25 October 2011

އޭ ލޯބިވާ މަންމައާއި ބައްޕައެވެ

އަލްއަޚް އަޙްމަދު ރިމާޒް
އޭ އަހަރެންގެ ލޮލުގެ ފިނިކަން ކަމުގައިވާ މަންމާއެވެ.
އޭ އަހަރެންހެ ހިތުގެ ދިރުންކަމުގައިވާ ބައްޕާއެވެ.
އަހަރެން މިސިޓީ ލިޔުމުގެ ކުރިން ވަރަށް ވިސްނީމެވެ.
މިސިޓީ ލިޔަން ވަރަށް ފަސްޖެހުނީމެވެ. ސަބަބަކީ މަންމައާއި ބައްޕައަށްޓަކައި އަހަރެންގެހިތުގައިވާ މަތިވެރި ދަރަޖައެވެ. ތި ދެމައިންނަށްޓަކައި އަހަރެންގެ ހިތުގައިވާ އިޙްތިރާމެވެ.
އެކަމަކު ވަގުތު ފާއިތުވަނީއެވެ. ވަގުތު ފާއިތުވުމުގެ ކުރިން މަންމަމެންނަށް އަހަރެންގެ ހިތުގައިމިވާ އުދާސްތައް ބަޔާންކުރަން ބޭނުމެވެ.

އަހަރެން މިދުނިޔެ އުފަންވި ދުވަހަކީ މަންމައާއި ބައްޕަ އެންމެ އުފާވި ދުވަސްކަން އަހަރެންނަށް އެގެއެވެ. މަންމަމެން އެދުވަހު ވީ އުފަލުން ލޮލޮން އުފާވެރިކަމުގެ ކަރުނަ އޮހޮރިގެން ދިޔައެވެ.
އެންމެ ރީތި ހެދުންތަކާއި ކުޅޭ ސާމާނު އަހަންނަށް ގަނެދިނެވެ.
އެއައްފަހު އެންމެ މަތިވެރި ތަރުބިއްޔަތަކުން އަހަރެން ތަރުބިއްޔަތު ކުރީމުއެވެ.
އަދި އެންމެ މަތިވެރިވެގެންވާ ރީތި އަޚްލާގީ ސިފަތަކުން އަހަރެން ޒީނަތްތެރި ކުރުވީމުއެވެ.
ﷲ ތިދެމައިންނަށް އެއިލާހުގެ ތަނަވަސް ރަހްމަތުން ރަހްމަތްލައްވާށި! އަދި ގިނަގުނަވެގެންވާ ސަވާބާއި ދަރުމަ ދެއްވާށި!
ދުނިޔެއާއި އާޚިރަތުގައި ތި ދެމައިންގެ ގަދަރު އުފުއްލަވާށި!
އަދި ތި ދެމައިން ސުވަރުގޭގެ އެންމެ މަތީ ފިރްދައުސްގައި ލައްވާށި!
އެކަމަކު މަންމަމެންގެ ވަޒީފާއާއި ހުރެ މަންމަމެންގެ ލޯއްބާއި އަޅާލުމާއި އެޙީތެރިކަމުން ފަހުން މަހްރޫމްވިއެވެ.
އަހަރެންގެ ހާލުބަލާލާނެ ވަގުތެއް މަންމަމެންނަކަށް ނުވެއެވެ.
އަހަރެންގެ ސްކޫލްގެ ކިޔެވުމާއި ބެހޭގޮތުން ސުވާލުކޮއްލާނެ ވަގުތެއް މަންމަމެންނަކަށް ނުވެއެވެ.
އަހަރެންގެ ރައްޓެހިންނަކީ ކޮންކަހަލަ ބައެއްކަމެއް މަންމަމެންނެއް ނުބަލަމުއެވެ.
އަހަރެން ގެއިން ބޭރަށްދަނީ ކީއްކުރަންކަމާއި ގެއަށް އެބުރި އަންނަނީ ކޮންއިރަކުކަމެއް މަންމަމެނެއް ނުބަލަމުއެވެ.
އަހަރެންގެ ސްކޫލް ފޮތްތަކާއި، ރިޕޯޓްފޮތްވެސް ބަލާލާނެ ވަގުތެއް މަންމަމެންނަކަށް ނުވެއެވެ.
ލޯބިވާ މަންމައާއި ބައްޕާއެވެ!
އަހަރެން ސްކޫލުދޮށުން ބަލާ އަންނަ ގޭގެ މަސައްކަތުމީހާ ލަސްވެ، އެކަނި މާއެކަނި މަގުމަތީ އެތައް އިރަކު ހުންނަކަން މަންމަމެންނަށް އެގޭހެއްޔެވެ؟
އެހެންކުދިންގެ މައިންބަފައިން އެކުދިންގެ އަތުގައި ހިފައިގެން ގެއަށް ގެންދާ މަންޒަރު އަހަންނަށް ފެނުމުން އެގޮތަށް އަހަންނާއި މެދު މަންމަމެން ކަންތައްކުރަން އަހަރެންވެސް ބޭނުންވާކަން މަންމަމެންނަށް އެގޭހެއްޔެވެ؟
ސްކޫލުގެ ބައެއްފިލާވަޅުތައް އަހަރެންނަކަށް ދޭހައެއްނުވެއެ. އަދި ބައެއް ތަމްރީނުތައް އަމިއްލައަށް ހަދާކަށް އަހަރެންނަކަށް ނޭގެއެވެ.
މިކަންތަކާއި ހުރެ ކުލާހުގައި އަހަންނަށް އަދަބުދެވެނީ ކިހާވަރަކަށް ކަން މަންމަމެންނަށް އެގޭހެއްޔެވެ؟
ކޮންމެ ދުވަހަކު ކުލާހުގައި ހުރިހާ ކުދިންގެ ކުރިމަތީ މުދައްރިސުން އަހަރެންނާއި ސުވާލުކުރެއެވެ.
އަހަރެން ފިލާވަޅުތައް ނަހަދާއަންނާތީއެވެ.
ސުވާލުތަކަށް ޖަވާބު ނުދެވޭތީއެވެ.
މުދައްރުސުން އަހަރެންގެ މަންމައާއި ބައްޕަކޮބާހޭ ސުވާލުކުރެއެވެ.
މަންމަމެން އަހަރެންނަށް އެހީތެރިނުވަނީހޭ، އަހަރެންގެ ފޮތްތައް ނުބަލަނީހޭ ސުވާލުކުރެވެ
ހުރިހާ ކުދިންގެ ކުރިމަތީ މި ގޮތަށް ކަންތައްވާ ކޮންމެ ހިނދަކު އަހަރެންގެ ހިތް ކުދިކުދި ވެގެންދެއެވެ.
އަހަރެންނަށް ގިސްލާރޮވެއެވެ.
މަންމަމެންނަށް އަޅެފަހެ މިކަން އެގޭހެއްޔެވެ.
ސްކޫލަށް ގަޑިޖެހިންދާތީ ސުޕަވައިޒަރުން އަހަންނާއި ސުވާލުކުރެވެ؟
އެހެންކުދިން އިންޓަވަލަލް ކުރަން އެއްޗެހި ގެންނައިރު އަހަރެން އިންޓަވަލް ކުރަން އެއްޗެއް ނުދޭކަން މަންމަމެންނަށް އިނގޭ ހެއްޔެވެ؟
އަހަރެން ކިޔަވަނީ ކޮން ކުލާހެއްގަކަމާއި، ކޮން ގްރެޑެއްގަކަން މަންމަމެނަށް އަޅެ އިގޭހެއްޔެވެ؟
އަހަރެންގެ ރައްޓެހިން އަހަރެން ކައިރީ ބުނެއވެ. އެކުދިންގެ މަންމަމެންނާއި އެކީ ފިލާވަޅުތައް މުރާޖަޢާ ކުރާވާހަކަ. އަދި އަހަރެންގެ ކައިރިން މަންމަމެންނާއި އެކީ ފިލާވަޅު މުރާޖަޢާ ކުރިން ހޭ އެކުދިން ސުވާލުކުރެވެ؟
ލޯބިވާމަންމައާއި ބައްޕާއެވެ. އެކަހަލަ ވަގުތު އަހަރެން ހާދަ ދެރައެއްވެއެވެ. އަކަމަކު މަންމަމެންގެ ގަދަރާއި އިހްތިރާމް އެކުދިންގެ ކުރިމަތީ ގެއްލި މަންމަމެންނަށް މަލާމާތް ކޮށް އިހާނެތި ބަހެއްބުނެފާނެ ކަމަށްޓަކައި އަހަރެން ދޮގުހަދަމެވެ. އަހަރެންވެސް މަންމަމެންނާއި އެކީ ފިލާވަޅުތައް މުރާޖައާކުރީމެވެ.
އާއެކެވެ.......މަންމަމެންނަޓަކައި އަހަރެން އެކުދިން ކުރިމަތީ ދޮގުހަދަމެވެ.
މަންމަމެންދެކެ އަހަރެން ވާ ލޯއްބެއްގެ ސަބަބުންނެވެ. މަންމަމެން ފަޟީހަތް ވެދާނެތީ އަހަރެން މި އުޅެންޖެހޭ ހާލު މަންމަމެންނަށް އެގޭހެއްޔެވެ؟
އަހަރެން ފާއިތުވެގެންމިދިޔަ އަހަރުތަކުގައި ކުރަމުންމިދާ ހިތާމައާއި އިހްސާސްކުރަމުންމިދާ ހިތްދަތިކަމުގެ ސަބަބުން ހިތް މިވަނީ ހަލާކުވާން ކައިރިވެފައެވެ. އަހަރެންގެ އަޑު މިވަނީ ކުރަކި ވެފައެވެ.
އަހަރެން ބޭނުންވަނީ ހަމައެކަނި ކާނެ ތަކެއްޗާއި ލާނެ އަންނައުނު ހޯދަދޭ މައިންބަފައިންނެއް ނޫނެވެ.
އަހަރެން ބޭނުންވަނީ އަހަންނަށް އަޅާލާ ލޯބިކުރާ އަހަރެންގެ އުފަލާއި ހިތާމައިގައި ހިއްސާވާ މައިންބަފައިންނެވެ.
އަހަރެންނަށް އޯގާތެރިވާ ނަސޭޙަތްތެރިވެ އިރުޝާދުދީ އެހީތެރިވާނެ ނަމޫނާ މައިންބަފައިންނެވެ.
އަހަރެންނާއި ތަފާތު ފާޑުފާޑުގެ ކުދިންނާއި ދިމާވެއެވެ. އެކުދިންތައް ފާޑުފާޑުގެ ކަންތައްތަކަށް އަހަންނަށް ހިތްވަރުދީ ވަސްވާސް ދެއެވެ. އަހަންނަށް މި ކުދިންނަކީ ކޮންކަހަލަ ކުދިބައެއްކަމާއި، ހެޔޮނުބައި ކަންތައްތައް މަންމަމެން ބުނެދޭނީ ކޮންއިރަކުބާވައެވެ.
އަހަރެން ކުރާ ޢަމަލެއްގެ ސަބަބުން މަންމަމެންނަށް ހުތުރުނަމެއް ލިބުމުގެ ކުރިން އަހަރެންނަށް ހެޔޮނުބައި ބުނެދީބަލާށެވެ.އަހަރެން މަންމަމެންނަށް އުރެދޭކަށް ބޭނުމެއް ނޫނެވެ. މަންމަމެން ކުރިމަތީޒުވާބު ކުރާކަށް ބޭނުމެއް ނޫނެވެ. އަހަރެން ބޭނުމީ މަންމަމެން މާދަމާ އަހަންނާއި މެދު ފަޚުރުވެރިވާ މޮޅު ކުއްޖަކަށް ވާށެވެ. މައިންބަފައިންނަށް ކިޔަމަންތެރި ސާލިހު ދަރިއަކަށްވާށެވެ. މަންމަމެންގެ ހެޔޮކަމުގެ ތިލަފަތަށް ބަރުކުރާ ފަރާތަކަށް ވާށެވެ
ލޯބިވާ މަންމާއެވެ. ލޯބިވާ ބައްޕާއެވެ.
އަހަރެން މި އެކަނިވެރިކަމާއި ހިތާމައިގެ ފުން ކަނޑަށް ޣަރަގުވުމުގެ ކުރިން ސަލާމަތްކޮށްދޭށެވެ.
އަހަރެން ......................... ހަލާކުކުރުމުގެ ކުރިން ސަލާމަތްކޮށްދޭށެވެ.
ނުބައި ގޯސްބަޔަކު އަހަރެންގެ އަތުގައި ހިފުމުގެ ކުރިން އަހަރެންގެ އަތުގައި ހިފައި ސަލާމަތްކޮށްދޭށެވެ.

