދު ބިރުވެތިވެ އެކަމުން ދުރުވެގަންނާށެވެ. އެހެނީ ހަމަކަށަވަރުން އިންސާނާ ހަލާކޮށްލައިފުމަށް ދާންދެން އެފާފަތައް އޭނާގެމައްޗަށް އެއްވަމުން ޖަމަޢަވަމުން ދެއެވެ. (المسند من حديث ابن مسعود).
ނަމާދުތައް އޭގެވަގުތު ތަކުގައިކުރުމުން ﷲ ތަޢާލާ ހަނދުމަކޮށް އުޅޭށެވެ. އެހެނީ ހަމަކަށަވަރުން ނަމާދަކީ އެއްނަމާދު އަނެއްނަމާދާއި ދެމެދުގައި ކުރެވޭ ކުދި ފާފަތަކުގެ ކައްފާރާއެކެވެ. ހަމައެފަދައިން ރޯދައާއި ކަޢްބަތުﷲ އަށް ގޮސް ޙައްޖުވުމެވެ.

މިފަދައިބުރަތްތެރި ދަރުސްތަކުން އިބުރަތްލިބި ތިމާމެންގެ ޢަމަލުތައް އިސްލާހުކުރެވޭތޯ މަސަތްކަތް ކުރައްވާށެވެ.

Read more...

22 June 2012

ތައުޙީދުގެ އަހުލުވެރިޔާ އެއްވެސް ޙިސާބަކާއި އަދި ޢަޛާބަކާ ނުލައި ސުވަރުގެ ވަންނަހުއްޓެވެ

އައްޝައިޚް އަބޫބަކްރު އިބްރާހިމް ޢަލީ
ަތައުޙީދުގެ އަހުލު ވެރިންނަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ އެންމެ ލޯބިވެ ވޮޑިގެންވާ މީހުންނެވެ. ތައުޙީދު ބަރާބަރުކޮށް ތައުޙީދުގައިވާ ގޮތުގެމަތީން ޢަމަލުކުރާ މީހާ އެއްވެސް ހިސާބަކާއި، އަޛާބަކާއި ނުލައި ސުވަރުގެ ވަނާނެއެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
إِنَّ إِبْرَاهِيمَ كَانَ أُمَّةً قَانِتاً لِلّهِ حَنِيفاً وَلَمْ يَكُ مِنَ الْمُشْرِكِينَ -النحل : 120-
މާނައީ: "ހަމަ ކަށަވަރުން އިބްރާހީމް(ޢަލައިހިއްސަލާމް) ވެވަޑައިގެންނެވީ ﷲ ފިޔަވައި އަޅުކަން ކުރެވޭ ހުރިހައި ތަކެތިން ދުރުވެ ވަޑައިގެން ހަމައެކަނި ﷲއަށް ކިޔަމަން ތެރިވެ ވަޑައިގެންވާ (ތައުޙީދުގެ) ނަމޫނާއެއް ކަމުގައެވެ. އަދި އެކަލޭގެފާނު މުޝްރިކުންގެ ތެރެއިން ވެވަޑައިނުގަންނަވައެވެ."

އަދި ﷲ ސުބްޙާނަހޫ ވަތަޢާލާ އިބްރާހީމްގެފާނަށް ތަޢުރީފް ވަޙީ ކުރައްވައި އިބްރާހީމްގެފާނީ އާޚިރަތް ދުވަހުން ވެސް ޞާލިޙް މާތް މީހުންގެ ތެރެއިންވާ ބޭކަލަކު ކަމުގައި އެންގެވިއެވެ. ފަހެ އިބްރާހީމްގެފާނަށް މިމަތިވެރި ދަރަޖަ ލިބިވަޑައިގަތީ އިބްރާހީމްގެފާނު ތައުޙީދުގެ ފުރިހަމަ ދީން މަތީ ޘާބިތުވެ ވަޑައިގެން ހުންނެވި ކަމުންނެވެ. އާދެ ﷲ ފިޔަވައި ބާތިލް ގޮތުގައި އަޅުކަން ކުރެވޭ ހުރިހައި އެއްޗިއްސަކުން ދުރުވެ ވަޑައިގެން ހުންނެވި ކަމުންނެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާ މުއުމިނުންނަށް މަދަޙަ ވަޙީ ކުރައްވައި އަންގަވައެވެ.
(وَالَّذِينَ هُمْ بِرَبِّهِمْ لَا يُشْرِكُونَ) -المؤمنون: 59-
މާނައީ: "އެމީހުންނަކީ (ފުރިހަމަ މުއުމިނުންނަކީ) އެމީހުން ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ ރަސްކަންފުޅާއި ހަމަ އެކައްޗަކާއިވެސް ޝަރީކަ ނުކުރާ މީހުންނެވެ."