ލިޔުނީ
މަންމައާއި ބައްޕަ، ހަދާންނައްތާލާ އެކަހެރި ކޮށްލާފައިވާ ދަރިފުޅު

Read more...

19 October 2011

ތައުޙީދުއް ރުބޫބިއްޔާ

އައްޝައިޚް އަބޫބަކްރު އިބްރާހިމް، ހިންނަވަރު
ތައުޙީދުއްރުބޫބިއްޔާ ގެ މުރާދަކީ ޢާލަމްތަކާއި އެތަންތާގައިވާ އެންމެހައި ތަކެއްޗެއް ހައްދަވައި، އެތަކެތި ތަރުބިއްޔަތު ކުރައްވައި، އެތަކެއްޗަށް ރިޒްޤު ދެއްވައި ހައްދަވަނީ ހަމައެކަނި ﷲ ސުބްޙާނަހޫ ވަތަޢާލާކަން ޤަބޫލް ކުރުމެވެ. އަދި އެތަކެތި މަރުއްވައި، ފަނާ ކުރައްވައި ހައްދަވަނީވެސް ހަމައެކަނި ﷲ ސުބްޙާނަހޫ ވަތަޢާލާކަމުގައި ޤަބޫލުކޮށް ޔަޤީން ކުރުމެވެ.

އަދި އެންމެހައި ތަކެތީގެ ހުރިހައި ބޭނުންތަކެއް ފުއްދަވައި ދެއްވައި، ތަނަވަސް ކަމާއި މުއްސަދިކަމާއި، އުފަލާއި އަރާމާއި، މިކަންކަން ދެއްވުމުގެ ވެރިޔަކީ ހަމައެކަނި ﷲ ސުބްޙާނަހޫ ވަތަޢާލާކަމާއި، އަދި ފަޤީރުކަމާއި ދަތިކަމާއި، ހިތާމަޔާއި ވޭނާއި، އަދި މުސީބާތްތައް ފިއްލެވުމުގެ ވެރިފަރާތަކީ ވެސް ހަމައެކަނި ﷲ ސުބްޙާނަހޫ ވަތަޢާލާކަމުގައި ހިތުގެ އަޑިން ޤަބޫލުކޮށް އެކަމުގެ މައްޗަށް އީމާން ވުމެވެ. އަދި އެ އިލާހު އިރާދަކުރެއްވި ކޮންމެ ކަމެއް ކުރެއްވުމަށް ކުޅަދުންވަންތަ އިލާހު ކަމުގައި ޔަޤީން ކުރުމެވެ. އަދި މިދެންނެވި ބާވަތުގެ އެއްވެސް ކަމެއް ކުރެއްވުމުގައި އެއިލާހު އާއި ބައިވެރިވާ އެހެން އެއްވެސް އެއްޗެއް ނުވާކަމުގައި ކަށަވަރުކޮށް ޔަޤީން ކުރުމެވެ. މިއިން އެއްވެސް ކަމެއްގައި ﷲ ސުބްޙާނަހޫ ވަތަޢާލާއާ އެކު އެހެން އެއްޗެއް ބައިވެރިވާ ކަމުގާ ޔަޤީން ކޮށްފިނަމަ ތައުޙީދު ގެއްލުނީއެވެ. ޝިރުކު ކުރެވުނީއެވެ. މިހެން އީމާންވުންވެސް ވަނީ ތައުޙީދުގެ މިބައިގެ ތެރެއިންނެވެ.
ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ.
"الْحَمْدُ لِلَّهِ رَبِّ الْعَالَمِيْنَ" (سورة الفاتحة 1)
މާނައީ: "އެންމެހައި ޙަމްދާއި ތަޢުރީފް ޙައްޤު ވެގެންވަނީ ޢާލަމް ތައް ހައްދަވައި، އެތަކެތި ތަރުބީޔަތު ކުރައްވާ، އެތަކެތީގެ ރައްބަށެވެ."

އަދިވެސް އެހެން އާޔަތެއް އެއްގައި ﷲ ސުބްޙާނަހޫ ވަތަޢާލާއީ އެންމެހައި ޢާލަމްތަކުގެ ވެރި ރައްބު ކަން ބަޔާންކޮށް ވަޙީ ކުރައްވާފައިވެއެވެ.
"اللهُ خَالِقُ كُلِّ شَيْءٍ" (الزمر 62)
މާނައީ: "ﷲ އީ ހުރިހައި ތަކެއްޗެއް ހައްދަވާ އިލާހެވެ."

އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިފަދައިން ދުޢާ ކުރައްވާފައި ވެއެވެ.
(اللَّهُمَّ رَبَّ السَّمَاوَاتِ وَرَبَّ الأَرْضِ وَرَبَّ الْعَرْشِ الْعَظِيْمِ رَبَّنَا وَرَبَّ كُلِّ شَيْءٍ) (رواه مسلم) މާނައީ: "އޭ ހައްދަވައި ބޮޑު ކުރެއްވި ރައްބު އެވެ! އުޑުތަކާއި، ބިމާއި، ބޮޑުވެގެންވާ ޢަރުޝިއާއި، އަޅަމެންނާއި، އަދި ހުރިހައި ތަކެތި ހައްދަވައި ބޮޑު ކުރައްވާ ރައްބު އެވެ." މިއެވެ.

ސުވާލު:
(1) ތައުޙީދުއްރުބޫބިއްޔާއިން އެދެވޭ މުރާދަކީ ކޮބައި ހެއްޔެވެ؟
(2) ހުރިހައި ތަކެތި ހައްދަވާ ރިޒުޤު ދެއްވާ އެތަކެތި ފަނާކުރެއްވުމުގެ ވެރި ފަރާތަކީ ކޮބައިހެއްޔެވެ؟
(3) ޚަލްޤުތަކުންގެ ބޭނުންތައް ފުއްދަވައި އުދަގޫތައް ފިއްލަވަނީ ކާކުހެއްޔެވެ؟
(4) ރުބޫބިއްޔާގެ ގެ މައްޗަށް ދަލީލްކުރާ އާޔަތަކާއި ޙަދީޘް އެއް ބަޔާން ކުރޭ!
__________________________
ޝައިޚް އަބޫބަކްރު އިބްރާހިމް ލިޔުއްވާފައިވާ "ރިސާލަތުއްތައުޙީދި ފޮތުން ނަގާފައި"

Read more...

13 October 2011

އަލްއިމާމުއް ޠަޙާވީ ރަޙިމަހުﷲ

އަލްއަޚް މުޙައްމަދު ސިނާން
އަލްއިމާމުއް ޠަޙާވީ ރަޙިމަހުﷲ ގެ ނަންފުޅަކީ އަބޫ ޖަޢުފަރު އަޙްމަދު ބިން މުޙައްމަދު ބިން ސަލާމާ ބިން ސަލްމަތު ބިން ޢަބްދުލްމަލިކު ބިން ސަލަމަތު ބިން ސަލީމް ބިން ސުލައިމާން ބިން ޖަވާބުލްއަޒްދީ އައްޠަޙާވީއެވެ. އެކަލޭގެފާނު ނިސްބަތްވެފައިވަނީ މިޞްރުގެ އަވަށަކަށެވެ. އުފަންވެވަޑައިގެންފައިވަނީ ހިޖުރައިން 239 ވަނަ އަހަރުއެވެ.

އެކަލޭގެފާނު އުޅުއްވި ޒަމާނަކީ ފިޤުހާއި ޙަދީޘް ޢިލްމުގެ ރަން ޒަމާނެވެ. އެކަލޭގެފާނު އެންމެ ފުރަތަމަ ޢިލްމު ހޯއްދަވާފައިވަނީ، އަލްއިމާމުއް ޝާފިޢީ ރަޙިމަހުﷲގެ އެންމެ އިސްދަރިވަރުކަމުގައިވާ، އެކަލޭގެފާނުގެ މަންމަ ފަރާތުގެ ބޮޑުބޭބެ އިސްމާޢީލް ބިން ޔަޙްޔާ އަލްމުޒަނީގެ އަރިހުންނެވެ. ހަމައެފަދައިން މިޞްރަށް ވަޑައިގަންނަވާ ކޮންމެ ޢިލްމުވެރިޔެއްގެ ކިބައިން ޢިލްމު ހޯއްދެވުމަށް ގަދައަޅައި މަސައްކަތް ކުރެއްވިއެވެ. އެކަލޭގެފާނު ޢިލްމު ލިބިވަޑައިގެންނެވި ޢިލްމުވެރިންގެ ޢަދަދު ތިންސަތޭކައަށް އަރައެވެ.

ފިޤްހީ މައްސަލަތައް ދިރާސާކުރެއްވުމުގައި އިމާމް އަބޫ ޙަނީފާ ރަޙިމަހުﷲ ގެ މަޝްހޫރު ދެދަރިވަރުން ކަމުގައިވާ އަބޫ ޔޫސުފް ޔަޢްޤޫބު ބިން އިބްރާހީމުލް އަންޞާރީއާއި، އަބޫ އަބްދުﷲ މުޙައްމަދު ބިން އަލްޙަސަން އައްޝައިބާނީ ރަޙިމަހުމަﷲ ގެ ފޮތްތަކަށް ގިނަގިނައިން ރުޖޫޢަވަޑައިގަންނަވައެވެ. ނަތީޖާއެއްގެ ގޮތުން އިމާމް ޠަޙާވީ ރަޙިމަހުﷲ ފިޤްހީ މައްސަލަތަކުގައި ބުރަވެވަޑައިގަންނަވާ މަޛްހަބެއްގެގޮތުގައި އިމާމް އަބޫ ޙަނީފާގެ މަޛްހަބު ޚިޔާރުކުރެއްވިއެވެ.

އެކަލޭގެފާނަކީ އެކަލޭގެފާނުގެ ޒަމާނުގައި ފިޤްހުން އަރާ ހުންނެވި ބޭކަލެކެވެ. ހަމައެފަދައިން ޙަދީޘް ޢިލްމުގައިވެސް ފާހަގަކުރެވޭ ބޭކަލެކެވެ. އެކަލޭގެފާނު ލިޔުއްވާފައިވާ ފޮތްތަކަކީ ނުހަނު ގިނަގުނަ ފައިދާތަކެއް އެފޮތްތަކުން ލިބިދޭ، ޢިލްމުވެރިން އެފޮތްތަކަކަށް އިޢްތިމާދުވާ ފޮތްތަކެކެވެ. އެކަލޭގެފާނު ލިޔުއްވާފައިވާ މުހިއްމު ފޮތްތަކުގެ ތެރޭގައި:

1. އަލްޢަޤީދަތުއް ޠަޙާވިއްޔާ
2. މަޢާނިލް އާޘާރު
3. މުޝްކިލުލް އާޘާރު
4. އަޙްކާމުލް ޤުރުއާން
5. އަލްމުޚްތަޞަރު
6. ޝަރްޙުލް ޖާމިޢުލް ކަބީރު
7. ޝަރްހުލް ޖާމިޢުލް ޞަޣީރު
8. އައްޝުރޫޠު
9. އައްނަވާދިރުލް ފިޤްހިއްޔާ
10. އައްރައްދު ޢަލާ އަބީ ޢުބައިދު
11. އައްރައްދު ޢަލާ ޢީސަ ބިން އަބާން، މިފަދަ އެތައް ފޮތެއް ހިމެނެއެވެ.