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ މިއުންމަތުން ހަތްދިހަހާސް މީހުން އެއްވެސް ހިސާބަކާއި އަޛާބަކާއި ނުލައި ސުވަރުގެ ވަންނާނޭ ކަމުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިޢުރާޖުއަރާވަޑައިގެންނެވި ރޭގައި އެންގެވުނެވެ. އަދި އެމީހުންނަކީ ތައުޙީދާ ޚިލާފް ވާގޮތުގެމަތިން ފަންޑިތަ ހަދާ އަދި މިނޫން ވެސް އެބާވަތުގެ ޝިރުކުގެ އަސަރުވެސް ހުރި ކަންކަމުން ދުރުވެ ހަމަ އެކަނި އެމީހުން ހައްދަވައި ބޮޑުކުރެއްވި އިލާހުގެ ހަޟުރަތައް ވަކީލް ކުރާ މީހުން ކަމުގައި ހަދީޘް ކުރެއްވިއެވެ. (ބުޚާރީ އަދި މުސްލިމް)
__________________________________-
ސުވާލު:
(1) އެއްވެސް ހިސާބަކާއި އަޛާބަކާއި ނުލައި ސަވަރުގެ ވަންނާނެ މީހުންނަކީ ކޮން ބައެއް ހެއްޔެވެ؟
(2) އިބްރާހީމްގެފާނުންގެ މާތްކަން ބަޔާންކުރާ އާޔަތެއް ބަޔާންކުރޭ؟
(3) މުއުމިންނަށް މަދަޙަ ވަޙީ ކުރެއްވުމުގެ ސިފައެއް ބަޔާން ކުރޭ!
-----------------------------------------------------
އައްޝައިޚް އަބޫބަކްރު އިބްރާހިމް ޢަލީ ލިޔުއްވާފައިވާ "ރިސާލަތުއް ތައުޙީދި" ފޮތުން ނަގާފައި

Read more...

16 June 2012

ކަރުނަ ނުއޮހޮރޭ އެންމެ ލޮލެއްވެސް ނުވެއެވެ

ކޮންމެ ހުކުރު ދުވަހެއްގެ ހުކުރު ނަމާދަށްފަހު، އެރަށުގެ މައި މިސްކިތުގެ އިމާމް މީހާއާއި އޭނާގެ 11 އަހަރުގެ ދަރިފުޅު ރަށުތެރެއަށް ނުކުމެ، “ޖަންނަތަށް ދެވޭނެ މަގު” ކިޔާ ލީފްލެޓް ތަކަކާއި އިތުރު ދީނީ ލިޔުންތައްވެސް އެރަށުގެ މީސްތަކުންނަށް ބަހައެވެ.
މިފަދަ އެއް ހުކުރު ދުވަހެއްގެ މެންދުރުފަހު އިމާމް މީހާއި އޭނާގެ ދަރިފުޅު އެލިޔުންތައް ބެހުމަށްޓަކައި ބޭރަށް ނުކުންނަ ވަގުތު ޖެހުނުއިރު ވަރަށް ބޯކޮށް ވާރޭ ވެހެއެވެ. އަދި ވަރަށް ފިނިވެސް މެއެވެ. އެހެންކަމުން އެ ކުޑަކުއްޖާ ، އޭނާގެ އަތުގައި އޮތް އެންމެ ބޯ ހެދުން ލައިގެން ނުކުމެ ބައްޕަ ގާތުގައި ބުންޏެވެ. ” ބައްޕާއެވެ. އަހަރެން މިހިރީ ތައްޔާރު ވެގެންނެވެ.” އެހިނދު ބައްޕަ ބުންޏެވެ.” ތައްޔާރުވީ ކޮން ކަމަކަށް ހެއްޔެވެ؟” އެ ކުއްޖާ ބުންޏެވެ. ” މިއީ އަހަރުމެން ލިޔުންތައް ހިފައިގެން މަގުތަކަށް ނުކުންނަ ވަގުތެއް ނޫންހެއްޔެވެ؟” ޖަވާބުގައި ބައްޕާ ބުންޏެވެ. ” ދަރިފުޅާއެވެ. ބޭރުތެރެ ވަރަށް ފިންޏެވެ. އަނެއްކާ ވާރޭވެސް އެބަ ވެހެއެވެ.”

ޙައިރާން ކަމާއިއެކު ދަރިފުޅު ބައްޕައާ ދިމާލަށް ބަލާލިއެވެ. އަދި އަހާލިއެވެ. ” ބައްޕާއެވެ. ވާރޭ ވެހުނު ކަމުގައި ވިޔަސް މީސްތަކުން ޖަހަންނަމައަށް ދިއުން ނުހުއްޓޭނެއެއްނޫން ހެއްޔެވެ؟” ބައްޕަ ބުންޏެވެ. ” ދަރިފުޅާއެވެ. މިފަދަ ގޮތަކަށް މޫސުން އޮއްވައި ބައްޕައެއް ނުދާނަމެވެ.”