އެކަލޭގެފާނު އަވަހާރަވެފައިވަނީ ހިޖުރައިން 321 ވަނަ އަހަރުއެވެ. އޭރު އެކަލޭގެފާނުގެ ޢުމުރަކީ 82 އަހަރެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލޭގެފާނަށް ރަޙްމަތް ލައްވާށި!
_______________
އަޞްލު: ދިސަލަފިއްޔާ

Read more...

11 October 2011

ނަމާދުގެ ފިނިކަން

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދުލްޣަފޫރު
ނަމާދުގެ ޙަޤީޤީ ފޮނިކަމާއި ލައްޒަތު އަޅުގަނޑުމެން ނަމާދު ކުރާއިރު އިޙްޞާޞްކުރެވޭ ބާއެވެ؟ ނަމާދުގެ ސަބަބުން އަޅުގަނޑުމެންނަށް ލިބެންވީ ފައިދާތައް ޙަޤީޤަތުގައި އަޅުގަނޑުމެންނަށް އެބަ ލިބޭބާއެވެ؟ އަޅުގަނޑުމެން ގިނަ ފަހަރަށް ނަމާދުކުރަނީ މިސްކިތުގައި ނިތްތަޅާލާ އުޞޫލުންނެވެ. ނަމާދު އެ އަދާކުރަންވީ ގޮތުގައި ކުރެވޭނީ، ނަމާދަކީ ކޮން އެއްޗެއްކަން އަދި ނަމާދު ކުރަންވީ ކިހިނެއްކަން އެނގިގެންނެވެ. ނަމާދާއިމެދު ވިސްނާލަމާ ހިނގާށެވެ

ނަމާދު އެކުލެވިގެންވަނީ މައިގަނޑު ތިން ބައެއްގެ މައްޗަށެވެ. އޭގެތެރޭގައި ހަށިގަނޑުން ކުރާ ޙަރަކާތްތަކާއި، ދުލުން ކިޔާ ބަސްތަކާއި، ހިތުގެ ޢަމަލު ހިމެނެއެވެ. ހަށިގަނޑުން ކުރާ ޙަރަކާތްތަކުގެ މިސާލަކީ ނަމާދުގައި ކޮޅަށްހުރުމާއި، ރުކޫޢުކުރުމާއި، ސަޖިދަކުރުމާއި، އިށީނދެ އިނުމާއި، ދެއަތް ދެކޮނޑާ ހަމައަށް އުފުލުން ފަދަ ކަންކަމެވެ. ދުލުން ކިޔާ ބަސްތަކުގެ މިސާލަކީ ތަކްބީރު ކިޔުމާއި، ތަޞްބީޙަކިޔުމާއި، ތަޙްމީދުކިޔުމާއި، ކީރިތި ޤުރުއާން ކިޔެވުމާއި، ފާފަފުއްސެވުން އެދި ދެންނެވޭ ދެންނެވުން (އިސްތިޣްފާރު) އާއި އެކިއެކި ކަންކަމަށް އެދި ކުރެވޭ ދުޢާއެވެ. ނަމާދުގެ ހިތުގެ ޢަމަލުގެ މިސާލަކީ ނަމާދުގައި މާތް ﷲ ގެ ޙަޟްރަތާއި އަޅާ ގުޅިފައި ހުންނަ ގުޅުމާއި، ދުނިޔޭގެ ދިރިއުޅުމުން ވިސްނުން އެއްކިބާކޮށްގެން ހުންނަ ހުރުމާއި، ބިރުވެތިކަމާއި، ޚުޝޫޢަތްތެރިކަމާއި މަޑުމައިތިރިކަމާއެކު އިބްތިހާލުވެ ހުންނަ ހުރުމާއި، ހިތް ނިޔަތް ޚާލިޞްވެ ހުރެ އެއްކައުވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކަށަކުޅަދުންވަންތަ ކަމާއި، ނަރަކައިގެ ޢަޛާބަށް ބިރުވެރިވެ ހުރެ، އެއިލާހުގެ ޙަޟްރަތުން ފާފަ ފުއްސެވުމަށާއި ރަޙުމަތަށް އުއްމީދުކުރާ ޙާލު ތިމާގެ ނިކަމެތިކަން ހިތް މައްޗަށް ގެނެސް، އެއިލާހުގެ މަދަދާއި ވާގިވެރިކަމަށް ހިތުގެ އަޑީން އެދުމާއި އެންމެހައި ވަސްވާސްތަކުން ތިބާގެ ހިތް ސާފުކުރުމަށް މަސައްކަތް ކުރުމެވެ.

ނަމާދުގައި ހުންނައިރު ފާޑުފާޑުގެ ވަސްވާސްތައް ހިތަށް އަރާ އަދި އެކިއެކި ޚިޔާލުތައް ކުރެވޭކަމީ ވަރަށް ގިނަ މީހުންގެ ޝަކުވާއެކެވެ. މިއީ ތެދަކަށް ވެދާނެއެވެ. ސަބަބަކީ ނަމާދުގައި ހުންނަ ވަޤުތަކީ ޝައިޠާނާ އޭނާގެ މަސައްކަތް އެންމެ ވަރުގަދަޔަށް ކުރާ ވަޤުތެވެ. އަޅާއާއި ﷲ އާއި ގުޅުނަ ނުދިނުމަށް އެސޮރަށް ކުރެވެން އޮތްހައި މަސައްކަތެއް ކުރާނެއެވެ. ނަމާދުގައި ހުންނައިރު ދުނިޔަވީ އެކިއެކި ކަންތައްތަކަށް ޚިޔާލުކުރުމުން ސަލާމަތްވުމަށްޓަކައި ތިބާގެ ނަފްސާ ވަރުގަދަ ޖިހާދެއް ކުރަންޖެހެއެވެ. އެޖިހާދުގެ ހަތިޔާރެއްކަމަށް ބަލާނީ ނަމާދުގައި ކިޔާ ތަކެއްޗެވެ. ތަކްބީރާއި، ތަހްލީލާއި، ތަސްބީޙައާއި ތަޙްމީދެވެ. ކީރިތި ޤުރުއާނެވެ. އޭގެ މާނައެވެ.

ސައިންޓިފިކް ގޮތުން ބަލާއިރު އިންސާނާގެ ސިކުނޑިއަކީ ހުސްކޮށް، އެއްވެސް ފިކުރެއްނެތި ވާއެއްޗެއް ނޫނެވެ. އަބަދުވެސް އޭނާގެ ސިކުނޑިއަށް ކޮންމެވެސް އެއްޗެއް އަރައަރާ ހުރެއެވެ. އެހެންކަމުން، ނަމާދުގައި ހުންނަ އިރުވެސް ސިކުނޑި މަސައްކަތް ކުރަނީ މި އުޞޫލުންނެވެ. ސިކުނޑި ޖެހޭނީ އަހަރެމެން ބާރު ފޯރުވައިގެން އަހަރެމެން ބޭނުންވާ މަޤްޞަދެއް ޙާޞިލްކުރުމަށްޓަކައި އަހަރެމެން ބޭނުންވާ ކަމަކާ ދިމާއަށް ގެންދާށެވެ.

ޝައިޠާނާގެ ކެހިވެރި ވަސްވާހުގެ ވަކިތަކުން ސަލާމަތްވުމަށްޓަކައި ނަމާދުގައި ހުންނައިރު އަޅުގަނޑުމެން ކިޔާ ތަކެއްޗާމެދު ވިސްނުމުން އިސާހިތަކު އެވަސްވާސްތައް ފިލައިގެން ހިނގައިދާނެއެވެ. އެހެނީ ނަމާދުގައި ހުންނަ ކޮންމެ މިނެޓަކީ ކޮންމެ ވަޤުތަކީ އަހަރެމެންގެ ކަންފަތް ނުވަތަ ދޫ މަޝްޣޫލުވާ ވަޤުތެކެވެ. އިމާމާ ޤުރުއާން ކިޔަވާއިރު އަޑުއެހުމުގައި ކަންފަތް މަޝްޣޫލުވެއެވެ. ދޫ މަޝްޣޫލުވަނީ ތަކުބީރު ކިޔުމުގައެވެ. ނުވަތަަ ޤުރުއާން ކިޔެވުމުގައެވެ. ނުވަތަ ދުޢާކިޔުމުގައެވެ. އެހެންކަމުން ދުލުން ކިޔަމުންދާ އެއްޗަކާ ދޭތެރޭ ވިސްނައި އެކަން ހިތްމައްޗަށް ގެންނަން މަސައްކަތް ކުރަނީ ނަމަ، ޝައިޠާނާއަށް ފަސޭހައިން ޖާގައެއް ނުލިބޭނެއެވެ. ނަމާދުގައި ހުސްވަޤުތެއް ނުވެއެވެ. އެހެންކަމުން ނަމާދުގައި ﷲ އަށް ބިރުވެތިވުމަށް ފަސޭހަ ވާނެއެވެ.

މިދެންނެވި ގޮތުގެ މިސާލަކީ ސޫރަތުލް ފާތިޙާ ކިޔަވަމުން ދާއިރު (اهْدِنَا الصِّرَاطَ الْمُسْتَقِيمَ) ކިޔަވާ އިރު "އަޅަމެންނަށް ސީދާވެގެންވާ ތެދު މަގު ދައްކަވާނދޭވެ!" މިކަން ހިތަށް ގެނައުމެވެ. އަދި ﷲ އަކްބަރު ކިޔާ ހިނދު "އެންމެ ބޮޑީ ﷲ" ކަން ހިތްމައްޗަށް ގެނައުމާއި މިނޫންވެސް ނަމާދުގެ ކޮންމެ އަޑުއެހުމަކާއި ކިޔުމެއްގެ މާނަ ހިތްމައްޗަށް ގެނެސް ހިތާއި ސިކުނޑި ނަމާދަށް ޙާޟިރުކުރުމަށް މަސައްކަތް ކުރުމެވެ. އެހެންކަމުން ނަމާދު އޭގެ އެންމެ ފައިދާ ކުރަނިވި ގޮތުގައި އަދާކުރުމަށްޓަކައި ނަމާދުގައި ކިޔާ ތަކެތީގެ މާނަ ދަސްކުރުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. ކިޔޭ ނުކިޔޭ އެއްޗެއް ނޭނގިހުރެ ކުރެވޭ ނަމާދަކުން އޭގެ ފޮނިކަމާއި ލައްޒަތު އިޙްސާސް ކުރެވޭނެކަމަށް ނުބެލެވެއެވެ.

އެހެންކަމުން އަޅުގަނޑުމެން މަސައްކަތް ކުރަންވީ އަޅުގަނޑުމެން މިކުރާ ނަމާދުތަކަކީ، ޤިޔާމަތް ދުވަހުން ވަޔަށް ބުރުއްސާލެވޭ ކުނޑިތަކަކަށް ވެދާނޭގޮތަށް މިސްކިތަށް އަރައި ނިތް ތަޅާޅުމުގެ ބަދަލުގައި، ﷲގެ ޙަޟްރަތަށް އުފުލިގެންދާ ކޮލިޓީ ނަމާދަކަށް ހެދޭތޯއާއި އެނަމާދުގެ ސަބަބުން އަޅުގަނޑުމެންނަށް ހިތް ހަމަޖެހުން ލިބޭތޯއެވެ. އެހެނީ ނަމާދުގެ ފޮނިކަމާއި ލައްޒަތު އިޙްޞާޞްކުރެވިއްޖެނަމަ އެއްނަމާދު ކުރުމަށްފަހު އަނެއް ނަމާދަށް އިންތިޒާރު ކުރެވޭނެއެވެ. އަދި އެއްވެސް ނަަމާދެއް ދޫކޮށްލަން ހިތްހަމައެއް ނުޖެހޭނެއެވެ. އަދި ނަމާދު އަޅާފައި އެއްވެސް ކަމެއް ނުކުރާނެއެވެ. ނަމާދުގެ ސަބަބުން ލިބޭ ޙަޤީޤީ ފޮނިކަމާއި ލައްޒަތަކީ ދުނިޔެއާއި ދުނިޔޭގައި ވާހާ އެއްޗަކަށްވުރެ މާ މީރު އަދި މާ އަގުހުރި ފޮނިކަމަކާއި ލައްޒަތެކެވެ. މުއުމިނުންގެ ހިތުގެ ފަރުވާއަކީ އަދި މުއުމިނުންގެ ދުނިޔެމަތީގެ ސުވަރުގެއަކީ ނަމާދެވެ.