މޮޅިވެރިކަމާއިއެކު އެކުއްޖާ އަހާލިއެވެ. ” ބައްޕާއެވެ އަހަރެން ދިޔަސް އެންމެ ރަނގަޅު ހެއްޔެވެ؟” ފުރަތަމަ ނުފޮނުވާން ހުރެފައި އިރުކޮޅަކުން ބައްޕަ ބުންޏެވެ. ” ދަރިފުޅު ދިޔަސް މައްސަލައެއް ނެތެވެ. މިހުރީ ލިޔުންތަކެވެ. މަގުމަތީގައި ފަރުވާތެރިކަމާއި އެކު އުޅޭށެވެ.”

ބައްޕައަށް ޝުކުރު އަދާކުރުމަށްފަހު، ވާރޭގެ ތެރެއަށް އެ ކުޑަކުއްޖާ ނުކުތެވެ. ފެންނަ ކޮންމެ ގެއަކަށް، ދިމާވާ ކޮންމެ މީހަކަށް ލިޔުމެއް ދެމުންނެވެ. މިގޮތުގައި ދެގަޑިއިރު މަގުމަތި ހޭދަކުރި އިރު، އެކުއްޖާ ހުރީ އެއްކޮށް ތެމި ފޯވެފައެވެ. އޭރު ބާކީ އޮތީ އެންމެ ލިޔުމެކެވެ. އެހެންކަމުން ކަނެއްގައި މަޑު ކޮށްލުމަށްފަހު، އެލިޔުން ދޭނެ މީހެއް ފެނޭތޯ ހޯދާ ބަލާލިއެވެ. ނަމަވެސް މަގެއްގެ ކޮޅުންވެސް މީހަކު ފެންނާކަށް ނެތެވެ. ދެން އެންމެ ކައިރީގައި ހުރި ގެއަށް ބަލާލުމަށްފަހު، ގޭގެ ދޮރާ ދިމާއަށް ހިނގައިގަތެވެ. އަދި ހަމަ ދެވުމާއިއެކު ރަނގަބީލު ޖަހައިލިއެވެ. ނަމަވެސް އެއްވެސް ޖަވާބެއް ނައެވެ. އެކުއްޖާ ތަކުރާރުކޮށް ރަނގަބީލު ޖަހަމުން ދިޔައިރުވެސް އެއްވެސް ޖަވާބެއް ނުލިބުނެވެ.

އެންމެފަހުން މި 11 އަހަރުގެ ދާޢީ ( ދީނަށް ގޮވާލާ ނަޞޭޙަތްތެރިވާ މީހާ/ކުއްޖާ) ދިއުމަށްޓަކައި އެނބުރިލިއެވެ. ނަމަވެސް، ކޮންމެވެސް ކަމެއް އޭނަ ހުއްޓުވިއެވެ. އެކުއްޖާ އަނެއްކާވެސް ރަނގަބީލު ޖަހަން ފެށިއެވެ. އަދި ވަރަށް ބާރަށް ޓަކިޖަހަންވެސް ފެށިއެވެ. މަޑުމަޑުން ދޮރު ހުޅުވެން ފެށިއެވެ. އެތެރޭގައި ދޮރު ދޮށުގައި ހުއްޓިލައިގެން ހުރީ ވަރަށް ދެރަވެފައި ހުރި މުސްކުޅި އަންހެނެކެވެ. އެމީހާ ވަރަށް މަޑުމައިތިރިކަމާއި އެކު އަހައިލިއެވެ. ” ކޮއިފުޅަށް އަހަރެން ކޮށްދޭންވީ ކޮންކަމެއް ހެއްޔެވެ؟ “

އަލިކަމުން ފުރިގެންވާ ދެލޮލާއި ، ރިވެތި ހިނިތުންވުމާއި އެކު، މި ކުޑަކުޑަ ކުއްޖާ ބުނެލިއެވެ. ” އުނދަގު ކުރެވުނުނަމަ ވަރަށް ބޮޑަށް މަޢާފަށް އެދެމެވެ. ނަމަވެސް އަހަރެން ބުނެލަން ބޭނުމެވެ. ﷲ ތަޢާލަ ތިބާދެކެ ލޯބިވެ ވޮޑިގަންނަވައެވެ. އަދި ތިބާއަށް އަޅާލައެވެ. އަހަރެން މިއައީ އަހަރެން އަތުގައި އޮތް އެންމެ ފަހު ލީފްލެޓް ދޭށެވެ. މީގައި ﷲތަޢާލާ އާ ގުޅޭ ހުރިހާ ކަމަކާއި، އެއިލާޙުގެ ރުއްސެވުން ހޯދާނެ ގޮތާއި މީސްތަކުން ޚަލްޤު ކުރެއްވުމުގެ ޙިކްމަތް ވަރަށް ފުރިހަމައަށް ބަޔާންކޮށްދީފައި ވާނެއެވެ.”