އެއްވެސް މެދުވެރިއަކު ނެތި ސީދާ ﷲ ސުބުޙާނަހޫ ވަތަޢާލާ، އެއިލާހުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މައްޗަށް ފަރުޟުކުރެއްވެވި ފަސް ނަމާދަކީ، އެހެން ހުރިހާ އަޅުކަންތަކާއި ޚިލާފު އަޅުކަމެކެވެ. އެހެން ހުރިހާ އަޅުކަންތައް ފަރުޟުކުރައްވާފައިވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް މިބިންމަތީ ހުންނަވަނިކޮށެވެ. އެެހެންނަމަވެސް ނަމާދު ފަރުޟު ކުރެއްވެވީ އެކަލޭގެފާނު މިޢުރާޖު އުފުއްލަވާފައެވެ. ވީމާ މިކަމުންވެސް ނަމާދު އަހަންމިއްޔަތާއި މަތިވެރިކަން އެނގި ދޭހަވެގެން ދެއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ލޮލުގެ ފިނިކަން ކަމުގައިވި ނަމާދު އަޅުގަނޑުމެން އެންމެންގެ ލޮލުގެ ފިނިކަން ކަމުގައި ލެއްވުން އެދި ގަދަ ކީރިތި ވަންތަ ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ. އޭ އަޅަމެން ހައްދަވާ ބޮޑުކުރައްވަވާ ގެންގުޅުއްވާ އިލާހެވެ. އިނބަ ﷲ އަށް ބިރުވެތިވެ، އިނބަ ﷲ ރުހިވޮޑިގަންނަވާ ގޮތުގައި އިނބަ ﷲ އެންމެ ރުއްސަވާ އަޅުކަން ކަމުގައިވާ، ނަމާދު އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމުގެ ތަވްފީޤު އަޅަމެން އެންމެނަށް ދެއްވާނދޭވެ! آمين.

Read more...

10 October 2011

ޖާހިލު ކަމަކީ ބަނބުކޭލުގެ ކަރުގަނޑުން ދުޅަ ބައްޔަށް ބޭސްކުރާންވެސް ޖެހިދާ ކަމެކޭ

ޙުސައިން ޞަލާޙުއްދީނު ރަޙިމަހުﷲ
ފުވައްމުލަކު ފާމުދޭރި ކިލެގެފާނުންގެ ކަރިއްޔަ މުޙައްމަދު ދީދީ ފެންފުށީ ގަނޑުވަރު ޢަލިދީދީ ވާހަކަ ކިޔައިދެއްވިޔޭ. ބަނބުކޭލަކީ މާއިހަކު މިރާއްޖޭގައި ހުންނަ އެއްޗެއްނޫނޭ. ބަނބުކެޔޮ ގަސް އިންޑިޔާއިން މިރާއްޖެއަށް ފުރަތަމަ ގެންނެވީ، ތިމަންގެ ކާފައި ކަލޭގެފާނުންގެ ބަފައިކަލުންނަށަވި (ކާފަގެ ބައްޕަ) އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީން ރަދުންނެވެ. މިރަދުން ބަނބުކެޔޮ ގަސް ގެންނަވައިގެން އެއިގެތެރެއިން ގަހެއް މިރަށު (ޔަޢުނީ ފުވައްމުލަކު) ދޫޑިގަމު އެދުރު މަނިކުފާނަށް ފޮނުއްވައިފިއެވެ. ގަސްގެނައި މީހާ އެދުރު މަނިކުފާނުގެ އަރިހު ދެންނެވި ބަހަކީ ރަދުން ވިދާޅުވިޔޭ. މިއީ ވަރަށް ރަނގަޅު އެއްޗެކޭ. ރަނގަޅު ކާނާއަކަށްވެސް ފުދޭނެޔޭ.
ދެން އެދުރު މަނިކުފާނު މިގަސް ދޫޑިގަމު އެދުރުގޯތީން ބޭރު އިރުމަތީ ފަރާތުގައި އިންދަވައިގެން ރަނގަޅަށް ހެދެމުން އަންނަނިކޮށް އެދުރުމަނިކުފާނަށް ދުޅަބަލީގެ އާލާސްކަންފުޅު ޖެހިއްޖެއެވެ. މިރަށު މީހުންނަކީ އެބަލިދެކެ މާބިރުގަންނަ ބަޔެކެވެ. އެބަލި ޖެހިއްޖެ މީހަކު ލައިއުޅެނީވެސް ވަލަށެވެ. އެކަމަކު އެދުރު މަނިކުފާނުގެ ޖާހު ބޮޑުކަމާއި މީހުންނަށް އެމަނިކުފާނުގެ ބޭނުން ބޮޑުކަމުން ވަލަށްލާން ނުކެރި ގޯތީގެ އިރުމަތީފުޅަފު ކައިރީގައި ކުޑަ ގެޔެއް އަޅައިފައި އެގެޔަށް ލައިގެން އެދުރު މަނިކުފާނުގެ ދަރިވަރުން ދަންފަޅި ބަހައިގެން އެމަނިކުފާނުންގެ އަރިހުގައި އެބައުޅެތޭ. މިދުވަސްވަރު އެއްކަލަ ގަހުން ދިގު އެއްޗެހިތަކެއް ނުކުންނާން ފަށައިފިޔޭ. މިވާހަކަ އެދުރު މަނިކުފާނުންގެ އަރިހުގައި އެބައިމީހުން ދެންނެވީމާ ވިދާޅުވިޔޭ. ކޮބާ ނިކަން ތިޔަ ގެނެސްބަލާށޭ. ދެން އެދުރު މަނިކުފާނުން މިތަކެތި ބައްލަވާފައި މިތަނުން ދެތިން ހަތަރު ތޮޅިއެއް ވަށްފޮއްޗަށް ކޮށައި ފެނު ކައްކައިގެން ކާން އުޅެއުޅެ މިބައިމީހުންގެ އަރުން އެތެރެޔަކަށް މިޔެއް ނުދިޔައެވެ. ދެން އެދުރު މަނިކުފާނު ވިދާޅުވިޔޭ. ތިޔަތަކެތި ދެން އުކާލާށޭ. ކޮންމެއަކަސް ތިޔައަކީ ފަސޭހަގޮތަކުން ކެވޭ އެއްޗަކަށް ނުވީތާޔޭ.

ދެން މިބައިމީހުން މިތަކެތި އުކާލާފާ ތިއްބާ ކުޑަދުވަސްކޮޅަކުން ގަހުގައި މާފަލަ ޒާތުގެ ހަޔެއްކަ އެތި ނުކުމެގެން އެބަހަރަ ބޮޑުވެއެވެ. މިވާހަކަ ދެންނެވީމާ އެދުރު މަނިކުފާނުން ވިދާޅުވިޔޭ އާނއާނ! ތިޔައިގެ މޮޅު އެއްޗަކީ ތިޔަ ނުކުންނަނީ ތޯއްޗެކެވެ. ދޮން ވެގެން ވެއްޓޭންދެން ތިބޭށޭ. މިހެންވެފައި އޮއްވައި އެއްރެޔަކު ދަންވަރު މިގަސްދަށުން ބަންކިޔާފައި އަޑެއް އިވިއްޖެއެވެ. މިތާ ތިބި ދެތިންކުދިން ގަތްބިރުން އެކަކު އަނެކަކަށް އަނގައިންވެސް ނުބުނެ އިރު އަރާންދެން ތިބެއްޖައޫއެވެ. އިރުއެރިފަހުން ގޮސްބެލިއިރު މިއިވުނު އަޑަކީ މިގަހުގަ އިން ބޮޑު އެއްޗެއް ވެއްޓިގެން އައިސް ބިންމަތީގައި ޖެހުނު އަޑުކަމުގައި ވެއްޖެއެވެ. ދެން މިބައިމީހުން މިނަގައިގެން އައިސް އެދުރު މަނިކުފާނަށް ދެއްކީމާ ވިދާޅުވިޔޭ. ވަޅިޔަކުން ފަޅާލަބަލާށޭ. ފަޅާލީމާ ކަރުގަނޑު ދައްކަވާފައި ވިދާޅުވިޔޭ. ކާންވީ އެއްޗަކީ މިއޮތީ ކަމަށޭ ވާނީ ކޮންމެ އެއްޗެއްގެވެސް އެންމެމޮޅުވާނީ އެންމެ އެތެރޭގައި އޮންނަތަނެއް ވިއްޔާއޭ.

ދެން މިކަރުގަނޑު ނަގައިގެން ކުދިކުދިކޮށް ކޮށައިގެން ރާފޮނި އަޅައިގެން ކައްކައިފޫއެވެ. އެދުރު މަނިކުފާނުން މިފަރިއްކުޅުވައިފޫއެވެ. އެރޭ އެދުރުމަނިކުފާނަށް ވީ ގޮތަކީ ނުލާހިކުވަރަށް ބޭރަށްހިންގަވައި ވަޑައިގަތުމެއް އަތުވެއްޖެޔޭ. ދެތިން ދުވަހު ބޭރަށްހިންގާފައި އެދުރު މަނިކުފާނުގެ އާލާސްކަންފުޅު ފަސޭހަވާން ފަށައިފިއެވެ. މިބައިމީހުން އެންމެން ބުނެފޫއޭ. ތިޔަ އެއްޗަކީ ވަރަށްމޮޅު އެއްޗެކޭ. ތިޔައީ ދުޅަބަލީގެ ބޭހެވެ. ދެންމިކަން މިހެން ހިނގިފަހުން އެގަހުގައި އަޅާ އެއްޗަކާ މީހުންނަކު އަޅައެއް ނުލަތެވެ. މިހެން އެތައް ދުވަހެއްވީފަހުން ރަށުގާ ފެންބޮޑުވެ ރަށް ތަދުވެގެން އުޅުނު ދުވަސްވަރެއްގައި މީހުން އެދުރު މަނިކުފާނުގެ އަރިހުގައި ދަންނަވައިފޫއެވެ. މިގަހުން ވެރޭތަކެތި މިތާކު އުޅޭ މުސްކުޅި ދައިތަޔަކު ގެންގޮސްގެން އެގޮތް މިގޮތް ހަދައިގެން ކައިއެބައުޅެޔޭ. އެދައިތާގެ ގޭތެރެ ވަރަށްވެސް ތިޔާގެއެވެ. ދެން އެދުރުމަނިކުފާނު އެދައިތާ ގެންނަވައިގެން އެއްސެވީމާ ދެންނެވިޔޭ. އަޅުގަނޑު އެއްރެޔަކު ފަތިހު ހީކަރުވައިގަނެގެން މިތަންގަނޑެއްގައި އަލިފާންގަނޑެއް ޖަހައިގެން އުޅެނިކޮށް މާމީރު ކާއެއްޗެއްގެ ވަސްދުވާންފެށީމާ ބެލިއިރު އެއީ މިގަހުން ވެއްޓިފައި އޮތް އެއްޗެއް ފިހެވެނީއޭ. އަޅުގަނޑު އޭގެ ރަހަބެލިއިރު ވީ ވަރަށް މީރު ކާއެއްޗަކަށެވެ. ދެން އަޅުގަނޑު އެއްޗެހިތައް ގޭދޮށަށް ގެންގޮސްގެން ފިހެގެން ފެނު ކައްކައިގެން އެގޮތް މިގޮތަށް ކައިއުޅޭތާ ކިތަންމެ ދުވަހެކެވެ.

ދެން އެދައިތާގެ ކިބައިން އެދުރު މަނިކުފާނު ބަނބުކެޔޮ ކެއުމުގެ ގޮތްތައް އައްސަވައި ދަސްފުޅު ކުރައްވައިފިއެވެ. ދެން އެތައް މިތާގައި ބަނބުކެޔޮ ގަސްތައް ހެދި ގިނަވެއްޖެއެވެ. މިހެންވެޔޭ މިބުނީ ޖާހިލުކަމަކީ ބަނބުކެޔޮ ކަރުން ދުޅަބައްޔަށް ބޭސްވެސް ކުރެވޭ ކަމެކެވެ.