އެލިޔުން ހަވާލުކުރުމަށްފަހު، ދިއުމަށްޓަކައި އެކުއްޖާ އެނބުރިލިއެވެ. އެވަގުތު އެމީހާ ގޮވާލިއެވެ. އަދި ބުނެލިއެވެ. ” ޝުކުރިއްޔާ! އަދި ﷲ ތިބާއަށް ހެޔޮ ރަޙްމަތް ލައްވާށިއެވެ!”

ޖެހިގެން އައި ހުކުރު ދުވަހުގެ ހުކުރު ނަމާދަށްފަހު އިމާމް މީހާ (އެ ކުޑަކުއްޖާގެ ބައްޕަ) ދަރުސެއް ދިނެވެ. އެއަށްފަހު އަހާލިއެވެ. ” އެއްވެސް މީހެއްގެ ސުވާލެއް ނުވަތަ ބުނެލަން ބޭނުންވާ އެއްވެސް އެއްޗެއް އެބަ އޮތް ހެއްޔެވެ؟”

އެހިނދު އެންމެ ފަހަތު ސަފުން މުސްކުޅި ފުރައިގެ އަންހެނެއްގެ އަޑު އިވެން ފެށިއެވެ. އޭނާގެ ވާހަކަ ތަކުގައި އުފާވެރިކަމާއި ހިތްހަމަޖެހުން އެކުލެވިގެންވާކަން ފާޅުވެގެން ދިޔައެވެ. ” މިތަނުން އެއްވެސް މީހަކަށް އަހަރެން ނޭނގޭނެއެވެ. މީގެ ކުރިން އަހަރެން މިތަނަކަށް ނާންނަމެވެ. މިދިޔަ ހުކުރު ދުވަހުގެ ކުރިން އަހަރެންނަކީ މުސްލިމެއް ނޫނެވެ. ދުވަސްކޮޅެއް ކުރިން އަހަރެންގެ ފިރިމީހާ މަރުވިއެވެ. އަދި މިދުނިޔޭގައި އަހަރެން އެކަނިވެރިވިއެވެ. މިދިޔަ ހުކުރު ދުވަހަކީ ވަކިން ފިނި އަދި ވިއްސާރަ ދުވަހެއް ކަމަށް ވުމުން އަހަރެންގެ އެކަނިވެރިކަން ވަކިން ބޮޑަށް އިތުރުވެގެން ދިޔައެވެ. ދިރި އުޅުމަށް އުއްމީދެއް އަދި އެދުމެއްވެސް ނެތެވެ. އެހެންކަމުން، ވާގަނޑަކާއި ގޮނޑިއެއް ހިފައިގެން އައިސް ދަންޖެހެން މަސައްކަތް ކުރީމެވެ. ވަލުގެ އެއްކޮޅު މަތީގައި އެއްސުމަށްފަހު، ގޮނޑިއަށް އަރައި، ވަލުގެ އަނެއްކޮޅު ކަރުގައި އެއްސީމެވެ. ގޮނޑިމަތީގައި އެކަނިވެރިކަމާއި އެކު ހިތް ކުދިކުދި ވެފައިވާ ޙާލު، އަރިއަކަށް ވެއްޓެން އުޅެނިކޮށް، ގޭގެ ރަނގަބީލުގެ ބާރު އަޑުން އަހަރެން ހައިރާން ކޮށްލިއެވެ. އަހަރެންގެ ހިތަށް އެރިއެވެ. މިނިޓެއް ވަންދެން މަޑުކޮށްލާނީ އެވެ. އޭރުން އެމީހަކު ހިނގައިދާނެއެވެ. އަހަރެން ވަރަށް އިރު މަޑުކުރީމެވެ. ނަމަވެސް ރަނގަބީލުގެ އަޑު ދިޔައީ ގަދަވަމުންނެވެ. އަދި އިރުކޮޅަކުން ވަރަށް ބާރަށް ޓަކިޖަހާ އަޑުވެސް އިވެންފެށިއެވެ. އަހަރެންގެ ހިތަށް އެރިއެވެ. މިވާނީ ކާކަށްބާއެވެ. އަހަރެންގެ ގާތަށް އެއްވެސް މީހަކު އައިސް ގޮސްވެއެއް ނޫޅެއެވެ.