Read more...

09 October 2011

މުއްސަންޖަކު ހުސްއަތާ

އަލްއަޚް އާދަމް އިނާޒް ޢަދުނާން
މިއީ ކެނެޑާގައި ދިރިއުޅޭ ޢަރަބި އަޚަކު އޭނާގެ ރަޙްމަތްތެރިއެއްގެ މުއްސަނދި ބައްޕަ އާއި ބެހޭގޮތުން ކިޔައިދީފައިވާ ޢިބްރަތުން ފުރިގެންވާ ވާހަކައެކެވެ. އޭނާގެ ރަޙްމަތްތެރިޔާގެ ބައްޕައަކީ ވަރަށް ބޮޑު މަހުޖަނެކެވެ. އޭނާގެ މިލްކުގައި ނުހަނު ގިނަ ބިލްޑިންގްތަކާއި މުދާތައް ހުއްޓެވެ. ދުވަސްތައް ވޭތުވަމުންގޮސް އެންމެފަހުން އެމުއްސަނދި މަހުޖަނުވެސް މުސްކުޅިވެ ވަރަށް ބޮޑަށް ބަލިވެ ޙާލުދެރަވެއްޖެއެވެ. އަދި ޙަޔާތުގެ އެންމެފަހު ދުވަސްތައް ގުނަންފެށިއެވެ. އޭނާ މަރުވުމުގެ މަދު ދުވަސްކޮޅެއްކުރިން އެމުސްކުޅިޔާ ތަކުރާރުކޮށް ކިޔަންފެށިއެވެ. (اَنَا فَقِيْر ، اَنَا فَقِيْر) މާނައަކީ: [ތިމަން މީ ފަޤީރެކެވެ. ތިމަން މީ ފަޤީރެކެވެ.]

އޭނާ ގާތަށް ޒިޔާރަތްކުރާ އެނާގެ ދަރީންނަށް މިމަންޒަރު ފެނުމުން އެމުސްކުޅިޔާއަށް އޭނާގެ ހުރިހާ މުދަލެއް ދެއްކިއެވެ. އެއީ އޭނާއަކީ ފަޤީރެއްނޫންކަން އަންގައިދިނުމަށެވެ. ނަމަވެސް އެމުސްކުޅިޔާ ތަކުރާރުކޮށް ކިޔަމުންގެންދިޔައެވެ. [އަހަރެންނަކީ ފަޤީރެކެވެ. އަހަރެންނަކީ ފަޤީރެކެވެ.] އޭނާގެ ދަރީން މިކަމާ ކަންބޮޑުވެގެން އެހިސާބުގައި ދިރިއުޅުއްވާ ޢިލްމުވެރިޔަކު ބައްޕަ ކައިރިއަށް ގެނައެވެ. ޢިލްމުވެރިޔާ، އެބަލިމީހާގެ ކައިރީ ވަގުކޮޅެއް ހޭދަކޮށްލުމުން ޢިލްމުވެރިޔާއަށް ވިސްނުނީ މުސްކުޅިޔާ އެބުނަނީ އޭނާ މުދަލުގެ ގޮތުން ފަޤީރު ވާހަކައެއް ނޫންކަމެވެ. އަދި ކިއެއްތަ! އޭނާ އެބުނަނީ ހެޔޮ ޢަމަލުގެ ގޮތުން އޭނާއަކީ ފަޤީރެއްކަމެވެ. އެހެނީ އޭނާގެ މުޅި ޙަޔާތް ވޭތުކޮށްފައިވަނީ މުދާ ގިނަކޮށް ޖަމާކުރުމަށެވެ. މިއަދު މަރުގެ ދާނަށް ވެއްޓުމުން ﷲ އަށްޓަކައި ވަގުތު ދޭން ޖެހޭނެކަން އޭނާއަށް ވިސްނުނީއެވެ. ކޮންމެއަކަސް އެމީހާ މަރުވެގެން ދިޔައިރުވެސް އޭނާ ކިޔަމުން ދިޔައީ (އަނަ ފަޤީރް) އަހަންނަކީ ފަޤީރަކީމެވެ. އަހަންނަކީ ފަޤީރަކީމެވެ.

ލޮބުވެތި އަޚުންނާ އުޚްތުންނޭވެ! އަޅުގަނޑުމެންގެ ޙަޔާތުގެވެސް ގިނަ ވަގުތުތަކެއް ވޭތުވެގެން މިދަނީ ފައިދާއެއްނެތް ބޭކާރު ގެއްލުންދެނިވި ކަންކަމަށެވެ. އެހެންކަމުން ތިމާގެ ޙަޔާތުގެ އެންމެ ސިކުންތެއްވެސް ﷲ އަށް އުރެދުމަށް ހޭދަނުކުރަމާތޯއެވެ. އޭގެ ބަދަލުގައި ގިނަގިނައިން ހެޔޮޢަމަލުކޮށް އަބަދީ ޙަޔތާއި ކުރިމަތިލާއިރު ހެޔޮޢަމަލުގެ ގޮތުން މުއްސަނދި މީހަކަށް ވަމާތޯއެވެ. އެހެންނޫނީ އެމަހުޖަނު ފަދައިން އަހަންނަކީ ފަޤީރެކޭ ބުނަންޖެހިދާނެއެވެ. ﷲ ތަޢާލާ، އަޅުގަނޑުމެންނަށް ހެޔޮ ނިމުމެއްދެއްވާށިއެވެ! އާމީން!

ޢަރަބި ޅެންވެރިޔަކު ކިޔާފައިވާ ޅެމެއްގައިވެއެވެ.
وَلَدَتْكَ أُمُّكَ يَابْنَ آدَمَ بَاكِياً * وَالنَّاسُ حَوْلَكَ يَضْحَكُوْنَ سُرُوْرًا
އޭ އާދަމުގެ ދަރިޔާއެވެ! ތިބާގެ މަންމަ ތިބާ ވިހެއީ ރޮއެރޮއެވާ ޙާލުގައެވެ. އެވަގުތު (ތިބާގެ ޢާއިލާގެ) މީސްތަކުން، (ތިބާ އުފަންވުމުގެ އުފަލުގައި) ހެމުންގެންދިޔައެވެ .

فَاعْمَلْ لِنَفْسِكَ أَنْ تَكُوْنَ إِذَا بَكَوْا * فِيْ يَوْمِ مَوْتِكَ ضَاحِكاً مَسْرُوْراً
އެހެންކަމުން ތިބާ މިދުނިޔެއަށް އަލްވަދާޢުކިޔާ ދުވަހު އެބައިމީހުން ރޮއެ ހިތާމަކުރާއިރު، ތިބާ އުފަލުގައި ވުމަށްޓަކާ (ހެޔޮ) ޢަމަލު ކުރާށެވެ
_____________________________
އަޞްލު: މުސާފިރު ބްލޮގް

Read more...

08 October 2011

ޒިނޭކުރުން ގިނަވެފައިވަނިކޮށް އައި ބިންހެލުން

މުޙައްމަދު މުސްޠަފާ ޙުސެއިން/ދަރުމަ – އޯގަސްޓް 2003
އިސްވެ ދިޔަ ޤައުމުތައް ކަމުގައިވާ ޢާދު އާއި ޘަމޫދް އާއި މަދްޔަނާއި ސަދޫމް ހަލާކުވެ ފަނާވެ ދިޔަ ވާހަކަ އަޅުގަނޑުމެން އަޑު އަހަމުއެވެ. އެޤައުމުތައް ހަލާކުވެ ދިޔައީ، އެޤައުމުތަކުގެ މީހުން ކުރަމުންދިޔަ ބޮޑެތި ފާފަތަކުގެ ސަބަބުންނެވެ. އެއީ އީމާންތެރިކަން އެއްގޮތަކަށްވެސް ނެތުމުގެ ސަބަބުންނެވެ.
ބައެއް މީހުން ހީކުރާ ގޮތުގައި މިހާރު އެކަހަލަ ކަންތައްތަކެއް ނުހިގާނެއެވެ. ނަމަވެސް މިލިޔާ ޙާދިޘާ ބައެއް ބޭފުޅުން އަޑުއައްސަވާފައިވެސް އޮވެދާނެއެވެ. 1999 ވަނައަހަރުގެ ހޫނު މޫސުމުގައި ތުރުކީ ވިލާތަށް ވަރުގަދަ ބިންހެލުމެއް އައެވެ. މިޙާދިޘާގައި މަރުވެ ދިޔަމީހުންގެ ޢަދަދު 20000 އިން މައްޗަށް އަރައިގެން ދިޔައެވެ. ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ފޯރީ އިޒްމަދް އާއި ގުލްޖުކް އަށް ކަމުގައިވީނަމަވެސް، މުޅި ތުރުކީ ވިލާތަށް މިކަމުގެ އަސަރު ފޯރާފައިވެއެވެ. ބިންހެލުމުގެ ސަބަބުން ބިމާ ހަމަވެފައިވާ ބޮޑެތި ޢިމާރާތްތައް އަޅުގަނޑުމެންނަށް ފޮޓޯތަކުން ވާނީ ފެނިފައެވެ. މިކަމެއް ހިނގާފައިވަނީ އެންމެ 45 ސިކުންތުގެ ތެރޭގައެވެ. މިކަން ﷲއަށް އުނދަގޫވެ ވޮޑިގެންނުވެއެވެ. މިގެއްލުންތައް ލިބުނީ ޢަސްކަރީ ފައުޖުތަކަކުން، ބޮންތަކަކުން ނޫނެވެ. އެންމެ 45 ސިކުންތުގައި ބޮޑެތި ސަހަރުތަކެއް ބިމާ ހަމަވީއެވެ. ތުރުކީ ވިލާތުގައި އެފަހަރު ހިނގި މިޙާދިޘާގައި މިސްކިތްތަކަށް އެއްވެސް ގެއްލުމެއް ނުލިބެއެވެ. ލިބުނަސް ލިބިފައިވަނީ ވަރަށް ކުދިކުދި ގެއްލުންތަކެކެވެ. ފޮޓޯއިން ތިޔަ ފެނިވަޑައިގަންނަވަނީ އެގޮތުން ސަލާމަތުން ހުރި މިސްކިތެކެވެ. ﷲގެ ކުޅަދުންވަންތަ ވެރިކަމުން މުޅި އެހިސާބު ފަނާވެގެން ދިޔައިރުވެސް، މިސްކިތުގެ އެންމެ ކުޑަދޮރެއްވެސް ހަލާކު ނުވެއެވެ. ބިންހެލުން އައުމުގެ ކުރިން ގުލްޖުކްގެ ކަނޑުގެ ޢަސްކަރީ ސިފައިންގެ މަރުކަޒުގައި އެހެން ޙާދިޘާއެއް ހިގާފައި ވެއެވެ. މިމަރުކަޒު ހުންނަނީ މަރުމަރާ ކަނޑުގެ އައްސޭރީގައެވެ. މިދަންނަވާލަނީ މިޙާދިޘާ ލޮލުން ދެކެ، އަތުން ހިފި ތުރުކީ ސިފައިންގެ ޒުވާން މުސްލިމަކު ކިޔައިދީފައިވާ ވާހަކައެކެވެ. މަރުކަޒު ފަނާވެ، ހަލާކުވެގެން ދިޔައިރު ސަލާމަތްވި ހަމައެކަނި މީހަކީވެސް އޭނާއެވެ............ އެޙާދިޘާ ހިނގި އިރު ޕާޓީއެއް ކުރިއަށް ދަނީއެވެ. އެޕާޓީގައި އިސްރާއީލު ސިފައިންގެ އޮފިސަރުންނާއި، އެމެރިކާ ސިފައިންގެ އޮފިސަރުންނާއި، ތުރުކީ ސިފައިންގެ އޮފިސަރުން ތިއްބެވެ....... ރާބޮމުން ގެންދިޔައެވެ. މަޖާކުރުމަށްޓަކައި އިސްރާއީލުގެ އަންހެން ކުދިންތަކެއް ގެނެސްފައި ތިއްބެވެ. އެކުދިން ތިބީ ދެބައިކުޅަ އެއްބައި އޮރިޔާން ޙާލުގައެވެ. އެމީހުން އެވަގުތު އިސްލާމް ދީނަށް ފުރައްސާރަ ކުރަމުން ގެންދިޔައެވެ. ތުރުކީގެ ކޮމާންޑިންގ އޮފިސަރަކު، ޚަތިމެއް ގެނައުމަށް އޭނާގެ އެހީތެރިޔަކު ކައިރީގައި ބުންޏެވެ. އޭރު އޭނާ ހުރީ ރާ ބޮއިގެންނެވެ. އޭނާ އަމުރު ކުރީ އެންމެން ހީ، މަޖާ ނެގުމަށްޓަކައި އެވަޤުތު ޤުރުއާން ކިޔެވުމަށެވެ. ނަމަވެސް މިއެހީތެރިޔާ ޤުރުއާނެއް ނުކިޔެވިއެވެ. އޭނާއަށް ކިޔާން ނޭގެނީއެއް ކަމެއް ނުވަތަ ހަމަޤަސްދުގައިނުކިޔެވީ ކަމެއް ނޭގެއެވެ. އޮފިސަރު ރުޅި އައިސްގެން ކީރިތި ޤުރުއާން އަތުލައި، ވީދަން ފެށިއެވެ. އަދި ނަށަމުންދިޔަ އަންހެން ކުދީންގެ ފައިދޮށަށް ގަނޑުތައް އުކާލިއެވެ. ޒުވާން ސިފައިންގެ މީހާ ދުވެފައި އެތަނުން ނުކުތެވެ. އަދި ނުކުންނަމުން އޭނާ ފަހަތް ބަލައިލިއެވެ. އެވަގުތު އޭނާއަށް ދެކަމެއް ވަނިކޮށް ފެނުނެވެ. އައްސޭރީގެ ފެންގަނޑު ހިނދެން ފެށިއެވެ. އަދި ފެންގަނޑު ދެބައިވިއެވެ. އެވަގުތު އެދިމާލުން ކޯދުލާފައި ދިޔާ އަލިފާން އަރަންފެށިއެވެ. އަދި އަލިފާންގަނޑު ޢަސްކަރީ މަރުކަޒުގައި ޖެހުނެވެ. އަދި އެހިސާބުން ފެންގަނޑުވެސް މައްޗަށް އުފުލެން ފެށިއެވެ. އިސާހިތަކު މަރުކަޒު ފޮރުވެން ފަށައިފިއެވެ. އެވަގުތު އުޑުންއެރި ވިދުވަރަކުން އިތުރު ގެއްލުންތައް ދިނެވެ. އެޒުވާނާ ދުވަމުން ގެންދިޔައެވެ. އެމަރުކަޒުން ސަލާމަތްވީ އޭނާ އެކަންޏެއެވެ.

މަރުކަޒު ފަނާވިލެއް ބޮޑުކަމުން އެތާހުރި ސާމާނުތަކާއި މީހުންގެ ވަސްވެސް ނެތެވެ. އެއްވެސް ސާމާނެއް ފެނޭތޯ ބެލުމުގެ ގޮތުން 1999 ގެ ޑިސެމްބަރާ ޖެހެންދެން އެމެރިކާ ސިފައިންނާއި ތުރުކީ ސިފައިންނާއި އިސްރާއީލު ސިފައިން ގުޅިގެން މަސައްކަތް ކުރިއެވެ. އަދި ފުނަށް ފީނާ ހެދިއެވެ. ނަމަވެސް އެއްވެސް އެއްޗެއް ނުލިބުނެވެ. ކީރިތި ޤުރުއާނުގެ ޙުރުމަތް ކެނޑި މި މީހުންނަށް ﷲގެ ޢަޛާބު އައީ މާ ގަދަފަދަ ކޮށެވެ.

އެއަށްފަހު ތުރުކީގެ އާބާދީ ބޮޑު ބައެއް ސަހަރު ތަކަށް ވަރުގަދަ ބިންހެލުމެއް އައެވެ. މިބިންހެލުން އައީ 17 އޯގަސްޓް 1999 ވަނަ ދުވަހު މެންދަމުން އަލިވެ 3:05 ގައެވެ. ތުރުކީ ވިލާތުގެ އާބާދީގައި 95 އިންސައްތަ އަކީ މުސްލިމުންނެވެ. ނަމަވެސް މުސްޠަފާ ކަމާލު އަތާތުރުކްގެ ވެރިކަމުގެ ޒަމާނުންފެށިގެން ތުރުކީ ވިލާތުން އިސްލާމީ ދަންމަރު ވަނީ ނިއްވާލާފައެވެ. މިދަންމަރު ރޯވިޔަ ނުދިނުމަށް ، ތުރުކީ ސިފައިންނާ ގުޅިގެން ހުޅަނގުގެ ޤައުމުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. ބިންހެލުން އައުމުން ބައެއް މުސްކުޅިވެރިން ބުނިގޮތުގައި އެމީހުންނަށް ސަޖިދަ ކުރާންވެސް ނޭގެއެވެ. އަދި އެމީހުން ސަޖިދަ ނުކުރާތީ ޢިމާރާތްތައް ސަޖިދަ ކުރުމުގެ ގޮތުން ބިމަށް ތިރިވީ ކަމަށްވެސް އެމީހުން ބުންޏެވެ.
ބިންހެލުން އައުމާއެކު ބައެއްމީހުން ގެތަކުން ނުކުމެގެން އައިއިރު އެމީހުންގެ ފޭރާމަކަށް އޮތީ ހަމައެކަނި ދަށުންލާ އެއްޗިއްސެވެ. ބައެއްމީހުންގެ އެއްވެސް ފޭރާމެއް ނެތެވެ. (ﷲ ތަޢާލާ މިފަދަ ކަންތަކުން އަޅުގަނޑުމެން ސަލާމަތް ކުރައްވާނދޭވެ!)
ވެއްޓުނު ހޮޓާތަކުގެ ތެރެއިން އަލިމަސް ހޮޓަލޭ ކިޔާ ހޮޓަލަކީ 5 ތަރީގެ ހޮޓަލެކެވެ. އެހޮޓަލުގެ ބިންގަލުގެ ބައިގައި އެކަނިވެސް 350 ޓަނުގެ ކޮންކިރީޓާއި އެކަތަ އެކުލެވިގެންވާ ކަމަށް ޢިމާރާތް ރޭނި ފަރާތުން ބުންޏެވެ. ބިމާ ހަމަވި މިހޮޓަލުގެ ގާފުނި ތަކުގެ ދަށުން 300 ވަރަކަށް މީހުންގެ ހަށިގަނޑު ނެރުނެވެ. މި މީހުންގެ ތެރެއިން ގާތްގަޑަކަށް 80 އިން ސައްތަ މީހުން ތިބީ ޒިނޭ ކުރާށެވެ.
ބޭންކު ވިޔަފާރި ކުރާ މީހަކު އޭނާގެ ވިޔަފާރި ދަތުރު ނިންމާލާފަ އެނބުރި އައި އިރު ބިންހެލުން ވަނީ އައިސްފައެވެ. އޭނާގެ ގެ ހުރި ތަނަށް ގޮސް އަންހެނުންގެ ހަށިގަނޑު ފެނޭތޯ މަސައްކަތް ކުރިއެވެ. އަދި ފެނުނެވެ. އޭނާގެ އަންހެނުން އޮތީ އޭނާގެ އެންމެ ގާތް އެކުވެރިޔާއާއެކު ޒިނޭ ކުރާ ޙާލު، ފިސްފިސް ވެފައެވެ. މިހިރީ އުއްމަތަށް ހުރި ބޮޑެތި ފިލާވަޅު ތަކެވެ. މިކަހަލަ ބޮޑެތިފާފަތައް އެހެނިހެން އިސްލާމީ ޤައުމުތަކުގައިވެސް ހިންގަމުން ގެންދާކަމީ ހިތާމަ ހުރި ކަމެކެވެ.
ތުރުކީ ވިލާތުގައި ފަހަކަށް އައިސް ދީނީ ކަންތައްތަކާ ދެކޮޅަށް ޢަސްކަރިއްޔާއިން ފިޔަވަޅުތައް އަޅާފައި ވެއެވެ. މިގޮތުން 28 ފެބްރުއަރީ 1999 ގައި ޢަސްކަރީ ސަރުކާރުން ފަގުޑި އެޅުމާއި، ޙިޖާބު ލުމާއި ޢުމުރުން 14 އަހަރުން ދަށުގެ ކުދިންނަށް އިސްލާމީ ތަޢުލީމު ދިނުން މަނާކުރިއެވެ. އަދި ތުރުކީގައި އޮންނަ ޤާނޫނެއްގައި ބުނާ ގޮތުން ސަރުކާރުގެ މުވައްޒަފެއްގެ ނުވަތަ ޢަސްކަރީ މީހެއްގެ އަންހެނުން އެކަށީގެންވާ އިސްލާމީ ހެދުމެއް އަޅައިފިނަމަ، އެ މުވައްޒަފަކު މަޤާމުން ވަކި ކުރެވެއެވެ. އަދި ޖަލަށް ލެވެއެވެ.
ތުރުކީ ސިފައިންގެ އިސް އޮފިސަރުން އެކި ފަހަރު މަތިން އިސްލާމްދީނާ އިދިކޮޅު ޝިއާރުތައް ފާޅުކޮށްފައި ވެއެވެ. މިގޮތުން ނޭޓޯއަށް ވެސް ނިސްބަތްވާ އޮފިސަރަކު ބުނެފައި ވެއެވެ. “އަހަރެމެން މިހާރު މިތިބީ ތުރުކީ ވިލާތުން އިސްލާމްދީން މުޅިން ފޮހެލެވޭ ހިސާބަށް އައިސްފައެވެ.”
ގުލްޖުކް ގެ ސިފައިންގެ މަރުކަޒުގައި ހުރެފައި އެކަކު ބުންޏެވެ. “އަހަރުމެންނަށް މިހާރު މި ތިބެވެނީ ވަރަށް ހަރުދަނާ އަދި އިތުބާރު ހުރި މަޤާމެއްގައެވެ. އަދި އަހަރުމެން މިތިބީ އަހަރެމެންގެ ރޭވުންތައް އިރުމަތީ ޔޫރަޕަށް ވެސް ފަތުރާ ހިސާބަށް އާދެވިފައެވެ. އެއްވެސް ފަރާތަކަށް ދެނެއް އަހަރުމެންނެއް ނުހުއްޓުވޭނެއެވެ.” އޭނާ މިހެން ބުނީ ގުލްޖުކްގެ މަރުކަޒުގައި ހުރެފައެވެ. އަދި އިތުރަށް މަލާމާތުގެ ރާގަކަށް ބުނެލިކަމަށް ވެއެވެ. “ﷲ އަށް ވެސް އަހަރުމެންނެއް ނުހުއްޓުވޭނެއެވެ.” (މިފަދަނުބައި ޢަމަލުތަކުން އަޅަމެން ދުރުކުރައްވާދޭނވެ!)
އެމީހުން ފަޚުރުވެރިވެ ބޮޑާބަސްތައް ބުނަމުންދިޔައީ އެ މަރުކަޒު ހަދާފައި ހުރިލެއް ވަރުގަދަ ކަމުންނެވެ. ތުރުކީ ވިލާތުގައި އެތަނަށްވުރެ ވަކި ގަދަ ތަނެއް ހުންނާނެ ކަމަކަށް ނުވެއެވެ. ބުނާތީ އިވޭ ގޮތުގައި އެތަން ހަދާފައި ހުންނަނީ ބިން ހެލުނަސް ހަލާކުނުވާ ފަދަ ގޮތަކަށެވެ. އަދި ބޮމުގެ އަސަރު ވެސް ނުފޯރާނެ ގޮތަށެވެ. މުހިއްމު ހަތިޔާރުތަކާއި އާލާތްތައް ކޮށާރު ކޮށްފައި ހުންނަނީ އެތަނުގައެވެ.
އިންސާނާ ކިތަންމެ މަތިހަށިނަގާފައި އުޅުނަސް އިލާހީ ޤާނޫނުގެ ކުރިމަތީގައި ހެދޭނޭ ހަމަ އެއްވެސް ގޮތެއް ނޯވެއެވެ. ދެއްކޭނޭ ހަމަ އެއްވެސް ބާރެއް ނޯވެއެވެ.
އެ މަރުކަޒު ފަނާވި ރޭ އެތަނުން ބޭރުގައި ތިބި މީހުންނަށް ވެސް ބިރުވެރި މަންޒަރުތައް ފެނިފައި ވެއެވެ. އެންމެ ފުރަތަމަ ބިންގަނޑު ތެރޭން އިވެން ފެށީ ރުއިމުގެ އަޑު ކަހަލަ އަޑެކެވެ. އެއަށްފަހު އެއަށްވުރެ ވެސް އަޑިން އިވެން ފެށީ ބިރުވެރި އަޑެކެވެ. ބައެއް މީހުން ހީކުރީ ޤިޔާމަތް ވަނީ ކަމަށެވެ. އެއަށްފަހު ބިންގަނޑު ހޫނުވިއެވެ. އަދި ބައެއް ހިސާބުތަކުން އާވި އަރަން ފެށިއެވެ. ދެން މީހުންނަށް ފެނުނީ ގުލްޖުކްގެ އައްސޭރި އާ ދިމާލުން ވަރަށް ހަލުވިކޮށް ދިޔަވަރު ހިކެން ފެށި ތަނެވެ. އިސާހިތަކު އެދިމާލުގެ އަޑި ވެސް ފެންނާން ފަށައިފިއެވެ. އަދި ރީތިކޮށް ހިކުނެވެ. ދެން ފެނުނީ ކުއްލިއަކަށް ދިޔާ އަލިފާންގަނޑު އެދިމާލުގެ ބިންގަނޑު ފަޅާލާފައި އަރައިގަތް ތަނެވެ. އަލިފާން ގަނޑު އެރީ މައްޗަށެވެ. ބައެއް މީހުންނަށް އެވަގުތު އުޑު ފެނުނީ ގަދަ ރަތް ކުލައިގައި ވަނިކޮށެވެ. އެރި އަލިފާންގަނޑު ފޭބީ ހަމަ ސީދާ ކަނޑުގެ ސިފައިންގެ މަރުކަޒަށެވެ. ދެން އައީ 45 ސިކުންތުގެ ބިން ހެލުމެކެވެ. މި ބިން ހެލުމުގައި ބޮޑެތި އިމާރާތްތައް ބިމާހަމަކޮއްލިއެވެ. ބިން ހެލުމާއެކު 30-40 މީޓަރުގެ ބިޔަ ރާޅު ކަނޑުގައި އުފެދުނެވެ. މި ރާޅު ބައިކިލޯމީޓަރު އެއްގަމަށް އަރައިގެން ދިޔައެވެ. މި މާސިންގާ ރާޅު ސިފައިންގެ އެ މަރުކަޒު ހަލާކުކޮށް ސުންނާފަތިކޮށްލިއެވެ. ސިފައިންގެ މަރުކަޒުގެ އިތުރުން އާއްމުކޮށް ނެށުމާއި ޖުވާކުޅުން އޮންނަ އެހިސާބުގައި ހުރި ހޮޓަލަކަށް ވެސް ބިޔަ ރާޅު އެރިއެވެ.
ގުލްޖުކްގެ ޒުވާނަކު ބުންޏެވެ. “މިއީ ހަމަ އަހަރެމެންނަށް ވާންވީ ގޮތެވެ. އަހަރުމެން އުޅެމުން އައީ އަރާމު ދިރިއުޅުމެކެވެ. އަހަރުމެންގެ ގިނަ މީހުންގެ އަތުގައި ދެގެ ތިން ގެ ހުއްޓެވެ. އަދި ދެތިން ކާރު އޮވެއެވެ. އަހަރުމެން ވަގުތުތައް ނަގާލަމުން ދިޔައީ ޒިނޭ ކުރުމުގައެވެ.” ވިސްނާ މީހުންނަށް މިހިރީ ބޮޑެތި ޢިބްރަތްތަކެވެ.
ކަނޑުގެ ސިފައިންގެ މަރުކަޒަށް މި ދިމާވި ގޮތުގެ ޚަބަރުތައް އޮތީ ހުޅަނގުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ވަރަށް ބޮޑަށް ފޮރުވައި، އޮޅުވާލާފައެވެ. ގަތް ލަދަކުން ތޯއްޗެކެވެ.މި ޚަބަރު ތަފްޞީލުކޮށް ދީފައި ވަނީ ހުޅަނގުގެ އެންމެ ނޫހެއްގައެވެ. އެއީ، އެމެރިކާގެ ވޮޝިންގްޓަންގައި ނުކުންނަ “އެގްޒެކެޓިވް އިންޓެލިޖެންސް ރިވިޔު” އޭ ކިޔާ ނޫހެއްގައެވެ. މިއީ ހަފުތާއަކު އެއް ފަހަރު ނުކުންނަ، ސިއްރު މަޢުލޫމާތު އެކުލެވޭ ނޫހެކެވެ. އަގަކީ 10 ޑޮލަރެވެ. މިބިންހެލުމާއި ބެހޭ މަޒްމޫނު ޖަހާފައި ވަނީ 3 ސެޕްޓެމްބަރު 1999 ގެ އަދަދުގައެވެ. 26ވަނަ ޞަފުޙާ ގައި އޮތް މަޒްމޫނު ފަށާފައި ވަނީ މި ސުރުޚީންނެވެ. “ބިން ހެލުމުގެ ސަބަބުން، ތުރުކީ ވިލާތުން ކޯކަސަސް ސަރަޙައްދަށް ވަންނަން ކުރި މަސައްކަތް ނާކާމިޔާބުވެއްޖެ” މަޒްމޫނުގެ ވަކި ހިސާބެއްގައި ލިޔެފައި ވެއެވެ. “.... އައްސޭރި ސަހަރެއް ކަމުގައިވާ ގުލްޖުކްގެ ބައެއް ހިސާބުތައް ވަނީ މަރުމަރާ ކަނޑުގެ ތެރެއަށް ގެނބިފައެވެ. މި ޙާދިޘާގައި ތުރުކީގެ ކަނޑުގެ ސިފައިންގެ އެންމެ މުހިއްމު މަރުކަޒު ވަނީ ހަލާކުވެ ގޮސްފައެވެ. އަދި އެންމެ އިސް އޮފިސަރުންގެ އެތަކެއް މީހުން މަރުވިއެވެ.27 ވަނަ ޞަފުޙާގެ ގައި ލިޔެފައިއޮތެވެ. “ތުރުކީއަށް އައި ބިން ހެލުމުން ނޭޓޯގެ ރޭވުން ވެސް ހެލިގެންފިއެވެ.” މިއީ މުޅި ދުނިޔެއަށް ލިބުނު ފިލާވަޅެކެވެ. ޚާއްޞަކޮށް ބޮޑެތިފާފަތަކަށް އަރައިގަންނަ މީހުންނަށެވެ. ދީނަށް ފުރައްސާރަ ކުރާމީހުންނަށެވެ. ހުރިހާ ބާރެއް މިލްކުވެ ވޮޑިގެންވަނީ ﷲ އަށެވެ.