ކަރުން ވާގަނޑު ނައްޓާލުމަށްފަހު، ބޭރު ދޮރާ ދިމާއަށް ހިނގައިގަތީމެވެ. އޭރުވެސް ރަނގަބީލުގެ އަޑު ދިޔައީ ގަދަވަމުންނެވެ. ދޮރު ހުޅުވާލުމަށްފަހު ބޭރު ބަލައިލިއިރު އަހަރެންގެ ލޮލަށް ފެނުނު މަންޒަރު ޤަބޫލުކުރަންވެސް ދަތިވިއެވެ. އެހެނީ ދޮރުކުރިމަތީ ހުއްޓިލައިގެން ހުރީ އަހަންނަށް މިހާތަނަށް ފެނުނު އެންމެ ރީތި އަލިކަންގަދަ ކުއްޖާއެވެ. އެކުއްޖާގެ ހިނިތުންވުން ސިފަކޮށްދޭން ނޭނގޭހާ ރީއްޗެވެ. އެކުއްޖާގެ އަނގައިން ނުކުތް ބަސްތަކުގެ ސަބަބުން، އަހަރެންގެ މަރުވެފައިވާ މިހިތަށް ދިރުން ލިއްބައިދިނެވެ. އެ ލޯބި ލޯބި އަޑުން ބުނެލިއެވެ. ” ﷲ ތަޢާލާ ތިބާދެކެ ލޯބިވެ ވޮޑިގަންނަވައެވެ. އަދި ތިބާއަށް އަޅާލައެވެ.” އެއަށްފަހު ‘ޖަންނަތަށް ދެވޭނެ މަގު” ކިޔާ މި ލީފްލެޓް އަހަރެންނަށް ހަވާލުކުރިއެވެ.

އެ ކުޑަކުޑަ ކުއްޖާ ވާރެއާއި ފިނީގެ ތެރެއަށް ގެއްލި ދިއުމުން ، ގޭގެ ދޮރު ލައްޕާލުމަށްފަހު، މިލިޔުމުގައިވާ ކޮންމެ ބަހެއް ވަރަށް ލަސްލަހުން ކިޔާލީމެވެ. އެއަށްފަހު، މައްޗަށް އަރައި ، ވާގަނޑާއި ގޮނޑި ނެގީމެވެ. މިހާރު އަހަރެންނަށް އޭގެ ބޭނުމެއް ނެތެވެ. މިހާރު އަހަރެންނަކީ އެއްކައުވަންތަ ޢިލާޙަށް ތަބަޢަވެގެން ހުރި އުފާވެރި މީހެކެވެ. މިޖަމާޢަތް ބޭއްވޭ ތަނުގެ ނަން އެ ލީފްލެޓްގެ ފަހަތުގައި ލިޔެވިފައި އޮތްތަން ފެނިފައި އަހަރެން މިތަނަށް މިއައީ ، ވަގުތު ކުޑަތަންވެފައި ވަނިކޮށް އަހަރެންގެ ގާތަށް އެކުޑަކުއްޖާ އައުމުގެ ސަބަބުން ތާއަބަދަށް ޖަހަންނަމައަށް ދިޔުމުން ސަލާމަތް ވުމުން އެކަމަށް ޝުކުރު އަދާކުރުމަށެވެ.”

ވާހަކަ މިހިސާބަށް ދިޔައިރު، ކަރުނަ ނުއޮހޮރޭ އެންމެ ލޮލެއްވެސް މިސްކިތުގައި ނުވެއެވެ. އަދި ތަކްބީރުގެ އަޑުފަށްގަނޑު ގުގުމައިގެން ދިޔައެވެ.

އިމާމް މީހާ (ކުޑަކުއްޖާގެ ބައްޕަ) މިމްބަރުން ފައިބައިގެން، ކުރީ ސަފުގައި އިށީނދެލައިގެން އިން އެކުޑަކުޑަ ކުއްޖާގެ ގާތަށް ދިޔައެވެ. އަދި ދަރިފުޅުގެ ގައިގައި ބައްދާލައިގެން އިނދެ، އެއްވެސް ހިފެހެއްޓުމެއްނެތި ރޯން ފެށިއެވެ.

ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ.

كُنْتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنْكَرِ وَتُؤْمِنُونَ بِاللَّهِ وَلَوْ آمَنَ أَهْلُ الْكِتَابِ لَكَانَ خَيْرًا لَهُمْ مِنْهُمُ الْمُؤْمِنُونَ وَأَكْثَرُهُمُ الْفَاسِقُونَ

މާނައީ : ތިޔަބައިމީހުންނަކީ މީސްތަކުންގެ ތެރެއަށް ނެރުއްވި އެންމެ ހެޔޮ އުންމަތެވެ. (އެހެނީ) ތިޔަބައިމީހުން ހެޔޮކަންކަމަށް އަމުރުކޮށް މުންކަރާތްތައް ނަހީ ކުރެއެވެ. އަދި ތިޔަބައިމީހުން ﷲއަށް އީމާންވެއެވެ. (އާލް އިމްރާން 110 )

މައުލޫމާތު : ދީން ޑޮޓް އިންފޯ އިން

Read more...

02 June 2012

ފުންކޮށް ވިސްނާލައްވާ ބައްލަވާށެވެ

އަލްއަޚް ޢަބްދުﷲ ރަޝީދު
الله تعالى އަށް ފަށްފަށުން ޙަމްދުކުރަމެވެ. އަޅުގަނޑުމެންގެ މުސްލިމު ދިވެހި ދަރިންނަކީ އިސްލާމްދީންދެކެ ލޯބިވާ ބައެއްކަމާއި މެދު ޝައްކެއްތެވެ. ކޮންމެއެކަސް ދިވެހި ޤައުމަކީ އިސްލާމީ ޤައުމެކެވެ. މިހާތަނަށްވެސް ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި އޮތް މުސްލިމް ދައުލަތެކެވެ. ދުނިޔެ މަތީގައި އިންސާނާއަށް ލިބޭނެ ބޮޑު ނިޢުމަތްތަކުގެ ތެރެއިން އެއް ނިއުމަތް ލިބިފައިވާ މީސްތަކުންތަކެއް އުޅެމުންދާ ކުޑަކުޑަ މުޖުތަމައެކެވެ.
އާއެކެވެ. އިސްލާމްދީނުގެ ހިދާޔަތަކީ އިންސާނަކަށް ލިބޭނެ އެންމެ ބޮޑު އެއް ނިއުތެވެ. އިސްލާމްދީން ނިޢުމަތަކަށްވަނީ އެއީ ބޮޑުމުދާ ގަޑެއްކަމުގައި ނުވަތަ ފައިސާތަކަށް ވީމައެއްނޫނެވެ. ނުވަތަ ބޮޑެތި އުސް އިމާރާތްކަކެއްވީމައެއް ނުމެނޫންމެވެ. އެހެނެއްކަމަކު އިސްލާދީން އެއީ އިންސާނިތްޔަތުގެ ހުންގާނަށްވީތީއެވެ. މިހުވަފެނީ ޙަޔާތް ދޫކޮށް ޙަޤީޤީ ޙަޔާތް އާދެ އާޚިރަތުގެ ބާއްޖަވެރިކަން ލިއްބައިދޭ ވަޞީލަތަށް ވީތީއެވެ. މުޖުތަމަޢުތަކުން ބޭއިންސާފާއި ނުބައި ރޭވުނަތައް ނެތިކޮށް، އަދުލްއިންސާފާއި ހެޔޮގޮތް ހޯދައިދޭ މަގުކަމުގައި ވިތީއެވެ. ނާމާންކަމާއި ބިރުވެރިކަން އެއްކިބާކޮށް، އަމާންކަމާއި ހަމަޖެހުން ލިއްބައިދޭ ސަބަބަށްވީތީއެވެ. ތަހްޒީބާއި ތަމައްދުނުގެ އަސްލުކަމުގައި ވީތީއެވެ. އެހެންކަމަށް ވީހިނދު މުޖުތަމަޢަށް އަދުލްއިންސާފާއި ހެޔޮގޮތް ބޭނުންނަމަ، އަމާންކަމާއި ހަމަޖެހުން ބޭނުންނަމަ، ތަހްޒީބާއި ތަމައްދުނު ބޭނުންނަމަ، އަޅުނޑުމެންނަށް އެދިމާއަށް ދުއްވައިދޭނެ ހުންގާނެއް ބޭނުން ވާނެކަމާއިމެދު ޝައްކެއްނެތެވެ. އާދެ އެ ހުންގާނަކީ އިސްލާމްދީނެވެ. އެދީން ރަގަނޅަށް ދެނެގަތުމެވެ. الله تعالى އީ ކޮން ފަރާތެއްކަން ދެނެގަނެ، ޙައްޤުގޮތުގައި އެއިލާހު އެއްކައުވަންތަކޮށް، ހަމައެކަނި އެއިލާހަށް އަޅުކަންކުރުމެވެ. އިސްލާމްދީނުގެ އަސާސީ އަސްލުތައް ދެނެގަނެ އެއަށް އަމަލުކުރުމެވެ. الله تعالى ގެ ރަސޫލާ صلى الله عليه وسلم އީ الله تعالى ފޮނުއްވި ޙައްޤުރަސޫލެއްކަން ދެނެގަނެ، އަދި އެކަލޭގެ ފާނު ގެނެސްދެއްވި ކަންކަމުގައި ހިފާ ނަހީކުރެއްވި ކަންކަމުން ދުރުހެލިވުމެވެ.