Read more...

05 October 2011

އެތީސްޓުން އީމާންވުމަށް އޮތް އެންމެ ފަސޭހަ މަގު

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދުލްޣަފޫރު
ﷲ ސުބުޙާނަހޫ ވަތަޢާލާ ވޮޑިގެންވާކަމާއި މިކައުނު ހައްދަވާ ތަދްބީރު ކުރައްވާ ފަރާތަކީ އެއިލާހުކަން ދެނެގަތުމަށްޓަކައި އޮތް އެންމެ ފަސޭހަ މަގަކީ އިންސާނާއަށް ލިބިގެންވާ ސަލާމަތް ބުއްދީގެ މަގެވެ. އިންސާނާ އޭނާގެ ސިކުނޑި ބޭނުންކޮށްގެން ވިސްނުމުން އެނގޭ ކަމަކީ މިކައުނުގައި ޢަޖައިބު ކަންތައްތަކެއް ވާކަމެވެ. ވަރަށް ޢިލްމުވެރި ފަރާތަކަށް ނޫނީ ނުގެނެވޭފަދަ އެނގުންތަކެއް ކައުނުގައިވާ ހުރިހާ މާއްދާއެއްގައިވެސް އެކުލެވިގެންވާކަމެވެ. އާދެ މިކައުނު ހެއްދެވި ކުޅަދުންވަންތަ ފަރާތެއް ވާކަމެވެ.

އަހަރެމެންގެ ވަށައިގެންވާހާއި ދިރޭ ތަކެއްޗާއި ނުދިރޭ ތަކެއްޗާއި ކައުނަށް ނަޒަރު ހިންގާލާއިރު އެނގޭ ކަމަކީ މިހުރިހާ އެއްޗެއް ނެތުމުގެ ތެރެއިން އުފައްދަވާ، ތަދުބީރުކުރައްވައި، ރިޒްޤުދެއްވާ ކުޅަދުންވަންތަ، ޙިކްމަތްވަންތަ ހުރިހާކަމެއް ދެނެވޮޑިގެންވާ އިލާހެއް ވާކަމެވެ.
ފުރިހަމަ ނިޒާމުތަކުން ފުރާ ފުރިހަމަވެފައިވާ މިކައުނަކީ އެއްވެސް ޚާލިޤެއް ނެތި "އަމިއްލައަށް" ނުވަތަ "ޗާންސަކުން" އުފެދިފައިވާ ކައުނެއްކަމުގައި މުލްޙިދުން ނުވަތަ އެތީސްޓުން ދަޢުވާކުރެއެވެ. މިބައިމީހުންގެ މިދަޢުވާއަކީ އެއްވެސް ތާކުންތާކު ނުޖެހޭ ބާޠިލް ދަޢުވާއެކެވެ. ދުނިޔޭގައި މިވާ ހުރިހާ ތަކެއްޗަކީ އެއްވެސް އަޞްލެއް މަޤްޞަދެއް ނެތި ވާތަކެތި ކަމުގައި ސަލާމަތް ބުއްދިއަށް ޤަބޫލުކުރެވޭނީ ކިހިނަކުން ހެއްޔެވެ؟ މިކައުނުގައި ހިނގަމުން މިދާ ހުރިހާ ކަމަކީ ހަމަ އެއްވެސް ބޭނުމެއް ނުވަތަ މާނައެއް ނެތް އަދި އެކަންތައްތައް ރާއްވަވައި ހަމަޖައްސަވާ ފަރާތެއް ނެތި ހަމަ އަމިއްލައަށް ހިނގަމުންދާ ކަންތައްތަކެއް ބާވައެވެ؟

އެތީސްޓުންގެ މި ވަހުމީ ނަޒަރިއްޔާއަކީ ބުއްދީގެ ތަރާދުގައި އެއްވެސް ބަރުދަނެއް ނެތް ނަޒަރިއްޔާއެކެވެ. އަދި ކިއެއްތަ އެމީހުން މި ފުރިހަމަ ނިޒާމު ނިސްބަތް ކުރަނީ "ތަބީޢަތް" ނުވަތަ "ބައި ޗާންސް(އިއްތިފާޤް) އަދި "ބޭނުމެއްޖެހިގެންވުން" ފަދަ ކަންތައްތަކަށެވެ.

މިކައުނު އުފެދުނީ ތަބީޢަތުންކަމަށް ބުނާމީހުން އެބުނަނީ ތަބީޢަތް އޭގެ ނަފްސު އަމިއްލައަށް އުފައްދާ އެތަބީޢަތުގެ މަތިން ހުރިހާ އެއްޗެއް އުފެއްދީކަމުގައެވެ. ބުއްދިހުރި ކޮންމެ އިންސާނަކަށްވެސް އެނގޭނެފަދައިން މާއްދާއެއް އެމުނިއެކުލެވުމަށްޓަކައި އޭގެ ބައިތަކާއި ތަބީޢީ ސިފަތައް އޭގައި ލައްވާނޭ ފަރާތެއް ވާންޖެހެއެވެ.

ދެންއޮތީ އިއްތިފާޤަކުން ނުވަތަ ބައި ޗާންސަކުން މިދުނިޔެ އުފެދުނު ކަމަށް މުލްޙިދުން ކުރާ ބާޠިލު ދަޢުވާއެވެ. މިތިއަރީ އެކުލަވާލުމުގައި މުލްޙިދުން ބޭނުންކުރަނީ މިލިޔަން މިލިޔަންގެ ބޮޑެތި ޢަދަދުތަކެވެ. އެގޮތުން އެތައް ޒަމާނެއް ކުރިން މިކައުނު އުފެދި ޙަޔާތް ތަރުތީބު ވަމުން އައިސް މިހާ ފުރިހަމަކޮށް ތަރުތީބުވެފައިވާ ކަމުގައި މިވެރީން ޤަބޫލުކުރެއެވެ. އިންތިޒާމު ކުރައްވާ ފަރާތެއް ނެތި އިންތިޒާމްވަނީ ކިހިނެއްބާއެވެ؟

ދިރޭ ކާއިނާތުތައް ތަފާތުވެގެން ތަރައްޤީވެގެން އައީ ކުޑަކުޑަ ތަރައްޤީވެފައިނުވާ ކާއިނާތަކުން ކަމަށް މުލްޙިދުން ބުނެއެވެ. އަދި މިގޮތުން އަންނަ ކޮންމެ ބަދަލަކީ ކޮންމެވެސް ބޭނުމެއް ޖެހިގެން އަންނަ ބަދަލެއްކަމަށްވެއެވެ. އެގޮތުން މިސާލަކަށް އެބައިމީހުން ނަގާފައިވަނީ ޒަރާފާގެ ކަނދުރާ ދިގުވީގޮތަކީ މައްޗަށް ހެދިފައި ހުންނަ ގަސްގަހުން ކަރުދަމައިގެން އޮވެގެން ކާންޖެހުމެވެ. ހިނިއަންނަ ޒާތުގެ ވާހަކައެއް ދެއްތޯއެވެ. ކުރާނީ ކީއްހެއްޔެވެ؟ މިއީ އެމީހުންގެ ވިސްނުން ހުންނަވަރެވެ.

އަދި މިމީހުން ޤަބޫލުކުރާގޮތުގައި އިންސާނާއަކީވެސް މިއުޞޫލުން އެތައް ޒަމާންތަކެއް ވޭތުވުމުގެ ތެރޭގައި "ފުރޮޅިފައިވާ" ނުވަތަ "އިވޯލްވެފައިވާ" ޙައިވާނެކެވެ.

މިއަދު މުޅިދުނިޔޭގައި އުޅޭ އެންމެހާ އިންސާނުންގެ ތެރެއިން ދީންޤަބޫލުނުކުރާ، ނުވަތަ ކަލަކު ވޮޑިގެންވާކަމަށް ޤަބޫލުނުކުރާ މީހުންނަކީ ވަރަށް މަދު ޢަދަދެއްގެ ބައެކެވެ. މިފަދަ މީހުންނަކީ މާތްވެގެންވާ އިސްލާމްދީން އައުމުގެ ކުރީގައިވެސް އުޅުނު ބައެކެވެ.

އެބައިމީހުން ބުނެ އުޅޭ ކަމަށް ޖާހިލިއްޔަ ޒަމާނުގެ ޝިޢުރެއްގައިވެއެވެ. وما نحن إلا أرحام تدفع ، وأرضٌ تبلع "އަހަރެމެންނަކީ ހަމައެކަނި ރަޙިމަކުން މިބިންމައްޗަށް އުފަންވާ އަދި އެއަށްފަހު އެބިންގަނޑުގެ ތެރެއަށް ވަދެގެންވާ ބަޔަކީމެވެ."

މިބައިމީހުންނަކީ ހަމައެކަނި ހީއެއްގެ މައްޗަށް ބުރަވާ ބައެއްކަން ބަޔާންކުރައްވަމުން ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
وَقَالُوا مَا هِيَ إِلَّا حَيَاتُنَا الدُّنْيَا نَمُوتُ وَنَحْيَا وَمَا يُهْلِكُنَا إِلَّا الدَّهْرُ وَمَا لَهُم بِذَٰلِكَ مِنْ عِلْمٍ إِنْ هُمْ إِلَّا يَظُنُّونَ ﴿الجاثية٢٤﴾
މާނައީ: "އެމީހުން ބުންޏެވެ. ތިމަންމެންގެ ދުނިޔޭގެ ދިރިއުޅުންމެނުވީ، އެހެން ދިރިއުޅުމެއްނެތެވެ. ތިމަންމެން ދިރިތިބެމުއެވެ. އަދި މަރުވަމުއެވެ. އަދި ޒަމާން މެނުވީ ތިމަންމެން ހަލާކެއް ނުކުރެތެވެ. އެކަމާމެދު އެއުރެންނަކަށް އެއްވެސް ޢިލްމެއް ނުވެއެވެ. އެއުރެންނީ ހީކުރާބަޔަކު ކަމުގައިމެނުވީ ނުވެތެވެ."

ދެވަނަ ގޮތަކީ މިކައުނު އަމިއްލައަށް ޤަޞްދާއި އިރާދައިން އޭގެ މާއްދާ އުފެދިގެން އައުމެވެ. މާއްދާގެ އެކިއެކި ބައިތައް އެތަކެތި އަމިއްލަ ނަފްސުން އިރާދައާ އެހީތެރިކަމާއެކު އުފެދި ފުރިހަމަ ވުމެވެ. އެހެނީ އަމިއްލަ ވިސްނުމާއި ކުޅަދާނަކަމުން މަޚްލޫޤުން އަމިއްލައަށް އުފެދުމެވެ.

އިސްވެދިޔަ ދެގޮތަކީވެސް ބާޠިލުދެގޮތްކަން އަންގަވައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ.
أَمْ خُلِقُوا مِنْ غَيْرِ شَيْءٍ أَمْ هُمُ الْخَالِقُونَ ﴿ الطور٣٥﴾
މާނައީ: "އަދި ކިއެއްތަ! ހެއްދެވިފަރާތެއްނެތި އެއުރެން ހެދިގަތީހެއްޔެވެ؟ ނުވަތަ ހެއްދެވި ފަރާތްތަކަކީ، އެއުރެން ހެއްޔެވެ؟"

އެހެންކަމުން އެތީސްޓުން ނުވަތަ މުލްޙިދުން މިކުރާ ދަޢުވާތަކަކީ ބާޠިލު ދަޢުވާތަކެކެވެ. އެ ދަޢުވާތަކުގައި އެއްވެސް އޮއްޓަރެއް ފަންވަރެއް ނެތް ދަޢުވާތަކެކެވެ. ބުއްދީގެ ތަރާދުގައި އެއްވެސް ބަރުދަނެއް ނެތް އެއްޗެކެވެ.

ބުއްދި އިންސާނާކައިރީ ބުނެދޭގޮތުގައި ވުޖޫދުގައިވާ ކޮންމެ އެއްޗެއް ވުޖޫދުކުރައްވާ ފަރާތެއް ވާނެއެވެ. ހައްދަވާފައިވާ ކޮންމެ އެއްޗެއް ހައްދަވާފަރާތެއް ވާނެއެވެ. ﷲ ވޮޑިގެންވާކަމުގެ ހެއްކަކީ ކޮބާތޯ އަޢުރާބީއާ ސުވާލުކުރުމުން އަޢުރާބީ ބުންޏެވެ.
البِعْرَةُ تَدُلُّ عَلَى الْبَعِيْرِ، وَالأَثَرُ يَدُلُّ عَلَى الْمَسِيْرِ، فَسَمَاءٌ ذَاتُ أَبْرَاجٍ، وَأَرْضٌ ذَاتُ فِجَاجٍ، وَبِحَارٌ ذَاتُ أَمْوَاجٍ أَلاَ تَدُلُّ عَلَى اللَّطِيْفِ الْخَبِيْرِ؟!!
ޖަމަލުގެ ފިޔަވަޅު ދަލީލުކޮށްދެނީ ޖަމަލެވެ. ފިޔަވަޅު ދަލީލުކޮށްދެނީ ހިނގާމީހާއެވެ. ބުރުޖުތައް (ތަރިތައް) ވާ އުޑެވެ. އަދި ވާދީތަކާއި ތަނަވަސް މަގުތައްވާ ބިމެވެ. އަދި ބާނިތައްވާ ކަނޑެވެ. މިހުރިހާ ކަންތައްތައް، ކީރިތިވަންތަ ޚަބީރުވަންތަ ﷲ ވޮޑިގެންވާކަމަށް ދަލީލު ނުކުރޭ ހެއްޔެވެ؟

މީހުންނާ މުދާ އަރުވައިގެން ބަރާކޮށްފައިވާ ނަވެއް، އެއްވެސް މާލިމީއެއް ނެތި ކަނޑުގެ އޮޔާއި ވައިގެ ތެރޭގައި ބާންޏާއި ރާޅުތަކުގެ ތެރޭގައި ދަތުރުކުރަން ދޫކޮށްލުމުން އެ ނައު ރައްކާތެރިކަމުގެ އައްސޭރިއަކަށް ގެންގޮސްދެނޭ ހެއްޔެވެ؟ އެއްވެސް ބެލެހެއްޓުންތެރިއަކު ނެތި މިއޮށް ބޮޑު ކައުނު ދޫކޮށްލެވިފައިވާ ނަމަ މިކައުނުގެ ނިޒާމު އޮންނާނީ ކިހިނެއްބާއެވެ؟

ކުކުޅު ބިހަކަށް ބަލާލަބަލާށެވެ. ހުދުކުލައިގެ ތޮއްޓެއްގެ ތެރޭގައި އޮންނަ ލޮނދިގަނކެވެ. ދުވަސް ކޮޅަކުން އޭގެން އެ ނުކުންނަނީ ފިޔޮކެކެވެ. ސުބްޙާނަﷲ އެވެ. ﷲ ގެ ކުޅަދުންވަންތަ ކަމެވެ. މިދުނިޔޭގައިވާ ކޮންމެ އެއްޗެއްވެސް ރަމްޒުކޮށްދެނީ ﷲ ސުބުޙާނަހޫ ވަތަޢާލާ ވޮޑިގެންވާކަމެވެ.

އަހަރެމެންގެ ވަށައިގެން މިހެދޭ ގަސްގަހާ ގެއްސާއި، ފަތްޕިލާވެއްޔާއި މާމެލާމެއްޔާ މެދު ވިސްނިން ހެއްޔެވެ؟ މާމެލާމެއްޔަށް އެ ލިބިގެންވާ ޗާލުކަމާއި އެ މާމެލާމެލީގައިވާ ވަހާމެދު ފިރުކުކޮށްލިން ހެއްޔެވެ؟ އެތަކެތި އެއަށް ލިބުނީ ހަމަ އަމިއްލަށް ބާއެވެ؟

އެހެންކަމުން އަހަރެމެންނަށް އޮތީ އެފަރާތް ވޮޑިގެންވާކަމަށް ޤަބޫލުކޮށް، އެކަމަށް އިޢުތިރާފުވެ އެއިލާހަށް ކިޔަމަންތެރިކަން އަދާކޮށް އެއިލާހު ދެއްވި ހިދާޔަތުގެ މަތީގައި ކިޔަމަންތެރިކަމާއެކު މިދުނިޔޭގެ ވަޤުތީ ޙަޔާތުގެ މަދު ވަގުތުކޮޅު، ވަޢުދުކުރައްވާފައިވާ އުޚްރަވީ ޙަޔާތް ކާމިޔާބުކުރުމުގައި ހޭދަކުރުމެވެ.

Read more...