އޭ މުސްލިމް އޚުންނާއި އޚުތުންނޭ! އޭ ދިވެހި ދަރިންނޭ! ނިންކަން ފުންކޮށް ވިސްނާބައްލަވާށެވެ. "ތައުޙީދު" މިއީ ކޮންއެއްޗެއްހޭ؟ އަހައިފިނަމަ ޖަވާބު އެނގެނީ ކިތައް ދިވެހިންނަށްބާ؟ އާއެކެވެ. ތައުޙީދޭ ބުނެފިނަމަ އެއީ ކޮން އެއްޗެއްކަން އެގޭ ދިވެހިން މަދުކަމީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ. އަޅުގަނޑުމެންގެ ދިވެހި މުސްލިމު އަޚުންނާއި އުޚުތުންގެ ހާލަތައް ބަލާ އިރު އިސްލާމްދީނުގެ އާއްމު އެންމެ އަސާސީ ބައިތައްވެސް ނޭނގޭ ކަމީ، މިހާތަނަށް އައި އިރު ދިވެހިންނަށް އިސްލާމްދީނުގެ ޢިލްމު އުގަންނައި ދެވިފައި ނުވާކަމުގެ ހެއްކެވެ. މިމަތިވެރި ދީނުގެ މާތްވި އުސޫލުތައް ނޭނގޭކަމުގެ ބޮޑު ދަލީލެކެވެ. އެންމެ ކުޑަމިނުން ދީނަކީވެސް ކޮން އެއްޗެއްކަން އޭގެ ޙައްޤުގޮތުގައި ނޭނގޭ ކަމުގެ މިސާލެކެވެ. އެހެންކަމުން އަދިވެސް އިތުރަށް މިކަމާ ވިސްނަވާ، ތައުޙީދުގެ ކޮންމެވެސް މިން ވަރެއް އުގެނުމަށް ކުރިއަށް ވަޑައިގަންނަމާ ހިންގަވާށެވެ.
ތައުޙީދަކީކޮބާހެއްޔެވެ؟ އަދި އޭގެ ބައިތަކަކީ ކޮބާހެއްޔެވެ؟
ތައުހީދުގެ ލަފްޒީމާނައަކީ އެއްޗެއް އެކަނިވެރި ކޮށްލުމެވެ. ނުވަތަ އެއްމެ އެއްޗެއްކަމުގައި ހެދުމެވެ. ނުވަތަ އެންމެ ފަރާތެއްކަމުގައި ހެދުމެވެ. ނުވަތަ އެންކައުވަންތަ ކުރުމެވެ.
ޝަރުޢީގޮތުން ތަޢުޙީދުގެ މާނައަކީ الله تعالى އެއީ ވޮޑިގެންވާފަރާތެއްކަމަށް އީމާންވެހުރެ ރައްބުވަންތަކަމުގައި އާއި އިލާހުވަންތަކަމުގައި އެއިލާހުގެ އިސްމުފުޅުތަކާއި ޞިފަފުޅުތަކުގައި އެއިލާހު އެއްކައުވަންތަ ކުރުމެވެ.
الله تعالى ވަނީ ކީރިތި ޤުރުއާނުގެ އެތަށް އާޔަތެއްގައި ތައުޙީދު ނުވަތަ الله تعالى އެއްކައުވަންތަކުރުމާއި އެކަމުގެ ބައިތަކާއި ބެހޭގޮތުން އަޅުގަނޑުމެންނަށް އުގަންނައި ދީ ބަޔާންކޮށްދީފައެވެ.

ކީރިތި ޤުރުއާނުގެ ފުރަތަމަ ސޫރަތްކަމުގައިވާ الفاتحة ގައި الله تعالى ވަޙީކުރައްވާފައިވާ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ ގައިވާ (لله) މިލަފްޒުން ތައުޙީދުލް އުލޫހިއްޔާ ނުވަތަ އަޅުކަންކުރުމުގައި الله تعالى އެއްކައުވަންތަކުރުން ޘާބިތުކޮށް ދަލާލަތުކޮށްދެއެވެ. އަދި (رب العالمين) އިން ތައުޙީދުއް ރުބޫބިއްޔާ ނުވަތަ ރައްބުވަންތަކަމުގައި الله تعالى އެއްކައުވަންތަކުރުން ޘާބިތުކޮށް ދަލާލަތުކޮށްދެއެވެ. (އެބަހީ އެއްޗެހި އުފައްދައި ޚަލްޤުކުރެއްވުމާއި އެތަކެތި ބަލާ ގެންގުޅުމާއި އެތަކެއްޗަށް ރިޒްޤުދެއްވައި ހުރިހާ ކަމެއް ކޮށްދެއްވަނީވެސް الله تعالى ކަން ހިތުގެ އަޑިން ޔަޤީންކޮށް ހަމައެކަނި الله تعالى އަށް އެކަން ނިސްބަތްކުރުންޘާބިތުކުރުމެވެ.) އަދި މިސޫރަތުގައި الله تعالى ވަޙީކުރައްވާފައި الرَّحْمَنِ الرَّحِيمِ އިން އެއިލާހަށް ނިސްބަތްވާ ހުރިހާ ސިފަފުޅުތަކެއްގައި އާއި ނަންފުޅުތަކެއްގައި އެ އިލާހު އެއްކައުވަންތަކަން ޘާބިތުކޮށްދީ އެކަމަށް ދަލާލަތު ކޮށްދެއެވެ. ތައުޙިދުއް ރުބޫބިއްޔާ އަށް ދަލާލަތު ކޮށްދެއްވަމުން އަދިވެސް الله تعالى ވަޙީކުރައްވާފައި ވެއެވެ. مَالِكِ يَوْمِ الدِّينِ . ހަމަ އެހެންމެ އަޅުކަމުގައި الله تعالى އެއްކައުވަންތަ ކުރުމަށް ދަލާލަތުކޮށްދެއްވަމުން ވަޙީކުރަށްވާފައި ވެއެވެ. إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ . ތައުޙީދު ނުވަތަ الله تعالى އެއްކައުވަންތަކުރުމުގެ ބައިތަކައި އޭގެ ތަފްޞީލު އުގަންނައިދީ ބަޔާންކޮށްދޭ މިފަދަ އެތައް އެތައް އާޔަތްތަކެއް ކީރިތި ޤުރުއާނުގައި الله تعالى ބަޔާންކޮށްދެއްވާފައި ވެއެވެ. މުޅިޤުރުއާން ވެސް އަޅުގަނޑުމެނނަށް ތައުޙީދު ބަޔާންކޮށްދެއެވެ. އެހެންކަމުން މަޝްހޫރު ހަތަރު މަޒުހަބު (ހަނަފީމަޒުހަބާއި މަލިކީ މަޒުހަބާއި ޝާފިޢީ މަޒުހަބާއި ހަންބަލީ މަޒުހަބުގެ) އިމާމުން ފަދަ އުއްމަތުގެ ސަލަފުއްސާލިހުން ތައުޙީދު ބަޔާންކޮށްދެއްވާ އޭގައި ތިން ބައެއްވަކަމަށް ބަޔާންކޮށްދެއްވާފައި ވެއެވެ. އެއީ ކުރިން ވެސް ބަޔާންވެދިޔަ ފަދައިން ތައުޙީދުއް ރުބޫބިއްޔާ އާއި ތައުޙީދުލް އުލޫހިއްޔާ އަދި ތައުޙީދުލް އަސްމާއި ވައްޞީފާތެވެ.
ތައުޙީދުލް އުލޫހިއްޔާ އާއި ތައުޙީދުއް ރުބޫބިއްޔާ އަދި ތައުޙީދުލް އަސްމާއި ވައްޞީފާތަކީ ކޮބާ؟
ތައުޙީދުލް އލޫހިއްޔާ އަކީ: ހުރިހާ އަޅުކަމެއްގައި الله تعالى އެކައުވަންތަކުރުމެވެ. އެބަހީ ހުރިހާ އަޅުކަމެއް الله تعالى އަށް ޚާލިޞްކުރުމެވެ. އެއްވެސް އަޅުކަމެއްގައި އެއިލާހާއި އެއްވެސް ފަރާތެއް ޝަރީކު ނުކުރުމެވެ. ނުވަތަ ބައިވެރި ނުކުރުމެވެ.
އަޅުކަމަކީ ރަސޫލާ صلى الله عليه وسلم ގެނެސް ދެއްވި ގޮތަށް الله تعالى އަށް ކިޔަމަންތެރިކަން އަދާކުރުމެވެ. އަދި ބަސްތަކާއި ފެންނަކަންކަމާއި އަދި ނުފެންނަކަންކަމުގެ ތެރެއިން الله تعالى ލޯބިވެ ވޮޑިގަންނަވާ ކޮންމެ ބަހަކާއި އަމަލެކެވެ.
ތައުޙީދުއް ރުބޫބިއްޔާ އަކީ: الله تعالى ކުރައްވާ ކޮންމެ ކަމެއްގައި އެއިލާހު އެއްކައުވަންތަކުރުމެވެ. އެއިން އެވެސްކަމެއްގައި އެކަލާނެގެ އާ އެއްވެސް ފަރާތެއް ބައިވެރި ނުކުރުމެވެ. މިސާލަކަށް ޚަލްޤުކުރެއްވުމާއި، ރިޒްޤުދެއްވުމާއި، މަރުގެންނެވުމާއި ދިރުންވުން ފަދަކަންކަމެވެ.

ތައުޙިދުލް އަސްމާއި ވައްޞިފާތަކީ: ޤުރުއާނާއި ސުންނަތުން ސާބިތުވާ الله تعالى ގެ ނަންފުޅުތަކާއި ޞިފަފުޅުތައް އެއްވެސް ތަޢުވީލު ކުރުމަކާއި ވައްތަރު ބަޔާންކުރުމަކާއި ނުލައި އެއިލާހުގެ ޒާތުފުޅަށް ނިސްބައި ކުރުމެވެ. الله تعالىވަޙިކުރައްވާފައި ވަނީ لَيْسَ كَمِثْلِهِ شَيْءٌ "އެއިލާހާއި އެއްފަދަ އެއްވެސް އެއްޗެއް ނުވެއެވެ."
އަހަރެމެންނަކީ ޙައްޤުގޮތުގައި الله تعالى އެއްކައުވަންތަކުރާ މުއައްޙިދުންކަމުގައި ލައްވާ، ދުނިޔެއާއި އާޚިރަތުގެ ހަޤީޤީ ބާއްޖަވެރިންކަމުގައި ލައްވާށި. އާމީން

Read more...